ހައިދަރު-12
ދެތިން މިނިޓް ފާއިތު ވެގެން ދިޔަ ފަހުން ހައިދަރު ބޯ ހިއްލާލީ، ހިތް ނުފުރުނަސް އޮކްސިޖަން ކޮޅަކަށް ބޭނުންވީ ވަރުންނެވެ. އޭރު ޝައިނާގެ ނޭވާ ހުސްވެ، މަރު ނުވީ ކިރިޔާއެވެ. ހަށިގަނޑުގައި ވާހާ ލެއެއް އެމޫނު މައްޗަށް ޖަމާވެފައި ވާހެން ހީވެއެވެ. އެތުންފަތުގައިވީ ފިޔާތޮށި ކުލަ، މަޑު ރަތްކުލަ އަކަށް ބަދަލު ވެފައިވާ ތަން ފެނި ހައިދަރު މޮޔަވާ ގޮތްވިއެވެ. އެކަމަކު އިތުރަށް ކުރިއަށް ނުގެންދެވުނީ ކެބިންގެ ދޮރުގައި މީހަކު ޓަކި ޖަހާލުމުންނެވެ.
ޝައިނާ އަވަސް އަވަހަށް ދުރަށް ޖެހިލީ ލިބުނު ހަނި ފުރުސަތުގައެވެ. ހައިދަރުގެ ޖީބުގައި އޮތް ފޯނު މެދުކެނޑުމެއް ނެތި ރިންގުވަމުން ދިޔަކަން ވެސް އިހްސާސް ކުރެވުނީ ދެނެވެ. ކެބިންގެ ދޮރު ކުޑަކޮށް ހުޅުވާލާފައި އެތެރެއަށް ބޯ ދިއްކޮއްލީ އަޒަލްއެވެ.
“ސަރ.. ކޮންމެވެސް މީހަކު އެބަ ގުޅާ އެމެޖެންސީއެއް ދިމާވެގެން.. ސަރ ގެ ފޯނުން ޖަވާބު ނުދެއްވާތީ..” ކޮންމެވެސް ކަމެއް ގޯސް ވެއްޖެ ކަމަށް އަޒަލްގެ ހިތް ބުނަމުން ދިޔައިރު ވެސް، އޭނާއަށް މާބޮޑު ކަމެއް ފާހަގަ ނުވީ ޝައިނާ ފުރަގަސް ދީގެން ހުރުމުންނެވެ.
“އެންމެ ރަނގަޅު..” ހައިދަރު ޖީބުން ފޯނު ނަގަމުން ބުނެލިއެވެ. ޔަރުދުގެ ނަން ފޯނުގެ ސްކްރީނަށް އަރާފައި އޮތުމުން އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ.
“ވަޓް!!!” އެކޮޅުން ދައްކަމުން ދިޔަ ވާހަކަ ނިމުމުން ހައިދަރު އެހެން ބުނެލިއިރު، މޫނުމަތީގެ ކުލަވަރު ބަދަލުވެގެން އައިތަން ޝައިނާ ދުއްޓެވެ. ހައިދަރު ބާރަށް ހިނގާފައި ނިކުމެގެން ދިޔައީ ވެސް ފޯނުގައި ހުރެގެންނެވެ.
ޝައިނާ އޭރުވެސް ޖެހި ބުދެއް ހެން ހުއްޓެވެ. މިވީ ކިހިނެތް ހެއްޔެވެ؟ މިއޮތް ހުރިހާ ދުވަހު އޭނާ ހިފަހައްޓައިގެން ހުރި، ހުރިހާ އުސޫލުތަކެއް މުގުރާ ލެވިއްޖެއެވެ. މިކަމުގައި ހަމައެކަނި ހައިދަރު ކުއްވެރިއެއް ނުކުރެވޭނެއެވެ. ހިނގައި ދިޔަ ކަންތައްތައް ހުއްޓުވަން މަސައްކަތް ނުކުރެވުނީތީ، އަމިއްލަ ނަފްސަށް ވެސް މަލާމާތް ކުރެވުނެވެ. ދެން އޭނާއަކަށް ހައިދަރުގެ ކުރިމައްޗަށް ދާކަށްވެސް ނުކެރޭނެއެވެ. އެއްކޮޅުން ކުށްވެރިކަން އިހްސާސް ކުރެވެމުން ދިޔައިރު އަނެއްކޮޅުން، ދެންމެ ވީކަންތައް ހިތަށް އެރުމުން ވެސް ހިތުގައި ހީލި ކެރުވުމެއް އުފެދުނެވެ.
* * * * * * *
ޔަރުދު އުޅޭ ގޭގެ ދޮރު މައްޗަށް ކާރު މަޑުކޮށްފައި ހައިދަރު ފައިބައިގެން ދިޔައިރު، ރަނގަޅަށް ދޮރުވެސް ލެއްޕުނު ކަމެއް ނޭނގެއެވެ. އޭނާއަށް އެތެރެއަށް ނުވަދެވިގެން އުޅެނިކޮށް ދޮރު ހުޅުވާލާފައި ޔަރުދު ނިކުތެވެ. ބަލާކަށް ނުހުރެ ހައިދަރު ޔަރުދުގެ ޓީޝާޓް ގައި ހިފައިގަނެ، އަތަށް އޮޅާލިއެވެ.
“ކޮބާ ހާޖަރު؟” ހައިދަރުގެ ލޮލުން އަލިފާން ކަނި ބުރައިގެން ދިޔަހެން ވެސް ޔަރުދުއަށް ހީވިއެވެ.
“ވޯ ވޯ ވޯވް.. ކާމް ޑައުން އެންގްރީ ހަލްކް.. ޝީޒް އިންސައިޑް އެންޑް ޝީޒް ސޭފް..” ހައިދަރުގެ އަތް ނެއްޓުވޭތޯ މަސައްކަތް ކުރަމުން ޔަރުދު އިއްވާލިއެވެ.
އެންމެ މިނިޓަކަށް ވެސް މަޑު ނުކޮށް ހައިދަރު އެތެރެއަށް ވަނީ ހާޖަރުއާއި މެދު ފިކުރު ބޮޑު ވެފައިވާ ހާލުގައެވެ. ދޮރު ހުޅުވާލި އިރު ހާޖަރު ހުރީ ސީދާ އޭނާގެ ކުރިމަތީ ގައެވެ. ރޮމުން ގޮސް ދެލޯ ރަތްވެފައި ވާއިރު އަދިވެސް ގިސްލެވެމުން ދިޔައެވެ. ހައިދަރު ވަގުތުން ހާޖަރު އޭނާގެ އަތުތެރެއަށް ގެނައެވެ. ދުނިޔޭގެ ހުރިހާ ނުރައްކަލަކުން ސަލާމަތް ކޮށްދޭން ބޭނުންވާ ފަދައަކުންނެވެ. ޔަރުދު ގުޅާފައި ހާޖަރު އެމީހުންގެ ބެލުމުގެ ދަށުގައި ހުރި ވާހަކަ ބުނުމުން، އޭނާ އުދުހިފައި ކަހަލަ ގޮތަކަށް މިތަނަށް އައިއިރު ވެސް ވެގެން މިއުޅޭ ގޮތެއް ސާފެއް ނުވެއެވެ.
ހާޖަރު އޭނާގެ ދޮންބެގެ ގައިން ދޫކޮށްލަން ވެސް ބޭނުމެއް ނުވިއެވެ. ހައިދަރު އެގޮތުގައި ހުރެ އެކި ދިމަދިމާލަށް ނަޒަރު ހިންގާލިއިރު، ގޮނޑިއެއްގައި ކުޑަވެގެން ހުރި މީހަކު ފެނުނެވެ. އޭނާ މޫނުމަތީގައި އެއްއަތް ހުރަސް ކޮށްގެން އެއުޅޭ ގޮތުން ހީވަނީ ފިލަން އުޅޭހެންނެވެ. ހައިދަރު ރަނގަޅަށް ބަލާލިއިރު އެއީ ޔައުގޫބެވެ.
“މަށަށް އިތުރު ހަމަލާއެއް ދިނުމުގެ ކުރިން މިވީގޮތް ސާފު ކޮއްލަދޭނަން..” ޔަރުދު ވާހަކަ ދައްކަން ފެށީ، ޔައުގޫބުގެ ވާހަކަ އަހަން ހައިދަރު އުޅުނު ތަނުންނެވެ.
“މި ބޭބެ އުޅުނީ ލިބުނު ފުރުސަތެއްގެ ނާޖާއިޒު ފައިދާއެއް ނަގަން.. އަހަރުންނަށް ނޭނގުނު ނަމަ ހައިދަރުގެ ކޮއްކޮ މިއަދު ސަލާމަތް ނުވީސް..” ޔަރުދު ޔައުގޫބުގެ ކޮނޑުގައި ޖަހާލަމުން ބުންޏެވެ.
ހައިދަރު ހާޖަރު ގަޔާ ވަކި ކޮށްލާފައި އެމޫނަށް ބަލާލީ އެއީ ތެދެއްހޭ އަހާފަދަ ގޮތަކަށެވެ. ހާޖަރު މަޑުމަޑުން ބޯޖަހާލީ ކަރުނައިގެ ތެރެއިންނެވެ. ހާޖަރުއަށް އެފިތާލެވުނީ ބޮމެއް ގޮވާ ކަހަލަ ބަޓަނަކަށް ކަމެއް އޭނާ ނުދެނެހުއްޓެވެ.
ހައިދަރު އެދިޔަ ގޮތަށް ގޮސް ޔައުގޫބުގެ ކަރުގައި ހިފައި ކޮޅަށް ނެގިއެވެ. މިއަދު މި ނުލަފާ އިންސާނާ އޭނާގެ އަތުން މަރުވާނެއެވެ. މޫނުމައްޗަށް އެއްފަހަރާ ދެތިން އެތިފަހަރު ވެސް ވީއްލާލިއެވެ. އެވަރުން ވެސް އޭނާގެ ހިތެއް ނުފުރުނެވެ. ހުއްޓުމެއް ނެތި އެތައް ހަމަލާއެއް ޔައުގޫބުގެ ހަށިގަނޑަށް އަރަމުން ދިޔައިރު ބޯވެސް ފަޅައިގެން ގޮސް، އަނގައިންނާއި ނޭފަތުން ލޭ އައިސްފައި ވިއެވެ.
ޔަރުދުއާއި އޭނާގެ ދެއެކުވެރިއަކު ހައިދަރު ދުރު ކުރެވޭތޯ މަސައްކަތް ކުރީ ޔައުގޫބު މަރު ވެދާނެ ކަމުގެ ބިރު ހީވުމުންނެވެ. ބޮޑު ސިންގާ ތިން ފިރިހެނުންނަށް ހައިދަރު ހިފެހެއްޓުމަށް ނުކުޅަދާނަ ވީއިރު، އޭނާ މައިތިރިވީ ރޮމުން ގިސްލަމުން އައިސް ކުރިމައްޗަށް އެރި ހާޖަރު ފެނިފައެވެ. ހާޖަރުގެ މޫނުމަތީގައިވި ސިހުން ފެނިފައި ހައިދަރު ހުއްޓާލިއެވެ. މީ އެއްގޮތަކަށްވެސް ހާޖަރުއަށް ދައްކަން އޭނާ ބޭނުންވީ ކަމެއް ނޫނެވެ.
ހައިދަރު ހާޖަރުގެ އަތުގައި ހިފައިގެން ހިނގައިގަތީ، އޭނާ އަންނަންދެން މަޑުކުރުމަށް ޔަރުދު ގާތުގައި ބުނެފައެވެ. އޭރު ޔައުގޫބު އޮތީ ބިންމައްޗަށް ދެމިފައެވެ. އޭނާ ޔައުގޫބުއާއި ވާހަކަ ދައްކާނީ، ހާޖަރު ގެއަށް ލާފައި އައިސް ހަމަޖެހިގެންނެވެ.
ދޮރާއި ހަމައަށް ދެވުނުތަނާ ޔައުގޫބު ނުލަފާ ވައްތަރަކަށް ހީގަތް އަޑު އިވުނެވެ. “އޭނަ ކަ.. ކައިރިން އަހާބަ މް.. މަށާ ދިމާވީ ކިހިނެއްހޭ.. އޭނަ މަގޭ ކައިރިއަށް އައީ.. ހިތުން ރުހުމުން..” އަޅަމުން ދިޔަ ވޭނުގެ ސަބަބުން ރަނގަޅަށް ވާހަކަ ނުދެއްކޭ އިރުވެސް ޔައުގޫބު އަނގައިން ބަލިވާކަށް ބޭނުމެއް ނުވިއެވެ.
ހާޖަރުއާއި ބެހޭ ގޮތުން ޔައުގޫބު އެދައްކާ ވިޔާނުދާ ވާހަކަތައް ހައިދަރުއަކަށް ހަޖަމެއް ނުވިއެވެ. އޭނާ ހަމައިން ވެސް ނެއްޓިއެވެ. ލެއިން ތަތް ތެޅިފައި އޮތް ޔައުގޫބުގެ މޫނުމަތީގައި، ގޮސް ފައިން ވިހެލީ ފުޓުބޯޅަ އެއްގައި ވެސް މީހަކު ޖަހާނެހާ ބާރަށެވެ.
ހާޖަރު ދުވެފައި އެދިމާލަށް އައީ، ބިރުވެރިކަން ހިތުގެ އެންމެ ފުނަށް ވާސިލް ވުމުންނެވެ. އޭނާގެ ސަބަބުން ދޮންބެ ގާތިލަކަށް ވުމަކީ ހާޖަރު އެދޭނެ ގޮތެއް ނޫނެވެ.
“އޭމީހާ އެބުނީ ތެދެއް..” ހައިދަރުއަށް އަޑު ނީވިދާނެހެން ހީވެ، ހާޖަރު އެހެން ބުނީވެސް ފުދޭވަރަކަށް ބާރަށެވެ. ދެވަނަ ހަމަލާއަކަށް ތައްޔާރުވެގެން ހުރި ހައިދަރު ފަސްއެނބުރި ބަލާލިއިރު، މުޅި ދުނިޔެވެސް ހުއްޓުނު ފަދަ އިހްސާސެއް ކުރެވުނެވެ.
ނޫނެކެވެ. ހާޖަރު ބިރުގަތީ ކަމަށް ވެދާނެއެވެ. އޭނާގެ ކޮއްކޮ އެހާ ވިޔާނުދާ ކަމެއް ނުކުރާނެއެވެ. މަޑު ފިޔަވަޅުތަކެއްގައި ހާޖަރު ކައިރިއަށް އައީ އެނޫން އެހެން ޖަވާބެއް ލިބޭނެ ކަމުގެ އުއްމީދުގައެވެ.
“ދޮންބެގެ ޕްރިންސެސް.. އެއްވެސް ކަމަކާ ބިރުގަންނާނެ ކަމެއް ނެތް.. އައިމް ރައިޓް ހިޔަ.. ދޮންބެއަށް ޔަގީން ހާޖަރު އެހާ ވިޔާނުދާ ކަމެއް ނުކުރާނެކަން..” ހައިދަރު ވާހަކަ ދެއްކީ ހާޖަރުގެ ދެއަތުގައި ހިފަހައްޓައިގެން ހުރެއެވެ. ބާރަށް ރޮއެގަނެފައި އެންމެ ފަހުން ހާޖަރު، ހައިދަރުގެ ކުރިމަތީގައި ދެކަކޫ މައްޗަށް ތިރިވިއެވެ. އިތުރަށް ކޮޅަށް ހުންނާނެ ހިއްވަރު ނެތީއެެވެ. މިއަދު ދޮންބެ އޭނާއަށް އެކުރާ އިތުބާރު ފުނޑު ފުނޑު ވެގެން ދާނެއެވެ.
“އައިމް ސޮރީ.. ސޯ ސޮރީ.. ދޮންބެ ތިހީކުރާހާ ރަނގަޅު ކުއްޖެއް ނޫން ހާޖަރު މީ.. އިޓްސް އޯލް މައި ފޯލްޓް..” ރޮމުން ގޮސް ހާޖަރުގެ އަރުތެރެ ބެދުނެވެ. ހައިދަރު އެއަތުން ދޫކޮއްލީ ލިބުނު ޝޮކްގައެވެ. ބޮލުގައި ދެއަތުން ހިފަހައްޓާ ލާފައި ކައިރީގައި ހުރި ސޯފާއަށް ތިރިވީ ހަށިގަނޑުގައި ހަކަތަ ހުސްވާހެން ހީވުމުންނެވެ. އެނާޒުކު ހާލަތުގައި ހައިދަރުގެ ކައިރިއަށް ޖެހިލާފައި ވާހަކަ ދެއްކީ ޔަރުދުއެވެ.
“މާ ބޮޑު ކަމެއް ނުވޭ.. ހާޖަރުއަށް ކޮޓަރިއާ ހަމައަށްވެސް ނުދެވެނީސް އަހަރެމެން ހިފަހައްޓައިފިން.. އޭރު މި ފިރިހެންމީހާ ވީ މިގެއިން އޭނަ ބުކް ކޮށްފަ ހުރި ރޫމްގަ.. ހާޖަރު އައިސް ބުނީ މީނަ ހުރި ކޮޓަރީގެ ނަންބަރު.. އަސްލު އަހަރުން އެހާ ބޮޑަކަށް އަޅައެއްވެސް ނުލަން އެގޮތަށް ކޮޓަރި ހިފައިގެން އަންނަ މީހުންނަކާ.. އެކަމަކު ހާޖަރު ފެނުނީމަ ޝައްކުވީ.. އުމުރުވެސް ހަމަ ނުވާ ކުޑަކުއްޖެއްހެން ހީވީމަ، އަހަރުންވެސް ގޮޅިއަކަށް ފެތިދާނެތީ ސުވާލު ކުރީ.. ހަބަރު ބަލާލިއިރު ހާޖަރު މިއައީ އޮންލައިން ކޮށް ދިމާވި ޒަޔާން ކިޔާ ކުއްޖަކާ ބައްދަލު ކޮއްލަން އޭނަ ދިން އެޑްރެހަކަށް.. އެހިސާބުން އެނގިއްޖެ މިކަލޭގެ އޮޅުވާލައިގެން ގެނައި ކުއްޖެއްކަން.. އަހަރުން މީނަ ލަފުގަ ހިފާ ނެރެގެން އައީމަ ހާޖަރުއަށްވެސް އެނގުނީ މީ ބައްޕައަށްވުރެ ވެސް އުމުރުން ދުވަސް ވެފައިވާ މީހެއްކަން.. އިތުރަށް އޮޅުން ފިލުވީމަ މިއެނގުނީ ހައިދަރުގެ ކޮއްކޮއެއްކަން ވެސް..”
ޔަރުދު ވާހަކަ ދައްކަމުން ދިޔައިރު ހައިދަރުއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. ހާޖަރުއަށް މިތަނަށް އާދެވުނީ އޮޅުމަކުންނެވެ. ހަށި ވިއްކުމުގެ ނިޔަތުގައެއް ނޫނެވެ. އެހެން ވިޔަސް އޭނާ އެހާ ފަސޭހައިން ހާޖަރުއަކަށް މާފެއް ނުކުރާނެއެވެ.
“ތޭންކްސް މޭން!” ހައިދަރު މޫނުގައި ދެއަތުން ފިރުމާލާފައި ކޮޅަށް ތެދުވިއެވެ.
“ކޮއްކޮ ގޮވައިގެން ދޭ ގެއަށް.. ވީ ވިލް ހޭންޑްލް ދި އޯލްޑް މޭން ލޭޓަރ..” ޔަރުދު ހުރީ ހައިދަރުގެ ކުރިމަތީގައި އޭނާގެ އަގު މަތިވެރި ވެއްޖެކަމަށް ހީކޮށް ހިތްހަމަޖެހިފައެވެ.
* * * * * * * * *
އަމީރާ އަސުރު ނަމާދުން ފައިބައިގެން އައިސް ބޭރު ސޯފާގައި އިށީނދެލީ، ޖުނައިދުއާއި ކުދިންކޮޅު އޮފީސް ނިންމާފައި އައުމުގެ ކުރިން ހަވީރުގެ ޒިކުރުތައް ކިޔާލުމުގެ ނިޔަތުގައެވެ. ނަމަވެސް އެތާ އިށީނދެ އަދި ރަނގަޅަށް ހަމަޖެހި ނުލެވިގެން އުޅެނިކޮށް ފެނުނީ، ހައިދަރު ބާރަކަށް ދޮރުހުޅުވާލާފައި، ހާޖަރުގެ އަތުގައި ހިފައިގެން ދަމާފައި ގޭތެރެއަށް ވެއްދިތަނެވެ. އަމީރާ ވަގުތުން ދުވެފައި ކަހަލަ ގޮތަކަށް އެދިމާލަށް އައިއިރު ހާޖަރު ބާރަކަށް ރޮމުން ދިޔައެވެ.
“ހައިދަރު މޮޔަވީތަ؟” އަމީރާ ހާޖަރު އަތުލަފި ކޮށްލަމުން ހައިދަރުއަށް ބަލާލިއެވެ.
“އަހަންނަށް ވީގޮތެއް ނުބަލާ ލިބުނު އެންމެ އަންހެން ދަރި އުޅޭ ނޫޅޭ ގޮތެއް ބަލަންވީނު؟ އޭނަ ހަތަރުދަމު ފިރިހެނަކަށް ގުޅާ، ވާހަކަ ދައްކާ މެސެޖުކޮށް އެމީހަކާ ބައްދަލު ކުރަން ގެއިން ނިކުމެގެން ތަންތަނަށް ދާއިރުވެސް އެބަ ރޭކާލާތަ؟” ހައިދަރު ވާހަކަ ކުރިއަށް ގެންދިޔަ ވަރަކަށް ހާޖަރުގެ އަޑު ބާރުވަމުން ދިޔައެވެ. އަމީރާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. ހައިދަރު އަމިއްލައަށް ހަދަހަދައިގެން އެފަދަ ވާހަކައެއް ނުދައްކާނެކަން، އަމީރާއަށް ދުވާލުގެ އިރު ފެންނަ ފަދައިން ޔަގީންވެއެވެ.
“މިއަދުވެސް ކިރިޔާ ނުބައި ނުލަފާ މީހެއްގެ އަތްދަށު ނުވެ ސަލާމަތް ތިވީ.. އަހަރެންގެ ރައްޓެއްސަކަށް ނުފެނުނު ނަމަ ވާނެ ގޮތެއް ހިޔާލަށް ގެންނާކަށްވެސް ނޭނގެ..” ހައިދަރު ހަށަން ބަނދެލަމުން ހާޖަރުއަށް ބަލާލިއިރު، އެމޫނުމަތީގައި އިންތިހާ ދަރަޖައިގެ ނުރުހުން ވިއެވެ.
ކުއްލިއަކަށް އަމީރާގެ އަތުގެ ހޫނު އެތިފަހަރެއް ހާޖަރުގެ ކަންފަތްމައްޗަށް އަމާޒުވީ އިރު، ބޮލުން ތަރި ބުރައިގެން ދިޔައެވެ. ހައިދަރުވެސް ސިހުނެވެ. ހާޖަރުގެ ގާތަށް ދާން ފިޔަވަޅެއްވެސް ކުރިޔަށް އެޅިމެއެވެ. އެހެނަސް އޭނާ ކައިރިއަށް ނުދިޔައީ ހާޖަރުއަށް މާފު ނުކުރެވޭނެ ކަން އަންގަން ވެގެންނެވެ. މިއަދަކީ އެހެން ދުވަހެއްނަމަ އޭނާ ހާޖަރުގެ މައްޗަށް އަތް އިސްކުރި މީހެއްގެ ފުރާނަވެސް ރޮއިގަންނަ ވަރު ކުރާނެއެވެ. މިއޮއްބޮޑު ގެވެސް ބޮލަށް ވައްޓާލާކަށް ފަހެއް ނުޖެހޭނެއެވެ.
ރޮއި ރޮއި ހުރި ހާޖަރު ކޮޓަރިއާއި ދިމާލަށް ދުއްވައިގަތީ، މަންމަވެސް އޭނާއަށް ދުވަހަކު މާފެއް ނުކުރާނެ ކަމަށް ވިސްނި، ހިތުގައި ޖެހުނުލެއް ބޮޑުކަމުންނެވެ. މިނޫނީ ދުވަހަކު މަންމަ އޭނާގެ ގައިގައި ޖަހާފައި ނެތެވެ. އެގޮތަށް ކަންތައް އެކުރީ ރުޅިއަށްވުރެ ބޮޑަށް ދެރަވެގެން ކަން ހާޖަރުއަށް އެނގެއެވެ. ހަގީގަތުގައިވެސް އޭނައަކަށް މާފެއް ހައްގެއް ނޫނެވެ. މަންމަ ކިތައް ނަސޭހަތް ދިން ހެއްޔެވެ؟ ކިހާ ވަރަކަށް ބުނެދިން ހެއްޔެވެ؟ އޭނާގެ ބަސްނާހާ ހިތް އަޑު ނޭހީއެވެ. މައިންބަފައިންގެ ބަސް ނޭހުމުގެ ނަތީޖާ ކިހާ ހިތި ވާނެކަން މިވިސްނުނީ އަދި ކިރިޔާއެވެ.
އަމީރާ ރޮމުން ދިޔަތަން ފެނި ހައިދަރު ކައިރިއަށް އައެވެ.
“އަތް އިސްކޮށްގެން ކަންތައްތައް ރަނގަޅުވާނެ ކަމަށް ހީވަންޏާ ތީ ކުށްހީއެއް.. ” ހައިދަރު ބުނެލިއެވެ.
“ދެން ކިހިނެއް ހަދަންވީ؟ ބައްޕަ ކައިރީ ބުނަންވީތަ؟” އަމީރާ ދެލޯ ފޮހެލިއެވެ. ހަގީގަތުގައި އޭނާވެސް އެހެރީ ހާޖަރު ގައިގައި ޖެހުނީތީ ދެރަވެގެންނެވެ. ރުޅިއާއި ހިތާމަ އެއްވުމުން އެނާ ހަމައިން ނެއްޓީއެވެ.
“ހާޖަރު އުޅޭ ނޫޅޭގޮތް އަހަރެން ބަލާނަން.. ބައްޕަ ކައިރީ އެއްވެސް ވާހަކައެއް ދައްކާނެ ކަމެއް ނެތް..” ޖުނައިދުއަށް މިކަންތައް އެނގިއްޖެއްޔާ މައްސަލަ ވަރަށް ގޯސް ވާނެ ކަން ހައިދަރުއަށް އެނގެއެވެ.
“ކޮން ވާހަކައެއް ބައްޕަ ކައިރީ ނުބުނާށޭތަ؟” ޖުނައިދު ދޮރުން ވަދެގެން އަންނަމުން ބުނެލިއަޑު އިވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.



Ummm! 11 vana part missing ???
First comment
Vaahaka vrh reethi ????
next part kiyaalan lipeyni konirakun tha?? ???
Dear readers. 11 vana part mi dhiya hoama dhuvahu upload kurevifai v nama ves esfiyaige team in e part publish koh dheefa othy 3days ago kamah. Ehen v ma 11 vana part fennaany 10 vana part ge kurin publish koffa in kamah. Eki part thah hoadhavan udhagu velavvaanama alhugandu ge page ah ziyaarah kolleveema alhuganduge hurihaa vaahaka thakeh fenilavvaane. https://www.esfiya.com/author/zaarah/
Thank you hudhaako for commenting. Vaahaka reethi v thy varah ufaa vejje. Dhn oh part ves v Haa avahah upload koh dhevey tho balaanan??
11 vana part VX vrh reethi ????
Next part vrh avahah nere dheh cheyy ???