Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހައިދަރު-13

Shau Level 110 Stories100 Login
December 27, 2021 5 Mins Read
0 Comments

“ކޮން ވާހަކައެއް ބައްޕަ ކައިރީ ނުބުނާށޭތަ؟” ޖުނައިދު ދޮރުން ވަދެގެން އަންނަމުން ބުނެލި އަޑު އިވުނެވެ. ފަހަތުން ހައިތަމް ވެސް އައެވެ.

“އަނހަ.. ސަޕްރައިޒެއް ވެސް މިބައްޕައަށް ދެވޭކަށް ނޯންނާނެ..” އަމީރާ މޫނުމަތީގެ ކުލަވަރު ވެސް ބަދަލު ކޮއްލިލެއް އަވަހޭ ހައިދަރުގެ ހިތަށް އެރިއެވެ. ވާނީ ވެސް އެހެން ނޫންހެއްޔެވެ؟ އުމުރު ދުވަހު ވެސް ކުރީ އެކަން ވިއްޔާއެވެ. މޫނުމަތީގައި އަޅައިގެން އެހެރަ މާސްކް ނެގޭކަށް ދެން މާގިނަ ދުވަހެއް ނެތެވެ.

“ތެދެއް ދަރިފުޅު؟ ދެން އިތުރަށް ކޮން ސަޕްރައިޒް އެއް ދޭން އޮންނާނީ؟” ޖުނައިދު އަތުގައި އޮތް ދަބަސް އަމީރާގެ އަތަށް ދިއްކޮށްލިއެވެ.

“މީ.. މި އަސްލު ދަތުރެއް ދާން ކަމަށް.. ޝައިނާގެ ފެމިލީ ވެސް ގޮވައިގެން.. އެހެންވެ އެވާހަކަ މިދެއްކީ..” ހައިދަރު ގަބޫލު ކުރެވޭފަދަ ޖަވާބެއް ދެވޭތޯ މަސައްކަތް ކުރިއެވެ. ގައިމުވެސް ހައިތަމް އެހެރީ ޝައްކުގެ ނަޒަރަކުން ބަލަހައްޓައި ގެންނެވެ.

“ތީ ވަރަށް ރަނގަޅު އައިޑިޔާއެއް.. ކޮން ދުވަހެއް މިހާރު ދަތުރަކު ވެސް ނުދެވޭތާ.. އަނެއްކޮޅުން ސްކޫލް ޗުއްޓީ ވެސް ފެށިގެން ގޮސް މިނިމެނީ .. ހާޖަރު ވެސް އެހެން ހުންނަންވީމަ ފޫހިވާނެ..” ޖުނައިދު ހައިދަރުއާއި އެއްބައި ވިއެވެ.

“ކޮބާތަ އޭނަ މިއަދު؟ ކޮޓަރިންވެސް ނުނިކުންނަ ދުވަހަކީތަ؟” ޖުނައިދުގެ ސުވާލާއެކު ހައިދަރުއަށް ބަލާލެވުނީ އާމިރާގެ މޫނަށެވެ. މޮޅު ޖަވާބެއް ދެވޭނީ އަމީރާއަށް ކަން ހައިދަރުއަށް އެނގޭ ކަހަލައެވެ.

“މިއަދު ބޮލުގަ ރިއްސާތީ އުޅެފަ ދެންމެ އެނިދުނީ..” އަމިރާ މިފަހަރު ވެސް ހެދީ ދޮގެވެ. ހަގީގަތުގައި އޭނާ މި މަސައްކަތް ކުރަނީ ހައިދަރުގެ ހިތް ރުއްސުމަށެވެ. ހައިދަރު އޭނާގެ ކިބައިން ކަމަކަށް އެ އެދުނީ އަދި އަލަށް ކަންނޭނގެއެވެ. ވީމާ އޭނާ ގުރުބާން ވެގެން ވެސް ހާޖަރުގެ ވާހަކަ ސިއްރު ކުރާނެއެވެ.

ހައިދަރު ގޮސް ކޮޓަރިއަށް ވަދެ ރަނގަޅަށް ދޮރު ނުލެއްޕެނީސް ހައިތަމް ފަހަތުން ގޮސް ދޮރުގެ ދޭތެރެއަށް އަތް ލެއްވިއެވެ. “ހައިދަރް އައިމް ސޮރީ.. ބޭބެ އެތަނަށް ދިޔައީ ވެސް ވަރަށް ޔަގީން ކޮއްގެން ހައިދަރު އެކަހަލަ ކަމެއް ނުކުރާނެ ކަމަށް.. އެކަމަކު ހައިދަރު އެކަމާ ދެކޮޅު ނެހެދީތީ ބޯގޮވި ވަރުން އެހެން ބުނެވުނީ.. އައިމް ސޮރީ.. ބޭބެއަށް ޔަގީން ހައިދަރު އެކަހަލަ ކަމެއް ނުކުރާނެކަން..” ހައިތަމް މާފަށްވެސް އެދުނެވެ.

ހައިދަރު ދޮރުން ދޫކޮށްލާފައި އެތެރެއަށް ވަނީ ހައިތަމް ގޮތް ދޫނުކުރާނެ ކަން އެނގޭތީއެވެ. “މަށަށް އޭރުވެސް އެނގެއޭ ހައިދަރު އަކަށް ތިހެން ރުޅިއައިސްގެން ނުހުރެވޭނެކަން.. ” ހައިތަމް ހީލިއެވެ. ” ދެން ބުނެބަލަ.. ވަޓްސް ކުކިން؟..” ހައިތަމް ހުރީ ފުރުސަތަކަށް ބަލަ ބަލައެވެ. “އަހަންނަށް ޔަގީން ދަތުރު ދިއުމާ ބެހޭގޮތުން ހައިދަރު އަމީރާއްތައާ މަޝްވަރާއެއް ނުކުރާނެކަން..” ހައިތަމް ގޮސް އެނދަށް ވެއްޓިގަތެވެ.

ހައިތަމް މިހާ ވިސްނުން ތޫނު މީހަކަށް ނުވި ނަމައޭ ހިތަށް އަރާ ހައިދަރު ކުޑަކޮށް ކަޅިވެސް އަޅާލިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ހައިތަމްއަށް ނޭނގި ފިޔަވަޅެއްވެސް އޭނާއަށް އެޅޭ ވަރެއް ނުވެއެވެ. ބޭބެ އެހެރީ އޭނާ ހިތުދަސް ކޮށްފައެވެ.

“އިޓްސް ހާޖަރް..” ހައިދަރު ކިޔައި ދޭން ނިންމިއެވެ. ހައިތަމްގެ ފަރާތުން އެހީއެއް ހޯދިދާނެއެވެ. އެހެން ނޫނަސް އޭނާ މިހިރީ ހާޖަރުއާއި ދުވަސް ކޮޅަކަށް ވާހަކަ ނުދައްކަން ނިންމައިގެންނެވެ. އެހެންކަމުން ހައިދަރު ބޭނުމީ ހައިތަމް ހާޖަރުއާއި ވާހަކަ ދެއްކުމަށެވެ. އެހެން ނޫނީ ހިތާމަކޮށް ކޮއްކޮ ބަލި ވެދާނެއެވެ.

ހައިދަރު ވީގޮތް ސާފުކޮށް ދިނުމުން ހައިތަމްއަށް ވެސް ލިބުނީ އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ. ގަބޫލު ކުރަންވެސް ދަތިވިއެވެ.

“ދެން ނާހާނަންތަ މަށާ ޔަރުދުއާ އޮތީ ކޮން ގުޅުމެއްތޯ؟” ހައިދަރު ކޮށްލީ މަލާމާތެއް ހެންވެސް ހައިތަމްއަށް ހީވިއެވެ.

“ނާހާނަން.. އައިމް ޝުއާ ޔޫ ހޭވް އަ ސޮލިޑް ރީޒަން..” ހައިތަމް އިތުބާރު ކުރާވަރު އަންގައި ދިނެވެ.

“ބޭބެ ގޮސް ވާހަކަ ދައްކަބަލަ.. ނޫނީ މިރޭ ހަތަރުދަމު ރޯންވެސް އޮވެދާނެ..” ހައިދަރު ކަންބޮޑު ވިޔަސް އެކަން ނުދައްކަން ވެސް މަސައްކަތް ކުރިއެވެ. ހައިތަމް ހައިދަރުގެ ކޮނޑުގައި ޖަހާލާފައި ނިކުމެގެން ދިޔައެވެ.

ހާޖަރުގެ ކޮޓަރީގައި މަޑުމަޑުން ޓަކި ޖަހާލުމުން އައިސް ދޮރު ހުޅުވިއެވެ. ބޭބެ ފެނުމުން އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. ހައިތަމް އިރުކޮޅަކަށް ހާޖަރުގެ މޫނަށް ބަލަހައްޓައިގެން ހުރީ ވާހަކަ ދައްކަން ފަށާނެ ގޮތެއް ނޭގިފައެވެ. ހާޖަރު އިސްތަށިގަނޑު ވޫލްކޮޅަކުން އައްސާލަމުން އެނދުގައި އިށީނެވެ. މުޅި މޫނު ރަތްވެ ދުޅަވެފައި ވީނަމަވެސް ކަރުނަތައް ވަނީ ހިކިފައެވެ. ރޮއިރޮއި ކަރުނަ ހުސްވީއެވެ.

“ބޭބެވެސް ތިހިރީ ރުޅިއައިސްފަ ދޯ؟.. ” ހާޖަރުގެ އަޑުވެސް ވަނީ ކުރަކި ވެފައެވެ.

“ބޭބެ ދުވަހަކުވެސް ހާޖަރުދެކެ ރުޅިއެއް ނާންނާނަން.. އެކަމް ބޭބެ މިހިރީ ވަރަށް ހާޓްވެފަ.. ވަރަށް ޓްރަސްޓް ކުރިން ކޮއްކޮއަށް..” ހައިތަމްވެސް ގޮސް ކައިރީގައި އިށީނެވެ.

“އައި ސްވެއާ އައި ޑިންޓް މީން ޓު ހާޓް އެނީ އޮފް ޔޫ..” ހާޖަރު ބަލައިލީ ހިތް ކުދިކުދިވާ ފަދަ ގޮތަކަށެވެ.

“ބޭބެއަށް ވީގޮތް ކިޔައިދީބަލަ..” ހައިތަމް ދެނެގަންނަން ބޭނުންވިއެވެ.

“ހާޖަރް ފޭސްބުކް އެކައުންޓެއް ހުޅުވީ ދޮންބެ ދިން ފޯނުން.. މަޖަލަކަށް އަސްލު.. ހުސް ކްލާސް މޭޓުން ތިބޭނީ ވެސް.. އެވެސް އަންހެން ކުދިން.. ދެން އެއްދުވަހު ނުދަންނަ މީހަކު ފޮނުވީ ރިކުއެސްޓެއް.. ޒަޔާން ކިޔާ ކުއްޖެއް.. ހިތަށް އެރީ ހަމަ ފްރެންޑް ވެވިދާނެއޭ.. އެއްވެސް ނުބައި ނިޔަތެއް އޮވެގެނެއް ނޫން.. އޭރު ހިޔެއްވެސް ނުކުރަން މުސްކުޅި ބޭބެއެއް އެހާ ޒުވާން ކުއްޖެއްގެ ފޮޓޯ ލައިގެން އުޅެފާނެއޭ..” ހާޖަރު ނޭފަތް އެތެރެއަށް ދަމާލިއެވެ. ހައިތަމް ކަނުލައި އަޑު އަހައިގެން ހުރިތަން ފެނުމުން ކުރިއަށް ގެންދިޔައެވެ.

“ދުވަހަކުވެސް ގުޅައިގެން ވާހަކައެއް ނުދައްކަން.. ހަމަ މެސެޖު ކުރީ.. ހާޖަރްގެ ފޮޓޯއެއް ދައްކަން އެމީހާ ބުނީ.. ބޭބެމެންނަށް އެނގިދާނެތީ ހާޖަރް އެއްވެސް ފޮޓޯއެއް ނުލަން.. ހާޖަރް އެމީހާއަށް ވެސް ފޮނުވީ ބުރުގާ އަޅަައިގެން ހުރި ފޮޓޯއެއް.. ދެން ބުނީ ތިމަންނަ މާލެއޭ އަސްލު.. ޗުއްޓީ ވީމަ މިރަށަށް އައީއޭ.. މުޅި ފެމިލީ އެއްކޮށް އައިސް އެބައުޅެއޭ ގެއެއް ކުއްޔަށް ހިފައިގެން.. ކިޔާފަ ބުނީ ތިމަންނަ މިގޮތަށް ކުއްޖަކާ ވާހަކަ ދައްކާ ކަން ދައްތައަށް އެނގިގެން ދައްތަ ވަރަށް މީޓް ނުކުރެވިގެން އެބަ އުޅެއޭ.. މަންމަމެން ޝޮޕިން ކުރަން ދިޔައިމަ ދައްތައާ ދެމީހުން އެކަންޏޭ މިތިބީ.. އަންނަންވީ ނޫންހޭ.. ތިމަންނަ ފުރުމުގެ ކުރިން ސަލާމް ކޮއްލަން ބޭނުމޭ.. އެމީހާ ވަރަށް ރީއްޗަށް ވާހަކަވެސް ދެއްކީ.. އެހެންވީމަ ޝައްކެއް ވެސް ނުވި.. އެޑްރެސް ދީފަ ބުނީ މިވެނި ރޫމެއްގަ ޓަކި ދިނީމަ ދައްތަ ހުޅުވާނެއޭ..” ހާޖަރްއަށް އަނެއްކާ ރޮވޭ ގޮތް ވިއެވެ.

“އަލަށް ލިބުނު ފްރެންޑެއް ވީމަ އަސްލު ބޭނުންވީ ބުނި ކަމެއް ކޮށްދޭން.. މަންމަ ނުފޮނުވަފާނެތީ ބުނީ ޗުއްޓީގަ ނިންމަން ދިން ޕްރޮޖެކްޓެއް ހަދަން ނީޒާމެން ގެއަށޭ މިދަނީ.. މަންމަ އެގެއަށް ލައިދިނީ ވެސް.. އެގެއަށް ނުވަދެ ހުރެފަ މަންމަ ދިޔައިމަ ކާރަކަށް ގުޅައިގެން ޒަޔާން ދިން އެޑްރެހަށް ދިޔައީ.. ދިޔައިރު ބޭރުގެ ދޮރު ހުރީ ލޮކްވެސް ނުކޮށް.. އެތެރެއަށް ވަންއިރު ބަޔަކު ނުވެސް ނެތް.. ޒަޔާން ބުނި ކޮޓަރި ހޯދަން އުޅެނިކޮށް މަތީ ބައިން މީހަކު އައީ ފައިބައިގެން.. އެމީހާ ހުރީވެސް ވަރަށް ބިރުވެރިކޮށް.. ޕާޓޭއެއްހެން.. ދެން އުޅުނީ އަވަހަށް ޒަޔާންގެ ކޮޓަރީގަ ޓަކިދޭން.. އެމީހާ ސުވާލު ކުރީމަ ބިރުން ހުރެ ބުނީ އެރޫމްގަ އެބަހުއްޓޭ ފްރެންޑެއް.. ދެން އެމީހާ ބުނީ ފުރަތަމަ ތިމަންނައާ ވާހަކަ ދައްކާށޭ.. އޭރު އޭނަގެ ފްރެންޑުން ވެސް އައިއްސި..” ހާޖަރު މެދުކަނޑާލީ އެބިރުވެރި ވަގުތުކޮޅު ހިތަށްއަރާ، އިތުރަށް ކުރިއަށް ނުގެންދެވި ގެންނެވެ. ހައިތަމް ހާޖަރުގެ ބުރަކަށީގައި ފިރުމާލުމުން ހިއްވަރު ކޮށްފައި އަނެއްކާ ފެށިއެވެ.

“އެމީހުން އެކޮޓަރިން ނެރެގެން ގެނައީ ޒަޔާންއެއް ނޫން.. އެހިސާބުން ހާޖަރްއަށް ވިސްނުނީ މީ ޓްރެޕެއްކަން.. ނިކުމެގެން ދާންވެސް އުޅުނިން.. އެކަމަކު އެމީހުން ދިޔަކަ ނުދިން.. ބުނީ މަންމަމެންނަށް ފިލައިގެން ތިހެން ބޯއި ފްރެންޑުންނާ ބައްދަލު ކުރަން އަންނަ ކުޑަކުދިންނަށް އަދަބު ލިބެން ޖެހޭނެ ނޫންހޭ؟.. ގެއިން މީހަކާ ގުޅޭނެ ނަންބަރެއް ދޭށޭ.. ބުނީމަ އިތުރު ގޮތެއް ނެތިގެން ދިނީވެސް ބޭބެގެ ނަންބަރު.. ބޭބެގެ ނަން އަހާފަ ނޭނގެ ފަހުން އެމީހުން ދޮންބެއަށް ގުޅީ ކިހިނެއް ކަމެއް..” ހާޖަރުގެ ވާހަކަ ނިމުނުތަނާ ދޮރު ހުޅުވާލާފައި ހައިދަރު ވަނެވެ.

ހައިތަމް ހާޖަރުއާއި ވާހަކަ ދައްކަން އައި ގޮތަށް ހަބަރެއް ނުވެ ލަސްވެގެން ވީގޮތެއް ބަލަން އޭނާ އައި ނަމަވެސް، އެއްވެސް ކަމަކާ ފަރުވާލެއް ނެތްކަމަށް ހެދުނެވެ.

“ގިވް މީ ޔޯ ފޯން އެންޑް ޓެބްލެޓް..” ހައިދަރުގެ އަޑުގައިވީ ހަރުކަށިކަމެވެ. ހާޖަރް ފޯނާއި ޓެބްލެޓް ގެނެސް ދިނުމުން ހަނި ނަޒަކުން ބަލާލާފައި ނިކުމެގެން ދިޔައެވެ.

“ޑޯންޓް ވޮރީ.. ބޭބެ ދޮންބެއާ ވާހަކަ ދައްކާނަން.. ބައްޕައަކަށް ވެސް ނޭނގޭނެ އަދި މިއިން އެއްވެސް ކަމެއް.. ދޮންބެވެސް މަންމަވެސް ނުބުނާނެ.. ހާޖަރް ދެން އެކަމާ އެހާ ވަރަށް ނުވިސްނާ.. ކޮންމެވެސް އެއްޗެއް ކައިގެން އައިސް ނިދާލާ..” ހައިތަމްގެ ވާހަކައިން ހާޖަރުއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. ބައްޕައަށް އެނގުނު ނަމަ އޭނާ މިގެއިން ވެސް ނެރެލީހެވެ.
* * * * * * *
ހައިދަރު ފާހާނާއަށް ވަދެ ޝަވަރަށް ދޫކޮށްލިއެވެ. އެތައް މިލިއަން ފެންތިކިތައް އެހަށިގަނޑުގައި ބޮސްދެމުން ދިޔައިރު ވެސް ހިތާއި ސިކުނޑީގައި ރޯވެފައިވާ އަލިފާން ނިއްވައެއް ނުލެވުނެވެ. ހާޖަރުގެ ކަންތަކާ އެހާ ފިކުރު ބޮޑުވުމުގެ އިތުރުން، މިއަދު ބައްޕަގެ ކުރިމަތީ ހުންނަންވެސް އޭނާ ލަދުގަތެވެ. ބައްޕަ އޭނާއާއި ދޭތެރޭ ދެކޭ ގޮތް ހައިތަމްގެ ފަރާތުން ވަނީ އެގިފައެވެ.

އަނެއްކޮޅުން އޮފީހުގައި އެއުޅޭ ގޮތެއް ފޮތެއް ނެތް އަންހެން ކުއްޖާއެވެ. އެމުސީބާތުން މިހާރު ސަލާމަތް ވެފައި ވިޔަސް، އަދި އޭނާ ވިސްނަން ޔައުގޫބުވެސް އެހެރީ ނޫންހެއްޔެވެ؟ އެހެން ހިތަށް އެރުމުންވެސް އަތް މުއްކަވާ ލެވުނެވެ.

މިހުރިހާ ކަމެއްގެ ތެރެއިން ޝައިނާގެ މޫނު ސިފަވިއެވެ. އެލާމަސީލު ރީތިކަމެވެ. މޫނުމަށްޗަށް ފަން އިސްތަށިގަނޑު ފައިބައިގަތުމުން އަތުން ރަނގަޅު ކޮށްލާ ގޮތެވެ. ކުޑަ ޕަރީއެއްގެ އަދާތަކެވެ. ކެބިންގައި އެހޭދަވީ ޖާދުވީ ވަގުތުކޮޅެވެ. އެތުންފަތުގެ މަޑުކަން މިހާރުވެސް އޭނާއަށް އިހްސާސް ކުރެވޭ ފަދައެވެ.

ހައިދަރު ބޯ ހޫރާލިއެވެ. ނޫނެކެވެ. އެއީ އޭނާގެ އަތުން ހެދުނު ގޯހެކެވެ. ހައިދަރު ޝައިނާގެ މަތިން ހަނދާން ކުރާކަށް ބޭނުމެއް ނޫނެވެ. އެއީ އޭނާގެ ހަޔާތަށް އައި ދުވަސް ކޮޅެއްގެ މެހެމާނެކެވެ. އެކަމަކު އެނގޭހާވެސް ކަމަކީ އެއަންހެން ކުއްޖާ ހިތުން ނުފިލާކަމެވެ. އަދި އަމުދުން މިއަދު ހިނގައި ދިޔަ ކަންތައް ތަކަށްފަހު ޝައިނާ އޭނާގެ ސިކުނޑި ހިސާރު ކޮށްލާފައި ވިއެވެ. މިހެން ވެގެން ނުވާނެއެވެ. އެއީ އޭނާގެ ދުޝަމިނުންގެ އާއިލާ މެންބަރެކެވެ.

ހައިދަރު ތުވާލި އޮޅާލައިގެން ފާހާނާއިން ނިކުތްއިރު ވެސް ވިސްނަމުން ދިޔައެވެ. އޭނާ ޖެހޭނީ ޝައިނާ، ހިތުން ފޮހެލާށެވެ. ހިތުގައި މިއުފެދެނީ ކޮންމެފަދަ އިހްސާސަކަށް ވިޔަސް އޭނާ އެ އިހްސާސްގެ މައްޗަށް ގަދަވެގަންނާނެއެވެ. ނަފްރަތުގެ މައްޗަށް ކުރިހޯދޭނެ އެހެން ޖަޒްބާތެއް އޮންނާނެ ހެއްޔެވެ؟

އަނެއްކޮޅުން ޝައިނާގެ ހާލު މާދެރައެވެ. ހަވީރު ހިނގި ހާދިސާ އަށްފަހު، އޭނާގެ ހިތުން ހައިދަރު ފިލައި ދިޔަ އެންމެ ހިނދުކޮޅެއް ވެސް ނާދެއެވެ. ހައިދަރުގެ ބާރުގަދަ އަތުގެ ތެރޭގައި ހޭދަވި ވަގުތުކޮޅު، އޭނާގެ ހިއްސުތައް ހަމައިން ނެއްޓިގެން ދިޔަ ގޮތް ހަނދާންވިއެވެ. އެއީ ހައިދަރު އޭނާއަށް ހެދި ޖާދުލެކެވެ. އެހެން ނޫންނަމަ މީގެ ކުރިންވެސް އެތައް ފިރިހެނުންނެއް އޭނާގެ ސަމާލުކަން ހޯދަން މަސައްކަތް ކޮށްފައިވެއެވެ. އެމީހުންނަށް ކާމިޔާބު ނުވީއިރު، ހައިދަރު އޭނާގެ އިހްސާސްތަކާ ކުޅެލަނީ އަޖާއިބު ވާހާ ފަސޭހައިންނެވެ. އެހިޔާލުތައް ހިތުން ނެރެ އެއްލާލަން އޭނާ ބޭކާރު މަސައްކަތް ތަކެއް ކުރާތާ މިވީ ކޮންއިރެއް ހެއްޔެވެ؟ އެނދުގައި ފުރޮޅި ފުރޮޅި ވަރުބަލި ވުމުން އޭނާ ހަތިޔާރު ބެހެއްޓިއެވެ.

ފަހަރުގައި ހައިދަރުއަކީ އޭނާ ހީކުރާހާ ނުބައި މީހެއް ކަމަށް ނުވެ ވެސް ހިނގައިދާނެއެވެ. ކުޑަ ރުޅިވެރި ކަމެއް ނެތެކޭ ނޫނެވެ. އެކަމަކު ހައިދަރު އޭނާ ދެކެ ލޯބިވުމަކީ ވެސް އެކަށީގެންވާ ގޮތެއް ނޫން ހެއްޔެވެ؟ އެހެން ނޫންނަމަ ކެފޭގައި އެންމެންގެ ތެރޭ ހައިދަރު ނަދާއާއި ދެކޮޅަށް އޭނާ ދިފާއު ނުކުރީހެވެ. ނަދާ ވަޒީފާއިން ވަކި ކުރިކަން ވެސް ނާލާގެ ފަރާތުން އޭނާއަށް ވަނީ އެނގިފައެވެ. އެއީވެސް ހައިދަރު އޭނާއަށްޓަކާ ކުރި ކަމެއް ކަމަށް ޝައިނާ ގަބޫލު ކުރިއެވެ. ކެބިންގައި އެ ހޭދަވީ ވަގުތުކޮޅު ހިތަށް އެރުމުންވެސް ހިތުގައި ހީލި ކެރުވުމެއް އުފެދުނެވެ. އަނެއްކާ އޭނާއަށް ހައިދަރު ދެކެ ލޯބިވެވުނީބާވައެވެ؟

ނުނިމޭ

 

Share Article

Follow Me Written By

Shau

Level 110 Stories100 Login

Other Articles

Previous

ސިއްރެއް ނުވާނޭ… 3

Next

ހީވޭ ގާތުގާއި ވާހެން ކަލާ 13

Next
December 27, 2021

ހީވޭ ގާތުގާއި ވާހެން ކަލާ 13

Previews
December 26, 2021

ސިއްރެއް ނުވާނޭ… 3



All Right Reserved!