Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހައިދަރު-11

Shau Level 110 Stories100 Login
December 17, 2021 5 Mins Read
0 Comments

ނަދާ ލައިގެން ހުރި އުސް ފައިވާނުގެ ކޮޅުން ބިންމަތީގައި އޮތް މަލަށް ފައިން އަރާ ޗިސްކޮށް ލުމަށްފަހު ދާން ހިނގައިގަތް އިރު، މޫނުމަތީގައިވީ ހަމަ ޖެހުމުގެ އަސަރެވެ. ތުންފަތް މައްޗަށް ވެރިވެފައި ވަނީ ވިހަގަދަ ހިނިތުންވުމެކެވެ.

ޝައިނާ ގެއަށް ގޮސް ހެދުން ބަދަލު ކޮށްގެން އައިއިރު، ހައިދަރު އޮފީހުގައި ނޫޅޭތީ ހިތްހަމަ ޖެހުމެއް ލިބުނެވެ. ނާލާއާއި އަޒަލްގެ ގާތުގައި އޭނާ އިށީނީ ޖެހިލުން ވެފައި ހުރެގެންނެވެ.

“ޝައި.. ދެން ކިޔައިދީބަ ވީގޮތެއް.. ތިއުޅެނީ މެރީ ކުރަންތަ؟..” އަޒަލް ކަންބޮޑު ވެފައި އަހާލިއެވެ. ޝައިނާ ބޯ ޖަހާލީ އެވާހަކަ ދައްކަން ބޭނުން ނުވާތީއެވެ.

“ޝައި ތިހިރީ އުފަލުންތަ؟..” ނާލާއަށް ޝައްކުވިއެވެ. ޝައިނާ އަނެއްކާވެސް ބޯ ޖަހާލިއެވެ.

“އެކަމް އެދުވަހު ބުނީ ހައިދަރު ދެކެ ފޫހިވާ ވާހަކަ.. މިހާރު ތިބުނީ މެރީ ކުރަން އުޅޭ ވާހަކަ.. ކީއްވެ އެދުވަހު ރުއީ؟.. ޑިޑް ހީ ފޯސް ޔޫ؟..” ޝައިނާގެ މިޒާޖު ބަދަލު ވެފައި ވާކަން އަޒަލްއަށް ޔަގީނެވެ.

“ނޫން.. އެކަހަލަ އެއްވެސް ކަމެއް ނެތް.. ކުރިން ފޫހިވިޔަސް މިހާރު އެނގޭ އެއީ ވަރަށް ރަނގަޅު މީހެއްކަން.. ދެންމެވެސް ދުށީމެއްނު ކެފޭގަ އޭނަ ޝައި އަށް ސަޕޯޓް ކުރިގޮތް؟..” ޝައިނާ އެވާހަކަ ދެއްކީ އަމިއްލަ ނަފްސަށްވެސް އޮޅުވާލަން ކަންނޭނގެއެވެ.

ނާލާއާއި އަޒަލް ދެން އިތުރަށް އެވާހަކަ ނުދައްކަން ނިންމިއެވެ. ފަހަރެއްގައި އެކުދިންނަށް ކުށްހީއެއް ކުރެވެނީއެވެ. ދެކުދިންވެސް އެދެނީ ޝައިނާއަށް އުފާވެރި ދިރިއުޅުމެއް ލިބުމެވެ. ހައިދަރުއަކީ ގޯސް މީހެއް ހެނެއް ހިޔެއް ނުވެއެވެ. ކައިވެނި ކުރާނެ ދުވަހަކާއި ލާން ޖެހޭ ހެދުމާއި ބެހޭގޮތުން ވެސް އެކުދިން މަޝްވަރާ ކުރިއެވެ. ޝައިނާވެސް ރީތިކޮއްލަން އެހުރިހާ ވާހަކައެއްގައި ބައިވެރިވިއެވެ.
* * * * * * * * * *
ހައިދަރު އޮފީހުގައި ހުރެފައި ދިޔައީ ހައިތަމް ގުޅާފައި ވަރަށް އަވަހަށް ބައްދަލު ކޮއްލަން ބޭނުން ވާހަކަ ބުނެގެންނެވެ. އީކުއޭޓާ ކުއިޒިންގެ ހިތްގައިމު މާހައުލުގައި، ދެބެއިން ކޮފީއަކަށް އިންސާފު ކުރަމުން ދިޔައިރު، ވަށައިގެންވާ ރީތި ގުދުރަތީ މަންޒަރުން ހިތްތަކަށް ދިރުން ގެނެސްދެއެވެ. އިށީނދެގެން ތިބި ދިމާ ކުރިމަތިން ކަނބިހާ ބީޗްގެ ހިތްފަސޭހަ ގޮނޑުދޮށުގައި، ކުޑަކުދިންތައް ރަތްދަކަ އަވީގައިވެސް ދުވެދުވެފައި ކުޅެން އުޅެއެވެ.

” ހައިދަރު އެބަ އޮތްތަ ބޭބެ ކައިރީ ބުނަން އެއްވެސް ވާހަކައެއް؟” ހައިތަމް ވިސްނުންތެރި ކަމާއެކު ހައިދަރުގެ މޫނަށް ބަލަހައްޓައިގެން އިނީ އެއްޗެއް ދަސްކުރަން ބޭނުންވާ ފަދައަކުންނެވެ.

“ބޭބެ އަތުގައެއްނު ދައްކާނެ ވާހަކަ ހުރީ..” ހައިދަރު ކޮފީ ތަށިން ކޯވަރެއް ބޯލުމަށްފަހު، ލިންކްރޯޑް ހުރަސް ކޮށްފައި ދެވެން އޮތް މޫދަށް ބަލާލިއެވެ. އެހެން މީހެއް ނަމަ މިހާރު އެވާހަކައެއް ނޭނގިގެން ތެޅި ފޮޅުނީހެވެ. އެހެނަސް ހައިދަރުއަކީ އެއަށްވުރެ ހަމަޖެހޭ މީހެކެވެ.

ހައިތަމް އިނީ ދައްކަން އައި ވާހަކަ ފަށާނެ ގޮތެއް ނޭނގިފައެވެ. އަނެއްކާ މިވާހަކަ ދައްކައިގެން ހައިދަރުގެ ރުޅިގަނޑު ނުހިލޭނެ ބާވައެވެ؟

“ބޭބެއަށް އަޑު އިވިއްޖެ ހައިދަރު ޑްރަގްސް ބޭނުން ކުރެއޭ ކިޔާފަ މީހަކު ދެއްކި ވާހަކައެއް.. ބައްޕަގެ ކަންފަތަށް ވެސް މިވާހަކަ އޮތީ ފޯރާފައި..” ހައިތަމް ދެއަތް އުނގުޅާލިއެވެ.

ޝައިނާގެ ސަބަބުން ހައިދަރު މިހާ ބޮޑު އަނދަވަޅަކުން ސަލާމަތް ވީތީ އުފާ ކުރާ ވާހަކަ، ބައްޕައާއި އަމީރާއްތަ ދެއްކި އަޑު އޭނާއަށް އިވުނީ އިއްތިފާގަކުންނެވެ. އެއާއެކު އޭނާ ބައްޕައާއި ސުވާލު ކޮށްގެން އިތުރަށް އޮޅުން ފިލުވީއެވެ. ދެން އެވާހަކަ ނުދެއްކުމަށް ވެސް ބައްޕަ އެދުނެވެ. އެކަމަކު ހައިދަރު އެކަހަލަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އޮތް ވަރުން، ހައިތަމް ބޭނުންވީ ސިދާ ހައިދަރުގެ ކައިރިން އޮޅުން ފިލުވުމަށެވެ.

“ކާކުގެ ފަރާތުން އަޑުއިވުނު ވާހަކައެއް؟ ދޮންމަންމަތަ؟” ވަގުތުން ހައިދަރުގެ ތަބީއަތު ގޯސްވިއެވެ. މޫނުމަތިން ހަމަޖެހޭ ގޮތް ދެއްކި ނަމަވެސް، ސިކުނޑި ވަނީ ހަލަބޮލި ވެފައެވެ. އޭނާގެ ދިރިއުޅުމުގައި ހުޅު ޖަހަން އުޅޭނީ އަމީރާ ނޫން ދެން ކާކު ހެއްޔެވެ؟ އެންމެ ފަހުން ބޭބެއާއި ބައްޕަގެ ކުރިމަތީގައި އޭނާގެ އަގު ވައްޓާލަން ދޮގު ވާހަކަތަކެއް ވެސް ދައްކައިފިއެވެ.

“ނޫން އަމީރާއްތަ އެއް ނޫން..” ކޮންމެ ކަމަކާއި ގުޅުވައިގެން ވެސް ހައިދަރުގެ ވިސްނުން އެދިމާލަށް ދާތީ ހައިތަމް ކަންބޮޑުވިއެވެ. އޭނާ ހުރީ އެވާހަކަ ދެއްކި މީހަކު ނުބުނާން ކަމަށެވެ. އެކަމަކު މިވީގޮތުން ދެން ނުބުނެފިއްޔާ، ހައިދަރު ގަބޫލު ކުރާނީ އެއީ ހަމަ އަމީރާއްތަ ދެއްކި ވާހަކައެއް ކަމަށެވެ.

“އެއީ.. އޮފީހުގަ އެއުޅެނީނު ސެކިއުރިޓީއަކަށް އުޅޭ ޔައުގޫބުބެ.. އޭނައަށް ފެނުނީޔޯ ހައިދަރު މިއުޅޭ ޔަރުދުމެން ގެއަށް ވަންތަން..” ހައިތަމް ތަފްސީލް ދިނެވެ.

“އޯހް..” ހައިދަރުގެ މޫނުމަތިން އިތުރު ޝުއޫރެއް ނުފެނުނެވެ.

“އެއީ ތެދެއްތަ؟” ހައިތަމްއަށް އެވާހަކަ އެހެން އަޑު އިވުނަސް ގަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ. އެކަމަކު ހައިދަރުގެ މި ހިމޭންކަމުން އޭނާގެ ހިތަށް ތަދުވަމުން ދިޔައެވެ.

“ލުކް ހައިދަރު.. ބޭބެއަށް ސިއްރު ކޮށްފަ ބާއްވަން ޖެހޭ އެއްވެސް ވާހަކައެއް އޮންނާނެ ހެނެއް ބޭބެއަކަށް ހިޔެއްނުވޭ.. ތިހުރިހާ ފިކުރުތަކާ ތި ސިކުނޑީގަ އެނބުރޭ ހުރިހާ ކަމެއް އެނގެން ބޭބެ ބޭނުން.. ހައިދަރުއަށް އިނގޭދޯ ކޮންމެ ކަމެއްގައި ވެސް އަހަރެން އަރާނީ ހައިދަރުގެ ކޮޅަށް ކަން.. ހައިދަރު އެކަހަލަ ކަމެއް ކުރިޔަސް، އެކަމުން ސަލާމަތް ވާން ބޭބެ ހުންނާނަން އެހީ ވާން.. އަބަދުވެސް ހުންނާނީ ކޮއްކޮގެ ސަޕޯޓް ސިސްޓަމްގެ ގޮތުގަ..”

ހައިދަރު ކޮފީ ތައްޓަށް ބަލަހައްޓައިގެން ހުރެ އެއްމިޔަކަނުން ހީލިއެވެ. މިއަދު އެހިނިތުން ވުމުގައިވެސް ވަނީ ހިތި ކަމެވެ. ކޮފީތަށި އެއްފަހަރުން ހުސްކޮށް ލުމަށްފަހު ހައިދަރު ކޮޅަށް ތެދުވިއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވާ ލެވުނީ، އެއްވަގުތަކާ ހަށިގަނޑަށް އެތެރެވި ގިނަ އަދަދެއްގެ ކެފެއިންގެ ސަބަބުންނެވެ. ހައިތަމްވެސް އަވަހަށް ބިލަށްވާ ފައިސާ މޭޒުމަތީ ބޭއްވުމަށް ފަހު ހައިދަރުގެ ފަހަތުން ދިޔައެވެ.

“ހައިދަރު..” ހައިތަމް ފަހަތުން ގޮސް އަރާހަމަ ކޮށްލަމުން ގޮވާލިއެވެ. ހައިދަރު ހުއްޓުނީ ހައިތަމް އޭނާގެ ކޮނޑުގައި ހިފުމުންނެވެ. ފުން ނޭވާއެއް ލުމަށްފަހު އެނބުރިލިއިރު، ލޮލުގައި ކަރުނައިގެ އަސަރު ހުރިހެން ހީވީ، އެއީ ހައިތަމްއަށް ވީ ކުށްހީއެއް ބާވައެވެ؟

“ބްރަދަރ.. އަހަރެން ނުދަންނަ މީހުންނާ އަހަރެންގެ ސާކަލްގަ ހިމަނަން ބޭނުން ނުވާ މީހުން، މަށާ ދޭތެރޭ ދެކޭ ގޮތް.. ނުވަތަ ދައްކާ ވާހަކައަކީ އަހަންނަށް އެހާ މުހިއްމު ވާހަކަ ތަކެއް ނޫން.. އެކަމަކު އަހަރެންގެ ގާތް މީހުންނަށް، ލޯބިވާ މީހުންނަކަށް މަށާ ބެހޭ ގޮތުން ސުވާލެއް ނުއުފެދޭނެ.. އެމީހުންނަށް އެނގޭނެ އަހަރެން ކޮށްފަ ނުކުރާނެ ކަންކަން..” ހައިދަރުގެ އަޑުގައިވީ ސާބިތު ކަމެވެ. އަމިއްލަ ބޭބެ އޭނާއާއި އެގޮތަށް ސުވާލު ކުރުމުން ހަގީގަތުގައި ވެސް ދެރަވެއްޖެއެވެ.

ބައްޕަ އޭނާއަށް ނަސޭހަތް ދޭން ގެންދިޔަ ދުވަސް މަތިން ހަނދާންވިއެވެ. މިހުރިހާ ދުވަހު ބައްޕަވެސް ހީކޮށްގެން އެހެރީ އޭނާއަކީ މަސްތުވެގެން އެނބުރޭ އާވާރާއެއް ކަމަށް ހެއްޔެވެ؟

ހައިދަރު ކާރަށް އަރާ ދޮރު ލެއްޕީވެސް އެހާ ހަރުކަށި ކޮށެވެ. ބާރަށް ދުއްވާފައި ގޮސް ލޯމަތިން އޮބާލަންދެން ހައިތަމް ބަލަހައްޓައިގެން ހުއްޓެވެ. ހައިދަރު ދެރަވީކަން ޔަގީނެވެ. އާއްމުކޮށް ހިތާމަތައް ވެސް ހައިދަރު ދައްކާނީ ރުޅީގެ ސިފައިގައެވެ. މިކުރެވުނީ ކިހާވަރެއްގެ ކަމެއްކަން ހައިތަމްއަށް ރޭކާލީ އަދި ކިރިޔާއެވެ. އޭނާ ހައިދަރުގެ ކިބައިން މާފަށް އެދޭނެއެވެ.

ހައިދަރު އެދިޔަ ގޮތަށް އޮފީހަށް ދިޔައިރުވެސް ރުޅި ފިންޏެއް ނުވެއެވެ. ވަދެގެން އައިއިރު ދޮރުމަތީގައި ޔައުގޫބު، އެހެން ސެކިއުރިޓީއަކާއި ވާހަކަ ދައްކަން ހުރިތަން ފެނިފައި، އޭނާގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާނުލެވުނީ ހައިދަރުގެ ހާސް ހިއްވަރުންނެވެ. މިހާރުވެސް ކޮންމެވެސް މީހެއްގެ ދިރިއުޅުމަށް ވިހަލާނެ ގޮތަކާމެދު މަޝްވަރާ ކުރެވެނީ ކަން ނޭގެއެވެ.

ހައިދަރު އޮފީހުގެ އެތެރެއަށް ވަންތަނުން ނަދާ އޭނާގެ ފަހަތުގައި އަޅުވާލިއެވެ. އެކީ މިވަގުތު އޭނާ ކުރިމަތިލާން ބޭނުންވާ އެންމެ ފަހު މީހާއެވެ. ނަދާއަށް އިންޒާރުގެ ނަޒަރެއް ދިނުމަށްފަހު ހައިދަރުގެ ހިނގުން ބާރުކޮށްލިއެވެ.

“ހައިދަރު ޕްލީޒް އަޑު އަހާބަ.. އައިމް ސޮރީ.. އެނގޭ އެދުވަހު ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން ކަން.. އެކަމް އެއީ ހަމަ އަހަރެން ހައިދަރު ދެކެ ލޯބިވާތީ.. ރުޅި އާދެވުނު ވަރުން އެގޮތަށް ވާހަކަ ދެއްކުނީ..” ނަދާ ހައިދަރުގެ ފަހަތުން ގޮސް ލިފްޓަށްވެސް އެރިއެވެ. ހައިދަރު ލިފްޓްގެ އެޑްމިން ފްލޯއަށް ފިތާލަމުން، ސްޓީލް ބިތަށް ލެގިލިއެވެ. ޖީބަށް އަތް ޖަހާލައިގެން އޭނާ ހުއްޓިގެން ހުރި ގޮތުން ވެސް ނަދާގެ ހިތަށް އެނގުން ވިއެވެ.

“ޕްލީޒް.. ތިހެން ރުޅި އައިސްގެން ހުރީމަ ހިތަށް ހާދަ ތަދެއް ވެޔޭ..” ނަދާ އެންމެ ފަހުން ހައިދަރުގެ އުޅަބޮއްޓާއި ދިމާލުން އަތުގައި ހިފިއެވެ. ހައިދަރުގެ ކެތްތެރިކަން ކޮޅުންލީ ދެނެވެ. އޭނާ އަތް ފޮޅުވާލުމުން ނަދާ ލިފްޓްގެ ކަނަކަށް ގުޅައަކަށް ޖެހުނީ، ފޮޅާލެވުނު މެއްސެއް ފަދައިންނެވެ. މި އަންހެން ކުއްޖާ އޭނާގެ ފަހަތުން ފިލާނީ ބޮނޑިއެއް ބޮއެގެން ހެއްޔެވެ؟

“ލިސިން ޔޫ..” ހައިދަރު ދެކަކުލުގައި އަތް ވިއްދާލާފައި ކުޑަކޮށް ގުދުވެލިއެވެ. “ނަދާއެކޭ ދޯ ކިޔަނީ.. ނަދާއަށް ތިފެނުނީ އަދި ހަމައެކަނި އަހަރެންގެ ރަނގަޅު ބައި.. އަހަރެންގެ ހުންނާނެ ވަރަށް ނުބައި ސައިޑެއް.. އެން ޓްރަސްޓް މީ.. ޔޫ ޑޯންޓް ވޯންޓު ސީ ދެޓް ސައިޑް އޮފް މައިން.. ސޯ ސްޓޭ ފާރ.. ފާރ އަވޭ ފްރޮމް މީ.. ގޮޓް އިޓް؟..” ހައިދަރުގެ އަޑު ކިތަންމެ މަޑުވިޔަސް ނުރައްކާތެރި އެވެ. އޭނާ ނިކުމެގެން ދިޔައިރުވެސް ނަދާ ހަމަ އެއިން ގޮތަށް އިނެވެ.

ހައިދަރު ގޮސް މަޑުކޮށްލީ ނާލާމެންގެ ކައުންޓަރު ކައިރިއަށެވެ. “ކޮބާ ޝައިނާ؟” ހައިދަރު ސުވާލު ކޮށްލުމުން، ޝައިނާ ވީ ކެބިންގައި ކަމަށް ބުނެ، ޖަވާބު ދިނީ ނާލާއެވެ.

“ބޭރު ރިސެޕްޝަނުގަ އެއުޅެނީނު ނަދާ ކިޔާ ކުއްޖެއް؟.. ޓާމިނޭޓް ހަރ ކޮންޓްރެކްޓް.. އެންޑް ލެޓް ހަރ ނޯ ދެޓް ޝީޒް ފަޔާޑް..” ހައިދަރު ހިނގައިގަތީ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތިއެވެ. ކެބިންގެ ދޮރު ހުޅުވާލާފައި ވަންއިރު ޝައިނާ ކީބޯޑުން ކޮންމެވެސް އެއްޗެއް ލިޔަން އިނެވެ.

“އައުޓް..” ހައިދަރު ގޮނޑި ދަމާލާފައި އިށީންނަމުން ބުނެލިއެވެ. ހައިދަރުގެ މިޒާޖަށް އިރު އިރުކޮޅާ މިއަންނަ ބަދަލާހެދި ޝައިނާ ހުންނަނީ އަންތަރީސް ވެފައެވެ. ވީނުވީއެއް ނޭނގި ފެންނާނީ ރުޅި އައިސް ރަތްވެފައި ހުރި ތަނެވެ. މީގެ ދޮޅު ގަޑިއެއްހާ ކުރިން އޭނާއާއި ބައްދަލު ވިއިރުވެސް ހައިދަރުގެ މޫޑް ރަނގަޅެވެ.

“އައި ސެއިޑް އައުޓް!!” ހައިދަރު އެހެން ބުނި ގޮތުން ޝައިނާގެ ހިތްވެސް ދިޔައީ ގުޑައިގެންނެވެ. އޭނާ ތެދުވެގެން ގޮސް ހައިދަރުގެ މޭޒު ކުރިމަތީގައި މަޑުކޮށްލިއެވެ.

“އަމިއްލައަކަށްނު އަހަރެންގެ ޓޭބަލް މިތަނަށް ބަދަލު ކުރީވެސް.. ހައިދަރު ހީކުރީ އަހަންނަކީ ކުޅޭ ކުޅޭ ބުދެއް ކަމަށްތަ؟ ނުނިކުންނާނަން!” ޝައިނާގެ ގާތަށްވެސް ރުޅިއައެވެ.

“ޔޫ ރިއަލީ ވޯންޓު ޓެސްޓް މައި ޕޭޝަންސް ހްމް؟” ހައިދަރު ތެދުވެގެން ޝައިނާއާއި ދިމާލަށް އައި ގޮތުން ބިރުވެސް ގަތެވެ. ނަމަވެސް ޝައިނާ ބޭނުންވީ ހައިދަރުއަށް އޭނާ ފަސް ނުޖެހޭނެ ކަން އަންގާށެވެ. ހުރި ފިޔަވަޅު މަތިން ގުޑިވެސް ނުލާ ހުއްޓާ، ހައިދަރު އައިސް މަޑުކޮށްލީ ދާދި ގާތުގައެވެ.

ހައިދަރު ކުއްލި ހަރަކާތަކާއެކު ޝައިނާގެ އުނަގަނޑުގައި ހިފަހައްޓާލާފައި ގެނެސް އޭނާގެ ގަޔަށް ލައްކޮށްލިއެވެ. ޝައިނާގެ ހިތް ދިރޭ ރަހަފޮދެއް ހެން ތެޅިގަތެވެ. އެދެމެދުގައި ވައިރޯޅިއަކަށް ވެސް ވަދެވޭނެ ޖާގަ ނެތްއިރު، ހައިދަރުގެ ހިތްވެސް އަވަސް ވަމުން އައެވެ. ބަޔާން ކޮށްދޭން ނޭނގޭ ފަދަ އަސަރުތައް އޭނާގެ ޒުވާން ހިތަށްވެސް ކުރަމުން ދިޔައެވެ. މީގެ ކުރިން ދުވަހަކުވެސް، އެއްވެސް އަންހެން ކުއްޖަކަށް އޭނާގެ އިހްސާސްތަކާއި މިގޮތަށް ކުޅެވިފައެއް ނެތެވެ.

އެހާ ކައިރިން ޝައިނާ ފެނުމުން ހައިދަރުއަށް އެމޫނުގެ ރީތިކަމާއި މެދުވެސް ވިސްނާލެވުނެވެ. ދިގު ކަމުން މައްޗަށް ލެނބިފައިވާ އެސްފިޔަތަކުގެ ދޭތެރެއިން ގަދަ ކަޅު ކުލައިގެ ކަޅި ފެންނައިރު، ފުން ކަނޑެއް ފަދަ ދެލޮލުގެ ތެރެއަށް ގެނބިގެން ދާން ބޭނުންވިއެވެ. އެއްވެސް މޭކަޕަކާއި ނުލާ ހުރިއިރުވެސް ބައްޓަން ރީތި ތުންފަތުގައި ވަނީ ފިޔާތޮށި ކުލައެކެވެ. އެތުންފަތް މަޑުވާނެ ވަރު ހިތަށް އަރާފައިވެސް، ހައިދަރުގެ ހިއްސުތަކުގައި އަލިފާން ރޯކުރުވިއެވެ. އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން ބޭނުން ނުވި ދަނޑިވަޅެކެވެ.

ޝައިނާގެ ދެއަތް ފަހަތުން ގެންގޮސް ހައިދަރުގެ އެއްއަތުގެ ތެރޭގައި ރީއްޗަށް ހައްޔަރު ކޮއްލާފައި އޮތްއިރު، އަނެއް އަތުން ހައިދަރު ޝައިނާގެ ކަނދުރާގައި ހިފަހައްޓާލިއެވެ. ނުރައްކާތެރި ދަރަޖައަކަށް ދެމޫނު ކައިރި ވީއިރު، ޝައިނާއަށް ލޯ މަރާލެވުނެވެ. ސިކުނޑިން ވިސްނައިދިނީ ހައިދަރުގެ އަތުތެރެއިން ވީއްލިގެން ދިއުމަށެވެ. ނަމަވެސް ހިތް ވިސްނައިދިނީ މިއީ އޭނާވެސް ބޭނުންވާގޮތް ކަމެވެ. ހިތާއި ސިކުނޑީގެ މިހަނގުރާމަ ނުނިމިގެން އުޅެނިކޮށް، ހައިދަރުގެ ތުންފަތުގެ ބީހުން އިހްސާސް ކުރެވުނެވެ.

ދެތިން މިނިޓް ފާއިތުވެ ދިޔަފަހުން ހައިދަރު ބޯހިއްލާލީ، ހިތް ނުފުރުނަސް އޮކްސިޖަން ކޮޅަކަށް ބޭނުންވީ ވަރުންނެވެ. އޭރު ޝައިނާގެ ނޭވާ ހުސްވެ މަރުނުވީ ކިރިޔާއެވެ. ހަށިގަނޑުގައި ވާހާ ލެއެއް އެމޫނު މަށްޗަށް ޖަމާވެފައި ވާހެން ހީވެއެވެ. އެތުންފަތުގައިވީ ފިޔާތޮށިކުލަ، މަޑު ރަތްކުލަ އަކަށް ބަދަލުވެފައި ވާތަން ފެނި ހައިދަރު މޮޔަވާ ގޮތްވިއެވެ. އެކަމަކު އިތުރަށް ކުރިއަށް ނުގެންދެވުނީ ކެބިންގެ ދޮރުގައި މީހަކު ޓަކި ޖަހާލުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shau

Level 110 Stories100 Login

Other Articles

Previous

ޝަބްނަމް 1

Next

ހަނދަކީ ކަލާ ކަމުގާވިޔަސް 5

Next
December 17, 2021

ހަނދަކީ ކަލާ ކަމުގާވިޔަސް 5

Previews
December 16, 2021

ޝަބްނަމް 1



All Right Reserved!