Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހައިދަރު-8

Shau Level 110 Stories100 Login
December 11, 2021 5 Mins Read
0 Comments

އެގޮތުގައި ޝައިނާގެ އިންތިޒާރުގައި ތިއްބާ ފެނުނީ ކެބިންއިން ނިކުމެގެން އަންނަ ތަނެވެ. މޫނު މިލާ މޯޅި ވެފައިވީއިރު، ދެލޯ ދުޅަވެ ރޮއިފައި ހުރިހެންވެސް ހީވެއެވެ.

ނާލާ ދުވެފައި އައިސް ޝައިނާގެ އަތުގައި ހިފާލިއެވެ. އަޒަލްވެސް ހުރީ ވީގޮތެއް އެނގެން ބޭނުން ވެފައެވެ. ޝައިނާ އެކުވެރިންނަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އޭނާ މިއައީ އަމިއްލަ ހުރިހާ އުފާތަކާއި ހުވަފެންތައް އަމިއްލަ އަތުން ކަފުންކޮށް ވަޅުލާފައެވެ. ދިރިއުޅުމުގައި މިހާތަނަށް ދިމާވި ކޮންމެ ކަމަކާ ކުރިމަތިލާ ކާމިޔާބު ކޮށްފައިވާއިރު، މިއަދު ހައިދަރުގެ ކުރިމަތީގައި އޭނާ ބަލިކަށި ވެއްޖެއެވެ. ހިތުގެ މަތީގައި ހިލަ ބާއްވައިގެން އޭނާ އެއައީ ހައިދަރުގެ އެދުމަށް އިޖާބަދީ އާނ ބަސް ބުނެފައެވެ.

ޝައިނާއަށް ގޮތް ހުސްވީއެވެ. މަންމައާއި ބައްޕަ އޭނާ މިހާހިސާބަށް ގެނައުމުގައި އުފުލި ބުރަ، ޝައިނާއަށް ވަޒަން ކުރެވެއެވެ. އިތުރު މާޔޫސް ކަމެއްގެ ތެރެއަށް އެދެމީހުން ވައްޓާލާކަށް އޭނާ އަކަށް ލާހިކެއް ނޫނެވެ. ލޮލުން އޮހިގަންނަން ތައްޔާރަށް ހުރި ކަރުނަތަށް އެތެރެއަށް ހިންދާލުމަށްފަހު އޭނާ ދާން ހިނގައިގަތީ، އެކުވެރިން ކައިރީ ފަހުން ބައްދަލުވާނެ ކަމަށް ބުނެފައެވެ. މިވަގުތު އިތުރު ވާހަކައެއް ދައްކާނެ ހިއްވަރެއް ނެތެވެ.

އޮފީހުން ނިކުމެ ހިނގައިގަތީ ވަކި މިސްރާބެއް ވެސް ނެތިއެވެ. ސްކޫލްތައް ނިމޭ ގަޑި ކަމަށް ވެފައި، މަގުމަތީގައި ދެކޮޅަށް ދުއްވާ އެއްޗެއްސާއި މީހުންވެސް އެހާ ގިނައެވެ. ކާރެއްގެ ބަރުގޮނުގެ އަޑަށް ޝައިނާ ސިހިފައި ބަލާލިއިރު، ހައިދަރު ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްގެން ބަލަހައްޓައިގެން އިނެވެ. ޝައިނާ މޫނު ބަނަކޮށްލަމުން ކުރިއަށް ހިނގައިގަތެވެ. ތަންކޮޅަކަށް ދެވުނުތަނާ އަނެއްކާވެސް އައިސް ހަމަ ކުރިއެވެ.

“މިއެންމެންގެ ތެރޭ ލަދު ގަންނަން ބޭނުން ނެތިއްޔާ ކާރަށް އަރާ.. ” އެއިވުނީ ހައިދަރުގެ އަޑެވެ. ޝައިނާ ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު ކާރަށް އެރިއެވެ. ހައިދަރު ބޭނުންވާ ކަމެއް ކޮށްފައި ނޫނީ ދުލެއް ނުކުރާނެކަން އޭނާއަށް ދަސްވެއްޖެއެވެ. އެހެން ނޫނަސް އޭނާ މިއައީ ހައިދަރުއާއި އިންނަން އެއްބަސް ވެފައެވެ. އެއަށްވުރެ ބޮޑު ނިކަމެތިކަމެއް ދެން ލިބޭނެ ހެންވެސް ޝައިނާއަކަށް ހިޔެއްނުވެއެވެ.

“ކޮންމެ ކަމެއްގަ ވެސް އަހަރެން އިންޒާރެއް ނުދެނީސް ޝައިނާއަށް އެއްބަސް ވެވޭ ކަމަކަށް ނުވޭދޯ ސްވީޓްހާޓް..” ހައިދަރު އެކޮއްލީ މަލާމާތެކެވެ.

ގޭގެ ދޮރުމަށްޗަށް ކާރު މަޑުކޮށްލުމަށްފަހު ހައިދަރުވެސް ފޭބުމުން ޝައިނާ ސިހުނެވެ. “ކީއްކުރަން ތިއުޅެނީ؟”

“އަހަރެންގެ ވާންއުޅޭ މަމް އިން ލޯ އާއި ބައްދަލުކޮށްލަން؟” ހައިދަރު އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.

“ފުރަތަމަ އަހަރެން މަންމަމެންނާއި ވާހަކަ ދެއްކިޔަދީ ޕްލީޒް..” ޝައިނާ އަދި ބުނެ ނުނިމެނީސް ބައްޕަ ފުއާދު ދޮރުހުޅުވާލާފައި ނިކުތެވެ. ޝައިނާ ވަގުތުން މޫނުގެ ކުލަ ބަދަލުވިއިރު، ހައިދަރު ހާސް ވިހެނެއް ހިޔެއްނުވެއެވެ.

“ދަރިފުޅު.. މީ ކޮން ކުއްޖެއްތަ؟” ބައްފަގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިގެން ޝައިނާ ބަލާލީ ހައިދަރުގެ މޫނަށެވެ. ހައިދަރު ކުރިއަށް ޖެހިލާފައި ޝައިނާގެ ބައްޕައާއި ސަލާމް ކޮށްލިއެވެ.

“ޝައިނާ ނުވެސް ބުނޭދޯ އަޅުގަނޑުގެ ވާހަކަ..” ހައިދަރު ޖުމްލަ ނިންމާލަމުން ޝައިނާއަށް ބަލާލިއިރު، އެމޫނުގައިވީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. ޝައިނާ ހައިދަރުގެ މޫނުން ނަޒަރު ވަކިކޮށް ބައްޕަގެ މޫނަށް ބަލާލިއިރު، އޭނާގެ ޖަވާބަކަށް އިންތިޒާރު ކޮށްގެން ހުރިކަހަލަ އެވެ.

“ބައްޕާ މީ ހައިދަރު.. ބޮސްގެ ހަގު ދަރިފުޅު..” ޝައިނާއަށް ދެވެން އޮތް އެންމެ ރަނގަޅު ޖަވާބެއް ދިނެވެ.

“ހިނގާ ވާހަކަ ދައްކާލަން އެތެރެއަށް..” ފުއާދު އެހެން ބުނެފައި އެތެރެއަށް ހިނގައިގަތުމުން ޝައިނާ ބައްޕާއޭ ކިޔާފައި ބާރަށް ގޮވާލިއެވެ. އަދި ދުވެފައި ގޮސް ބައްޕައާއި އަރާ ހަމަ ކުރިއިރު ހައިދަރުވެސް ފަހަތުން އާދެއެވެ.

“ބައްޕާ.. ހައިދަރު އަކަށް މަޑެއް ނުކުރެވޭނެ.. އޮފީހުގަ ވަރަށް ބިޒީ ދުވަހެއް މިއަދަކީ..” ޝައިނާ އެހެން ބުނީ ހައިދަރުވެސް އޭނާއާއި ބައިވާނެ ކަމަށް ހީކޮށެވެ. އޭރު މަންމަވެސް އެދިމާލަށް އާދެއެވެ.

“އައްދެ.. އަހަރެންމީ ޝައިނާ ކަހަލަ މީހެއް ނޫނޭ އަބަދު މަސައްކަތަށް ގޮސް ހުސްވާކަށް.. ބައްޕައަށް އެނގޭތަ މިއަދުވެސް ބަލިވެ އުޅެމުން އޮފީހަށް އެދިޔައީ.. މިހާރުވެސް އަޅުގަނޑު ގަދަކަމުން ގެއަށް ނުގެނައިނަމަ އަދިވެސް ހުރީހީ މަސައްކަތުގަ..” ހައިދަރު ހަސީނާއާއިވެސް ސަލާމް ކޮށްލިއެވެ. “މަންމަމެންނާއި ދިމާވީ އެންމެ ފުރަތަމަ ދުވަހުވެސް ޝައިނާ މިއުޅެނީ އަހަރެން ފޮނުވާ ނުލެވިގެން ވިއްޔަ..” ހައިދަރު އެއްލޯ މަރާލިތަން ފެނުނީ ޝައިނާއަށް އެކަންޏެވެ.

މަންމައާއި ބައްޕަ ލަސްނުވެ އުޅެގަތީ މެހެމާންދާރީ އަދާ ކުރުމާއިގެންނެވެ. މަންމަ އަވަހަށް ޖޫހާއި ބިސްކޯދު ގެނެސް ދިންއިރު، ބައްޕަ އޮފީހުގެ އެކި ވާހަކަތައް އޮޅުން ފިލުވިއެވެ.

ހައިދަރު ކިތަންމެ ހިތްހެޔޮކަމާއި އެކު ވާހަކަ ދެއްކިޔަސް، މިއީ އޭނާގެ މަންމަ މަރާލި މީހާގެ މައިންބަފައިންކަން ހަނދާން ނައްތައެއް ނުލައެވެ. މިމީހުންގެ ދަރިފުޅުގެ ހަޔާތް އޭނާ ބަރުބާދު ކޮށްލާނެކަން އެނގޭނަމަ، އެހާ ހީހީފައި ވާހަކަ ނުދެއްކީހެވެ. ދެން ހުރި ފިރިހެން ދަރި މަރުވާނީ އޭނާގެ އަތުން ކަންނޭނގެއެވެ. މަންމައަށްޓަކައި އޭނާ މިއެކްޓް ކުރަން މަޖުބޫރެވެ. އަދިވެސް މަންޒިލާއި ހަމައަށް ފޯރަން ލައްކަ ގިނަ ދުވަސް އެބައޮތެވެ.

“ޝައިނާގެ ބޭބެއެއް ދައްތައެއްވެސް ނުހުރޭތަ؟” ހައިދަރު ދުރުދުރުން އޮޅުން ފިލުވަން މަސައްކަތް ކުރިއެވެ.

“އަހަރެމެންގެ ހުންނަނީ އެންމެ ކުއްޖެއް..” ހައިދަރުގެ ސުވާލުން މިދެމަފިރިންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިތަން ހައިދަރު ދުށްޓެވެ. އެންމެ ކުއްޖެކޭ ބުނިލެއްވެސް އަވަހެއް ނޫންހެއްޔެވެ؟ ވީއިރު މިއެންމެން ބައިވެގެން އެގާތިލު ފިލުވައިގެން އުޅެނީތާއެވެ. އެންމެ ރަނގަޅެވެ. ކިތަންމެ ޒަމާނަކުން ވިޔަސް އެމީހާ ހައިދަރުގެ ކުރިމަށްޗަށް ގެންނާނެއެވެ. ފުރާނަވެސް ރޮއިގަންނަވަރު ކޮށްލާނެއެވެ. ދެން މާގިނަ ދުވަހު އިންތިޒާރު ކުރާކަށްވެސް ބޭނުމެއް ނޫނެވެ.

“ހަގީގަތުގަ މިއަދު އަންނަން މިޖެހުނު ސަބަބަކީ.. ބައްޕަމެންގެ ހުރި އެންމެ ދަރިފުޅު.. އަޅުގަނޑަށް ވަރަށް ކަމުހިނގައްޖެ.. މަންމައާއި ބައްޕަ ގަބޫލް ކަމަށް ވާނަމަ ބޭނުން ވީހާވެސް އަވަހަކަށް ކައިވެނި ކުރަން.. ޝައިނާވެސް ބޭނުމެއް ނުވާނެ އެހާގިނަ ދުވަހު ރައްޓެހި ވެގެން އުޅޭކަށް..” ހައިދަރު ފިޔަވައި ދެން ތިބި އެންމެނަށްވެސް ލިބުނީ ސިހުމެކެވެ.

“ރައްޓެހިވެގެންނޭ؟” ހަސީނާ ހިތްހަމަ ނުޖެހުނެވެ. “ދަރިފުޅު މަންމަމެން ގާތު ތިކަހަލަ ވާހަކައެއް ނުވެސް ބުނަމެއްނު؟”

“ރައްޓެއްސެއް ނުވަން މަންމާ.. ހައިދަރު އިންނަން އެހީމަ އަޅުގަނޑު ބުނީ މަންމަމެން ކައިރިން އަހާލާފައޭ އެނގޭނީ..” ޝައިނާ އެހެން ބުނެލަމުން ހައިދަރުއަށް ކަޅިއަޅާލިއެވެ.

“އެއީ އަޅުގަނޑަށް ޝައިނާ އެހާ ކަމުދިޔަ އެއް ސަބަބު.. މިޒަމާނުގަ މައިންބަފައިންނަށް އެހާ އިސްކަން ދޭ ދަރިން ނުވެސް ފެންނާނެ.. ޝައިނާއަކީ ވަރަށް ރަނގަޅު ކުއްޖެއް.. މަސައްކަތަށްވެސް ފަރުވާތެރި، ހީވާގި ކުއްޖެއް.. ” ހައިދަރުގެ ވާހަކައިން، ފުއާދު ފަހުރުވެރިކަމާއި އެކު ޝައިނާއަށް ބަލަހައްޓައިގެން ހުރިއިރު، ޝައިނާއަށް ހައިދަރުގެ މި ކުޑަ މަކަރު އެނގުނެވެ.

“ޝައިނާ ކުރަން ބޭނުމިއްޔާ އަހަރެމެން ނެތިން ތި ކައިވެންޏަށް ހުރަސް އަޅާކަށް..” ބައްޕަ އެހެން ބުނުމާއެކު ޝައިނާއަށް ދެލޯ މަރާލެވުނެވެ. އޭނާއަށް މަޖުބޫރުވެފައި ވާވަރު، ބައްޕަމެންނަށް އެނގޭނެނަމައެވެ.

“އެކަމަކު އަހަރެމެންނަކަށް އަދި އެހާ ރަނގަޅަކަށް ހައިދަރު ތީ ކާކުކަމާ ތި އާއިލާއިން މީހަކުވެސް ނޭނގެ..” ފުއާދު ބުނެލީ މަޑުމަޑުންނެވެ. ހުރި އެންމެ އަންހެން ދަރިފުޅު މީހަކާ އިންނަ ވަރަށް ބޮޑު ވެއްޖެކަން އިހުސާސް ކުރެވުމުން، އެހިތަށް ނުބައި ގޮތެއް ވިއެވެ.

“ޝައިނާ ބައްޕަމެންގެ ހުއްދަ ލިބެންދެން މި މަޑުކުރީވެސް.. ދެން ވާހަކަ ދައްކާނީ ދެފެމެލީ އެއްކޮށް ތިބެގެން..” ހައިދަރު ކޮޅަށް ތެދުވެ ފުއާދުއާއި ސަލާމް ކޮށްލިއެވެ. “ދެން މިވަގުތު ގޮސްލީ..” ހަސީނާއާއި ހިނިތުންވެލަމުން ހައިދަރު ދާން ހިނގައިގަތެވެ. ޝައިނާވެސް ހައިދަރުއާއި އެކީ ބޭރު ދޮރާއި ހަމައަށް އައެވެ.

“ސީ.. އައިމް ނޮޓް އޭޒް ބޭޑް އޭޒް ޔޫ ތިންކް.. ދެން ޝައިނާ ނުޖެހޭނެއެއްނު މަންމަމެން ކައިރީ ބުނާނެ ގޮތެއް ނޭނގިގެން ބޯގޮއްވާކަށް.. އައި މޭޑް އިޓް އޯލް އީޒީ ފޯ ޔޫ..” ހައިދަރު ގޭގެ ދޮރާށިން ނިކުމެ މަގުގެ ދެކޮޅު ހޯދާލިއެވެ. ޝައިނާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ހައިދަރު މީ ކޮންކަހަލަ މީހެއް ހެއްޔެެވެ؟ އޭނާ ބުނެލި ކުޑަ ބަސް ކޮޅަކަށް ބަދަލު ހިފުމުގެ ގޮތުން ހައިދަރުގެ އަމިއްލަ ދިރިއުޅުންވެސް ގުރުބާން ކޮށްލަން އެހެރީ ތައްޔާރަށެވެ.

ހައިދަރު ދިއުމުން ޝައިނާ ގެއަށް ވަންއިރު، ބައްޕަ އަނެއްކާވެސް ބޭރަށް ދާން ނިކުންނަނީ އެވެ. މެންދުރު ނަމާދު ވަގުތު ކައިރި ވެފައި ވާތީ ބައްޕަ އެދަނީ މިސްކިތަށެވެ. ހަސީނާ ބަދިގޭގައި އަވަދި ނެތި އުޅެމުން ދިޔައިރު، ހިތާއި ސިކުނޑި އެއަށްވުރެ ހަލުވި މިނުގައި މަސައްކަތް ކުރަމުން ދިޔައެވެ. ސިކުނޑީގެ ކަނަކުން އަންގަމުން ދިޔައީ ކޮންމެވެސް ނުބައެއް އެބައުޅޭ ކަމެވެ. ޝައިނާ މީހަކާއި އިނުމުގެ އެއްވެސް ހިޔާލެއް ނެތި ހުރި ކުއްޖަކު، މިހާ ކުއްލިއަކަށް މީހަކާއި އިންނަން ބޭނުންވުމުން ވެސް ސުވާލު އުފެދެއެވެ. އަނެއްކޮޅުން ހައިދަރު ހަމަ އެންމެ ފުރަތަމަ އެމީހުންގެ ލޮލަށް ފެނުނު ދުވަހު ކައިވެންޏަށްވެސް އަހައިފިއެވެ. ލޮލުގެ ކޮއިފަދަ ލޯބިވާ ދަރިފުޅު ކޮންމެ ކޮންމެ މީހަކާއި ހަވާލުވެސް ނުކުރެވޭނެ ނޫންހެއްޔެވެ؟

“މަންމާ.. ބުނީމެއްނު މަންމަ ދެން މިއަދު ކައްކާނެކަމެއް ނެތޭ.. މިއަދު ދެން ބޭރުން ކާއެއްޗަކަށް އޯޑަރު ކޮށްލާނީ ދޯ؟” ޝައިނާ މަންމަގެ އަތުން ހަނޑޫ ކޮތަޅު އަތުލާފައި ބެހެއްޓިއެވެ.

“ޝައިނާ މީހަކާ އިންނަވަރު ވެއްޖެތަ؟” ހަސީނާ ދަރިފުޅުގެ މޫނަށް ބަލަމުން ދިޔައީ ކަމެއް ދިރާސާ ކުރާ ފަދައަކުންނެވެ.

“ހައިދަރު އެއީ ވަރަށް ރަނގަޅު މީހެއް..” ޝައިނާ ބެލީ ހަތަރުކަޅި ހަމަ ނުކޮށް ވޭތޯއެވެ.

“ކިހާ ދުވަހެއް ވެއްޖެ؟ މަންމަ ހީކުރީ މަންމަ މީ ދަރިފުޅުގެ އެންމެ ގާތް އެކުވެރިޔާ ކަމަށް.. ތިވަރު ކަމެއް ހިނގިއިރު ކީއްވެ މަންމަމެންނަށް އަންގާނުލީ؟” މަންމަގެ ސުވާލުތަކުން ރެކެވޭނެ ގޮތެއް މިއަދު ނެތްކަން ޝައިނާއަށް އެނގުނެވެ.

“މަންމާ ހައިދަރު އެވާހަކަ ބުނީވެސް މިއަދު.. ވަގުތުން މަންމަމެންނަށް ވެސް މިއެންގީއެއްނު..” ޝައިނާ ޒިންގަލް ރެސްޓޯރެންޓްގެ ނަންބަރަށް ގުޅާލިއެވެ. ބައްޕަ ނަމާދުން އަންނަން ވާއިރަށް ކާއެއްޗެހި ލިބޭނެ ކަމެއްވެސް ނޭނގެއެވެ.

“އޭނަ ރަނގަޅަށް ދަސްވެސް ނުވަނީސް ދަރިފުޅު އެއްބަސްވީތަ؟ އެއީ ކޮންކަހަލަ މީހެއް ކަމެއްވެސް އެނގެނީއެއް ނޫން..” ޝައިނާ ކާއެއްޗެއްސަށް އޯޑަރު ދޭން ފެށުމުން ހަސީނާ ވާހަކަ މެދުކަނޑާލިއެވެ. ޝައިނާ ފޯނު ނިމުމުން ޖީބަށްލުމަށްފަހު މަންމަގެ އަތުގައި ހިފާލިއެވެ.

“މަންމާ.. ހައިދަރު އެބުނީނު އެއާއިލާ މީހުންނާ މަންމަމެން ބައްދަލު ކުރުވާނެ ވާހަކަ؟.. ހައިދަރު އެއީ ގޯސް މީހެއް ނޫން.. ކުންފުނީގެ އިސް ވެރިޔާގެ ދަރިފުޅު.. ގަދަރުވެރި އާއިލާއެއް.. އަނެއްކާ ރަނގަޅު ވީމައެއްނު އިންނަން އަހާނީ؟” ޝައިނާ ދެއްކި ވާހަކަތަކުން މަންމައަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ހޯދައި ދެވުނަސް، އަމިއްލަ ހިތަށް ތަސައްލީއެއް ނުދެވުނެވެ. ހައިދަރުގެ މަގްސަދު ރަނގަޅަށް އެނގިހުރި ހާލު މަންމަމެން ކައިރީ ދޮގުތަކެއް ހަދަންވެސް މިއަދު މަޖުބޫރުވީ އެވެ.

ރޭގަނޑުގެ ވަގުތެވެ. ލިލަކް ވިއުގެ ހުރިހާ މެންބަރުން ކެއުމަށް އިންސާފު ކުރަމުން ދިޔައެވެ. ހައިތަމް ޒޯޔާގެ އަނގައިގައި ސޫޕްކޮޅެއް ލައްވައިގެން ކާން ދެވޭތޯ ބަލަމުން ދިޔައެވެ. ބަލިވެ އުޅުމުގެ ސަބަބުން މުޅި ދުވަހު ހޮޑުލަވާ، ޒޯޔާގެ ހަށިގަނޑުގައި އެހާ ހަކަތައެއްވެސް ނެތެވެ. ހާޖަރު އެމަންޒަރު ބަލަން ހުރެފައި ހިނިތުންވެލިއެވެ. ލޯބި ދެމަފިރިންނެވެ. ފުރާވަރަށް އެޅިފައި ހުރުމުން އޭނާގެ ޒުވާން ހިތްވެސް މިހާރު މިފަދަ އިހުސާސްތައް ތަޖުރިބާ ކޮށްލާ ހިތްވެއެވެ. ވާހަކަ ތަކުން އެފެންނަ ފަދަ ޕްރިންސްއެއް އޭނާގެ ހަޔާތަށް ވެސް އަންނާނެ ދުވަހަކަށް އިންތިޒާރު ކުރެވެއެވެ.

އަމީރާއާއި ޖުނައިދުވެސް ލަސްލަހުން ކަމުން ދިޔައެވެ. ހައިދަރު ތަށި ފުރާ ޑެވިލްޑް ކުކުޅު އަޅައިގެން ހުރެ ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ. މިއީ އެންމެ ރަނގަޅު ދަނޑިވަޅެވެ. މިރޭ ކޮންމެހެންވެސް ބައްޕަ ކައިރީ މިވާހަކަ ބުނަން ޖެހޭނެއެވެ.

“މިއުޅެނީ މީހަކާއި އިންނަން..” ހައިދަރު އެއްވެސް އިހުސާސެއް ނެތި ބުނެލިއެވެ.

“ކޯއްޗެކޭ؟” ހައިތަމްގެ ދުލުން އެހެން ބޭރުވީ އިހްތިޔާރަކާއި ނުލައެވެ. އެންމެންގެ ކެއުން މަޑު ޖެހިއްޖެއެވެ. ޖުނައިދު އިތުރަށް ސުވާލުކުރުމުން ހައިދަރު ތަފްސީލް ދިނެވެ.

ކައިވެންޏަކީ އަބަދުވެސް ކުރަން ބޭނުންވި ކަމެއް ކަމަށާއި މީހަކާއި އިނުމުން ބައްޕަ ބުނިފަދައިން އިތުރަށް ޒިންމާދާރު ވެވޭނެ ކަމަށް ގަބޫލު ކުރާކަމަށް ވެސް ބުންޏެވެ. އަދި މިހާރު ރަނގަޅު ކުއްޖަކު ފެނުމުން ލަސްކުރަން ބޭނުންނުވާ ވާހަކަވެސް ބުންޏެވެ. އެކުއްޖަކީ ޝައިނާކަން އެނގުމުން ޖުނައިދުވެސް ހިތްހަމަ ޖެހުނެވެ. ޝައިނާއަކީ އަހުލާގު ރަނގަޅު ބަސްއަހާ ކިޔަމަންތެރި ކުއްޖެއްކަން ޖުނައިދުއަށް އެނގެއެވެ.

ދެއާއިލާ ބައްދަލު ކުރުމަށް ކަނޑައެޅި ހަފްތާގެ ހުކުރު ދުވަސްވެސް އައިސް ޖެހިއްޖެއެވެ. ޝައިނާއާއި ޝައިނާގެ މައިންބަފައިން ބަލާ ހައިދަރު ދިޔުމުން، އެންމެން އިންތިޒާރު ކުރަމުން ދިޔައީ އެނބުރި އަންނާނެ އިރަކަށެވެ. އާއިލާގެ ހުރިހާ މެންބަރުން ގޭގެ ލިވިން ރޫމްގެ ސޯފާގައި ތިބިއިރު، އަމީރާގެ ނަޒަރު ގޭގެ ދޮރުން ވަކިވެސް ނުވެއެވެ. މިއީ އޭނާގެ އެތައް ފޮނި ހުވަފެން ތަކަކާ ގުޅިފައިވާ ދުވަހެކެވެ. ކާރު ޕާކްކޮށްލި އަޑާއެކު ދޮރާއި ދިމާލަށް ހިނގައިގަތް އަމީރާގެ ފިޔަވަޅުތައް ގަނޑުވީ، ހައިދަރުގެ ފަހަތުން ވަދެގެން އައި ތިން މީހުން ފެނިފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shau

Level 110 Stories100 Login

Other Articles

Previous

ވާލޯބި ނޭނގޭހޭ -1

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނުވަދިހަ ހަވަނަ ބައި)

Next
December 12, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނުވަދިހަ ހަވަނަ ބައި)

Previews
December 11, 2021

ވާލޯބި ނޭނގޭހޭ -1



All Right Reserved!