Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހައިދަރު-7

Shau Level 110 Stories100 Login
December 9, 2021 5 Mins Read
1 Comment

“އޯހ ޝައިނާ.. ޔޫ އާ ސޯ ނައިވް.. ވަޓް އައި މެންޓް ވޯޒް، ޑޯންޓް ޕޭއި މީ އިން ކޭޝް.. ބަޓް ޕޭއި މީ.. އިން ކައިންޑް..” ހައިދަރު ޖުމްލައިގެ ފަހު އަކުރުތަށް ޝައިނާގެ ކަންފަތް ދޮށުގައި ވައި އަޑުން ކިޔާލިއިރު، ޝައިނާގެ ދެލޯ ބޮޑުވެގެން އައެވެ.

“އަހަރެން ޝައިނާގެ ފަރާތުން ބޭނުން ވަނީ އެންމެ ކަމެއް..” ހައިދަރު ސީދާ ޕޮއިންޓަށް ދިޔައެވެ. “މެރީ މީ..”

ޝައިނާއަށް އެއަޑު އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. ފުންމައިގެން ތެދުވެވުނީ ލިބުނު ޝޮކްގެ ބޮޑުކަމުންނެވެ. ހައިދަރު މިކިޔަނީ ކީކޭ ހެއްޔެވެ؟ އޭނާ މޮޔަވީ ހެއްޔެވެ؟ އޮބި ނޯންނަ ވަރަށް ތެޅިގަތް ހިތް، ހަމައަކަށް އަޅުވާލަން ވަގުތުކޮޅެއް ނެގިއެވެ. ހައިދަރު ކީ އެއްޗެއް ސިކުނޑިއަށް ނަގައިގަނެވުމުން ވާހަކަ ދައްކަން ފެށިއެވެ.

“ކީއްވެ އަހަންނާ އިންނަން ބޭނުންވަނީ؟ ޔޫ ހޭޓް މީ.. ލޯބި ނުވާ މީހަކާ އިނުމުގެ ބޭނުމަކީ ކޮބާ؟” ޝައިނާ ކޮށްލީ ހަގީގަތުގައިވެސް ހިތުގައި އުފެދުނު ސުވާލެވެ.

“ލޯބިވުމަކީ އަހަރެން ދަންނަ ކަމެއް ނޫން.. އެކަމު ލޯބީގެ ބަދަލުގަ، ހަމަ އެހާ އިންޓެންސް ފީލިންގްއެއް އުފެދިއްޖެއްޔާ ކައިވެނި ކުރުމަކުން މައްސަލައެއް ނެތެއްނު.. މިސާލަކަށް ހޭޓް.. ހޭޓް ކުރަން ތިޔަށްވުރެ ރަނގަޅު ކުއްޖަކު މަށަކަށް ނުފެނުނު..” ހައިދަރު އަތުކުރީގައި އޮތް ގަޑިއަށް ބަލާލައިިފިއެވެ.

“އަހަރެން ހައިދަރުއަކާ ކައިވެންޏެއް ނުކުރާނަން.. ތިހެން އަހަންނަށް ބިރު ދައްކައިގެން ހައިދަރު ބޭނުންހާ ކަމެއް ކުރެވިދާނެއޭ ހީވަންޏާ ތީ ކުށްހީއެއް.. މިދުނިޔެ މަތިން އިންސާނުން ހުސްވިޔަސް ތިކަހަލަ މީހަކާ ނީންނާނަން.. އަޑު އިވިއްޖެތަ؟؟.. ” ހައިދަރު ފާޑަކަށް ހިނިތުން ވެލައިގެން ހުރިތަން ފެނިފައި، ރުޅި އާދެވުނު ވަރުން އެންމެ ފަހު ޖުމްލަ ބުނެވުނީވެސް ހަޅޭލަވައިގަނެފައެވެ.

“ޝްޝްޝްޝް.. ކްވައިޓް.. ” ހައިދަރު ޝަހާދަތް އިނގިލި ޝައިނާގެ ތުންފަތުގައި ޖައްސާލުމުން އޭނާގެ އަތްވެސް ފޮޅުވާލިއެވެ.

“އަހަންނަށް ހީވަނީ ޝައިނާ ތިހިރީ ވަރަށް ބޮޑަށް ސްޓްރެސް ވެފަ ހެން.. ވީއިރު އަހަރެން ދޭނަން ވިސްނާލަން އެއްދުވަސް.. މާދަން ހެނދުނު އޮފީހަށް އަންނާނީ އަހަރެން އުފާވާ ކަހަލަ ޖަވާބަކައިގެން.. އެހެންވީމަ.. މިވަގުތު ބަސްއަހައިގެން ގޮސް ކާރަށް އަރާ..” ހައިދަރު ކާޑުން ދޮރު ހުޅުވާލާފައި ޝައިނާ ނިކުންނަން ތަން ދެއްކިއެވެ.

ޝައިނާއަށް ނަފްރަތަކީ އާ އިހުސާސެކެވެ. މިއަދު އެކަންވެސް ތަޖުރިބާ ކުރެވިއްޖެއެވެ. ނަފްރަތުގެ އަލިފާނުން އެތެރެހަށި އަނދައިގަތް އިރު، ހައިދަރުގެ މޫނުމަތި ނޮޅާލަންވެސް ބޭނުންވިއެވެ. އޭނާއަށް އަތުންފައިން އިތުރު ގޯހެއް ހެދުމުގެ ކުރިން ނިކުމެގެން ގޮސް ކާރަށް އެރިއެވެ. މި ދިމާވީ ކޮންފަދަ ބޮޑު މުސީބާތަކާއި ހެއްޔެެވެ؟

ހައިދަރު ކާރުގައި ދިޔައީ ޝައިނާގެ ގެއަށެވެ. ސުވާލު ކުރަން ހިތަށް އެރިޔަސް، ހައިދަރުއާއި ވާހަކަ ދައްކާކަށް ޝައިނާ ބޭނުމެއް ނުވިއެވެ. އެހިތުގައިވާ އެއްޗެއް އެނގިގެން ވާހަކަ ދެއްކީ ހައިދަރުއެވެ.

“މިއަދު ދެން ރެސްޓް ކޮށްލާ.. އިތުރަށް އޮފީހުގެ މަސައްކަތްތައް ކުރެވޭ ވަރަށްވުރެ ވަރުބަލި ވެއްޖެއެއްނު؟ އަހަރެން ބޭނުމެއް ނޫން މަގޭ.. ވާން އުޅޭ ވައިފް ލައްވާ އެހާ ޓަޔާސަމް މަސައްކަތް ކުރުވާކަށް..” ހައިދަރު ކަނާތް މުއްކަވާފައި އަނގައިގެ މަތީ އެޅީ ހިނިތުންވުމެއް ފޮރުވާލަމުންނެވެ.

ޝައިނާ އެބޮޑާ މޫނަށް ބަލަހައްޓައިގެން އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް ބޭނުމެއް ނުވިއެވެ. ބަންލާފައި ކާރުގެ ދޮރު ލެއްޕުމަށްފަހު ގޮސް ގެއަށްވަނެވެ. މަންމަ ސުވާލު ކުރުމުން ބޮލުގައި ރިއްސާތީ އަވަހަށް އައީ ކަމަށް ބުނެ، އޭނާގެ ކޮޓަރިއަށް ދިޔައެވެ.

ކޮޓަރީގެ އެނދުމަށްޗަށް ވެއްޓިގަތުމަށްފަހު، ވިސްނާލިއެވެ. ހިނގައިދިޔަ ކަންތައްތައް ސިކުނޑީގައި ނިއުޅެމުން ދިޔައެވެ. ހައިދަރު އޭނާއާއި ކައިވެނި ކުރަން ބޭނުންވީ ކީއްވެހެއްޔެވެ؟ އޭނާ ދެއްކި ވާހަކަތަކުގެ ބަދަލު ހިފަން ހައިދަރުއަށް ފެނުނު ގޮތަކީ މިއީހެއްޔެވެ؟ ހޮޓެލްގެ ކައުންޓަރުގައި އެ ސްކަލްޕްޗާވެސް ބެހެއްޓީ ހައިދަރު ކަން ޔަގީނެވެ. އޭނާ ބިރުގަންނަވަން ފެށުމުން ކޮންމެވެސް ގޮތަކަށް އޭތި ތަޅާލާނެކަން އެފިރިހެނާއަށް އެނގޭނެއެވެ. މިއީ ހަމަ މޮޅަށް ހައިދަރު ރާވާފައިވާ ޕްލޭނެކެވެ. އޭނާ ހައިދަރުއަށް ކާމިޔާބު ވިޔަކަނުދޭނެއެވެ. މާދަން ހެނދުނު އޭނާ އޮފީހަކަށްވެސް ނުދާނެއެވެ.
* * * * * * *

ޖެހިގެން އައި ދުވަހު ހައިދަރު އޮފީހަށް ދިޔުމުން އެނގުނީ، ޝައިނާ ބަލިވެ އުޅޭތީ އޮފީހަށް ހާޒިރު ނުވާކަމެވެ. އެއަންހެން ކުއްޖާ އެއުޅެނީ އޭނާގެ ކެތްތެރިކަން އިމްތިހާނުކުރަން ހެއްޔެވެ؟ އެންމެ ރަނގަޅެވެ. އޮފީހަށް ނައިސް ވިޔަދޭށެވެ. މިއަދު ޝައިނާގެ ފަރާތުން އޭނާ ބޭނުންވާ ޖަވާބު ނުހޯދައިފިއްޔާ، އޭނާގެ ނަމަކަށް ހައިދަރު ޖުނައިދު އެކޭ ނުކިޔާނެއެވެ.

ޝައިނާ އެނދުން ތެދުވާހިތް ނުވެފައި އޮއްވާ ފޯނަށް މެސެޖެއް އައިސްގެން ބެލިއިރު، ވައިބާ މެސެޖެކެވެ. ހައިދަރުގެ ނަން އަރާފައި އޮތުމުން ފުންމައިގެން ތެދުވެ އެނދުގައި އިށީނެވެ. އޭނާ އޮފީހަށް ނުދިއުމުން އެތަނުން ނަމްބަރު ހޯދައިގެން މެސެޖު ކުރީތާއެވެ. އެކަމަކު ފޮޓޯ މެސެޖެއް ކުރަންވީ ކީއްވެހެއްޔެވެ؟

ނުހުޅުވަން ހުރެފައި ޝައިނާ އެމެސެޖް ހުޅުވާލީ އެއީ ކޯއްޗެއްތޯ ބެލުމަށް، ހިތުގައި އުފެދުނު ޝައުގުވެރިކަން ބޮޑު ކަމުންނެވެ. ބަލާލިއިރު ކަމަކުދާކަށްނެތެވެ. ގޭގެ ބޭރުގައި ހުންނަ އަނބުގަސް ދޮށުގައި، ބައްޕަ ވަޑާން ކުރަން ހުއްޓާ ނަގާފައިވާ ތަސްވީރެކެވެ. ވަޑާން ކުރަން ބައްޕަ އާންމުކޮށް ހުންނަނީ ގޭގެ ބޮޑު ދޮރާށިވެސް ހުޅުވައިގެން ކަމުން، މަގުންދާ މީހަކަށް އެހިސާބު ރީއްޗަށް ފެންނާނެއެވެ.

ޝައިނާ ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ހުއްޓާ ހައިދަރުގެ ކޯލެއް އައެވެ. ތުރުތުރު އަޅަމުން ދިޔަ އިނގިލިތަކުން ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ.

“އަހަރެން އެހާ ފަސޭހަ ގޮތެއް ދެއްކީމަ ވެސް ހިޔެއް ނުވޭ ޝައިނާ އެގޮތް ބޭނުންވާ ހެނެއް.. ބޭނުމީ ހަލާކުވީ އެތީގެ އަގު ހޯދަން އަހަރެން ކޯޓަށް ދާންތަ؟ އެހެން ކަމަށް ވަންޏާވެސް ބޭރަށް ނިކުތީމަ ދޯ؟ ތިހެން ފިލައިގެން އުޅެނިކޮށް، ފަހަރެއްގަ އެމީހުން ކޯޓަށް ހާޒިރުވާންޖެހޭ ޗިޓް، ބައްޕައާއިވެސް ހަވާލު ކޮށްފާނެއެއްނު..އޭރަށް އަހަންނަށް ޖެހޭނީ އަނެއްކާ ހުރިހާ ވާހަކައެއް ބައްޕައަށް ކިޔައިދޭން..” ހައިދަރު ކިތަންމެ ރީއްޗަށް ވާހަކަ ދެއްކިޔަސް، އެއަޑުގައިވާ އިންޒާރު ޝައިނާއަށް ރީއްޗަށް ނަގައިގަނެވުނެވެ.

“ނޫން ނޫން ޕްލީޒް.. ޕްލީޒް ޑޯންޓް.. ލެ..ލެޓްސް ޓޯކް..” ޝައިނާ ވާހަކަ ދެއްކިއިރު އަޑުވެސް ތުރުތުރުލައެވެ. ހައިދަރުއަށް މިހިސާބަށް ކަންތައް ގެންދަން ކެރިދާނެ ކަމަކަށް އޭނާ ފަހަރެއްގައިވެސް ހިޔެއް ނުކުރެއެވެ. ބައްޕައަށް އެނގިއްޖެއްޔާ ދޭނެ ޖަވާބެއް އޭނާގެ އަތަކު ނެތެވެ. މަންމައާއި ބައްޕަގެ ހިތް ހަލާކުވެދާނެއެވެ. ޝައިނާއަށް ހީވީ ހުރިހާ ފަރާތަކުން އޭނާ ފިތެމުން ގޮސް ނޭވާލުމަށްވެސް ދަތިވެއްޖެހެންނެވެ.

“ވާހަކަ ދައްކަން ބޭނުމިއްޔާ ގަޑިއެއްހާ އިރު ތެރޭ އޮފީހަށް އާދޭ.. ” ހައިދަރު ފޯނު ކަނޑާލީ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތިއެވެ. ކާރު ދުއްވާލަމުން ލޯގަނޑުން ފަހަތް ބަލާލިއިރު، ޝައިނާއަށް ފާރަލާން ޔަރުދު ފޮނުވި މީހާ ފެނުނެވެ.

“އެބޯޓް މިޝަން. އައި ގޮޓް ހާ.” ހައިދަރު ޔަރުދުގެ ފޯނަށް މެސެޖެއް ކޮށްލިއެވެ.
* * * * * * * * *

ޝައިނާ އަވަސް އަރުވާލައިގެން ތައްޔާރު ވެގެން ނިކުތްތަނާ، އަނެއްކާވެސް މަންމަގެ ސުވާލުތަކާއި ކުރިމަތިވިއެވެ. “ދަރިފުޅު މިއަދު ބަލިވެގެން ސަލާމް ބުނެފަ މިހާރު އޮފީހަށް ދަނީތަ؟ އެވެސް ސައިވެސް ނުބޮއި؟” ބޫޓަށް އަރަން ހުރި ދަރިފުޅާއި ހަސީނާ ވާހަކަ ދެއްކިއިރު، މޫނުމަތީގައި ވަނީ ކަންބޮޑުވުމެވެ. އަޑުންވެސް ވަރުބަލިކަން ހާމަވެއެވެ.

“މަންމާ.. އޮފީހުގަ އެމެޖެންސީއެއް ދިމާވެގެންނޭ މިދަނީ.. އެހެން ނޫނަސް މިހާރު ބޮލުގަ ވެސް ނުރިއްސާ.. މަންމަ ކަންބޮޑުނުވެ އަރާމު ކޮށްބަލަ.. މިއަދު ދެން އެއްވެސް ކަމަކާ މަންމަ އުޅޭނެ ކަމެއް ނެތް.. މެންދުރު ބައްޕަ ކާންވާއިރަށް ގެއަށް އައިސް ކައްކާލަފާނަން.. ބައްޕަ ދިޔައީ ދޯ މިހާރު ފިހާރައަށް؟ ބައްޕަ ކައިރީވެސް ބުނެލައްޗޭ ޝައި ދިޔައީ އޮފީހަށޭ..”

ހުރިހާ ވާހަކައެއް އެއްނޭވާއިން ދައްކާލުމަށް ފަހު، ހަސީނާގެ ގައިގައި ކުޑަކޮށް ބައްދާލާފައި ޝައިނާ ނިކުމެގެން ދިޔައެވެ. އޮފީހަށް ދިޔައިރު، ނާލާއާއި އަޒަލްވީ ބްރޭކަށް ގޮހެވެ. ނަސީބެކެވެ. އެހެން ނޫންނަމަ އެންމެ ފުރަތަމަ ކުރިމަތި ލާން ޖެހޭނީ އެކުދިންގެ ސުވާލުތަކާއިއެވެ.

ފާރުގައި ހުރި ޑިޖިޓަލް ގަޑިއަށް ބަލާލަމުން އަވަސް ފިޔަވަޅުތަކެއްގައި ގޮސް ހައިދަރުގެ ކެބިންއަށް ވަނެވެ. އެތަނުން އަނެއްކާވެސް ފެނުނީ އޭނާ ހިތަށްވެސް އަދި އަރުވާފައި ނެތް ކަމެކެވެ. ހައިދަރުގެ މޭޒުގެ ކުރިމަތީގައި އިތުރު އޮފީސް މޭޒެއް ކޮމްޕިއުޓާ ސިސްޓަމަކާއެކީ ބަހައްޓާފައި ހުރިއިރު، މޭޒުމަތީގައި ހުރި ވަކަރު ކުޑަ ސްޓޭންޑެއްގައި، އޭނާގެ ނަން ބޮޑު އަކުރުން އޮތެވެ. ހައިދަރު ގޮނޑީގައި ހަމަޖެހިގެން އިންއިރު، މުޅިތާނގައި އޭނާ ޖަހައިގެން ހުރި ސެންޓްގެ ވަސް ހިފާފައި ހުއްޓެވެ.

“މީ ކޮންކަމެއް؟ ” މޭޒަށް އިޝާރާތް ކޮށްލަމުން ޝައިނާއަށް އަހާލެވުނެވެ.

“ޔޯ ޓޭބްލް.. މިގޮތަށް މަސައްކަތް ކުރަން ފަސޭހަ ވާނެތީ މިހެން މިހެދީ.. މައްސަލައެއް އެބައޮތްތަ؟..” ހައިދަރު އެހެން އެހިއިރުވެސް އިތުރު ގޮތެއް ޝައިނާ އަކަށް ނޯންނާނެކަން ޝައިނާއަށް އެނގުނެވެ. ހައިދަރުއާއި އެއް ކެބިންއެއްގަ މަސައްކަތް ކުރަންވެއްޖެއްޔާ، އޭނާއަށް އިތުރަށް ޖެއްސުން ކުރާނެ ފުރުސަތު މިފިރިހެނާއަށް ފަހިވީ ނޫން ހެއްޔެވެ؟

“ވާހަކައެއް ދައްކަން ދޯ ތިއައީ؟ ޓެލް މީ.. އައެމް އޯލް އިއާސް..” އަނެއްކާވެސް ވާހަކަ ދެއްކީ ހައިދަރުއެވެ. ޝައިނާ ވިސްނާލާފައި ގޮސް ހައިދަރުއާއި ކުރިމަތިވާގޮތަށް ގޮނޑީގައި އިށީނެވެ. އޭނާ ނިންމީ ރީތިކޮށް ވާހަކަ ދައްކައިގެން ހައިދަރުއަށް ވިސްނައިދިނުމަށެވެ.

“ލުކް ހައިދަރު.. ތިހެން އަންނަ ރުޅީގަ ލައިފްގެ މިހާ ބޮޑެތި ޑިސިޝަންސް ނެގުމަކީ ކިހާ މޮޔަ ކަމެއް؟.. ތިހެން ކަންތައް ކުރުމުން ހަލާކުވާނީ ހަމައެކަނި އަހަރެންގެ ދިރިއުޅުމެއް ނޫން.. ހައިދަރުގެ ވެސް.. އެ ސްކަލްޕްޗާގެ އަގުވެސް އަހަރެން އަދާ ކުރާނަން.. އިން ޓައިމް.. އަހަރެން މާފަށް އެދެން.. އެދުވަހު ދެއްކުނު ހުރިހާ ވާހަކައަކަށް.. އިޒިންޓް ދިސް އިނަފް ޓު ސެޓިސްފައި ޔޯ އީގޯ؟..” ޝައިނާ ވާހަކަ ނިންމާލިއިރުވެސް ހައިދަރު ހުރީ ކަޅިޖަހާ ނުލާ ބަލަހައްޓައިގެންނެވެ. އެމޫނު މަތީގައިވާ ޝުއޫރުތައް ތަރުޖަމާ ކުރާނެ ގޮތެއް ޝައިނާއަކަށް ނުވިސްނުނެވެ.

ކުއްލިއަކަށް ހައިދަރު ތެދުވެގެން އައިސް ޝައިނާ އިށީނދެގެން އިން ގޮނޑީގެ އަށްގަނޑުގައި ދެއަތުން ހިފަހައްޓާލިއެވެ. “ޔެސް.. އޯ ނޯ؟..” އަކުރުތަކަށް ބާރުލާފައި ބުނެލިއިރު، އިތުރު އެއްވެސް ވާހަކައެއް އަޑުއަހަން ބޭނުން ނުވާ ފަދައެވެ. ޝައިނާގެ ހިތް އޭގެ މަގާމު ދޫކޮށް ގޮސްދާނެ ހެން ހީވި ވަގުތުކޮޅެކެވެ. ގޮނޑިން ތެދުވެވޭކަށްވެސް ނެތެވެ.

“އަ.. އަހަރެން އަދި މީހަކާއި އިންނާކަށް ނުވޭ.. އައިމް ޖަސްޓް ޓްވެންޓީ.. މަންމަމެން ކައިރީވެސް ކީކޭ ބުނާނީ؟ ހަމަ ހުރެފަ ގޮސް މީހަކާ އިންނަންވީއޭ ނުބުނެވޭނެއެއްނު؟” ޝައިނާ އަދިވެސް ބެލީ އެނޫން ގޮތެއް ވޭތޯއެވެ.

“ދެޓްސް ނޮޓް މައި ޕްރޮބްލަމް..” ހައިދަރުގެ ހިތުގައި ރަހުމްގެ ކަންފުޅެއްވެސް ނެތެވެ. ޝައިނާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި، ހައިދަރު ބޮޑުވާ އިނގިލިން ފޮހެލިއެވެ. ޝައިނާ ހައިދަރުގެ މޭމަތީގައި އަތް އަޅާ ކޮށްޕާލުމަށް ފަހު ކޮޅަށް ތެދުވެއްޖެއެވެ.

“ފައިން.. އޭޒް ޔޫ ވިޝް..” ހައިދަރު އެހެން ބުނެފައި ފޯނުން ނަންބަރަކަށް ޑައިލް ކޮށްލިއެވެ. “ހެލޯ.. ސާރިމް އޮފީހުގަ އެބަ އުޅޭތަ؟ އޭނަ އަހަރެންގެ ކެބިންއަށް ފޮނުވަދީ..” ސާރިމް އަކީ ކުންފުނީގެ ގާނޫނީ ވަކީލެވެ. ޝައިނާގެ ގައިގެ ލޯލިތައް ކޮޅަށް ޖެހުނެވެ. ހައިދަރު ހަގީގަތުގައި ވެސް މިއުޅެނީ އޭނާ ގޮވައިގެން ކޯޓަށް ދާން ހެއްޔެވެ؟ ޝައިނާ ރޮމުން ގިސްލަމުން ހައިދަރުއަށް އާދޭސް ކުރިއެވެ.

“ލިސިން ޝައިނާ.. އައި ހެވް ހޭޑް އިނަފް އޮފް ޔޯ ނޮންސެންސް.. ޝައިނާއަށް އޮތީ ދެގޮތެއް.. އެއްގޮތަކީ އަހަންނާއި ކައިވެނި ކުރުން.. އަނެއް ގޮތަކީ ގޮސް މަންމައާއި ބައްޕަ ކައިރީ ބުނޭ، ތިމަންނަ އަތުން ހަތަރު ލައްކަ ފަސްދޮޅަސްހާސް ރުފިޔާގެ ގެއްލުން މީހަކަށް ދެވިއްޖެއޭ.. އޭރަށްދޯ ކޯޓް ޗިޓް ލިބުނީމަ އެމީހުންނަށް ހާޓްއެޓޭކެއް ނުޖެހި ސަލާމަތްވާނީ؟.. ހައިދަރު އެހެން ބުނެ ނިމުނުތަނުން ސާރިމް ކެބިންގެ ދޮރުގައި ޓަކިދިނެވެ.

ޝާއިނާއަށް ގޮތް ހުސްވިއެވެ. މިއީ ބިރުވެރި ހުވަފެނަކަށް ވާނެ ނަމައޭ ހިތަށް އެރިއެވެ. އޭނާއަކީ މި އިއްޔެއާއި ޖެހެންދެން ޖައްވުގައި އުދުހިލާފައި އުޅުނު އުފާވެރި ދޫންޏެއް ފަދަ ކުއްޖެކެވެ. މިއަދު އޭނާގެ ފިޔަ ކޮށާލެވިއްޖެ ކަމުގެ އިހުސާސް ކުރެވުނެވެ. ހުވަފެންތައް ވިއްސިވިހާލިވެއްޖެއެވެ.

ނާލާއާއި އަޒަލް ބްރޭކް ނިންމާފައި އޮފީހުގެ އެންމެ ތިރީގައި ހުންނަ ކެފެޓީރިއާއިން ނިކުންނަން އައިއިރު، ނަދާ އާއި އެހެން ކުއްޖަކު ވާހަކަ ދައްކަމުން އައިތަން ފެނުނެވެ.

“އެ ޝައިނާ ހައިދަރުގެ އެސިސްޓެންޓަށް ވީފަހުން އަދި ވަކިން ފޮނި.. މިއަދު ސަލާން ބުނެފަވެސް އޭނައަށް އޮފީހަށް ނައިސް ނުހުރެވުނެއްނު ހައިދަރުގެ މޫނު ދެކޭ ހިތުން.. ” ނަދާ ރުޅިއައިސްފައި ހުރި ވަރުން ހީވީ ދަތްކޮޅުވެސް ފައިބަފާނެ ހެންނެވެ.

“އޭ ތިހެން ހުއްޓާ ދެން ފެންނާނީ ތެޔޮ ނާށި ކާޅު ޖަހައިގެން ދިޔަތަން..” ދެން ހުރި ކުއްޖާ ހީގަނެފައި ބުނި އަޑު އިވުނެވެ. ނާލާއާއި އަޒަލް އެކަކު އަނެކަކުގެ މޫނަށް ބަލާލުމަށްފަހު އަވަހަށް ދިޔައީ ޝައިނާ ވީހިސާބެއް ބެލުމަށެވެ. މިދެދުވަސް ފާއިތުވެގެން ދިޔައިރުވެސް ޝައިނާގެ އެއްވެސް ހަބަރެއްވެސް ނުވެ، ވީގޮތެއްވެސް ނޭނގުމުން ދެކުދިން ތިބީ ނުހަނު ކަންބޮޑުވެފައެވެ.

ލިފްޓުން ނިކުމެގެން އައިއިރު ޝައިނާ ފެންނަން ނެތުމުން ޝައިނާވީ ހައިދަރުގެ ކެބިންގައި ކަން ދެކުދިން ދެނެގަތެވެ. އެގޮތުގައި ޝައިނާގެ އިންތިޒާރުގައި ތިއްބާ ފެނުނީ ކެބިންއިން ނިކުމެގެން އަންނަ ތަނެވެ. މޫނު މިލާ މޯޅި ވެފައިވީއިރު، ދެލޯ ދުޅަވެ ރޮއިފައި ހުރިހެންވެސް ހީވެއެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shau

Level 110 Stories100 Login

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނުވަދިހަ ހަތަރުވަނަ ބައި)

Next

ހަނދަކީ ކަލާ ކަމުގާވިޔަސް 4

Next
December 10, 2021

ހަނދަކީ ކަލާ ކަމުގާވިޔަސް 4

Previews
December 9, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނުވަދިހަ ހަތަރުވަނަ ބައި)

One Comment

  1. Aishath faruha Abdullaa says:
    December 9, 2021 at 9:43 pm

    Masha Allah… Ehn part thakekey eh Gothah mi part vx Vrh reethi…… ?Haassakoh 14 vana paragraph ge ibaaraihkurun thah Vrh reethi…. When next?? Curiously waiting for the next part…. ❤️
    Ss n tc ly❤️?

Comments are closed.

Next Episodeހައިދަރު-8←


All Right Reserved!