ތިހެން ނުބުނޭ ނައި ތީ ބަދުނަސީބު މީހެއްނޫން…ތިހާ ރަނގަޅު ކުއްޖަކާއެކު ނޫޅެވުން އެއީ އެމީހުންގެ ބަދުނަސީބުކަން…ސައިފްގެ ހަނދާންތަކާ ދުރަށްދެވުނުހެން އައްކިޔުންގެ ހަނދާނުންވެސް ނައިއަށް އަދި ދުރަށްދެވޭނެ…ނައި ތިހެން ހިތާމަކުރަން އިންނާތީ ޔުދާ ވަރަށް ދެރަވޭ…އެހެންވެ ޔުދާ މިރޭ ނައި ގޮވައިގެން ބޭރަށް ގޮސްލަން ބޭނުންވާ ވާހަކަ ބުނަންވެގެން މިއައީވެސް” ޔުދާ އެހެންބުނުމުން ބޭރަށްދާ ހިތެއް ނުވާ ކަމަށް ނައިޝާ ބުނެލިއެވެ.
“ނޫން ކޮންމެފަހަރަކު ނައި ބުނަނީ ތިހެން…މިހާރު ހަފްތާއެއްވީ ނައި ތިހެން އިންނަތާ އެހެންވީމަ މިފަހަރު ވާނީ ދާން ޕްލީސް…އަނެއްކާ ޔުދާގެ ކޮލެޖް ދެކުދިންވެސް ދާނެ..އެމީހުންނާ ރަހުމަތްތެރިވެ އަނގަތަޅާ ލަނިކޮށް ނައި ހަމައަކަށް އެޅިދާނެ…އެމީހުން ވަރަށް ފުރެންޑްލީ ވާނެ” ޔުދާ ބުނެލިއެވެ. ޔުދާ އާދޭސްކުރަން ފެށުމުން ރޭގަނޑު އަށެއް ޖަހާއިރު ބޭރަށްދާން ނައިޝާ ޤަބޫލުވިއެވެ.
**********
އައްކިޔުންގެ ހާލާ ދޭތެރޭގައި އޭނާގެ ބައްޕަ ދެރަވެ ކަންބޮޑުވާން ފެށިއެވެ.ނައިޝާގެ ނުބައިކަމާމެދު އޭނާގެ ހިތުގައި ނައިޝާއަށް އޮތް ނަފްރަތު ބޮޑުވެގެންދިޔައެވެ.އައްކިޔުން ކައިރި ހުރެލުމަށްފަހު، އެތަނަށް ލެޔާލް އައުމުން އައްކިޔުންގެ ބައްޕަ ބޭރަށް ނިކުތެވެ.ހިތުގައި ރޯވެފައިވާ ނަފްރަތުގެ ހުޅުގަނޑާއެކު ނައިޝާގެ ގެއާ ދިމާލަށް އޭނާ މިސްރާބު ޖެހިއެވެ.
ނައިޝާގެ ގެއާ ހަމައަށް އައްކިޔުންގެ ބައްޕައަށް ފޯރުނު ވަގުތު ނައިޝާއާ ޔުދާގެ އިތުރުން ޔުދާގެ ދެރަހުމަތްތެރިން، ނައިޝާގެ ގެއިން ނިކުންނަނީއެވެ.އެމީހުން ނިކުތްތައް ފެނުމުން އައްކިޔުންގެ ބައްޕަ މަޑުކޮށްލިއެވެ.
“ނައި މީ ފިރާޝާ….ދެން މިހުރީ ކިޔާރާ” ޔުދާ އޭނާގެ ކޮލެޖު ދެރަހުމަތްތެރިން ނައިޝާއަށް ތަޢާރަފް ކޮށްދިނެވެ. ހިނިތުންވެ ހުރެ އެދެމީހުންނާ ނައިޝާ ސަލާމްކޮށްލުމުން، ހަތަރުމީހުން އެކުގައި ހިނގައިގަތެވެ.އެމީހުން ހިނގައިގަތުމުން އެމީހުންގެ ފަހަތުން އައްކިޔުންގެ ބައްޕަވެސް ދިޔައެވެ.
***********
ހަތަރުމީހުން އެކިއެކި ވާހަކަތައް ދައްކަމުން ދިޔައެވެ.ނައިޝާގެ ހާލާއި ދޭތެރޭ ހަމްދަރުދީވި ޔުދާ ނައިޝާ ހަމައަކަށް އެޅުވުމަށް ވަރަށް މަސައްކަތް ކުރިއެވެ.
ނައިޝާ ހަމައަކަށް އަޅުވަން ޔުދާ ކުރާ މަސައްކަތް ފެނި، ޔުދާއަށްޓަކާ ހަމައަަކަށް އެޅެން ނައިޝާ ކަށިން ހިތްވަރު ނެރުނެވެ.އެމީހުންނާ އެއްވަރަށް ނައިޝާވެސް ދިޔައީ އަނގަތަޅަމުންނެވެ.މަގު ހިނގާފައިދާ ލޯބިވެރިން ފެނުމުން ނައިޝާގެ ހިތަށް އަސަރު ކުރިނަމަވެސް އެކަން ޔުދާމެން ކުރިމަތީގައި ނުދައްކާ ހިންދާލައެވެ.
*********
“ވަރަށް ހިނގިއްޖެއެއްނު ހިނގާދެން ތަނަކަށް ކާން އަރާލަން މިހާރު އެހެރަ ރޭގަނޑު ނުވައެއްޖެހީ…ޔުދާ ޕޭ ކުރާނަން” ހިނގަމުންގޮސް ޔުދާ އެންމެނަށް ބުނެލިއެވެ.
“ނޫން ނައި ޕޭ ކުރާނީ…އެއްވެސް ދެކޮޅުހެދުމެއް ނޯންނާނެ…ޔޫ ކިޔާވަރުން ޔޫ އަށްޓަކައި ނައި މިއައީވެސް..އެހެންވީމަ ނައި ޕޭކުރާނީ” ޔުދާ ދެކޮޅުހަދަން އުޅެންފެށުމުން ނައިޝާ ބުނެލިއެވެ.
******
ހަތަރު މީހުން ހިނގާލާފައި ގޮސް ރެސްޓޯރެންޓަކަށް ވަނެވެ. “އައުޓްޑޯގަ ދޯތިބޭނީ؟..މިތަން ކިހާރީތި”ކިޔާރާ ބުނެލިއެވެ.
“އާނ މިތަން ވަރަށް ރީތި….ދޮންވެލި ލާފަ އަނެއްކާ ވަށައިގެން ފެހި ގަސްތައްވެސް… ސަޅި ވަރަށް” ކިޔާރާއާ ބައިވެރިވެލަމުން ޔުދާވެސް ބުނެލިއެެވެ.ހަތަރުމީހުން އެކުގައި ގޮސް މޭޒެއްގެ ދޮށުގައި އިށީންދެ ކާތަކެއްޗަށް އޯޑަރުދިނެވެ.
*******
ނައިޝާމެންގެ ފަހަތުން އައި އައްކިޔުންގެ ބައްޕައަށް ނައިޝާ އުޅޭ އުފާވެރި ދިރިއުޅުން ފެނި ވަރަށް ރުޅިއައެވެ. ނައިޝާއަށް ގޯނާއެއްދޭން އޭނާގެ ހިތަށްއަރަމުންދިޔަ ނަމަވެސް ކެތްކޮށްލައިގެން މަންޒަރުބަލަން ހުއްޓެވެ.އޭނާގެ ދަރިފުޅު ހާލުގައި ޖެއްސުމަށްފަހު، ނައިޝާ ހަމަޖެހިލައިގެން އުޅޭ މަންޒަރު އައްކިޔުންގެ ބައްޕައަށް ފެންނަމުން ދިޔައެެވެ.
*******
އޮލަ ވާހަކައިގައި ޖެހިފައި ހަތަރު މީހުންވެސް ތިއްބާ ކާއެއްޗެހި އައެވެ.ނައިޝާ ހެއްވަން ޔުދާ އެކިކަހަލަ ހިނިއަންނަ ޒާތުގެ ވާހަކަތައް ކިޔައިދެމުންދިޔައެވެ.ޔުދާގެ މަޖާ ވާހަކަތަކަށް ކޮލެޖް ދެރަހުމަތްތެރިންގެ އިތުރުން ނައިޝާވެސް ދިޔައީ ހެމުންނެވެ.
ކަމުން ހެމުން ދިޔަ ނައިޝާ ފެނި އައްކިޔުންގެ ބައްޕަގެ ކެތްތެރިކަން ކޮޅުންލިއެވެ.އެހެންކަމުން އޭނާ ނައިޝާއަށް ފެންނަން ނިންމިއެވެ.
*********
ނައިޝާގެ ހާލަތު ކޮލެޖު ރަހުމަތްތެރިންނާ ޔުދާ ހިއްސާކުރިއެވެ.އެންމެންވެސް ނައިޝާއަށް ހިތްވަރުލައިދެމުން ދިޔައެވެ.އެމީހުންގެ ހިތްވަރަށް ނައިޝާ ހިތްހަމަޖެހުނެވެ. އޯޑަރުކުރި ލެމޯނޭޑް ތަށިން ލެމޯނޭޑް ފޮދެއް ބޯލުމަށްފަހު، މުޅި ރެސްޓޯރެންޓަށް ނަޒަރު ހިންގާލި ނައިޝާއަށް ގަސްގަނޑު ތެރޭގައި ހުރި އައްކިޔުންގެ ބައްޕަ ފެނުނެވެ.
ނައިޝާއާ ދިމާލަށް ރުޅިވެރިކަމާއެކު މުސްކުޅި އުމުރުގެ މީހަކު ބަލަންހުރުމުން ނައިޝާ ހައިރާންވިއެވެ.ހުދު ދިގު ތުނބުޅިއެއް ލައިފައި ހުރިއިރު، އެމީހާ ލައިގެން ހުރި ކަޅުކުލައިގެ ދިގުހެދުމުގައި ބޮލުގައި ހޫޑެއްވެސް އަޅާފައިވެއެވެ. ދުވަހަކުވެސް އެގޮތަށް ހެދުން އަޅައިގެން ހުރި ފިރިހެނަކު ނައިޝާއަށް ފެނިފައިނުވާތީ އެމީހާގެ ތަފާތުކަން ނައިޝާއަށް ފާހަގަވިއެވެ.
އޭނާ ބަލަންހުރި ރުޅިވެރިގޮތުން ހީވަނީ ވަރަށްބޮޑު ގެއްލުމެއް އޭނާއަށް ކޮށްގެން ރުޅިއައިސްފައި ހުރިހެންނެވެ.އެމީހާ އެވަރަށް އެބަލަނީ ނައިޝާއަށްތޯ ޔަގީންކުރުމަށް ނައިޝާ ފަހަތަށް އެނބުރިލުމަށްފަހު ބަލައިލީ، ފަހަތުގައި މީހަކު ހުރިތޯ ޔަގީންކުރުމަށެވެ.ނަމަވެސް ނައިޝާގެ ފަހަތުގައި މީހަކުވެސް ނެތުމުން އަނެއްކާ އެމީހާއާ ދިމާލަށް ނައިޝާ ބަލައިލިއެވެ.
ނައިޝާ ބަލައިލުމާއެކު ރުޅިއައިސް ދެބުމަ ގޮށްޖަހައިގެން ހުރި އައްކިޔުންގެ ބައްޕަ އިތުރަށް ދެބުމަ ގޮށްޖަހާލިއެވެ.އެމަންޒަރު ފެނުމުން ނައިޝާގެ ހައިރާންކަން އިތުރުވިއެވެ.އެމީހާ ނައިޝާއަށް އެހާ ރުޅިވެރި ނަޒަރަކުން ބަލަންޖެހޭ ސަބަބެއް ނައިޝާއަކަށް ނުވިސްނުނެވެ.ކުޑަވަގުތުކޮޅަކު އިނދެލުމަށްފަހު، ކައިރީގައި އިން ޔުދާއަށް ސިއްރު ސިއްރުން ނައިޝާ ގޮވާލިއެވެ.
“ޔޫޫޫ…އެހެރަ ހުދުކުލައިގެ ކުޑައާ ދިމާލު ގަސްގަނޑުތެރޭ ހުރި މީހާއަށް ބަލައިލަބަ…ވަރަށް ތަފާތު ގޮތަކަށް ހުރި މީހެއް… މާ ވަރަކަށް ބަލަނީ ނައިއާ ދިމާލަށް” ޔުދާ ނައިޝާއަށް ބަލައިލުމުން ޔުދާގެ ކަންފަތް ކައިރީގައި ސިއްރު ސިއްރުން ނައިޝާ ބުނެލިއެވެ.
ނައިޝާގެ އެބަހަށް ޔުދާ އެދިމާލަށް ބަލައިލިއެވެ.ނަމަވެސް އޭނާއަށް އެތަނުގައި މީހަކު ހުރިތަނެއް ނުފެނުނެވެ.
“އެތާކު ނެތް މީހެއް” އެދިމާލަށް ބަލަން ހުރެލުމަށްފަހު، ނައިޝާގެ ކަންފަތް ކައިރީގައި މަޑުމަޑުން ޔުދާ ބުނެލިއެވެ.އިސްދަށަށް ޖަހާލައިގެން އިން ނައިޝާ، ޔުދާ އެހެންބުނުމާއެކު އެދިމާލަށް ބަލައިލިއެވެ.
ނައިޝާއަށް ވެސް މިފަހަރު އައްކިޔުންގެ ބައްޕައެއް ނުފެނުނެވެ. “އެކަމް ދެންމެ ހުއްޓޭ” ނައިޝާ ހައިރާންކަމާއެކު ބުނެލިއެވެ.
“ކިހިނެއްވީ؟” ފިރާޝާ އަހާލިއެވެ. “އެހެރަ ހުދުކުލައިގެ ކުޑައާ ދިމާލު ގަސްގަނޑުތެރެއިން މީހަކު ބަލަންހުއްޓާ ފެނުނިއްޔޯ ނައިއަށް” ޔުދާ ބުނެލިއެވެ.އެވަގުތު ފިރާޝާޔާ ކިޔާރާޔާ ދެމީހުންވެސް އެދިމާލަށް ބަލައިލުމަށްފަހު އެތާ މީހަކު ނެތްކަމަށް ބުނެލިއެވެ.
“ތި ވާނީ ނައިއަށް ހީވި ގޮތެއްކަމަށް” ކިޔާރާ ބުނެލިއެވެ.އޭނާގެ އެބަހަށް ދެންތިބި މީހުންވެސް ތާއީދުކުރިއެވެ.
*******
އައްކިޔުންގެ ބައްޕަ ފެނުނު ފަހުން ނައިޝާ ބިރުގަނެ ހިމޭން ވިއެވެ.ނައިޝާގެ އެހިމޭންކަން ފެނި ޔުދާމެން އަވަސްކޮށްލައިގެން ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






Vrh reethi masha Allah?…… When next??? Curiously waiting!! ❤️
thanks dear…will upload soon 😉