ގެއިން ނިކުތް ނައިޝާ މަޑު ހިނގުމުގައި، އޭނާގެ ގޭ ކުރިމަތީގައިވާ ބީޗަށް ވަނެވެ.އައްކިޔުންނާ އެކު ހޭދަކުރި އުފާވެރި ވަގުތުކޮޅުގެ ހަނދާން އަނެއްކާވެސް އާކޮށްލުމުގެ ނިޔަތުގައެވެ.ބީޗަށް ވަތް ނައިޝާ މޫދާ ދިމާލަށް ބަލަހައްޓައިގެން ހުރެ އެކިއެކި ޚިޔާލުކުރިއެވެ. “އައްކި އެހެންކުއްޖަކާ ގުޅެން ބޭނުންވާ ވާހަކަ ނޫނީ ގުޅިގެން އުޅޭ ވާހަކަ ބުނެލިނަމަވެސް އަހަރެން އޭނައާ ރީތިކޮށް ދުރަށް ދިޔައިމުސް” ނައިޝާ ހިތާހިތުން ބުނެލިއެވެ.ވަގުތުކޮޅަކު ބީޗުގައި ހުރެލުމަށްފަހު މަޑު ހިނގުމުގައި ބީޗުން ނިކުމެ ނައިޝާ ހިނގައިގަތީ ގެއާ ދުރަށެވެ.
************
“ހާދަ ހިނގިއްޖެޔޭ ހިނގާ ފެންފުޅިއެއް ގަންނަން ވަރަށް ކަރުހިއްކާ ގަނެއްޖެ” އައްކިޔުންނާއެކު ހިނގަމުންދިޔަ ލެޔާލް ބުނެލިއެވެ.ލެޔާލްގެ އެބަހަށް އައްކިޔުން މަޑުކޮށްލިއެވެ. “ލެޔާލް އަންނާނަން ފެންފުޅިއެއް ގަނެގެން އައްކި މިތާ މަޑުކޮށްލާ” ލެޔާލް އެހެންބުނެ ކުރިމަތީގައިވާ ފިހާރައަށް ވަންނަން ހިނގައިގަތެވެ.ލެޔާލްގެ އިންތިޒާރުގައި ފިހާރައާ ދުރުނޫން ހިސާބެއްގައި އައްކިޔުން މަޑުކޮށްލައިގެން ހުއްޓެވެ.
**********
މަޑު ހިނގުމުގައި ނައިޝާ ހިނގަމުންދިޔައެެވެ.އަތާ އަތްޖޯޑުކޮށްގެން ލޯބިން ހިނގަމުންދާ ލޯބިވެރިން ފެނި ނައިޝާގެ ހިތަށް ވަރަށް އަސަރުކުރެއެވެ.އެމީހުން ފެންނަ ކޮންމެފަހަރަކު ނައިޝާގެ ހިތަށް އައްކިޔުން ސިފަވެއެވެ.މަގަށް ބަލަމުން ހިނގަމުންދިޔަ ނައިޝާއަށް ފިހާރައަށް ވަންނަންދިޔަ ލެޔާލް ފެނިގެން މަޑުކޮށްލެވުނެވެ.ލެޔާލް ފެންނަން ހުރިއްޔާ އެތާ އައްކިޔުންވެސް ހުންނާނެކަން ނައިޝާއަށް ގައިމެވެެ.ވީވެސް އެހެންނެވެ.ލެޔާލް ވަތް ފިހާރަ ހުރި ފަޅިނޫން އަނެއްފަޅީގައި، އެފިހާރައަށް ބަލަހައްޓައިގެން އައްކިޔުން ހުއްޓާ ނައިޝާއަށް ފެނުނެވެ.
ކުރިއާ ޚިލާފަށް މިފަހަރު އައްކިޔުން ފެނުމުން ނައިޝާގެ ހިތުގައި ރުޅިވެރިކަމެއް އުފެދުނެވެ.ނައިޝާ ބަރުބާދުވާން ދޫކޮށްލުމަށްފަހު، އައްކިޔުން ލެޔާލް ގޮވައިގެން އުޅޭ އުފާވެރި ދިރިއުޅުން ފެނި އޭނާގެ ހިތުގައި ވޭނީ ރިހުމެއް އުފެދުނު ކަހަލައެވެ.އައްކިޔުން ފެނުމާއެކު އަރައިގެން ރުޅިން ބާރު ހިނގުމުގައި އައްކިޔުންނާ ދިމާލަށް ނައިޝާ ހިނގައިގަތެވެ.
“ވަރަށް އުފަލުގަދޯ ތިއުޅެނީ؟” އައްކިޔުންނާ އަރާ ހަމަވުމަށްފަހު ހިތްހަމަނުޖެހިފައި ހުރެ ނައިޝާ އަހާލިއެވެ.ފިހާރައަށް ބަލަންހުރި އައްކިޔުން ސިހިގެންދިޔައީ އޭނާގެ ކައިރިން ނައިޝާގެ އަޑު އިވުމުންނެވެ.
“އަހަރެން ހިއެއްނުކުރަން އައްކިޔުން އަހަންނަށް ތިހެން ހަދާފާނެ ކަމަކަށް…..އަހަރެން ކައިރި ރީތިކޮށް ތި ގެންގުޅޭ އަންހެންކުއްޖާއާ އުޅެނީ ރައްޓެހިވެގެންނޭ ނޫނީ ގަޔާވެޔޭ ބުނެލިނަމަ އަހަރެން ތިދެމީހުންނާ ދުރަށް ދިޔައިމުސްއޭ” ނުރުހުންވެފައިވާ ނައިޝާ ބުނެލިއެވެ.
“އަހަރެން ދެވަނަފަހަރަށް މީހަކާއެކު ލޯބީގެ ގުޅުމެއް ބޭއްވީ ހާދަ އިތުބާރެއްކޮށްފައޭ…އަަހަރެން ހިއެއްނުކުރަން އައްކިޔުން އަހަންނަށް ދޮގުހަދާފާނެކަމަކަށް…ތަންކޮޅެއް ކުރީ ރެއަކު އަހަރެމެން ބީޗުގަ ތިއްބާ އައްކިޔުންގެ ބިޓު މާވަރަކަށް އައްކިޔުންނަށް ބަލާތި އެއީ ދަންނަ ކުއްޖެއްތޯ އެހީމަ އައްކިޔުން އެއްބަހެއް ނުވި….އަހަންނަށް އަދިކިރިޔާ މިއެނގުނީ އެރޭ އައްކިޔުން މާފާޑަކަށް އުޅުނީ އެއަންހެންކުއްޖާ ފެނިގެންކަން” އައްކިޔުންނަށް ވާހަކަދައްކާނެ ފުރުސަތު ނުދީ ނައިޝާ އެއް ނޭވާއިން ބުނެލިއެވެ.އޭނާ ވަނީ ވަރަށް ބޮޑަށް ދެރަވެފައެވެ.އެހެންނަމަވެސް އެކަމެއް އޭނާ އައްކިޔުންނަކަށް ނުދައްކައެވެ.
**************
އައްކިޔުންނާ ދިމާލަށް ނައިޝާ އެއްޗެހިކިޔާ މަންޒަރު، ފިހާރަތެރޭގައި ހުރި ލެޔާލަށް ފެނުނެވެ.އެމަންޒަރު ފެނުމާއެކު އެދިމާލަށް އަވަސްއަވަހަށް ލެޔާލް ހިނގައިގަތެވެ.
“އައްކިޔުންނެކޭ ސައިފެކޭ ނެތް ތަފާތެއް…އަހަރެން އައްކިޔުންނަށް ނަފްރަތު ކުރަން ނަފްރަތު ކުރަން” ވަރަށް ބޮޑަށް ރުޅިއައިސްފައިވާ ހާލު ތުރުތުރުލާ އަޑަކުން ނައިޝާ އެހެންބުނެލުމަށްފަހު، އައްކިޔުންނަށް ފުރަގަސްދީ ދާން ހިނގައިގަތެވެ.ނައިޝާގެ ފަހުޖުމުލަ އަޑުއިވުނު އައްކިޔުންގެ ހިތަށް ހީވީ ހޫނުފެން އެއްޗެއް އޮއްސާލިހެންނެވެ.ނައިޝާ އޭނާދެކެ ނަފްރަތުވާ ވާހަކަ ބުނުމުން އައްކިޔުންގެ ލޮލަށް ބޭއިޚްތިޔާރުގައި ކަރުނަ ޖަމާވިއެވެ.
އެވަގުތު އެތަނަށް އައި ލެޔާލަށް ނައިޝާގެ ފަހު ޖުމުލަ އަޑުއިވުނެވެ.ނައިޝާއާ ދިމާލަށް އެއްޗެއް ބުނެލަން ލެޔާލް އުޅުނުވަގުތު އައްކިޔުން އޭނާ ހުއްޓުވިއެވެ. “އައްކި ރޮނީތަ؟” އައްކިޔުންގެ ލޮލުގައިވާ ކަރުނަ ފެނިގެން ލެޔާލް އަހާލިއެވެ.ލެޔާލަށް ޖަވާބުދިނުމެއްނެތި، ނައިޝާ ދާމަންޒަރު ބަލަން ހިތާމަވެރިކަމާއެކު އައްކިޔުން ހުއްޓެވެ.
“ހިތަށްއަރާ އެއަންހެނާއަށް ގޮތެއް ހަދާލަފާނަމޭ” އައްކިޔުން ކައިރީގައި ހުރި ލެޔާލް ރުޅިވެރިކަމާއެކު ބުނެލިއެވެ.ލެޔާލް އެހެންބުނުމުން އައްކިޔުން ކުއްލިއަކަށް ލެޔާލަށް ބަލައިލިއެވެ. “ލެޔާލް ނުވާނެ ނައިޝާއަށް އެއްވެސް ކަމެއްކޮށްގެން” ރުޅިއައިސްފައި އައްކިޔުން ބުނެލިއެވެ. “ނޫޅެމޭ ކަމެއްކުރާކަށް…ރުޅިއައީމަ ބުނެވުނީ އެހެން” އައްކިޔުން ރުޅިއައުމުން ލެޔާލް ބުނެލިއެވެ.ނައިޝާ ލޮލުގެ ކޮޅަށް އޮބާލުމުން އައްކިޔުން އެތަނުންދާން ހިނގައިގަތެވެ.
*********
ބާރު ހިނގުމުގައި އައި ނައިޝާއަށް އައްކިޔުންމެންނާ ދުރަށް އާދެވުނެވެ.ހިނގަމުންދިޔަ ނައިޝާ ހުއްޓިލުމަށްފަހު، ފަހަތް އެނބުރިލާ ބަލައިލީ އައްކިޔުން އޭނާގެ ފަހަތުން އަތުވެދާނެކަމަށް ހީކޮށެވެ،ނަމަވެސް އައްކިޔުން ފެންނަން ނެތުމުން ރުޅިއައިސްފައި ހުރި ނައިޝާ ވަރަށް ދެރަވިއެވެ.ގަހެއްގައި ލެނގިލުމަށްފަހު އަނގަމަތީގައި އަތް އަޅާލައިގެން ހުރެ ނައިޝާ ރޯންފެށިއެވެ.
*************
(އެއްހަފްތާ ފަސް)
އައްކިޔުންގެ ހާލަތު ދިޔައީ ގޯސްވަމުންނެވެ.ނައިޝާ އޭނާދެކެ ނަފްރަތުވާ ވާހަކަ ބުނިދުވަހުން ފެށިގެން އައްކިޔުން ދުނިޔެމަތިން މުޅިން ފޫހިވިއެވެ.
“ދަރިފުޅާ އައްކިޔުން، ދެން ތިހެންނޯވެ ތެދުވޭ…އެއްހަފްތާވީ މިހާރު ދަރިފުޅު އެނދުގަ ތިހެން ރޯން އޮންނަތާ ކިހިނެއްތަވީ؟… ..ކަނީވެސް ބައްޕަ އާދޭސްކުރީމަ ކުޑަކުޑަކޮށް…އެނައިޝާގެ ކަމެއްތަ އަނެއްކާ؟”އެނދުގައި ހިތާމަކުރަން އޮތް އައްކިޔުންނަށް އޭނާގެ ބައްޕަ އަހާލިއެވެ.
“އާނ ތީ އެނައިޝާގެ ކަމެއް…އޭނަ މީގެ އެއްހަފްތާ ކުރިން އައްކިޔުންނާ ދިމާލަށް ވަރަށް އެއްޗެހި ގޮވި….އޭނަ އައްކިޔުން ދެކެ ނަފްރަތުވަނިއްޔޯ” އައްކިޔުންނާ އޭނާގެ ބައްޕަ ކޮޓަރީގައި ތިއްބާ އެތަނަށް ކުއްލިއަކަށް ލެޔާލް ފާޅުވުމަށްފަހު ބުނެލިއެވެ.
“ލެޔާލް ހަމަ މިހާރު ނިކުމޭ!” އޮށޯވެގެން އޮތް އައްކިޔުން ކުއްލިއަކަށް ތެދުވުމަށްފަހު ލެޔާލާ ދިމާލަށް ހަޅޭއްލަވާގަތެވެ.
އައްކިޔުންގެ ހާލަތު ސަކަރާތް ވަމުންދަނީ ނައިޝާއާ ހެދިކަމަށް ލެޔާލް ބުނުމުން، އައްކިޔުންގެ ބައްޕައަށް ރުޅިއައިސްގެން އަތް މުށްކަވާލެވުނެވެ.
***********
“ނައި” ބެލްކަނިތެރޭގައި ހުރި އުނދޯލީގައި މޮޅިވެރިކަންމަތީގައި އިން ނައިޝާއަށް ޔުދާ ގޮވާލިއެވެ.ޔުދާ ގޮވާލުމުން އުނދޯލީގައި ބޯޖައްސާލައިގެން އިން ނައިޝާ ތެދުވެ ސީދާވެލިއެވެ.
“ނައި ޕްލީސް ދެން އޯކޭވެބަ….މިހާރު ނައި ހާދަ މަޑުމަޑުންނޭ ތިއިންނަނީ…ކެއުމެއް ބުއިމެއްނެތި އަބަދު ފިކުރުކުރަން ތިއިންނަނީ…ޔުދާއާވެސް މިހާރު އެހާ ވާހަކައެއް ނުދައްކާ އަބަދު އެކަހެރިކޮށް އިންނަނީ….ޔުދާ ވަރަށް ޖެހިލުންވޭ ކުރީގެ އެކަނިވެރި ނައިޝާއަށް އަނެއްކާވެސް ނައި ބަދަލުވެދާނެތީ” ޔުދާ ދެރަވެލާފައި ބުނެލިއެވެ.
“ކިހިނެއް އޯކޭ ވާނީ؟ އަބަދުމެ އައްކިގެ ޚިޔާލު ސިކުނޑީގަ ހަރުލާފަ ވަނީ…ނައިއަށް އަދިވެސް ވާނުވާއެއް ނޭނގެ…ކުށެއްނެތި ކުށްވެރިވުމަށްވުރެ ބޮޑު ހިތާމައެއް ކޮބާ؟…ނައި އަކީ ލޯބީގަ ކިހާ ބަދުނަސީބު މީހެއް…ފަހަރެއްގަ ނައިއަށް ލޯބި ލިބުމުގެ ހައްގު ނެތީކަންނޭނގެ” ލޮލުން ވެއްޓުނު ކަރުނަތިކި ފުހެލަމުން އަސަރުން ފުރިގެންވާ ރާގަކަށް ނައިޝާ ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.






Masha Allah… Ehn part thakekey eh Gothah mi part vx Vrh reethi…. . When next? Curiously waiting for the next?? ❤️?