Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހައިދަރު-5

Shau Level 110 Stories100 Login
December 6, 2021 5 Mins Read
0 Comments

ހައިދަރު ލިފްޓުން ބައްޕަގެ ކެބިން ހުންނަ ބަޔަށް ދިޔައެވެ. އިމާރާތުގެ އެކި ފްލޯތައް އެކި ބަޔަށް ބަހާލެވިފައި ވާއިރު، މީ އެޑްމިން ބަޔެވެ. ކެބިންގެ ދޮރާއި ދިމާލަށް ހިނގާފައިދިޔަ ހައިދަރުގެ ފިޔަވަޅުތައް މަޑުވީ، ކެބިންގެ ބޭރުގައި ހުރި ރިސެޕްޝަނުގައި އިން އަންހެން ކުއްޖާ ފެނިފައެވެ. އެއީ ހަމަ އެމޫނެވެ. ހަނދާން ނުނެތޭވަރަށް، ހައިދަރު ވަނީ ރޭގައި އެއަންހެން ކުއްޖާގެ ތަސްވީރަށް ބަލާފައެވެ.

އިމާރާތުގެ މައިދޮރުން ވަންއިރު، އެތާގައިހުރި ރިސެޕްޝަނުގައި ތިބި ކުދިން ފަދައިން، މިކުދިންވެސް އޭނާ ފެނިގެން ފަރިވެލިތަން ހައިދަރު ދުއްޓެވެ. އެކުއްޖާ ފިޔަވައެވެ. ހައިދަރު މަޑުމަޑުން ގޮސް ރިސެޕްޝަނުގައި ދެއަތް އަޅުވާލިއެވެ.

“ޝައިނާ.” އަންހެން ކުއްޖާގެ ޔުނިފޯމްގެ މޭމަތީގައި އިން ނަންޓެގް ކޮޅަށް ބަލާލުމަށްފަހު ހައިދަރު ކިޔާލައިފިއެވެ. އޭރު ދެފަރާތުގައި ތިބި ދެއަންހެން ކުދިން ޝައިނާއަށް ބަލަމުން ދިޔައީ ބިރެއް ފެނިގެން ބަލާ އުސޫލުންނެވެ. ޝައިނާ ކޮޅަށް ތެދުވުނީ އޭނާއަށް އިހްތިރާމް ކުރުމުގެ ގޮތުން ކަންނޭގެއެވެ. ހައިދަރު އަވި އައިނު ނެގުމަށްފަހު ސީދާ ޝައިނާގެ ލޮލާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

“ޖުނައިދު ތައުފީގް އެބަ އުޅޭތަ؟” ޖަވާބު ރަނގަޅަށް އެނގޭހާލު، އޭނާ ސުވާލުކޮށްލިއެވެ.

“ނޫން. ޖުނައިދު ސަރ މީޓިންއަކަށް ދުރުވީ. ބަޓް ޔޯ ކެބިން އިޒް ރެޑީ.” ޝައިނާ ނަޒަރު ވަކިކޮށްނުލާ ހުރެ ޖަވާބުދިނެވެ. އަޑުގައިވީ ސާބިތުކަމެވެ. މިއަންހެންކުއްޖާއަށް އޭނާއަކީ ކާކުކަން އެނގުނީ ކިހިނެތްހެއްޔެވެ؟ ބައްޕަ ގުޅާފައި އޭނާ އަންނާނެ ވާހަކަ އެންގީތާއެވެ.

ހައިދަރު އަދިވެސް ބަލަހައްޓައިގެން ހުރީ ރަކި ކޮށްލާފަދަ ނަޒަރަކުންނެވެ. އޭނާއާއި ހަތަރުކަޅި ހަމަކޮށްގެން އެހާގިނަ އިރު ހުރުމަކީ، ފިރިހެނަކަށްވެސް ކުރަން އުނދަގޫ ކަމަކަށްވާއިރު، މި އަންހެން ކުއްޖާގެ މިހިރަ ހިއްވަރެކެވެ.

“ވެލް ދެން، ލީޑް ދަ ވޭއި ޕްލީޒް.” ހައިދަރު މީގެ ކުރިން އިސްވެ އަންހެންކުއްޖަކާއި ވާހަކަ ދައްކާފައި ނުވިޔަސް، އޭނާގެ އުސޫލްތައްވެސް މިއަދު ފުނޑާލީ، މަންމަގެ ހައްގުގައެވެ. ފުރާވަރަށް އެރީއްސުރެ އޭނާ މިއުޅެނީ ވަކި އަޒުމެއްގައެވެ. އަންހެން ކުދިންނާއިމެދު ވިސްނާވަރަށްވުރެ ބޮޑަށް، އޭނާގެ ސިކުނޑި ބިޒީއެވެ.

ޝައިނާގެ ފަހަތުން ގޮސް ޖުނައިދުގެ ކޮޓަރިއާއި އިންވެގެން ހުރި ކޮޓަރިއަށް ހައިދަރު ވަނީ، ވަށައިގެން ނަޒަރު ހިންގާލަމުންނެވެ. ތަނަވަސް ޖާގައެކެވެ. އޮފީހުގެ މަސައްކަތްތައް އެންމެ ހިތްހަމަޖެހިގެން ކޮށްލެވޭނެ ފަދަ ހިތްފަސޭހަ މާހައުލެކެވެ.

އެއްވެސް ކަމެއް ބޭނުންވެއްޖެނަމަ އަންގާލަދޭށޭ ބުނުމަށްފަހު ޝައިނާ އެތަނުން ނިކުތީ އަވަސް އަރުވާލާފައެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ގޮސް އޭނާ ކުރިންވެސް އިންތަނުގައި އިށީނެވެ. ހަމަޖެހިލާފައި ބަލާލިއިރު ކައިރީގައި ތިބި އަޒަލްއާއި ނާލާ، ސުވާލުގެ ނަޒަރަކުން ބަލަހައްޓައިގެންް ތިއްބެވެ.

“ވަޓް؟؟” ޝައިނާއަށް ބުނެވުނީވެސް ތަންކޮޅެއް ބާރަށެވެ.

“ވަޓް ވަޓް؟ ކިހިނެތް ޝައިއަށް އެނގުނީ އެއީ ޖުނައިދު ސަރ ގެ ދަރިފުޅުކަން؟ އޭނަ ދަންނަންތަ؟” އަޒަލް ސުވާލު ކޮށްލިއިރު ނާލާވެސް ޖަވާބަކަށް އިންތިޒާރު ކޮށްގެން ހުރިފަދައެވެ.

“މައި އިންސްޓިންކްޓްސް ޓޯލްޑް މީ.” ޝައިނާ ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ.

“ދެން ކީއްވެ އޭނަ ވަކި ޝައިއަށް ގޮވަންވީ؟” އަޒަލް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.

“ވެދާނެއެއްނު އޭނައަށް ފުރަތަމަ ނަޒަރުން ޝައިދެކެ ލޯބިވެވުނީ ކަމަށްވެސް؟ ވަރަށް ނަސީބުގަދަ އިނގޭ. އެހާ ރީތި މީހެއްގެ ހިތުގަ އަޅައިގަންނާނީ ވަރަށް ނަސީބު ރަނގަޅުވީމަ.” ނާލާ އެހެން ބުނެފައި، ޝައިނާ ބަލާލުމުން ކަރުކެހިލާފައި ދުރަށް ބަލާލިއެވެ.

“ތި ދެމީހުން މޮޔަވީތަ؟ އޭނަގެ ފަހަތުން އަންހެން ކުދިން މަރުދަން ޖެހޭނެއިރު، ބައްޕަގެ އޮފީހުގަ މަސައްކަތް ކުރާ އާދައިގެ ސްޓާފަކަށް ހިތެއް ނުކިޔާނެ ދޯ؟ އެހެން ނޫނަސް، އޭނަ ހިތް ކިޔަސް އަހަރެންގެ ޝައުގެއް ނެތް. އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ އެކަހަލަ މީހުންގެ ގޮތް. ރީތި ވީމަ ނިމުނީތަ؟ އޭނަގެ އެހެރަ ބޮޑާކަމެއް ނުފެނޭތަ؟ ބައްޕަ މުއްސަނދި މަހުޖަނަކަށްވީމަ ހީވެފަ އޮންނާނީ ތިމާ ބޭނުން ކޮންމެ ކަމެއް ހާސިލްވާނެއޭ. ރަނގަޅަށް ވިއްޔާ އާއިލާއިން ލޯބި ދީގެން ހަލާކު ކޮށްފަ ހުރި ބޭޑް ބޯއިއެއް. ވަރަށް ފޫހިވޭ އެކަހަލަ މީހުންދެކެ.” ކޮމްޕިއުޓަރުގެ ސްކްރީނަށް ބަލަހައްޓައިގެން ހުރެ، ޝައިނާ ވާހަކަ ދައްކަމުންދިޔަ އިރު، ކެބިންގެ ދޮރުމަތީގައި ހުރި ހައިދަރު ފެނުނީ ނާލާއަށެވެ. އެވާހަކަތަށް ހައިދަރުއަށް އިވޭނެކަން ގައިމެވެ.

ޝައިނާ އިތުރު ވާހަކައެއް ދެއްކުމުގެ ކުރިން ނާލާ އޭނާގެ ފައިގައި ކުޑަކޮށް ވިކާލިއެވެ. ޝައިނާ ނާލާއަށް ސުވާލުގެ ނަޒަރަކުން ބަލައިލުމަށްފަހު، ނާލާ ބަލަހައްޓައިގެން ހުރި ދިމާލަށް އެނބުރި ބަލާލިއެވެ. އޭރު ހައިދަރު އަވި އައިނުން ދެލޯ ފޮރުވާލީއެވެ.

ޝައިނާ އަވަހަށް ކޮޅަށް ތެދުވުނުއިރު، އަތްފައި ފިނިވެސް ވެއްޖެއެވެ. އޭނާގެ ހިތުގައި ކޮންމެ އެއްޗެއް އޮތަސް، މިއީ ހައިދަރުއަށް އަޑުއިއްވަން އޭނާ ބޭނުންވި ވާހަކަތަކެއް ނޫނެވެ. ވަޒީފާވެސް ގެއްލުނީ ކަންނޭގެއެވެ. ހައިދަރުގެ މޫނުމަތީގެ ޝުއޫރުތައް އޭނާއަށް ތަރުޖަމާ ކޮށްލާކަށްވެސް ނޭނގުނެެވެ. ޝައިނާ ދެލޯ ބޮޑުކޮށްލައިގެން ބަލަހައްޓައިގެން ހުއްޓާ، އެއްވެސް އެއްޗެކޭ ނުބުނެ ހައިދަރު ގޮސް ލިފްޓަށް އެރިއެވެ.

ހައިދަރު އޮފީހުގެ ކެފެޓީރިއާއަށް ވަދެ ގޮނޑިއެއްގައި ޖައްސާލީ، ކޮފީއަކަށް އޯޑަރު ދީފައެވެ. ނިއްކުރީގައި ފިރުމާލީ ނާރުތަކުގެ ވާންކަން ކަނޑުވާލުމުގެ ބޭނުމުގައެވެ. ޝައިނާ އޭނާގެ މުށުތެރޭގައި ހައްޔަރު ކޮށްލުމަކީ، ހީކުރިހާ ފަސޭހަ ކަމަކަށް ނުވާނެކަން އޭނާގެ ވިސްނުންތޫނު ސިކުނޑިން ދެނެގަތެވެ. ފެންނަ ހުރިހާ އަންހެން ކުދިންވެސް، އޭނާގެ ފައިބުޑަށް ވެއްޓެން ތައްޔާރަށް ތިބޭއިރު، މި އަންހެންކުއްޖާ މިހާ އުނދަގޫ ކުއްޖަކަށް މިވީ ކީއްވެ ހެއްޔެވެ؟ އޭނާގެ މަގްސަދަކަށްވީ، ލޯބީގެ ކުޅިގަނޑެއްގައި ޝައިނާ، ހިރިވެސް ނުލެވޭވަރަށް ބަނދެލުމެވެ. އެހެނަސް މިހާރު އޭނާގެ ހިޔާލު ބަދަލުވެއްޖެއެވެ. ބޭނުން ކޮންމެ ކަމެއް އޭނާ ހާސިލް ކުރާނެކަން އެ ކުޑަ އަންހެން ކުއްޖާއަށް އެނގެންވާނެއެވެ. ރީތިގޮތުގައި ނުވާނަމަ ބާރުގެ ބޭނުންކޮށްގެން ވިޔަސްވެހެވެ.

މޭޒުމަތީގައި ހުރި ކޮފީތަށި އެއްނޭވާއިން ހުސްކޮށްލުމަށްފަހު، ތެދުވެގެން ހިނގައިގަންނަމުން ޔަރުދުގެ ނަންބަރަށް ޑައިލް ކޮށްލިއެވެ.

“ޝައިނާ. އަހަރެން ބޭނުން އޭނައާ ބެހޭ ހުރިހާ މައުލޫމާތެއް. އެންޑް ކީޕް އޭން އައި އޮން ހާ. މަށަށް ނޭނގި ފިޔަވަޅެއްވެސް އޭނައަށް އެޅިގެން ނުވާނެ.” ހައިދަރު އެއްނޭވާއިން ހުރިހާ އެއްޗެއް ކިޔާލިއެވެ.

“އޯކޭ ބޮސް.” ޔަރުދު ހިނިގަނޑެއް ޖަހާލަމުން އެހެން ބުނުމާއެކު ހައިދަރު ފޯނު ކަނޑާލިއެވެ. ހައިތަމްގެ ކޮޓަރިއާއި އަރާހަމަވުމުން ދޮރުން ބޯދިއްކޮށްލާފައި ގެއަށް ދާވާހަކަ ބުނެލިއެވެ.

“ހާދަ އަވަހަކަށް ތިދަނީ. ހުރިހާ ކަމެއް ރަނގަޅުތަ؟” ހައިތަމްގެ އަތުގައި އޮތް ފައިލް ލައްޕާލަމުން އަހާލިއެވެ.

“އާނ. މިއަދު ހަމަ ކުޑަކޮށް ބަލާލަން މިއައީ. ރަސްމީކޮށް ނިކުންނާނީ މާދަމާ. ބައްޕައާއި މަޝްވަރާކޮށްލާފަ އަދި މަސައްކަތް ފެށޭނީ.” ހައިދަރު އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ.

“އޯކޭ ބްރަދާ. ގެއަށް ގޮސް ޒޯގެ ހާލުވެސް ބަލާލަދެއްޗޭ.” ހައިތަމް ކައިރިއަށް އައިސް ހައިދަރުގެ ކޮނޑުގައި ޖަހާލިއެވެ.

“ޝުއަ ތިންގް.” ހައިދަރު އެހެން ބުނެފައި ނިކުމެގެން ދިޔައެވެ.

ޝައިނާ ގޮނޑީގައި އިށީނދެ ބޮލުގެ ދެފަރާތުގައި އަތުން ހިފަހައްޓާލިއެވެ. އޭނާ ހާދަ މޮޔައެވެ. މި ކުންފުނިން ކަނޑާލައިފިއްޔާ، އެހެން ތާކުން ވަޒީފާއެއް ލިބުމަކީވެސް ނާދިރު ކަމެކެވެ. ބައްޕަމެން އޭނާ ކިޔަވަން ނެގި ލޯނުވެސް އަދި ދައްކާ ނުނިމެއެވެ. އަނެއްކޮޅުން މަންމަވެސް ނުހަނު ބައްޔެވެ. ބުރަކަށީގައި އަބަދު ރިއްސާތީ، ޑޮކްޓަރަށް ދެއްކުމުން ވެސް ލިބުނު މާބޮޑު ކުރިއެރުމެއް ނެތެވެ. އޭނާ އުއްމީދު ކޮށްގެން ހުރީ ވަޒީފާގައި އުޅެމުން، ކޮންމެވެސް ވަރަކަށް ލާރި އެއްކޮށްގެން މަންމަ ގޮވައިގެން އިންޑިއާއަަށް ބޭސްކުރަން ދެވޭނެކަމަށެވެ. އެހެންނަމަވެސް މިހާރު މިވީ ގޮތުން އެހުވަފެންވެސް ދެން ފުރިހަމަވާނެ ކަމެއް ނޭނގެއެވެ. އަނގަ މަޑުންލައިގެން ހުރެވުނުނަމައެެވެ.

ޝައިނާ ހީކޮށްގެން ހުރީ މިއަދުން މިއަދަށްވެސް އޭނާ ވަޒީފާއިން ވަކި ކޮށްލާނެކަމަށެވެ. ނަމަވެސް ހަވީރު ހަތަރެކުން އޭނާގެ ޑިއުޓީ ނިމުނުއިރުވެސް ހައިދަރުގެ ހަބަރެއް ނުވިއެވެ. އަވަސް އަވަހަށް ދަބަސް ކޮނޑުގައި އަޅުވައިގެން ގެއަށް ދާން ނިކުތެވެ. ވިއްސާރަ ނޫން ދުވަހެއްނަމަ ޝައިނާ އޮފީހަށް ގޮސް ހަދަނީ ފައިމަގުގައެވެ. ގެ ހުންނަނީ މާކަދުރަކު ނޫނެވެ. ދިހަ ވަރަކަށް މިނިޓުން ހިނގާލާފައި ދެވެއެވެ.

ގެއަށްދިޔައިރު ކުރިމަތީގައި އޮތް ފަޅު ގޯތީގައި، ހިރުނދު ގަހަކަށް ލެގިލައިގެން ޒުވާނަކު ހުއްޓެވެ. ބޮލުގެ އިސްތަށިގަނޑު ޑްރެޑްލޮކް ސްޓައިލަށް ހުރިއިރު، ދަބަރު ކުލަ ޖައްސާފައިވިއެވެ. ކަންފަތުގެ އިތުރުން ބެންވެސް ތޮރުފާފައި ބޮޅު ލައްވާފައެވެ. ސިގިރޭޓެއް ތުމުގައި ޖަހައިގެން އޭނާ ބަލަހައްޓައިގެން ހުރީ ބިރުވެރި ފާޑަކަށެވެ. މިހިސާބަކީ އާއްމުކޮށް ޕާޓޭން އުޅޭ ސަރަހައްދަކަށް ނުވިޔަސް، މިޒުވާނާ މިއަދު އެހެރީ ސީދާ އޭނާގެ ހަރަކާތްތަކަށް ބަލަހައްޓައިގެނެވެ. ޝައިނާ މާބޮޑު ކަމަކަށް ނަހަދާ އަވަހަށް ގެއަށް ވަދެ ދޮރު ތަޅުލިއެވެ.

ޖެހިގެން އައިދުވަހު ޑިއުޓީއަށްދާން ޝައިނާ ނިކުތްއިރުވެސް ހަމަ އެޒުވާނާ ފެނުނެވެ. މިފަހަރު އޭނާ ހުރީ ގަސް ބުޑުގައި އިށީދެގެންނެވެ. ޝައިނާ ބިރުގަތީ އެހާ ހިސާބުންނެވެ. ހެނދުނުގެ މިގަޑީގައި މަގުމަތިން އެހެން މީހެއްވެސް ނުފެނެއެވެ. ދެފަޔަށް ބާރުލާފައި އޭނާ ހިނގައިގަތީ ފޯނު ނަގާ މީހަކަށް ގުޅާކަމަށް ހެދިގެންނެވެ. ވަކި ހިސާބަކަށް ގޮސް އެނބުރި ބަލާލިއިރު، އެޒުވާނާ އޭނާގެ ފަހަތުން ހިނގަމުން އާދެއެވެ. ވިސްނާލުމެއްވެސް ނެތި އޭނާ ބާރަށް ދުއްވައިގަތެވެ. އެދިޔަ ގޮަތަށް އޭނާ ފިޔަވަޅުތައް މަޑުކޮށްލީ ރަށުގެ ބޮޑުމަގަށް އެރުމުންނެވެ. އެމަގުގައި ކޮންމެވެސް ވަރަކަށް ދުއްވާއެއްޗެހި އަދި، ފައިމަގުގައިވެސް ދުވަންދާން ނިކުމެ އުޅޭ މީހުން ފެނުނެވެ.

ޝައިނާގެ ގަދަ ކަޅުކުލައިގެ ބޮޑު ދެލޮލުން ވަށައިގެން ސްކޭން ކޮށްލިއިރުވެސް، ހިނގުމަކަށް ހުއްޓުމެއް ނާދެއެވެ. އެމީހާ ފަހަތުން އަޔަސް ރޯމާދުވާލު އޭނާއަށް ގޯނާއެއް ކުރާކަށް ނުކެރޭނެ ކަމަށް ސިކުނޑިން ސިގްނަލް ދެމުން ދިޔައިރުވެސް، އޭނާއަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނީ އޮފީހަށް ވަދެވުމުންނެވެ. ލިފްޓުން މައްޗަށް އަރައިގެން ދިޔައިރު، ނާލާއާއި އަޒަލް ފާޑަކަށް ބަލަހައްޓައިގެން ތިއްބެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އޭނާ މިހިރީ ދާހިއްލާ ފޯވެފައެވެ. ޝައިނާ މޭޒުމަތީގައި ދަބަސް ބޭއްވުމަށްފަހު، ވީގޮތް ކިޔައިދިނެވެ. ޓިޝޫއަކުން މޫނު ސާފުކޮށްލަމުން އޭނާ އިށީންނަން ދިމާކޮށްލިތަނާ ނާލާ ބިރުވެރި ހަބަރެއް ދިނެވެ.

“ބޮސް ޝައިގެ އިންތިޒާރުގަ އެބައިން. ޝައި އައީމަ ބުނާށޭ ބައްދަލުކޮށްލަން. ހައިދަރު ސަރ ވެސް އެބައިން.” ނާލާއަށްވެސް ޔަގީންވާގޮތުގައި މިއަދަކީ މިއޮފީހުގައި ޝައިނާގެ އެންމެ ފަހުދުވަހެވެ. ނާލާ އަދި އަޒަލްވެސް އެކަމާއި ދެރަވިއެވެ. ތިން ކުދިން އަބަދު އެކީގައި އުޅެ އުޅެ، އެންމެ ގާތް ރަހްމަތްތެރިންނަށް ވެފައިވެއެވެ. ޝައިނާ ނެތިއްޔާ އޮފީސް ވެސް ވާނީ އެކުދިންނަށް ފަޅު ތަނަކަށެވެ. ބޮސްގެ ފަރާތުން ކަމަކަށް ހުއްދައަކަށް އެދެން ޖެހުނަސް، އެކުދިންގެ ފަރާތުން ވާހަކަ ދައްކާނެ މީހަކު ދެން ނުހުންނާނެއެވެ.

އަނެއްކޮޅުން ޝައިނާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. އޭނާ އައީ މިފަދަ ކަމަކަށް އެއްވެސް ވަރަކަށް ތައްޔާރުވެސް ވެގެނެއް ނޫނެވެ. ކަމަކާއި ވިސްނޭވަރަށް ވުރެ ބޮޑަށް ހެނދުނު ހެނދުނާ މިދިމާވި ކަންތަކާއި އޭނާ މިހިރީ ހާސްވެފައެވެ. އެމީހުން ވަކި ކުރުމުގެ ކުރިން އޭނާ އަމިއްލައަށް ވަކިވާން ބޭނުން ކަމުގައި ބުނާނީއެވެ. އޭނާގެވެސް ކޮންމެވެސް އަގެއް އޮންނާނެ އެއްނޫންހެއްޔެެވެ؟ އެހެން ނޫނަސް ވަޒީފާއިން ވަކިކުރާވަރުގެ އެއްޗެކޭ އޭނާއަށް ބުނެވިއްޖެހެއްޔެވެ؟ އެންމެ ރަނގަޅެވެ. އޭނާ އެފަދައިން ވާހަކަ ދައްކައިގެން ނުވާނެއެވެ. އެހެންނަމަވެސް އަމިއްލަ ޒާތީ ސަބަބަކާހެދި، ވަޒީފާއިން ވަކި ކުރުމަކީ ކިހާ ނާތަހުޒީބީ އަމަލެއްހެއްޔެވެ؟

ޝައިނާ މަޑުމަޑުން ހިނގާފައި ގޮސް ދޮރުގައި ޓަކި ދިންއިރު އަތްވެސް ތުރުތުރުލައެވެ. މޫނުގައިވެސް އަނެއްކާ ދާތިކިތައް ވިދަން ފެށިއެވެ. އެތެރެއިން ވަންނަން އިޝާރާތެއް ލިބުމުން ދޮރުހުޅުވާލާފައި ވަންއިރު، ޖުނައިދު މޭޒުދޮށުގައި ފައިލެއް ހުޅުވައިގެން އިނެވެ. ކުރިމަތީގައި އިން ބޮޑު ސޯފާގައި ހައިދަރު އިށީނދެގެން އިންއިރު، ތުންފަތްމަތީގައި ސިއްރު ހިނިތުންވުމެއް ދުވެލި ހެން ޝައިނާއަށް ހީވިއެވެ. ސޯފާގެ ލެނގޭ ބަޔަށް އެއް އަތް އެއްލައިގެން އިންއިރު، އަނެއް އަތުން ފޯނާއި ކުޅެލަ ކުލެލާ ހުރީ އޭނާއާއި ދިމާލަށް ބަލައިލުމުގެ އުނދަގޫވެސް ނުއުފުލަން ކަންނޭގެއެވެ.

ޖުނައިދު ޝައިނާއާއި ދިމާލަށް ބަލާލަމުން ފައިލް މޭޒުމަތީގައި ބޭއްވިއެވެ. އަދި މޭޒުމަތީގައި އޮތް ސިޓީއުރައެއް ނަގާ ޝައިނާގެ އަތަށް ދިއްކޮށްލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shau

Level 110 Stories100 Login

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނުވަދިހަ ދެވަނަބައި)

Next

ލޯބީގެ ހިނދުކޮޅު 5

Next
December 6, 2021

ލޯބީގެ ހިނދުކޮޅު 5

Previews
December 6, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނުވަދިހަ ދެވަނަބައި)



All Right Reserved!