Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހައިދަރު-4

Shau Level 110 Stories100 Login
December 4, 2021 6 Mins Read
0 Comments

ބައްޕަގެ ވާހަކަ ނިމުމުން ހައިދަރު އެތަނުން ނިކުމެގެން ގޭގެ ވަލުފަރާތު ދޮރުން މޫދުކައިރިއަށް ދިޔައެވެ. ގޭގެ ފަހަތު ބައިގައި ދިއްލާފައިވާ ބޮކިތަކުގެ ސަބަބުން މޫދުގެ މަންޒަރުތައް ހުވަފެނެއް ފަދައިން ފެނުނަސް، މިރޭ އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ބައްޕަ ދެއްކި ވާހަކަތައް އެތައް ޓަނުގެ ބުރަދަނުގައި އައިސް ސިކުނޑީގައި ޖެހިގަތްއިރު، ބޮލުގައި އިންތިހާއަށް ރިއްސާފައިވިއެވެ. ސާފު ދޮންވެލިގަނޑުމަތީގައި ހިނގަމުން ގޮސް، ވަކި ހިސާބަކުން ފަސްއެނބުރި ބަލާލީ މީހެއްގެ ހިލަން ވެގެންނެވެ.

ހައިތަމް ފަހަތުގައި ޖައްސާފައި ހުރިއިރު، އޭނާ އެކަނި ދޫކޮށްނުލަން ހުވާ ކޮށްގެން އައި ފަދައެވެ. “ކޮންކަމަކާ ތި ބޯގޮއްވަނީ؟ ބައްޕަ ކީކޭ ބުނީ؟” ހައިތަމް ދެސުވާލު މަތިމައްޗަށް ކޮށްލިއެވެ.

“މިއަދު ޖޯޑު ތަޅާލީމަ ލެކްޗަރެއް ދިނީ. އެހާ ކުޑަކަމެއްގެ ވާހަކަވެސް ބައްޕައާއި ހަމައަށް ނުގެންގޮސް އޭނައަކަށް ކެތެއް ނުވި.” ޖަވާބު ނުދީފާނެހެން ހީވި ވަގުތުކޮޅަކަށްފަހު ހައިދަރު ބުނެލިއެވެ. “އެހެން ގޮސް ކުޓުވާނީ ދޭތެރެ ޖައްސަން ނޫން ދެން ކޮންކަމެއްގަ؟ ބޭބެވެސް ހުންނައިރު، އޭނަ މަށާ އަޅައިގަނެގެން އުޅޭ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނޭ.” ހައިދަރު ޖީބަށް އަތް ޖަހާލީ މާބޮޑަށް ފިނިވުމުންނެވެ.

“ކާމް ޑައުން ލިލް ބޭބީ ބްރަދާ. އެވާނީ ހައިދަރު ދެކެ މާބޮޑަށް ލޯބިވާތީ ކަމަށް.” ހައިތަމް މޫދަށް ނަޒަރު ހުއްޓާލީ، ހިނިތުންވުމެއް ފޮރުވާލަމުންނެވެ. ދެވަނަ ފަަހަރަށް ހައިދަރުގެ މޫނަށް ބަލާލިއިރު، އެދެބުމަ ވަނީ ގޮށްޖެހިފައެވެ. ކޮލުގެ ކަށިގަނޑަށް ގެނައި ބަދަލުންވެސް އޭނާ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަމުންދިޔަ ވަރު ފެނެއެވެ. އޭނާއަށްވުރެ އިސްކޮޅުން ކުޑައިރުވެސް ބޭބީ ބްރަދާއޭ ވެސް ކިޔައިފިއެވެ. ހައިތަމް އޭނާއާއި މެދު އުމުރަށްވުރެ ޅަކޮށް ކަންތައްކުރާކަން ހައިދަރު ނުދަންނަނީއެއް ނޫނެވެ.

“އޮން އަ ސީރިއަސް ނޯޓް، ޔޫ ނީޑް ޓު ވޯކް އޮން ޔޯ ޓެމްޕާ. ރުޅި އައީމަ އެއްޗެހި ހަލާކު ކުރުންވެސް އެއީ އެންމެ ރަނގަޅު ގޮތެއް ނޫން ދޯ. އަނެއްކާ ހާޖަރުވެސް ހުއްޓާ. ވިސްނާނެ ދޯ އޭނަވެސް.” ހައިތަމް ވާހަކަ ދައްކަމުން ހައިދަރުގެ ފަހަތުން ދިޔައެވެ.

ހައިދަރު ވިސްނާލިއެވެ. ތެދެކެވެ. ހާޖަރު ހުއްޓާ އޭނާ މިއަދު ކަންތައް ކުރީ ކޮށްގެން ވާނެ ގޮތަކަށް ނޫނެވެ. އެ ޅަސިކުނޑިއަށް އޭގެ އަސަރު ކުރާނެކަން ގައިމެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ ރުޅި އަންނަ ވަގުތު ކައިރީގައި ތިބި ބަޔަކާމެދު ވިސްނޭ ވަރަށްވުރެ ބޮޑަށް، އޭނާގެ ހަމަހޭވެރިކަން ފިލައިގެން ދަނީއެވެ. ވާނުވާވެސް ނޭނގެނީއެވެ. ހާޖަރު ހުންނަ ތަނެއްގައި ވިއްޔާ އޭނާ ދެން ހުންނާނީ ނިކަން ވިސްނައިގެނެވެ.

“އެހެން ނޫނަސް ބޭބެއަކަށް ހިޔެއްނުވޭ ބައްޕަ އެވާހަކަ ދެއްކީ ވަކި ކަމެއް އެނގިގެން ހެނެއް. އެއަށްވުރެ މާއަގުބޮޑު އެއްޗެހި މީގެ ކުރިންވެސް ހައިދަރު ހަލާކު ކޮށްފަ އެބަހުރި. އެހެންނޫނަސް އަމީރާއްތައަކީ ބައްޕައާއި ދަރިންގެ ދޭތެރެ ޖައްސާނެ ކަހަލަ ނުބައި މީހެކޭ ބޭބެގެ ހިތެއް ނުބުނޭ. ކޮންމެ ފަހަރަކު ހަގީގަތް ނޭނގި، ހުރިހާ ކަމެއް އަމީރާއްތަ ބޮލުގަ އެޅުވުމަކީވެސް އިންސާފެއް ނޫން ދޯ. ” ހައިތަމް މަސައްކަތް ކުރީ ކޮއްކޮގެ ހިތުގައިވާ ނަފްރަތުގެ އަލިފާން ނިވާލުމަށެވެ. އެހެންނޫނީ އޭނާގެ ފުރާނަފަދަ ލޯބިވާ ކޮއްކޮ، އެ އަލިފާނުގައި އަނދައި އަޅިއަށް ވެދާނެއެވެ.

ހައިދަރު އުޑުމަތީގައި ވާ އެތައް މިލިއަން ތަރިތަކަށް ނަޒަރު ހިންގާލީ އެވާހަކައަށް ޖަވާބު ދޭން ބޭނުން ނުވާތީއެވެ. ބޭބެއަށް ނޭނގެނީއެވެ. މިދުނިޔެ މަތީގައި އުޅެނީ ހުސް ބޭބެ ފަދައިން، ކުށެއް ނެތް މައުސޫމު ބައެކޭ ހީވަނީއެވެ. އެހެނަސް މިދުނިޔޭގެ އަނިޔާވެރިކަން ދުށީ އޭނާގެ އަމިއްލަ ދެލޮލުން ނޫންހެއްޔެވެ؟ ނުބައި ނުލަފާ ބައެއްގެ އަނިޔާވެރި ހަމަލާތަކުގެ ޝިކާރައަކަށް އޭނާގެ މަންމަ ވީގޮތް، ދުނިޔެއަށް ނޭވާލާހާ ހިނދަކު ހަނދާން ނައްތައެއް ނުލެވޭނެއެވެ.

އޭނާ އެކި ގޮތްގޮތަށް ވިސްނައިފިއެވެ. މަންމަ މަރުވުމުން އެންމެ ބޮޑު ފައިދާއެއްވީ އެ އަމީރާއަށް ނޫންހެއްޔެވެ؟ މަންމައާއި ދުޝްމިނުކަމެއް އޮންނާނެ އިތުރު އެއްވެސް މީހަކު އޭނާގެ ހިޔާލަކަށްވެސް ނާދެއެވެ. މުދަލާއި މުއްސަނދި ކަމުގެ ދަހިވެތިކަމުގައި އަމީރާ އަޑީގައި ހުރެގެން، ބަޔަކު ލައްވާ މަންމަގެ ނަންވެސް މިދުނިޔެއިން ފޮހެލީކަން ހައިދަރުއަށް ޔަގީނާއި ގާތަށް އެނގެއެވެ.

އެހިޔާލު ހިތަށް އައުމުން އޭނާއަށް ހިތާއި ދެކޮޅަށްވެސް ކަރުނަ އޮއްސަން މަޖުބޫރުވެއެވެ. މިފަހަރުވެސް ވީއެހެންނެވެ. މޫނުގައި ދެއަތް އަޅަމުން ހައިދަރު ހުރި ތަަނަށް ތިރިވީ، ހިތުގައި އަޅަމުންދިޔަ ވޭނަށް ކެތް ނުވެގެންނެވެ.

ހައިތަމްވެސް އަވަސް ހަރަކާތަކާއިއެކު ހައިދަރުގެ ގައިގައި ހިފައިގަތީ ކަންބޮޑުވެފައި ހުރެއެވެ. އޭނައަށް ނުބުނަންވާ އެއްޗެއް ބުނެވުނީބާވައެވެ؟ ނޫނެކެވެ. ހައިދަރުއަކީ އެހާވަރުގެ އެއްޗެއް މީހަކު ބުނެގެން މިގޮތަށް ރޯނެ މީހެއް ނޫނެވެ. ހައިދަރުގެ ގައިގައި ބާރަށް ބައްދާލައިގެން އޭނާ މަޑުކޮށްލީ ހަމައަކަށް އެޅެންދެނެވެ.

އެގޮތުގައި އިރުކޮޅެއް ހޭދަވުމަށްފަހު، މޫނު ފޮހެލަމުން ހައިދަރު ބިންމަތިން ތެދުވީ އެއްވެސް ކަމެއް ނުވާފަދައިންނެވެ. އިހްސާސްތައް ފޮރުވާލަން އޭނާ އެހާވެސް ކުޅަދާނައެވެ. ހައިތަމް އަދިވެސް އެމޫނަށް ބަލަހައްޓައިގެން ހުރީ ކަންބޮޑުވެފައެވެ.

“ޑޫ ޔޫ ވޯންޓު ޓޯކް؟ ބޭބެ ކައިރީ ހުރިހާ އެއްޗެއްވެސް ޝެއާ ކުރެވޭނެކަން ހައިދަރުއަށް އެނގޭދޯ؟” އެހިތުގައިވާ ސިއްރުތައް އޮޅުންފިލުވަން ހައިތަމް އެހާ ބޭނުންވި ވަގުތެއް ނާދެއެވެ. އެކަމަކު ހައިދަރު އިސްދަށަށް ޖަހާލި ގޮތުން ޖަވާބެއް ނުލިބޭނެކަން އޭނާ ދެނެގަތެވެ. ބުނަން ބޭނުން ނުވާ އެއްޗެއް ހައިދަރު ލައްވާ ބުނުވޭނެ އިންސާނެއް މިއުޑުހިޔާ ދަށަކު ނުވެއެވެ. ބޭނުންވި އިރަކުން ކިޔައިދޭށޭ ބުނެ ހައިތަމްވެސް އެވާހަކަ ނިންމާލިއެވެ.

ދެބެއިން ގެއާއި ދިމާލަށް ހިނގަމުން ދިޔައިރު، އޮފީހުގެ މަސައްކަތާއި ބެހޭގޮތުން ވާހަކަ ދެކެވުނެވެ. ހައިދަރު ބައްޕަގެ ވިޔަފާރީގައި ބައިވެރިވާން ބޭނުންވާ ވާހަކަ ބުނުމުން އެންމެ އުފާވީ ހައިތަމްއެވެ. އޭނާގެ ކޮއްކޮ ޒިންމާދާރުވާން ފެށިކަމުގެ ނިޝާނެކެވެ.

ހަގީގަތަކީ ހައިދަރު ވަނީ ވަޒީފާއަކަށް އިންތިހާއަށް ބޭނުންވެފައިވާ ކަމެވެ. އޭނާ ކުރަން މިއުޅޭ ބޮޑު ކަންތަކަށް އެތައް ފައިސާއެއް އަދި ބޭނުންވާނެއެވެ. ކުންފުނީގެ އެކައުންޓުންވެސް ދެން ލާރި ނަގާކަށް ނުކެރޭނެއެވެ. ބައްޕަވެސް މިއަދުވަނީ އޭނާއަށް ދޭ ހުރިހާ އިނާޔަތްތަކެއް މެދުކަނޑާލާފައެވެ. އަމިއްލައަށް މަސައްކަތް ކޮށްގެން ނޫންގޮތަކަށް ދެން ލާރި ނުލިބޭނެ ވާހަކަ ބައްޕަ އޮތީ އަންގާފައެވެ. ހުސް ދޮންމަންމަގެ ކަންތަކެވެ. އެއްގޮތަކުން ރަނގަޅެވެ. ވަޒީފާއަށް ނުކުތުމަކީ މަންމަގެ ގާތިލާއި ކައިރިއަށް އެޅޭނެ ފިޔަވަޅެކެވެ.

އަމީރާ ކުޑަދޮރު ކައިރީގައި އެދެބެއިންގެ ހަރަކާތްތަކަށް ބަލަން ހުރީ ހިތްހަމަޖެހިފައެވެ. ހައިދަރު ނިކުމެގެން ދިޔައިރު، އައިސްފައި ހުރި ރުޅީގައި އަތުންފައިން ގޯހެއް ހަދާފާނެތީ، އޭނާގެ ފަހަތުން ދާން ހައިތަމް ކައިރިން އެދުނީ އަމީރާއެވެ. މިދެކުދިންނަކީ ކުޑައިރުން ފެށިގެން އޭނާ އަމިއްލަ ދަރިން ފަދައިން ބަލާބޮޑު ކުރި ކުދިންނެވެ. މިއަދު މިވަނީ ފުރާފުރިހަމަވެ، އޭނާއަށްވުރެވެސް ބޮޑުވެފައެވެ. އޭނާއާއި ގުޅުން ރަނގަޅު ނޫނަސް ހައިދަރު އެހެން ކުދިންދެކެ އެހާ ލޯބިވާތީ އަމީރާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބެއެވެ. އެހިތުގައިވާ އުދާސްތައް ހައިތަމްއަށް މިރޭ ކިޔައިދީފިއްޔާ ރަނގަޅެވެ.
* * * * * * * * *
ޖެހިގެން އައިދުވަހަށް އިރު އެރިއިރު ވެސް ހައިދަރު އެނދުމަތީގައި ދެއަތަކަށް ފުރޮޅި ފުރޮޅި އޮތެވެ. އަރާމު ނިންޖަކީވެސް އޭނާގެ ނަސީބުގައި ނެތް އެއްޗެކެވެ. ރޭގަނޑުގެ މަދު ވަގުތުކޮޅެއްގައި، އުނދަގޫ ބޮޑު ގޮތެއްގައި ލިބޭ ކުޑަ ނިދިކޮޅާއިއެކު، އޭނާއަށް ދުވާލު ކޮޅަށް ހުރެވޭކަމާއިމެދުވެސް ހައިރާންވެއެވެ. ފާހާނާއަށް ވަދެ ފެންވަރައިގެން، ކޮފީ މަގެއް ހިފައިގެން ބެލްކަންޏަށް ނިކުމެލީ، ސިކުނޑިއަށް ވެރިވެފައިވާ ލޮޑުކަން ފިލުވާލުމަށެވެ. ކޮފީ ތަށި ހުސްކޮށްލުމަށްފަހު ކޮޓަރިއަށްވަދެ ތައްޔާރުވާންފެށީ ހައިތަމްއާއި އެކީ އޮފީހަށް ދިއުމުގެ ނިޔަތުގައެވެ.

އަލަމާރި ހުޅުވާލުމަށް ހުޅުވާލުމަށްފަހު ޖީންސަކާއި ޓީޝާޓެއް ނަގައިގެން ލީ، ހައިތަމް ފަދައިން ސޫޓް ލާން ބޭނުން ނުވާތީއެވެ. ހޭވިފައިވާ އިސްތަށިގަނޑު، އަތުގެ ހަރަކާތުން ތަރުތީބު ކޮށްލުމަށްފަހު ލޯގަނޑުން ބަލާލިއެވެ. ޑްރެސިން ޓޭބަލްގެ މަތީގައި ހުރި ސެންޓުފުޅިން ޖަހާލުމުން، މުޅި ކޮޓަރިތެރެ އެއްވަސްވީ ވަން މިލިއަންގެ މީރުވަހުންނެވެ.

ފޯނު ޖީބަށް ލުމަށްފަހު ކާރުގެ ރިމޯޓް ތަޅުދަނޑި ހިފައިގެން ތިރިއަށް ދިޔުމުން، ކާމޭޒު ދޮށުގައި ތިބި ޖުނައިދުއާއި އަމީރާގެ އިތުރުން، ހައިތަމްއާއި ހާޖަރުއަށްވެސް ހައިރާންކަން ލިބުނެވެ. ޒޯޔާގެ މޯނިން ސިކްނެސްއާއި ހެދި މިއަދު ތިރިއަށް ނާދެވުނަސް، ޒޯޔާ ހުރިނަމަ އޭނާވެސް ހައިރާންވީހެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ހެނދުނު ހެނދުނާ ކާމޭޒު ދޮށުން ހައިދަރު ފެނުމަކީ، ހުވަދޫ ކަނޑަށް ވެއްޓުނު ތިނޯހެއް ފެނުން ފަދަ ކަމެކެވެ.

“ދަރިފުޅު ކޮންތާކަށް ދާން ތައްޔާރުވެގެން ތިހިރީ؟” ހައިދަރު އައިސް ކައިރީގައި ހުއްޓުމުން ޖުނައިދު ސުވާލުކޮށްލިއެވެ.

“ބައްޕަ ބުނީމެއްނު ރެސްޕޮންސިބްލް މީހަކަށް ވާށޭ. އެހެންވެ އޮފީހަށް މިދަނީ.” ހައިދަރު އެހެން ބުނުމުން ޖުނައިދު ތެދުވެ، ދަރިފުޅު މޭގައި ޖައްސާލާފައި ނިއްކުރިއަށް ބޮސްދިނެވެ. އަދި ދަރިފުޅާއިމެދު ފަހުރުވެރިވާ ވާހަކަވެސް ބުނެލިއެވެ. ޖުނައިދުގެ ފަހަތުން ހައިދަރު ހިނގައިގަތް އިރު، ހައިތަމްވެސް ތެދުވެއްޖެއެވެ. އަމީރާގެ މޫނުމަތިން ކަންބޮޑުވުން ފެނުނީ، ހައިދަރު ސައި ނުބޮއި ދިއުމުން ކަން އެނގި، ހައިތަމް ހީލިއެވެ. ހައިދަރު ގަބޫލުކުރަން ބޭނުން ނުވިޔަސް، އަމީރާއްތަ އޭނައަށްވުރެވެސް ބޮޑަށް ހައިދަރު ދެކެ ލޯބިވާކަން ހައިތަމް ދަނެއެވެ.

“އަމީރާއްތާ. ހައިދަރުގެ ނާސްތާ ޕެކް ކޮށްލާފަ އަހަރެންގެ އަތަށްދީ.” އޭނާ ހިފައިގެން ދިޔަސް ހައިދަރު ނުކާނެކަން ޔަގީންވާއިރުވެސް، ހައިތަމް އެހެން ބުނެލީ ދައްތަގެ ހިތްހަމަ ޖައްސާލަ ދިނުމުގެ ގޮތުންނެވެ.

އަމީރާ އަވަސްއަވަހަށް ކަރުދާސް ކޮތަޅެއްގައި ނާސްތާ ބަންދުކޮށްފައި، ހައިތަމްގެ އަތަށް ކޮތަޅު ދިނެވެ. އަދި ހައިތަމްގެ ބުރަކަށީގައި ފިރުމާލަމުން، ހައިދަރުއަށް ރަނގަޅަށް ބަލަން އެދުނެވެ. ހައިތަމް ހިނިތުންވެލީ، ކަންބޮޑުނުވާށޭ ބުނާފަދަ ގޮތަކަށެވެ.

ހައިތަމް ބޭރަށް ނިކުތްއިރު ޕޯޓިކޯގައި ހައިދަރު، ކާރުގައި މަޑުކޮށްލައިގެން އިނެވެ.

“ބްރޯ އޮފީހަށް ދަންޏާ މަށަށްދޯ ހުރިހާ ފައިދާއެއް؟ ކޮންމެ ދުވަހަކުވެސް ޑްރައިވަރަކަށް ވެދެއްޗޭ.” ހައިތަމް ކާރަށް އަރަމުން ސަމާސާ ކޮށްލިއެވެ.

“ބައްޕަ ކްލައިންޓަކާއެކު މީޓިން އެއް އޮތުމުން މިއަދު އޮފީހަށް ނުދެވޭނެ ވާހަކަ ބުނި.” ހައިތަމްގެ އަތުގައި އޮތް ކޮތަޅަށް ނަޒަރު ހިންގާލަމުން ހައިދަރު ބުނެލިއެވެ.

“އޯ ދިސް؟ ދިސް އިޒް ފޯ ޔޫ. އަހަރެން ބުނީމެއްނު ދޮންމަންމަ ހައިދަރުދެކެ މާލޯބިވެޔޭ.” ހައިތަމް އެހެން ބުނެލީ ހައިދަރުގެ ހިތުގައިވާ އެއްޗެެއް އެނގިގެން ކަހަލައެވެ. ހައިތަމްއަށް ކަޅި އަޅާލުމަށްފަހު ހައިދަރު ކާރު ދުއްވާލިއެވެ.

* * * * * * * * * *
ދިހަބުރީގެ އިމާރާތުގެ ޕޯޓިކޯއަށް ކާރު މަޑު ކޮށްލުމަށްފަހު، ފޭބިއިރު ދޮރުމަތިން ސެކިއުރިޓީއަކު ދުވެފައި އެދިމާލަށް އާދެއެވެ. ހައިދަރު ތަޅުދަނޑި އެމިހާ އަތަށް ދިނުމަށްފަހު، އެތެރެއަށް ދާން ހިނގައިގަތެވެ.

“އަނހަ ޔައުގޫބުބޭ. ޔަގީނޭ ބޭބެ މިއަދުވެސް ތިހިރީ ހެނދުނު ސައި ނުބޮއިކަން.” ހައިތަމް އޭނާގެ އަތުގައި އޮތް ކޮތަޅުވެސް ޔައުގޫބު އަތަށް ދިއްކޮއްލިއެވެ.

“މި ހިފައިގެން ގޮސް ކާރު ޕާކް ކޮށްލާފައި ހަމަޖެހިގެން ނާސްތާ ކޮށްގެން އާދޭ. ވަރަށް މީރު ބަރަބޯ މަސްހުންޏާއި ހޫނު ޑިސްކްވެސް ހުންނާނެ.” ހައިތަމް ހިތްހެޔޮކަމާއެކު އެހެން ބުނެފައި ގޮސް، ހައިދަރުއާއި އެއްވަރުކޮށްލެވުނީ، ކުޑަކޮށް ދުވެލާފައި ދިޔަކަމުންނެވެ.

ޔައުގޫބު ކާރު ޕާކުކޮށްލާފައި ގޮސް އެކޮތަޅު ޑަސްބިނަށް ލާންވެސް ހިތަށްއެރިއެވެ. ޖުނައިދުގެ މިތިބީ ވަރުގަދަ ފިރިހެން ދަރިންނެވެ. އެމީހުން ހީކުރަނީ އޭނާއަކީ ސަލާން ޖަހާމީހެއް ކަމަށްހެއްޔެވެ؟ އެކަމަކު ހައިތަމް ބުނީ ތެދެކެވެ. އޭނާ އެހެރީ ހެނދުނު ސައިވެސް ނުބޮއެވެ.

އެއީ ހަމަ ގިނަދުވަހު އޭނާގެ ހާލަތެވެ. ރޭގަނޑު ޖުވާކުޅުން ފަދަ ކަންކަމުގައި، ރައްޓެހިންނާއެކު ހޭލާ ހުރުމުގެ ސަބަބުން ހެނދުނު ހޭލެވެނީ އެހާ ލަހުންނެވެ. ތައްޔާރުވެގެން ގަޑި ނުޖެހި ކިރިޔާ އާދެވޭ ކަމެވެ. ކުންފުނިން ބޮޑު މުސާރައެއް ދޭއިރުވެސް މަސް ނިމެން ކައިރިވާއިރު، އަތުގައި އެއްވެސް އެއްޗެއް ނެތި، ދަރަންޏަށް މީހުން އަތުން ލާރި ހޯދާފައި ހުރީވެސް މަދެއްކޮށެއް ނޫނެވެ. ޒުވާން އުމުރުގައި ހިނގި އެކްސިޑެންޓެއްގެ ސަބަބުން، ދަރިން ނުލިބޭކަމީވެސް އޭނާގެ ބަދުނަސީބެވެ. އެހެންނޫނަމަ މިއަދު ދެބައި އުމުރަށްވުރެ މައްޗަށް ގޮސްފައިވާއިރު، ހައިދަރުމެން ވަރުގެ ދަރީން އޭނާގެ ތިބީހެވެ. ހަޔާތުގައި އެންމެ ކައިވެންޏެއް ކުރިއިރު، އަނބިމީހާ ބަލީގެ ތަންމަތީގައި ނިމިގެން ދިޔައީ، އޭނާގެ އަޅާލުން ކުޑަކަމާއި ފަރުވާކުޑަކަން، އަދި ވިޔާނުދާކަމުން ކަމަކަށް ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ.
* * * * * * * * *
ކެހިގެން ދިޔަ ބޮޑު ބިއްލޫރި ދޮރުން ހައިތަމްއާއި ހައިދަރު ވަދެގެން މަޑު ހިނގުމެއްގައި އައިއިރު، ދެބެއިންގެ އިސްކޮޅުގެ ކުޑަ ތަފާތެއް ފިޔަވައި މާބޮޑު ތަފާތެއްވެސް ނެތެވެ. އޮފީހުގެ ރިސެޕްޝަނުގައި ތިބި އަންހެން ކުދިން ވައިއަޑުން ޗުކުޗުކު ލައްވަން ފެށިއެވެ. ހައިދަރު ފެނުމުން އަސަރު ނުކުރާ ހިތެއްގެ ވެރިޔަކު އެތާކު ނެތެވެ.

ހައިތަމްއަކީ އެމީހުންނަށް އާމޫނަކަށް ނުވިޔަސް، ޖުނައިދުގެ ހަގު ދަރިފުޅު އެމީހުންގެ ލޮލަށްވެސް ފެނިލަނީ “ވަންސް އިން އަ ބްލޫ މޫން” އޭ މިކިޔާ އެއްޗެއްގައެވެ. އެކުދިންގެ ތެރެއިންވެސް އެންމެ ފޮނި އަދި ކިބުރުވެރިކަމަށް މަޝްހޫރު ނަދާ، އަދި މިހާރަށް ވުރެވެސް ބޮޑަށް ތުއިވެލިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ދޮރުން ވަދެގެން އެއަންނަ ސްމާޓް ފިރިހެނާއަކީ މިދުނިޔެ މަތީގެ ކަމެއްހެން ވެސް އޭނާއަކަށް ހިޔެއް ނުވެއެވެ. ލައިގެން ހުރި މަޑު ނޫކުލައިގެ ޑެނިމް ޖީންސާއި ހުދުކުލައިގެ ބްރޭންޑެޑް ޓީޝާޓް، އެފިރިހެންވަންތަކަމާއި ވާދަކުރުމަށް ނުކުޅެދިފައިވިއެވެ. ރޭބަން އައިނަކުން ދެލޯ ފޮރުވާލައިގެން ހުރީ، ލޮލުގެ ތޫނުކަމުން ކަތިލެވިދާނެ ހިތްތައް ގިނަވާނެކަން އެނގޭތީ ކަންނޭގެއެވެ. މެދުމިނަކަށް ދިގުކޮށް އޮތް ވަރުގަދަ އިސްތަށިގަނޑާއި، ކަޅުކުލަގަދަ ބުމައާއި، ނުބާލައި ދެތިންދުވަސް ވެފައިވާ ތުނބުޅީގެ ސަބަބުން ޝަހުސިއްޔަތުގެ ވަރުގަދަ ކަން ހާމަވެއެވެ.

ނަދާ ރިސެޕްޝަނުން ނިކުމެ އެދިމާލަށް ހިނގައި ގަތްލެއް ބާރު ކަމުން، ލައިގެން ހުރި އުސް ފައިވާނާއެކު އަރިއަޅާ ނުލީވެސް ކިރިޔާއެވެ.

“ހައު ކެން އައި ހެލްޕް ޔޫ ސަރ؟” ހައިދަރުގެ ކުރިމައްޗަށް އަރާފައި އޭނާގެ އެންމެ ފޮނި އަޑުން ސުވާލު ކޮށްލިއެވެ. ފޯނާއި ކުޅެމުން އައި ހައިދަރު އިސްއުފުލާ ބަލާލީ ވަށައިގެންވާ އެއްވެސް ކަމެއްގެ ހަބަރު ނޭނގޭހާލުގައެވެ. ކުރިމަތީގައި ހުރި އަންހެން ކުއްޖާ ފެނުމުން ވަކިން ފޫހިވިއެވެ. ފިރިހެނަކު ފެންނައިރަށް އަންހެންކުދިންނަށް މިވާ ވަރެކެވެ.

“އައި ކެން ހެލްޕް މައިސެލްފް.” ރުންކުރު ގޮތަކަށް އެހެން ބުނެލުމަށްފަހު، ހައިދަރު ފިޔަވަޅުތައް އަވަސް ކޮށްލިއެވެ. ހައިތަމް ދެކޮޅަކަށް ބޯހޫރާލާފައި ހީލިއެވެ. ހައިދަރުގެ ފަރާތުން އަންނާނީ އެފަދަ ޖަވާބެއްކަން އެނގިގެން ހުރިފަދައެވެ. އެއްދުވަސްވަރަކު މިކުދިން އޭނާގެ ފަހަތުންވެސް އުޅުނެވެ. މީހަކާއި އިނުމުން އުދަނގޫތައް ކުޑަވިއިރު، މިހާރު މިކުދިންގެ އަމާޒަކީ ހައިދަރުކަން އޭނާ ދެނެގަތެވެ.

ހައިތަމްގޮސް ލޯކުރިމަތިން އޮބާލުމުން ނަދާ ދެފައި ތަޅާލިއެވެ. ހައިދަރު އޭނާއާއި މެދު މިހާ ފިނިކޮށް ކަންތައް ކޮށްފާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. ރީތި ސިފައެއް ދެއްވާފައި ހުރުމުން އެހެރީ ތިމާއަށް ތިމާ ފެނިފައެވެ. ދެންތިބި ކުދިން އެ ހެނީ އޭނާއަށް މަލާމާތް ކޮށްފައި ކަން ޔަގީނެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ހައިދަރު އޭނާގެ މީހަކަށް ހަދާފައި އަދި އެކުދިންނަށް ދައްކާނެއެވެ.

ހައިދަރު ލިފްޓުން ބައްޕަގެ ކެބިން ހުންނަ ބަޔަށް ދިޔައެވެ. އިމާރާތުގެ އެކި ފްލޯތައް އެކި ބަޔަށް ބަހާލެވިފައި ވާއިރު މީ އެޑްމިން ބަޔެވެ. ކެބިންގެ ދޮރާއި ދިމާލަށް ހިނގާފައިދިޔަ ހައިދަރުގެ ފިޔަވަޅުތައް މަޑުވީ، ކެބިންގެ ބޭރުގައި ހުރި ރިސެޕްޝަނުގައި އިން އަންހެން ކުއްޖާ ފެނިފައެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shau

Level 110 Stories100 Login

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނުވަދިހަ ވަނަ ބައި)

Next

ބޭވަފާތެރި ވުމުން ޔާރާ 10 & 11

Next
December 5, 2021

ބޭވަފާތެރި ވުމުން ޔާރާ 10 & 11

Previews
December 4, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނުވަދިހަ ވަނަ ބައި)



All Right Reserved!