Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހައިދަރު-3

Shau Level 110 Stories100 Login
December 2, 2021 6 Mins Read
0 Comments

އެމަންޒަރު ބަލަން ގަސްފުންޏެއްގެ ފަހަތުގައި ފިލާހުރި މީހާ މަގަށް ނިކުތީ ކާރުގޮސް ލޯމަތިން އޮބާލުމުންނެވެ. އޭނާގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. މިއަދު އޭނާއަށް މި ހޯދުނު ކަންތައްތަކުގެ ސަބަބުން މުސާރަ ބޮޑުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ހައިދަރު މަސްތުވާތަކެތީގެ ބޭނުން ކުރާކަން އޭނާއަށް ޔަގީނެވެ. އެހެން ނޫންނަމަ މަސްތުވާތަކެތީގެ އައްޑާއެއްގައި އެހާ ގިނަވަގުތު ހޭދައެއް ނުކުރީހެވެ.

އޮފީހުގެ މަސަތްކަތުން ޖުނައިދު ނިމުނުއިރު، އިރުއޮއްސި އަނދިރި ވެއްޖެއެވެ. ރަށުގެ ބޮޑުމަގުން ބާރަށް ދުއްވާފައި އައި ކާރުގެ ދުވެލި، ތަންކޮޅެއް މަޑުވީ ގޯޅިއަކުން ލަނބާލި ގަޑީގައެވެ. ތާރު އެޅި ބޮޑުމަގުގައި ބާރަށް ދުއްވުނަސް، ރަށުގެ ހުރިހާ މަގުތަކެއްގެ ހާލަތު ޖުމްލަ ގޮތެއްގައި ގޯހެވެ. އަޑިގުޑަންތަކުން އަރަމުންގޮސް، ލިލަކްވިއުގެ ޕޯޓިކޯއަށް ކާރު މަޑު ކޮށްލުމަށްފަހު ކާރުން ފޭބިއިރު، ގޭޓުން ވަދެގެން އައި މެހެމާނެއް ލޮލުގައި އަޅައިގަތެވެ. ބޮޑު ހަބަރަކާއިގެން މެނުވީ ޔައުގޫބު ނާންނާނެކަން ޔަގީނެވެ.

ޖުނައިދު އެތެރެއަށް ވަންނަން ދަމުން ފަހަތުން އައުމަށް ޔައުގޫބަށް އިޝާރާތް ކޮށްލިއެވެ. މިއަދަކީ ޔައުގޫބު މިގެއަށް އައި ދެވަނަ ދުވަސް ނަމަވެސް، ގެއާއި ގޭގެ ވަށައިގެންވާހާ ތަކެއްޗަކަށް އޭނާ ނަޒަރު ހިންގަމުން ދިޔައެވެ. ހިޔާކޮށްފައިވާ ފުޅާ ޕޯޓިކޯގައި ޕާކް ކޮށްފައިވާ އެކި ބްރޭންޑްގެ އަގުބޮޑު ކާރުތަކެވެ. ގޭގެ ކުރިމަތީގައި ހައްދާފައިވާ ބަގީޗާގައިވާ ކުލަކުލައިގެ މާތަކާއި ގަސްތަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ، ބަގީޗާގެ އެކި ދިމަދިމާލުގައި ދިއްލާފައިވާ މަޑު އޮރެންޖު ކުލައިގެ ބޮކިތަކުންނެެވެ. ގޭގެ ދޮރާއި ދިމާލުން ދެފަރާތުގައި، ރީތި ގަސްމުށި ތަކުގައި އަތުރާފައި ސްނޭކް ޕްލާންޓް ތަކެއް ހުއްޓެވެ.

ރޯޒްވުޑް ކުލައިގެ ބޮޑު ދޮރުން ވަދެގެން އައިއިރު، ފަރުނީޗަރުތައް އަޅިކުލައިގައި ހުރެފައި، މުޅިގެ ހުދު ދަވާދުން ޕެއިންޓް ކޮށްފައިވާ ގޮތްވެސް އެހާ ހިތްގައިމެވެ. ލިވިންރޫމްގެ ކަނާތްފަރާތުގައި ކާގެ ހުރިއިރު، އެބައިގެ ތެރެއިން ބަދިގެއަށް ވަދެވެން ހުުއްޓެވެ. ވާތްފަރާތުގައި ބޮޑު ދެކޮޓަރި ހުރިއިރު، ކުރިމަތީގައިވެސް ދެކޮޓަރިއެވެ. ދެން ޖެހިގެން ހުރީ މައްޗަށްއެރޭގޮތަށް ހުރި ހަރުފަތް ތަކެކެވެ. މިގޭގެ މަތީބައިވެސް އޭނާ ބަލާލަން ބޭނުމެވެ. އެކަމަކު އަދި އެ ނަސީބެއް ނުލިބެއެވެ.

ލިވިންރޫމުގެ މެދަށްވާގޮތަށް ހުރި ބިއްލޫރި ކުޑަމޭޒުމަތީގައި ދެތިން ވާހަކަފޮތެއް އޮތްއިރު، މޭޒުގެ ވަށައިގެން އަތުރާފައިވާ އަޅިކުލައިގެ ބޮޑު ސޯފާސެޓުން ސޯފާއެއްގައި ހާޖަރު ވާހަކައެއް ކިޔަން އިނެވެ. ޖުނައިދު ވަދެގެން ދަމުން ހާޖަރުގެ ބޮލުގައި ފިރުމާލި އިރު، ޔައުގޫބު ހާޖަރުއަށްވެސް ނަޒަރެއް އެއްލިއެވެ.

ޖުނައިދުގެ ފަހަތުން އޭނާ ގޮސް ވަނީ ޖުނައިދުގެ ސްޓަޑީ ރޫމްއަށެވެ. ސީލިންއިން ފެށިގެން ބިމާއި ހަމައަށް ހުރި ކަހާލެވޭ ބިއްލޫރި ދޮރުގެ ފަރުދާތައް ކަހާލުމާއިއެކު، މޫދުގެ ރީތި މަންޒަރުތައް ފެނެއެވެ. ހައިދަރުމެން ފަތަން އެހާ ފަރިތަވީ، މޫދު މިހާ ކައިރީގައި އޮތީމަ ކަމަށްވެސް ވެދާނެއެވެ. ޖުނައިދު އިށީނުމުން ޔައުގޫބު ލަހެއް ނުކޮށް އޭނާގެ ވާހަކަ ފެށިއެވެ.

“ހައިދަރު މިއަދު ހަތަރުދަމުވެސް އުޅުނީ ޑްރަގްސް ބޭނުންކޮށް، އޭގެ ވިޔަފާރި ކުރާ ބަޔަކާއެކު އެމީހުންގެ އައްޑާގަ.” އެތަނުގައި އެވަގުތު ބޮމެއް ގޮއްވާލިޔަސް ޖުނައިދުއަށް ސިހުމެއް ލިބޭނީ އެވަރަށެވެ. ފުންމައިގެން ތެދުވެ ޔައުގޫބު ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފައި ވާންކޮށްލެވުނީ ރުޅި ކޮންޓްރޯލުން ނެއްޓިގެންނެވެ.

“މީ ދޮގެއް ނޫން ސަރ. އަޅުގަނޑުގެ އަތުގައި ފޮޓޯވެސް އެބަހުރި.” ޔައުގޫބު އަވަސް އަވަހަށް ބުނެލީ އޭނާގެ ސަލާމަތް ހޯދުމަށެވެ. އެ ސިކުންތުކޮޅުގެ ތެރޭގައި ޖުނައިދު އޭނާގެ އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލާފައި ދުރަށް ޖެހިލިއެވެ. ޔައުގޫބުއަކީ އޭނާގެ އޮފީހުގައި އެތައް ދުވަހެއް ވަންދެން ސެކިއުރިޓީއަކަށް މަސައްކަތް ކޮށްފައިވާ އިތުބާރު ހުރި ފަރާތެކެެވެ.

ޔައުގޫބުގެ ފޯނުން ފޮޓޯތައް ބަލަމުން ދިޔައިރު، ޖުނައިދުގެ ދެބުމަ ގޮށްޖެހިފައިވިއެވެ. ތެދެކެވެ. ހައިދަރު ވަދެގެންއެދާ ގެއަކީ މިރަށުގެ އެއްވެސް މީހަކަށް އޮޅޭނެ ގެއެއް ނޫނެވެ. މަޝްހޫރު ޔޯޔޯ ގޭންގް ގެ އިސްވެރިޔާ ޔަރުދުގެ ގެއެވެ. މަސްތުވުމަށާއި އޭގެ ވިޔަފާރި ކުރުމުގެ އިތުރުން، ހަށި ވިއްކުމުގެ ކަންތައްވެސް މިގޭތެރޭގައި ހިނގާކަން އެއީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. ލޯބިވާ ދަރިފުޅު މިފަދަ ގޯޅިއަކުން އަޅާފާނެ ކަމަކަށް ގަބޫލެއްވެސް ނުކުރެވެއެވެ.

“ސަރ! އަޅުގަނޑު އެއިން މީހެއް ކުރެން އެހިން ހައިދަރު އައީ ކީއްކުރަންތޯ. އެމީހާ ބުނީ ހައިދަރު އައީ އެއްޗެއް ގަންނަންކަމަށް. އަދި.. އަދި އަންހެން ކުއްޖަކާއެކު މަޖާކޮށްލަން ކަމަށް.” ޔައުގޫބު ބޮޑެތި ދޮގުތައް ހަދައި، ނުހިނގާ ކަންކަމުގެ ވާހަކަވެސް އިތުރު ކޮށްލީ ލޮނުހެޔޮވަރު ކޮށްލުމަށެވެ. ޖުނައިދު ދެއަތުން މޫނުގައި ފިރުމާލުމަށްފަހު، ދެން ދިޔަޔަސް އެންމެ ރަނގަޅުކަމުގައި ބުނެލިއެވެ. ހީވާގޮތުން މިހާރު އެހެރީ ދެންހަދަންވީގޮތެއް ނޭނގި ބޮޑު ފިކުރެއްގައެވެ.

މިއަދަކީ ޔައުގޫބަށް ބޮޑު ދުވަހެކެވެ. އޭނާގެ ހުވަފެންތަކުގައި ކުލަ ޖެހެން ފެށި ކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. މިއާއިލާގެ އެންމެން ބަރުބާދު ވާތަން ދުށުމަކީ އޭނާގެ އެންމެ ބޮޑު އެދުމެވެ. ހާއްސަކޮށް ހައިދަރުއަށް ކުރިއެރުމެއް ލިބޭކަށް އޭނާ ނޭދެއެވެ. އޮފީހުގައި ޖުނައިދުއާއި ދެމީހުން ތިއްބާ ފެނިގެން އޭނާ ހައިދަރުއަށް ގޮވާލުމުން އަނގައިން ބުނުމަކީ ވެސް ބޭނުން ކަމަކަށް ނެހެދިއެވެ. ހިނިތުންވެލި ނަމަވެސް އޭނާގެ އިއްޒަތަށް އުނިކަމެއް އަތުވެދާނެ ތޯއްޗެކެވެ. ހައިދަރުގެ މޫނުމަތިން އޭނާ އެބޮޑާކަން ފިލުވާލާނެއެވެ.

ހަގީގަތަކީ ޔައުގޫބުގެ ހިތުގައިވާ ނަފްރަތުގެ އަސްލަކީ ހަސަދަވެރިކަމެވެ. އޭނާއަށް ނުލިބޭ އެއްޗެއް އެހެން މީހަކަށް ލިބުން ނޭދެނީއެވެ. އެކަމަކު ޔައުގޫބަށް ނޭނގުނު ކަމަކީ، ނިއުމަތް ދެއްވަނީ ވަކި ފަރާތަކުން ކަމާއި އެފަރާތުން އިރާދަ ކުރެއްވި މީހަކަށް ދެއްވާ ނިއުމަތްތައް ހުއްޓުވޭނެ ދެވަނަ ފަރާތެއް ނެތްކަމެވެ.

ޔައުގޫބު ނުކުމެގެން ދަމުން މޫނުމައްޗަށް ވެރިކޮށްލި ނުލަފާ ހިނިތުންވުން ޖުނައިދުއަކަށް ނުފެނުނެވެ. އެއަށްވުރެ އޭނާގެ ހާލު މާދެރައެވެ. ހައިދަރުއާއި މެދު އޭނާގެ ހިތުގައި ނުބައި އިހްސާސެއް އުފެދޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ކުންފުނީގެ އެކައުންޓުން ގިނަ އަދަދަކަށް ފައިސާ، ދެތިން ފަހަރެއްގެ މަތިން ހައިދަރު ނެގިކަން، އެކައުންޓެންޓެއްގެ ފަރާތުން އެނގުމުން ހައިދަރު އުޅޭ ނޫޅޭ ގޮތެއް ބެލުމަށް އޭނާ މީހަކާއި ހަވާލު ކުރިއިރުވެސް، މިހާ ނުރައްކާތެރި ކަމެއްގެ ޝިކާރައަކަށް ލޯބިވާ ދަރިފުޅު ވެދާނެ ކަމަށް، އޭނާ ފަހަރެއްގައިވެސް ހީއެއް ނުކުރެއެވެ. ދެން ހަދާނެ ގޮތަކާއިމެދު ފިކުރު ކުރަން އިންދާ، އަމީރާ ވަދެގެން އައީ ކޮފީ ތައްޓެއް ހިފައިގެނެވެ.

ޖުނައިދުގެ މޫނުމަތީގެ ކުލަ އޮއްސިފައިވާތަން ފެނި، ވީގޮތެއް އޮޅުންފިލުވަން އަމީރާ ބޭނުންވިއެވެ. އެވާހަކަތައް ވަގުތުން އަމީރާއާއި ހިއްސާކޮށްލެވުނީ ހިޔާލެއް ހޯދާލުމުގެވެސް ބޭނުމުގައެވެ. އަމީރާއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ހައިދަރު ނަމާދަށް ފަރުވާކުޑަކޮށް އުޅުނަސް، މިހާ ބޮޑު ފާފަތަކަށް އަރައިގެންފާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. ހައިދަރު ތަރުބިއްޔަތު ކުރުމުގައި އޭނާއަށް އިހުމާލު ވެވުނީހެއްޔެވެ؟ އޭނާގެ ހިޔަނީގެ ދަށުން ބޮޑުވި ކުއްޖަކު، މިހާ ވިޔާނުދާ ކަންތައް ކުރާކަން އެނގުމުން މޭގައި ރިއްސާލައިފިއެވެ. ހާޖަރު ދެކެވާ ލޯބި އޭނާ ހައިދަރުއާއި ހައިތަމް ދެކެވެސް ވެއެވެ. އެއީ އޭނާއަށް ނުލިބުނު ދެ ފިރިހެން ދަރިންނެވެ. ހައިދަރު މިކަމުން ސަލާމަތް ކުރުމަށް އޭނާ އަޒުމް ކަނޑައެޅިއެވެ. އެތައް މަޝްވަރާއަކަށްފަހު ދެމަފިރިން ނިންމީ ދަރިފުޅަށް ނަސޭހަތް ދިނުމަށެވެ.

ހައިދަރު ބޭރުގައި އުޅެފައި ގެއަށް އައިއިރު، ތުނިކޮށް ވާރޭ ވެހެން ފަށައިފިއެވެ. ބައްޕަ ގުޅާފައި ވަރަށް އަވަހަށް ބައްދަލުކޮށްލަން ބޭނުން ވާހަކަ ނުބުނިނަމަ، އޭނާ ގެއަށް ނުވެސް އައީހެވެ. ދޮންމަންމަގެ ބޭކާރު ވާހަކަތައް އަޑުއެހުމަށްވުރެ، ބޭރުގައި އުޅެން މާ ބޮލަށް ފަސޭހައެވެ.

ބައްޕަ އެހާ ކުއްލިގޮތަކަށް ބައްދަލުކޮށްލަން ބޭނުންވީ ކީއްވެބާއެވެ؟ އަނެއްކާ އޭނާ ކުރަން މިއުޅޭ ކަންތައް ބައްޕައަށް ރޭކާލީ ބާވައެވެ؟ ހައިތަމް ކައިރިން ވީގޮތެއް އޮޅުން ފިލުވަންވީ ކަންނޭގެއެވެ. ފަހަރުގައި އޭނާއަށް އެނގިފައި އޮވެދާނެއެވެ. މަންމަގެ މަރުގެ ހަގީގަތް ހޯދަން ހައިދަރު އުޅުމަކީ، ބައްޕަ އެހާ ހިތްހަމަޖެހޭ ކަމަކަށް ނުވެދާނެއެވެ. މީގެ ކުރިންވެސް ބައްޕައާއި އެވާހަކަ ހިއްސާ ކޮށްލުމުން ބައްޕަ އެކަމާއި ދެކޮޅު ހެދިއެވެ. ބައްޕަ ގަބޫލު ކުރާ ގޮތުގައި، ދެން އެކަމާއި ކިތަންމެ ވަރަކަށް އުޅުނަސް މަންމަ އެނބުރިއެއް ނާންނާނެއެވެ. ހައިދަރު އެކަމާއި ފިކުރުކޮށް، ޑިޕްރެޝަން ފަދަ ބައްޔަކަށް ހުށަހެޅޭކަށް ބައްޕަ ނޭދޭ ވާހަކަވެސް އެދުވަހު ބުންޏެވެ.

ހައިދަރު ސިއްރު ފިޔަވަޅުތަކެއްގައި ސިޑި ކަނޑައްތުކޮށް މައްޗަށް އެރީ ހައިތަމް ކޮޓަރީގައި އުޅޭތޯ ބަލާލަންވެގެންނެވެ. ހައިތަމްގެ ކޮޓަރީގެ ދޮރު ހުޅުވާލިއިރު، ހާޖަރުއާއި ދެމީހުން ކޮންމެވެސް ކޯޅުމެއްގައި އުޅެއެވެ.

“ޕްލީޒް ބޭބޭ. އެންމެ ގޭމެއް ކުޅެލާފަ ދޭނަމޭ. އައި ޕްރޮމިސް.” ހާޖަރު މައުސޫމު ގޮތަކަށް ބަލަހައްޓައިގެން ހުރީ ހައިތަމްގެ ފޯނުގެ ބޭނުމުގައެވެ.

“ނޯ! ޑޯންޓް ގިވް މީ ދެޓް ލުކް. ހާޖަރުގެ މަންމަ އޮތީ ހާޖަރުއަށް ފޯނު މަނާކޮށްފައެއްނު؟” ހައިތަމް އެހެން ބުނެފައި އެއްލި ކަޅިއަކުން ދޮރުމަތީގައި ހުރި ހައިދަރު ފެނުނެވެ.

ހައިދަރު ވަދެގެން އައިސް ރޮވިފައި ހުރި ހާޖަރު މެއާލައި ބޮނޑިކޮށްލިއެވެ. ކުޑަ ހާޖަރުއަކީ އޭނާގެ ހިތުން ބައެކެވެ. ފުރާނަ ފަދައިން ލޯބިވާ ކޮއްކޮއެވެ. އެންމެ ކަރުނަ ތިއްކެއްވެސް އެލޮލުން ވެއްޓޭކަށް ހައިދަރު ނޭދެއެވެ.

“އެންމެ ފުރަތަމަވެސް ދޮންބެ ކައިރީ ބުނިނަމަ ފޯނު ލިބުނީހެއްނު ޕްރިންސެސް؟” ހައިދަރު ޖީބުން ފޯނު ނަގާ ހާޖަރު އަތަށް ދިއްކޮއްލިއެވެ. ހާޖަރުގެ ދެލޯ ވިދައިގަތީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. ނަށަމުން ފުމެމުން ނިކުމެގެން ދުއްވައިގަތްއިރު، ސާދަ ފަނަރަ އަހަރުގެ ކުއްޖެކޭ ބުނާވަރުވެސް ނުވެއެވެ. އެހާވެސް އެހަރަކާތްތައް ޅައެވެ. ހައިދަރު އެދިމާލަށް ބަލަން ހުރެފައި އެނބުރުނީ ހައިތަމްއާއި ދިމާލަށެވެ.

“ބޭބެވެސް އޭނަ ބޭނުން ކަމެއް ކޮއްދީފަ ބަހައްޓަބަ. ކީއްކުރަންތަ ރޮއްވަނީ؟” ހައިދަރުގެ އަޑުގައި ނުރުހުން ވިއެވެ. ހައިދަރު ކޮއްކޮ ދެކެވާ ލޯބި، ހައިތަމްއަށް އޮޅިފައި އޮތީކީ ނޫނެވެ. ހައިތަމްގެ ކަންބޮޑުވުން ގުޅިފައިވަނީ ހާޖަރުއާއިއެވެ. މިއުމުރުގައި ހާޖަރު ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދޭން ވެއްޖެއްޔާ ކަތި ފިޔަވަޅެއް އެޅިދާނެއެވެ.

“އެހާ ކުޑައިރު ފޯނާ އޭތިމީތި ދިނީމަ އަހަރެމެންގެ ކޮއްކޮ ހަލާކުވެދާނެ. އެހެންނޫނަސް އަމީރާއްތަ ވެސް މަނާ ކޮށްފައެއްނު އޮންނަނީ؟” ހައިތަމް އޭނާގެ އަމަލު ދިފާއު ކުރިއެވެ. ހައިދަރުއަށް ވިސްނުނީ މީ ދޮންމަންމަ ބޭބެގެ ބޮލަށް ވައްދާފައިވާ ވަސްވާސްތައްކަމެވެ. އަމިއްލަ ދަރިފުޅަށްވެސް ކޮންމެވެސް ވަރެއްގެ އިތުބާރެއް ކުރަން ޖެހޭނެ ނޫންހެއްޔެވެ؟ ހަމަ ގައިމުވެސް ހާޖަރު ވިޔާނުދާކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އޭނައަށް އެބައޮތެވެ.

“ދެންމެ ބޭރުގައި ހުއްޓާ ބައްޕަ ގުޅާފަ ބުނި ވަރަށް އަވަހަށް އައިސްބަލާށޭ. ބޭބެއަށް އެނގޭތަ ބައްޕަ ދައްކަން އުޅޭ ވާހަކައެއް؟” ހައިދަރު ވަގުތު ބޭކާރުނުކޮށް ސީދާ ޕޮއިންޓަށް ދިޔައެވެ.

“ނުބުނޭ އެކަހަލަ އެއްޗެކޭ. ޑިޑް ޔޫ ޑޫ ސަމްތިން؟” ހައިތަމް ޝައްކުގެ ނަޒަކުން ބަލާލިއެވެ.

އެވަގުތު ހައިތަމްގެ އަންހެނުން ޒޯޔާ ކޮޓަރިއަށް ވަނުމުން ދެބެއިންގެ ވާހަކަ ހުއްޓުނެވެ. ޒޯޔާ އެއައީ މަސައްކަތް ނިންމާފައެވެ. ޒޯޔާއަކީ ފެޝަން ޑިޒައިނިންގެ ރޮނގުން މަތީ ތައުލީމު ހާސިލް ކޮށް، އަދި މިހާރު އޭގެ ފުޅާ ވިޔަފާރިއެއް ހިންގަމުންދާ ހީވާގި އަންހެން ކުއްޖެކެވެ. “ފެޝަން ޓްރެންޑްސް” އަކީ މުޅި ރާއްޖޭގެ ހުރިހާ ޒުވާނުންގެ މެދުގައިވެސް މަގުބޫލު ބްރޭންޑެކެވެ.

“ދެމީހުން ކުއްލިއަކަށް ތިހުއްޓާލީ އަހަރެންގެ ވާހަކަ ދައްކަން ތިބެފަ ދޯ؟” ޒޯޔާ ސަމާސާ ރާގަކަށް ބުނެލުމުން ހައިދަރު ވެސް ހީލާފައި ނުކުމެގެން ދިޔައެވެ.

“މިއަދުވެސް އެހާ ލަހުން ނިމުނީ؟” ހައިދަރު ނިކުމެގެން ދިޔަ ދޮރާއި ދިމާލަށް ބަލަހައްޓައިގެން ހުރެފައި ހައިތަމް ޒޯޔާ ކައިރިއަށް އައެވެ. “ދެން ޗުއްޓީއެއް ނަގަންވީނު؟ މައްސަރެއްހާ ދުވަހަށް ޒޯ ޗުއްޓީއެއް ނަގާލިޔަސް ތި ބިޒްނަސް އަކަށް އެއްވެސް ގޮތެއް ނުވާނެ. މިދުވަސްކޮޅު ވީހާވެސް ބަލައިގެނެއްނު އުޅެންވާނީ؟” ހައިތަމް ޒޯޔާގެ ބަނޑުގައި އަތް ޖައްސާލިއެވެ. ބަނޑު ތުނިކަމުން އަދި އެނގޭހާ ނުވިޔަސް ޒޯޔާ އިނީ ބަލިވެއެވެ. އެހާ ގިނައިރު މަސައްކަތުގައި އުޅުމުން ހައިތަމް ކަންބޮޑުވުން ފާޅު ކުރިއެވެ.

ޒޯޔާއަށް ބޭއިހްތިޔާރުގައި ހިނިތުންވެލެވުނީ ފިރިމީހާ އަޅާލާވަރު ފެނިފައެވެ. “ބަލައިގެނޭ މިއުޅެނީ ލަވް. ވަރުބަލިވާ ވަރަކަށް މަސައްކަތެއް ނުވެސް ކުރަން. ޗުއްޓީވެސް ނަގާނަން ވަރަށް އަވަހަށް.” ހައިތަމްގެ ކޮނޑުގައި އަތް އަޅުވާލަމުން ޒޯޔާ އެމޫނަށް ލޯބިން ފުރިފައިވާ ނަޒަރެއް ދިނެވެ. ހައިތަމްވެސް ޒޯޔާ އިތުރަށް އެހަށިގަނޑާއި ކައިރިކޮށްލާފައި ނިއްކުރީގައި ބޮސް ދިނެވެ.

ހައިދަރު ބައްޕަގެ ސްޓަޑީއަށް ވަންއިރު އަމީރާ އިންދާ ފެނުމުން މޫނުމަތި ބަނަވިއެވެ. ވަގުތުން ހަނދާނަށް އައީ މެންދުރު ގެއިން ނިކުމެގެން ދަމުން ޖޯޑު ތަޅާލި ހަނދާނެވެ. ޔަގީނެވެ. ދޮންމަންމަ، ބައްޕަ ކައިރީގައި އޭނާގެ ވާހަކަ ކުޓުވީއެވެ. ހައިދަރު ގޮސް އިށީނީ ވަކިން ހުރި އަދަރާދަ ގޮނޑިއެއްގައެވެ.

“ބައްޕަ ދަރިފުޅު މިގެނައީ ވަރަށް މުހިއްމު ވާހަކައެއް ދައްކާލަންވެގެން.” ޖުނައިދު ވާހަކަ ފަށާނެ ގޮތަކާއިމެދު ވިސްނާލި ކަހަލައެވެ. “މިހާރަކަށް އައިސް ދަރިފުޅުގެ އުޅުން ތިހިރީ ބައްޕަމެން އެހާހިތްހަމަ ޖެހޭ ގޮތަކަށް ނޫން.”

ދެއަތް ދެއަތާއި އުނގުޅާލަ އުނގުޅާލާ ހުރި އަމީރާއަށް ހަނި ނަޒަރެއް ދިނުމަށްފަހު ހައިދަރު އިސްދަށަށް ޖަހާލިއެވެ. ބައްޕައަށް ކުރާ އިހްތިރާމެއްގެ ބޮޑުކަމުން ނޫންނަމަ އޭނާ މިތާގައި އެންމެ މިނިޓަކަށްވެސް މަޑުނުކުރީހެވެ. ބައްޕަ އެދައްކާ ވާހަކައަކީ ސީދާ ދޮންމަންމަގެ ބަސްތައް ކަން އޭނާއަށް ޔަގީނެވެ. މީގެ ކުރިން ބައްޕައަކީ ދުވަހަކުވެސް އޭނާގެ ޒާތީ ކަންކަމަށް ފާޑުކީ މީހެއް ނޫނެވެ. ފަސްނަމާދު ކުރުމަށާއި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ފާފަތަކަށް އަރައިނުގަނެ، ރުޅި ކޮންޓްރޯލް ކުރުމަށާއި ވަޒީފާއަށް ގޮސް އަމިއްލަ ފައިމައްޗަށް ތެދުވެ ޒިންމާދާރު މީހަކަށް ވުމަށް ބައްޕަ ނަސޭހަތްތެރިވިއެވެ. ބޭބެ ހައިތަމްގެ ދިރިއުޅުން މިސާލަކަށް ބަލައި، މީހަކާއި އިނދެގެން ޒަވާޖީ ހަޔާތެއް ފެށުމަށްވެސް އެދުނެވެ.

ބައްޕަގެ ވާހަކަ ނިމުމުން ހައިދަރު އެތަނުން ނިކުމެގެން ގޭގެ ވަލުފަރާތު ދޮރުން މޫދުކައިރިއަށް ދިޔައެވެ. ގޭގެ ފަހަތު ބައިގައި ދިއްލާފައިވާ ބޮކިތަކުން މޫދުގެ މަންޒަރުތައް ހުވަފެނެއް ފަދައިން ފެނުނަސް، މިރޭ އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ބައްޕަ ދެއްކި ވާހަކަތައް އެތައް ޓަނުގެ ބުރަދަނުގައި އައިސް ސިކުނޑީގައި ޖެހިގަތްއިރު، ބޮލުގައި އިންތިހާއަށް ރިއްސާފައިވިއެވެ. ސާފު ދޮންވެލިގަނޑުމަތީގައި ހިނގަމުން ގޮސް ވަކި ހިސާބަކުން ފަސްއެނބުރި ބަލާލީ މީހެއްގެ ހިލަން ވެގެންނެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shau

Level 110 Stories100 Login

Other Articles

Previous

ކަލާގެ ހަނދާނުގައި…

Next

ހޮޓެލްގެ ސިއްރު 6

Next
December 2, 2021

ހޮޓެލްގެ ސިއްރު 6

Previews
December 2, 2021

ކަލާގެ ހަނދާނުގައި…



All Right Reserved!