ހައިދަރު-2
ލޮލުގައި އަވި އައިނު އަޅާލުމަށްފަހު ލައިގެން ހުރި ހުޑީ އިން ބޯވެސް ނިވާކޮށްލައިގެން ހިނގައިގަތީ ކުރިމަތީގައި އޮތް ހަނި ގޯޅިގަނޑެއްގެ ތެރެއަށް ވަދެގެންނެވެ. މީހަކު އޭނާއަށް ފާރަލަމުން ބޯކޮޅު ބަލަމުން ދިޔަކަމެއް ނޭނގިހުރެ ހައިދަރު ގޮސް ވަނީ ދެބުރިއަށް ހުރި ގެއަކަށެވެ. ގޭގެ ތިރީ ބައިގައި މީހުންނަށް ދިރިއުޅެވޭ ގޮތަށް ހުއްޓަސް މަތީބައި އަދި ހުރީ ރާނާ ހިޔާ ކުރި ގޮތަށެވެ. ގޭގެ ތެރެއަށް ވަދެގެން ދިޔައިރު ސިޓިން ރޫމްގެ ސޯފާގައި ޒުވާން ޖޯޑެއް ޓީވީ ބަލަން ތިއްބެވެ. ހައިދަރު ސިޑިން އަރައިގެން މައްޗަށް ދިޔައިރު އެމީހުންނަށް ފެނުނު ނަމަވެސް އަޅައެއް ނުލިއެވެ.
ސިޑީގެ އެންމެމަތީ ހަރުފަތަށް އެރުނުއިރު ނޯއްދަމާލަންވެސް ނުކެރޭހާ ނުބައި ވަހެއް ދުވަމުން ދިޔައެވެ. ދެކޮޓަރިއާއި ސިޓިން ރޫމަކާއި ބަދިގެއެއް ރާނާ ހިޔާކޮށްފައި ވާއިރު، ބިންމަތީގައި ހުރީ ތަރުފާލު އަޅާފައެވެ. ސިޓިން ރޫމްގެ ކަނުގައި ބަހައްޓާފައި ހުރި ޗޮކްލެޓް ކުލައިގެ ދިގު ސޯފާ ބޮޑަށް ހީވަނީ ގޮނޑުން ހޮވައިގެން ގެނެސް ބަހައްޓާފައި ހުރި އެއްޗެއް ހެނެވެ. ދިމަދިމާލުން ބޮޑެތި ލައްތައް ޖެހި، އެކި ތަންތަނުން ވީދިފައި ހުރި އެސޯފާގެ މަތީގައި ހަތަރު ޒުވާނަކު ބިއްޖެހިފައި ތިއްބެވެ. އެމީހުންނާއި ކުރިމައްޗަށް ވާގޮތަށް ހުރި ފާރު ކައިރީ ބާ ގޮނޑިތަކެއް އަތުރާފައި ހުއްޓެވެ. ބިންމަތީގައި އެކި ދިމާލުގައި ސިގިރޭޓްގެ ފިލްޓަރު ބުރިތަކާއި ބޮއެފައި ހުރި ހުސް ދަޅާއި ފުޅި ހުއްޓެވެ.
ހައިދަރު ހުރި ދިމާލުން ދޮރެއްނެތް ބަދިގެތެރެ ރީއްޗަށް ފެންނަމުންދިޔައެވެ. ބަދިގެއޭ އެކިޔާތަނުގައި ކައްކައި ކައިހަދާނެ ގޮތެއް ނެތަސް، ކަނުގައި ބަހައްޓާފައި ހުރި ތެޔޮ އުނދުންމަތީގައި، ބޮޑު ތެއްޔެއްގައި ކެކެމުން އެދަނީ ބަނގުރަލެވެ. އެމަސައްކަތުގައި ދެމީހަކު އަވަދިނެތި އުޅެމުން ދިޔައިރު، ޖެހިގެން ހުރި ކޮޓަރި ތެރެއިން ޖަހާފައި ހުރި ހެވީމެޓަލް ލަވައެއްގެ އަޑު ކެނޑިނޭޅި އިވެމުން ދިޔައެވެ.
“ޔާންޓެ އެބަ އުޅޭތަ؟” ހައިދަރު ކަރު ކެހިލާފައި ތަންކޮޅެއް ބާރަށް އަހާލިއެވެ. އެއަޑަށް ބަދިގޭގައި ތިބި ދެމީހުން އެނބުރި ބަލާލިއެވެ. އޭގެ ތެރެއިން ބިޔަކޮށް ހުރި މީހާ ޖެހިގެން ހުރި ކޮަޓަރިއަށް އިޝާރާތް ކޮށްލިއެވެ. ހައިދަރު މަޑުމަޑުން ގޮސް ދޮރުގައި ޓަކި ޖަހާލިއެވެ. އޭނާ ދޮރު ހުޅުވާލީ އެތެރެއިން މީހަކު ވަންނާށޭ ބުނުމުންނެވެ. ދޮރު ހުޅުވާލުމާއެކު އެ ބަރު އަޑުގެ ވެރިޔާ ސްޕީކަރުން ޖަހާފައިހުރި ލަވަ ނިވާލިއެވެ. ބިންމަތީގައި އަޅާފައި އޮތް ބާގޮދަޑިގަނޑެއްގެ މަތީގައި އޭނާ އޮތްއިރު، ކައިރީގައި އޮތް އަންހެންމީހާއަށް ތިރީސް އަހަރު ވެދާނެކަންނޭގެއެވެ. އެއަންހެންމީހާގެ އަނގައިގައި އިން ބިޑި ނަގާ ފިރިހެންމީހާއަށް ދިއްކޮއްލިއެވެ. އޭނާ ބިޑި ދަމާލުމަށްފަހު ދުންތައް ފޮނުވާލީ އަންހެންމީހާގެ މޫނަށެވެ. ގައިމަތީގައި އަޅާފައި އޮތް ބެޑްޝީޓް ފިޔަވައި، ދެމީހުންކުރެ މީހެއްގެ ގައިގައި އަންނައުނެއް ނެތްކަން އެނގެނީ ބިންމައްޗަށް އުކާލެވިފައި ހުރި ހެދުންތަކުންނެވެ.
“އޭ ހައިދަރު ދޯ؟ މަ ހަނދާން ނެތުނީއޭ ދައުވަތު ދެވުނުކަން. ވިއްސަކަށް މިނިޓްދީ ބްރޯ. ތިރީގަ މަޑުކޮއްލަންވީނު؟” ހައިދަރު ބޮލުގެ އިޝާރާތުން އާނއެކޭ ބުނުމަށްފަހު ދޮރު ލައްޕާލިއެވެ. ސިޓިން ރޫމް ތެރެއިން ލާފައި ގޮސް ސިޑިން ފައިބައިގެން ދިޔައިރު އަނގަޔަށް ގޮތެއް ހަދާލީ ދުވަމުން ދިޔަ ނުބައި ވަހުން ކަންނޭގެއެވެ. ތިރިއަށް ފައިބައިގެން ދިޔައިރު ޓީވީ ބަލަން ތިބި މީހުން އަދިވެސް އެގޮތުގައި ތިއްބެވެ. މިތަން ތަންކޮޅެއް ސާފުތާހިރުކަން ނަސީބެކެވެ. ހައިދަރު ގޮސް އިށީނީ އެމީހުންނާ ތަންކޮޅެއް ދުރުން ވަކިން ހުރި ސޯފާގައެވެ. އިށީނދެ ސޯފާގެ ލެގޭ ބައިގައި ބޯ ޖައްސާލައިގެން ދެލޯ މަރާލީ ސިކުނޑިއަށް ލުޔެއް ހޯދުމުގެ ބޭނުގައެވެ. އެއަށްވުރެވެސް ބޮޑަށް ޓީވީއިން ދައްކަމުންދިޔަ ހޫނު މަންޒަރު ނުބަލަންވެގެންނެވެ.
* * * * *
ދުރުދުރަށް ދާންދެން ފެންނަން އޮތީ ކަޅު އަނދިރިކަމެވެ. ހަތް އަހަރަށްދާ ކުޑަ ފިރިހެން ކުއްޖާ ކާރު ތެރޭގައި ބޮނޑިވެލައިގެން އިނީ ހިމާޔަތަކަށް ބޭނުންވެފައެވެ. ސިހުން އެކުލެވިފައިވީ ބޮޑު ދެލޮލުން ބަލަމުން ދިޔައީ ކާރުގެ ބިއްލޫރިގަނޑުގައި ހޭކިފައި ހުރި ލެޔަށެވެ. އެއީ އޭނާގެ މަންމަގެ ލެޔެވެ. ރަހުމެއް ނެތް ހަމަލާތަކަށް ކެތް ނުވެގެން އެހަށިގަނޑު ކާރުގެ ދޮރުފަތުގައި ކޭއްތެމުން ބިންމައްޗަށް ތިރިވީ މަންޒަރު އޭނާ ދުއްޓެވެ. މޫނު ނިވާކޮށްގެން ތިބި ހަތަރު ފަސްމީހުން ވެގެން މަންމަގެ ގައިގެ އެތަންމިތަނަށް ވަޅި ހަރަމުން ދިޔައީ ތުއްތު ދަރިފުޅުގެ ލޯކުރިމަތީގައެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން ގަބުވެފައި ހުރި ކުއްޖާ ސިއްސައިގެންގޮސް ކަންފަތުގައި އަތް އަޅާލީ ކާރުގެ ފަހަތު ބިއްލޫރިގަނޑު ތެޅިގެންދިޔަ އަޑަށެވެ.
* * * * *
ބިރުވެރިކަމުން ފުރިގެންވާ ހުވަފެނުން ހައިދަރުއަށް ހޭލެވުނުއިރު އެރީތި މޫނުގައި ދާތިކިތައް ވިދައެވެ. އަތްފައި ފިނިވެ މުޅި މީހާ ތުރުތުރުއަޅައެވެ. މިއީ ކޮންމެ ރެއަކުވެސް އޭނާއަށް ފެންނަމުންދާ ބިރުވެރި ހުވަފެނެވެ. ސިއްސައިގެންގޮސް ކޮންމެ ރެއަކު ހޭލެވެނީ ރޭގަނޑުގެ އަރާމު ނިދިން މަހުރޫމް ކުރުވަމުންނެވެ. ތެޅެމުންދިޔަ ހިތް ހަމަޔަކަށް އަޅުވާލަމުން ވަށައިގެން ހޯދާލިއިރު އެއްވެސް މީހަކުނެތެވެ. ޓީވީ ބަލަން ތިބި ޖޯޑަށް އޮބިނޯވެގެން އެކަހެރިވާން އެހެން ތަނަކަށް ދިޔައީ ކަމަށް ވެދާނެއެވެ. އޭނާ ނިދާފައި އޮންނަތާ ކިހާއިރެއް ވެދާނެބާއެވެ؟ އަތުކުރީ އޮތް ގަޑިއަށް ބަލާލިއިރު ބައިގަޑި އިރަށްވުރެ ގިނައިރު ވެއްޖެއެވެ.
ގޮނޑިން ތެދުވެ ނިކުމެގެން ދާންކަމަށް ހިނގައިގަތްތަނުން ޔަރުދު ސިޑިން ފައިބައިގެން އަންނަމުން ހައިދަރުގެ ނަމުން ގޮވާލިއެވެ. “ބްރޯ ނިދިފަ އޮތީމަ އަޅާނުލީ. ހިނގާ ދޯ ޕްރޮގްރެސް ބަލާލަން؟”
އޭނާ ހައިދަރުގެ ކޮނޑަށް އަތް އެއްލަމުން ހިނގާފައި ދިޔައީ ސިޑިއާއި ދިމާލަށެވެ. ސިޑިން އަރައިގެން ގޮސް މިފަހަރު އޭނާ ވަނީ ކުރިން އުޅުނު ކޮޓަރި ނޫން ދެން ހުރި ކޮޓަރިއަށެވެ. އެތާގައި އެނދެއް ގޮަދަޑިއެއް ނެތްއިރު މެދުގައި ހުރި ބޮޑު މޭޒެއްގެ މަތީގައި ލެޕްޓޮޕެއް ހުއްޓެވެ.
ޔަރުދު ވަދެގެން ގޮސް ހުޅުވާލީ ކަނެއްގައި ހުރި އިހުގެ އަލަމާރިއެކެވެ. ވަރުގަދަ ލަކުޑިން ތައްޔާރުކޮށް ތަޅުވެސްލާފައި ހުރި އަލަމާރި އޭނާ ހުޅުވާލީ ޖީބުން ނެގި ތަޅުދަނޑި އަކުންނެވެ. ހައިދަރުގެ ލޮލުގައި އަޅައިގަތީ ކުދި ޕެކެޓްތަކެއްގައި ބަންދުކޮށްފައި ހުރި ކުނޑިއެއް ކަހަލަ އެއްޗެކެވެ. މިނޫނަސް ސިރިންޖުތަކަކާއި ލައިޓަރާއި ދެތިން އިންޗި ހުންނަވަރުގެ ޕްލާޓިކް ހޮޅިކޮޅުތައްވެސް ތަރުތީބެއް ނެތި އަލަމާރިތެރެއަށް އުކާލެވިފައި ހުއްޓެވެ.
އެންމެ ތިރީގައި ހުރި ޑްރޯވަރެއް ދަމާލާފައި އޭނާ ނެގީ ޕެންޑްރައިވެކެވެ. ހަލުވި ފިޔަވަޅުތަކެއްގައި އައިސް ޕެންޑްރައިވް ލެޕްޓޮޕަށް ޖަހާލުމަށްފަހު ހައިދަރުގެ މޫނަށް ބަލާލިއެވެ. މޭޒުކައިރީ ހުރި ގޮނޑީގައި އިށީންނަމުން ޖެހިގެން ހުރި ގޮނޑިއަށް އިޝާރާތް ކޮށްލިއެވެ. މޭޒު ކައިރީ ކޮޅަށް ހުރި ހައިދަރު ގޮނޑީގައި އިށީނީ ލެޕްޓޮޕްގެ ސްކްރީނަށް ނަޒަރު ހުއްޓާލަމުންނެވެ. ހިތް ތެޅެމުން ދިޔައީ އޮބިނޯންނަ ވަރަށެވެ. މިއަދަކީ ދިގު އިންތިޒާރަށް ނިމުމެއް އަންނާނެ ދުވަހެވެ. މަންމަގެ ޤާތިލުން ހޯދުމަށް އޭނާ ނަންމަޝްހޫރު ގޭންގަކާއި ގުޅުން ބަދަހި ކުރިއިރު، އެނގޭހާވެސް އެއްޗަކީ މަންމަގެ ޤާތިލުންނަށް ގާނޫނަކުން އަދަބު ނުދެވޭނެ ކަމެވެ. އެޤަތުލުގެ އަޑީގައި ތިބި މީހުންނަށް ހިމާޔަތް ދެވުނީ އިސް ރޭންކުތަކެއްގައި ތިބި ބައެއްގެ ނުފޫޒުން ކަމާއި، އެމައްސަލަ ސާބިތު ނުވެ ނިމުނީ ފައިސާގެ ބާރުން ކަން އޭނާ މިހާތަނަށް ހޯދި ހޯދުންތަކުންނާއި ކުރި މަސައްކަތްތަކުން އެނގުނެވެ. އިރުކޮޅަކުން ލެޕްޓޮޕްގެ ސްކްރީން ފުރާލީ ތަސްވީރުތަކަކުންނެވެ.
“މީ ތުހުމަތު ކުރެވޭ ފަސް މީހުން. މީގެ ތެރެއިން އެކަކު މީގެ ފަސްވަރަކަށް އަހަރުކުރިން ހިނގި މާރާމާރީއެއްގަ މަރުވެއްޖެ. ދެން މިތިބަަ ހަތަރު މީހުންވެސް މިހާރު ރާއްޖޭގައި ނެތް.” ކިޔައިދެމުންގޮސް އެތަނުން އެންމެ ބިޔަކޮށް ވަރުގަދައަށް ހުރި މީހާގެ ފޮޓޯގައި އޭނާ އިނގިލި ޖައްސާލިއެވެ.
“މިހިރީ އެންމެ މުހިއްމު މީހާ! މީ މިޤަތުލު އިންތިޒާމުކޮށް ރޭވި މީހާ. އަދި އަމަލީގޮތުންވެސް އެންމެ އިސްކޮށް ހަރަކާތްތެރިވީ މީނަ. ބޭޑް ކަމުން ނަންމަޝަހޫރުވީ ވެސް ހިޓްލަރުގެ ނަމުން.”
ޔަރުދު ހިނިގަނޑެއް ޖަހާލުމަށްފަހު ކުރިއަށް ގެންދިޔައެވެ. “މާބޮޑު އާއިލާއެއް އަނެއްހެން ނެތް. މަންމައާއި ބައްޕަގެ މީނަގެ އިތުރުން ހުންނަނީ އެންމެ އަންހެން ކޮއްކޮއެއް. އެދެމީހުން އަންހެން ކުއްޖާއަށް ކިޔަވަދޭން މާލޭގަ އުޅެފަ ވަރަށް މިފަހުން މިކޮޅަށް ބަދަލުވީ.” އޭނާ ގޮނޑިން ތެދުވެ ސިގިރޭޓެއް ރޯކޮއްލިއެވެ.
“ދެން މިއޮތީ އެންމެ މުހިއްމު އިންފޮމޭޝަން. ހިޓްލަރުގެ ހުރި ހަމަ އެކަނި އަންހެން ކޮއްކޮ، ވަޒީފާ އަދާކުރަނީ ލިލަކް އިންޑަސްޓްރީސްގަ.” ހައިދަރު ސިހިފައި ޔަރުދުގެ މޫނަށް ބަލާލީ ޔަގީން ކުރަން ބޭނުންވާ ފަދައަކުންނެވެ.
“ޔެސް! މިއަންހެން ކުއްޖާއަކީ އަހަރެމެންގެ އެންމެ ބޮޑު އެސެޓް.” ޔަރުދު ލެޕްޓޮޕުން އިތުރު ފޮޓޯއެއް ދައްކާލިއެެވެ. ސްކްރީނުން ފެންނަމުން ދިޔަ އަންހެން ކުއްޖާ، ކޮންމެވެސް ތަނަކުން ދުށް ހަނދާނެއް ހައިދަރު ވިއެވެ. ޓެކްސީއަކުން ފައިބައިގެން އަންނަނިކޮށް ނަގާފައިވާ ތަސްވީރުން ރީތިކޮށް މޫނު ފެންނަން ހުރިއިރު، ފަނޑު ހިނިތުންވުމެއްގެ އަސަރު މޫނުމަތީގައި ވިއެވެ. މައުސޫމް ކަމުން ފުރިފައިވި ދެލޮލުގެ ވެރި، މިކުއްޖާއަކީ މުޖުރިމަކާ ލޭގެ ގުޅުމެއް އޮތް ކުއްޖެކޭ ބުނާނީވެސް ކާކުހެއްޔެވެ؟
“ޔާންޓެއަށް ޔަގީންތަ މީ އޭނަގެ ކޮއްކޮ ކަން؟” ހައިދަރުގެ މޫނުމަތިން ނުތަނަވަސްކަން ފެންނަން ހުއްޓެވެ.
“ޔެސް ބްރޯ. ޔަގީން ނުކޮށް ދެން މިކަހަލަ މައުލޫމާތު ނުވެސްދޭނަމެއްނު؟ ހިޓްލަރުގެ އެންމެ ބޮޑު ވީކްނެސް އަކަށްވާނީ މިއަންހެންކުއްޖާ. ކިތަންމެ ނުލަފާ މީހަކުވެސް އަމިއްލަ އާއިލާދެކެ ލޯބިވާނެތާ. އަނެއްކޮޅުން ލިލަކް އިންޑަސްޓްރީސްގަ އުޅެންޏާ މީނަ ޓްރެޕް ކޮއްލުމަކީ އެހާ އުދަނގޫ ކަމަކަށް ނުވާނެ. ހައިދަރު އުޅެންވީނު މިކަމާ؟ އަހަރުންވެސް ބަލާނަން އެހެންގޮތަކުންވެސް ހިޓްލަރު ޓްރޭސް ކުރެވޭތޯ.” އެހެން ބުނެފައި ދެން ޔަރުދު ހުޅުވާލީ މާރޑާ ޖަހާފައި ވަކިން އިން ފޯލްޑަރ އެކެވެ. އޭގައިވަނީ ބައެއް ލިޔެކިއުންތަކާ ޕޯސްޓް މޯރޓަމް ރިޕޯޓުގެ ކޮޕީއެއްގެ އިތުރުން ފޮޓޯތަކެކެވެ.
“ތަހުގީގު ކުރި ޓީމުން އޭރު ބުނެފައި އޮތީ ޖުމްލަ އެކާވީސް ތަނަކަށް ވަޅި ހަރާފައިވާ ކަމަށް.” ދެން ހުޅުވާލި ފޮޓޯގަނޑުގައި ވަނީ ރައުދާ ކާރު ކައިރިއަށް ވެއްޓި، ލެއިން ތަތްތެޅިފައި އޮތް މަންޒަރެވެ.
އެއާއެކު ހައިދަރު ބާރަކަށް ލެޕްޓޮޕް ލައްޕާފައި ތެދުވިއެވެ. ލޮލުން ކަރުނަ އޮހިގަތީ އިހުތިޔާރުން ބޭރުގައެވެ. ހައިދަރުއަކީ މީހުން ކުރިމަތީގައި އެގޮތަށް ރޯނެ މީހެއް ނޫނެވެ. އެއައްވުރެ އިހުސާސްތައް ފޮރުވަން އޭނާ ކުޅަދާނަ ވާނެއެވެ. އެކަމަކު ލޯބިވާ މަންމަ ރަހުމްކުޑަ ގޮތަކަށް ކޮށާލާފައި އޮތް މަންޒަރު ބަލަން ކެތްވާނީ ކޮން އިންސާނެއްގެ ހިތަށް ހެއްޔެވެ؟ މިހާ އަނިޔާވެރިކޮށް މަންމަ މަރާލި ޤާތިލަކާއި އެއްވެސް ގޮތަކުން ގުޅުމެއް އޮތް މީހަކަށްވެސް އޭނާ ނަފްރަތު ކުރާނެއެވެ. އިންސާފް ހޯދުމަށް އޭނާ ކުރާ މިދަތުރުގައި، މިހާ ދުރަށް އާދެވިފައި ވަނިކޮށް ދެން ފަސްޖެހުމެއް ނެތެވެ. އޭނާ ގުރުބާންވެގެންވެސް މިކަން ކުރާނެއެވެ.
“ޑޫޑް. ޔަގީންތަ ސްޓަފް ކޮޅެއް ބޭނުމެއް ނޫންކަން؟” ޔަރުދު ހުށަހެޅިއެވެ. ހައިދަރު އަކީ މަސްތުވާތަކެތީގެ އަޅަކަށް ހެދިއްޖެ ނަމަ އެއީ އިންވެސްޓްމެންޓެކެވެ. އޭރުން ހައިދަރުވާނީ އޭނާގެ ކަސްޓަމަރަކަށެވެ. ގިނައިން ލާރި އޮންނަންޏާ ހޭދަކުރާ މިންވަރު ވެސް ބޮޑުވާނެ ނޫންހެއްޔެވެ؟ ހައިދަރުއަކީ ރަށުގެ ނަންމަޝްހޫރު ވިޔަފާރިވެރިޔާ ޖުނައިދު ތައުފީގުގެ ދަރިއެއްކަން ޔަރުދުއަށް އެނގެއެވެ.
ހައިދަރު ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އެހެން ނޫނަސް ޔަރުދު އޭނާ މަސްތުވާތަކެތީގެ ތެރެއަށް ވައްދަން މަސައްކަތް ކުރާކަން ހައިދަރު ނުދަންނަނީއެއް ނޫނެވެ. ޔަރުދު ކޮނޑު އަރުވާލީ ފަރުވާލެއް ނެތް ކަމަށް ދައްކަންވެގެންނެވެ.
“ލިސެން! އައި ވިލް ޓޭކް ކެއާ އޮފް ހާ. ބަޓް ޔޯ ވޯކް އިޒް ނޮޓް ޑަން ޔެޓް.” އެހެން ބުނެފައި ހައިދަރު ކޮޓަރިން ނިކުންނަން ދަމުން ކަމެއް ހަނދާންވި ކަަހަލަ ގޮތަކަށް އެނބުރިލިއެެވެ. ލައިގެން ހުރި ހުޑީގެ ދެފަރާތުގެ ތިރުން އިން ދެޖީބުގެ ތެރެއިން، ކަނާތްފަޅީގެ ޖީބުގެ ޒިޕް ހުޅުވާލުމަށްފަހު ނެގީ ފައިސާގެ ނޫޓް ބޮނޑިއެކެވެ. އޮޅާފައި ރަބަރުފަށެއް ލައްވާފައި އޮތް ނޫޓުބޮނޑި މޭޒުމަތީ ބޭއްވިއެވެ. “މީ އަދި އެޑްވާންސެއް. އަހަރެން ބޭނުން އެނުލަފާ މީހާ ކުޑަކަކޫ މައްޗަށް ތިރިކުރަން.”
ހައިދަރު އެހެން ބުނެފައި ނިކުމެގެން ދިޔައީ ޕެންޑްރައިވް ވެސް ހިފައިގެނެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ސިޑި ކަނޑައްތު ކުރުމަށްފަހު ބޮޑު ދޮރުން ނިކުމެގެން ދިޔައިރު، އޭނާގެ ސިކުނޑީގައި އުފެދިފައިވާ ހައިޖާނު މީހަކަށް ނުފެންނާނެތާއެވެ. އެތައް ސުވާލެއް ހިތަށް އަރާ ފައިބަމުން ދިޔައިރު، އެންމެ ބޮޑު ސުވާލަކަށްވީ އެމީހުން މަންމައަށް އެހެން ހަދަން ޖެހުނު ސަބަބެވެ. އެސުވާލުތަކުގެ ޖަވާބު އޭނާއަށް ލިބެން އޮތީ އެނުލަފާ މީހާއާއި ހަމައަށް ފޯރައިގެންނެވެ. ހައިދަރު އޭނާގެ މަންމަގެ ޤާތިލު ހޯދާނެއެވެ. މިއަދު މިފެނުނީ އުއްމީދުގެ އަލިމަގެކެވެ. މަންމަގެ މަރަށް އިންސާފް ޤާއިމް ކުރަން ޖެހޭނީ އޭނާގެ އަމިއްލަ ދެއަތުން ކަމަށްވިޔަސް ފަރުވާލެއް ނެތެވެ.
އެދިޔަގޮތަށް ގޮސް ކާރަށް އަރާ ދޮރުވެސް ލެއްޕުނީ ބޭނުންވިވަރަށް ވުރެވެސް ބާރަށެވެ. ކާރު ސްޓާޓް ކޮށްލަމުން ގެއާއި ދިމާލަށް ދުއްވާލައިފިއެވެ. އެމަންޒަރު ބަލަން ގަސްފުންޏެއްގެ ފަހަތުގައި ފިލާހުރި މީހާ މަގަށް ނިކުތީ ކާރުގޮސް ލޯމަތިން އޮބާލުމުންނެވެ. އޭނާގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. މިއަދު އޭނާއަށް މި ހޯދުނު ކަންތައްތަކުގެ ސަބަބުން މުސާރަވެސް ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Dear readers. This is my first story online. I hope you all like it. Please point out any mistakes that I might have made. Also the first part was suppose to be published first, but they have published the second part now. So please wait for the first part to be published. Thank you.
Love this part too can’t wait to read first part in this story♥️♥️