5 އަހަރުގެ ގުޅުމެއް ކަފުންކޮށްލުމަކީ ފަސޭހަކަމެއް ނޫނެވެ. އެކަމަކު ހަމްނާ އެކަންވެސް ކޮށްފިއެވެ. ކިތަންމެ ލޯބިވި ކަމުގައި ވިޔަސް، ބޭވަފާތެރިޔަކާއެކު އުޅޭނީ ކިހިނެއް ހެއްޔެވެ؟ ލައްކަ ދުވަސް ހޭދަވިޔަސް، ހަމްނާގެ ހިތުން ރައްޔާންގެ ނަން ފޮހެލާނެއެވެ. ފުރަތަމަ ލޯބިވެރިޔާ ކަމުގައި ވިޔަސް ހަމްނާގެ ހަޔާތުން ދެން ރައްޔާނަކަށް ދޭނެ ޖާގައެއް ނެތެވެ.
ރައްޔާންގެ ޙަޤީޤަތް ހާމަވެގެން ދިޔަރޭ ކަންތައް ހިނގީ ވެސް މަޖާ ގޮތަކަށެވެ. އެއީ ހަމްނާގެ 22 ވަނަ އުފަންދުވަހެވެ. ހަމްނާ ޑިއުޓީ ނިމިގެން ގެއަށް ދިޔައީ ރައްޔާންގެ ދަޢުވަތަކަށް އެރޭ ބޭރަށް ކާންދާން ބުނެފައި އޮތުމުން، އެކަމަށް ތައްޔާރުވުމުގެ ގޮތުންނެވެ. ހަމްނާ ގޭގެ މައިދޮރާ އަރައި ހަމަވިތަނާ އަރޫޝާގެ ކޯލެއް އައެވެ. އަރޫޝާއަކީ ހަމްނާއާ އެއް އެޕާޓުމެންޓެއްގައި އުޅޭ އޭނާގެ ރޫމްމޭޓެވެ. ނެގިއިރު އޭނާ ހުރީ ވަރަށް ހާސްވެފައެވެ.
“ހަމް! ކޮންތާކު؟ ހޮސްޕިޓަލް ކުރިމަތީ މަޑުކޮށްބަ މަ އެބަ ދަން ނަގަން! ވަރަށް މުހިންމު ކަމަކު!” އަވަސް އަރުވާލާފައި ވާހަކަދެއްކިގޮތުން އަރޫޝާ ހަޅޭއްލަވަނީއޭ ވެސް ހީވިއެވެ.
“މިހާރު ގެއަށް މި ވަންނަނީ. ކުޑަކޮށް ރެޑީވެލައިގެން ނުކުންނަންތަ؟ މީހާ އެއްކޮށް ދާހިތްލާ ފޯވެފަ މިހުރީ ބާރަށް ހިނގާފަ އައީމަ”، ކާޑު ޖައްސާފައި ގޭގެ ދޮރު ހުޅުވަމުން ހަމްނާ ޖަވާބުދިނެވެ. އެހެން ބުނުމުން އަރޫޝާ މަޑުމަޑުން އެއްޗެއް ބުނެލިހެން ހީވެއެވެ.
“އޭ އުހުނ! ގެއަށް ވަންނާނަކަށް ޓައިމެއް ނެތޭ ތިތާ މަޑުކޮށްބަލަ މަ މި އަންނަނީ!” އަރޫޝާ ހީވަނީ މީހެއްގެ ފުރާނަ ސަލާމަތްކުރަން ނުދެވިގެން އުޅޭ ހެންނެވެ.
“މިހާރު ލިފްޓަށް މި އަރަނީ، އެހާ ލަހެއް ނުވާނެ. އަނެއްކާ ރައްޔާން އެބައޮތް ގަޑިކިޔާފަވެސް. އެތަނަށް ދާންށާއެކީ ރެޑީވާން އެބަޖެހޭ. ފައިބާފަ ގުޅާނަން އެނގޭ!” އަރޫޝާ އިތުރަށް އެއްޗެއް ބުނުމުގެ ފުރުސަތެއް ނުދީ ހަމްނާ އެހެން ބުނެފައި ކަނޑައިލިއެވެ. އެމީހުން އެއުޅެނީ ރާވައިގެން ހަމްނާއަށް އުފަންދުވަހުގެ ސަޕްރައިޒެއް ދޭން ނުގެންދެވިގެންކަން ޔަގީނެވެ. އެކަމަކު އެހާ ހަޑިކޮށް ހުރެގެން އެކަހަލަ ތަނަކަށް ނުދެވޭނެ ނޫންހެއްޔެވެ.
ހަމްނާ ހަމަ ކަނޑައިލުމާއެކު އަރޫޝާ ބަރިބަރިއަކަށް ގުޅަންފެށިއެވެ. “ރެޑީވެގެން ނުކުމެވޭނީ…” ފޯނަށް ބަލަން ހުރެފައި ހިތާހިތުން ހަމްނާ ކިޔައިލިއެވެ. އެވަގުތު ލިފްޓު 8 ވަނަ ފްލޯއަށް ހުއްޓުމުން ހަމްނާ ނުކުތެވެ.
އާދައިގެ މަތިން ހަމްނާ ތަޅުދަނޑި އަނބުރައިލާފައި އެތެރެއަށް ވަނެވެ. އަރޫޝާވެސް ގޭގައި ނޫޅުމާއެއްކޮށް، އެޕާޓުމެންޓު އޮތީ އަނދިރިކޮށެވެ. ބޮކިތައް ދިއްލައިލުމާއެކު، އެތާ އެތެރޭގައި ހުރި ފުއްޕާހަންތައް ހަމްނާގެ ލޮލުގައި އަޅައިގަތެވެ. ރޯޒް ގޯލްޑް ކުލައިގެ ފުއްޕާހަންތަކާއެކު، ފާރުގައި ހުރި “ހެޕީ ބާތުޑޭ” ގެ ހީލިއަމް ބެލޫންތައް ވެސް ފެންނަން ހުއްޓެވެ. އެތާ ހުރި ކުޑަ މޭޒުމަތި ފަރުމާކޮށްލާފައި ހުރީ ވަކިން ފުރިހަމައަށެވެ. ކޭކުގެ ވާހަކަ ދައްކާނެވެސް ކަމެއް ނެތެވެ.
ހަމްނާގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވީ، ރައްޔާނާ ބައިވެގެން އަރޫޝާމެން ކުރި ބުރަ މަސައްކަތް ފެންނަން ހުރުމުންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ކޮޓަރިން ލަވައެއްގެ އަޑު އިވޭހެން ހީވެގެން އެދިމާއަށް ހިނގައިގަތެވެ. އެންމެން ފިލައި އެތިބީ އެތާކަން ޔަގީނޭ ހިތައި، ހަމްނާ މަޑުމަޑުން ތަޅު އަނބުރައިލިއިރު ހުރީ ތަޅުލައިފައެވެ.
“މަށަށް ސަޕްރައިޒެއް ދޭން އުޅެނިކޮށް އެމީހުންނަށް ސަޕްރައިޒް ލިބޭނީ މިފަހަރު”، ވައިއަޑުން އަމިއްލަ ނަފްސާ ވާހަކަދައްކަމުން ހަމްނާ ބުނެލިއެވެ. އެއާއެކު، ދަބަހުން ނެގި ތަޅުދަނޑިން، ކޮޓަރީގެ ދޮރު ހުޅުވީ ނިކަން މަޑުމަޑުންނެވެ.
ކުއްލިއަކަށް ހަމްނާ ދޮރުހުޅުވައިލިއެވެ. އެކަމަކު އެއާ ވިދިގެން ފެނުނު މަންޒަރުން ހަމްނާގެ ދެފައި ބިމުގައި ތަތްލައިފިއެވެ. މޭގަނޑު ފިނިވެ، ދެލޯ ބޮޑުވެއްޖެއެވެ.
ހަމްނާ ފެނުމުން މާހިޔާއާއި ރައްޔާނަށް ވީ އަދި ވަކިން ނުބައި ގޮތެކެވެ. “ހަމް… އައި.. ދިސް އިޒް ނޮޓް ވަޓް ޔޫ ތިންކް..” ސްޕީކަރުން ޖަހާފައި ހުރި ލަވަ ނިވާލާފައި، ޖިންސު އަރުވަމުން ރައްޔާން ތެޅެމުން ފޮޅެމުން އައެވެ. ހަމްނާއަށް ވަގުތުން ދުރަށް ޖެހިލެވުނެވެ. އޭރު މާހިޔާ ޖެހި ބުދެއްހެން ތިރިވެގެން އިންގޮތަށް އިނީ ހަރަކާތެއް ކުރަން ވެސް ނޭނގިފައެވެ.
“ވާއު… އެންމެފަހުން ހަމަ މަށަށް ދޯ ސަޕްރައިޒް މި ލިބުނީ..” ޤަބޫލުކުރަން ދަތިވެފައި ހަމްނާ އަދިވެސް ހުރީ އެދިމާއަށް ބަލަހައްޓައިގެނެވެ. ކުއްލިއަކަށް މޭނުބައިކުރަން ފެށިއެވެ.
ހަމްނާގެ މޫނު ފެނިފައި މާހިޔާ ރޯންފެށީ ކީއްވެކަމެއް ނޭނގެއެވެ. އަޑުންއަޑުނަގާފައި ރޮމުން އޭނާއާ ވާހަކަދައްކަން ފެށިއިރު ކިޔާ އެއްޗެއް ސާފުވަނީ ހަމަ ކިރިޔާއެވެ. “ހަމްނާ އައި އޭމް ސޯ ސޮރީ! ނޭނގެ ކިހިނެއް ވީ ކަމެއް ކަމެއް… ޕްލީޒް އަހަންނަށް މާފުކުރޭ އަހަރެން…” މާހިޔާ އޮތީ ހަމްނާގެ ފައިބުޑަށް ވެއްޓިފައެވެ.
“އަދިވެސް ކަލޭތަ ރޯންވީ؟؟ ހަމަ މިހާރު ނުކުމޭ!” ހަމްނާ ފައިން ޖަހައި މާހިޔާ ދުރުކޮށްލަމުން ބުނީ ނިކަން ބާރަށެވެ.
******
ހަމްނާ ސޯފާގައި އިނދެގެން ގިސްލަގިސްލާފައި ރޮނީއެވެ. ކައިރީގައި އަރޫޝާ އޭނާގެ ބުރަކަށީގައި ފިރުމައިދޭން އިނެވެ.
“ހަމަ ހުވާކޮށްފަ ބުނެބަލަ އަރޫއަކަށް ނޭނގޭ މިއިން އެއްވެސް ކަމެއް…” ހިތުގައި ޖެހެމުން ހަމްނާ ސުވާލުކުރިއެވެ.
“ﷲ ގަންދީ ހުވާކޮށްފަ މި ބުނަނީ، އަހަންނަށް އެނގިހުރެ މިކަހަލަ ކަމެއް ހިނގިޔަކަ ވެސް ނުދޭނަން! މިރޭ މިތަން ޑެކަރޭޓްކުރަން ހަވާލުވީ ރައްޔާނާ، މާހިޔާއާ، ސޮބީއާ ސައިފް އާ. އަހަރެން ކައިރީގަ ބުނީ އެމީހުން އޯކޭ ދެންދެން ހަމް ބޭރުގަ ގެންގުޅޭށޭ. އެކަމަކު ދައްތަމެން ގެއަށް ދިޔަގޮތަށް ސައިކް ހަމަނުޖެހިގެން މާ ލަހުން އަހަންނަށް ގުޅުނީ ހަމް އަށް.. އައި އޭމް ސޯ ސޮރީ!” އަރޫޝާގެ ލޮލުންވެސް ކަރުނަ ހިލިއްޖެއެވެ. އޭނާ ހަމްނާގެ ގައިގައި ބައްދާލައިގެން އިނެވެ.
“ނޯ. ޑޯންޓް ބީ ސޮރީ. އަހަންނަށް އެ މަންޒަރު ފެންނަން ހުރީމަ ވީ ގޮތް އެއީ. ހިތަށް އަރާ މީގެކުރިން އެންމެން ދެއްކި ވާހަކަތައް ގަބޫލުކުރެވުން ނަމައޭ.. ރައްޔާން އެހެން އަންހެންކުދިން ގޮވައިގެން ސައިކަލުގަ ދާ ވާހަކަ ކިތައް މީހުން ބުނި. އެކަމަކު އަހަންނަށް މާ ބޮޑަށް އިތުބާރު..” ހަމްނާގެ އަޑު ކުރެހުނެވެ.
ލޯބިވެރިޔާއާ އެކުއެކީ ހަމްނާއަށް އެ ގެއްލުނީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އަރޫޝާއާ ދިމާވުމުގެ މާކުރިން މާހިޔާއަކީ އޭނާގެ ބެސްޓުފްރެންޑެވެ. ލޯބިވެރިޔާ ބޭވަފާތެރިވިޔަސް، އެންމެ ގާތް އެކުވެރިޔާ އެގޮތަށް ކަންތައްކޮށްފާނެ ކަމަށް ހީކުރާނީ ކާކުހެއްޔެވެ؟
އެމީހުން ހަމްނާގެ ފޯނަށް އެތައް ފަހަރަކު ގުޅައި، އެތައް މެސެޖެއް ފޮނުވަނީއެވެ. އަރޫޝާގެ ފޯނަށް ވެސް އިރުއިރުކޮޅާ ރައްޔާން ގުޅައެވެ. ހަމަ ގުޅާއިރަށް އަރޫޝާ ނަގާފައި އެއްޗެހި ގޮވައިގަނެއެވެ. އެންމެފަހުން ރުޅި އައިސްގެން ނަންބަރު ބްލޮކް ލިސްޓަށްވެސް ލައިފިއެވެ.
އެރޭ ހަމްނާ، އަރޫޝާއާއެކީ އުފަންދުވަހުގެ ކޭކު ފެޅީ ރޮމުންނެވެ. ކޭކުކޮޅެއް އަނގަޔަށް ލާއިރަށް މޭނުބައިކޮށްގެން ބޭރުކޮށްލައިފިއެވެ. ދެން ކުރިކަމަކީ، އައިސް ހުރި ރުޅިގަނޑު މަތީގައި އެތާހުރި ހުރިހާ ފުއްޕާހަމެއް ފަޅައި، މުޅި ޑެކަރޭޝަން ހަޑިކޮށްލުމެވެ. އެ މަންޒަރު ބަލަން ދުރުގައި އަރޫޝާ ހުއްޓެވެ. އޭނާގެ ހިތް ވަނީ ހަމްދަރުދީއިން ފުރިފައެވެ.
އެރޭ ނިދަން ކޮޓަރިއަށް ވަދެފައި ހަމްނާ އެ ބާރުމިނުގައި ނުކުމެއްޖެއެވެ. އަދި އަރޫޝާގެ ކޮޓަރިއަށް ވަދެފައި އެކޮޓަރި އެނދުގެ މަގަތުގައި ޖައްސައިލިއެވެ. “ދެޓް ރޫމް.. އިޓްސް ގިވިންގ މީ ކްރީޕްސް!” ހަމްނާ ހުރީ އެ ކޮޓަރިއަށް ވަންނަން ވެސް ބޭނުންނުވެފައެވެ.
އަރޫޝާގެ ކައިރީގައި އޮވެގެން ހަމްނާ ނިދޭތޯ މަސައްކަތްކުރިއެވެ. އިރުކޮޅެއްފަހުން ރަޖާގަނޑު ދަށަށް ވަދެގެން އޮތް ހަމްނާ ގިސްލާހެން ހީވެގެން އަރޫޝާ އެނބުރި ބަލައިލިއެވެ. އޭނާ ހަމަ ހަގީގަތުގައިވެސް ރޮނީއެވެ. އެކަމަކު އަރޫޝާއަށް އަޑު ނީއްވާވޭތޯ މަސައްކަތްކުރާކަން އެނގެއެވެ. އަރޫޝާ ހަމްނާގެ ކޮނޑުގައި އަތް ބާއްވައިލީ، ހިތްވަރުދޭފަދަ ގޮތަކަށެވެ. ރުޔަކަސް މައްސަލައެއް ނެތޭ ބުނާފަދަ ގޮތަކަށެވެ.
*******
މެލޭޝިއާގެ އެއާޕޯޓުގައި ފައި ޖައްސައިލެވުމާއެކު ހަމްނާއަށް ވަށައިގެން ބަލައިލެވުނެވެ. މި ފެށުނީ ހަޔާތުގެ މުޅިން އާ ބާބެކޭ ހިތަށް އަރާފައި ފުން ނޭވާއެއް ދޫކޮށްލެވުނީ އުންމީދުން ފުރިގެންވާ ގޮތަކަށެވެ. އިރުކޮޅެއްނުވެ އޭނާ ބުކްކޮށްފައި އޮތް ޓެކްސީ އައިސް އޮތްކަން އެނގިގެން އަވަހަށް އެއަށް އަރަން ހިނގައިގަތެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


