ލޮތްބަށްޓަކައި..3
ފިލްމިގެ މެދާ ހަމައަށް ދިޔަ ތަނުން ނަދާގެ ފޯނު ރިންގުވާން ފެށިއެވެ. ލަބާންގެ ނަން ސްކްރީނަށް އަރާފައި އިން ތަން ފެނުމުން ނަދާ ހައިރާންވިއެވެ. ފަހަކަށް އައިސް ނަދާގެ ޚަބަރެއް ނުވަނީސް ލަބާންގެ ޚަބަރެއް ނުވެއެވެ. ލަސްކުރުމެއް ނެތި ނަދާ ފޯނަށް ޖަވާބު ދިނެވެ.
******
ނަދާއަށް އިތުރު ހިތްދަތިކަން ދިނުމުގެ ބަދަލުގައި ލަބާން އޭނާއާ ނަދާގެ ގުޅުން ނިންމާލިއެވެ. އެއްވެސް އޮޅުވާލުމެއް ނެތި އޭނާ ނަދާއާ ގުޅުނު ހަޤީޤީ ސަބަބުން ކިޔާދީ މާފަށް ވެސް އެދުނެވެ. ނަދާ ކަހަލަ އަންހެން ކުއްޖެއްގެ ލޯބި އޭނާ ފަދަ މީހަކަށް ހައްޤު ނޫން ކަމަށް ވެސް ބުންޏެވެ. ލަބާން ހުރިހާ ވާހަކައެއް ދައްކާ ނިންމާފައި ނަދާއަށް ބަލާލިއެވެ. ނަދާގެ ރީތި ބޮޑު ދެލޯ ކަރުނައިން ފުރިފައި ވިއެވެ. ނަދާގެ މޫނު މަތިން ފެންނަމުން ދިޔަ ހިތްދަތިކަން ފެނި ލަބާން ހިތުގައި ރިއްސާލިއެވެ. އެ އަންހެން ކުއްޖާއަށް އެ ދެއަތުގެ ހިމާޔަތް ދޭން ފުރަތަމަ ފަހަރަށް އޭނާގެ ހިތް އެދުނެވެ. ނަދާ އެއް ފިޔަވަޅު ކުރިއަށް ޖެހި ކުރިއަށް ވުރެ ލަބާންއާ ގާތްވިއެވެ. ނަދާ ދެލޯ މަރާލުމާއެކު އޭނާގެ ދޮން ކޯތާފަތް މައްޗަށް ކަރުނަތައް ފައިބައިގެން ދިޔައެވެ. “ލާން އައި ނޯ. ތެދަށް ބުނަންޏާ އަހަންނަށް އަބަދުވެސް އެނގޭ ކީއްވެކަން ލަބާން މަށާ ރަށްޓެހިވީ. ލަބާން އަމިއްލައަށް ހުރިހާ އެއްޗެއް އަހަންނަށް ކިޔާދިނީމަ ވަރަށް އުފާވެއްޖެ. ލަބާން ހިތުގެ ކޮންމެސް ހިސާބަކުން އަހަންނަށް ކެއާރ ކުރާކަން އެނގިއްޖެ” ކަރުނައިގެ ތެރެއިން ނަދާ ހިނިތުންވެލިއެވެ. އިޚްތިޔާރެއް ނެތި ލަބާން ނަދާ ގެނަސް އޭނާގެ އަތުތެރެއަށް ލިއެވެ. އޭނާގެ ދެއަތް ނަދާގެ ހަށިގަނޑުގައި ވަށާލިއެވެ. “އަހަންނަށް މާފު ކުރޭ ނަދާ. އަދި ޙަޔާތް އޮތީ ކުރިއަށް. އަހަރެން ދުޢާ ކުރާނަން ނަދާދެެކެ ލޯބިވާ ނަދާއަށްޓަކައި މުޅި ދުނިޔެއާ ވެސް ހަނގުރާމަ ކުރަން ތައްޔާރަށް ހުރި މީހާކު ނަދާއަށް ލިބޭތޯ” އޭނާ ގަޔާ ނަދާ ދުރު ކޮށްލުމަށް ފަހު ނަދާ ނިތުގައި ލަބާން ބޮސްދިނެވެ. އެއަށްފަހު ނަދާއަށް ބަލާވެސް ނުލާ އޭނާ ހިނގައިގަތެވެ.
ކުލާހުގައި އިން ނަދާ ފެނުމާއެކު ކަމެއް ގޯސްކަން ލައިރާއަށް އެނގުނެވެ. ނަދާގެ މޫނު މަތީގައި އަބަދުހެންވާ ތާޒާކަމެއް މިއަދަކު ނެތެވެ. ދެލޯ ދުޅަވެފައި ހުރިއިރު ނޭފަތް ހުރީ ރަތްވެފައެވެ. ލައިރާ ފެނުމުން ނަދާ ހިނިތުންވެލީ ގަދަ ކަމުންނެވެ.
“ނަދާ އާ ޔޫ އޯކޭ؟” ކަންބޮޑުވުމާއެކު ގޮސް ލައިރާ އެހިއެވެ. ނަދާ ހޫމް ލައްވާލުމަށް ފަހު ހިނިތުންވެލިއެވެ. “ނަދާ!” އަޑަށް ބާރު ލަމުން ލައިރާ ނަދާގެ ނަމުން ގޮވާލިއެވެ. “ލައި ޕްލީޒް. މި ގަޑިއަކު ނޫން” ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތައް ފުހެލަމުން ނަދާ އެދުނެވެ. ކުލާސް ހުރިހާ ކުދިންނަށް އޭނާ ރޯތަން ފެންނާކަށް ނަދާ ބޭނުމެއް ނޫނެވެ.
ލަބާން އަށް ސިއްސައިގެން ގޮސް ހޭލެވުނީ އޭނާ ކޮޓަރީ ދޮރުގައި ބާރަށް މީހަކު ތަޅައިގަތް އަޑަށެވެ. ރޭގައި އެއް ގޮަތަކަށް ވެސް ނުނިދާ ހުރުމުން މިއަދު ސްކޫލަށް ވެސް ނުގޮސް އޭނާ އޮތީ ނިދާށެވެ. ނިދި ހަމަނުވަނީސް ތެދުވަން ޖެހުމުން އޭނާ ގާތަށް ސިނގު ރުޅިއެެއް އައެވެ. ކަންނެތް ކަމާއެކު ތެދުވެގެން ގޮސް ލަބާން ދޮރު ހުޅުވިއެވެ. “ނަޔަލް؟” ނަޔަލް ފަހަތުން ލިއަމް، ހާރިމް އަދި ޒެއިން ވެސް އޭނާ ކޮޓަރިއަށް ވަނެވެ. ހަތަރު މީހުންނަށް އޭނާގެ ކޮޓަރިއާ ހިސާބަށް އައި ގޮތެއް ލަބާންއަކަށް ނޭންގުނެވެ. އެކުވެރިކަމަށް މިވީހާ ދުވަހުވެސް އެ މީހުން އޭނަ ގެއަށް ވަދެފަކައި ނުވެއެވެ.
ނަޔަލް އާއި ޒެއިން ވަން ގޮތަށް ލަބާންގެ އެނދަށް އެރިއެވެ. ލަބާންއަށް އެއްޗެއްކޭ ނުބުނެވިގެން އުޅެނިކޮށް ދެން ފެނުނީ ހާރިމް އާއި ލިއަމް ވެގެން އޭނާގެ ރީތިވާ މޭޒު މަތީ ހުރި އެއްޗިހި ހާވަން ފެށިތަނެވެ. ލިއަމް އާއި ހާރިމް މޭޒު ކައިރިން ދުރުކޮށްފަ ނަޔަލް އާއި ޒެއިން އެނދުން ނެގިއެވެ. “މަ އިރުކޮޅެއް ތެރޭ އެބަ ނިކުންނަން. ކައޭ މެން ސިޓިންރޫމްގަ މަޑުކޮށްލާ” ޒެއިން ކޮނޑުގައި ހިފައި ދޮރާއި ދިމާއަށް ލަބާން އޭނާ ގެންދިޔައެވެ. “އަހަރުން ސިޓިންރޫމްގަ މަޑު ކުރަން ހެދީމަ ލައި..ލައިރާ ކަލޭ ކޮޓަރި ދައްކާފަ ބުނީ ވަންނާށޭ”
ސްކޫލުން އައި ގޮތަށް ލައިރާ ޔުނީފޯރމް ބަދަލުކޮށްގެން ބަދިގެއަށް ވަނީ މެންދުރަށް ކައްކާށެވެ. ބަތްތެލި އުދުމަށްފަހު ރިހަ ކައްކަން ފިޔާ ކޮށަން ހުއްޓާ ބެލް ޖެހުމުން ލައިރާ ގޮސް ދޮރު ހުޅުވިއެވެ. ޒެއިންގެ އިތުރަށް އޭނާ ނުދަންނަ ތިން ޒުވާނުން ދޮރު މަތީ ހުއްޓިލައިގެން ތިއްބެވެ. “ހައި” ޒެއިން އޭނާގެ އަތް ހިއްލާލުމަށް ފަހު ހައި ޖަހާލިއެވެ. ލައިރާ ވެސް ހައިއޭ ބުނެފައި އެމީހުން ވަންނަން ތަންދެއްކިއެވެ. ލަބާން ކޮޓަރީގައި ވެއްޖެކަމަށް ލައިރާ ބުނުމުން ޒެއިން އެދުނީ އޭނާއަށް ގޮވާ ދިނުމަށެވެ. “އަމް އެންމެ ފުރަތަމައަށް ޖެހޭ ކޮޓަރި އެއީ ލަބާންގެ ކޮޓަރި. ތިމީހުން ގޮސް ގޮވަންވީނު؟”
ހަތަރު އެކުވެރިން ކޮޓަރީގައި ބޭތިއްބުމަށްފަހު ލަބާން ބަދިގެއަށް ދިޔައެވެ. “ލައިރާއަށް އެނގޭދޯ މަ ގަޔާވާކަމެއް ނޫންކަން މީހުން މަގޭ ކޮޓަރިއަށާ ވެއްދުމަކީ!” އޭނާ ނުރުހޭކަން އެނގޭ އިރުވެސް އެމީހުންނަށް އޭނާގެ ކޮޓަރި ދެއްކުމުން ލަބާން ހުރީ ލައިރާދެކެ އިންތިހާއަށް ރުޅި އައިސްފައެވެ. “އަހަރެންވެސް ގަޔާ ނުވާކަން އެނގިހުރެ ނަދާއާ ރަށްޓެހިވީވެސް. އޭރުވެސް މަށަށް އެނގޭ ނަދާގެ ހިތްހަލާކު ކުރުން ނޫން ކަމެއް ނުކުރާނެކަން.” ނަދާގެ ނަން އަޑު އިވުމާއެކު ލަބާން އިސްޖަހައިލިއެވެ. ނަދާގެ ހާލަކީ ކޮބައިތޯ ލައިރާ ގާތު އަހަން ހިތް އެދެވުނެވެ. ނަމަވެސް އޭނާގެ ސުވާލަށް ލައިރާ ޖަވާބު ނުދޭނެކަން އެނގެއެވެ. “ބުނަން ރަނގަޅު ވާހަކައެއް. ކިތަންމެ ގަޓުވެފަ އައިސް މަށާ ތިހެން ވާހަކަ ދެއްކިއަސް މަށެއް ލަބާންދެކެ ބިރެއް ނުގަނޭ. ޔޫ ނޯ ވަޓް؟ ޔޫ ޝުޑް ގޯ ބެކް ޓު ޔުއާރ ފްރެންޑްސް” ލައިރާއާ ވާހަކަ ދެއްކުމަކީ ބޭކާރު ކަމެއްކަން ވިސްނުމާއެކު ލަބާން ބަދިގެއިން ނުކުތެވެ. އޭނާ ނުކުތް އިރު ނަޔަލް އަދި ހާރިމް ދުވެފައި ގޮސް އޭނާ ކޮޓަރިއަށް ވަންނަނީއެވެ. ލައިރާ އާއި އޭނާ ދެއްކި ވާހަކަ އެމީހުން އަޑު އެހީކަން އެނގުމާއެކު ދެފަރާތަށް ބޯ ހޫރުވާލުމަށްފަހު ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ލަބާންދެކެ އައިސްފައި ހުރި ރުޅި ބާލަމުން ދިޔައީ އޭނާ ކޮށަމުން ދިޔަ ފިޔާޔަށެވެ. “ތި ނިކަމެތި ފިޔާ ލައިރާއަށް ކީއްކުރީ؟ އެފަކީރަށް ތި ވަރު ކުރާކަށް ނުވާނެއްނު” އޭނާއާ ނުހަނު ގާތުން ޒެއިންގެ އަޑު އިވުމުން ވަގުތުން ލައިރާގެ ހަރަކާތް ހުއްޓުނެވެ. ލަސް ލަހުން ފަހަތަށް އެނބުރި ބަލާލިއިރު ޒެއިން އޭނާއާ ނުހަނު ގާތުގަ ހުއްޓެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ނަމަވެސް ލައިރާގެ ދުލުން ބަހެއް ނުނިނުކުތެވެ. ލައިރާ އަތުން ވަޅި އަތުލުމަށް ފަހު ފިޔާ ކޮށަން ފެށިއެވެ. “ތަރުކާރީ އެބަހުރިތަ؟ ކެރެޓް، ކެބެޖް ދެން ޓޮމާޓޯ ނަގާދީ. މަށަށް ވަރަށް މީރުކޮށް ފްރައިޑް ރައިސް ހަދަން އެނގޭ. އެހެންމަ އަހަރެން މިއަދު ކައްކަ ދޭނަން”
ލަބާން ކޮޓަރިއަށް ވަން އިރު ނަޔަލް އާއި ހާރިމް ނުވާކަމަކަށް ހެދިގެން ތިއްބެވެ. ލިއަމް އިނީ ކިޔަވާ މޭޒު ކައިރީ އޭނާގެ ފޮތްތައް ހާވަންށެވެ. ފެންނަ ފެނުމަށް ލިއަމް ވަރަށް ގަޔާވެފައި ހުރިހެން ހީވިއެވެ. “ޒެއިން ކޮބާ؟” ކޮޓަރީގެ އެއްވެސް ހިސާބަކުން ޒެއިން ފެންނަން ނެތުމުން ލަބާން އެހިއެވެ. “އެ ގޮލާއަށް ފޯނު ކޯލެއް އައިސްގެ ނުކުތީ” ހާރިމް ބުންޏެވެ. ލަބާން ބޯ ޖަހާލުމަށް ފަހު ހަރުގައި އިން ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ. “އެކަކުވެސް ނުނިކުންނާތި ކޮޓަރިން ބޭރަށް” ފާޚާނާ ދޮރު ލެއްޕުމުގެ ކުރިން ކުޑަ އިންޒާރެއް އެކުވެރިންނަށް ލަބާން ދިނެވެ.
ބަދިގެ ތެރޭގައި މީރު ވަސް ހިފާފައި ހުއްޓެވެ. ފަރިތަކަމާއި އަތްމަތި އަވަސްކޮށް ޒެއިން ފްރައިޑް ރައިސް ތައްޔާރު ކުރަމުން ދިޔައެވެ. ބޮޑު ކައްކާއަކަށް ދޫ ނުކުރެއެވެ. ޒެއިންގެ ފަރާތުން ފެންނަމުން ދިޔަ އާ ހުނަރުން ލައިރާ ހުރީ އަޖައިބުވެ އަންތަރީސްވެފައެވެ. ފިރިހެން ކުއްޖަކު ބަދިގޭ މަސަތްކަތުގަ އެހާ ފަރިތަކަމާއެކު ކުރާތަނެއް މީގެ ކުރިން ލައިރާ ނުދެކެއެވެ.
އެނދުން ތެދުވި ގޮތަށް ބަނޑުހައިވެފައި ހުރުމުން ރީމާ ފުރަތަމަ ވެސް މިސްރާބު ޖެހީ ލައިރާ ކޮޓަރިއާ ދިމާއަށް ދާށެވެ. ބަދިގެ ތެރެއިން ކައްކާ ވަސް ދުވަން ފެށުމުން އޭނާގެ ފިޔަވަޅުތައް ބަދިގެއާ ދިމާއަށް އަޅަން ފެށިއެވެ. ޒުވާން ރީތި ފިރިހެން ކުއްޖަކު އުނދުން ކައިރީ ހުރިއިރު އެކުއްޖާ ގާތުގަ ލައިރާ އިނެވެ. އެ ޒުވާނާ ކޮންމެސް ވާހަކައެއް ބުނުމުން ލައިރާ ހީނލިއެވެ. ލައިރާ އެގޮތަށް ހީނލިތަން ރީމާއަށް ފެނުނު ހަނދާނެއް ނުވެއެވެ. ލައިރާގެ މޫނު މަތިން އުފާވެރިކަން ފެނުން ވެގެން ދިޔައީ ރީމާގެ ހިތަށް ކުޅަދާނަކަމަކަށް ނުވިއެވެ. ލައިރާއަށް އަނިޔާ ކުރާނެ ފުރުސަތަކަށް ބަލަބަލާ ހުރި ރީމާއަށް ރަނުގެ ފުރުސަތެއް ލިބިގެން ދިޔުމުން އޭނާގެ މޫނު މައްޗަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ.
“މިހާރު ފާޑު ފާޑުގެ މީހުން ވެސް ގެއަށް ވައްދަން ފެށީތަ؟ މި ދެތިން ދުވަހަކު މަ އެއްޗެކޭ ނުބުނާތީ މާ ބޮޑަށް މިނިވަންކަން ލިބުނީދޯ؟ ލަދުގެ ކަންފުޅެއްވެސް ނެތް ދަރިއެއް މި ނޫނިއްޔާ މަށެއް ނުދެކެން. ލަދުން ބޯ ހަލާކުވާވަރުވޭ” ދޮން މަންމަގެ އަޑު ޖެހުމާއެކު ލައިރާ ވަގުތުން ޒެއިންއާ ދުރަށް ޖެހުނެވެ. ޒެއިން ވެސް ހައިރާންވެފައި އެއް ފަހަރު ރީމާއަށް އަނެއް ފަހަރު ލައިރާއަށް ބަލާލިއެވެ. ލައިރާ ލޮލުން ފެންނަމުން ދިޔަ ބިރުވެރިކަން ޒެއިންއަށް ސިއްރެއް ނުވިއެވެ. “ރީމާ ހާދަ އަޑުގަދަކޮށްލައިގެން؟” ރީމާ ފަހަތުން އޭނާގެ ފިރިމީހާ ލަހުފާންގެ އަޑު އިވުނެވެ. “ލަހުފާނުގެ މިހިރަ ރަންދަރީގެ އުޅުން ރީތި ކަމުން އަޑުގަދަ ނުކުރާ ވަރެއްތަ؟” ލައިރާ ގާތު ހުރީ ޒުވާނާ ފެނި ލަހުފާން ވެސް ސުވާލުގެ ނަޒަރަކުން ލައިރާއަށް ބަލައިލިއެވެ. ޒުވާން ވަމުން އަންނަ އޭނާގެ އަންހެން ދަރިފުޅާއެކު އޭނާ ނުވެސް ދަންނަ ޒުވާން ފިރިހަނަކު ފެނުމުން ސުވާލު އުފެދުނެވެ.
“އަދި ތާކުން މީހަކު ފެންނަ އިރަށް މުޅި އަވަށު އެންމެން އެއްވާ ވަރަށް ހަޅޭއްލަވާކަށް ނުވެއެއްނު. އެމީހަކީ ލައިރާ ގެނައި މީހެއް ނޫން. އެއީ އަހަރެންގެ އެކުވެރިއެއް. ޒެއިން.” އަޑުގަދަ ވެގެން ނުކުތް ލަބާން އޭނާގެ މަންމައަށް ޒެއިންއަކީ ކާކު ކަން ބުނެދިނެވެ. ޒެއިންއަކީ ލަބާންގެ އެކުވެރިއަށްކަން އެނގުމުން ރީމާ މޫނުމަތީ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔައެވެ. ލަބާންގެ އެކުވެރިއަކާ ނިސްބަތްކޮށް އެފަދަ ގޮތަކަށް ވާހަކަ ދެއްކެވުމުން ލަދު ގަތެވެ. ރީމާއާ ދިމާއަށް ބަލާލުމަށްފަހު ލަހުފާން ދެފަރާތަށް ބޯ ހޫރާލިއެވެ.
މަހެއްހާ ދުވަސް ފަހުން ބައްޕަ ފެނުމުން ލައިރާ ކުޑަކޮށް ދުވެލާފައި ގޮސް ބައްޕަ ގައިގައި ބައްދާލިއެވެ. ދޮންމަންމަ ގާތު އޭނާ ބަހައްޓާފައި އެހާ ގިނަ ދުވަހަށް ރަށުން ބޭރަށް ދިއުމުން ބައްޕައާ މެދު ހިތިގައި ޝަކުވާވިނަމަވެސް ބައްޕަ ފެނުމުން ހުރިހާ ޝަކުވާއެއް މަތިން ހަނދާން ނައްތާލިއެވެ. ލަހުފާންއާއެކު ލައިރާ ސިޓިންރޫމަށް ދިއުމުން ރީމާ ވެސް ފަަހަތުން ދިޔައެވެ. އެއާއެކު ހަމަޖެހުމުގެ ފުން ނޭވާއެއް ޒެއިން ދޫކޮށްލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





