ލެޔާލް ދިއުމުން އައްކިޔުން ބީޗުން ނިކުތެވެ.މަޑު ހިނގުމުގައި އައްކިޔުން މިސްރާބު ޖެހީ ނައިޝާގެ ގެއާ ދިމާލަށެވެ.އެގެއާ އަރާހަމަވުމަށްފަހު، ވަރަށް ރަނގަޅަށް އެގެއާ ދިމާލަށް އައްކިޔުން ބަލައިލީ އަލްވަދާއު ކިޔާ ނަޒަރަކުންނެވެ.

ނައިޝާގެ ގެއާ ދިމާލަށް މޮޅިވެރިކަމާއެކު ބަލަން ހުރުމަށްފަހު، އެގޭ ކުރިމަތީގައިވާ ބީޗަށް އައްކިޔުން ވަނެވެ.އެއީ އޭނާއާ ަނައިޝާ އެންމެގިނައިން ބައްދަލުކުރަން އައިސްތިބޭ ތަނެވެ.

ބީޗަށް ވަދެ ނައިޝާއާ އެކު ތިބޭ ދޮންވެލިގަނޑު މަތީގައި އައްކިޔުން އިށީނެވެ.އަދި ފަހު ފަހަރަށް އެއުފާވެެރި މާޒީވި ދުވަސްތަކުގެ ހަނދާން އާކޮށްލީ ކަރުނުން ފުރިގެންވާ ހާލުގައެވެ.

*************

ނައިޝާގެ ޚިޔާލުގައި އައްކިޔުން އިންދާ އޭނާގެ ފޯނަށް މިީހަކު ގުޅިއެވެ. ދެލޮލުން ކަރުނަ ފުހެލާ ނޯއް ދަމާލުމަށްފަހު އެކޯލަށް އައްކިޔުން ޖަވާބުދިނެވެ،

“އައްސަލާމު އަލައިކުމް…..ތިކޮޅުން މިއަދު ގުޅާލީމެއްނޫންތޯ ކުއްޔަށް ހިފަން….މިވަގުތު އާދެވޭނެތޯ އެތަން ބަލާލަން” އެކޮޅުން ގުޅީ އައްކިޔުން ކުއްޔަށް ހިފަންއުޅޭ އެޕާޓުމަންޓުގެ ވެރިޔާއެވެ. “މިދަނީ” ކަމުގައި ބުނެ އައްކިޔުން ފޯނު ބޭއްވިއެވެ.

************

ފޯނު ބޭއްވުމާއެކު އައްކިޔުން އެގެއަށްދާން މިސްރާބު ޖެހިއެވެ.އައްކިޔުން ބޭނުންވަނީ ނައިޝާގެ ގެއާ ވީހާވެސް ދުރުން ގެއެއްހޯދާށެވެ.އެގެއަށް ގޮސް އެގެބެލުމަށްފަހު އެތަން އައްކިޔުން ނެގީ، އެއީ ނައިޝާގެ ގެއާ ވަރަށް ދުރު ހިސާބެއްގައި ހުރި ގެއަކަށް ވާތީއެވެ.

“އެޑްވާންސާއެކު ހަމަހުގެ ކުލިވެސް ތި ދެއްކީ…..އެހެންވީމަ ހަމަސް ފަހުން ކުލި ނަގަންފަށާނީ ދެން…..މިހާރުވެސް ހަމަ ބަދަލުވެވޭނެ” އައްކިޔުން އަތަށް ތަޅުދަނޑި ލައިދެމުން ގޭގެ ވެރިޔާ ބުނެލިއެވެ. ވަޒީފާގައި އުޅެމުން އައްކިޔުން އެއްކުރި ފައިސާއިން ތަނަށް ހަމަހުގެ ކުއްޔާ އެޑްވާންސް ވެސް ދެއްކުމަށްފަހު، އެއްޗެހިތައް ގެންނަން ކުރީގެ ގެއަށްދާން ހިނގައިގަތެވެ.

*********

އެއްޗެހިތައް ބަލާ އައްކިޔުން ގެއަށް އައިއިރު ޒަލަފް ގެއަކު ނޫޅެއެވެ.އެއްޗެހިތައް ޕެކުކޮށް ހިފައިގެން އައްކިޔުން ނިކުތްއިރުވެސް ޒަލަފް ގެއަކަށް ނާދެއެވެ.އެހެންކަމުން އޭނާ ޒަލަފަށް ގުޅާލިއެވެ. “ހަލޯ ޒަލަފް….އައްކި ބުނީ އައްކި މިރޭ އެހެންގެއަކަށް ޗޭންޖުވެއްޖައީމޭ….މިހާރު އައްކި މިހުރީ އާ ގޭގަ އެވާހަކަ ބުނެލަން މިގުޅާލީ” އައްކިޔުން ބުނެލިއެވެ.

އެވަގުތު ޒަަލަފް ކޮންމެވެސް އެއްޗެއް ބުނަންއުޅުނު ނަމަވެސް ކުއްލިއަކަށް ފޯނު ކެނޑުނެވެ.ފޯނު ކެނޑުމާއެކު ދެވަނަފަހަރަށް އައްކިޔުން ގުޅިއެވެ.ނަމަވެސް ޒަލަފްގެ ފޯނުއޮތީ ނިއްވާލާފައެވެ.ފަސް ހަބުރަށް ގުޅަން އުޅެއުޅެވެސް، އެކަން ކާމިޔާބު ނުވުމުން ޒަލަފަށް އައްކިޔުން މެސެޖެއް ކޮށްލިއެވެ.

“ނައި އައްކި ދޫކޮށްލައިފި….އައްކިވެސް ނައި އާ ދުރުވާން މަސައްކަތް މިކުރަނީ….އެހެންވެ ނައިގެ ގެއާ ވީހާވެސް ދުރަށްދާން އައްކި އެހެން ގެއަކަށް ބަދަލުމިވީ….ވަރަށް ބޮޑަށް ސޮރީ ޒަލަފް ކައިރި ނުބުނެ ކުއްލިއަކަށް ޗޭންޖް ވީމަ….އައްކިއަށް އެނގޭ ޒަލަފަށް އެކަނި ކުލި ނުދެއްކޭތީކަން އައްކިއާ ހިއްސާވީ…..އެހެންވެ އައްކި ހުންނާނެ ފަސްމަހުގެ ކުލި ދައްކަދީފަ…..ޒަލަފް ނުޖެހޭނެ ފަސް މަސް ވަންދެން ކުލި ދައްކާކަށް…..ދެން އެ ފަސް މަސްތެރޭ ޝެއާ ވާނެ މީހަކު ހޯދާ….އޮފީހުގަ އުޅޭ އަހުސަން އެބައުޅޭ ތަނެއް ބޭނުންވެގެން…އަދި އެއްފަހަރު ސޮރީ” އައްކިޔުންގެ މެސެޖުގައި ވެއެވެ.

*******

ކުއްލިއަކަށް ގެ ބަދަލުވި ވާހަކަ އައްކިޔުން ގުޅާފައި ބުނުމުން ވީ ކީއްކަމެއް ނޭނގޭ ހާލުގައި ޒަލަފް ހައިރާންވެފައި ހުއްޓެވެ.އޭނާއަށް ރަނގަޅަށް ވާހަކަ ނުދެއްކިގެން އުޅެނިކޮށް އައްކިޔުން ފޯނު ކަނޑާލުމުން ޒަލަފަށް އިތުރު ހައިރާންކަމެއް ލިބިގެންދިޔައެެވެ.

ތިން ހަތަރުބުރަށް ޒަލަފް ވެސް އައްކިޔުންނަށް ގުޅިއެވެ.ނަމަވެސް އެފޯނުވެސް އޮތީ ނިވާލާފައެވެ.”އަނެއްކާ އަަހަންނަށް އައްކި ހިތްހަމަނުޖެހޭ ކަމެއް ކުރެވުނީބާ؟” ޒަލަފްގެ ހިތަށްއެރިއެވެ.

ކުލި ނުދެއްކޭނެތީ ޒަލަފް ހާސްވާން ފެށިއެވެ.އޭނާ އެތަނުން ނިކުންނަން އެންމެ ފަހުން ނިންމިއެވެ.މަސް ނިމެން ގާތްވެފައި ވާތީއާއެކު ކުލި ހޯދަން ތަނުގެ ވެރިޔާ އޭނާ ކައިރިއަށް އަންނާނެކަން އެނގޭތީއެވެ.

ރަހުމަތްތެރިއަކަށް ގުޅާ ވަގުތީ ގޮތުން ހުންނާނެ ތަނެއް ހަމަޖެއްސުމަށްފަހު، ތަނުގެ ވެރިޔާއަށް ޒަލަފް ގުޅާލިއެވެ.

“އަޅުގަނޑާއެކު ހިއްސާވެގެން އުޅުނު ބޭފުޅާ ކުއްލިއަކަށް އެހެން ގެއަކަށް ބަދަލުވީމަ އަޅުގަނޑަށް އެކަނި ކުލި ނުދެއްކޭނެތީ، ތަން ދޫކޮށްލާ ވާހަކަ ބުނެލަން މިގުޅާލީ” އެކޮޅުން ފޯނު ނެގުމާއެކު ޒަލަފް ބުނެލިއެެވެ.

އެވަގުތު އެމީހާ ދިން ޖަވާބުން ޒަލަފް ހައިރާންވިއެވެ. “ފަސް މަހޭތޯ؟….އައްކިޔުން ފަސް މަހުގެ ކުލި އެއްކޮށް ދެއްކީއޭތޯ؟” ހައިރާންވެ ހުރެ ޒަލަފަށް އަހާލެވުނެވެ.

ޒަލަފްގެ ސުވާލަށް ތަނުގެ ވެރިޔާ އާނ ބަސް ބުނެލިއެވެ.

“އައްކިޔުން އެއްވެސް ވާހަކައެއް ބުނިތޯ؟…އޭނާ ބަދަލުވީ ތަނެއް ނުވަތަ އެކަހަލަ އެއްވެސް އެއްޗެއް” ގޭގެ ސާހިބު ކައިރި ޒަލަފް އަހާލިއެވެ.

“ނޫން އެއްވެސް ވާހަކައެއް ނުދައްކާ….ބުނީ ހަމައެކަނި އެެހެންތަނަކަށް އެބޭފުޅާ ބަދަލުވާ ވާހަކަ…ދެން ދިނީ ފަސްމަހުގެ ކުލި” އެކޮޅުން ބުނެލިއެވެ.

************

ޒަލަފްގެ ޚަބަރެއްވޭތޯ ފޯނު އަތަށް ލައިގެން އައްކިޔުން އިނެވެ.ނަމަވެސް އޭނާގެ ޚަބަރެއް ނުވުމުން އަދި އެއްފަހަރު މެސެޖު ފޮނުވުނުތޯ އައްކިޔުން ބަލައިލިއެވެ.އެމެސެޖް ފޮނުވިފައިވާ ތަން އައްކިޔުންނަށް ފެނުމުން ޒަލަފަށްވެސް އެމެސެޖް ލިބޭނެ ކަމުގައި އައްކިޔުން ނިންމިއެވެ.

*********

އިރުކޮޅަކު އެނދުގައި އިނުމަށްފަހު އައްކިޔުން އޭނާގެ ފޭސްބުކް އައިޑީއާ ނައިޝާގެ ހުރިހާ ފޮޓޯތަކެއް ފޯނުން ފުހެލިއެވެ.އަދި ސިމް ކާޑުގެ ޚިދުމަތްވެސް ކަނޑާލާ މުޅި ފޯނު އެއްކޮށް ފޯމެޓް ކޮށްލިއެވެ.

ނައިޝާއާ ދުރަށްދާން ޢަމަލީ ގޮތުން ހުރިހާ މަސައްކަތެއް އޭނާ ކުރިކަމުގައިވިޔަސް އޭނާގެ ހިތުން ނައިޝާ ނެރެ އެއްލައެއް ނުލެވޭނެއެވެ.އެހަނދާން އޭނާއަށް އަބަދުވެސް ވާނެއެވެ.

**********

ސައިފްގެ ރަށުގައި ދެހަފްތާ ހޭދަކުރުމަށްފަހު ނައިޝާއަށް ހުޅުމާލެއަށް ދެވޭތީ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.ފުރުމުގެ  އެއްދުވަސް ކުރިން އޭނާ ވަނީ ފޮށިވެސް ތައްޔާރުކޮށްފައެވެ.

ދެހަފްތާ ފަހުންވިޔަސް އައްކިޔުންނާ ބައްދަލުވެވޭތީ އޭނާ ވަރަށް ބޮޑަށް އުފާވިއެވެ.ކޮޓަރީގައި ވަގުތު ގުނާލަ ގުނާލާ ދެކޮޅަށް ހިނގާލަ ހިނގާލަ ނައިޝާ ހުއްޓެވެ،އެވަގުތު ކޮޓަރި ދޮރުގައި މީހަކު ޓަކިޖެހިއެވެ.

ދޮރު ހުޅުވާލި ނައިޝާ ހައިރާންވެގެން ދިޔައީ ދޮރުމަތީގައި ސައިފްގެ މަންމަ ހުރުމުންނެވެ. “ދަރިފުޅު މާދަން ހެނދުނު އަށެއް ޖަހާއިރު ފުރާ ޚަބަރު މަންމައަށް ލިބިފަ އޮތީމަ ފުރުމުގެ ކުރިން ކެއުމެއް ދޭން ބަލާ މިއައީ” ސައިފްގެ މަންމަ ބުނެލިއެވެ.

އެވަގުތު ނައިޝާ ފޯނުން ވަގުތު ބަލައިލިއެވެ.އޭރު ރޭގަނޑު އަށެެއް ޖެހީއެވެ.ނައިޝާ މިރޭ ކާހިތެއްނެތެވެ.އެހެންނަމަވެސް ސައިފްގެ މަންމަ ކާން ބަލާ އައުމުން އެގެއަށް ދާން ނައިޝާ ނިކުތެވެ

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!