“ޕިސް ޕިސް.. ކަލޭމެން ނުކުރާ ކަމެއް ނޯންނާނެ ދޯ ކުޑައިރު.. އަނެއްކާ ކަމެއް ގޯސްވީބާ.. ނުކް ނާހަންތަ؟” އިސްޖަހާލައިގެން ދިޔަ ނީކިޔާއަށް ޔަމްހާ ބަލާލިއެވެ.”ނޫން އެހީން.. އެކަމަކު ކޮންމެ ފަހަރަކު ވެސް ބުނަނީ ކަމެއް ނުވެއޭ.” ނުކްޝާން ވެސް ނީކިޔާއަށް ބަލާލިއެވެ.”ހިނގާބަލަ.. މޮޅަށް އެކްޓް ކުރަން އިނގުނަސް ކުއްލިއަކަށް ސިހުނީމަ އިނގިދާނެ.” ނުކްޝާން ޔަމްހާ ބުނެގެން ނީކިޔާ އާއި ދިމާއަށް ހިނގައިގަތް އިރު ޔަމްހާ އާދަޔާ ޚިލާފަށް އަނގަ ގަދަކަން ފާހަގަ ވިއެވެ.”ނީކް ނީކް..” ޔަމްހާ ނީކިޔާއަށް އަޑުއިވޭ ވަރަށް ގޮވާލިއެވެ. ޔަމްހާގެ އަޑަށް ނީކިޔާ ބަލާލި އިރު ދެލޯ ފުދޭވަރަކަށް ރަތެވެ. ނުކްޝާން އާއި ޔަމްހާ ދެލޯ ހަނިކޮށްލިއެވެ.

**30 ވަނަ ޕާޓު**

“ވާރޭ ތެމެން ވެސް ފެށީތަ؟؟..” ނީކިޔާ ހޭންފެށިއެވެ.”ލޯ ރަތްވެފަ ތިހުރީ ކީއްވެ ނީކް..” ނުކްޝާން އެހިއެވެ.”އެއީ.. އެއީ މަ ހަވީރު ބީޗަށް ގޮސް އުޅެނިކޮށް ކުރިމަތީގައި އުޅުނު ކުދިންތަކެއް ވެއްޔާ ކުޅެ ވެލި އުކީމަ މަގޭ ލޮލަށް ވެސް ދިޔައީ.” ޝައްކެއް ނުވާނެ ފަދައަކުން ނީކިޔާ ކިޔާދިނެވެ. ޔަމްހާ އާއި ނުކްޝާން އެކަކު އަނެކަކަށް ބަލާލިއެވެ. ނީކިޔާ އެކްޓް ކުރަން މޮޅުކަމުން ޔަމްހާ އާއި ނުކްޝާން ވެސް އިތުރަށް ސުވާލުތައް ކުރާކަށް ނުހެދިއެވެ. އެކި ވާހަކަ ތަކުގައި ހެމުން ނުކްޝާން މެންނަށް ގެއަށް ދެވުނު އިރު ޔޫޝައު އެއް އަދި ނާދެއެވެ.”ޔަމް ސުވާލެއް ކޮށްލަންތަ؟.” ކޮޓަރިއަށް ވަދެފައި ނުކްޝާން އެހިއެވެ. ފާޚާނާއަށް ވަންނަމުން ޔަމްހާ ހޫމް އަޅުވާލިއެވެ.”މިއަދު ވަރަށް އުފާވެފަ ދޯ ހުރީ. ކީއްވެ ކަން އަހާލެވިދާނެތަ؟.” ފާޚާނާ ދޮރު ކުރިމަތީގައި ނުކްޝާން ހުއްޓުނެވެ. ޔަމްހާ އަނގަ ބަންދުވިއެވެ. ހަޤީގަތުގައި ޔަމްހާ މިއަދު އެހާ އުފާވީ ނުކްޝާން އާއި އެކީ ލޯބިން އެކަހަލަ ވަގުތުކޮޅެއް ހޭދަކޮށްލެވުމުންނެވެ.”ޖަވާބު ނުދިނަސް އޯކޭ. އަސްލު ވަރަށް ހައިރާންވެފަ އުފާ ވެސްވި ޔަމް އެހެން ނޫނީ ވާހަކަ ނުދައްކާ ވަރަށް މިއަދު ވާހަކަ ދެއްކީމަ.” ހިނިތުންވުމަކާއެކު ނުކްޝާން ބުންޏެވެ. ޔަމްހާ ލަދުން ދުރު ބަލަން ފެށިއެވެ.”ދެން ލަދުން ނުހުރެ އަވަހަށް ފެންވަރައިގެން އާދޭ މަށަށް މިތާކު މުޅި އުމުރަކަށް ނުހުރެވޭނެ.” ނުކްޝާން ހިނިގަނޑެއް ޖަހާލިއެވެ.

ޔަމްހާ ފެންވަރައިގެން ނިކުމެ އެނދުގައި އޮށޯތްއިރު ނުކްޝާން ބުނިހެން ނިދިއަންނަން ފަށައިފިއެވެ. އިރުކޮޅެއް ނުވެ ނުކްޝާން ފާޚާނާއިން ނިކުތެވެ.”ނިދި އަންނަނީ ދޯ. ކައިގެން ނިދަން ވީނުން.” ސޯޓެއް އެކަނި ލައިގެން ނުކްޝާން ޔަމްހާ ކައިރީގައި އޮށޯތެވެ.”އަހަރެން ބަނޑު ހައެއް ނޫން.” ޔޫޝައު ކުރިމައްޗަށް އަރަން ބޭނުން ނުވާތީ ޔަމްހާ ބުންޏެވެ.”އެކަމް ވެސް… މަޑުކޮށްލާ ލަމާން އެބަ ގުޅާ.” ނުކްޝާން ފޯނު ނެގިއެވެ. ފެން ބޯން ވެގެންނޭ ބުނެފައި ޔަމްހާ ކޮޓަރިން ނިކުތް ވަގުތު ޔޫޝައު އައިސް ޔަމްހާ އަތުގައި ހިފާލިއެވެ.”ދޫކުރޭ ޔޫޝައު ޕްލީޒް.” ޔަމްހާ ޔޫޝައުގެ އަތުގައި ހިފާ ދުރުކުރުން އުޅުނެވެ. ނަމަވެސް އެއަށްވުރެ ޔޫޝައު މާ ބާރު ގަދައެވެ.”ޔަމްހާ..” ދެމީހުންނަށް އެކީ ކަހަލައިން ޔަމްހާގެ ކޮޓަރި ދޮރާއި ދިމާއަށް ބަލާލެވުނީ ކުއްލިއަކަށެވެ.”އާދޭ އެތެރެއަށް.” ޔަމްހާ އާއި ދިމަ ބަލާލާފައި ނުކްޝާން ކޮޓަރިއަށް ވަނެވެ.”ނުކްޝާން އައިމް ސޮރީ…. ޔޫޝައު.. ނުކްޝާން އަހަ..” ޔަމްހާ ދައްކަންފެށި ވާހަކަ މެދުކަނޑާލަން ޖެހުނީ ނުކްޝާން ޔަމްހާ ގެނެސް ބައްދާލުމުންނެވެ.

“ޔަމް.. މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް ކޮންމެ ކަމެއް ކުރިޔަސް ޔަމް އެކަމުގެ ތަފްސީލް ނުބުނާހާ ހިނދަކު އަހަރެން އެ ކަމެއް ނުފެންނަ ކަމަށް ހަދާނަން.. ނޫނީ އިވޭ ވާހަކައެއް ނީވޭ ކަމަށް ހަދާނަން. އަހަރެން ޔަމްހާއަށް އިތުބާރު ކުރަން. އަހަރެން ޤަބޫލު ކުރަން ޔަމްހާ އެފަދަ ގޮތަކަށް މީހަކާ އެކީ ގުޅުން ބާއްވާނަމަ އަހަރެން ކައިރީ ބުނާނެކަން.. ޔަމް ހީނުކުރާތި މީހަކު އެއްޗެކޭ ބުނެގެން އަހަރެން ޔަމް ދޫކޮށްފަ ދާނެއޭ.. އެއަށްވުރެ ބޮޑަށް އަހަރެން ޔަމް ދެކެ ލޯބިވޭ.” ފެންކަޅިވެފައި ހުރެ ޔަމްހާ ގައިގައި ބައްދައިގެން ނުކްޝާން ވާހަކަ ދެއްކިއެވެ. ބުނާނެ އެއްޗެއް ޔަމްހާގެ ދުލުކުރިއަކަށް ނައެވެ. ކުޑަމިނުން ޝުކުރު އަދާކުރަން ވެސް ނޭނގުނެވެ.”އުންމީދު ކުރަން ޔަމްހާ ވެސް އަހަރެންނަށް ޝައްކު ނުކުރާނެ ކަމަށް. އެކަހަލަ ގޮތަކަށް ޝައްކު ކުރެވޭނަމަ އަހަރެން ކައިރީ ބުނެލާ.. އޭރުން އިރާދަކުރެއްވިޔާ އެކަން ތަކުރާރެއް ނުކުރާނަން..” ވަރަށް ލޯބިން ނުކްޝާން އެދުނެވެ. ބުނާނެ ބަހެއް ނޭނގުމުން ޔަމްހާ ބޯ ޖަހާލިއެވެ. ނުކްޝާން އެހާ ރަނގަޅު އިރު ވެސް އޭނަ ނުކްޝާން އޮޅުން ގަނޑެއްގެ ތެރޭގައި ބަހައްޓަނީ ކީއްވެ ހެއްޔެވެ؟ ޔޫޝައު އެހެން ހަދަން ޖެހުނީ ހަމަ އޭނާގެ ސަބަބުންކަން އަވަހަށް ބުނާންވީއެވެ. ނަމަވެސް އެ ގުޅުމުގައި ކޫރުމެއް ވެސް އެޅޭކަށް ޔަމްހާ ބޭނުމެއް ނޫނެވެ. ކިތަންމެ ކުޑަޔަސް މެއެވެ.

ރޭގަނޑު ކެއުމުގައި ވެސް ޔަމްހާ އާއި ނުކްޝާންގެ ކިބައިން ދުރުކަމެއް ފާހަގަ ނުވާތީ ޔޫޝައު އިނީ އެތެރެއިން އަނދަ އަނދައެވެ. ހައްލު ނުކުރެވޭ މައްސަލައެއް ޔޫޝައުގެ ސިކުނޑިއަކަށް ނައެވެ.”އަހަރެމެން މިރޭ ނަވް މެންގެއަށް ދާންކަމަށް. ނީކް ދާނަންތަ؟ޔޫޝައު ވެސް؟.” ޔޫޝައު އިސްޖަހާލައިގެން ރުޅިއައިސްފައި އިންދައި ނުކްޝާން އެހިއެވެ.”އަހަރެން ނުދާނަން. ކުޑަކޮށް ބަލިކޮށް މިއުޅެނީ. މާދަން ދާނަން އިނގޭ.” ނީކިޔާ ދެކޮޅު ހެދިއެވެ. ލަމާން އާ ހެދި ނީކިޔާއަށް ކެތްކުރަން ވެސް ދަތިވާ ވަރު ވެއްޖެވެ. އެކަމަށް ތައްޔާރު ނުވެ ހުއްޓާ ނީކިޔާއަށް އެކަމާ ކުރިމަތިލާން ޖެހުމުން ކެތް ކުރެވޭ ވަރު ނުވީއެވެ. ނީކިޔާ ޖަވާބު ދިނުމުން ނުކްޝާން ބަލާލީ ޔޫޝައު އަށެވެ.”ހްމްމް މަ ދާނަން.” ޔޫޝައު ބުންޏެވެ.”އޯކޭ. ނީކް ބޭސް ކައިގެން އިތުރު ކަމެއް ނުކޮށް ނިދާތި.” އަތްދޮންނަމުން ނުކްޝާން ނީކިޔާއަށް ބަލާލިއެވެ.”ޔޫޝައު ވެސް ރެޑީ ވެގެން އަންނާތި އިނގޭ. އަހަރެމެން ތިބޭނަން ބޭރުގަ.” ނުކްޝާން ޔަމްހާ އާއި އެކީ ކާގެއިން ނިކުތެވެ.

ޔޫޝައު އައުމުން ތިން މީހުން ނަވްޔާ މެންގެއަށް ދިޔައެވެ.”ކޮންތާކަށް ދާން ތި ނިކުންނީ؟..” އެގެއާއި އަރާ ހަމަވި ވަގުތު ނަވްޔާ ގެއިން ނިކުތެވެ.”ފިހާރައަކަށް. ވަދޭ އެތެރެއަށް. މި އަންނަނީ. ޒާއިފް އިންނާނެ..” ނަވްޔާ އަވަސް އަރުވާލައިގެން ދިޔައެވެ. ނުކްޝާން ބުމަ އަރުވާލަމުން އެތެރެއަށް ވަނެވެ. އޭރު ޒާއިފް އޮށޯވެ ޓީވީ ބަލަން އޮތެވެ.”ހައި ހައީ.” ނުކްޝާން ގޮސް ގޮނޑިއެއްގައި އިށީނެވެ.”ނީކިޔާ ކޮބާ؟” ޒާއިފް އެހިއެވެ.”ނީކް ބަލިކަމުން ނާދޭ.” ނުކްޝާން ޖަވާބު ދީފައި ފޯނު ނެގި އެވެ. އިރުކޮޅެއް ނުވަނީސް ނަވްޔާ ގެއަށް އައެވެ. އޭރު ނަވްޔާ ހުރީ ފެންކަޅިވެފައެވެ.”ނަވް ކިހިނެއްވީ؟؟..” ޔަމްހާ ފުރަތަމަ ހީކުރީ ވާރޭ ވެހޭތީ ނަވްޔާ މޫނުގައި ފެންތިކި ހުރީ ކަމަށެވެ. ނަމަވެސް ޒާއިފް ކައިރިއަށް އަންނަން ފެށުމުން ނަވްޔާ ދުރަށް ދުއްވައިގަތް ގޮތުން ޒާއިފްގެ ހާސްކަން އިތުރުވިއެވެ. ދުރުގައި ހުރީ ޔޫޝައު ނޭނގޭ ކަމަށް ހަދައިގެން ހުއްޓެވެ. ނުކްޝާން ވެސް ކަންބޮޑުވެފައި ނަވްޔާ ފަހަތުން ދުއްވައިގަތެވެ. ގެއިން ނިކުތް ވަގުތު ސުދާ ހުރިތަން ފެނިފައި މިއީ ސުދާގެ ކަމެއްކަން ނުކްޝާން އަށް އިނގުނެވެ.

“ނުކް އަހަރެން ގެއަށް ދާން ބޭނުން.” ނަވްޔާ ރޮވިފައި ބުންޏެވެ.”ކިހިނެއްތަ ވީ ނަވް؟ވީގޮތް ބުނެބަލަ. ސުދާ އެއްޗެކޭ ކީތަ؟؟.” ސުދާ އާއި ދިމާއަށް ވައްކަޅިން ބަލާލަމުން ނުކްޝާން އެހިއެވެ. ދުރު ބަލާލަމުން ސުދާ ހިނގައިގަތެވެ.”ނަވް..” ޒާއިފް ގޮވާލިއެވެ.”ނޫން. ޒާއިފްއާ އެކީ އެންމެ ވަގުތުކޮޅަކަށް ވެސް އުޅޭކަށް ބޭނުމެއް ނޫން ޕްލީޒް އަހަރެން ގެއަށް ދާން ބޭނުން.” ނުކްޝާންގެ އަތުގައި ހިފާ ނަވްޔާ އާދޭސް ކުރިއެވެ. ޔަމްހާ ވީގޮތް އޮޅުން ފިލުވާން އުޅުމުން ވެސް ނަވްޔާ ހިތްހަމަ ނުޖެހިފައި ނުކްޝާން ކައިރީ އެދެނީ ގެއަށް ދިއުމަށެވެ.”ނަވް ރޫމް ހުންނާނީ ހުސް ކޮށް ނޫންތަ؟..” ނުކްޝާން ޚިޔާލަށް ނަސީބަކުން ރަނގަޅު އެއްޗެެއް އައެވެ. އެހެން ބުނުމާއެކު ނަވްޔާ ހުއްޓުނެވެ.”އޯހ އޯކޭ.” ނޭފަތް ދަމާލަމުން ނަވްޔާ ގެއަށް ވަނެވެ. ވީ ކީއްކަން ނޭނގިފައި ޔޫޝައު ފިޔަވައި އެންމެން ތިއްބެވެ.”ދެން އޯކޭ އިނގޭ ތިމީހުން ދިޔަޔަސް. މަ މިކަން ހައްލު ކުރާނަން.” ޒާއިފް އެހެން ބުނެފައި ގެއަށް ވަދެ ދޮރު ޖެހިއެވެ.

“ނަވް ކިހިނެއްތަ ވީ؟.” ޒާއިފް ކަންބޮޑުވުމާއެކު އެހިއެވެ.”ޒާއިފް ދުރުގަ ހުރޭ. ތީ ތިހާ މަކަރުވެރި މީހެއް ކަމަކަށް އަހަރެން ހިއެއް ވެސް ނުކުރަން. ކީއްވެ ޒާއިފް؟ ރީއްޗަށް ބުނެލި ނަމަ އަހަރެން ދެކެ ހިތްހަމަ ނުޖެހޭކަން.. ޒާއިފް އަހަރެން ދެކެ ވީ ކުޅޭ ކުޅޭ ލޯތްބެއް ދޯ.” ނަވްޔާ ރޮމުން ވާހަކަ ދެއްކިއެވެ.”ކީކޭތަ ތި ކިޔަނީ ނަވް؟؟..” ކަންބޮޑުވުމާއެކު ޒާއިފް ނަވްޔާ ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ. ޒާއިފް އެޅި ފިޔަވަޅާއެކީ ނަވްޔާ ވެސް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އަދި ފޮޓޯ ގަނޑެއް ނަގާ ޒާއިފް އަށް ދައްކާލިއެވެ. އެ ފޮޓޯގައި ވަނީ ޒާއިފް އާއި އެކީ ޔަމްހާ ނުލާހިކު ކައިރީގައި ބައްދާލައިގެން ތިބި މަންޒަރެވެ. ދެ މޫނު ޖެހޭ ނުޖެހޭހާ ގާތުގައި ހުރިއިރު ކިރިޔާ ތަނެއް ހިރިލިޔަސް ޖެހޭނެއެވެ. ދެމީހުން ވެސް ތިބީ ނިވާކަން ކުޑަ ހެދުމެއްގައެވެ.”ސުދާ އެ ވާހަކަ ބުނި ނަމަ ޤަބޫލެއް ނުކުރާނަން. އެކަމް އަހަރެންގެ އަތަށް ހެކި ދިނީމަ ޤަބޫލު ނުކޮށް ހުރެވޭނެތަ؟؟.” އެ ގަނޑު ޒާއިފް އާއި ދިމާއަށް އެއްލާލަމުން ނަވްޔާ ރޯންފެށިއެވެ.”ނަވް އައި..” “އެންމެ ވާހަކައެއް ވެސް އަޑުއަހާކަށް ބޭނުމެއްނޫން ތި ދުލަކުން.. ނިކުމޭ މި ކޮޓަރިން.” ނަވްޔާ ވޭނާއި އެކީ ހަޅޭއްލަވައި ގަތެވެ. މި ހުރެވެނީ ޒާއިފްގެ ގޭގައި ކަންވެސް ނޭނގޭ ކަހަލައެވެ. ހައިރާންވެ ދެރަވެފައި ނަވްޔާ ބުނިގޮތަށް ޒާއިފް ކޮޓަރީން ނިކުތެވެ. އެއީ އަސްލު ނޫންކަން ނަވްޔާ ކައިރީ ބުނަން ބޭނުމެވެ. ނަމަވެސް ޤަބޫލު ކުރާނެ ހެނެއް ހިއެއް ނުވެއެވެ.

އެތަށް އިރަކު އެހެން ހުރުމަށްފަހު ނަވްޔާމެން ދޮރު ނުހުޅުވުމުން ތިން މީހުން ގެއަށްދާން ހިނގައިގަތެވެ. ނުކްޝާން އާއި ޔަމްހާ ނަވްޔާއާއި މެދު ހާސްވެފައި ތިބި އިރު ޔޫޝައު ދެޖީބަށް އަތްޖަހާލައިގެން ހަމަޖެހިފައި ހުއްޓެވެ.”އެބަ އަންނަން އިނގޭ ފްރެންޑެއްގެ ގެއަށް ގޮސްލާފަ.” ގެއާއި އަރާ ހަމަވުމުން ޔޫޝައު ހަމްނާ މެންގެއަށް ދާން ހިނގައިގަތެވެ. ސުދާ ވެސް އިންނާނީ އެގޭގައިކަން އިނގޭތީއެވެ.”އޯހ މައި… ހަމްނާ ހާދަ މޮޅޭ..” ގޭތެރެއަށް ވަދެފައި ޔޫޝައު ހޭންފެށިއެވެ.”އައި ނޯ ރައިޓް.. ޓެކްނޮލޮޖީ އޭ ހުރިހާ ވެސް އެއްޗަކީ..” ހަމްނާ ފޮނިވިއެވެ.”ހަމަ ރަނގަޅަށް ވެސް އޭނަ ހުރީ ޒާއިފް ދެކެ ހިތްހަމަ ނުޖެހިފަ.. މަ ހީކުރީ މިވަރުން ނުފުދޭނެކަމަށް..ވީޑިއޯ އެއްވެސް ހަދަން ޖެހޭނެކަމަށް.” ހަމްނާ ހަށިގަނޑު ދަމާލިއެވެ.”އެކަހަލަ މޮޔަ އިންނަށް ފޮޓޯ އަކުން ވާނެ..” ސުދާ ބުންޏެވެ.”ދަނިއޭ ވަރަށް ނިދި އާދޭ އެބަ..” ޔޫޝައު އެހެން ބުނެފައި ގެއިން ނިކުތެވެ.

“ގުޑް މޯނިންގް..” ނުކްޝާން ނިދާފައި އޮށްވާ ޔަމްހާ ނުކްޝާންގެ ކަންފަތް ކައިރިއަށް ގުދުވެފައި ބާރަށް ބުންޏެވެ.”މަގޭ ކަންފަތޭ..” ނުކްޝާން ކައްޓެއް ހަރާލިހެން ތެދުވިއެވެ. ޔަމްހާގެ ކަމެއްކަމަށް އިނގުމުން ދެބުމަ ކައިރިކޮށްލާފައި ޔަމްހާގެ އަތުގައި ހިފާ ނުދެވޭ ގޮތައް ހެދިއެވެ. އެއާއި އެކީ ޔަމްހާގެ މަޑު ހުނުމުގެ އަޑު އިވުނެވެ.”ގުޑް މޯނިންގް..” ނުކްޝާން ނިދި އައިސްފައި ހުރުމުން މާ ބޮޑު ކަމެއް ކުރާނެ ހިތްވަރެއް ނެތެވެ. އެހެންކަމުން ޔަމްހާ ދޫކޮށްލާފައި ފާޚާނާއަށް ނުކްޝާން ވަނެވެ. ޔަމްހާ ހެމުން ބޭރަށް ނިކުތް އިރު ނަވްޔާ ނީކިޔާ އާއި ވާހަކަ ދައްކަން ހުއްޓެވެ. ކުރިއާ ޚިލާފަށް މިފަހަރު ނަވްޔާ ހުރީ ޔުނިފޯމް ގެއެވެ. ޔަމްހާ ނިކުތުމުން މޫނު އަނބުރާލާފައި ނަވްޔާ ކާގެއަށް ވަނެވެ.”ގުޑް މޯނިންގް ޔަމް. ސައި ހަދާ ނިމިއްޖެ ހެހެ.” ނީކިޔާ ހިނިތުންވުމެއް ދިނެވެ.”ނަވް ކިހިނެއްވީ ރޭގަ؟..” އެހެންހޭ އަހާލަމުން ޔަމްހާ ކާގެއަށް ވަނެވެ.”އަހާނެ ކަމެއް ނެތް.. ޒާއިފް އާ އެކީ އެކަހަލަ ގުޅުމެއް ބާއްވަފާނެއޭ ކާކު ހިތަށް އަރާނީ؟؟..” ނަވްޔާ ދެބުމަ ގޮށްޖަހާލިއެވެ.”ވަޓް؟؟ ޒާއިފް އޭ؟؟..” ޔަމްހާ ދެލޯ ބޮޑުވިއެވެ.”ނޭނގޭ ކަމަށް ނުހަދާ.. ކަލެއާ ޒާއިފްގެ ކަންތައް އެއީ.. ނުކްއަށް ނޭނގި އެހެން ފިރިހެނުންނާ އެކީ އުޅެން.” ރުޅިވެރިކަމާއި އެކީ ނަވްޔާ ސައިބޯން ފެށިއެވެ.”ނޫން ނަވް.. ތިހެން ނުބުނޭ.. ” ނަވްޔާ އާއި ދިމާއަށް ޔަމްހާ ދެރަވެފައި ބަލާލިއެވެ. އިތުރު އެއްޗެކޭ ނުބުނެ ނަވްޔާ ސައި ބޮއި ނިންމި ތަނާ ނުކްޝާން އައެވެ. ތިން މީހުން އެކީގައި ގެއިން ނިކުތް އިރު ވެސް ނަވްޔާ ހުރީ ޔަމްހާ އާއި މެދު ހިތްހަމަ ނުޖެހިފައެވެ.

މާދަމާ ލަމާން އަންނާނެކަން އިނގޭތީ ނީކިޔާގެ ހިތް ވަނީ އަވަސް ވެފައެވެ. ލަމާން އަކީ ކިހާ ގޯސް މީހެކޭ ހިތަށް ވިސްނައިދިން އަދަދެއް ނޭނގެއެވެ. ނަމަވެސް ލަމާންގެ ކޮންމެވެސް ރަނގަޅު ސިފައެއް ހިތަށް އައިސް އަނެއްކާ ވެސް ބޮލުގައި ރިއްސާލައެވެ. އެފަދަ ގޮތަކަށް ޑިއުޓީ ނިމުމުން ނީކިޔާ ގެއަށް ދާން ނިކުތެވެ. ތިންމީހުން އެކީ އަންނަން މިއަދު ނުކްޝާން ސައިކަލެއް ވެސް ނުގެނެއެވެ. އޭރު ނަވްޔާ ދުރުގައި ހުއްޓެވެ.”ހެއި. ޒާއިފް ތިއޮށް ގުޅަނީ.. ފޯނު ނަގާބަލަ..” ނީކިޔާ ނަވްޔާ ކައިރިއަށް ދިޔައެވެ.”ނޫޅެން..” ނަވްޔާ އެހެން ބުނި ވަގުތު ނުކްޝާން އައެވެ. ރޭގަ ވީ ކަންތައް ނުކްޝާން އަށް ކިޔާދިން އިރު ޒާއިފް ކަރިއީގައި ހުރީ ޔަމްހާއޭ ނަވްޔާ ނުބުނެއެވެ. އެ ކުޑަ ފޮޓޯ ގަނޑާ ހެދި ނުކްޝާންގެ އުފާވެރި ދިރިއުޅުމަށް ކަމެއް ވާކަށް ނަވްޔާ ނޭދެއެވެ. ނަމަވެސް ޔަމްހާ އާއި މެދު ނަވްޔާގެ ހިތުގައި ފާޑެއްގެ ފޫހިކަމެއް އުފެދިއްޖެއެވެ.

އެދުވަހު ގެއަށް ދިޔަ އިރު ކުރިއެކޭ އެއްގޮތަށް ޔަމްހާ ކޮޓަރިން ނުނިކުމެއެވެ. ޔޫޝައު ސޯފާގައި ޓީވީ ބަލަން އިނެވެ. އިރުކޮޅަކުން ޔަމްހާ ވެސް ނިކުތެވެ. އެންމެން ސައިބޮއިގެން ބޭރަށް ނިކުތް އިރު ނަވްޔާ އިނީ ގޭތެރޭގައެވެ. މިއަދު ހެނދުނު ނަވްޔާ މިގެއަށް އައީ ދެތިން ހެދުން ހިފައިގެން ނީކިޔާ ކޮޓަރީގައި އުޅެންށެވެ. އަލުން ޒާއިފް ކައިރިއަށް ދާން ހިތް އެދުނު ނަމަވެސް އެކަން ކުރުމުން ފައިދާއެއް ނުވާނެއޭ ނަވްޔާގެ ހިތަށް އެރިއެވެ. ޒާއިފްގެ ފޮޓޯއަކަށް ބަލަހައްޓައިގެން އިނުން ނޫންކަމެއް ނަވްޔާއަށް ކުރާކަށް ނޭނގުނެވެ. ދާން ވެގެން ގެއިން ނިކުންނަން ގޮސް ވެސް ޒާއިފް އާއި ޔަމްހާގެ އެ އަމަލުން ނަވްޔާގެ ވިސްނުން ބަދަލު ވަނީއެވެ. ޒާއިފް އާއި ކައިވެނި ކުރުމުގެ ކުރިން ނީކިޔާ އާއި ނަވްޔާ އުޅުން ކޮޓަރީގައި ހުރި ނަވްޔާ ނިދާ އެނދުގައި އޮށޯވެ އޮތް އިރު ނަޒަރު ހުއްޓިފައި ވަނީ ސީލިންގް އަށެވެ. އޭރު ނަވްޔާ އާއި ޒާއިފް އެކީ ހޭދަ ކުރި އުފާވެރި ވަގުތުތަކާއި ލޯބިން ޖެހި ސަކަރާތްތައް ލޯ ކުރިމަތިން ފެންނަމުންދާ ކަހަލައެވެ. އެއްފަހަރު ސުދާ ދައްކާ ވާހަކައެއް އަޑު އަހާކަށް ނުވާނެއޭ ހިތަށް އަރާއިރު އަނެއް ފަހަރު ހިތަށް އަރަނީ ސުދާ ހެއްކާއި އެކީ އަންނާނީ ތެދު ވާހަކައެއް ދައްކަން ކަމެވެ. ނަވްޔާއަށް ނޭނގުނީ ނީޝާ ، ޔޫޝައު ، ސުދާ އަދި ހަމްނާއަށް އެ އެންމެން ހަމަޖެހިލަ ދިރިއުޅޭތީ ހިތުގައި ހަސަދައިގެ ހުޅު ރޯވާކަމެވެ. އެމީހުންގެ ރޭވުން ކާމިޔާބު ނުވާ ކޮންމެ ފަހަރަކު އެ ހުޅުގަނޑު ބޮޑުވަމުންދާ ކަމެވެ. އިނގޭ ނަމަ އެކަކު އަނެކަކަށް ޝައްކު ނުކޮށް އެމީހުންގެ ރޭވުން ނާކާމިޔާބު ކޮށް އިތުރަށް ކަމެއް ނުރާވާ ވަރު ކޮށްލާނެއެވެ. ނަވްޔާމެންނަށް ނޭނގި ނަމަވެސް މިހާރު ކަންތައް ވަމުން ދަނީ އެމީހުން ބޭނުންވާ ފަދަ ގޮތަކަށެވެ.

ރޭގަނޑު ކައިގެން ވަކި ޚާއްޞަ ކަމެއް ނުކޮށް އެންމެން ވަނީ ނިދަންށެވެ. ޔޫޝައު ފިޔަވައެވެ. އެ ހަތަރު މީހުން ވެގެން މޮޅެތި ރޭވުންތައް ރާވަމުން ދިޔަ އިރު އެގޭގައި އުޅޭ މީހަކަށް އެކަމުގެ ހިލަމެއް ވެސް ނުވެއެވެ. ނީކިޔާ އާއި އެކީ ނަވްޔާ އަނެއްކާ ވެސް ހަމަ އެ ކޮޓަރީގައި ނިދަން އޮށޯތުމުން ކުރީގެ ހަނދާންތައް އާވިއެވެ. ތިންމީހުން އެކީ ކުރި މޮޔަ ކަންތައް ހަނދާންވުމުން ދެމީހުންގެ ހިތުން ވެސް ނުތަނަވަސްކަން ކުޑަ ހިނދުކޮޅަކަށް ދިޔައެވެ. ކުޑައިރުގެ ހަނދާންތައް އާކޮށް ހިތްހަމަ ޖެހިލައިގެން ނަވްޔާ އަށާއި ނީކިޔާއަށް ނިދުނެވެ.

ފްލައިޓް ގައި އިން ލަމާން ތުންފަތުގައި ވަނީ ރީތީ ހިނިތުންވުމެކެވެ. ފްލައިޓް ޖައްސަން ދެން އިނީ ހަތަރު ވަރަކަށް ގަޑިއިރެވެ. ބޭރުން ގަނެގެން އައި އަނގޮޓި ފޮށި ލަމާންގެ އަތުގައި އިނެވެ. ފްލައިޓް ފުރާ ގަޑި ޖެހޭތީ އަވަސް ކުރަން ހަދައިގެން މާބޮނޑިއެއް ނުގަނެވުނީއެވެ. އަނބުރާ ރާއްޖެ ގޮސް ގަންނަން ލަމާން ނިންމީ އެހެންވެއެވެ. ކެތްތެރިކަމެއް ނެތް ލަމާންގެ ހިތުގައި ވެރި ކުރަމުން ދިޔައީ ނީކިޔާގެ ޚިޔާލު ތަކެވެ. އެވަގުތުކޮޅު ނީކިޔާގެ މޫނަށް އަރާ ފައިބާނެ ކުލަތަށް ވިސްނަމުން ދިޔައިރު އަމިއްލައަށް ވެސް ހެވުނެވެ. ނީކިޔާ ލަމާން ދެކެ ލޯބިވާކަމަށް ލަމާން ހިތް ބުނަނީ ކީއްވެ ކަމެއް ލަމާން އަކަށް ނޭނގެއެވެ. އެންމެ ފަހުން ބައްދަލުވި ދުވަހު ނީކިޔާ އައިސް އޭނަ ގައިގައި ބައްދާލިގޮތުން ލަމާން ހިތް ފުރޭ ވަރުވިއެވެ. ނީކިޔާ އޭނައާއި ރައްޓެހި ވުމުން ލޯބިން އުޅޭނެ ގޮތާއި ކުރާނެ ސަމާސާތައް ހިތުގައި ރާވާލި އިރު ތަޤުދީރުގައި ލިޔެވިފައިވަނީ ކީކޭ ކަމެއް ވިސްނާލަކަށް ލަމާން ހަނދާނެއް ނެތެވެ. ނީކިޔާ ނޫނެކޭ ބުނެފިނަމަ ވާނެ ގޮތަށްވުރެ އާނއެކޭ ބުނުމުން ކުރާނެ ކަންތައް ވިސްނުން ލަމާންއަށް މުހިންމެވެ.

ލަމާންގެ އިންތިޒާރަށް ނިމުމެއް އައީ ހަވީރުގެ ވަގުތެއްގައެވެ. ހުޝާން އާއި އޭނާގެ މަންމަ އާއި އެކީ ލަގެޖްތައް ހިފައިގެން އައި އިރު ހިތް އެދެނީ އެންމެ ސޫރައެއް ދެކިލުމަށެވެ. ނުކްޝާން ކައިރީގައި އަންނަ ވާހަކަ ބުނުމުން އެ ބޮޑު އަނގައާއި ހެދި ނީކިޔާއަށް އިނގޭނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެކި ދިމަދިމާއަށް ބަލަމުން ދިޔަ ލަމާން ހިނިތުންވީ ނުކްޝާން އަންނަތަން ފެނުމުންނެވެ. ކައިރިން ނަވްޔާ އާއި ޔަމްހާ ފެނުމުން ނީކިޔާ ވެސް ފެންނާނެ ކަމަށް ހީކޮށް އެއަށްވުރެ ހިނިތުންވުން ފުންކޮށްލިއެވެ. ނުކްޝާން މެން އައިސް ލަމާން މެން ކައިރީގައި ހުއްޓުން އިރުވެސް ނީކިޔާ ނުފެނުމުން ލަމާން ކުޑަކޮށް މާޔޫސް ވިއެވެ.”ނީކް ނުލާތަ؟..” ނޫން ކަމަށް ހެދެމުން ލަމާން އެހިއެވެ.”އާނ އަންނާށޭ ބުނީމަ ވެސް ތިމަންމަ ބޮލުގަ ރިއްސަނީއޭ ކީ.. ޔޫޝައު ވެސް ނަސީބަކުން ގޭގަ އިންނާނެ.” ނުކްޝާން ލަމާން އާއި ސަލާމް ކޮށްލިއެވެ.”އޯހ.. ހުޝާން މަންމައާ އެކީ ގެއަށްދޭ އިނގޭ.. އެހެރަ އަންނަނީ އަނބިކަނބަލުން.” ލަމާން ހުޝާންގެ ކޮނޑުގައި ޖަހާލިއެވެ. އާނއެކޭ ބުނެފައި ހުޝާން ހިނގައިގަތެވެ.”ކީއްކުރަން ލައްމު ގެއަށް ނުދިޔައީ؟؟..” ނަވްޔާ ދެބުމަ އަރުވާލިއެވެ.”ކަލޭމެން ބަލާ އައިމަ ކިހިނެއްތަ ގެއަށް ދާނީ.. އިރުކޮޅަކުންނޭ ދާނީ..” ލަމާން ޖަވާބު ދިނުމުން ނުކްޝާން އިތުރު ސުވާލެއް ނުކޮށް ހިނގައިގަތެވެ.

ގެއަށް ދިޔައިރު ނީކިޔާ އާއި ޔޫޝައު ވާހަކަ ދައްކަން ތިއްބެވެ. ލަމާން ފެނުމުން ނީކިޔާ ދުރުބަލަންފެށި ގޮތުން ލަމާން ހިތުގައި ސުވާލު އުފެދުނެވެ.”މިގެއިން ސައި ބޮއިގެން ދާންވާނީ..އާދޭ އެތެރެއަށް..” ނުކްޝާން އެހެން ބުނެ އެތެރެއަށް ވަނުމުން ނަވްޔާ އާއި ޔަމްހާ އަދި ޔޫޝައު ވެސް އެތެރެއަށް ވަނެވެ. ނީކިޔާ ވަންނަން ދިއުމުން ލަމާން އަތުގައި ހިފާ ހުއްޓުވިއެވެ.”ހާދަ އަވަހަކަށް ދާން ތި އުޅެނީ..” ލަމާން ހިނިތުންވިއެވެ. ހިނދުކޮޅަކަށް ނަމަވެސް ނީކިޔާގެ އިޙްސާސްތައް ކޮންޓްރޯލް ކުރަން ދަތިވެ އެ ރީތި ޖާދޫވީ ހިނިތުންވުމުގައި ޖެހުނެވެ. ލަމާން ނީކީޔާގެ މޫނުގައި އަތްލާން އުޅުމުން ހަމަހެއަށް އާދެވުނު މީހެއް ފަދައިން ދެފަހަރަކު ލޯ މަރާލާފައި ހުޅުވާލިއެވެ. ލަމާން ވެސް ނީކިޔާގެ އަތުން ދޫކޮށްލަމުން ޖީބުން ކަރުދާސް ކޮޅެއް ނަގާ ނީކީޔާގެ އަތަށް ދިނެވެ. ހައިރާންވެފައި ހުރެ ނީކިޔާ އެ ބަލާލިއެވެ. އޭގައި ވަނީ ރެސްޓޯރަންޓަކަށް ދިއުމަށެވެ. އެތަނުގެ ނަމާއި ދާންވީ ގަޑި އެ ގަނޑުކޮޅުގައި ލިއެފައި ވިއެވެ. އިތުރު އެއްޗެއް ނުބުނެ ފާޑަކަށް ރަކި ވުމުން ލަމާން އެތެރެއަށް ވަނެވެ. ނީކިޔާ އެ ރެސްޓޯރަންޓް އަށް ދާން ނިންމިއެވެ. އިތުރަށް އެކުވެރިކަން ބޭނުން ނުވާ ވާހަކަ ބުނުމަށެވެ.
– ނުނިމޭ –

82