“ހުރިހާ ފޮޓޯއެއްގެ ތިރީގައިވެސް އިންނާނެ އެފޮޓޯއެއް ނެގި ތާރީޚުވެސް ޖަހާފަ” އެހެންބުނެ ތާރީޚުތައް އައްކިޔުންނަށް ލެޔާލް ދައްކާލިއެވެ.އޭރުވެސް އައްކިޔުން ދިޔައީ ފަހަރަކު ފޮޓޯގަނޑަކަށް ބަލަމުންނެވެ.
“ބަލާބަލަ ސައިފް އޭނައަށް ދިން ރާބަނދި ހިފައިގެން އިން ގޮތް….ހީވަނީ ވަރަށް ލޯބިވާ މީހަކު އޭނައަށް ދިން އެއްޗެއްހެން” ސައިފްގެ ބައްޕަ ދިން ރާބަންޖަށް ބަލަހައްޓައިގެން ނައިޝާ ހެވިލައިފައި އިން ފޮޓޯއެއް ދައްކާލަމުން ލެޔާލް ބުނެލިއެވެ.
“ދެން މިއިނީ އަނެއް ފޮޓޯ…މީ ނައިޝާ އެރަށަށް ދިޔަތާ ދެވަނަ ދުވަހުު…އޭނަގެ ކަންކަމާ ހަވާލުވެގެން ދިޔަ ފާއިޒާއެކު ރެސްޓޯރެންޓަށް ގޮސްފަ….ބަލާބަ ނައިޝާ ހެވިފަ ވާވަރު…އެދުވަހު މުޅި އެރެސްޓޯރެންޓުގަވެސް ނުހުންނާނެ އެދެމީހުންހާ ހީހީފަ ސަކަރާތްޖެހި ބައެއް” ނައިޝާއާ ފާއިޒް ރެސްޓޯރެންޓުގައި ހެވިފައި ތިބި ފޮޓޯއެއްވެސް އައްކިޔުންނަށް ދައްކަމުން ލެޔާލް ބުނެލިއެވެ.
“އެހެންވެ އޭރުވެސް އަހަރެން ބުނީ ނައިޝާއަށް އިތުބާރު ނުކުރާށޭ…އޭނަ ވަރަށް އުފަލުގަ އެރަށުގަ އެއުޅެނީ އެއްހަފްތާއަށޭ ކިޔާފަ ދެހަފްތާ ވެގެންދާއިރުވެސް އަންނާކަށް ނޫޅެ” ފޮޓޯތަކަށް ބަލަމުންދިޔަ އައްކިޔުންނަށް ލެޔާލް އަނެއްކާވެސް ބުނެލިއެވެ.ލެޔާލް އެވަރަށް ވާހަކަދެއްކިއިރުވެސް އައްކިޔުން އޭނާއާ ދިމާލަށް އެންމެ ބަހެއްވެސް ބުނެނުލާ ފޮޓޯތަކަށް ބަލަމުން ދިޔައެވެ.
އައްކިޔުންނަށް ވަގުތު ހުއްޓިފައިވާ ފަދައެވެ.މުޅި މީހާގެ ބޮލަށް އެނބުރުން އަރަން އުޅޭ ކަހަލަ އިހުސާސެއްވާން ފެށިއެވެ. ނޭވާ ހާސްވާން އުޅޭހެން ހީވާންފެށިއެވެ.ކަންފަތް ބަންވެ ބޮލަށް ބަރުވާހެންވެސް ހީވާން ފެށިއެވެ.ފޮޓޯތައް ހިފަހައްޓައިގެން ހުރި އައްކިޔުންގެ އަތް ތުރުތުރުލާން ފެށިއެވެ.
“އައްކިޔުންގެ ޚަބަރެއް ނުވެގެން މާޔޫސްވެގެން އޭޭނަ އުޅޭ ވައްތަރު ޖަހާތަ ތި ފޮޓޯތަކުން؟….އޭނަގެ ޚަބަރެއް ނުވެގެން އައްކި ބަރުބާދު ވެގެންދާއިރު އޭނަ އެހެން ފިރިހެނުންނާ އެކު މަޖާނެގުމުގަ އެއުޅެނީ” ލެޔާލް ނުރުހުންތެރިކަމާއެކު ބުނެލިއެވެ. އެވަގުތު އައްކިޔުން އެތަނުންދާން ހިނގައިގަތެވެ.
އެތަނުންދާން ހިނގައިގަތް އައްކިޔުން، ނުވެއްޓުނީ ކިރިޔާއެވެ.އޭނާއަށް ވަނީ ވަރަށް ބޮޑު ޝޮކެއް ލިބިފައެވެ.މުޅިތަން އޭނައަށް އެނބުރޭ ކަހަލައެވެ.ލިބިފައިވާ ޝޮކުގެ ބޮޑުކަމުން ވިސްނަންވީ ކޮންގޮތަކަށްތޯއާ ހަދަންވީ ކިހިނެއްކަމެއް އައްކިޔުންނަކަށް ނޭނގުނެވެ. “އައްކި އޯކޭތަ؟” ވެއްޓެންދިޔަ އައްކިޔުންގެ އަތުގައި ހިފާލަމުން ލެޔާލް ބުނެލިއެވެ.
އެވަގުތު ލެޔާލްގެ އަތް ފޮޅުވާލުމަށްފަހު،ގަސްގަހުގައި ހިފަހައްޓަމުން މަޑުމަޑުން އައްކިޔުން ގެއާ ދިމާއަށް ހިނގައިގަތީ ފޮޓޯތައްވެސް ހިފައިގެންނެވެ.އައްކިޔުން ދާމަންޒަރު ބަލަން ލެޔާލް ހުއްޓެވެ.އޭނާ ގޮސް ލޮލުގެ ކޮޅަށް އޮބާލުމުން ނުލަފާ ގޮތަކަށް ހިނިތުންވެލުމަށްފަހު ހުރިތަނަށް ލެޔާލް ގެއްލުނެވެ.
***********
ގެއަށްވަދެ އައްކިޔުން އެއްނޭވާއިން ފެންފުޅި ދަމާލިއެވެ.ވަރަށް ބޮޑަށް ހާސްވެ ނޭވާލާން އުދަނގޫވުމުން އޭނާ ލައިގެންހުރި ގަމީހުގެ ކަރުގޮށް ނައްޓާލިއެވެ.މަޑު ހިނގުމުގައި ހިނގާފައި ގޮސް ކޮޓަަރިއަށްވަދެ އެނދުގައި އިށީންދެލިއެވެ.އަދި އަތުގައި ހުރި ފޮޓޯތަކަށް އަނެއްކާވެސް ބަލަންފެށިއެވެ.ސައިފްގެ ސިފަ އައްކިޔުންނަށް ފެނިފައި ނުވިއަސް، ނައިޝާ ކިޔައިދިން ސިފަތަކާ ފޮޓޯގައިވާ މީހާއާ އެއްގޮތް ސިފަތަކެއް ހުރުމުން އެއީ ސައިފް ކަމުގައި އައްކިޔުންނަށް އެނގުނެވެ.އެހެންނަމަވެސް މި ފޮޓޯތަކުގައި މިވަނީ ކިހާވަރެއްގެ ހަގީގަތެއްތޯ ބަލަން އައްކިޔުން ބޭނުންވިއެވެ.ލެޔާލްގެ ބަހަށް އައްކިޔުންނަށް އިތުބާރު ނުކުރެވޭތީއެެވެ.
ޖިންސުގެ ޖީބުތެރޭގައި އޮތް އައްކިޔުންގެ ފޯނު ނަގައި އޭނާގެ ރަހުމަތްތެރިއަކަށް ގުޅާލިއެވެ. “ހަލޯ ނަވާ މީ އައްކިއޭ…ކުޑަކަމެއް ކޮށްލަދޭންވެއްޖެ” ފޯނު ނެގުމާއެކު ހަމައަަކަށް އެޅިލަމުން އައްކިޔުން ބުނެލިއެވެ.އެވަގުތު ކޮންކަމެއްތޯ އައްކިޔުން ގާތު ނަވާޒް އަހާލިއެެވެ.
“ތީ ފޮޓޯގުރާފަރެއްނު….މަ ދޭ ފޮޓޯތަކެއް ބަލައިދީފާނަންތަ އެއީ އަސްލު ފޮޓޯތަކެއްތޯ ނޫނީ އެޑިޓްކޮށްފަ ހުރި އެއްޗެހިތަކެއްތޯ؟” އައްކިޔުން ބުނެލިއެވެ. “އާނ ބެލިދާނެ އެކަމަކު މިވަގުތު މިހުރީ ހުޅުމާލެއިން ބޭރުގަ…މާާދަން އޮފީހަށް އަންނައިރު ހިފައިގެން އާދޭ” އެކޮޅުން ބުނެލިއެވެ.
*********
އެރޭ ނިދުމެއްނެތި އައްކިޔުން ދިޔައީ އިރުއަރާނެ ވަގުތަކަށް އިންތިޒާރު ކުރަމުންނެވެ.ހެެނދުނު އަށެއް ޖަހަން ބައިގަނޑިއިރަށްވެފައި ވަނިކޮށް އައްކިޔުން އޮފީހާ ދިމާލަށްދާން ގެއިން ނިކުތެވެ.ސިޓީ އުރައަކަށް ފޮޓޯތައް އަޅައިގެން އައްކިޔުން އޮފީހާ ދިމާލަށް މިސްރާބުޖެހީ ތެޅިތެޅިއޮތް ހިތަކާއެކުގައެވެ.
އޮފީހަށްވަދެ އައްކިޔުން ގޮސް އޭނާގެ ގޮނޑީގައި އިށީންދެލިއެވެ.އެހެން އިންނައިރުވެސް އޭނާއަށް ބެލެނީ ދޮރާ ދިމާލަށެވެ.ނަވާޒް އާދޭތޯއެވެ.އެގޮތުގައި ފަސްވަރަކަށް މިނެޓް ފާއިތުވިފަހުން، ނަވާޒް އަންނަތަން އައްކިޔުންނަށް ފެނުނެވެ.އޭނާ ފެނުމާއެކު އިން ތަނުން ތެދުވެ ނަވާޒް ކައިރިއަށް އައްކިޔުން ދިޔައެވެ.
“ކޮބާ ފޮޓޯތައް؟” އައްކިޔުން ފެނުމުން ނަވާޒް އަހާލިއެވެ.އެވަގުތު އައްކިޔުން ސިޓީއުރަ ނަވާޒަށް ދިއްކޮށްލިއެވެ.
“ބުރޭކަށް ގޮސް ބަލާލާފަ ޖަވާބެއް ދޭނަން” ސިޓީއުރާގައި ހިފަމުން ނަވާޒް ބުނެލިއެވެ.އެއްވެސް މީހެއްކައިރި މިވާހަކަ ނުބުނުމަށް އައްކިޔުން ނަވާޒް ކައިރި އެދުނެވެ. ‘ހާސްނުވޭ މީ އަހަރުމެން ދެމީހުންގެ ދޭތެރޭގަ އޮންނާނެ ކަމެއް” ނަވާޒް އެހެންބުނުމުން އޭނާއަށް ޝުކުރުއަދާކުރުމަށްފަހު، ނަވާޒްގެ ކޮނޑުގައި އައްކިޔުން ޖަހާލީ ހިނިތުންވެލުމަކާ އެކުގައެވެ.
*********
ވަގުތުތައް ހިނގަމުންގޮސް ބުރޭކް ވަގުތު ވެއްޖެއެވެ.ނަވާޒްގެ ޖަވާބަކަށް އައްކިޔުން ދިޔައީ އިންތިޒާރުކުރަމުންނެވެ.ނަވާޒްގެ އިންތިޒާރުގައި ބުރޭކަށް ނުގޮސް ހުރި އައްކިޔުންނަށް، ނަވާޒް އޮފީހުން ބޭރަށް ނިކުތްތަން ފެނުނެވެ. ނަވާޒަށްވެސް އައްކިޔުން ފެނުމުން މިއަންނަނީ ކަމުގައި އޭނާ ބުނެލިއެވެ.
********
ނަވާޒްގެ އިންތިޒާރުގައި އޮފީހު ދޮރުމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލާ އައްކިޔުން ހުއްޓެވެ،އޭރު އޭނާގެ ހިތް ތެޅިތެޅި އޮތެވެ.އެގޮތުގައި ވިހި މިނިޓް ފާއިތުވި ފަހުން ނަވާޒް އަންނަތަން އައްކިޔުންނަށް ފެނުނެވެ.ސިޓީ އުރަ ހިފައިގެން އައްކިޔުންނާ ކައިރިއަށް ނަވާޒް އަންނަމުން ދިޔަވަރަކަށް އައްކިޔުންގެ ހިތުގެ ވިންދު ދިޔައީ ގަދައަށް ތެޅެމުންނެވެ.އޭރު އޭނާ ދިޔައީ އެފޮޓޯތަކަކީ ހަގީގަތެއް ނޫންކަމުގައި ވުމަށް ހިތާާހިތުން ދުޢާ ކުރަމުންނެވެ.
“އައްކި އަން މިއޮތީ ފޮޓޯތައް” އައްކިޔުން އަތަށް ސިޓީއުރަ ދިއްކޮށްލަމުން ނަވާޒް ބުނެލިއެވެ.އެވަގުތު އައްކިޔުން ހުރީ ނަވާޒް ދޭނެ ޖަވާބެއް ނޭނގޭތީ ފިނިވެފައެވެ.
” އަހަރެން ޗެކްކޮށްފިން ވަރަށް ރަނގަޅަށް…. ތީ ހަމަ އަސްލު ފޮޓޯތަކެއް….ތީ އެޑިޓްކޮށްފަ ހުރި ފޮޓޯތަކެއް ނޫން” ނަވާޒްގެ އެޖުމުލައިން އައްކިޔުންގެ ހިތް ކުއްލިއަކަށް ތެޅިގަތެވެ.އޭނާއަށް ހީވީ ފައިދޮށުން ބިންގަނޑު ކެނޑުނު ހެންނެވެ.މުޅިތަން އެކޯވެގެންގޮސް އައްކިޔުންގެ މެޔަށް އެރި ކުއްލި ތަދުން މޭގައި އަތް އަޅާ ހުރިތަނަށް ގުދުވެވުވުނެވެ.
“އައްކި އޯކޭތަ ބުރޯ؟” އައްކިޔުންނަށް ވީ ގޮތް ފެނި ނަވާޒަށް އަހާލެވުނެވެ. އެވަގުތު އައްކިޔުން އެއްވެސް އެއްޗެއް ނުބުނުމުން ދެވަނަ ފަހަރަށް ރަނގަޅުތޯ ނަވާޒް އަހާލީ އައްކިޔުން ކައިރިއަށް ބަޅުވެލަމުންނެވެ.އެވަގުތު އައްކިޔުން ބޯޖަހާލިއެވެ.
“ބުރޯ އޯކޭއެއް ނޫންހެން އަހަންނަށް ހީވަނީ…ގެއަށްދާންވީނު އަހަރެން ލާވެސްދީފާނަން…މަ ބުނާނަން އައްކި ހިނގައްޖޭ ކުއްލި ކަމެއް ދިމާވެގެން” ނަވާ އެހެންބުނުމުން އައްކިޔުން ވެސް ގެއަށްދާން ބޭނުންކަމުގައި ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





