ނަވާޒްގެ ސައިކަލް ފަހަތަށް އައްކިޔުން އެރުމާއެކު ނަވާޒް ސައިކަލް ދުއްވާލިއެވެ.ސައިކަލް ފަހަތުގައި ނެގިމަޑުވެފައި އިން އައްކިޔުންގެ ބޮލުތެރޭގައި އެތައް ބައިވަރު ސުވާލުތަކެއް އެނބުރެމުންދިޔައެވެ.
**********
“މިއާދެވުނީ” އައްކިޔުންގެ ގެއަށް މަޑުކުރުމުންވެސް ސައިކަލުން އޭނާ ނުފޭބުމުން ނަވާޒް ބުނެލިއެވެ.އެވަގުތު ޚިޔާލަށް ގެއްލިފައި އިން އައްކިޔުން ސިހިގެންގޮސް ސައިކަލުން ފޭބިއެވެ.އަދި ނަވާޒަށް ޝުކުރުއަދާކުރުމަށްފަހު ގެއަށްވަނެވެ.
ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށްވަދެ އެނދުގައި އައްކިޔުން އިށީނެވެ.އަދި ސިޓީ އުރަތެރޭގައި ހުރި ފޮޓޯތައް ނަގާ ބަލަންފެށިއެވެ.މަޑުމަޑުން އައްކިޔުންގެ ލޮލަށް ކަރުނަ ޖަމާވިއެވެ.
“ހުރަޔަށޭ ކިޔާފައި ނައިޝާ ސައިފްގެ ރަށަށް ދާންޖެހުނީ ކީއްވެހެއްޔެވެ؟ ނައިޝާ އޭނާއަށް ދޮގު ހެދީ ކީއްވެހެއްޔެވެ؟ ސައިފާ ދުވަހަކުވެސް ވާހަކަ ނުދައްކާނެ ކަމަށާއި އޭނާ ދެކެ ނައިޝާ ނަފްރަތުވާ ވާހަކަ ބުނެފައި ސައިފާ އެހާ ގާތްގުޅުމެއް ބާއްވަންޖެހުނީ ކީއްވެބާއެވެ؟” މިފަދަ އެތައް ސުވާލުތަކެއް އައްކިޔުންގެ ސިކުނޑިއަށް އަރާ ފައިބަމުންދިޔައެވެ.
އައްކިޔުންނަށް އަދިވެސް އިނީ މިފޮޓޯތަކަކީ ހަގީގަތެއް ކަމަށް ޤަބޫލުކުރަން ދަތިވެފައެވެ. ނައިޝާ އޭނާއަށް ބޭވަފާތެރިވެދާނެ ކަމަކަށް އޭނަގެ ހިތަށް އެއްވެސް ވަރަކަށް ގަބޫލެއް ނުކުރެވެއެވެ.ވިސްނަންވީ ކޮންގޮތަކަށް ކަމެއް އައްކިޔުންނަކަށް ނޭނގުނެވެ.
************
ނިދިފައި އޮތް ނައިޝާއަށް ސިއްސައިގެން ގޮސް ހޭލެވުނެވެ. “އައްކިޔުން” އެނދުގައި އިށީނދެލަމުން ނައިޝާއަށް މަޑުމަޑުން ބުނެލެވުނެވެ.އައްކިޔުންނަށް ކަމެއް ވެއްޖެ ކަހަލަ އިހުސާސެއް ނައިޝާއަށް ވާންފެށިއެވެ. އެނދު ކައިރި އިން ކުޑަ ކަބަޑުމަތީގައިވާ އޭނާގެ ފޯނު ނަގައި އައްކިޔުންގެ ނަންބަރަށް ނައިޝާ އަވަހަށް ގުޅާލިއެވެ.ފަސް ހަބުރަށް ގުޅަން އުޅުއުޅެވެސް އެކަން ކާމިޔާބު ނުވުމުން ނައިޝާ ފޯނުން ގަނޑި ބަލައިލިއެވެ.އޭރު ހެނދުނު ނުވަ ގަނޑި ދިހައެެއްވީއެވެ.
ފޯނު ބޭއްވުމަށްފަހު ފިހާރަ ދޮށަށްދާން ނައިޝާ ފެންވަރަން ވަނެވެ.ފެންވަރައި ރީތިވެލައިގެން ފިހާރަދޮށަށް ދާން ނައިޝާ ހިނގައިގެތެވެ.ދިޔަ މަގުމަތީގައިވެސް އޭނައަށް ޚިޔާލުކުރެވެނީ އައްކިޔުންގެ މަތިންނެވެ.
********
ރޭގައި ރަނގަޅަށް ނުނިދުމުގެ ސަބަބުން އައްކިޔުންގެ ބޮލަށް ވަރަށް ގަދައަށް ރިއްސަމުންދިޔައެވެ.އެހެންކަމުން އޭނާ އޮފީހަށް ސަލާމް ބުންޏެވެ.އެނދުގައި އޮށޯވެލައިގެން ސީލިންނަށް ބަލަހައްޓައިގެން ފިކުރުބޮޑުވެފައި އައްކިޔުން އޮއްވާ މީހަކު ކޮޓަރި ދޮރުގައި ޓަކި ޖެހިއެވެ. ދެތިންފަހަރަކު ދޮރުގައި ޓަކި ޖެހުމުން މަޑުމަޑުން އެނދުން ތެދުވެ އައްކިޔުން ދޮރު ހުޅުވާލިއެވެ.އެވަގުތު ދޮރުމަތީގައި ހުރީ އައްކިޔުންނާ އެއް އެޕާޓްމެންޓުގައި ހިއްސާވެގެން އުޅޭ ޒަލަފެވެ.
“ބުރޯ އޯކޭތަ؟…ހާދަ ބަލި ވައްތަރު ޖަހައޭ…ރޭގަ މަވަރަށް ގޮވިން ބުރޯއަށް… ކޮޓަރީގަ ޓަކިވެެސް ޖެހިން އެކަމަކު ޚަބަރެއް ނުވި…އޮފީހުގަ އިނދެފަ އެއްޗެއް ބަލައި މިއައީ” ޒަލަފް ބުނެލިއެވެ.
“ބޮލުގަ ރިއްސާތީ މިއުޅެނީ..އެހެންވެ މިއަދު އޮފީހަށް ސަލާމްވެސް ބުނެފިން…ރޭގަ ބެލްކަނިތެރޭގަ ހުރީމަ ކަންނޭނގެ ދޮރުގަ ޓަކިޖެހި އަޑު ނީވުނީ” އައްކިޔުން ޒަލަފަށް ބުނެލިއެވެ.
***********
ފިހާރައަށް ނައިޝާ ވަތްއިރު ފާއިޒް ފިހާރައިގައި ހުއްޓެވެ. “މިކުދިން މިހާރު ފަރިތަވެއްޖެ މިކަމަށް އެހެންވީމަ ދެން ކޮންމެދުވަހަކު ފިހާރައިގެ ކަންކަން ބަލަން ނައިޝާާ ނަޔަސް އޯކޭ..އެހެންވެ އަހަރެން މިއަދު ނުގުޅީވެސް” ފާއިޒް އެހެންބުނުމުން ނައިޝާ ފިހާރައިން ނުކުމެ ހަނީފާއްތަގެ ގެއަށްދާން މިސްރާބުޖެހިއެވެ.
*******
ސައިފްގެ ގޭ މަގަށް ނައިޝާއަށް އެޅެވުނު ވަގުތު ސުހާގެ އަޑު މުޅި އެހިސާބުގަނޑުގައި އިވެމުންދިޔައެވެ.އެގޭ ކައިރިއަށް ދެވުނު ވަގުތު، ސައިފަށާ މައިދައިތައާ ދިމާލަށް ސުހާ އެއްޗެހި ކިޔާތަން ނައިޝާއަށް ފެނުނެވެ.އޭރު ފުދޭވަރަކަށް މީހުންވެސް އެގޭ ދޮރުމަތީގައި އެއްވެފައި ތިއްބެވެ.
“އަހަރެންގެ ރަނގަޅުކަމުން އަހަރެންގެ ގޭގަ މިމީހުން މިބައިތިއްބަނީ…އެވަރު މިމީހުނެއް ނުދަނޭ…އަހަރެންމީ ވަކި ގަވާއިދެއްގެ ދަށުން އުޅޭ މީހެއް…މިހާރު އަހަރެން ކާ ވަގުތު ފަހަނައަޅާ އެދިޔައީ އަދިވެސް ކާއެއްޗެއްް ރޯފިލުވާލެވޭ ވަރެއްނުވޭ” މައިދައިތައާ ދިމާލަށް ސުހާ ބުނެލިއެވެ. “ދެން މިހުރީ އަނެކަކު…އަހަންނަށް ކޮންމެދުވަހަކު އެކައްޗެއް ނުކެވޭނެކަންވެސް މީނައަށް ވަރަށް ރަނގަޅަށް އެނގޭނެ…ހަމަ ޖެއްސުމަށް އެކައްޗެއް ގަނެގެން ގެންނަނީ” ސައިފާ ދިމާލަށް ސުހާ ރުޅިވެރިކަމާއެކު ބުނެލިއެވެ.
ތަންގަނޑުގައި މީހުން އެއްވެފައި ތިއްބަސް އެއިން އެއްވެސް މީހެއް ސައިފްމެންގެ ދިފާޢުގައި އެއްޗެއް ބުނެނުލައެވެ.އެންމެންވެސް ތިބީ ކުޅިބަލާށެވެ.ސައިފާ މައިދައިތަ، ސުހާ ކުރިމަތީގައި އެއްޗެކޭ ނުބުނެ އިސްދަށަށް ޖަހައިލައިގެން ތިބިތަން ނައިޝާއަށް ފެނުމުން ވަރަށް އަސަރުކުރިއެވެ.
އެހެންކަމުން ނައިޝާ ފަހަރަކު މީހަކަށް ގޮވާ އޭނާގެ ގާތަށް ގެނައެވެ.ނައިޝާ ގޮވުމުން އެންމެންވެސް އޭނާގެ ކައިރިއަށް ދިޔައެވެ.އެވަގުތު ސުހާއާ ސައިފާ މައިދައިތަވެސް ގޭދޮރުމައްޗަށް ނިކުތެވެ.މަޑުމަޑުން މީހުންތައް ޖަމާވާން ފެށިއެވެ.ދުރުން އަންނަ މީހުންތައްވެސް ނައިޝާ ދައްކަން އުޅޭ ވާހަކަ އަޑުއެހުމަށް ބައިވެރިވިއެވެ.
“ނައިޝާއަށް އެނގޭ މިރަށު އެންމެން ކަހަލަ ގޮތަކަށް ނައިޝާ ދަންނާނެކަން….ދެންމެ މިފެނުނީ ވަރަށްވެސް ހިތާމަވެރި މަންޒަރެއް” ނައިޝާ ބުނެލިއެވެ.އެވަގުތު ސުޙާ އޭނާއާ ދިމާލަށް ލޯ އަޅާލިއެވެ.
“ނައިޝާ އެއްގޮތަކަށްވެސް އެއްވެސް މީހެއްގެ ދިރިއުޅުމާ ބެހެނީކީ ނޫން…އެކަމް ނައިޝާ ބުނެލަން ބޭނުންވަނީ..މިއަދު ތިހުރިހާ އެންމެންވެސް ސައިފްމެނަށް އެހީ ތި ނުވަނީ އެމީހުން ކުރިން ނައިޝާއަށް ހަދާލި އިހާނެތި ގޮތުގެ ސަބަބުންނޭ” ނައިޝާ އެހެންބުނުމުން އެންމެންވެސް އެއްފަހަރާ ކަހަލަގޮތަކަށް ބޯޖަހާލިއެވެ.
“އާނ..އެމީހުންނަށް ވާންވީގޮތް އެވަނީ” އެތަނުން އެކަކު ނުރުހުންތެރިކަމާއެކު ބުނެލިއެެވެ.
“ނައިޝާ ބުނެލާނެހާވެސް ވާހަކައަކީ…އަަހަރުމެންނަކީ އިންސާނުންކަމުގައި ވާތީ ކުށްވެސް ކުރެވޭނެޔޭ…އަނެއްކޮޅަށް ބަލައިލާއިރު މިހާރު ތިމީހުން ކުރިމަތިން މިފެންނަނީ ކުރިން ގޮތްހުސްވެ ހާލުގައި ޖެހުނު ނައިޝާއެއް ނޫން..ނައިޝާ މިހާރު ވަރަށް އުފަލުގަ މިއުޅެނީ ﷲ އިރާދަފުޅުން…އަނެއްކާ ދެން އެހުރީ ކުރިން ގަދަބަދަވިކަން ދެއްކި ސައިފެއްވެސް ނޫން…ބުނަން މިއުޅެނީ ކަންތައްތައް ކުރިއާ އެއްގޮތެއް ނޫނޭ މިހާރު…ސައިފްމެންނަށް މިހާރު ތިމީހުންގެ އެހީ ވަރަށް ބޮޑަށް ބޭނުންވެފަ އެވަނީ…އެމީހުން މިހާރު އެތިބީ ކުރީގެ ނައިޝާގޮތަށް މީހެއްގެ އެހީއަށް ބޭނުންޖެހިފަ” ނައިޝާ އެއްވެފައި ތިބި މީހުންނަށް ވިސްނައިދިނުމަށް މަސައްކަތް ކޮށްލިއެވެ.
“ނައިޝާއަށް ކުޑަކޮށްވެސް ތިމީހުން އިޚްތިރާމް ކުރާ ކަމުގަ ވާނަމަ ސައިފްމެންނަށް މަޢާފުކުރޭ… އެމީހުންވެސް އެއީ މިރަށު ރައްޔިތުން ކަމުގައި ދެކި ބާކީ ނުކުރޭ…ނައިޝާމީ އެމީހުންގެ އަނިޔާތަކުގެ ޝިކާރައަކަށްވި މީހާ އެކަމް ނައިޝާ އެމީހުންނަށް މަޢާފް ކޮށްފިން” ނައިޝާ އެހެންބުނުމުން މައިދައިތަ ރޮމުންއައިސް ނައިޝާގެ ގައިގައި ބައްދާލިއެވެ.
“މަންމައަށް މާފްކުރޭ ދަރިފުޅާ” މައިދައިތަ އެހެންބުނެލިއިރު ނައިޝާވެސް ހުރީ ފެންކަޅިވެފައެވެ.
އެވަގުތު އެތާތިބި މީހުންނާ ސައިފްވެސް ހުރީ ފެންކަޅިވެފައެވެ.އެންމެންވެސް ދައްކަމުންދިޔައީ ނައިޝާގެ ރަނގަޅު ވާހަކައެވެ.
ނައިޝާއަށް ތަޢުރީފުކޮށް އެންމެން ވާހަކަ ދައްކަން ފެށުމުން ސުހާ ގާތަށް ރުޅި އައެވެ. “ކަލޭ ކޮން ކުޅިވަރެއް ކުޅޭނަމޭ ހިތަށްއަރައިގެން ތިއުޅެނީ؟… އަހަރެންގެ ފިރިމީހާ ހޯދަންތަ ކަލޭ ތިމަސައްކަތް ކުރަނީ؟” ވަރަށް ބާރަށް ސުހާ ނައިޝާއަށް ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.






One of my favourite story ????
Enme saugu Veri kamaaek kiyey eh vaahaka???
Can’t wait ???
When next part ,,???