ހަނީފާއްތަގެ ގޭގައި މަޑުކޮށްލުމަށްފަހު ނައިޝާ އެނބުރި ގެސްޓްހައުސްއަށް ދިޔައެވެ.ކޮޓަރިއަށް ވަދެ އަޅައިގެން ހުރި ހޭންޑްބޭގް ބޭލުމަށްފަހު ފޯނު ހިފައިގެން ނައިޝާ ބެލްކަންޏަށް ނިކުމެލިއެވެ.ފޯނުން ގަނޑި ބަލައިލި އިރު ރޭގަނޑު ދިހައެއް ޖަހަން ފަސްމިނެޓަށް ވެފައިވާތަން ނައިޝާއަށް ފެނުނެވެ.
ފޯނު އަތަށް ލައިގެން ހަށަންބަދެލުމަށްފަހު، ކަނޑުގެ ލޮނުގަނޑާ ދިމާލަށް ނައިޝާ ބަލައިލިއެވެ. އެހެންހުރެ އޭނާގެ ސިކުނޑިއަށް އައްކިޔުންގެ ޚިޔާލުތައް ވަންނަން ފެށިއެވެ.އައްކިޔުންގެ ޚަބަރެއްނުވާތާ ދެހަފްތާ ވަނީއެވެ.
ފޯނުން އައްކިޔުންގެ ނަންބަރަށް ނައިޝާ ގުޅާލީ ނުތަނަވަސް ކަންމަތީގައެވެ.ނަމަވެސް އެހެންފަހަރުތަކާ އެއްގޮތަށް އައްކިޔުންގެ ފޯނަކަށް ނުގުޅުނެވެ.
“އައްކި ކޮބާާތަ؟…ހާދަ ހަބަރެއް ނުވެޔޭ…ނައި ހުޅުމާލެއަށްދާން މިހާރު ހަތަރުދުވަހަށްވީ…އަޅެ ޕްލީސް ގުޅާބަ” އައްކިޔުންނަށް ނަައިޝާ މެސެޖް ކޮށްލިއެވެ.
ފަސްމިނެޓް ވެގެން ދިޔައިރުވެސް އައްކިޔުންގެ މެސެޖެއްވެސް ނުލިބުމުން މާޔޫސްވެ ހުރެ ޔުދާއަށް ނައިޝާ ގުޅާލިއެވެ.
ޔުދާއަށްވެސް ކުރިން ދެތިންފަހަރަކު ގުޅަން ނައިޝާ މަސައްކަތް ކުރިއެވެ.ނަމަވެސް އާ ނަންބަރު ދޭން ޔުދާ ގުޅި ދުވަސް ފިޔަވައ،ި އެއްވެސް ދުވަހަކު އޭނާގެ ނަންބަރަކަށްވެސް ނައިޝާއަކަށް ނުގުޅުނެވެ.
ޔުދާއަށް ގުޅަން ކުރި މަސައްކަތްވެސް ކާމިޔާބު ނުވުމުން ނައިޝާ އިތުރަށް މާޔޫސްވިއެވެ.އޭނާގެ ބޮލުތެރޭގައި އެނބުރޭ ސުވާލަކީ އައްކިޔުންނަށާ ޔުދާއަށް ނުގުޅެންވީ ކީއްވެގެންހެއްޔެވެ؟
***********
ނައިޝާގެ ޚިޔާލުގައި، އާދައިގެމަތިން ބީޗުގައި ހުރި ޖޯލީގައި އައްކިޔުންވެސް އިށީންދެލައިގެން އިނެވެ. އެހެން އިނދެގެންވެސް އޭނާ ދިޔައީ ނައިޝާގެ ނަންބަރަށް ގުޅަމުންނެވެ.އައްކިޔުންގެ ލޯބިވެރިޔާއަށް ނުގުޅޭތީ އެކަމާ ވިސްނާ ވިސްނާ މީހާ މުޅިން ހުންނަނީ ސަކަރާތްވެފައެވެ.ވަޒީފާގެ މާހައުލުގައިވެސް ފަރުވާ ނުބެހެއްޓޭތީ ތަނުގެ ވެރިޔާ އޭނާއަށް ނަސޭހަތްވެސް ދީފިއެވެ.އައްކިޔުންގެ ކަމަކީ އަބަދު ނައިޝާގެ ޚިޔާލުކުރުމެވެ.
“އައްކީ” ޖޯލިފަތީގައި އިށީިނދެލައިގެން ދެރަވެފައި އައްކިޔުން އިންދާ، ފަހަތުން ލެޔާލް ގޮވާލިއެވެ. ލެޔާލްގެ އަޑަށް އައްކިޔުން ފުރަގަހަށް ބަލައިލުމަށްފަހު ކުއްލިއަކަށް ޖޯލިން ތެދުވިއެވެ.
“ކަލޭ ކީއްކުރަން ތިއައީ؟…ބުނޭ މީ ކަލޭގެ ކަމެއްދޯ..ކަލޭ ނައިޝާއަށް ކަމެއްކުރީދޯ؟” ލެޔާލް ފެނުމާއެކު އޭނާއާ ދިމާލަށް ގޮސް ވަރަށް ބާރަށް ލެޔާލްގެ އަތުގެ މުލައްދަނޑީގައި ހިފާލުމަށްފަހު، ރުޅިވެރިކަމާއެކު އެއްނޭވާއިން އައްކިޔުން އަހާލިއެވެ.
ލެޔާލްގެ އަތުގައި އައްކިޔުން ހިފާފައިވާ ބާރުކަމުން، ތަދުވާ ކަމަށާއި އަތުން ދޫކޮށްލުމަށް ލެޔާލް ބުނެލިއެވެ.
“ބުނޭ…މިއޮށް ހުރިހާ ދުވަހު ނުފެނި އުޅުނީ މިކަން ކުރަންދޯ؟” ލެޔާލްގެ ބަހަށް ސަމާލުކަމެއްނުދީ އަނެއްކާވެސް އައްކިޔުން އެހިއެވެ.
“ތަދުވެޔޭ” އަތް ފޮޅުވާލަމުން ލެޔާލް ބާރަށް ބުނެލިއެވެ.
“އަހަރެން ނައިޝާއަކަށް އެއްވެސް ކަމެއް ނުކުރަން…އޭނަ ގަދަވެ ސަލާމަތުން އެރަށުގަ އެބައުޅޭ ވަރަށް އުފަލުގަ” އައްކިޔުނަށް ވުރެ ބާރަށް ލެޔާލް ބުނެލީ ނުރުހުމުގެ ރާގަކަށެވެ.
އެވަގުތު ރުޅި މޫނު ހަދައިގެން ހުރި އައްކިޔުންގެ މޫނުގެ ކުލަވަރު ބަދަލުވެ ލެޔާލް ބުނަން އުޅެނީ ކީކޭ ކަމެއް ނޭނގޭ ހާލު ލެޔާލަށް ބަލަހައްޓައިގެން ހުއްޓެވެ.
“އާނ….އަހަރެން އައްކިޔުންނާ ދުރަށްދެވޭތޯ ވަރަށް މަސައްކަތް ކޮށްފިން…އެކަމް ބަދުނަސީބު ކަމުން އަހަންނަކަށް ފަސޭހައެއްނޫން އައްކިޔުންނާ ދުރުގަ ހުންނާކަށް ނައިޝާއަށް ފަސޭހަވިޔަސް” ލެޔާލް ބުނެލިއެވެ.
“ކީކޭ ކިޔަން ތިއުޅެނީ؟” އައްކިޔުން އަހާލިއެވެ. “އަހަންނަކަށް ވެސް ނޭނގެ މިވާހަކަ އައްކިޔުން ކައިރި ބުނާނެ ގޮތެއް….މިތަނަށް އައުމުގެ ކުރިން އަހަރެން ވަރަށް ވިސްނިން މިވާހަކަ ބުނާނެ ގޮތަކާ މެދު” ލެޔާލް ބުނެލިއެވެ.
“މާ ވާހަކަ ދިގުނުކޮށް ބުނަން އުޅޭ ވާހަކައެއް ބުނޭ” އައްކިޔުން ބުނެލިއެވެ.
“އައްކި އަހަރެން ކައިރި ދުރުގަ ހުންނާށޭ ބުނީމަ އަހަރެން ދުރުގަ ހުރިން ކެތްކުރަން އުދަނގޫވިޔަސް…އެހެންނަމަވެސް އަހަރެން ދިޔައީ ދުރުން އައްކިއާ ނައިޝާއަށް ބަލަމުން….ނައިޝާ ފުރި ދުވަހު އަހަރެންވެސް އޭނާއާ އެކު އެރަށަށް ދިޔައިން… ނައިޝާ…..” ލެޔާލް ކޮންމެވެސް ވާހަކައެއް ބުނަން އުޅުނެެވެ.
“ނައިޝާ ކޯއްޗެކޭ” އައްކިޔުން ކެތްމަދުވެފައި އަހާލިއެވެ.
” އޭނަ އައްކިޔުން މަތިން ހަނދާންވާ ހެނެއް ހިއެއްނުވޭ…އޭނަ އުޅެނީ އޭނަގެ ކުރީގެ ފިރިމީހާއާ އެކު” ކުޑަވަގުތުކޮޅަކު ހިމޭނުން ހުރެފައި ލެޔާލް ބުނެލިއެވެ.
އެވަގުތު އައްކިޔުން ހިނިގަނޑެއް ޖަހާލިއެވެ. “ލެޔާލް ބުނަން ކޮންމެހެން އަހަންނާ ނައިޝާގެ ދެމެދަށް ވަންނަން ހަދާނެ ކަމެއްނެތް…ދޮގުހަދަން ފުރަތަަމަ ލެޔާލަށް އެނގޭތަ؟….ނައިޝާ ވަނީ މިއަތޮޅު ހުރަޔަށް ގޮއްސަ…. ދެން ކިހިނެއް ނައިިއަށް އޭނަގެ ކުރީގެ ފިރިމީހާއާ ބައްދަލުވާނީ؟… ސައިފަކީ ހުރާ މީހެއްނޫން… އެހެންނޫނަސް އަހަރެން ނައިޝާ ހޯދަން ހުރަޔަށްދާން ވިސްނައިފިން މިހާރު” އައްކިޔުން ބުނެލިއެވެ.
“އައްކި ހާދަ މޮޔައޭ….ނައިޝާ ވަނީ އޭނަގެ ކުރީގެ ފިރިމިހާގެ ރަށުގަ…އައްކި ކައިރި ހުރަޔަށޭ ބުންޏަސް އޭނަ އަސްލު ދިޔައީ ސައިފްގެ ރަށަށް” ލެޔާލް ބުނެލިއެވެ.
“ނައިޝާ އަހަންނަކަށް ދޮގެއް ނުހަދާނެ….ކޮބާ ދޮގު ހަދަންވީ ސަބަބަކީ؟….އަނެއްކޮޅުން އޭނަ އެސައިފަކާ ވާހަކައެއްވެސް ނުދައްކާނެ…ސައިފް ކަންތައް ކުރިގޮތުން އޭނަ ސައިފަށް ނަފްރަތު ކުރޭ” ރުޅިވެރިކަަމާއެކު އައްކިޔުން ބުނެލިއެވެ.
“ތީ އައްކިޔުން ކައިރި ނައިޝާ ބުނެފަ ވާ އެއްޗެހި….. އަހަންނަަށް އެނގުނު އޭރުވެސް އައްކި އަހަރެން ދައްކާ ވާހަކަ ގަބޫލެއް ނުކުރާނެކަން… އެހެންވެ އަހަރެން މިއައީ ހެކިވެސް ހިފައިގެން” އެހެންބުނެ ފޮޓޯތަކެއް އައްކިޔުންގެ އަތަށް ލެޔާލް ދިއްކޮށްލިއެވެ.
“މީ ކޯއްޗިއްސެއް؟” ފޮޓޯތަކުގައި ހިފަމުން އައްކިޔުން އަހާލިއެވެ.
“ތީތި ބަލާބަލަ….އޭރަށް އައްކިޔުން ތި އިތުބާރުކުރާ ލޯބިވެރިޔާގެ އަސްލު ކުލަ ފެންނާނެ” ލެޔާލް އައްކިޔުނަށް ބުނެލިއެވެ.
އެވަގުތު ލެޔާލްގެ މޫނަށް ބަލައިލުމަށްފަހު އެފޮޓޯތަކަށް އައްކިޔުން ބަލަން ފެށިއެވެ.
“އެރަށަށް ގޮސް އަހަރެން ފޯނުން ނެގި ފޮޓޯތައް ތިހުރީ ފޮޓޯގަނޑަށް ހަދާފަ…މިރޭ އަހަރެން ހުޅުމާލެއަށް މިއައީވެސް އެރަށުގަ އުޅެފަ” ލެޔާލް ބުނެލިއެވެ.
އެވަގުތު ފަހަރަކު ފޮޓޯގަނޑެއް އައްކިޔުން ބަލަމުން ދިޔައެެވެ. އެތަނުން އެއްފޮޓޯގައި ވަނީ ނައިޝާ އާއި ސައިފާ ދެމީހުން ބައްދަލުވެ ވާހަކަ ދައްކަން ތިބޭ މަންޒަރެވެ.އަނެއް ފޮޓޯގައި ސައިފް ނައިޝާއަށް ހިނިތުންވެ ހުރެ ރާބަނދި ދިއްކުރާ މަންޒަރާ ނައިޝާވެސް ހިނިތުންވެ ހުރެ ރާބަނދީގައި ހިފާ މަންޒަރު ފެންނައިރު، ސައިފްގެ މޭމަތީގައި ނައިޝާ ބޯއަޅާލައިގެން ހުންނަތަނާ، ސައިފްވެސް ނައިޝާ ގައިގައި ބައްދާލައިފައިވާ މަންޒަރުގެ އިތުރުން، ރެސްޓޯރެންޓުން މޭޒުމަތީގައި ބާއްވާލައިފައިވާ ނައިޝާގެ އަތުގައި ސައިފް ހިފައިގެން އިން މަންޒަރާއި، މަގުމަތިން ނައިޝާ ސައިފްގެ އަތުގައި ހިފާލައިގެން ވާހަކަދައްކަން ހުރި މަންޒަރު ވެސް ފެނެއެވެ.
ފަހަރަކު ފޮޓޯއެއް އަވަސްއަވަހަށް ބަދަލުކުރަމުން ބަލަމުން އައްކިޔުން ދިޔައެެވެ.އެއްފޮޓޯގަނޑެއް ވިހި ތިރީސް ފަހަރުވެސް އައްކިޔުން ބެލިއެވެ.
ފޮޓޯތަކަށް ބަލަމުން ދިޔަ އައްކިޔުންގެ ހިތް ގަދައަށް ތެޅެމުން ދިޔައެވެ.ނިއްކުރިންވެސް އޮށްދާ ތިކިތައް ފާޅުވާން ފެށިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





