ގެއަށް ވަނުމާއެކު މަންމަ އަހަރެންނަށް ގޮވާލިއެވެ. ” މައިރާ… އާދެބަލަ” އަހަރެން މަންމަ ކައިރިއަށް ދިޔުމުން މަންމަ ، މަންމަ ގެ ވާޖިބު އަދާ ކުރަން ފެށިއެވެ. ” ކީއްވެ އެހާ ލަސްވީ…. މައިރާ އަށް އެނގޭނެ  5:30 ވުމުގެ ކުރި ގެއަށްވަނަން ޖެހޭކަން” މީ މަންމަ ގެ އާދެއެވެ. އަހަރެން ގޭގެ ހަތަރު ފާރުން ބޭރަށް ނިކުމެ  ފިއްޔާ މަންމަ ގެ ސުވާލުތަކާ ކުރިމަތި ލާން ޖެހެއެވެ. އަހަރެން މަގުމައްޗަށް ނިކުތުމުން މަންމަ އަށް ހީވަނީ އަހަރެން މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރާ ހެން… މަންމަ ގިނަފަހަރު އަހަރެން ބަލާ ވެސް ދާނެ…. މަންމަ ބުނާގޮތުން ނަމަ އަންހެން ކުދިން ގެ ތަނަކީ ގެއެވެ. މީ ހުސް މާމަ ކުރާކަންތައް ތަކެވެ. މާމަ އެ ހުރީ މަންމަ ގެ ސިކުނޑީގައި ކުރީޒަމާނުގެ ބޯދާ ހިޔާލުތަށް ތަތްކޮއްފައެވެ. ” ގެ އަށް އަންނަނިކޮށް މަގު އޮޅުނީ” އަހަރެން ގެ ސިކުނޑިއަށް އައީ އެންމެ ފުރަތަމަ ޖުމްލަ ބުނެލީމެވެ. ” ކީއްވެ މަގު އޮޅެންވީ.. މައިރާ ދިޔައީ ސާރާ އާއި ރިޒްވާން އާ އެކު އެއްނު” ޕިސް ޕިސް ޕިސް މި މަންމަ ވެސް މި އޮއްފަދަ ގަޑީގައި އެ ރިޒްވާން. އަހަރެން ހިތުތެރެއިން ބުނެލީމެވެ. ” އަހަރެން ތަންކޮޅެއް އަވަހަށް ގެއަށް އަންނަން ވެގެން” އަހަރެން އެހެން ބުނުމަށް ފަހު ސިޑި އާއި ދިމާލަށް ހިންގައި ގަތީމެވެ. މަންމަ އިތުރު ސުވާލެއް ކޮއްފާނެތީ އަހަރެން އަވަހަށް ކޮޓަރިއަށް ދިޔައީއެވެ. އަހަރެން ގޮސް އެނދު މައްޗަށް ވެއްޓިގަތީމެވެ. އަދި މިއަދު ވީ ކަންތައްތަކާ ދޭތެރޭ ވިސްނަން ފެށީމެވެ.  އަހަރެން އެހެން އޮއްވާ ކުއްލިއަކަށް ބަންގި ގޮވި އެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ބަންގި ގޮވުމުން ވެސް އަހަރެން އެނދުން ތެދުވާކަށް ހިޔާލެ ނުކުރަމެވެ. ހިތަށް އަރާ ދޯ އަހަރެން މީ ކޮންކަހަލަ މީހެއް ހޭ ބަންގި ގޮވިއަސް ނަމާދެއް ކުރަނީ ކީއެއްނޫން އެހެން ކަމެއް ކުރަނީކީއެއް ނޫން ހަމަ ކަމަކުން ކަމަކާ ނުލައި އަބަދު އެނދު ގައި އޮތުން ނޫން ކަމެއް ނުކުރަން. އަހަރެން އެހެން އޮއްވައި މީހަކު ކޮޓަރި ދޮރުގައި ޓަކި ޖެހިއެވެ. އަހަރެން ގޮސް ދޮރު ހުޅުވާލީމެވެ. ދޮރު ކުރިމަތީގައި ހުރީ އެއްކަލަ އަތްދޮންނަން ނުކެރޭ މީހާއެވެ. މިބުނީ ސާރާ ގެ މަންމަ އެވެ. ” މައިރާ އާދޭ ކާން އަދި މި ރަށަށް އައިފަހަކުން އެއްޗެއް ކައިވެސް ނުލައެއްނު ތިހުރީ” ސާރާ ގެ މަންމަ އެހެން ބުނަމުން އަހަރެންގެ އަތުގައި ހިފާ ދަމާފައި ގެންދިޔައެވެ. ކާގެ އަށް ވަނުމަށް ފަހު އަހަރެން މޭޒުދޮށުގައި ބޭންދުމަށްފަހު ސާރާ ގެ މަންމަ ތަށްޓަށް ފްރައިޑް ރައިސް އާއި ދެތިން ކުކުޅު ފައި ލުމަށްފަހު އަހަރެންގެ ކުރިމަތީގައި ބެހެއްޓި އެވެ. އަހަރެން ތައްޓަށް ބަލައިލީމެވެ. އަހަރެންގެ ހިތް އެރިއެވެ. ސާރާ ގެ މަންމަ މިއުޅެނީ ކާކަށް ކާންދޭން ހެއްޔެވެ. އަހަރެން ނައްތަ ނޫނީ މާކުންބެ އައްތަ. ޔަގީން ވަންޏާ މާކުންބެ އަށް ވެސް މި ނުކެވޭނެ ކަންނޭނގެ. އަހަރެން ފުންނޭވައެއް ދޫކޮށްލުމަށް ފަހު ކާން ފެށީމެވެ. 5 މިނެޓް ތެރެއިން އަހަރެން ކައި ނިންމާލީމެވެ. މި ސާރާ ގެ މަންމަ މިއުޅެނީ ޔަގީންވަންޏާ އަހަރެންނަށް ކާންދީ ކާންދީ މަރާލަން ކަންނޭނގެ މިވީ ގޮތަކުން މި ޖެހުނީ މާދަމާ ފަތިހު ދުވަން ދާކަންނު އަހަރެން އެހެން ހިތަށް އަރުވައިލަމުން އަވަހަށް ތަށި ދޮވެފައި ސާރާ މަންމަ އައުމުގެ ކުރިން ކޮޓަރިއަށް ދިޔައީމެވެ. ސާރާ ގެ މަންމަ އަށް އަހަރެން ފެނިއްޖެނަމަ ކޮންމެ ވެސް އެހެން އެއްޗެއް ކާންދޭ ނެއެވެ. ކޮޓަރިއަށް ދިޔައިރު އަހަރެންގެ ހާލެއް ނެތެވެ. އަހަރެން ހުރީ ސިޑިން މައްޗަށް އެރީމަ ވަރުބަލި ވެފައެވެ. އެހެންވެ އަހަރެން އަވަހަށް އެނދާ ދިމާއަށް މިސްރާބު ޖެހީމެވެ. ވަރުބަލި ވެފައި ހުރިލެއް ބޮޑުކަމުން އަހަރެން ނިދުމުގެ ކުރިން ފެންވަރަން ވެސް ހަނދާންނެތުނެވެ.

 

އަހަރެންނަށް ހޭލެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށްށެވެ. ތެދުވަން ބޭނުން ނުވިއަސް އަހަރެން ތެދުވެގެން ގޮސް ފާހާނާއަށް ވަދެ ފެން ވަރައިލަގެން ވުޝޫ ކޮށްލައިގެން ނިކުމެ ފަތިސް ނަމާދު ކޮއްލީމެވެ. ނަމާދު ކޮށް ނިމުމުގެ ރަތް ކުލައިގެ ޖާޒީއަކާއި ކަޅުކުލައިގެ ފައިގެ ކަށިމައްޗާ ހަމައަށް ދާ ޓައިޓެއް ލީމެވެ. އަދި ބޮލުގައި ސްޕޯޓް ބުރުގައެއް އަޅަމުން އަހަރެން ބޫޓު ހިފައިގެން ކޮޓަރިން ނިކުތީމައެވެ. ބޫޓު ލައި ނިމުމު އަހަރެން ތިރިއަށް ފޭބީމެވެ. ގެއިން ބޭރަށް ނުކުރުމަށް ފަހު އަހަރެން ފުނޭވައެއް ލީމެވެ އަދި ދުވަން ފެށީމެވެ. އަހަރެން އެހާ ދުރަކަށް ނުދަމެވެ. އެއީ އަހަރެން ގެއްލިދާނެތީއެވެ. އެއް ބްލޮކް ވަށާ ދުވުމަށް ފަހު އަހަރެން ގެއަށްވަނަން ދިޔައީމެވެ. ނަމަވެސް އަހަރެން ހިޔާލު ބަދަލުކޮއްލީ އެއްކަލަ ގެ ފެނުމުން ނެވެ. އަހަރެން އެ ގެއަށް ބަލަން ހުރުމަށްފަހު ބޭރުގައި ހުރި ދަގަނޑު ގޭޓު ހުޅުވާލީމެވެ. އަހަރެން އެތެރެއަށް ވަންނަމުން މާހައުލަށް ނަޒަރެއް ހިންގާލީމެވެ. ވަރަށް ގިނަ މާގަސް އިންދާފައި ހުރިއެވެ. ނަމަވެސް އެ ހުރިހާ ގަސްތަށް ހުރީ ފެންނުދިނުމުގެ ސަބަބުން މިލާފައެވެ. 

 

( ޔާޝްގެ ނަޒަރުން) 

 

އަހަރެން ކޮޓީގެ ބެލްކަނިން ބޭރުބަލަން ހުރީމެވެ. އުޑުމަތި އޮތީ ބަނަކޮއްލާފައެވެ. އަހަރެން ގެ ޙަޔާތު ގައިވެސް ވަނީ އުޑުމައްޗެކޭ އެއްފަދައިން ކަޅު ވިލާ ވަށާލާފައެވެ. އަހަރެންނަށް އަހަރެން ގެ ހިތި މާޒީ ހަނދާން ވާފެށުމުން ލޮލުގައި ފެން ގިނަވަން ފެށިއެވެ. އެހެންވެ އަހަރެން އަވަހަށް ގިޓާ ނެގުމަށްފަހު ސިންފޮނީ ގެ ރާގު ޖަހަން ފެށީމެވެ. އަދި މަޑުމަޑުން އެ ލަވަ ކިޔަން ފެށީމެވެ. 

 

އަވް ބީން ހިޔަރިން ސިންފޮނީސް 

 

ބިފޯ އޯލް އައި ހާރްޑް ވޯސް ސައިލެންސް 

 

އަ ރެޕްސޮޑީ ފޯ ޔޫ އެން މީ  

 

އެންޑް އެވްރީ މެލޮޑީ އިސް ޓައިމް  ލެސް

 

ލައިފް ވޯސް ސްރިންގިން މީ އެލޯން 

 

ދެން ޔޫ ކޭމް އެންޑް ޔޫ ކަޓް މީ ލޫސް 

 

ވޯސް ސޯލޯ ސިންގިން އޮން މައި އޯން 

 

ނައު އައި ކޭންޓް ފައިންޑް ދަ ކީ ވިތްއައުޓް ޔޫ 

 

އެންޑް ނައު ޔޯރް ސޯންގް އިސް އޮން ރިޕީޓް 

 

އެން އަމް ޑޭންސިން އޮން ޓު ޔޯރް ހާރްޓް ބީޓް 

 

އެން ވެން ޔޯރް ގޯން އައި ފީލް އިންކޮމްޕްލީޓް 

 

ސޯ އިފް ޔޫ ވޯންޓް ދަ ޓްރޫތް…. 

 

ލަވައިގެ މި ހިސާބަށް ކިޔުނުތަނާހެން އަހަރެންނަށް ސާރާ މެން ގެއިން ރަތް ކުލައިގެ ޖާޒީ އެއް ލައިގެން ހުރި އަންހެން ކުއްޖެއް ނިކުން ނަތަން ފެނުނެވެ. އެއީ އިޔެ ސާރާ ގެ އަތުން އަހަރެންގެ ގިޓާ އަތުލި ކުއްޖާއެވެ. އަހަރެނަށް ނުވިސްނުން ކަމަކީ އެ ކުއްޖާ އިޔެ އަހަރެން ސަލާމަތް ކޮއްދިނީ ކީއްވެ ކަމެވެ. އެވަނީ އަދި އަހަރެންނާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޭނގޭތީ ކަންނޭނގެ.. އަހަރެންގެ ހިތަށްއެރިއެވެ. ތިން ފަހަރަށް ބްލޮކް ވަށާ ދުވުމަށް ފަހު އެކުއްޖާ ގެއަށް ވަންނަން ދިޔައެވެ. ވަކި ހިސާބަކަށް ގޮސްފައި އެ ކުއްޖާ މި ގެއާ ދިމާއަށް އެންބުރުނެވެ. އެކުއްޖާ އަށް އަހަރެން ފެނިދާނެތީ އަހަރެން އަވަހަށް ތިރިވީމެވެ. އަދި އެކުއްޖާ ކުރާ ކަންތަށް ބެލީމެވެ. އެކުއްޖާ ގޭޓުން އެތެރެއަށްވަ ނެވެ. އަދި އެއްފަރާތެއްގައި ހުރި މާގަސް ތަކާ ދިމާއަށް ދިޔައެވެ. އެ ގަސްތަކަށް ބަލަން ހުރުމަށްފަހު އެކުއްޖާ ގޭގެ އަނެއް ފަރާތަށް ދިޔައެވެ. އެކުއްޖާ އަނެއްފަރާތަށް ދިޔުމުން އަހަރެން އަވަހަށް ކޮޓަރިން ނިކުންނަން ދިޔައީމެވެ. 

 

(މައިރާގެ ނަޒަރުން)

 

އަހަރެން ގޭގެ އަނެއްފަރާތަށް ދިޔައީމެވެ. ގޭގެ ބިއްދޮށުގައި ހުރީ ހޫ ގަހާއި އެހެން އެކި ވައްތަރުގެ ވިނަ ގަސް ފަޅާފައެވެ. އެހެންވެ މިތަން ވައްތަރީ ކުޑަކުޑަ ވަލުތެރެ އަކައިއެވެ. ވިނަގަނޑު ތެރެއިން މަސްކާށި ދޫނީގެ އަޑުއިވެން ފެށުމުން  އަހަރެންގެ ހިތަށް ބިރުވެރިކަން ވަނެވެ. ގިނަމީހުނަށް މަސްކާށި ދޫނީގެ އަޑު ހިތްގައިމު އަޑަކަށް ވެދާނެއެވެ. ނަމަވެސް އަހަރެންނަށް އެއަޑު އިވުމުން ހިތަށް ވަންނަނީ އާދަޔާ ޚިލާފު ބިރުވެރިކަމެކެވެ. އަހަރެން ހިން ދިރުވާލުމަށްފަހު ވިނަ ތަކާއި ދިމާއަށް ބަލައިލީމެވެ. އަދި ބިރުން ހުރެ ފަހަތަށް ފިޔަވަޅު އަޅަން ފެށީމެވެ. ފަހަތަށް ފިޔަވަޅު އަޅަމުން ދަނިކޮށް އަހަރެން ގޮސް އެއްޗެއް ގައިގާ ޖެހުނެވެ. ކުއްލިއަކަށް އަހަރެން ގެ ހަށިގަނޑު ތުރުތުރު އަޅަން ފެށި އެވެ. ބިރުން ހުރެ އަހަރެން ފަހަތަށް އެނބުރިލީމެވެ. އަހަރެންގެ މޫނާއި ޖެހޭ ނުޖެހޭ ހިސާބުގައި ފިރިހެނެއް ހުއްޓެވެ. އޭނާގެ މޫނަށް ބަލާއިރު ހީވަނީ މީގެން ޒަމާނަކު ނުކައި ހުރި މީހެއް ހެންނެވެ. ލޯ ކައިރީގައި ވަޅު ހެދިފަ ހުރިއިރު އެތަން ހުރީ ކަޅު ވެފައެވެ. އިސްތަށިގަނޑު ގައި އެއްވެސް ތަރުތީބެއް ނެތް އިރު ބިރުވެރި ވައްތަރެއް ޖަހައެވެ. އަހަރެން ގަނެފައި ވާ ބިރެއް ގެ ސަބަބުން ވަރަށް ބާރަށް ހަޅޭ ލައްވައި ގަތީމެވެ. އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ. މީ ކޮންކަހަލަ އިންސާނެއް ހެއްޔެވެ. ޔާގީވަންޏާ މީ އެބޯރިޖަންއެކެވެ. އެކަމް ހަންގަނޑު ގެ ކުލަ އައްޔެވެ. ހަންގަނޑު އައްޔަށް އަންދިރިއަސް މީ އެމެޒޯސް ޖަންގަލީގައި ގައިގައި ފަތް އޮޅައިގެން އުޅޭ މީހެކެވެ. އެހެން ނޫންނަމަ ގޭގައި ޖަންގައްޔެއް ހައްދަން ވީ ކީވެހެއްޔެ. މީނަ އަހަރެން ފްރައި ކޮއްގެން ކާނުލިއްޔާ ކިތަންމެ ހާވެސް ރަނގަޅެވެ. އަހަރެންގެ ހަޅޭކުގެ އަޑާއެކު އެއްފަރާތެއްގައި ހުރި އަނބު ގަހުގައި ތިބި ކާޅުތަށް ކާއް ކާއް ލައްވަމުން އުދިއްސައިގަތެވެ. ކާޅު ތަށް އެހެން އުދިއްސައިގަތުމުން އަހަރެން އިތުރަށް ބިރުގަތެވެ. އަހަރެން ބޭނުންވީ އެ ގެއިން އަވަހަށް ނިކުންނަން ށެވެ. ނަމަވެސް އޭގެ ކުރިން އަހަރެން ގެ ބޮލަށް ބަރުވަން ފެށިއެވެ. ދެން އަހަރެންނަށް ވީ ނުވައެއް ނޭނގުނެވެ. އިނގުނުހާވެސް އެއްޗަކަށް އިނގުނީ ބިންމައްޗަށް ވެއްޓުނު ކަމެވެ. 

 

(ނުނިމޭ) 

 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!