އެއް ހަފްތާ ކުރި

 

އެތަށް އިރަކު ގިސްލުމުގައި ހޭދަކުރުމުންވެސް ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ލޮލުން ކަރުނަ ހުސްވާނެ ނަމައޭ ޙަޔާގެ ހިތަށް އެރިއެވެ. ކިތަންމެ ހިތްވަރުކޮއްފައި ދެން ނުރޯނެކަމަށް އަޒުމް ކަނޑައަޅައި ކަރުނަ ފުހެލިޔަސް މިނިޓެއްގެ ތެރޭ އެކަން ބަދަލުވެދެއެވެ. އަކްމަލްއާއި އެކީ ހޭދަ ކުރި އުފާވެރި ވަގުތުތައް ހަނދާން އާވަނީއެވެ. ވީ ވައުދުތަކާއި މުސްތަގްބަލަށް ކުރި ޕުލޭންތައް ހަނދާންވެ ހިތް އިތުރަށް ޒަހަމްކުރަނީއެވެ. 3 އަހަރު ކުރިން ބަޙްތް ދެއްކި ވާހަކަތައްވެސްމެއެވެ. އެދުވަހު ބަޙްތްއަށް ހަގީގަތް ނޭންގި ނަމަވެސް ދެކެވުނީ ރަގަނޅު ވާހަކައެކެވެ. ހަގީގަތެވެ. ޙަޔާއަށް އަކްމަލްއަށް މާ ބޮޑަށް އިތުބާރު ކުރެވުނީއެވެ. އެކަހަލަ އެކި ކަންތައް ހަނދާންވުނުން ޙަޔާ ބަޙްތްއާއި ވާހަކަ ދައްކާލަން ބޭނުންވިއެވެ. ހިތުގެ ހާލަތު ކިޔައިދޭން ކެރޭނީވެސް އެއެކުވެރިޔާއަށް އެކަންޏެވެ. ފޯނު ނަގައި ބަޙްތްއަށް ގުޅާލީ އެހިތުގައިވާ ޝަކުވާތައް އިއްވާލާށެވެ.

 

” ޙަޔާ.. މަންމަ އަހަރެން އެކަނި ކޮއްލާފަ ހިނގައްޖެ..” ޙަޔާއަށް އެެއްޗެކޭ ނުބުނެވެނީސް ބަޙްތް ދިނީ ޙަޔާ އެއްވެސް ވަރަކަށް އުއްމީދުކޮއްގެން ހުރި ކަހަލަ ޙަބަރެއްނޫނެވެ. އެކުވެރިޔާގެ މަޑު ގިސްލެވުމުގެ އަޑު އަހަން އިރުކޮޅަކު ޙަޔާ ހުރުމައްފަހު ފޯނު ކަނޑާލީ އެއްޗެކޭ ބުނާނެ ހިތްވަރުވެސް ނުލިބުމުންނެވެ. ޙަޔާގެ ހާލަތު މިވަގުތު ބަޙްތްއަށް އެންގުން ރަގަނޅުނުވާނެތީއެވެ. ތައުޒިޔާގެ މެސްޖްއެއް ޙަޔާ ބަޙްތްއަށް ފޮނުވާލުމައްފަހު ތެދުވެ ގޮސް ލޯގަނޑު ކުރިމަތީގައި ހުރި ގޮނޑީގައި އިށީންދެލިއެވެ. އަދި އަމިއްލަ ސޫރައަށް ބަލައިލިއެވެ. ހިކިފައި ހުރި ކަރުނައިގެ ތިކިތަކެއް ލޮލުން ފެށިގެން ކޮތާފަތް މަތީ ރޮގެއްހެން ހުއްޓެވެ. ގިނައިރު ރުއިމުގެ ސަބަބުން ދެލޯވަނީ ރަތްވެފައެވެ. އިރުކޮޅަކު އަމިއްލަ ސޫރައަށް ބަލަަން ހުރުމައްފަހު ޙަޔާ ޑުރެސިން ޓޭބަލް ކަބަޑުން ކަތުރެއް ނެގިއެވެ. ބުޑާއި ހަމައަށް ދިގުކޮއްފައިވާ އިސްތަށިގަނޑު ކޮނޑައްވުރެ މަތިން ބުރިކޮއްލިއެވެ. އެކަމުން ޙަޔާއަށް ނޭންގޭ ހިތްހަމަޖެހުމެއް ލިބުނެވެ. އެހެން މީހަކަށްޓަކައި ޙަޔާއަށް ކަމުދާ ގޮތްތައް ދޫކޮއްލައި ބަދަލުވާން އުޅެވުނު މޮޔަ ފުރަތަމަ ފަހަރަށް ހިތަށްއެރިއެވެ. ލޯތްބަކީ ހަމަ އެހާ ކަނު އެއްޗަކީ ހެއްޔެވެ.

 

ޙަޔާ ބޭރަށް ނިކުތްއިރު އޭނާގެ އިންތިޒާރުގައި އޭނާގެ މައިންބަފައިން ސިޓިންރޫމްގައި ތިއްބެވެ. ޙަޔާ ކުޑަކޮށްވެސް ހަމަޖެހިފައިވާކަން މޫނުމަތިން ފެންނާތީ އެދެމީހުން އުފާކުރިއެވެ.

 

” ބައްޕާ އޯކޭތަ އަޅުގަނޑު އަކްމަލްއާއި ބައްދަލުކޮއްލަން ދިޔަޔަސް” އަކްމަލްއާއި ބައްދަލުކޮއްލަން ބޭނުންވެފައި ހުރި ޙަޔާ ވަހީދު ކައިރިން ހުއްދައަށް އެދުނެވެ. ” ދަރިފުޅު މޮޔަވީތަ.. ކީއްކުރަން އެނުލަފާ ފިރިހެނާއާއި ބައްދަލު ކުރަނީ.. ދަރިފުޅު އަދިވެސް ތިވިސްނަނީ އޭނައާއި އެކީ އުޅެންތަ..ނުކެރޭނެ ދާކަށް..ވަހީދު ބުނޭ ޙަޔާއަކަށް ނުދެވޭނޭ..” ޙަޔާގެ ސުވާލަށް ޖަވާބު ދިނީ ހަނީފާއެވެ.

 

” ދަރިފުޅު ދޭ.. ބައްޕަ ދަރިފުޅަށް ފުރިހަމައަށް އިތުބާރު ކުރަން.. އަހަރެންގެ ދަރިފުޅު ނުބައި މަގަކުން ނުދާނެ.. ” ވަހީދުގެ ޖަވާބުން ހަނީފާ ހިތްހަމަ ނުޖެހުނު ނަމަވެސް އެއްޗެކޭ ނުބުނީ ވަހީދުއަކީ އޭނައައްވުރެ މާވިސްނޭ މީހެއްކަމުގައި އަބަދުވެސް ގަބޫލުކުރާތީއެވެ. އަދި ފިރިމީހާއާއި ޖަދަލު ކުރުމަކީ އޭނާ ހިތްރުހޭ ކަމެއް ކަމުގައި ނުވާތީއެވެ.

 

ދުވަހަކީ ވިއްސާރަ ދުވަހެއް ކަމުން މާލޭގެ މަގުތަށް ފެންނަނީ ވަރަށް ހަމަހިމޭންކޮށެވެ. އެވަގުތުވެސް ބޯކޮށް ވިއްސާރަ ވެހެމުން ދިޔައެވެ.ކުޑައެއް ނަގައިގެން ހިނގަމުން ދިޔަ ޙަޔާގެ މިސްރާބު ހުރީ ރަސްފަންނާއި ވީކޮޅަށެވެ.

 

ރައްޓެހިން ގުޅާފައި ދިމާކުރަން ކިޔާވަރުން ދިވާން ބޭރަށް ދާން އެއްބަސްވިއެވެ.ބޯކޮށް ވާރޭވެހޭތީ ސައިކަލުގެ ބަދަލުގައި ކާރުގައި ދާން ޖެހުމުންވެސް ފޫހިވާގޮތް ވިއެވެ. ވާރެޔަކީ ދިވާންއަށް އެއްގޮތަކަށް ކަމުދާ އެއްޗެއް ނޫންކަމުން ދުއްވަމުން ދިޔައިރުވެސް ބޭރު ބަލަމުން ދިޔައީ ފޫހި ކަންމަތީއެވެ. ނަމަވެސް އެމޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ކުރިމަތިން ހުރަސް ކުރިން ނުދަންނަ އަންހެން ކުއްޖަކާއި މެދު އެހިތުގައި ޝައުގުވެރިކަން އުފެދުނެވެ. އެއަންހެން ކުއްޖާ ފަހަތުން މަޑުމަޑުން ކާރު ދުއްވަމުން ދިޔައީ އިހްތިޔާރުން ބޭރުގައެވެ. އުމުރުން ތިރީސް އަހަރު ވެގެން ދިޔައިރުވެސް އަދި ހިތްއެދޭ ކަހަލަ ކުއްޖަކު އެފެނުނީއެވެ. އެެއަންހެން ކުއްޖާގެ މޫނުމަތިން ފެންނަމުންދާ މައުސޫމްކަމަކީ މިޒަމާނުގައި އަންހެން ކުދިންގެ ފަރާތުން ދިވާންއަށް ފެންނަ މަންޒަރެއްނޫނެވެ. ކުރުކޮއް ކޮށާލައިފައިވާ އެއިސްތަށިގަނޑު އެއަންހެން ކުއްޖާއާއި ވަރަށް ގުޅެއެވެ.

 

އެނުދަންނަ އަންހެން ކުއްޖާ ފަހަތުން ގޮސް ވާހަކަ ދައްކަން ހިތް އެދުމުން ދިޔަ ނަމަވެސް އެކަން ނުވީ ރައްޓެހިން ގުޅާވަރުންނެވެ. ތަގްދީރުގައި ލިޔެވިފައިވާނަމަ އަދި ފެންނާނެ ކަމަށް ހިތަށް ވިސްނައިދެމުން ކާރުގެ ސްޕީޑް ބާރުކޮއްލައި އޭނާގެ މަންޒިލަށް ދިޔުމަށް އަވަސްވެގަތެވެ.

 

” އާދެވިއްޖެ ދޯ ކަލެއަށް.” ރެސްޓޯރެންޓަށް ވަދެ ދިވާންގެ ރައްޓެހިން ތިބި މޭޒު ކައިރިއަށް ދިިޔުމާއި އެކު ވާއިލް ބުނުލިއެވެ.

” މާލެއައިތާ ދެހަފްތާ ވީއިރު އަދި ކިރިޔާ އަހަރުމެންނާއި ދިމާވެލާނެ ވަގުތު ތިލިބުނީ.. ” ރާހިލްވެސް ޝަކުވާގެ ރާގެއްގައި ބުނެލިއެވެ. ” ކޮންމެ ދުވަހަކުވެސް ގައިމު މަށާއި ވާއިލްއާއި އޮފީހުން ދިމާވޭ.” އަމިއްލަ ދިފާއުގައި ދިވާން ބުނެލިއެވެ.

އޮފީހުގައި ތިއީ އަހަރެންގެ ބޮސް.. ރައްޓެހިކަން އޮންނާނީ އޮފީހުން ބޭރުގައި..”

 

” ކަލޭ ހާދަ ހިނިއައިސްފައި ތިހުންނަނީ.. ހީވަނީ މާބޮޑު އުފަލެއް ލިބިގެން އުޅޭ މީހެއްހެން..” ދިވާންގެ މޫނުމަތީގައިވާ ނުފިލާ ހިނިތުންވުން ފާހަގަވެގެން ރާހިލް ސުވާލުކޮއްލިއެވެ.

 

” ގަބޫލުކުރަންތަ ފުރަތަމަ ނަޒަރުން މީހެއް ދެކެ ލޯބިވެވިދާނެ ކަމަށް..” ރާހިލްގެ ސުވާލަށް ދިވާން ޖަވާބު ދިނީވެސް ސުވާލަކުންނެވެ. ” އާނ.. 30 އަހަރުވީއިރު މީހެއް ދެކެ ލޯބި ނުވެވުނު މީހަކާއި ރައްޓެހިނުވާ ދިވާން ކަހަލަ މީހަކަށް ފުރަތަމަ ނަޒަރުން ލޯބިވެވިދާނެ ކަމަށް ގަބޫލުކުރަން.. ” ރާހިލްގެ އަޑުގައި ސަމާސާ ގޮތްގަނޑެއް ހުއްޓަސް އޭނާ ބުނީ އޭނާ ދެކޭ ގޮތެވެ.

 

” ވެއިޓް.. ދިވާން ޝަރީފް އިޒް އިން ލަވް.. އަހަރެން ދިވާންއާއި އެކު އުޅޭތާ 6 އަހަރުވީ.. މިހަ އަހަރުތެރޭވެސް ދިވާން ފަހަތުން ކިތައް އަންހެން ކުދިން ދުވި.. ދުވަހަކު ކަމުދާ ކަހަލަ ކުއްޖަކާއި ދިމާނުވި.. މިކުއްޖާވާނީ ރީތީގެ ރާނީއަކަށް ތާ..” ވާއިލްވެސް ހުރީ ގަބޫލުނުކުރެވިފައެވެ.

 

” އާނ.. އެކަހަލަ ރީތިކަމެއް ދެވަނަ އިންސާނަކަށް ދެއްވައިނުވާނެކަން ޔަގީން.. އަހަރެން ހަމަ ރަގަނޅަށްވެސް އެޖާދޫގައި ޖެހިއްޖެ..ހިތާމައަކީ އެއަންހެން ކުއްޖާއާއި ބެހޭ އެއްވެސް ނޭންގޭކަން..ކުޑަމިނުން ނަން އަހާލާނެ ހިތްވަރުވެސް ވަގުތުވެސް ނުލިބުން..” މާޔޫސްވެފައި ދިވާން ވާހަކަ ދެއްކިއެވެ. ހިތުގައި އުފެދެމުންދާ ފުރަތަމަ ލޯބި ކާމިޔާބު ނުވެދާނެތީއެވެ.

 

” ދިވާން ބޭނުމިއްޔާ ނުހޯދޭނެ މައުލޫމާތެއް ނުހޯދޭނެ މީހެއް މިރާއްޖެއަކު ނުހުންނާނެ.. މާދަން ހަމަޖެހިގެން އެކަމާއި އުޅޭނީ..” ދިވާންގެ މުއްސަނދިކަމާއި ބާރު ހަނދާން ކޮއްދެމުން ވާއިލް ބުނެލިއެވެ.

 

އަކްމަލް ރަސްފަންނަށް ދިޔައިރު ޙަޔާ އޭނާގެ އިންތިޒާރުގައި އެތަނުގައި އިނެވެ. ” ކީއްވެ އިސްތަށިގަނޑު ކޮށައިލީ.. އެޓްލީސްޓް ވެޑިން ނިމެންދެން މަޑުކޮއްލިނަމަ ދޯ..” އަކްމަލްއަށް ފުރަތަމަވެސް ފާހަގަވީ ޙަޔާގެ ކޮށާލެވިފައިވާ އިސްތަށިގަނޑެވެ. މާޔޫސްވެފައިވާ ޙަޔާގެ މޫނުގެ ކުލަވަރު ފާހަގައެއް ނުވިއެވެ. އެޔަށް ޖަވާބު ދިނުމުގެ ބަދަލުގައި ހިނިތުންވެލަމުން ޙަޔާ އޭނާގެ އަތުގައި އޮތް ދަނބު ކުލައިގެ ސިޓީ އުރަ އަކްމަލްއަށް ދިއްކޮއްލިއެވެ. ” ވެޑިން ކާޑްސް ނިމުނީތަ..” ސިޓީ އުރައިގައި ހިފަމުން އަކްމަލް އަހައިލިއެވެ.

 

” ޙަޔާ މީ ކޮންތާކުން ހޯދި..” އަކްމަލްގެ މޫނުމައްޗަށް އަރައިފައިބަމުން ދިޔަ ކުލަވަރު ފަރުވާތެރިކަމާއި އެކު ބަލަން ޙަޔާ ހުއްޓެވެ. މީހާ ނުތަނަަސްވެ މޫނުމަތީ ދާހިއްލަން ފެށިއެވެ. އަކްމަލްގެ ސިއްރު ފަޅައެޅުމުން ހާސްވީއެވެ.

 

” ކިހިނެއްވީ އަކްމަލް.. ތީ އަހަންނަށް އެނގިގެން ނުވާނެ ކަމެއްތަ.. އަހަންނަށް އެނގޭކަށް ނުޖެހޭތަ އަހަންނަށް މެރީ ކުރަން މިއުޅެވެނީ މީހެެއްގެ ފިރިއަކާކަމެއް.. ކިހާ ދުވަހަކު އަހަންނަށް ތިކައިވެނި ސިއްރެއްގެ ގޮތުގައި ބާއްވަން ހިތުލައިގެން އުޅުނީ.. އަހަންނަށް ބޭވަފާތެރިވެފަ އަދި ޖެހޭތަ ތިވަރުގެ މަކަރެއް ހަދަން.. ރީތިކޮށް ބުނިނަމަ މިހާރު ލޯތްބެއް ނުވެއޭ.. ކުރިން ބުނިނަމަ މިއަދު މިހިތަށް މިވާ ތަދަށްވުރެ ކުޑަވިސްކަން ނޭންގެ. ކައިވެނިކޮށް ދަރިއަކު ލިބުނު އިރުވެސް އަހަރެންނަށް ރޭކާވެސް ނުލާ.. ކީއްވެ މިހުރިހާ ދުވަހު އަހަރެން އަދިރިކަމެއްގެ ތެރޭގަ ތިބެހެއްޓީ.. ކީއްވެ އަހަންނަށް އިންތިޒާރު ކުރާނަމޭ ކިޔާފަ ދޮގުހެދީ.. ކީއްވެ އަކްމަލް އަހަންނާއި ދޭތެރޭ ތިގޮތަށް ކަންތައް ތިކުރީ.. އަހަރެންގެ ކުށަކީ ކޮބާ.. އަހަރެންގެ ލޯބީގެ އެއްވެސް އަގެއް ނެތީތަ. 12 އަހަރު ދުވަހު އެކީގައި އުޅުމައްފަހު އަކްމަލްއަށް އަހަންނާއި ދޭތެރޭ ތިގޮތަށް ކަންތައް ކުރަން ކެރުނީތީވެސް އަހަރެން ހަމަ އަޖައިބުވެއްޖެ.. ތީތަ އަހަރެން ދެކެވީ ލޯތްބަކީ.. ކީއްވެ އަހަންނަށް ބޭވަފާތެރިވޭ. އަހަރެންގެ ވަފާތެރިކަމުގެ ބަދަލު ދޭން އެނގުނު ގޮތަކީ ތީއީތަ..” ޙަޔާގެ ޝަކުވާތަކުގެ އަޑުއަހަން އަކްމަލްއަށް ކުށްވެރިއެއް ހުރެވުނެވެ. އަކްމަލްއަށް ޙަޔާއާއި ދޭތެރޭ ކަންތައް ކުރެވުނީ ރަގަނޅަށް ނޫންކަން ގަބޫލުކުރެވޭތީއެވެ. ޙަޔާ އަކްމަލްގެ އެތަނުން ދާން ހިނގައިގަތުމުން އަކްމަލް ނުދާށޭ ބުނެ ޙަޔާގެ ކުރިމައްޗަށް އެރިއެވެ.

 

” ބޭބީ ޕުލީޒް އެހަށް އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ.. އަހަރެން ލޯބިވާ މީހަކު ތިނޫނީ ނުހުންނާނެ. އަހަންނަށް އިތުބާރުކުރޭ.. ދުވަހަކުވެސް މިހިތުގައި ޙަޔާއަށް ދެވިފައިވާ މަގާމު އެހެން މީހަކަށް ނުދެވޭނެ.. އަހަރެން ތަނާލްއާއި ކައިވެނި ކުރީ ހަމައެކަނި ވަޒީފާގެ ކުރިއެރުން ބޭނުންވާތީ..ލޯތްބަކުންނޫން.” އަކްމަލްގެ ކުރިމަތީގައި ރޮއި ގިސްލަމުން ދިޔަ އަންހެން ކުއްޖާގެ އަތުގައި ހިފަން މަސައްކަތް ކުރަމުން އޭނާ ބުންޏެވެ.

 

” ހަބަރުދާރު ތިމުޑުދާރު ދެއަތުން އަހަރެން ގައިގަ އަތްނުލާތި.. އަދި މީގެ ފަހުން ތިދުލުން އަހަރެން ދެކެ ލޯބިވެޔޭ ނުބުނާތި.. ތީ ލޯތްބަކީ ކޮބައިކަން އެނގޭ މީހެއްނޫން..މިހާރު ތީ އަހަރެން ލޯބިވި އަކްމަލް އެއްވެސް ނޫން.. އަހަރެންގެ އަކޫއަކީ ތިހާ ޗީޕްމީހެއް ނޫން.. އަކޫ ނުޖެހޭނެ ފައިސާއަށް މީހަކާއި އިންނާކަށް.. އެއައްވުރެ އަކޫ މާ ގާބިލްވާނެ.. އަމިއްލަ މަސައްކަތުން ނޫނީ ކުރިއަރާކަށް ބޭނުމެއްނުވާނެ..ތިހާ ހަސަދަވެރިއެއް ނުވާނެ..ތަނާލްގެ އޮތީ ކޮން ކުށެށް އަކްމަލް.. ތަނާލް އަކްމަލް ދެކެ ވާ ލޯބީގެ ނާޖައިސް ފައިދާ ތިނަގަނީ.. ތީ އަހަރެން ދަންނަ މިހެއްނޫން..ތީ އަހަންނަށް ނެތް މީހެކޭ އެއްފަދަ. ދެން އަހަރެން ހޯދަން ނޫޅޭތި.. އަހަރެން އަކްމަލްއަށް ނަފްރަތުކުރަން..” ޙަޔާ އެތަނުން ދިޔައިރުވެސް ބަލަހައްޓައިންގެން ހުރެވުނީއެވެ. ބުނާނެ އެއްޗެއް ދައްކާނެ އިތުރު ބަހަނާއެއް ނޭންގޭތީއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ޙަޔާ އޭނާއަށް ގެއްލިދާނެ ކަމުގެ ބިރު އެހިތުގައި އުފެދުނެވެ.

 

ގެޔަށް ދިޔުމުގެ ބަދަލު ޙަޔާ ދިޔައީ ރަސްފަންނު ކައިރީގައި ހުންނަ ސުނާމީ ބިނާއަށެވެ. ބޯކޮށް ވާރޭ ވެހޭތީ އެތަނުގައި އެއްވެސް މީހަކު ނެތެވެ. އަތުގައި އޮތް ކުޑަ މަޅައިލުމަށްފަހު ޖޯއްޔެއްގައި އިށީނީ ވެހުމުންދާ ވާރޭއިން ލޮލުން ފައުބަމުންދާ ކަރުނަތައް ފުހެލުމަށެވެ. ޙަޔާގެ އުފާވެރި ދިރުއުޅުން ބަދަލުވެގެން އެދިޔައީ ހީވެސް ނުކުރާހާ ގޮތަކަށެެވެ. ގެއްލިގެން އެދިޔައީ ފުރަތަމަ ލޯތްބެވެ. ދުވަހަކުވެސް ޙަޔާއަށް ދެރައެއް ނުދޭނެ ކަމަށް ދެކެވުނު މީހާ އޭނާގެ ހިތް މުޅިން ކުދިކުދި ކޮއްލައިފިއެވެ. އަކްމަލްގެ ބަދަލުވެފައިވާ މިޒާޖު އެނގުމުން އަދިވެސް ޙަޔާ ހުރީ ގަބޫލުނުކުރެވިފައެވެ. އެހާ ބޮޑު ބަދަލެއް އަކްމަލްއަށް އައި ސަބަބެއް ނުވިސްނުނެވެ. ބާޙްތް ބުނާހެން ހަމަ ހުރިހާ ފިރިހެނުންނަކީ އެއްކަހަލަ ބައެއް ހެއްޔެވެ. ޙަޔާގެ އަކްމަލްއަކީ ތަފާތު މީހެއް ކަމުގައި ޙަޔާ އަބަދުބެސް ބުނަމުން އައީ ފަހުރުވެރިކަމާއި އެކުގައެވެ. ޙަޔާގެ ހަނދާންތައް މީގެ ތިން އަހަރު ކުރިޔަށް ދަތުރުކޮއްލިއެވެ.

 

އާދައިގެ މަތިން ޙަޔާ ކުލާސްތައް ނިމިގެން ހޮސްޓެލް ރޫމަށް އައިސް އެންމެ ފުރަތަމަ އޭނާގެ މަންމައަށް ގުޅައިލިއެވެ. 15 ވަރަކަށް މިނިޓް ހަނީފާއާއި ވާހަކަ ދައްކައިލުމަށްފަހު ވައިބާއިން އަކްމަލްއާއި ދެމީހުންގެ ކޮންވަޒޭސަން ހުޅުވައިލިއެވެ. ހަފްތާއެއްގެ ތެރޭ ޙަޔާ ކުރި އެއްވެސް މެސެޖްއަކަށް ޖަވާބެއް ނުދީ އަކްމަލްއަށް މިއަދުވެސް މެސެޖްކޮއްލިއެވެ. އޭނާގެ ދުވަސް ދާ ގޮތް ކިޔައިދިނުމައްފަހު އަކްމަލް ރިޕްލައި ނުކުރާތީ ޝަކުވާވެސް ކޮއްލިއެވެ. އޮންލައިންގައި ހުރެ ގުޅީމައި ފޯންވެސް ނުނަގާތީ ޙަޔާގެ ހިތްވަނީ ނޭންގޭ ބިރުވެރިކަމެއްގެ ތެރޭގައެެވެ. އަކްމަލްެއަށް ކަމެއް ވެއްޖެ ކަމަށް ހިތް ބުނަމުން ދިޔައެވެ.

 

” އަނެއްކާ ރޮނީތަ..” އެނދުމަތީގައި ދެފައި ވަތް ކޮއްލައިގެން ރޯންއިން ޙަޔާ ފެނުމުން ފާހާނާއިން ނިކުތް ބަޙްތް ބުނެލިއެވެ.

” ބަޙްތް އަހަންނަށް ހީވަނީ އަކޫއަށް ކަމެއް ވެއްޖެހެން.. އެހެންނޫނީ އަކޫ އަހަރެން އިގްނޯރ އެއް ނުކުރާނެ.. އަކޫ ދުވަހަކުވެސް މިގޮތަށް އަހަރެން އިގްނޯރ އެއް ނުކުރޭ.. އަހަރެން ކިހިނެއް ހަދާނީ ދެން.. އަކޫއަށް ކަމެއް ވެއްޖިއްޔާ އަހަރެން ކިހިނެއް ހަދާނީ..”

 

” ޙަޔާ ތިހާ މައުސޫމް ނުވެބަލަ. ގެޓް ދަ މެސެޖް ބުރޯ.. އޭނަ މިހާރު ޙަޔާ މަތިން ފޫހިވީއޭ.. ފިރިހެނުންނަށް ލޯންގް ޑިސްޓެންސް ރިލޭސަންޝިޕް ހޭންޑަލްއެއް ނުކުރެވޭނެ.. ޔަގީން މިހާރު އޭނަގެ ނިއު ގާލްފުރެންޑެއް ހުންނާނެ..ފިރިހެނުންނައްޓަކައި ތިގޮތަށް ކަރުނަ އަޅައި ރުއިމަކީ މޮޔަކަމެއް.. އެެއި ހިތްހަރު ނަލަފާ ބައެއް.. އަހަރުމެންގެ އިހްސާސްތަކަކަށް އެމީހުން ނުބަލާނެ..” އެކުވެރިޔާއަށް ނަސޭހަތް ދެމުން ބަޙްތް ދިޔައެވެ

 

” ބަޙްތް ކީއްވެތަ އަބަދު ތިހެން ކިޔަނީ.. ހުރިހާ ފިރިހެނުން ބަޙްތްގެ އެކްސްހެނެއް ނުވާނެ.. އަދި އަމުދުން އަހަރެން އަކޫ އެހެނެއް ނުވާނެ.. އެޔައްވުރެ މާ ބޮޑަށް އަކޫ ޙަޔާ ދެކެ ލޯބިވާނެ..” ޙަޔާ އެހެން ބުނުމައްފަހު ތެދުވެ ގޮސް ފާހާނައަށް ވަނީ އިތުރަށް ބަޙްތް ކިޔާ އެއްޗެއް އަޑު ނާހަންވެގެންނެވެ.

 

” ޙަޔާ އަހަރެން ފައިބައިގެން ތި ފޯނު ފުޑާނުލަނިސް ތިފޯނު ނަގާބަލަ..” ނިދިފައި އޮތް ބަޙަތްއަށް ހޭލެވުނީ ޙަޔާއަށް ފޯންއެއް އަންނަ އަޑަށެވެ.

 

” ބަޙްތް ކީއްވެތަ ކުރިން ނުގޮވީ..އަކޫގެ ކޯލްއެކޭ އެމިސްވީ..” ޙަޔާއަށް ހޭލެވުމުން ބަޙްތްއާއި ދިމާއަށް ހަޅޭލަވައިގަތެވެ. ” ޔޫ ކޭން ކޯލް ހިމް ބެކް ބުރޯ.. އަހަންނާއި ލައިގެން އަކޫއާއި ދިމާއަށް ހަޅޭލަވައިލާތި..”

 

” ކީކޯ ބުނީ..” ޙަޔާ ފޯން ބާއްވާނެ އިރެެއްގެ އިންތިޒާރުގައި ހުރި ބަޙަތް އަހައިލިއެވެ. ” ބިޒިނެސް ޓްރިޕްއަކު ރާއްޖޭން ބޭރަށް ދާން ޖެހުނީ އޯ.. މާ ބިޒީކޮއް އުޅެން ޖެހުނީމަ ޓައިމް ނުވީޔޯ.. ރިޕްލައިވެސް ކޮއްނުލާ ރޫމްއަށް އަންނަ ގޮތަށް ވަރުބަލިވެފަ ހުންނަ ވަރުން ނިދެނީޔޯ..ވަރަށް ދެރަވެފަ ހުރީ އެގޮތަށް ކަންތައް ކުރެވުނީމަ..ދެން އެހެން ނަހަދާނެ ކަމަށް ވައުދުވީ.. އަހަރެން ބުނީމެއްނު އަކޫ އަހަރެން ދެކެ ވަރަށް ލޯބިވާނެ.. ދުވަހަކުވެސް އަހަންނަށް ދެރައެއް ނުދޭނެ.. ” ޙަޔާ ވާހަކަ ދައްކަމުން ދިޔައިރު އެމޫނުމަތިން ފެންނަނީ އުޖާލާކަމެވެ. ބޮޑު އުފަލެއް ލިބިގެން އުޅޭ މީހެއް ފަދައެވެ.

 

” އައިމް ހެޕީ ފޯ ޔޫ ޙަޔާ.. އަހަރެންވެސް ބޭނުމެއްނޫން ޙަޔާއަށް ދެރައެއް ލިބޭކަށް. އަހަރެންވެސް އެދެނީ އަކްމަލް އެ ފިރިހެނާއާއި ތަފާތުވުން..” ބަޙްތް އެހެން ބުނެފައި އަނެއްކާވެސް ނިދަން އޮށޯތެވެ. ހަވީރު ބަޙްތްއާއި ދިމާއަށް ކިޔުނު އެއްޗިއްސާއި މެދު ޙަޔާއަށް ވިސްނާލެވުނީދެނެވެ. ބަޙްތްއަކީ ލޯބީގައި ނާކާމިޔާބު ލިބިފައިވާ ކުއްޖެކެވެ. ބަޙަތްގެ ފުރަތަމަ ލޯބި އޭނާއާއި ވަކިވީ ބަޙްތް ކިޔަވަން ފުރަން ތައްޔާރުވަމުން ދަނިކޮށެވެ. ލޯންގް ޑިސްޓެންސް ރިލޭސަންޝިޕެއްގައި އުޅެން ބޭނުންނުވާ ކަމަށް ބުނަމުންނެވެ. ހެނދުނު ހޭލައިގެން މާފަށް އެދޭނީ އޭ ހިތުލައިގެން ޙަޔާވެސް ނިދަން އޮށޯތެވެ.

 

މިހާރު

 

ނޭންގިނަމަވެސް ބަޙްތްއަށް ބުނެވުނީ ހަގީގަތެއް ކަމަށް ޙަޔާއަށް މިއަދު ގަބޫލުކުރެވުނެވެ. އެއްވެސް މީހަކަށް އެހާ އިތުބާރުކުރަން ނުވާނެކަންވެސް ގަބޫލުކުރެވިއްޖެއެވެ. ދެން އެއްވެސް މީހަކަށް އިތުބާރުކުރަން އަޒުމް ކަނޑައަޅައި ޙަޔާ ގެޔަށް ދިޔުމައް އަވަސްވެގަތެވެ. އޭނާގެ މައިންބަފައިން ކަންބޮޑުވެފައި ހުންނާނެވަރު އެނގޭތީއެވެ. ގެޔަށް ގޮސް އަކްމަލްއާއި ދެމީހުންގެ ކައިވެނި ކެންސަލްކުރި ހަބަރު ޙަޔާ ދިނެވެ. ޙަނީފާގެ މޫނުމަތިން އެކަމާއި އުފާކުރަން ޙަޔާއަށް ނަގައި ގަނެވުނު އިރު އޭނާގެ ބައްޕަގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމެވެ.

 

އަކްމަލް ގެޔަށް އައިއިރު ތަނާލް އިނީ އެދެމީހުންގެ ދަރިފުޅު ނިންދަވާށެވެ. ތަނާލް ފެނުމާއި އެކު އަކްމަލްގެ ހިތުގައި ރުޅިވެރިކަމުގެ އަލިފާން ރޯވަމުން ދިޔައީ ޙަޔާއަށް އެދެމީހުންގެ ކައިވެނީގެ ވާހަކަ ކިޔައިދިނީ ތަނާލްކަން އެނގޭތީއެވެ. ތަނާލްވަނީ މީގެ ކުރިން ޙަޔާއަށް ހަގީގަތް ކިޔައިދޭން މަސައްކަތް ކޮއްފައެވެ. އެތައް ފަހަރު އަކްމަލް ކައިރީގައި އެކަން ހުއްޓުމަށް އެދިފައެވެ.

 

” ހިތުން ވަރަށް މޮޅުކަމެއް ކޮއްފަ ދޯ އައިސް ތިއިނީ.. ތަނާލްއަށް ހީވަނީތަ އަހަރެން ޙަޔާ ދޫކޮއްލަފާނެ ހެން.. ދުވަހަކުވެސް އަހަރެން ޙަޔާ ދޫކޮށެއް ނުލާނަން.. ” އަކްމަލް ހަޅޭތްލަވައިގަތުމުން ނިދި ނިދި އޮތް ތުގާ ދިޔައީ ސިއްސައިގެންނެވެ.

 

” މާލް ބޭބީ ނިދީމަ ތަންކޮޅެއް ހަމަޖެހިގެން ތިވާހަކަ ދައްކަން މަޑުކޮއްލަންވީނު.. މިއަދު މެންދުރުވެސް ރަގަނޅަށް ނުނިދާ އުޅުނީ..” ހިތް ހަލާކުވެފައިވާ ހާލުގަވެސް ތަނާލް ބެލީ އަދިވެސް ކެތްކުރެވޭތޯއެވެ. އަކްމަލް ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

 

” އެއީ އަހަރެންގެ މައްސަލައެއް ނޫން.. ތަނާލްއަކަށް ނުޖެހޭނެ ގޮސް ޙަޔާއަށް އަހަރެމެންގެ ކައިވެނީގެ ވާހަކަ ކިޔައިދޭކަށް.. ދުވަހަކުވެސް އަހަރެން ޙަޔާ އެހާ ދެރަވެ މާޔޫސްވެފައި ހުރި ތަނެއް ނުދެކެން.. މީ ހުސް ކަލޭގެ ސަބަބުން ވީ ކަންތައް ..” ފަހަރަކަށްވުރެ ފަހަރެއް އަކްމަލްގެ އަޑު ދިޔައީ ބާރުވަމުންނެވެ.

 

” ޙަޔާއަށް އެހާލު ޖެއްސީ އަހަންނޭ ތަ ތިބުނީ.. އަހަރެންތަ އެފަކީރަށް އޮޅުވާލީ.. ކިހާ ދުވަހަކު ޙަޔާ އަދިރީގަ ބަހައްޓައިގެން އުޅެން ހިތުލައިގެން އުޅެނީ.. ކޮންމެސް ދުވަހަކުން ޙަޔާއަށް އެނގޭނެ ހަގީގަތެއް މީ.. އަހަރެން އުފާކުރަން އަހަންނަށް ޙަޔާ ކައިރިއަށް ދެވުނީމަ.. ދިޔައީ އަހަރުމެން ދެމީހުންގެ ދެމެދުގައިވާ ހުރަހެއް ކަމަށް ހީކޮށް.. އެކަމަކު އެފަކީރަށް އެކައްޗެއްވެސް ނޭންގެ.. އަކްމަލް ތީ ހާދަ އަމިއްލަ އެދުން ބޮޑު މީހެކޭ..” ތަނާލް ރޮމުން ދައްކަމުން ދިޔަ ވާހަކަތަކުން އަކްމަލް ރުޅި ދިޔައީ އިތުރު ވަމުންނެވެ.

 

” އަހަރެން ކުރިމަތީ ޖަދަލު ކުރަން ނޫޅޭ މާ މާތް މީހަކަށްވެގެން.. އަހަންނާއި ޙަޔާއާއި ދޭތެރަށް ވަނީވެސް ތަނާލް.. ޙަޔާއެއް ނޫން އަހަރުމެންގެ ދޭތެރަށް ވަނީކީ.. ތިމާގެ މުއްސަނދިކަމުގެ ދަޅަ ދައްކައިގެން އަހަރެން މިމަޅީގަ ޖެއްސީ ތަނާލް.. އަހަރެން ވާހަކަ ވަރަށް ކަނުލާ އަޑު އަހާ.. ކަލޭ ދޫކޮއްލާން ޖެހުނަސް އަހަރެން ޙަޔާ އަހަރެންގެ އަތުން ބީވިއަކަ ނުދޭނަން.. ” އަކްމަލް އެހެން ބުނުމައްފަހު ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

 

“މާލް ޕުލީޒް އަހަރެން ދޫކޮއްނުލާތި.. އަހަރެން މާލްދެކެ ވަރަށް ލޯބިވޭ.. އަހަންނަކަށް ނޭންގެޔޭ އޭރު މާލްގެ ލައިފްގަ އެހެން މީިހަކު ހުރި ކަމެއް.. މާލް އަހަރެން ކައިރިއަކު ނުބުނަމެއްނު.. ދެން ކީއްވެ ތިހުރިހާ ކަމެއް އަހަރެން ބޮލުގަ ތިއަޅުވަނީ.. އަހަރެން ގަސްދުގައެއް ނޫނެއްނު ތިދެމީހުން ދޭތެރަށް ވަނީކީ.. އަހަންނަށް އިނގޭ މާލްވެސް އަހަރެން ދެކެ ލޯބިވާކަން.. އެހެންނޫންނަމަ މާލް އަހަންނާއި ގުޅެންވީ ކީއްކުރަން..” އަކްމަލްގެ އަތުގައި ހިފައި ހުއްްޓުވަމުން ތަނާލް ވާހަކަ ދެއްކިއެވެ. ގިސްގަހަޖަހާފައި ރޮމުންނެވެ. ނަމަވެސް އެކަރުނަތަކުން އަކްމަލްގެ ހަރު ހިތަށް އަސަރެއް ކުރާނެ ހެެއްޔެވެ.

ތިކުރެވެނީ ކުށްހީއެއް.. އަހަރެން އެއްވެސް އިރަކު ތަނާލް ދެކެ ލޯތްބެއް ނުވަން.. ކުރިންވެސް އަދި މިހާރުވެސް އަހަރެން ލޯބިވަނީ ޙަޔާ ދެކެ.. މިހިތުގައި ޙަޔާއަށް ދެވިފައިވާ މަގާމް ދުވަހަކުވެސް ތަނާލްއަކަށް ނުލިބޭނެ.. އެމަގާމު ހޯދަން މަސައްކަތް ކުރުމަކީ ކުރެވޭ ބޭކާރު ކަމެއް..” ތަނާލްގެ އަތް ނައްޓުވާފައި ކޮޓަރިން ނިކުމެގެން ދިޔައީ އެންމެ ފަހަރަކުވެސް ތަނާލްއާއި ދިމާލަށް ބަލައިވެސް ނުލައެވެ.

 

 

 

 

 

 

 

 

 

 

8

1 Comment

  1. Butter

    October 17, 2021 at 3:01 pm

    Here is the 4th part of the story. I’m having a really busy days at work so I can’t say when I can upload the next one. I will try to upload as soon as I can. Hope you enjoy this part.

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!