އެއް އަހަރު ފަސް

މިއަދު އަހަރެންގެ ދިރިއުޅުން މީގެ އެއް އަހަރު ކުރިއާ ވަރަށް ތަފާތެވެ. އަހަރެންގެ ޑިޕްރެޝަނައް މިވަނީ އެތައް ލުޔެއް ލިބިފައެވެ. އަހަރެންގެ ހިތާމަތައް މިހާރު މިވަނީ ފަނޑުވެފައެވެ. ސަބަބެއްނެތި ހިތައް ވަންނަ ބިރުތަކައް އަހަރެން މިހާރު ޖާގައެއް ނުދެމެވެ. އަހަރެންގެ ހިތައް ހެރިފައިވާ ތީރުތައް އަހަރެން މަޑުމަޑުން ނަގައި އުކައިލާފީމެވެ. އެ ޒަހަމްތަކައް ﷲގެ ހެޔޮ ރަހުމަތުން މިހާރުވަނީ ފަރުވާ ލިބިފައެވެ. ނަމަވެސް މިއީ ހުއްޓުމެއް ނެތި ކުރި ބުރަ މަސައްކަތުގެ ނަތީއްޖާއެވެ. ކަމެއް ކުރަންވީ ގޮތް އެނގުމާއި އެކަމެއް ކުރުމާއި ދެމެދު ވަރަށް ތަފާތު އެބަހުއްޓެވެ. ކަމެއް އެނގުނު ނަމަވެސް އެ އެނގުނު ކަންކަމައް އަމަލު ނުކުރާނަމަ އެ އެނގުނު އެއްޗެއްގެ ފައިދާ އެއް ނުކުރާނެއެވެ.

އަހަރެން މިހާރު ދުވަސްފަށަނީ ފަތިސް ނަމާދައްފަހު އަދި ޤުރުއާން ކިޔެވުމައްފަހު، ﷲ އަށް ޙަމްދުކުރާ އަދި ޝުކުރުކުރާ، މަދުވެގެން ފަސްކަމެއް، އަހަރެން އެކަމައް ހާއްސަކޮށްފައިވާ ނޯޓް ފޮތެއްގައި ލިޔަމުންނެވެ. އަހަރެންގެ ކުރީގެ ހާލަތަކީ ހިތާމަތަކައް ފޯކަސް ކުރެވިފައިވާލެއް ބޮޑުކަމުން އިތުރުކަމެއް ލޮލައް ނުފެނުމެވެ. މިހާރު ލިބޭ ކުދިކުދި އުފާތައް ހަނދުމަކުރަން ފެށުމުން އިޙްލާސްތެރިކަމާއިއެކު ﷲ އަށް ޙަމްދު ކުރެވި އެކަލާނގެ ލޯތްބާއި، އޯގާވަންތަކަން ހިތައްވަދެ ހިތްހަމަ ޖެހުން ލިބެއެވެ. މި ހިތްހަމަ ޖެހުން ހިތާމަތައް މަތިން ހަނދުމަ ނައްތާލައެވެ. އަދި އެކަލާނގެ އަށް އިތުބާރު ކުރެވޭލެއް ބޮޑުކޮށްދެއެވެ. އަދި ބައެއްފަހަރު ހިތާމައެއް ލިބޭ ފަހަރުތަކުގައި ހިތައް އުނދަގޫވަނަމަވެސް އަހަރެން އެ ނޯޓްފޮތުގެ ކުރީގެ ގަނޑުތައް ކިޔާ އެކަލާނގެ ދެއްވާފައިފާ ނިޢުމަތްތައް ހަނދާންކޮށް ހިނިތުންވަމުއެވެ. އެ އުފާތައް މަތީން ހަނދާންކުރުމުން، އެކަލާނގެ އަހަރެން ނިކަމެތިކޮށް ދެރަކޮށްނުލާނެކަމުގެ ޔަޤީންކަން ބޮޑުވެ، އެކަލާނގެ ރޭއްވުންތެރިކަމަށް އިތުބާރު ކުރެވި ހިތްހަމަ ޖެހުންލިބެއެވެ. ކޮންމެ ހާލެއްގައިވެސް އެކަލާނގެ އަހަރެންނާއިއެކު ވާނެކަމުގެ ޔަޤީންކަން ހުރިހާ ހިތާމަތަކެއްގެ ފަރުވާއަކައްވެދެއެވެ.

އަދި އިޙްލާސްތެރިކަމާއިއެކު ނަމާދުކުރަން އާދަކުރުމުންވެސް ހަމަ އެގޮތައް އެ ހިތްހަމަ ޖެހުންތައް ނަފްސައް ލިބެއެވެ. ނަމާދުގައި ޙުޝޫއަތްތެރި ވުމަށް އަހަންނައް އެންމެ ބޮޑައް ފަސޭހަވީ ﷲގެ ސިފަފުޅުތައް ދަސްކޮށް އެކަންކަން ހަނދާންކުރުމުންނެވެ. އަދި ނަމާދުގައި ކިޔާތަކެތީގެ މާނަ އެނގި އެކަލާނގެއަށް އިޙްލާސްތެރި ކަމާއެކު ދުޢާ ކުރުމުންނެވެ. އަދި ޝައިޠާނާގެ ވަސްވާސްތަކުން އުނދަގޫވާނަމަ ވަގުތުން އެކަމުން ސަލާމަތްތެރި ކޮށްދިނުމަށް ﷲގެ ކިބަފުޅުން އެދެނީއެވެ.

އުސްތާޒާ ބުނުއްވި ފަދައިން ގިނަގިނައިން ޒިކުރު ކުުރުމަކީ ޝައިޠާނާގެ ވަސްވާސްތަކުން މީހާ ދުރުކޮށްދީ ގިނަ ވަގުތު ﷲ މަތިން ހަނދުމަކޮށްދޭ ކަމެކެވެ. އެހެންކަމުން އެންމެހާ ނުބައި ކަންކަމުންވެސް މީހާ ދުރުކޮށްދީ މީހާގެ އަޙްލާޤް ރަނގަޅު ވުމަށް ބާރުލިބޭ ކަމެކެވެ. އަދި އެކަމުގެ ސަބަބުން އިންސާނުންގެ އިޙްތިރާމާއި ލޯބި ލިބޭލެއްވެސް އެތައްގުނައެއް އިތުރުވިއެވެ.

މިހާރުވެސް އިމްތިޙާންތަކާއި ކުރިމަތިވެއެވެ. ހިތާމަތައް މެދުވެރިވެއެވެ. ނަމަވެސް އެކަންކަމާއި ކުރިމަތިލާން ކުރިއަށްވުރެ ފަސޭހައެވެ. ކުރިއަށްވެދާނެ ކަމަކާއިމެދު ބިރުގަތުމެއް ނެތި، ﷲއަށް އިތުބާރުކުރުމުން ހިތާމަތަކައް ލުއި ލިބެއެވެ.

ކުރިން އަހަރެންގެ ހާލަތަކީ ހިތާމަތައް ނޫން ކަމަކައް ފޯކަސް ނުކުރެވުމުގެ ސަބަބުން، ކޮންމެ ކަމެއްވެސް ނެގެނީ ނުބައިގޮތްގޮތަށެވެ. މީހަކު ހީލިއަސް އަހަންނަށް ހީވަނީ އަހަންނަށް މަލާމަތްކުރާހެންނެވެ. ދަރިންގެ ވާހަކަދެއްކުން މަދުވިޔަސް އަހަންނައް ވިސްނުނީ އެއީ އަހަރެންދެކެ ކޮންމެވެސް ކަމަކާއި ހިތްހަމަ ނުޖެހިގެން އުޅެނީކަމަށެވެ. ދެން އެކަންކަމާއި ވިސްނާ ރޮވޭގޮތްވަނީއެވެ. އަމިއްލަ ނަފްސައް އިތުބާރު ނުކުރެވުނުތާގައި، އެހެންމީހަކުވެސް ރުހުމުގެ ލޮލުން އަހަންނައް ނުބަލާނެ ކަމައް ޤަބޫލުކުރެވުނީއެވެ. އަދި އަހަންނައް ހެޔޮ އެދޭ އެކަކުވެސް ނުވާ ކަމައްވެސް ޤަބޫލުކުރެވުނީއެވެ.

އެހާލަތައް އަހަރެން ދިއުމުގާ ހަމައެކަނި އެހެން މީހުން ކުއްވެރިކުރުމަކީ މިހާރު އަހަރެން ކުރާނޭ ކަމެއް ނޫނެވެ. ނަމަވެސް އަހަރެން އެހެން މީހުންނަށް ދޭން ބޭނުންވާ ނަސޭހަތަކީ އެފަދަ ބޮޑު ހިތާމަތަކައް މީހަކު ވެއްޓެން ބައެއް ފަހަރު އެންމެ ދުވަހެއްގެ އެންމެ ހާދިސާއެއްވެސް ވަރަށް ބޮޑު ރޯލެއް ކުޅެއެވެ. ވީމާ ތިމާ ލޯބިވާ މީހުންނާއި ދޭތެރޭގައި ތިބާއަށް ވީހާވެސް ރަނގަޅައް އަމަލު ކުރުމަކީ އެމީހުންނަށްވެސް އަދި ތިބާޔައްވެސް ލިބޭނޭ ހެވެކެވެ.  އާޚިރަތް ދުވަހުގައި ތިބާޔާއި ސުވާލުކުރެވޭނީ ތިބާގެ އަމަލު ތަކާއިމެދުގައެވެ. އޭނާ ތިބާޔާއިމެދު ކަންތައްކުރީ ކިހިނެއްކަމާއިމެދަކު ނޫނެވެ. އަދި ހެޔޮކަމުގެ ބަދަލުގައި ލިބެންއޮތީވެސް ހެޔޮ ދަރުމަކަން ޔަޤީނެވެ.

ބައެއް ފަހަރު އަހަރެމެންނައް އަހަރެމެންގެ އަމަލުތަކާމެދު މާބޮޑައް ވިސްނުމެއްނެތި މުޅިންވެސް ވިސްނެނީ އޭނާ އެހެން އެކަން ކުރީ ކީއްވެކަމާއިމެދުގައެވެ. އަދި ހިތާމަކުރެވެނީވެސް އޭނާ އަހަންނާއިމެދު އަމަލުތައް ބެހެއްޓި ގޮތާއިމެދުގައެވެ. އަހަރެންނައްވެސް ހިތާމައަކައްފަހު ހިތާމައެއްގެ ކަނޑުތެރެއަށް ފެތުނީ އެފަދަ އެތައް ހާދިސާއެއްގެ ހިތާމަތަކުންނެވެ. ނަމަވެސް މިއަދު އަހަރެން ވިސްނަނީ އަހަރެންގެ އަމަލުތަކާއިމެދުގައެވެ. ﷲއަށް އުރެދުމެއްވާ ކަމެއް ނުކޮށް، ފާފަތަކުން އެއްކިބާވެ، އަހަންނައް ވީ ވަރަކުން އެހެން މީހުންނައް އެހީތެރިވެދެވޭތޯއެވެ. އެކަން އެހެން ކުރެވޭހާ ހިނދަކު އަހަރެންގެ އަމަލުތައް ރަނގަޅުކަމުގެ ޔަޤީންކަން އަހަންނައް އޮވެއެވެ. ވީމާ އެހެންމީހަކު ގޯސްކޮށް އަމަލު ކުރުމުން އެއީ އެމީހެއްގެ އުނި ސިފަކަން ވިސްނާ، އެކަމައް ހިތާމަ ކުރުމުގެ ބަދަލުގައި، އެމީހަކައް ހެޔޮދުޢާ ކޮއްދެވޭތޯ ބަލަމެވެ. އެމީހަކައް ހެޔޮ ވިސްނުން ދެއްވާތޯ އަދި އެމީހެއްގެ އެ ހިތްހަމަނުޖެހުން ދުރުކޮށްދެއްވާތޯއެވެ. ޔަޤީނުންވެސް އިސްލާމްދީނަކީ ހެޔޮ އަމަލުގެ ދީނެވެ. އެކަލާނގެ ކުރުމަށް އަންގަވާ އަދި ބާރު އަޅުއްވާފައިވާ ކޮންމެ ކަމަކީވެސް އެކަމަކުން އިންސާނުންނައް ދުނިޔެމަތީގަޔާއި އާޚިރަތުގައިވެސް އެތައް ހެވެއް ލިބޭނެ ކަންކަން ކަން ޝައްކެއްނެތެވެ.

މީގެ އަހަރެއްކުރިން އަހަރެމެން ބައިވެރިވި އެ ނަފްސާނީ ބަލިތަކާއިބެހޭ ވާރކްޝޮޕަކީ އަހަރެންނައް އަހަރެންގެ ހިތާމަތަކުގެ ފުން ކަނޑުން ނިކުންނާނޭގޮތް ދަސްވި ވާރކްޝޮޕެވެ. އެއީ ދިރިއުޅުމުގެ އެތައް ކަމެއް ދަސްވެ، ﷲއާއި އިތުރައް ކުއްތަންވުމަށް މަގުދައްކައިދިން އައްޔެކެވެ.  ވާރކްޝޮޕް ނިންމާލަމުން އެ އުސްތާޒާ ދެއްކެއްވި ވާހަކަތައް މިހާރުވެސް އަހަރެން ރަނގަޅައް ހަނދާން އެބަހުއްޓެވެ. އެ އުޚްތާ ބުނުއްވިއެވެ.

“ދިރިހުރުމަށްކުރާ މި ދަތުރުގައި، ދުނިޔޭގެ ކަންކަމުން ދުރުވެ ހުރުމަކީ އަހަރެމެނައް މިއަދު ކުރަން އެންމެ އުނދަގޫ ކަންތަކެވެ. ބައެއްފަހަރު މިދުނިޔޭގެ ކަނޑުތައް އަހަރެމެންގެ ހިތައް ވަންނަނީ، ދުއްވަމުންދާ ދޯންޏަކައް ކަނޑުގެ ލޮނުގަނޑު ވަންނަ ގޮތަށެވެ. އެކަމުގެ ސަބަބުން އަހަރެމެންގެ ހިތްތައް ހަލާކުވެ ކުދިކުދި ވެދެއެވެ. ދުނިޔޭގެ އެދުންތައް އަހަރެމެންގެ ހިތް މިލްކު ކުރަނީއެވެ. މިކަމުގެ ސަބަބުން ބައެއްފަހަރު އަހަރެމެންގެ ނަފްސާނީ ހާލާތު އެންމެ ގޯސްވެއެވެ. އަމިއްލަ އެދުން ބޮޑުވުމުގެ ސަބަބުން އެހެންމީހެއްގެ ހާލަތައް ނުވިސްނާތާގައި، އަމިއްލަމީހާގެ އަމަލުތަކާއިމެދުވެސް ފިކުރުކުރަން ހަނދާންނެތިދެއެވެ. އަދި ﷲމަތިން އެކީގައި ހަނދާން ނެތިދެއެވެ. އެހާލާތުގައި އެކަލާނގެ މަތިން ހަނދުމަވަނީ ހަމައެކަނި ފުން ހިތާމައަކައް ތިމާ ވެއްޓި އެކަމުން އަރައިނުގަނެވޭ ހާލުގައެވެ.”

“އެެހެންގޮތަކަށް ބުނަނީނަމަ ކަނޑުގެ އެންމެ އަޑިއަށް ނުވަތަ އެންމެ ފުނަށް އަހަރެމެން ވެއްޓުމުންނެވެ. އެހާލާތުގައި އަހަރެމެން ވާއިރު އިހްސާސްވާނީ އެއީ އަހަރެމެންގެ ނިމުންކަމުގައެވެ. އެއީ ކަނޑުގެ އެންމެ އަޑީގެ ހާލަތެވެ. އެއްވެސް ދިރިހުރި އެއްޗެއް އެހިސާބަކަށް ތިބާއަށް އެހީ ދޭކައް ނުދާނެއެވެ. ވިސްނާށެވެ. އަހަރެމެންގެ ހާލާތު އެ ޕޮއިންޓައް ގޮސްފިނަމަ ދެކަމަކާ އަހަރެމެން ކުރިމަތިލާންޖެހޭނެއެވެ. ބޭނުންނަމަ ގެނބިގެން މަރުވަންދެން އެތާގައި މަޑުކުރާށެވެ. ނުވަތަ ހިތްވަރުކޮށްފައި ބުރަ މަސައްކަތާއިއެކު އެނބުރި މައްޗައް އަރާށެވެ.”

“މައްޗައް އެރުމަށްކުރާ މަސައްކަތުން އިތުރަށް މީހާ ވަރުގަދަވެ ތިމާގެ ހިތްވަރާއި، ތަޖުރިބާއިން މުއްސަނދިވާށެވެ. ތިބާ ﷲގެ މަދަދައް އެދެފިނަމަ އެކަލާނގެ ތިބާގެ ހިތައް އަލުން ދިރުން ދެއްވަވާނެކަން ޔަޤީންކުރާށެވެ. ފެންވަދެ ހަލާކުވެފައިވާ އެ ދޯނި، އަލުން އުފެއްދެވުމަކީ އެކަލާނގެ އަށް އުނދަގޫކަމެއް ނޫނެވެ. ތިބާގެ ނިކަމެތިކަން، ތިބާގެ މޮޅުކަމަށް އަދި ހިތްވަރަށް ބަދަލު ކޮށްދެއްވުމަކީ އެކަލާނގެއަށް ނުހަނު ފަސޭހަކަމެކެވެ.  އަދި އެއީ ތިބާގެ ފާފަތައް ފުހެވުމަށްވާ މަގެއްކަމުގައި އެކަލާނގެ ލައްވަވާނެއެވެ. ޠައުބާވެ ﷲގެ މަގައް އެނބުރި އައުމުންލިބޭ އެންމެބޮޑު އަޖައިބަކީ އެއީއެވެ. އަހަރެމެންނަށް އަންގަވާފައިވަނީ އެއީ އޮފެއްކަމަށެވެ. ވީމާ ތިބާގެ ހިތް ހަމައެކަނި ސާފްވާނީކީ ނޫނެވެ. ވިދާ، ބަބުޅާ، ވަރަށް އޮފްއަރާ، ގެނބުމުގެ ކުރިން ތިބާގެ ހިތްވީ ހާލަތައްވުރެ ސާފްވެ މާރީތިވާނެއެވެ.”

“ތިބާ ﷲގެ މަދަދައް އެދޭނަމަ، އިރުގެ އަލި މެދުވެރި ކުރައްވާ އެ އަނދިރި ވެގެންވާ ފުންކަނޑުވެސް އަލި ކުރެއްވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ.”

“އެކަމަކު މި ދުނިޔެ ހުއްޓުމެއްނެތި އޭގެ އެދުންތަކުން އަހަރެމެނަށް ބޮން އަޅަމުން އަންނައިރު އަދި ﷲ އަށް އަޅުކަންކުރާ ފަދައިން ދުނިޔެވީ ތަކެއްޗައް ނުވަތަ މީހުނަށް އަޅުކަން ކުރަން އަންގަމުންދާ ހާލާތުގައި އަހަރެމެން އެ ހިސާބައް ދަތުރު ކުރާނީ ކިހިނެއް ހެއްޔެވެ؟ އެކަލާނގެ މުއުމިނުން ތަފްސީލް ކޮށްދީފައިވަނީ “އަޝްހަދު ހުއްބައްލިﷲ” ގޮތުގައެވެ. ހަޤީޤީ ފަގީރުކަމުން ސަލާމަތްވާން ބޭނުންނަމަ އަހަރެމެން މި ވާންޖެހެނީ އެ ” އަޝްހަދު ހުއްބައްލިﷲ” އަށެވެ. ﷲދެކެ އިންތިހާ ލޯބިވާ ބައެއްގެ ގޮތުގައެވެ.”

“އެކަމަކު އެއީ ކާކުކަން ނޭނގޭ ފަރާތެއް ދެކެ ތިބާއަކަށް ލޯތްބެއް ނުވެވޭނެއެވެ. އަދި ތިބާ ދުވަހަކުވެސް ވާހަކަ ނުދައްކާ ފަރާތެއް ތިބާއަކަށް ދަހެއްވެސް ނުވާނެއެވެ. އަދި އެ ފަރާތުގެ މައްޗަކުން ހަނދާނެއްވެސް ނުވާނެއެވެ. އަހަރެމެން އެކަލާނގެ މަތިން ގިނަގިނައިން ހަނދާންކޮށް އެކަލާނގެ އާއި ވާހަކަ ދައްކަން ޖެހެއެވެ. ”

“އަހަރެމެންތެރެއިން ގިނަ މީހުނަށް ހީވަނީ އަހަރެމެން ކުރަންޖެހޭނެހާވެސް ކަމަކީ، ބޭނުންހާ ގޮތަކަށް އުޅެފައި މަރުވުމުގެ ކުރިން “ލާއިލާހަ އިލަﷲ” ކިޔާލުން އެކަނިކަމަށެވެ. އެކަމަކު ހަޤީޤަތަކީ އަހަރެމެން މަރުވާނީވެސް އަހަރެމެން ދުނިޔޭގައި އުޅުނު ގޮތަކައްކަމެވެ. އަހަރެމެންގެ ހިތުގައި އެ ކަލިމަ ނެތްނަމަ، އަހަރެމެންގެ ދުލަކުން އެ ކަލިމަ ކިޔުމަކަށް ﷲ އިރާދަ ނުކުރައްވަވާނެކަމެވެ. އަހަރެމެންގެ ދިރިއުޅުމުގައި ﷲ އިސް ނުކުރާ މީހަކަށް، މަރުވަމުންދާ ވަގުތަކުވެސް އެކަލާނގެ އިސް ކުރުމަށް އެއްވެސް މީހަކަށް ﷲ ފުރުސަތެއް ނުދެއްވަވާނެކަމެވެ. ވީމާ ﷲދެކެ އިންތިހާ ލޯބިވުމަށްޓަކައި، ހުރިހާ ކަމެއްގައިވެސް އެކަލާނގެ އިސް ކުރަންޖެހެއެވެ. އަދި އަހަރެމެން އެންމެ ނިކަމެތި ހާލައް ވެއްޓުނު ނަމަވެސް އުއްމީދު ކަނޑާނުލާ ﷲގެ މަދަދައް އެދެންޖެހެއެވެ. އަދި އަހަރެމެންގެ ދިރިއުޅުމުގައި އަހަރެމެނަށް ނިދޭ ކޮންމެފަހަރަކުވެސް ﷲގެ ކިބައިން އެހާލާތުން ސަލާމަތް ކޮށްދިނުމަށާއި، އެނބުރި އެކަލާނގެ މަގަށް އައުމަށް މަދަދު ދެއްވުމަށް އެދެންޖެހެއެވެ. އެގޮތައް އަހަރެމެން އަމަލު ކުރާނަމަ ޔަޤީނުންވެސް މަރުވަމުންދާ ވަގުތު އަހަރެމެނަށް “ލާއިލާހަ އިލަﷲ” ކިޔަން ﷲ ފުރުސަތު ދެއްވަވާނެއެވެ.”

މާނަފުން އެބަސްތަކުން އަހަރެންގެ ހިތައް އެތައް އަސަރެއްކުރިއެވެ. އަހަރެންގެ ހިތާމަތަކުގެ އަސްލަކީ ދުނިޔަވީ ހިތްހަމަޖެހުމަށް އިންތިހާއަށް ބޭނުންވުންކަމުގައި ވިސްނުނީތީއެވެ. ﷲދެއްވަވާފައިވާ އެތައް ނިޢުމަތެއް ހަނދާން ނައްތާލެވި ހަމައެކަނި ބަޔެއްގެ ސަބަބުން ލިބެމުންދިޔަ ހިތާމަތަކައް ޣަރަޤުވެވިފައިވިކަން އިހްސާސް ވުމުންނެވެ. ހިތްހަމަޖެހުމަކީ އަބަދުވެސް އުފަލުގައި ހުރުންކަމުގައި ދެކެވުމުންނެވެ. ދުނިޔަވީ ކަންކަމައް އެދުމަކީ އިސްލާމްދީނުގައި މަނާ ކުރާ ކަންކަމެއް ނޫނެވެ. ނަމަވެސް ޙަލާލު، ޙަރާމް އެނގިހުރެ އޭގެ ލިމިޓްގައި ހުރެ، ތިމާގެ އިހްސާސްތައްވެސް ވަކި ހަމައެއްގެ މަތިން ބެލެންސް ކުރުމައްވަނީ އަހަރެމެނައް އަހަރެމެންގެ ލޮބުވެތި ރަސޫލާ ދަސްކޮށްދެއްވާފައެވެ.  ވީމާ ދުނިޔެއަށްވުރެ ގިނައިން އާޚިރަތުގެ ހެވައް އެދުމަކީ އަދި މަސައްކަތްކުރުމަކީ އެކަމުން އެތައް ހިތްހަމަޖެހުމެއް ލިބިދޭ ކަމެކެެވެ. ﷲގެ ލޯތްބާއި ރުހުން ލިބިފައިވާ ކަމުގެ ހިތްހަމަޖެހުމަކީ މި ދުނިޔެއާއި ދުނިޔޭގައިވާހާ އެއްޗަކައްވުރެވެސް ބޮޑު ނިޢުމަތެކެވެ. އެއީ އަހަރެންގެ ހިތުގެ ހަމަޖެހުމެވެ. އަހަރެންގެ ހިތުގެ ދިރުމެވެ. އަލްހަމްދުލިﷲ.

**ނިމުނީ**

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!