“ރުހާ…… ކޮންމެ ވަގުތެއްގައިވެސް ނައިޒަކް އެ ވާހަކަ ދައްކަފާނެ… އަވަހަށް ދޭ މިކްޔާނަށް އެ ވާހަކަ ކިޔައިދޭން….” ޚިޔާލްތަކަށް ގެއްލިފައިހުރި ރުހާ ސިހިގެން ދިޔައީ ލައިނީ ގޮވާލުމަށްފަހު، ވާހަކަ ދެއްކުމުންނެވެ.
“މިހާރު….؟؟؟ މި ގަޑީގަ….؟؟؟” ރުހާއަށް އަހާލެވުނެވެ. ލައިނީއާއި ރަޔާން އެކުއެކީގައިހެން ބޯ ޖަހާލުމުން ރުހާއަށް ބަލާލެވުނީ އެ މީހުންގެ މައިންބަފައިންނާއި ދިމާއަށެވެ. ލީނާއާއި ޖާވިދުވެސް ޚިޔާލްދިނީ އެންމެ ވަގުތުކޮޅެއްވެސް ލަސްނުކޮށް މިކްޔާނަށް ޙަޤީގަތް ކިޔައިދިނުމަށެވެ. އުނދަގޫ ގޮތަކަށް ހިން ދިރުވާލަމުން ރުހާއަށް ބަލާލެވުނީ ތަންކޮޅެއް ދުރުގައި މިލާންމެންގެ ގާތުގައި ތިބި މިކްޔާނަށާއި ނައިޒަކަށެވެ. އަދި ރިދާ އޭނާގެ ކޮނޑުގައި ހިފާއްޓާލުމުން ކުޑަކޮށް ހިންދިރުވާލާފައި ކުރިއަށް ހިނގައިގަތީ އެންމެންގެ ލަފަޔާއި އެއްގޮތަށް ކަންތައް ކުރުމަށެވެ. ނަމަވެސް، އޭނާއަށް އެ ހިތްވަރުކުރަން ކެރޭނެކަމެއް އޭނާއަކަށް ޔަޤީނެއް ނޫނެވެ.
“މިކްޔާން…..” މިކްޔާނާއި ނައިޒަކް ވާހަކައެއްގައި ތިއްބާ ރުހާގޮސް މިކްޔާނަށް ގޮވާލުމުން، ދެމީހުން އެއްފަހަރާ އޭނާއަށް ބަލާލިއެވެ. ދެމީހުންގެ ނަޒަރު އޭނާއަށް އަމާޒުވެފައިވީ ނަމަވެސް، ރުހާ ބެލީ ހަމައެކަނި މިކްޔާނާއި ދިމާއަށެވެ.
“ކީކޭ ރުހާ….؟؟؟؟” މިކްޔާން އަހާލީ ވަރަށް ލޯބިންނެވެ. ނައިޒަކްގެ ހިތް ހަސަދައިން ފުރިގެން އައެވެ. މިކްޔާން ބުނެލި ގޮތުން އޭނާއަށް އަންދާޒާ ކޮށްލެވުނީ އެ ދެ މީހުން އުޅެނީ ވަރަށް ލޯބިންކަމެވެ. ރުހާއަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް ނައިޒަކްގެ ފޯން ރިންގުވާން ފެށުނުން މިކްޔާންގެ އިތުރުން ރުހާއަށްވެސް ނައިޒަކާއި ދިމާއަށް ބަލާލެވުނެވެ. ސޯޓުގެ ޖީބުން ފޯން ނެގުމަށްފަހު، ނައިޒަކް ބަލާލިއެވެ. މުހިއްމު ކޯލަކަށްވުމުން އެބަ އަންނަމޭ ބުނެފައި ފޯނަށް ޖަވާބުދެމުން އޭނާ އެއްފަރާތަކަށް ޖެހެލިއެވެ.
“ރުހާ…..؟؟؟؟ ކަމަކުތަ އަހަންނަށް ގޮވާލީ….؟؟؟؟” ނައިޒަކާއި ދިމާއަށް ބަލަހައްޓައިގެން ހުރި ރުހާ ސިހިގެން ދިޔައީ މިކްޔާން ވާހަކަ ދެއްކުމުންނެވެ. މިކްޔާންގެ ސުވާލަށް ޖަވާބުދިނުމުގެ ގޮތުން އޭނާ ބޯޖަހާލިއެވެ. މިކްޔާން އޭނާގެ މޭމަތީ ދެއަތް ހުރަސްކޮށްލީ ރުހާގެ ވާހަކައަށް ސަމާލުވެލުމުގެ ގޮތުންނެވެ.
“އަހަރެން ވާހަކައެއް ބުނަންވެގެން….” އެވާހަކަ ދައްކަން ޖެހުމުން ރުހާ ހާސްވެ ޖެހެލުން ވާގޮތްވިއެވެ. މިކްޔާން އޭނާއާއި ދޭތެރޭ ވިސްނާނެ ގޮތެއް ނޭނގޭތީއެވެ. އޭގެ އިތުރުން މިކްޔާން އޭނާގެ މާޒީ ކިޔައިދިނުމުންވެސް އޭނާ އެކަން ސިއްރުކޮށްފައި ބޭއްވުމުން މެއެވެ.
“ރުހާ….. އަހަރެން މި ހުރީ އަޑުއަހާށެވެ….” މިކްޔާންގެ މޫނަށް ބަލަހައްޓައިގެން ބަހެއް ނުބުނެ ރުހާ ހުރުމުން މިކްޔާން ބުނެލިއެވެ. ރުހާ ބޯޖަހާލުމަށްފަހު ހިތްވަރުކޮށްލާފައި އެ ވާހަކަ ފަށަން ދިމާކޮށްލިތަނުން، ފޯން ކޯލް ނިންމާލުމަށްފަހު ނައިޒަކް އައެވެ.
“މިކީ…. ކުއްލިއަކަށް މުހިއްމުކަމެއް ދިމާވެގެން އަހަރެން ދާންޖެހިއްޖެ… މިވަގުތު ގޮސްލަނީ އިނގޭ….” މިކްޔާންގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ނައިޒަކް ބުނެލިއެވެ.
“އެންމެ ރަނގަޅު… އެކަމަކު، އަހަރެން އެނބުރި ރަށަށް ދިއުމުގެ ކުރިން އަދި ދިމާވާން ވާނެ އިނގޭ…. ދެތިން ދުވަހެއްގެ ތެރޭ ރަށަށް ދާން މި ކިޔަނީ…..” ނައިޒަކާ ސަލާމްކޮށްލަމުން މިކްޔާން އެދުނެވެ. މިކްޔާންގެ އެދުމަށް އެއްބަސްވުމުގެ ގޮތުން ނައިޒަކް ބޯ ޖަހާލިއެވެ. އަދި އެ ތަނުން ހިނގައިގަތުމުގެ ކުރިން ރުހާއަށް ބަލާލިއެވެ. ނައިޒަކް ފަހުން އެތަނަށް އައީއްސުރެ ރުހާ ހުރީ ދުރު ބަލަހައްޓައިގެންނެވެ. ރުހާގެ އެ އަޅާލުން ކުޑަކަން ފެނިފައި ނައިޒަކް ފާޑަކަށް ރުޅިގަދަވާ ގޮތްވިއެވެ. ނަމަވެސް، އޭނާއަށް ޖެހޭނީ އެކަން ފައުޅު ނުކޮށް ކޮންޓްރޯލް ކޮށްލައިގެން ހުންނާށެވެ. ރުހާއަކީ މިހާރު އޭނާގެ އެކުވެރިޔާގެ އަނބިމީހާއަށް ވުމުގެ އިތުރުން ރުހާ ދެކެ ރުޅި އައުމުގެ އެއްވެސް ޙައްޤެއް އޭނާއަށް ލިބިފައެއް ނުވެއެވެ. ހިތިގޮތަކަށް ރުހާއަށް ބަލާލުމަށްފަހު، މިކްޔާނަށް ބަލާލަމުން އޭނާ ގަދަކަމުން ހިނިތުންވެލިއެވެ. އަދި “ދަނީ” އޭ ބުނެފައި އެތަނުން ދާން ހިނގައިގަތެވެ.
ނައިޒަކް ދިޔަކަން ޔަޤީންވުމުން ރުހާ މިކްޔާނަށް ބަލާލިއެވެ. އޭރު ނައިޒަކް ދިޔަ ދިމާއަށް ބަލަން ހުރެފައި މިކްޔާންވެސް ރުހާއަށް ބަލާލަނީއެވެ. އަދި ރުހާ ދައްކަން އުޅޭ ވާހަކައާއިގެން ކުރިއަށް ދިއުމަށް އެދުނެވެ.
“އަހަރެން ބުނަން އުޅުނީ…..” ދެންވެސް ރުހާއަށް އެވާހަކަ ބުނެވޭ ގޮތެއް ނުވިއެވެ. އޭނާއަށް ވާހަކަ ފުރިހަމަ ނުކުރެވި އުޅެނިކޮށް ދުރުގައި ހުރި ނިމާލް މިކްޔާނަށް ގޮވާލުމުން އޭނާއަށް ޖެހުނީ ވާހަކަ މެދުކަނޑާލާށެވެ.
“ރުހާ… ތި ދައްކަން އުޅޭ ވާހަކައަކީ، އެހާ މުހިއްމު ވާހަކައެއް ނޫނީއާ، އޯކޭތަ މިވަގުތު އަހަރެން ގޮސްލިޔަސް…. ހީވަނީ ބައްޕަ އެ ގޮވަނީ މުހިއްމު ކަމަކުހެން…..” ރުހާގެ ދެކޮނޑުގައި ހިފަހައްޓާލަމުން މިކްޔާން ބުނެލީ ގާތްގޮތަކަށެވެ. އެވަގުތު އެ ވާހަކަ ބުނަން ބޭނުންވި ނަމަވެސް، މިކްޔާންގެ އެދުމަށް އިންކާރު ކުރާކަށްވެސް ރުހާއަކަށް ނުކެރުނެވެ. އެހެންކަމުން ލުއި ހިނިތުންވުމަކާއިއެކު އޭނާ ބޯ ޖަހާލީ މިކްޔާން ދިއުމުގެ ހުއްދަ ދިނުމުގެ ގޮތުންނެވެ. ރުހާގެ މޫނުގައި ދެ އަތުން ހިފަހައްޓާލުމަށްފަހު، ހިނިތުންވެފައި ހުރެ ނިމާލާއި ދިމާއަށް މިކްޔާން ހިނގައިގަތެވެ.
**********
“ކޮބާ ބުނެވިއްޖެތަ….؟؟؟؟ ކީކޭ މިކީ ދޮންބެ ބުނީ…؟؟؟؟” މިކްޔާން ދިޔަ ދިމާއަށް ބަލަން ހުރި ރުހާގެ ކޮނޑުގައި އަތްއަޅުވާލަމުން ރިދާ އަހާލިއެވެ.
“އަދި ބުނެވޭ ގޮތެއް ނުވެ…..” ދެފަރާތަށް ބޯ ހޫރާލަމުން މިހެން ބުނެފައި އޭނާ އަނެއްކާވެސް މިކްޔާނާއި ދިމާއަށް ބަލާލިއެވެ.
“ދެން އެކަމާ އެހާ ބޮޑަށް ނުވިސްނާ…. ރަނގަޅު ވަގުތެއް ހޯދާފަ މިކީ ދޮންބެއަށް އެ ވާހަކަ ކިޔައިދީ….” ރިދާގެ އަތުގައި ހިފައިގެން ލީނާމެންނާއި ދިމާއަށް ދަމުން ރިދާ މިހެން ބުނުމުން ރުހާވެސް ބޯ ޖަހާލިއެވެ.
**********
ޖެހިގެން އައި ދުވަހު، މެންދުރު ނަމާދުކޮށްގެން މިސްކިތުން ނުކުތް ވަގުތު، މިކްޔާންގެ ލޮލުގައި އަޅައިގަތީ، ކުރީ ރޭ ފިހާރައިން ނުކުތް މީހާއެވެ. ތަނަކަށް ގޮސްލާފައި ގެއަށް އަންނާނެކަމުގައި މިލާންމެންގެ ގާތުގައި ބުނުމުން، މިލާންމެން ގެއަށް ދިއުމަށް ހިނގައިގަތުމުން، އޭނާ މިސްރާބުޖެހީ އެ މީހާގެ ފަހަތުންނެވެ. އެ މީހާއާއި ދާދި ގާތަށް ދެވުމުން “ބޭބޭ” އޭ ކިޔާފައި ގޮވާލިއެވެ. ނަމަވެސް އެ މީހާއަށް އަޑުއިވުނީ މިކްޔާން ތިންވަނަ ފަހަރު ގޮވާލުމުންނެވެ. ފަސްއެނބުރި ބަލާލި ނަމަވެސް އެމީހާގެ މޫނުމަތީގައިވީ ހައިރާންކަމުގެ އަސަރުތަކެވެ. ސުވާލު އުފެދިފައިހުރެ މިކްޔާނަށް ބަލަމުން ދިޔައީ ނުދަންނަ މީހަކު އޭނާއަށް ގޮވާލުމުންނެވެ.
“ތީ ކޮން ކުއްޖެއް…؟؟؟ ބޭބެއަކަށް ނޭނގުނޭ…..” ދެލޯ ކުޑަކޮށްލާފައި މިކްޔާނަށް ބަލަމުން އެ މީހާ ބުނެލިއެވެ.
“އަޅުގަނޑަށް ކިޔަނީ މިކްޔާން…. މިރަށު ކުއްޖެއް ނޫން… ބީރައްޓެހި ކުއްޖެއް…. އެކަމަކު މިރަށު ކުއްޖަކާ ކައިވެނިކޮށްގެން އުޅެނީ…. ބޭބެއަށް ކިޔަނީ ކޮން ނަމެއްތަ….؟؟؟” އޭނާއަކީ ކާކުކަން ބުނެދެމުން މިކްޔާން ސަލާމަށް އަތް ދިއްކޮށްލިއެވެ.
“އެހެންތަ….؟؟؟؟ ބޭބެއަށް ކިޔަނީ ހާމިދު…. މިރަށު ކޮން ކުއްޖަކާ ކައިވެނިކޮށްގެންތަ އުޅެނީ….؟؟؟ ބޭބެ އިނގެނީ ކިހިނަކުން….؟؟؟؟” މިކްޔާން ސަލާމަށް ދިއްކޮށްލި އަތުގައި ހިފާ ސަލާމް ކޮށްލަމުން އެ މީހާ ސުވާލުކޮށްލިއެވެ.
“ބޭބެ ދަންނަންތަ ރުހާ…؟؟؟ އެއީ މިރަށު ފިނިފެންމާގޭ ޖާވިދުބޭގެ އެއްމާބަނޑު ދެބެންގެ ތެރެއިން ދޮށީ ކުއްޖާ…..” އެމީހާގެ މޫނަށް ފަރުވާތެރިކަމާއިއެކު ބަލަން ހުރެފައި މިކްޔާން ކިޔައިދިނެވެ. މިކްޔާންގެ ވާހަކަތައް އިވިފައި އެމީހާގެ މޫނުގެ ކުލަވަރު އެކީ ބަދަލުވެގެން ދިޔަތަން މިކްޔާނަށް ފާހަގަވިއެވެ. މިކްޔާނާއި ސަލާމަށް އަތާއި އަތް ޖޯޑުކޮށްލައިގެން ހުރެފައި އެ އަތުން ކުއްލިއަކަށް ދޫކޮށްލުމުން މިކްޔާނަށް ބަލާލެވުނެވެ. ކުރިންވެސް އެ މީހާއާއިމެދު ޝައްކު އުފެދިފައިހުރި މިކްޔާންގެ ހިތުގައި ޝައްކުގެ ބޮޅެއް އިތުރުވެގެން ދިޔައީ ދެލޯ ބޮޑުވެފައިހުރެ އެ މީހާ މިކްޔާނަށް ބަލަން ފެށުމުންނެވެ.
**********
މެންދުރުގެ ކެއުމަށް އިންސާފުކުރުމަށް މޭޒު ދޮށުގައި ތިބި ފިރިހެންވެރިންނަށް ޖޫސް އަޅައިދެން ހުރި ރުހާގެ ފޯނު ރިންގުވާން ފެށުމުން، ޖޫސްފުޅި މޭޒުމަތީ ބަހައްޓާފައި، އައިސް އަލަމާރިމަތީ ބާއްވާފައި އޮތް ފޯނު ނަގައި ބަލާލިއެވެ. ގުޅަނީ މިކްޔާނެވެ. ރުހާ ފޯން ނެގުމާއިއެކު އެދުނީ ގެއިން ބޭރަށް ނުކުތުމަށެވެ. ރިދާގެ ގާތުގައި ބާކީ ހުރި ތަށިތަކަށް ޖޫސް އަޅައިދިނުމަށް އެދިފައި ރުހާ މިސްރާބުޖެހީ ބޭރަށް ނުކުތުމަށެވެ.
ހިނިތުންވެފައިހުރެ ބޭރަށް ނުކުންނަށް އައި ރުހާ ދޮރުން ބޭރުވެވުމާއިއެކު އިސް އުފުލާ ބަލާލިއެވެ. ކުރިމަތިން ފެނުނު މަންޒަރަކުން ހީވީ އޭނަގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ރުހާއަށް ވީގޮތްވެސް ނޭނގުނެވެ. މީހާ ތުރުތުރުލާން ފެށީ ބަސްބުނާހާ ވަގުތުކޮޅެއްގެ ތެރޭގައެވެ. އެ ދެލޮލުގައިވަނީ ބިރުގެންފައިވާކަމުގެ އަސަރުތަކެވެ. ދެ ފަޔަށް ލެވުންހާ ބާރެއް ލާފައި އޭނާ މިސްރާބު ޖެހީ އެތެރެއަށް ވަންނާށެވެ. ނަމަވެސް އޭނާއަށް ކުރިއަށް ދެވޭގޮތް ނުވީ ބާރުގަދަ އަތަކުން އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ. ރުހާގެ މޭގަނޑު އަތަށް އައިހެން ހީވިއެވެ. މޭގައިވާ ހިތް ބާރުބާރަށް ތެޅެމުންދިޔައީ ބިރުގެންފައިވާ ވަރުންނެވެ. އޭނާ ހުރީ ފަސްއެނބުރި ބަލާލަންވެސް ނުކެރިފައެވެ.
“ނު…ނު…ނޫން…. އަހަރެން ދޫކޮށްލާ…. އަހަންނަށް ތިހެން ނުހަދާ…..” ބިރުގަނެ ހާސްވެފައި ހުރިވަރުން ރުހާއަށް ރޮވޭގޮތް ވިއެވެ.
“ރުހާ….. މީ އަހަންނޭ…..” މިކްޔާންގެ އަޑު އިވުމުން ރުހާއަށް އަވަސް ޙަރަކާތަކާއެކު ފަހަތް ބަލާލެވުނެވެ. ތެދެކެވެ. އޭނާގެ އަތުގައި ހިފައިގެން ހުރީ މިކްޔާނެވެ. މިކްޔާން ފެނުމުން ރުހާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ރުހާގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތަކަށް ފަރުވާތެރިކަމާއިއެކު ބަލަމުން ދިޔަ މިކްޔާން އެއްފަރާތަކަށް ޖެހެލިއެވެ. އެ ވަގުތު އަނެއްކާވެސް ރުހާގެ މޫނުގެ ކުލަވަރު އޮއްސުނީ މިކްޔާންގެ ފަހަތުގައި ހުރި ހާމިދު ފެނިފައެވެ.
ކުރިންވެސް އޭނާ އެނބުރި ދާން އުޅުނީ ހާމިދު ފެނުނީމައެވެ. ރުހާއަށް ނުފެންނާނެހެން ދޮރުގެ އެއްފަރާތެއްގައި މަޑުކޮށްލައިގެން މިކްޔާން ހުރީ ރުހާގެ ޙަރަކާތްތަކަށް ބަލާށެވެ. އޭނާ ރުހާގެ އަތުގައި ހިފެހެއްޓީ އެނބުރި ގެއަށް ވަންނަން އުޅުމުންނެވެ.
ރުހާގެ ދެލޯ ބޮޑުކޮށްލަމުން ގާތުގައި ހުރި މިކްޔާންގެ ފުރަގަހަށް ވަދެ ބާރަކަށް އޭނާގެ ގައިގައި ހިފަހައްޓާލައިގެން ހުރީ މިކްޔާންގެ ޙިމާޔަތް ހޯދުމަށްޓަކައެވެ. މިކްޔާންގެ ބުރަކަށީގައި މޫނު ފޮރުވާލައިގެން އޭނާ ހުރީ ދެލޯމަރާ ބާރުކޮށްލައިގެންނެވެ. އެ ދެލޮލުން ހާމިދާއި ދިމާއަށް ބަލާލަންވެސް އޭނާ ބޭނުންނުވެއެވެ.
“ރުހާ ކިހިނެއްވީ…؟؟؟ ކީއްވެ ފަހަތުގައި ތި ހުރީ…..؟؟؟؟” މިކްޔާންގެ ގައިގައި ވަށާލެވިފައިވާ ރުހާގެ އަތުގައި ހިފަހައްޓާލަމުން މިކްޔާން އަހާލިއެވެ.
“އެ މީހާ….. އަހަންނާ…. އަހަންނާ ބެހެން….. އުޅެނީ…… އަހަރެންގެ ގައިގައި…. ގައިގައި…. އަތްލަން އުޅެނީ……” އުނދަގުލުން ނަމަވެސް ރުހާ ޖުމްލަ ފުރިހަމަ ކުރިއެވެ. އެ އަޑުގައި ތުރުތުރުލުން އެކުލެވިފައިވިއެވެ. އޭނާ ބިރުގަނެ ޖެހިލުންވެފައިވާ މިންވަރު އެ އަޑުން އެކަނިވެސް ހާމަވެއެވެ. ރުހާގެ ވާހަކަތައް އަޑުއަހަން ހުރި މިކްޔާން ކުރިމަތީ ހުރި ހާމިދަށް ބަލާލަމުން ކަޅިއަޅާލިއެވެ. އޭނާގެ ބަލާލުމުގައި އެތައް އިންޒާރަކާއި ނަފްރަތެއް ވިއެވެ. ހާމިދަށް އިސް ޖަހާލެވުނީ ޖެހިލުންވީ ވަރުންނެވެ.
“ރުހާ…. އަހަރެންވެސް މި ހުރީ މިތާނގައެއްނު…. އެ މީހާ ރުހާގެ ގަޔަކު އަތެއް ނުލައެއްނު….. ހަމަ އޭރުވެސް ހުރި ފިޔަވަޅުމަތީގައި އެ ހުރީ……” މިކްޔާން ބޭނުންވީ ރުހާގެ ދުލުން ޙަޤީގަތް އޮޅުން ފިލުވާށެވެ. އޭނާ ރުހާއާއި ވާހަކަ ދެއްކީ މަޑުމައިތިރިކަމާއި އޯގާތެރިކަމާއި އެކީގައެވެ.
“މިހާރުވެސް ނޫޅޭނެކަމެއް ނޭނގެއެއްނު…. އަހަރެން ބިރުގަނޭ….. ކުރިންވެސް އެ މީހާ އުޅުނީ އަހަރެންގެ ގަޔަށް…..” ރުހާއަކަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އެވާހަކަ ދައްކާނެ ހިތްވަރެއް އޭނާގެ ނެތެވެ. މިކްޔާން ލައިގެން ހުރި އަޅި ކުލައިގެ ޓީޝާޓް އަތަށް ބޮނޑި ކޮށްލަމުން އިތުރަށް އެ ބުރަކަށީގައި މޫނު ފިއްތާލިއެވެ.
“ކީކޭ….. މިކްޔާން…. ހާމިދު މިތާ…. ރުހާ ކީކޭ މި ކިޔަނީ….؟؟؟؟؟” ދޮރުމަތީ ތިބި މީހުންތަކުގެ ތެރޭގައި ހުރި ޖާވިދަށް ރުހާގެ ވާހަކަތައް އަޑު އިވުމުން އަހާލެވުނެވެ. އެ މޫނުމަތީގައިވަނީ ނުތަނަވަސްކަމެވެ. ޖާވިދު އިތުރުން އެތާ ދެން ތިބި މީހުންގެ ހިތްތަކުގައިވެސް ސުވާލު އުފެދިފައިވީ، އެ އެންމެންނަށްވެސް ރުހާ ދެއްކި ވާހަކަތައް އަޑު އިވުމުގެ އިތުރުން ރުހާ ހުރިގޮތް ފެނިފައެވެ. އެމީހުން ބޭރަށް ނުކުތީ ރުހާއަށް ގުޅުމަށްފަހު، މިކްޔާން އެމީހުންނަށްވެސް ގުޅާފައި ބޭރަށް އައުމަށް ބުނުމުންނެވެ. މިކްޔާންގެ އިޝާރާތަށް ރިދާ އައިސް ރުހާ ގޮވައިގެން އެތެރެއަށް ވަނެވެ. އެމީހުންނާއިއެކު ލައިނީއާއި މަލަކްވެސް ދިޔައެވެ.
“ބައްޕާ… ރުހާ އެ ދައްކަނީ ރަނގަޅު ވާހަކައެއް…. މިހިރަ ނުލަފާ މީހާ، ރުހާ ކުޑައިރު ރުހާއާއި ބެހެން އުޅުނީ…. އޭގެ ސަބަބުން ރުހާއަށް އެ ހުންނަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި…..” މިކްޔާން އެންމެންގެ މޫނަށް ވަކިވަކިން ބަލާލަމުން އެންމެންނަށް ޙަޤީގަތް ކިޔައިދިނެވެ. އެންމެންވެސް ތިބީ ހައިރާންވެ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ޖާވިދުގެ ދެމަފިރިން އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލީ އެކަހަލަ ކަމެއްވެފައިވާ ކަމުގެ އިޝާރާތެއްވެސް ރުހާގެ ފަރާތުން މީގެ ކުރިން ފެނިފައި ނުވާތީއެވެ. އޭރުވެސް ހާމިދު ހުރީ އިސްޖަހާލައިގެންނެވެ. އޭނާ ހުރީ އެތާނގައި ތިބި އެކަކާވެސް ހަތަރުކަޅި ހަމަކޮށްލަން ނުކެރިފައެވެ.
“އެކަމަކު މީގެ ކުރިން ރުހާ، އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކަ…. ރުހާގެ އުޅުމުންވެސް އެކަހަލަ ކަމެއް ފާހަގައެއް ނުވޭ…..” ވިސްނާލަމުން ޖާވިދު ބުނެލިއެވެ. އޭނާ ހުރީ ވަރަށް ކަންތައް ބޮޑުވެފައެވެ.
“މިވާހަކަ ދައްކަން އަހަންނަށް ކުޑަކޮށް އުނދަގޫވެސްވޭ…. އެކަމަކު މި ހިތި ޙަޤީގަތް އެނގުނީ މިކަމުގެ ސަބަބުން…..” އެވާހަކަ ދައްކަން ވުމުން މިކްޔާން ހުރީ އުނދަގޫވެފައެވެ. އެތާ ތިބި އެންމެން ސުވާލު އުފެދިފައި ތިބެ އެކަކު އަނެކަކަށް ބަލާލިއެވެ.
“މިކްޔާން ތަންކޮޅެއް ސާފުކޮށް ކިޔާދީބަލަ….” އެ ހުރިހާއިރަކު އަނަގައިން އެއްޗެއް ނުބުނެ ރަޔާން ހުރީ ޖާވިދު ވާހަކަ ދެއްކުމުންނެވެ. އެކަމަކު އެކަންތައް އިތުރަށް އޮޅުން ފިލުވަން ބޭނުންވެފައި ހުރިވަރުން އޭނާއަށް ބުނެވުނީ ތަންކޮޅެއް ރުންކުރުގޮތަކަށެވެ. އެކަން ފާހަގަވުމުން ޖާވިދު އޭނާގެ ކޮނޑުގައި އަތް ބާއްވާލަމުން، ހަމަޖެހިލުމަށް ބުނެލިއެވެ. މިކްޔާން ބޯ ޖަހާލަމުން އެ ވާހަކަތައް ކިޔައިދޭން ފެށިއެވެ.
“އަހަރެމެން ކައިވެނި ކުރި ފަހުން ރުހާގެ ފަރާތުން ތަފާތު ކަންތައްތަކެއް ފާހަގަވާން ފެށީ…. އަހަންނާ ކައިރިވާން، އޭނާ ބިރުން އުޅޭހެން ހީވަނީ…. ގޯހެއް އުޅޭކަމަށް އަހަންނަށް ފުރަތަމަ ޝައްކުވާން ފެށީ އެ ހިސާބުން…. ދެން މިރަށަށް އައިސް އެއްރޭ ދެ މީހުން އެކީ ފިހާރައަށް ދިޔަ ރެއެއްގައި، މިހިރަ ނުލަފާ މީހާގަނޑު ފިހާރައިން ނުކުތްތަން ފެނުނީމަ ރުހާއަށް އެ އައި ބަދަލު….. ބިރުން ގޮސް މީހާ ތުރުތުރު އަޅާ… އަހަންނަށް އަންގާވެސް ނުލާ ދުވެފައި އައިސް ހުރީ ގޭގައި….. ކޮޓަރިއަށްވަދެ ކޮޓަރިވެސް ތަޅުލައިގެން ހުރީ…… އަހަންނަށް އެރޭ ވަރަށް ބޮޑަށް ޝައްކުވި ރުހާ ބިރުން އެ އުޅޭ ކަމުގެ ފަހަތުގައި އެ މީހާގެ އަތެއް ވާނެއޭ…އެރޭ އެކަމަކު އެމީހާގެ ފަހަތުން ނުދެވުނީ ރުހާ އެކަނި ދޫކޮށްނުލަންވެގެން…. އަހަރެން އައީ ރުހާގެ ފަހަތުން ގެއަށް…. އެރޭ އެ މީހާއާއި ބެހޭ ގޮތުން ސުވާލުކުރީމަވެސް ފާޑަކަށް ހުރީ….. ޖަވާބު ނުދެވި އުޅެނިކޮށް މަންމަ އައީމަ އޭނަ އަވަހަށް ދިޔައީ….. ދެން މިއަދު މެންދުރު ނަމާދުން ފޭބި ތަނުން އެ މީހާ ފެނުނީމަ އަހަރެން ދިޔައީ އެމީހާ ފަހަތުން….. އަހަރެން މީ ރުހާގެ ފިރިމީހާއޭ ބުނީމަ އެ މީހާގެ މޫނަށް އެ އެރި ކުލަވަރުން އަހަންނަށް ފާޑަކަށް ޔަޤީންވި ކޮންމެވެސް ނުބައެއް އުޅޭކަން….. އަހަރެން ސުވާލުކުރީމަ އޭނަ އަމިއްލައަށް ހުރިހާ ވާހަކައެއްވެސް ކިޔާދީފި….. އޭރު އެ މީހާ މި ގެއަށް އަންނަނީ ބައްޕަގެ ރައްޓެހިކަމުގައި ކަމަށްވަނީ….. ރުހާގެ ނުޤަބޫލުގައި ރުހާގެ ގައިގައި އަތްލަން އުޅުނު ވާހަކައާއި ދެތިންފަހަރު ރުހާއާއި ބެހެން މަސައްކަތްކުރިކަމަށް އެމީހާ އަމިއްލައަށް އެއްބަސްވީ….. ފަހުން މިގެއަށް އައުން ހުއްޓާލީ ރުހާ ޖާވިދުމެންނަށް އެވާހަކަތައް ކިޔައިދީފާނެކަމުގެ ބިރުވެރިކަން އޮތީމަކަމަށްވެސް ބުނި….. އެމީހާ ރުހާއާއި ބެހެން އުޅުން ވާހަކަ މީހަކު ގާތު ނުބުނާށޭ ކިޔައި ރުހާއަށް ބިރުދެއްކި ކަމަށްވެސް ވޭ….. އެނގޭތަ އޭނަ ރުހާއަށް ބިރު ދެއްކީ ކީކޭ ކިޔާފައިކަން….. ރުހާއެކޭ އެއްގޮތަށް ރިދާއަށްވެސް އެމީހާ ގޯނާ ކުރާނެކަމުގައި ބުނެ، އޭނާ ރުހާގެ އަނގަ ބަންދުކުރީ…..” މިކްޔާންގެ ވާހަކަ މި ހިސާބަށް ދިއުމުން ރަޔާނަށް އަޑުއަހަން ކެތްކުރެވުނީ އެ ހިސާބަށެވެ. ރުޅި އައިސްފައިވާ ސިންގާއެއްހެން ކުރިމަތީ އިސްޖަހާލައިގެން ހުރި ހާމިދާ ދިމާއަށް ޖެހިގަތެވެ. އެ ދިޔަ ގޮތަށް ގޮސް އޭނާ ހިފީ ހާމިދުގެ ގަމީހުގެ ގިރުއާނުގައެވެ. ލީނާއާއި މިލްނާއަށް އަނގަމަތީ އަތްއަޅާލެވުނެވެ.
“ނުބައި ނުލަފާ ޖާހިލު މީހާގަނޑު….. މިއަދު އަހަރެންގެ އަތުން ފައިން ގޯހެއް ހެދޭނެ…..” ރުޅިއައިސްފައި ހުރި ރަޔާން ދިމާކޮށްލީ މުށްކަވާލެވިފައިވާ އަތުން އެމީހާގެ މޫނުމަތީގައި ޖަހާށެވެ. ނަމަވެސް މިކްޔާން ހުށިޔާރުކަމާއިއެކީ އެ އަތުގައި ހިފައި ހުއްޓުވިއެވެ. އަދި ރުޅިއައިސްގެން ދެއަތް މުށްކަވާލައިގެން ހުރި މިލާނަށް ގޮވާލަމުން އޭނާގެ އެހީތެރިކަމަށް އެދުނީ ރަޔާން ހާމިދާއި ދުރުކުރުވުމަށެވެ. މިކްޔާނާއި މިލާންވެގެން ވަރަށަ އުނދަގުލުން ރަޔާން ދުރުކުރިވިއެވެ. ދަމަމުން ކަހަލަ ގޮތަކަށް އެ މީހުން ރަޔާން ދުރުކުރުވިއެވެ.
“ރަޔާން ހަމަޖެހިބަލަ….. އޭނައަށް ޙައްޤު އަދަބު ދޭނީ އަހަރެމެންނެއް ނޫން…. އެކަމަށް ހަމަޖެހިފައިވާ މީހުންނަށް އެކަން ދޫކޮށްލާ…. ހާމިދު އަމިއްލައަށް އޭނާގެ ކުށަށް އިޢުތިރާފްވޭ…. މިތަނަށް އޭނާ ގޮވައިގެން އަންނަމުން އަހަރެން ފުލުހުންނަށްވެސް ގުޅިން….. އެމީހުން މިހާރު އަތުވެދާނެ…. ހާމިދު ކުރި ކުށަށް މިހާރު އޭނާ ދެރަވާ ކަމަށް ބުނި…. އޭނާ ހުރީ މާފަށް އެދެން އަންނަން ނުކެރިފައި…. ހާމިދު އަމިއްލަ އަންހެން ދަރިފުޅަށް އެފަދަ ކަމެއް ދިމާވީމަ އޭނައަށް އެކަމަށް ދެލޯ ހުޅުވުނީވެސް…. ކުރެވުނީ ކިހާވަރެއްގެ ނުބައި ޢަމަލެއްކަން އިޙްސާސްވީވެސް ދެން…… އޭނަ އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދިން…. އެވަގުތު އަހަރެންވެސް ބޭނުންވި ރުހާއަށް ގޯނާ ކުރަން އުޅުން ދެ އަތް ބިންދާލަން…. ނަސީބަކުން އެވަގުތު އަހަރެންގެ ސިކުނޑި ރަނގަޅަށް މަސައްކަތްކުރިކަމުން އަހަންނަށް ރުޅިގަނޑު ކޮންޓްރޯލް ކުރެވުނީ…. އޭނާ މިތަނަށް ގެނެސް ރުހާ އޭނާގެ ކުރިމައްޗަށް މި ގެނައި ސަބަބަކީ، އަހަރެން ބޭނުންވީ ރުހާ ބިރުން އެ އުޅޭ ސަބަބުގެ އަސްލަކީ ހާމިދުތޯ ޔަޤީންކުރުން…. އަދި ރުހާގެ ދުލުން އެވާހަކަތައް ބުނުވުން….. އަހަންނަށް ހީވީ ހަމަ ރަނަގަޅަށް…. އެ މީހާގެ ސަބަބުން ރުހާއަށް އެ ހުރީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި…..” މިކްޔާންގެ ވާހަކަ މިހާ ހިސާބަށް ދިއުމުން “މަގޭ ދަރިފުޅު” އޭ ބުނެ ލީނާއަށް ބާރަށް ރޮއިގަނެވުނެވެ. މިލްނާ ލީނާގެ ކޮނޑުގައި ހިފަހައްޓާލަމުން އޭނާއަށް ހިތަވްރުކުރުމަށް ބުނަމުން ދިޔައެވެ.
އެ ހުރިހާއިރު ބަހެއް ނުބުނެ ހުރި ޖާވިދު ކުރިއަށް ފިޔަވަޅު އަޅަމުން ގޮސް މަޑުކޮށްލީ ހާމިދުގެ ކުރިމަތީގައެވެ. ޖާވިދުގެ ހިލަން ވެގެން ހާމިދު އިސް އުފުލާ ބަލާލިއެވެ. ރުޅިއައިސް ރަތްވެފައި ހުރި ޖާވިދު ފެނިފައި ހާމިދު ޖެހިލުންވިއެވެ. ނަމަވެސް ވަރަށް ހިތްވަރުކޮށްފައި ޖާވިދުގެ ކިބައިން މާފަށް އެދުނެވެ. ގެނައި ކުއްލި ޙަރަކާތަކާއިއެކު ޖާވިދު ހިފީ ހާމިދުގެ ގަމީހުގެ ގިރުއާނުގައެވެ. ޖާވިދު ކަންތައް މި ކުރި ގޮތުން ހާސްވެފައި ހުރެ ނިމާލް ޖާވިދުގެ ކޮނޑުމަތީ އަތް ބާއްވާލީ ހަމަޖެހޭށޭ ބުނަމުންނެވެ.
“ކަލޭ މާފަށް އެދުނީއާ ހުރިހާ ކަމެއް ބަދަލުވާނެތަ…..؟؟؟ އަހަރެން މާފުކޮށްފާނަން…. އެކަމަކު އެހެނޭ ކިޔާފައި އަހަރެންގެ ދަރިފުޅުގެ ބިރު ކެނޑުވޭނެތަ….؟؟؟؟ އޭނާއަށް ނަފްސާނީގޮތުން ލިބުނު އަނިޔާތައް ނުލިބޭކަމަށް ވާނެތަ….؟؟؟؟ ތީ އަހަރެންގެ ދަރިންނަށް ހުރި ނުރައްކަލެއްކަން އަހަންނަށް އިނގުނުނަމަ މިގޭ ހަތަރު ފާރުން އެތެރެވުން ކީއްކުރަން މިގެއާއި ދިމާއަށް ބަލާލިއަ ދޭކަށްވެސް އަހަރެން ބޭނުމެއް ނޫން….. މިކްޔާން…. އަހަރެންގެ އަތުން ފައިން ގޯހެއް ނުހެދެނީސް މި ނުލަފާ މީހާގަނޑު މަގޭ ކުރިމަތިން ދުރަށްލާ……” ޖާވިދު އައިސްފައިވާ ރުޅިން ހާމިދު ކޮށްޕާލިއެވެ. އެވަގުތު ބޭރުން ސައިކަލްތަކެއްގެ އަޑު އިވުމުން އެންމެން އެއްފަހަރާ ބަލާލިއެވެ. ޕޮލިސް ޔުނީފޯމްގައި ތިބި ހަތަރު މީހަކު ގޭތެރެއަށް ވަދެގެން އައުމުން މިކްޔާން އިސްވެ އެމީހުންނާއި ދިމާއަށް ހިނގައިގަތެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.







Kiyuntherinah mi part ves kamudhaane kamah heekuran ?❤️?❤️?
Mihaaru mi vaahaka eem ge fb page “EamYaa ge Vaahaka” in ves kiyaaleveyne ?
https://www.facebook.com/EamYaa-ge-Vaahaka-100267119062847/
Enjoy ?
nice..curiously waiting for next?
Thanks Eevss ❤️?
Wow ❤? masha allah.. vrh vrh vrh rythi mi prt vex ? eem sis ur So so so talented <33 masha allah ? curiously wayiting for da nxt prt lovys ❤
Thanks Ryyn ❤️?
Curiously waiting for the nxt part?
Mau Quin ❤️?
wow …vv reethi mi part vx …keep it up loving sis❤❤??
Wow Mashaa Allah…vrh reethi mi part ves..keep going girl?…kurin story thakah comments nukurevunas e story thah ves kiyaalaafa hunaani?..all of your story is amazing…love the storys.. curiously waiting for next part❤️❤️❤️