Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޔާރު ނުބުނޭ ތިހެން … (13)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
September 27, 2021 9 Mins Read
9 Comments

 

ނިމާލްގެ ޢާއިލާގެ މެމްބަރުން ތައްޔާރުވަމުން ދިޔައީ މިލާންމެންގެ ކައިވެންޏަށް ރިދާމެންގެ ރަށަށް ދިއުމަށްޓަކައެވެ. އެންމެ ފޯރީގައި ތައްޔާރުވަމުން ދިޔައީ ރުހާއާއި މަލަކްއެވެ. ދެމީހުންވެގެން އެރަށަށް ގޮސް ކުރާނެ ކަންތައްތަކުގެ ޕްލޭންތައްވެސްވަނީ ރާވާ ނިމިފައެވެ.

**********

ނިމާލްގެ އާއިލާއަށް މަރުހަބާ ކިއުމަށްޓަކައި ޖާވިދުގެ ޢާއިލާ އެންމެން ބަނދަރަށް ގޮސް ތިއްބެވެ. ދުވަސްތަކަކަށްފަހު ލޯބިވާ މަންމަ ފެނުމުން ދުވެލާފައިކަހަލަ ގޮތަކަށް ގޮސް ރުހާ ލީނާގެ ގައިގައި ބައްދާލިއެވެ. އެއަށްފަހު ޢާއިލާގެ އެހެން މެމްބަރުންނާއި ބައްދަލްކޮށް ސަލާމްކުރަންފެށިއެވެ. ލައިނީ ފެނުމުން ދެކޮލުގައި ދެއަތުން ހިފަހައްޓާލެވުނީ، ލައިނީއަށް އައިސްފައިވާ ބަދަލު ފެނިފައެވެ. ކުޑަކޮށް ފާޅުވާން ހުރި ލައިނީގެ ބަނޑުކޮޅުގައި ވަރަށް މަޑުމަޑުން އަތް ޖައްސާލަމުން “މާޝާ ﷲ” އޭ ބުނެލިއެވެ. ރުހާގެ ގާތުގައި ހުރި މިކްޔާން ގަޔާވެފައި މިމަންޒަރު ބަލަން ހުއްޓެވެ. އެވަގުތު ލައިނީ ރުހާގެ ކަންފަތްދޮށުގައި އެއްޗެކޭ ބުނެލުމުން ދެމީހުން އެއްފަހަރާކަހަލަ ގޮތަކަށް މިކްޔާނަށް ބަލާލިއެވެ. މިކްޔާން ބަލަން ހުރުމުން ނޫންކަމެއްވެސް ނޭނގެއެވެ. ރުހާގެ މޫނަށް ފިނިފެންޖަންބުކުލަ ވެރިވެގަތީ ބަސްބުނާހާ ވަގުތުކޮޅެއްގެ ތެރޭގައެވެ. މުޅިން ޔަޤީން ނުވިނަމަވެސް އެދެމެދުގައި ދެކެވުނީ އޭނަގެ ވާހަކައެއްކަން ރުހާގެ މޫނަށް އަރާފޭބި ކުލަވަރުން މިކްޔާނަށް ދެނެގަނެވުނެވެ. އޭނާގެ ތުންފަތަށްވެސް ލުއި ހިނިތުންވުމެއް ވެރިވީ އެހެންވެއެވެ.

 

“އަހަރެމެން ރަށަށް ދިޔަގޮތަށް މިކޮޅަށް ނާންނަން ބޮޑާހާކާލި ސަބަބު މި އެނގުނީ އަދިކިރިޔާ…..” ރިދާގެ ގައިގައި ކުޑަކޮށް ބައްދާލަމުން މަލަކް އޭނާއާއި ދިމާކޮށްލުމުން އެންމެން އެކީ ހޭންފެށިއެވެ. އެންމެންގެތެރޭ މަލަކް އެހެން ބުނުމުން ކިތަންމެ އަނގަ ގަދަ ނަމަވެސް ރިދާއަކަށް ރައްދު ދޭކަށް ނުކެރުނެވެ. ލަދުރަކިގޮތަކަށް ހީލައިގެން ހުރީއެވެ. އެކަމާ ރުހާ އާއި ލައިނީ އޭނާއާއި ދިމާކޮށްލިއެވެ. ރިދާ ހުރީ އެންމެން ދިމާކުރާންފެށުމުން އެތަނުން ދެވޭނެ އިރެއްގެ އިންތިޒާރުގައެވެ. އެހެންމީހަކަށް ނޭނގޭނެހެން ވަރަށް ސިއްރުން މިލާނަށް ބަލާލިވަގުތު، ލާނެއް ފާޑަކަށް ހެވިފައި އޭނާވެސް ހުރީ ބަލާށެވެ. މަލަކްގެ އަތުގައި ހިފައިގެން އެތަނުން ދިއުމަށްޓަކައި ހިނގައިގަނެވުނީ އިތުރަށް އެތާ ހުންނާނެ ހިތްވަރު ނެތުމުންނެވެ.

 

އެރަށަށް ފޭބީއްސުރެ ރިދާގެ ޙަރަކާތްތަކަށް ބަލަން ހުރި މިލާނަށް ރިދާ ލަދުގެންފައިވާ މިންވަރު އެ މޫނުން އެކަނިވެސް ފާހަގަވިއެވެ. އޭނާގެ ގާތަށް ހިނިއައީވެސް އެހެންވެއެވެ. އެހާ އަނގަގަދަ ކުއްޖަކު އެހާ ލަދުގަތުމުންނެވެ.

**********

ދަތުރު ވަރިބަލިވެފައި ވުމުން އެރޭ އެންމެންވެސް ކައިގެން ވަރަށް އަވަހަށް ކޮޓަރިތަކަށް ނިދަން ވަނެވެ. މާދަމާ މިލާންމެންގެ ކައިވެނިކުރުމަށް ހަމަޖެހިފައިވާތީ، ކުރަންޖެހޭ ބައިވަރު މަސައްކަތްތައްވެސް ހުރުމާއިއެކުއެވެ.

ފުޅިއަކަށް ފެން އަޅައިގެން ރުހާ ކޮޓަރިއަށް ވަން އިރު މިކްޔާން އޮތީ ފޯނާއި ކުޅޭށެވެ. މިކްޔާނަށް ބަލާލަމުން، ފެން ފުޅި މޭޒުމަތީ ބެހެއްޓުމަށްފަހު، ރުހާ، ނިދަން ތައްޔާރު ވާންފެށިއެވެ. ހިތުގައި ރާވާލެވިފައިވާ ކަންތައްތަކުގެ ސަބަބުން އޭނާގެ އަތްފައިވަނީ ފިނިވެފައެވެ. ހިތުގެ ތެޅުން އަވަސްވެފައިވާއިރު، އިރުއިރުކޮޅާ އެނދުގައި އޮށޯވެގެން އޮތް މިކްޔާނަށް ބަލާލެވެއެވެ. ކޮންމެ ގޮތެއްވިޔަސް، މިރޭ އޭނާ ބޭނުންވަނީ، ހިތުގައި ރޭވިފައިވާ ގޮތަށް، ހުރިހާކަމެއްވެސް ކުރެވޭތޯ ބަލާށެވެ. ނިދަން ތައްޔާރުވެ ނިމުމުން ރީތިވާ މޭޒުގެ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. ކޮޓަން ފޮތީގެ އަތްދިގު މަޑު ނޫކުލައިގެ ޓީޝާޓަކާއިއެކު، ހަމަ އެ ކުލައިގެ ގޮޅިޖެހި ހަރުވާޅެއް ލައިގެން ހުރިއިރު އޭނާއާއި ވަރަށް ގުޅެއެވެ. އޭނާގެ ދިގު އިސްތަށިގަނޑު އޮތީ ނޫކުލައިގެ ވޫލްކޮޅެއްގެ އެހީގައި ހުޅިއެއްޖަހާ ހައްޔަރުކޮށްލާފައެވެ. ލަކުނެއް ނުވާ އޮމާން މޫނުގައި ދެއަތުން ފިރުމާލުމަށްފަހު ދެލޯމަރާލީ މީހާ ހަމައަށް އެޅެން މަސައްކަތް ކުރަމުންނެވެ. ދެތިންފަހަރު ފުންކޮށް ނޭވާލުމަށްފަހު، އޭނާ، ދެލޯ ހުޅުވާލިއެވެ. އެއަށްފަހު، މިސްރާބުޖެހީ އެނދާއި ދިމާއަށެވެ.

ރުހާ އެނދުގައި އޮށޯތުމުންވެސް މިކްޔާން މާ ބޮޑަކަށް އަޅައެއްނުލައެވެ. ރުހާއަށް ބަލާލުމަށްފަހު، ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލާފައި، ފޯނު ހިފައިގެން އޭނާ އެނބުރުނީ އަނެއް ފަރާތަށެވެ. ރުހާ އެހާ ވަރުން ނެރުނު ހިތްވަރު އެލިގެން ދިޔައީ، މިކްޔާން ކަންތައް ކުރިގޮތުންނެވެ. ދެން ކަންތައްކުރަންވީ ގޮތަކާއިމެދު އަނެއްކާވެސް ވިސްނާލަން ޖެހުނެވެ. ދެންވެސް އޭނާއަށް ވިސްނުނީ އިތުރަށް ކުޑަ ހިތްވަރެއްލާފައި، އޭނާގެ ހިތުގައި ރޭވިފައިވާ ގޮތަށް ކަންތައް ކުރުމަށެވެ. އަނެއްފަރާތަށް އެނބުރިގެން އޮތް މިކްޔާނަށް ބަލާލަމުން، ރުހާ، މަޑުމަޑުން އޭނާއާއި ގާތްވާން ފެށިއެވެ. މިކްޔާނާއި ދާދި ގާތަށް އާދެވުމުން އޭނާގެ އަތް ހިއްލާލީ، މިކްޔާނާއި ދިމާއަށެވެ. ވަކި ހިސާބަކަށް އަތް ގެންގޮސްފައި، އޭނާ ފަސްޖެހުނެވެ. ކުއްލިއަކަށް އަތް ތިރިކޮށްލެވުނެވެ. އޭނާގެ ފިނޑިކަމުން އަމިއްލަ ނަފްސަށް ކުދި ކިޔާލެވުނެވެ. އިރުކޮޅަކު އެގޮތުގައި އޮވެފައި އަނެއްކާވެސް އޭނާ ހިތްވަރުކޮށްފައި އަތް ހިއްލާލިއެވެ. އަދި ދެލޯމަރާ ފިއްތާލަމުން އެ އަތުން މިކްޔާންގެ ބަނޑާދިމާލުގައި ހިފަހައްޓާލަމުން، މިކްޔާންގެ ބިޔަ ހަށިގަނޑުގައި ފުރަގަހުން ބައްދާލިއެވެ. ނޯއްދަމާލެވުނީ އެހަށިގަނޑުން ދުވަމުންދިޔަ މީރުވަހުންނެވެ.

ރުހާ މި ކުރި ކަމަކުން، ފޯނުން ގޭމް ކުޅެން އޮތް މިކްޔާންގެ ޙަރަކާތްތައް ހިނދުކޮޅަކަށް ނަމަވެސް ހުއްޓުނުހެން ހީވިއެވެ. އަތުތެރޭ އޮތް ފޯނު އަތުން ދޫވެގެން ވެއްޓުންއިރު، ވަމުން މިދާ ކަންކަން، ސިކުނޑިއަށް ދެނެގަންނަން ވަގުތުކޮޅެއް ނެގިއެވެ. ރުހާގެ ބީހުމުން ހަށިގަނޑުގެ އެންމެ ހިމަނާރަށްވެސް އެނގުންވެލިއެވެ. އޭނާގެ ބަނޑުގައި އަޅުވާލެވިފައިވާ ރުހާގެ އަތަށް ބަލާލެވުނީ ޤަބޫލު ނުކުރެވިފައި އޮވެއެވެ. ގުޑިލާންވެސް ނުކެރިފައި އޮތީ އެ ފޮނި ވަގުތުކޮޅަށް، ނިމުން އައިސްދާނެހެން ހީވުމުންނެވެ.

މިކްޔާންގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވުމުން ދެލޯމަރާ ފިއްތާލައިގެން އޮތް ރުހާ، މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އޭނާ އިސްވެ ގާތްވާން މަސައްކަތް ކުރުމުންވެސް، މިކްޔާންގެ ކިބައިން އެއްވެސް އިޝާރާތެއް ނުވުމުން، ދެރަވުމުގެ އިތުރުން އޭނާ ލަދުވެސްގަތެވެ. އެހެންކަމުން އޭނާ އުޅުނީ މިކްޔާންގެ ގައިން ދޫކޮށްލާށެވެ.

މިކްޔާންގެ ބަނޑުގައި ވަށާލެވިފައިވާ ރުހާގެ އަތް ދޫކޮށްލަން އުޅޭހެން ހީވުމުން، ހީވީ އެތައް އިރަކު މިކްޔާންގެ ސިކުނޑި މަސައްކަތް ނުކޮށް އޮވެފައި ކުއްލިއަކަށް މަސައްކަތްކުރަން ފެށިހެންނެވެ. ގެނައި ކުއްލި ޙަރަކާތަކާއިއެކު ރުހާގެ އަތުގައި ބާރަށް ހިފަހައްޓާލަމުން އޭނާގެ އަތާއި ގަޔާއި ދޭތެރޭ ރުހާގެ އަތް ބަންދުކޮށްލިއެވެ.

މިކްޔާން ކުއްލިއަކަށް މި ކުރިކަމަކުން މިލާފައިވާ ރުހާގެ މޫނު އެކީ އުޖާލާވެގެން އައެވެ. އަވަސްއަވަހަށް ދެ ލޯމަރާލެވުނީ މިކްޔާން މަގަތަށް އެނބުރެން އުޅޭހެން ހީވުމުންނެވެ.

ރުހާއާއި ދިމާއަށް މިކްޔާން އެނބުރުނެވެ. ދެލޯމަރާ ފިއްތާލައިގެން އޮތް ރުހާ ފެނުމުން، އެއްވެސް އިޚްތިޔާރަކާއި ނުލާ، އޭނާގެ ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ. އޭރުވެސް އޭނާ ރުހާގެ އަތުން ދޫކޮށްނުލައެވެ. ރުހާގެ މޫނަށް ފަރުވާތެރިކަމާއިއެކު، ބަލަން އޮވެފައި މިކްޔާން ރުހާގެ އަތްތިލައަށް ބޮސްދިނެވެ. މިކްޔާންގެ ހޫނު ތުންފަތް، ރުހާގެ އަތްތިލައިގައި ބީހުމުން، އޭނާގެ އެތެރެހަށީގައި، ކަރަންޓުގެ ރާޅުބާންޏެއް ދަތުރުކޮށްލިފަދައެވެ. އިޚްތިޔާރަކާ ނުލާ އޭނާއަށް ދެލޯ ހުޅުވާލެވުނު ވަގުތު، ދާދި ގާތުން މިކްޔާންގެ ފިރިހެންވަންތަ މޫނު ފެނުމުން ގައިގެ ލޯލިތައް އެކީ ކޮޅަށް ޖެހިގެން ދިޔައެވެ. އެހާގާތުގައި ވުމުން، މިކްޔާންގެ ހޫނު ނޭވާތައް ރުހާގެ މޫނަށް އެޅެމުން ދިޔައެވެ.

އެހާ ގާތުން ރުހާގެ މޫނާއި، އެ ބޮޑު ދެލޯ އަދި އެ ކުޑަކުޑަ ތުންފަތް ފެނުމުން، މިކްޔާނަށް، އިތުރަށް ކެތްކުރަން އުނދަގޫވިއެވެ. ދެ އަތުން ރުހާގެ ވަށް މޫނުގައި ހިފަހައްޓާލަމުން، ރަތް ލޭ ކޮޅެއްފަދަ ތުންފަތުގެ ލައްޒަތު ލިބިގަތެވެ. ފުރަތަމަ ރުހާވެސް، މިކްޔާނުގެ އެ ޚަރަކާތުގައި ފުރިހަމައަށް ބައިވެރިވިއެވެ. ނަމަވެސް، މަޑުމަޑުން އޭނާގެ ޙަރަކާތްތަކަށް ބަދަލު އަންނަންފެށިއެވެ. ކުރީ ރޭހެން، މިރޭވެސް، އޭނާ މިކްޔާން ގަދަކަމުން ދުރުކޮށްލިއެވެ. އޭނާގެ ނޭވާ އަވަސްވެފައިވާއިރު، އެ ބޮޑު ދެ ލޮލާއި، މޫނުމަތިން ފެނުނީ ކުރީރޭވެސް ފެނުނު އަސަރުތަކެވެ. ދެލޯ ފެންކަޅިވެގެން އައީ މިކްޔާން ބަލަބަލާ ހުއްޓައެވެ. ތެދުވެ ފާރުގައި ލެނގިލުމަށްފަހު، މޭމަތީ ބާލީސް ހުރަސްކޮށްލި ގޮތުން ހީވީ، ބިރެއް ފެނިގެން އުޅުނުހެންނެވެ. ބާލީހުގައި ބާރަށް ބައްދާލައިގެން އިންއިރު، މީހާ ތުރުތުރު އަޅަމުން ދިޔައެވެ. ސުވާލު އުފެދިފައި އޮތް މިކްޔާންވެސް ތެދުވެ، އެނދުގައި އިށީނެވެ. ދެ ލޯ މަރާލަމުން، ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލުމަށްފަހު، އޭނާ އަނެއްކާވެސް ރުހާއަށް ބަލާލިއެވެ. ބިރުވެރި އެއްޗެއް ފެނިގެން އުޅޭހެން އޭނާއާއި ދިމާއަށް ބަލަން އިންގޮތުން، މިކްޔާންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ކުރީ ރޭ ކަންތައްވީ ގޮތް ހަނދާންވުމުން، މިކްޔާން، ރުހާއާއި ގާތްވާކަށް މަސައްކަތެއް ނުކުރެއެވެ. ފާޑަކަށް ރުޅިގަދަވާން އުޅޭހެން ހީވުމުން، ތެދުވެގެން ދޮރާއި ދިމާއަށް މިސްރާބު ޖެހީ ބޭރަށް ނުކުތުމަށްޓަކައެވެ.

މިކްޔާން ދިޔަ ދިމާއަށް ބަލަން އިން ރުހާ ދެލޯ މަރާލުމާއިއެކު، އެ ދިގު އެސްފިޔަތައް ފޫ އަޅުވާލުމަށްފަހު، އެ ދެ ލޮލުން ކަރުނަތައް ފާއްދާލިއެވެ. އޭނާއަށް ކަންތައް ކުރެވުނުގޮތް ރޭކާލުމުން، ދެރަވީއެވެ. އެހާވަރަށް ހިތުގައި ރާވާލައިގެން އެކަން ކުރަން އުޅުމުންވެސް އޭނާ، ނާކާމިޔާބުވީމައެވެ. އެންމެ ދެރަވީ އޭނާއަށް އެގޮތަށް ކަންތައްކުރެވޭ ސަބަބު، އޭނާއަށްވެސް ދެނެގަންނަން ނޭނގޭތީއެވެ. މިކްޔާން ބުނިހެން، ރުހާވެސް ހީކުރީ، ރުހާ އަދި އެކަމަށް ތައްޔާރު ނުވެވެނީކަމަށެވެ. ނަމަވެސް ވޭތުވެ ދިޔަ ތިންމަސް ދުވަސްތެރޭ، މިކްޔާން ފެންނަ ކޮންމެ ފަހަރަކު، އޭނާގެ ހިތުގައި އުތުރި އަރަމުންދާ ޝުޢޫރުތަކާއި، އިޙްސާސްތަކުގެ ސަބަބުން  އޭނާ ހީކުރީ އޭނާއަށް އެކަމަށް ތައްޔާރުވެވިއްޖެ ކަމަށެވެ. މިކްޔާން ބުނިހެން މިކްޔާން އިސްވެ އޭނާއާއި ގާތްނުވާނެކަން އެނގުމުން، އޭނާ އަމިއްލަ ހިތުގައި ރާވާލީ، މިކްޔާން ބޭނުންވާ ގޮތަށް، އޭނާ އިސްނަގާށެވެ. އޭނާއަށް ޤަބޫލު ކުރެވުނު ގޮތުގައި، އެކަމުގެ ފެށުމަށް އެންމެ ރަނގަޅުވާނީ ތަފާތު މާހައުލެކެވެ. އޭނާ، މިރޭ އެކަމަށް އިސްނެގީ، އެއީ އެންމެ ރަނގަޅު ވަގުތާއި، އެންމެ ރަނގަޅު މާޙައުލުކަމަށް ހިތް ބުނުމުންނެވެ. ނަމަވެސް، އޭރުވެސް އަދި މިހާރުވެސް މައްސަލައަކީ ވަގުތާއި މާޙައުލެއް ނޫނެވެ. ޙަޤީގީ މައްސަލައަކީ އޭނާއެވެ. އޭނާއަށް ވަމުން އެދާ ގޮތްތަކެވެ. އެ ގޮތުގައި އެތައް އިރަކު ރުހާ، ރުޔެވެ. މީހާ ހަމައަކަށް އެޅެން ވަގުތު ނެގިއެވެ. އެ ހުރިހާ އިރެއް ވީއިރުވެސް، މިކްޔާން އެނބުރި ކޮޓަރިއަށް ނައުމުން، ރުހާގެ ހިތަށް ނުބައި ގޮތްތަކެއް ވާން ފެށިއެވެ. ގަޑި ބަލާލިއިރު، ގަޑިން މެންދަމު އެކެއް ޖެހީއެވެ. މީހާ ހަމައަކަށް އެޅިފައިވުމުން، ބުރުގާ އަޅާލައިގެން، ބޭރަށް ނުކުތީ މިކްޔާން ކޮބައިތޯ ބެލުމަށެވެ.

ކޮޓަރިން ނުކުތް ގޮތަށް އެކިތަންތަން ބަލަމުން، ރުހާ ބޭރަށް ނުކުތީ ގޭތެރެއިން މިކްޔާން ނުފެނުމުންނެވެ. ގޯތިތެރެއަށް ނުކުތްވަގުތު އެ ފަރާތުގައި ބަހައްޓާފައިވާ ޖޯލިފަތީގައި އިށީނދެގެން އިން މިކްޔާން، ރުހާގެ ލޮލުގައި އަޅައިގަތެވެ. ދެއަތް ޖޯޑުކޮށްލައިގެން ދަތްދޮޅީގައި އަޅުވާލައިގެން އިން ގޮތުން، އެ އިނީ ވަރަށް ފުން ވިސްނުމަކަށް ގެއްލިފައިހެން ހީވެއެވެ. އިރުކޮޅަކު މިކްޔާނަށް ބަލަން ހުރެފައި ރުހާ މަޑުމަޑުން އެ ދިމާއަށް ހިނގައިގަތެވެ. މެންދަމުގެ ވަގުތުކަމުން، ރަށުތެރެ ހިމޭންވެފައި ވީނަމަވެސް، ދޭތެރެއަކުން ސައިކަލް ދުއްވާ އަޑު އިވިލައެވެ. ރުހާގޮސް މިކްޔާންގެ ކޮނޑުގައި އަތް ބާއްވާލުމުން، ފާޑަކަށް ސިހިފައި ބަލާލިއެވެ. ރުހާ ފެނިފައި ނިއްކުރިއަށް ޖަމާވި ކުދި ރޫތަކުން ހީވީ، އުއްމީދު ނުކުރާކަހަލަ ކަމެއް ވީހެންނެވެ. އިރުކޮޅަކު ރުހާއަށް ބަލަން އިނދެފައި ހަށިގަނޑު ތެދުކޮށްލިއެވެ. މިކްޔާންގެ މޫނުގެ ކުލަވަރުތަކުން އޭނާ އިނީ ހިތްހަމަ ނުޖެހިފައިހެން ރުހާއަށް ހީވިއެވެ. އޭނާއަށް ކަންތައް ކުރެވުނު ގޮތުން، މިކްޔާން ނޫން އެހެން މީހަކު ނަމަވެސް، ހިތްހަމަ ނުޖެހޭނެކަން އޭނާއަށް ވިސްނުނެވެ. މިކްޔާން ރުޅިއައުން ޙައްޤުކަމުގައި ރުހާއަށް ޤަބޫލުކުރެވުނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، ރުހާ ވެސް މިކްޔާނާއި ޖެހިގެން އިން ޖޯލީގައި އިށީނެވެ.

“އަހަރެން ސުވާލެއް ކޮށްލަންތަ…..؟؟؟؟” ރުހާ އިށީނުމާއިއެކުހެން، މިކްޔާން އަހާލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވެގެން ދިޔަވަގުތު ރުހާ ބޯ ޖަހާލިނަމަވެސް، މިކްޔާން ކުރަން އެ އުޅެނީ ކޮންކަހަލަ ސުވާލެއްބާއޭ ހިތަށް އެރުމުން، ރުހާގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ.

“ރުހާގެ މުޅި ޙަޔާތުގައިވެސް، ރުހާ ބިރުގަނެ ޖެހިލުންވާވަރުގެ ކަމެއް ހިނގިތަ….؟؟؟ ނޫނީ އެއްވެސް މީހެއްގެ ފަރާތުން އެއްވެސް ގޯނާއެއް ނޫނީ ރުހާގެ ހިތްނޭދޭ ކަމެއްވިތަ….؟؟؟؟؟” މިކްޔާންގެ ސުވާލު އިވިފައި ރުހާގެ މުޅި މޫނު އެކީ ހުދުވިހެން ހީވިއެވެ. ދެލޯ ބޮޑުވެގެން ދިޔައިރު، އެ ތަނަވަސް ނިއްކުރިން ދާތިކިތައް ފާއްދާލިއެވެ. ދެއަތް ދެއަތާ މޮޑެމުން އިސްޖަހާލީ ހާސްވެފައި އިނދެއެވެ. ރުހާގެ ފަރާތުން ޖަވާބެއް ނުލިބުނު ކަމުގައިވިޔަސް، މިކްޔާނަށް އޭނާގެ ސުވާލުގެ ޖަވާބު އެނގިގެން ދިޔައެވެ. ރުހާއަށް އެއައި ބަދަލުތަކާއި، އެ މޫނަށް އަރާފޭބި ކުވަރުތައް އެކަމަށް ހެކިދެއެވެ. މި ވީހާއިރު، އެތާ އިނދެގެން އެކި ގޮތްގޮތުން އޭނާ ވިސްނައިފިއެވެ. ރުހާއަށް އެހެން އެވަނީ އޭނާއަށް ދިމާވި ކޮންމެވެސް ޙާދިޘާއެއްގެ ސަބަބުން ކަމުގައި ކަމަށް މިކްޔާނަށް ވިސްނުނެވެ. އަމިއްލައަށް އިސްނެގި ކުއްޖަކު އެހާވަރަށް ފަސްޖެހޭނީ ކޮންމެވެސް ބޮޑުކަމަކާ ލައިގެންނެވެ. ބިރެއް ފެނިގެން އުޅޭހެން، އެ ދެލޮލުން ބާލާލާ ބަލާލުން އެކަމުގެ ހެއްކަކަށް ފުދެއެވެ. އެއީ ކޮންކަމެއްކަން އެނގެން ކިތަންމެ ބޭނުންވީ ކަމުގައިވިޔަސް، އެވަގުތު ރުހާގެ ގާތުގައި އެ ވާހަކަތައް ދައްކާކަށް އޭނާ ބޭނުމެއް ނުވިއެވެ. ރުހާގެ މޫނުގައިވާ އަސަރުތަކުންވެސް މިއީ އެންމެ އެކަށީގެންވާ ވަގުތު ނޫންކަން މިކްޔާނަށް ދެނެގަނެވުނެވެ. މިކްޔާން ކޮޓަރިން ނުކުތީ ކުޑަކޮށް ރުޅިއައިސް، ހިތްހަމަ ނުޖެހިފައި ހުރެގެން ނަމަވެސް، ފަހުން ރަނގަޅަށް ވިސްނާލެވުމުން އޭނާގެ ރުޅިގަނޑު ފިނިވިއެވެ. މިކްޔާން ނިންމީ ކޮންމެވެސް ގޮތަކުން އެކަމުގެ ޙަޤީގަތް ހޯދާފައި ނޫނީ އެރަށުން ނުދިއުމަށެވެ. ރުހާ އެ ކަމުން ސަލާމަތްކޮށް، އެ ދެ މީހުންނަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނީ އޭރުން ކަމުގައި، މިކްޔާން ދެކުނެވެ.

“ރުހާ….. އަހަންނަށް ވަރަށް ހީވެ، ރުހާ ކޮންމެވެސް ކަހަލަ ވޭނެއް ނޫނީ ހިތްދަތިކަމެއް ތަހައްމަލް ކުރަމުންދާހެން…. އަހަންނެއް ނާހާނަން އެއީ ކޮންކަމެއްތޯއެއް…؟؟؟؟؟ އަދި އެކަން ޚިއްސާ ކުރަން، ރުހާއަށް މަޖުބޫރެއްވެސް ނުކުރާނަން…. އެކަމަކު އަހަރެން ބުނަންތަ ވާހަކައެއް…. ތިގޮތަށް ހިތުގައި ސިއްރުކޮށްގެން އުޅުމަށްވުރެ، ތިކަންތައް ކޮންމެވެސް މީހަކަށް ޚިއްސާކުރުން ބުއްދިވެރީ…. އަހަރެން މި ހުރީ ތި ވާހަކަތައް އަޑުއަހަން ތައްޔާރަށް…. އަހަރެން ރުހާއަށް އެހީވެދޭނަން….. އެކަމާ ގުޅިގެން އަހަރެން ރުހާއަށް ޖަޖެއް ނުކުރާނަން…… މިހާރު ނުކިޔައިދިނަސް އޯކޭ….. ރުހާ ބޭނުން އިރަކުން، އެ ހެޔޮ ކިތަންމެ ދުވަހެއްގެ ފަހުން ވިޔަސް… އެވާހަކަ ދައްކަން ރުހާ ތައްޔާރުވެއްޖިއްޔާ، ލަސްނުކޮށް އަހަންނާ ޚިއްސާކުރާތި….. އަހަރެން އިންތިޒާރުކުރާނަން…..” ރުހާގެ އަތްތިލައިގައި މަޑުމަޑުން ހިފަހައްޓާލައިގެން އިނދެ މިކްޔާން ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އެ ހުރިހާ އިރަކުވެސް ރުހާ އިނީ އިސްޖަހާލައިގެންނެވެ. އަނގައިން އެއްޗެކޭ ނުބުނެ އިނުމުން މިކްޔާން ރުހާގެ ނަމުން ގޮވާލިއެވެ. މިކްޔާން ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން އިން ރުހާ ދިޔައީ، އޭނާގެ ދެ ލޮލަމުން ޖަމާވަމުން ދިޔަ ކަރުނަތަކާވެސް ހަނގުރާމަ ކުރަމުންނެވެ. އެހާވަރުން ހިފަހައްޓައިގެން އުޅުނު ކަރުނަތައް، އެ ދިގު އެސްފިޔަތައް ފޫ އަޅުވާލުމަށްފަހު ބޭރުވީ، މިކްޔާން ގޮވާލުމުންނެވެ. މިކްޔާންގެ ދުލުން އިވިގެން ދިޔަ ވާހަކަތަކުގެ ސަބަބުންނެވެ. އެ ހުރިހާ ދުވަހު، ހިތުގައި ފޮރުވައިގެން އުޅުނު ކަންތައް މިކްޔާނަށް ރޭކާލުމުންނެވެ. އެއްވެސް މީހަކަށް ނޭނގޭނެހެން ސިއްރުކޮށްގެން އުޅުނުކަންތަކާއިމެދު، މިކްޔާންގެ ހިތުގައި ޝައްކު އުފެދުމުންނެވެ. ސީދާ ކޮންކަމެއްކަން ނޭނގުނަސް، އެ ދިމާއަށް މިކްޔާންގެ ސިކުނޑި ވާސިލްވާން މަސައްކަތްކުރާކަން އެނގުމުންނެވެ. އެހާވަރުން ހަނދާން ނައްތާލަން އުޅުނު ކަޅުވިލާގަނޑުގެ އަސަރު ފާޅުވާން އުޅޭހެން ހީވުމުން، ހިތުގައި ބިރުވެރިކަން އުފެދުނުވަރުންނެވެ.

މިކްޔާނަށް ރުހާ ރޯކަން އެނގުނީ އޭނާގެ އަތްތިލަމައްޗަށް ވެއްޓުނު ކަރުނަތިކީގެ ސަބަބުންނެވެ. އަވަސް ޙަރަކާތަކާއިއެކު ރުހާގެ އަތްތިލައިން ދޫކޮށް، އެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އޭނާއާއި ދިމާއަށް އަނބުރާލިއެވެ. ކަރުނުން ފުރިފައިވާ ރުހާގެ ދެލޯ ފެނިފައި ހީވީ، މިކްޔާންގެ ހިތަށް ތޫނު ކަންޖަރެއް ހަރާލެވުނު ހެންނެވެ. ރަތްވެފައިވާ ދެލޮލުގައި އެތައް ވޭނެއް ވިއެވެ. މަޑުމަޑުން އިވެމުންދިޔަ ގިސްލުމުގެ އަޑުން، މިކްޔާންގެ ހިތް ތޮރުފާލަފާނެހެން ހީވިއެވެ. އަވަސްއަވަހަށް އެ ދެލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލައިދެމުން، ތަކުރާރުކޮށް ރުއިން ހުއްޓާލުމަށް އެދެމުން ދިޔައެވެ.

“ރުހާ ޕްލީޒް… ތިހެން ނުރޮއި…. ހުއްޓާލާ…. އަހަރެން އެ ވާހަކަތައް މި ދެއްކީ ރުހާ ދެރަކުރާކަށް ނޫން….. އަހަރެން ބޭނުމެއް ނޫން ރުހާ ރޯތަން ބަލާކަށް….. އެ ވާހަކަތައް މަތިން ހަނދާން ނައްތާލާ…..” މިކްޔާން ވަރަށް އާދޭސްކުރުމުން ރުހާގެ ގިސްލުމުގެ އަޑު ކެނޑުނެވެ. ދެ ލޮލުން އަންނަމުންދިޔަ ކަރުނަތައް މަދުވިނަމަވެސް، ދެ ލޮލުން ކަރުނައެއް ނުހިކެއެވެ. މިކްޔާން، މަޑުމަޑުން ރުހާ ގާތްކޮށްލުމުން، ރުހާވެސް މިކްޔާންގެ ކޮނޑުގައި ބޯ އަޅާލިއެވެ. އެ ހުރިހާ ކަމެއް ހިނގުމަށްފަހު، އެފަދަ އޯގާތެރިކަމަކަށް ބޭނުންވެފައިވުމުން ކަމަށްވެސް ވެދާނެއެވެ.

“ދެން އެކަމާ ނުވިސްނާ…. ހިނގާ ނިދަން ދާން…. މާދަން އަވަހަށް ހޭލަންވެސް ޖެހޭނެއެއްނު…. މިކްޔާން މިހެން ބުނުމުން ރުހާ މިކްޔާނާއި ދުރަށް ޖެހެލިއެވެ. އަދި ދެލޯ ފުހެލުމަށްފަހު، ބޯ ޖަހާލީ އާނ އެކޭ ބުނުމުގެ ގޮތުންނެވެ. މިކްޔާން ތެދުވެފައި ރުހާގެ އަތުގައި ހިފާލުމުން، ބަސްއަހާ ކުޑަކުއްޖެއް ފަދައިން ރުހާވެސް ތެދުވިއެވެ. މިކްޔާން ރުހާގެ އަތުން ދޫކޮށްލީ ކޮޓަރިއަށް ވަދެވުމަށްފަހު، ރުހާ އެނދުގައި އިށީނުމުންނެވެ. ރީތިވާ މޭޒުމަތީ ހުރި ފެންފުޅި ދިއްކޮށްލުމަށްފަހު، ފެންފޮދެއް ބޯލުމަށް އެދުމުން އެކަންވެސް ވަރަށް ފަސޭހައިން ކޮށްލިއެވެ.

“ދެން އޮށޯވެ ނިދާލެވޭތޯ ބަލާ… އެއްވެސް ކަމަކާ ނުވިސްނައްޗޭ….. އަހަރެން މިހުރީ ރުހާއާއިއެކު އިނގޭ…..” ރުހާގެ ބޮލުގައި ވަރަށް ލޯބިން ފިރުމާލުމަށްފަހު މިކްޔާން ބުނެލިއެވެ. ރުހާ އޮށޯތުމުން މިކްޔާން އޭނާގެ ގައިގައި ރަޖާ އަޅައިދިނުމަށްފަހު، މަގަތުގައި އިރުކޮޅަކު އިށީނެވެ. އޭނަ އެތަނުން ތެދުވީ ރުހާ ނިދައިފިކަން ޔަޤީންވުމުންނެވެ.

**********

ޖެހިގެން އައި ދުވަހު ރުހާ ހުރީ ވަރަށް ހަމަޖެހިލާފައެވެ. ކައިވެނީގެ އެކި ކަންކަމުގައި ގަޔާވެގެން، މަސްއޫލުވެ އުޅޭތަން ފެނުމުން، މިކްޔާންގެ ހިތަށް ފިނިކަމެއް ލިބުނުނަމަވެސް، އޭނާވެސް ބެލީ އެކިގޮތްގޮތުން ރުހާ ހިތްހަމަ ޖެއްސޭތޯއެވެ. ބައެއްފަހަރު ބުނެލާ ބަސްތަކުންނެވެ. ނޫނީ ސަމާސާއެއްކޮށް، ހެއްވާލައިގެންނެވެ.

**********

ރިދާއާއި މިލާން ބޭނުންވީ ވަރަށް އާދައިގެ ގޮތަކަށް ކައިވެނީގެ ކަންތައް ގެންދާށެވެ. އެހެންކަމުން ބޮޑު ޕާޓީއެއް ބޭއްވުމުގެ ބަދަލުގައި ބޭއްވީ އާދައިގެ ވަލީމާއެކެވެ.

“މިހާރު ދެން ކައިވެނިވެސް ވީއެއްނު…. ދެން އަހަންނަކަށް ނުޖެހޭނެ ފަހަރީގެ ކަންތައްތަކަށް ފާރަވެރިވެގެން ހުންނާކަށް… ރިދާ އަމިއްލައަށް އެކަން ކުރެވޭނެއެއްނު…..” އެކުވެރިންނާއި ޢާއިލާގެ މީހުންތައް ކުޑަކޮށް އެއްފަރާތްވެލާ، ދެ މީހުން އެކަނިވުމުން މިލާން ރިދާއާއި ދިމާކޮށްލިއެވެ. ރިދާގެ ގާތަށް ހިނިއައިނަމަވެސް، އަތުގެ އުޅަބޮނށިކޮޅުން މިލާންގެ ގައިގައި ޖަހާލުމުން، މިލާން ހޭންފެށިއެވެ. އެ ފިރިހެންވަންތަ އަޑު ގުގުމައިގެން ދިޔުމުން، ރިދާގެ ގައިން ހީބިހި ހިލުވާލިއެވެ. އަދި ހީލުމުން އެއްކޮލަށް އެޅިފައިވާ އަޑިކޮޅު ފެނިފައި، ރިދާއަށް ހިތާހިތުން އެ ރީތިކަމަށް ތައުރީފްކޮށްލެވުނެވެ. މީގެ ކުރިން މިލާނަށް ރަނގަޅަށް ބަލާލެވިފައި ނުވާތީ ނޫނީ މާ ބޮޑަށް ޝައުގުވެރިކަން ނެތުމުން ނޫންކަމެއްވެސް ނޭނގެއެވެ. ހީލުމުން މިލާންގެ ކޮލަށް އެޅިފައިވާ އަޑިކޮޅާއި، އެ ރީތިކަން އޭނާގެ ލޮލުގައި އަޅައިގަތީ އަދި ކިރިޔާއެވެ.

“ހާދަ ވަރަކަށް ތި ބަލަނީ….؟؟؟؟ އަހަރެން ދެކެ ލޯބިވެވުނީތަ…..؟؟؟؟ ރަނގަޅަށް ދޯ މި ބުނީ…. އަހަންނަށް ކުރިންވެސް ހީވިއޭ….” ރިދާ ބަލާކަން އެނގުމުން މިލާން ބެލީ ރިދާ ލަދުގަންނަވާލެވޭތޯއެވެ. އޭނާއަށް އެކަން ކާމިޔާބުވެސް ވިއެވެ.

“ހެހެހެ… ނޫން….. ނުބަލަން……” މިލާންގެ ނަޒަރު ރިދާގެ މޫނަށް ސީދާވެފައިވުމުން، އެ ދޮން މޫނަށް ފިނިފެންޖަންބުކުލަ ވެރިވެގަތެވެ.

“އޯހް…. ހާދަ ދެރައޭ…. ތިބުނީ އަހަރެންދެކެ ލޯބި ނުވެއޭ ދޯ….” މިލާން ދެރަވާކަމަށް ހަދާލިއެވެ. ރިދާ ދެފަރާތަށް ބޯ ހޫރާލިއެވެ.

“އެހެނެއް ނޫން މި ބުނީ…. ކުރިންވެސް ބުނިހެން އަހަރެން ކައިވެންޏަށް އެއްބަސްވީ މިލާންގެ ފަރާތުން ފެނުނު އަޅާލުމާއި އޯގާތެރިކަން ފެނިފައި…. އަހަރެން ޤަބޫލުކުރާ ގޮތުގައި ލޯތްބަށްވުރެ އެކަންކަން މާ ބޮޑަށްވެސް ދިރިއުޅުމަށް މުހިންމުވާނެ…. ދެން އެހާވަރަށް އަޅާލާ، އޯގާތެރިވާ ކަމުގައިވަންޏާ ނިކަން އަވަހަށް ލޯބިވެސް ވެވިދާނު ދޯ…..” ރިދާ ފަހު ޖުމްލަ ބުނެލީ މިލާނަށް ބަލާލަމުން އެއްލޯ މަރާލުމަށްފަހުގައެވެ.

“ރަނގަޅު ވާހަކައެއް ތި ބުނީ….. ރިދާ އަހަރެން ދެކެ ލޯބިވާނެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރާނަން…. މާތް ﷲ އިރާދަކުރެއްވިއްޔާ އަހަރެންގެ ފަރާތުން އަބަދުވެސް ރިދާ ބޭނުންވާ އަޅާލުމާއި، އޯގާތެރިކަމާއި، ލޯބި ދޭނަން….. ފަހު ނޭވަޔާ ޖެހެންދެންވެސް ރިދާ ދޫކޮށެއް ނުލާނަން…. ދިރިއުޅުމުގައި ކިތަންމެ ބޮޑު ހިތްދަތިކަމަކާ ކުރިމަތިލާން ޖެހުނަސް، ދެގޮތެއް ނުވެ، ރިދާއާއިއެކު ވާނަން….  އަހަރެން ރިދާ ދެކެ ވަރަށް ލޯބި……” ރިދާގެ އަތުގައި ހިފަހައްޓައިގެން، އެ ބޮޑު ދެލޮލަށް ބަލަން ހުރެ، ވާހަކަ ދައްކަމުން ދިޔަ މިލާންގެ ޖުމްލަ ފުރިހަމަ ނުކުރެވުނީ، ގާތްގަނޑަކަށް ތިންއަހަރުގެ ޢާއިލާތެރޭގެ ކުޑަ ފިރިހެން ކުއްޖެއް އައިސް އޭނާގެ ފައިގައި ބައްދާލުމުންނެވެ. ދެމީހުންގެ ސަމާލުކަން އެ ކުއްޖާއަށް ހުއްޓުންއިރު މިއިން ކަމެއް އެކުއްޖާއަށް ރޭކާނުލައެވެ. އެކުއްޖާ މިލާންގެ ފައިގައި ބައްދާލީ، އެކުގައި ދުވެ އުޅުނު އެހެން ކުއްޖަކަށް ފިލަން ވެގެންނެވެ. އިރުކޮޅެއްނުވެ، އެކުއްޖާ ދުރަށް ދުއްވައިގަތެވެ. އެ ކުއްޖާ ދިޔަ ދިމާއަށް ބަލަން ހެވިފައި ދެމީހުންނަށް ތިބެވުނެވެ.

“ކުދިންތައް ދުވެދުވެފައި އުޅޭއިރު ލޯބިކަން ދޯ… ޚިޔާލެއް ފިކުރެއް ނެތެއްނު… އެހާ ވަރުން ލޯބިވާވަރު ބަޔާންކޮށްދޭން އުޅެނިކޮށޭ، އައިސް ފައިގައި ބައްދާލީ އޭ…. ހެހެހެ ދުވަސްކޮޅަކުން އަންނާނީ އަމިއްލަ ދަރިންކޮޅު ކަންނޭނގެ…. މުސްކުޅިވާއިރުވެސް ލޯބިވާވަރު ބަޔާންކޮށްދެވޭނެބާ…. ހެހެހެ…..” މިލާން މަޖާވެފައި ދެއްކި ވާހަކައަކުން ރިދާއަށް ނުހީއެއް ނުހުރެވުނެވެ.

“އާނ ދޯ…. އަހަރެން މި ހުންނަނީ ލައިވެސް ވިހާނެ ދުވަހެއްގެ އިންތިޒާރުގައި…. ބޭބީ އުރާލާ ހިތުން….” އެހުރިގޮތަށް ހެވިލައިގެން ހުރެ ރިދާ ބުނެލިއެވެ.

“އަހަރެމެންވެސް ވާނެ ދޯ ވަރަށް އަވަހަށް ބޭބީއެއް ހޯދަން… ޓީމެއް ހަމަވާވަރަށް ކުދިން ހޯދަނީ…. ކިހާ މަޖާވާނެ….” ކުއްލިއަކަށް ހުރެފައި މިލާން ބުނެލި އެއްޗަކުން ރިދާގެ ގާތަށް ހިނިއައިނަމަވެސް، އެއަށްވުރެ ބޮޑަށް ލަދުގަތެވެ. މިލާނަށް އެކަން ފާހަގަވުމުން “އަސްލަށްވެސް” އޭ ބުނެލީ ރިދާ އިތުރަށް ލަދުގަންނަވާލުމުގެ ބޭނުމުގައެވެ. ރިދާއަށް އެއްޗެކޭ ބުނާނެ ފުރުސަތެއް ނުލިބި އުޅެނިކޮށް އެތަނަށް މަލަކް އައެވެ. ރިދާ ލަދުންގޮސް އެތަނަށް ނުވިރެނީސް މަލަކް އައިކަން ނަސީބޭ ރިދާގެ ހިތަށް އެރިއެވެ. މިކްޔާން ގޮވާލުމުން އެތަނުން ދާން ހިނގައިގަތް މިލާން ރިދާއަށް ބަލާލަމުން އެއްލޯ މަރާލުމުން ރިދާ ލަދުން އިސްޖަހާލިއެވެ.

**********

ޖެހިގެން އައި ރޭ ރޭގަނޑު ކެއުމަށްފަހު އެންމެން ނުކުތީ ރަށުތެރޭގައި ހިނގާލާށެވެ. ހިނގާލަން ނުގޮސް ގޭގައި މަޑުކުރީ ހަމައެކަނި ނިމާލްގެ ދެމަފިރިންނާއި ޖާވިދުގެ ދެމަފިރިންނެވެ. އެކިއެކި ވާހަކަތައް ދައްކަމުންގޮސް އެއްވެސް އަލިކަމެއް ނެތް އަނދިރި ގޯޅިއަކަށް އެޅުމުން، ލައިނީގެ އަތުގައި ހިފަހައްޓާލަމުން ރަޔާން ބިރުވެރި ވާހަކައެއް ފެށީ އަންހެންވެރިން ބިރުގަންނަވާލުމުގެ ބޭނުމުގައެވެ. ރަޔާން އެ ވާހަކަ ފެށުމުން މަލަކްއާއި ރިދާ ތިބީ، ދެފަރާތުން މިލާންގެ އަތުގައި ބާރަށް ހިފަހައްޓާލައިގެންނެވެ. ރަޔާންގެ އަނެއް ފަރާތުގައި ހުރި ރުހާވެސް އޭނާގެ އަތުގައި ހިފާލަމުން، ވަށާ ހޯދާލެވުނީ މިކްޔާން ނެތްހެން ހީވުމުންނެވެ. ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި މިކްޔާން އައިސް ސިއްސުވާލުމުން، ބާރަށް ހަޅޭލަވައިގެންފައި ރުހާ ދުއްވައިގަތެވެ. ރުހާ ހަޅޭއްލަވައިގަތުމުން، ރިދާމެންވެސް ހަޅޭއްލަވައިގަންނަމުން ކުރިއަށްވުރެވެސް ބާރަށް މިލާންގެ ގައިގައި އޮޅުލައިގަތެވެ. ދެމީހުން އެއްކޮށް އެގޮތަށް ކަންތައްކުރުމުން އޭނާ ނުވެއްޓި ހުރީވެސް ކިރިޔާއެވެ. ލައިނީއަށް މާ ކުރިންވެސް އެ މީހުންގެ ޕްލޭން އެނގިފައިވާތީ، އޭނާ ހުރީ ހަމަޖެހިލައިގެން ހިނިއައިސްފައެވެ. ވަކި ހިސާބަކަށް ދުވެފައި ދިޔަ ރުހާ ހުއްޓުނީ، އެއީ މިކްޔާންގެ ކަމެއްކަން ރޭކާލުމުންނެވެ. ރިދާމެންވެސް އެކަން އެނގުމުން މިލާންގެ ގައިން ދޫކޮށްލިއެވެ. މިކްޔާން އެފަދަ ކަމެއް ކޮށްފާނޭ ހީނުވުމުން މަލަކް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ވާނީވެސް އެހެންތާއެވެ. އޭނާއަށް އަބަދުވެސް ފާހަގވެފައިވަނީ މިކްޔާނަކީ ވަރަށް ސީރިއަސްކޮށް ހުންނަ މީހެއްގެ ގޮތުގައެވެ.  އަބަދުވެސް، އޭނާއާއި އެކަހަލަ ސަމާސަކޮށް، ޖެއްސުންކޮށް އުޅެނީ މިލާނެވެ. އެހެނަސް މިރޭ މި ފެނުނީ މުޅިން އައު މަންޒަރެކެވެ. މަޖާވެގެން ހެމުން ދިޔަ މިކްޔާން ފެނިފައި، އޭނާއަށް ހިނިތުން ވެވުނީ އިޚްތިޔާރަކާ ނުލައެވެ. މަޑުމަޑުން މިކްޔާންގެ މިޒާޖު ބަދަލުވަމުން އަންނަކަން އޭނާއަށް ފާހަގަވުމުން ވަރަށް އުފާވިއެވެ.

ދުރުގައި މަޑުކޮށްލައިގެން ހުރި ރުހާއާއި އަރާހަމަވުމުން މިކްޔާން ހިނިގަނޑު މަތަކުރަން މަސައްކަތްކުރީ، ރުހާ ލޯއަޅާލުމުންނެވެ. ރުޅިމޫނު ހަދާލި ނަމަވެސް، ރުހާއަށް އެގޮތުގައި ހުރެވުނި ހިނދުކޮޅަކަށެވެ. އޭނާ ހޭންފެށުމުން މިކްޔާންވެސް ހޭންފެށިއެވެ.

ފިހާރައަކަށް ދާން ބޭނުންވާކަމުގައި ރުހާ ބުނެފައިވުމުން، އެހެން މީހުންނާއި ވަކިވެގެން އެ ދެމީހުން ފިހާރައަށް ދިއުމަށް ހިނގައިގަތީ، ހިނގައިދިޔަ ކަންތަކުގެ ވާހަކަ ދައްކަމުން ހެވިފައި ތިބެއެވެ. ފިހާރަ ހުންނަ ގޯޅިއަށް ލަނބާލި ވަގުތު، ކުއްލިއަކަށް ރުހާގެ ފިޔަވަޅުތަކަށް ހުއްޓުން އައުމުން، މިކްޔާންވެސް މަޑުޖެހިލިއެވެ. ރުހާގެ މޫނަށް ބަލާލިވަގުތު، އޭނާގެ ނަޒަރު ސީދާވެފައިވާ ދިމާއަށް ބަލާލެވުނީ، އެ މޫނުމަތީގައިވީ އަސަރުތަކެއްގެ ސަބަބުންނެވެ. އެއްފަހަރު ފިހާރައިން ނުކުތް މީހާއަށް އަދި އަނެއް ފަހަރު ރުހާއަށް ބަލާލި މިކްޔާންގެ ހިތުގައި އެތައް ސުވަލެއް އުފެދިފައިވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 16

Next

ވަކިވީ ލޯބިން

Next
September 27, 2021

ވަކިވީ ލޯބިން

Previews
September 27, 2021

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 16

9 Comments!

  1. Eemyaa says:
    September 27, 2021 at 3:52 am

    Mi baives kamudhaane kamah ummeedhu kuran ?❤️
    Mihaaru mi vaahaka eem ge fb page “EamYaa ge vaaahaka” in ves kiyaaleveyne
    https://www.facebook.com/EamYaa-ge-Vaahaka-100267119062847/

  2. Ayshath Thasny says:
    September 27, 2021 at 12:08 pm

    aww… getting interesting day by day?? when is the next part.

    1. Eemyaa says:
      September 27, 2021 at 9:25 pm

      Thanks Ayshath ❤️ soon In Sha Allah ? I’ll try to upload it as soon as possible ❤️??

  3. Eevss says:
    September 27, 2021 at 1:49 pm

    masha allah..vrh salhi mi part vs..when next..curiosly waiting for the next..??

    1. Eemyaa says:
      September 27, 2021 at 9:26 pm

      Thanks Eevss ❤️ soon In Sha Allah ? I’ll try to upload it as soon as possible ❤️??

  4. Hassan Naail says:
    September 27, 2021 at 3:16 pm

    Masha Allah ❤️ reethikan avahah aneh bai genesdheyne kamah unmeedhu kurany ingey sis ❤️??

    1. Eemyaa says:
      September 27, 2021 at 9:28 pm

      Thanks kudey ❤️ yeah v masakaiy kuraanan avahah genesdheveytho ??❤️

  5. Aishath faruha Abdullaa says:
    September 28, 2021 at 8:32 pm

    Heevanee eii ruhaa ge maazee aai gulhun huri meeheh hen… ?Ruhaa ah e anna badhaluge aslakee eii kamah beleveny… ?mikyaan haadha laaneh vejjey dhw???By the way masha Allah…. Kuree part thakekey ehfadhain mi part vx Vrh reethi….? n mee kithah part ge vaahaka eh???
    When next?? Curiously waiting….. ?

    1. Eemyaa says:
      September 28, 2021 at 9:35 pm

      Lets see dw faruhaa ? haha yeah dw ? Thanks a lott faruhaa ?❤️
      Mee kuriah liyefa in vaahaka eh nun v ma seedhaa kithah part liyeveyne kameh adhi bunaakah neyge .. ekm adhi nimeykah gaatheh nuve ?
      Next part maadhan nuny maadhan rey upload kohleveytho v masakaiy kuraanan In Sha Allah ? ekm yageen kameh nudheveyne ???

Comments are closed.

Next Episodeޔާރު ނުބުނޭ ތިހެން … (14)←


All Right Reserved!