އަލީގެ އުމުރުން ހަތް އަހަރު ވީ އިރު އޭނާގެ ބައްޕައާއި އެކު ރާވެރިކަމުގެ ކަންކަން ދަސްކުރަން ފަށައިފިއެވެ. އަލީގެ މާގިނަ ރަހުމަތްތެރިން ތަކެއް ނޫޅެއެވެ. ރާވެރިއެއްގެ ދަރިއެއް ވީމައެވެ. ނޫނީ އެހެންކުދިންނާއެކު އަލީ އުޅެން ބޭނުން ނުވަނީއެވެ. އަލީ ގިނަ ވަގުތު ހޭދަކުރަނީ އޭނާގެ ބައްޕައާއި އެކު ވަލުގައި ރާވެރިކަމުގައެވެ. ގެއަށް އައިސް އުޅޭ ވަގުތުތައް ހޭދަވަނީ އޭނަގެ ދައްތަ މެންނާއެކުއެވެ.

އާދަނުގެ އާއިލާއަށް އަންނަށް އުޅޭ ރޯޅީގެ ފެށުން އައީ މި ދުވަސް ވަރުއެވެ. މަރޮށީގެ މަސްވެރިކަމުގައި އުޅޭ މީހުންތަކެއް ދޯނިފަހަރު ބަންނަން ބޭނުންވެގެން އުޅުނު ދުވަސްވަރެވެ. އެގޮތުން އާދަނުގެ ކާބަފައިންގެ ފަރާތުން ވާރަތުވެފައި ހުރި ރުއްތަކުން ރުއް ކަނޑަންވެގެން ހުއްދަ ހޯދަން އާދަނު ގާތަށް އެ މީހުން އައެވެ. އާދަނު އެ މީހުން ގާތު އެ ރުއްތައް ދެވެން ނެތް ވާހަކަ ބުނުމުން އެ ދުވަހު އެކަން ގަބޫލު ކޮށްގެން ދިޔައެވެ. ނަމަވެސް އެ މީހުންގެ ހިތުގައި އާދަނުއާއި މެދު ހަސަދައިގެ އަލިފާންގަނޑު ރޯވެ އަނދަންފެށިއެވެ. ނަމަވެސް އެކަން އޭރު އާދަނަކަށް ނޭނގެއެވެ.

އޭގެ ހަތް އަހަރު ފަހެއެވެ. އެއިރު އަލީގެ އުމުރުން 14 އަހަރު ވެއްޖެއެވެ. އާދަނެކޭ އެއްފަދައިން އަލީއަށް ވެސް ލިބިފައިވަނީ އާދައިގެ ހަށިގަނޑެކެވެ. މޫނުމަތިން އާދަނާއި ވަރަށް ވައްތަރު ގޮތެއް ހުރެއެވެ. އަލީ ލައި އުޅެނީ މުންޑެވެ. އާދަނާ އެކު ރާވެރިކަމުގެ ކަންކަމުގައި ފުރިހަމައަށް ބައިވެރި ވެއެވެ. ރުކަށް އަރާ އުޅެނީ ފަރިތަކަމާއެކުއެވެ. އޭނަގެ ބައްޕައަށްވުރެ ވަކި ރާވެރިކަމުގައި އަލީގެ ހުނަރު ދެށެއް ނޫނެވެ. ބައްޕައާއި އެކު ހެދުނާއި ހަވީރު ބަރާބަރަށް ރުކަށް އަރާ ރާބޭލުމުގައި އުޅެއެވެ. އެކަން އަލީ ކުރަނީ ކުރާ ހިތުންނެެވެ.

އެގޮތުން ރާބާލަން ގޮސް އުޅުނު ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ރަށުގެ މީހުން އުޅޭ ހިސާބާ އެންމެ ދުރުގައި ހުރި ރުކުން ރާބާލައިގެން ދެމީހުން އެކުގައި ގެއާދިމާލަށް އަންނަނީއެވެ. އެ ވަގުތު މަރޮށީގެ މަސްވެރިކަމުގެ ބޮޑެތި ތިންމީހުން އާދަނުމެންނާ ދިމާލަށް އައެވެ. އެ މީހުން އައި ގޮތައް އައިސް އާދަނުމެންގެ އަތުގައި ހުރި ރާގުޑިތަކުގައި ޖަހައި ބިންމަށްޗައް ވައްޓާލިއެވެ. އަދި އާދަނު އާއި ދިމާލަށް އިނގިލި ދިއްކޮށް, ކަލޭ މާ ގަދަރުވެރި މީހެކޭ ހިތާ ނޫޅެންޖޭ, މާދަމާ އަހަރަމެން ކަލޭގެ ރުއްތަކުން ރުއް ކަނޑަށް އަންނާނަމޭ, ހުއްޓުވަން އުޅެފިނަމަ ކުޅި ދައްކާލާނަމޭ ބުނެ އާދަނުއަށް އިންޒާރުގެ ބަސްތައް އަމާޒުކޮށްލިއެވެ. ރައްދުގައި އާދަނު, ތިޔަހެނެއް ތިކަން ނުކުރެވޭނެ އޭ, އަހަރެންގެ ފުރާނަ ހުރިހާ ހިނދަކު ތިޔަކަން ހުއްޓުވާނަމޭ ބުންޏެވެ. މިހެން ބުނުމުން އާދަނާއި ދިމާލަށް ފާޑަކަށް ބަލާލުމަށް ފަހު އެމީހުން އެ ދުވަހު ދިއައެވެ.

އޭގެ އަނެއް ދުވަހު ހެނދުނު، މަރޮށީގެ ވަލުގައި އާދަނުގެ ރުއްތައް އެންމެ ގިނައިން ހުންނަ ހިސާބަށް، އާދަނާއި އަލީ ދިޔައިރު ކަމަކުދާކަށް ނެތެވެ. އެއްކަލަ މަސްވެރި ބޮޑެތި ތިންމީހުން އެ ވަގުތު އުޅުނީ ބޮޑެތި ފުރޯތައް ހިފައިގެން އައިސް، އެވަލުގައި ވަށައިގެން ހުރި، އާދަނުގެ ރުއްތަކުން ރުއްކަނޑާށެވެ. ވަގުތުން އާދަނު ދުވެފަައި ގޮސް އެ މީހުންނާއި ދިމާލަށް ރުޅިއައިސް އެއްޗެހި ގޮވަންފެށިއެވެ. އެ މީހުންނަށް މީހަކު އެއްޗެއް ކިޔާހެންވެސް ހިޔެއްނުވިއެވެ. ކުރަމުން ދިޔަ މަސައްކަތް ކުރުމުގައި އެ މީހުން ތިއްބެވެ. މިހެންވެ އާދަނުގެ ރުޅިގަނޑު އިހުނަށް ވުރެ ގަދަވެ, އެ މީހުންގެ ގައިގާ އަތްލާ ހިސާބައް ކަންތައް ދިޔައެވެ. އެއީ ބޮޑެތި ތިން ފިރެހެންވެރިންނެވެ. އާދަނު ހުރީ އޭނައާއި އަލީއެވެ. އިސާހިތަކު އާދަނުއާއި އެ މީހުންގެ މެދުގައި ތަޅާ ފޮޅުން ފެށުނެވެ. އާދަނުގެ ހުށިޔާރު ކަމުން ފުރަތަމަ މީހާ، ފިރޯއިން ދިން ހަމަލާއިން ރެކެ ގަނެވުނެވެ. އަލީ ވެސް މަޑުން ނުހުރެ ގޮސް އެތަނުން މީހެއްގެ އަތުގައި އަލީގެ އުނަގަނޑުގައި އޮތް ފިޔޮހި އެޅުމުން، އެ މީހާ އަތުގައި އޮތް ފުރޯ ބިންމަށްޗައް ވެއްޓުނެވެ. އެ މީހަކު އައި ރުޅިން އަލީ ނަގައި ބިއްމަށްޗައް ހޫރުވާލީ ކުޑަކުއްޖަކަސް ހެޔޮކަމަށެވެ. ބިންމަތީގައި ހުރި ހޯލިތަކުން ބައެއް ހޯލިތައް އަލީގެ ގައިގައި އެޅި މަށައިގެން ދިޔައެވެ.

އާދަނަށް އެމަންޒަރުފެނި އެ މީހާގެ ގައިގައި ޖެހީ ބިންމަތިން އަތުޖެހުނު ފަންތޮށި ގަނޑަކުންނެވެ. ހަމަ އެއާއެކު އެ މީހާ ބިންމަށްޗައް ވެއްޓުނެވެ. އަދި ދެންތިބި ދެމީހުން އައިސް އާދަނުގެ ގައިގައި އޮޅުލައިގަތެވެ. ބިންމަތިން އަލީ ތެދުވެގެން އައިސް އެ މީހުން ހުއްޓުވަން އުޅުމުގެ ތެރޭގައި އަލީގެ ބުރަކަށީގައި އެތަނުން އެކަކުގެ ފުރޯއިން އެޅި ކަނޑައިގެން ދިޔައެވެ. އެވަގުތު އަލީއަށް ބާރަށް ރޮއެގަނެވުނެވެ. އާދަނުގެ ލޭ ކެކި ގަތެވެ. އާދަނުގެ އަތުގައި ޖެހުނު ފަންތޮށިގަނޑަކުން ހިފަހައްޓައިގެން ތިބި މީހުންގެ ގައިގައި ޖަހަމުން ދިޔައެވެ. ކުއްލިއަކަށް އާދަނުގެ ހެޔަށް ގޮތެއްވީ ބިންމަތީގައި ވެއްޓިފައި އޮތް މީހާ ތެދުވެގެން އައިސް އޭނަގެ ފުރޯގެ ދަނޑިން އާދަނުގެ ބޮލުގައި ޖެހުމުންނެވެ. ވަގުތުން އާދަނު އަނބުރައިގަނެގެން ވެއްޓުނެވެ. އަލީއަށް އެތަން ފެނި ރުޅިއައިސް އެމީހުންނާއި ފަންތޮށިގަނޑަކުން ހަމަލާދޭން އުޅުމުން އެތަނުން ދެމީހުންވެގެން އަލީ ނަގައި ބިންމައްޗަށް ގުޅަކޮށްލިއެވެ. އަލީއަށް ވީތަދުން ހިރިލަންވެސް ނުކެރި އޮތެވެ.

އެތަނުން މީހަކު އައިސް އާދަނާއި ދިމާލަށް ބުންޏެވެ.

”ކަލޭ ހީކުރީ ކާސިންބޭ އެދުވަހު ކަލޭގެ ދަރިފުޅު އެ ޖިންނީގެ ކިބައިން ސަލާމަތް ކޮށްދިނީ, އެ ސޮރަށް ރަނގަޅަކަށް ކަމައްތަ އެން. ކަލޭ ހާދަ މޮޔައޭދޯ؟ އޭނާ އެކަން ކުރީ ކަލޭތީ ރާވެރިއެއްކަމުން, މިރަށައް ކަލޭ ގަދަވެގެންފާނެތީ އެކަމާ ބިރުން. އަދި ކަލޭގެ ރުއްތަކުން ބައެއްލިބެން އޮތް ރަނުގެ ފުރުސަތަކަށް ވީމަ. ކަލޭގެ ތި ސިކުޑިއަށް ތި ވިސްނެނީ ކޯންޗެއްތަ؟ މިއަދު ވެސް, ދެން ކުރިއަށް އޮތް ދުވަސްތަކުގަ ވެސް ކަލޭ ތީ މި ރަށުގެ އެންމެ ދަށުދަރަޖައިގެ މީހުންކަން ހަދާން ބަހައްޓައިގެން އުޅެންޗޭ.“

މިހެން ބުނެ އެމީހާއާއި ދެންތިބި މީހުން އާދަނުގެ ބޮލުގައި ފައިން ޖެހި ޖެހީނުން ބޯފަޅާލިއެވެ. އަދި ހެމުން ހެމުން އެމީހުން ވަލުތެރެއިން ނިކުންނަށް ހިނގައިގަތެވެ. އެއިރު އާދަނުގެ ބޮލުން ހޯސްލާފައި ލޭފައިބަ ފައިބާ ހުއްޓެވެ. އަލީއަށް ހިރިލަން ކެރުމުން މަޑުމަޑުން އޭނަގެ ބައްޕަގެ ގާތައް ދިޔައެވެ. މުންޑުގަނޑު އިރާލުމަށްފަހު, ބައްޕަގެ ބޮލުގައި ލޭ ފައިބަމުން ދިޔަ ދިމާގައި އަށްސާލިއެވެ. އެވަގުތު އާދަނުގެ އުނަގަނޑުގައި ޖަހާލާފައި އޮތް ފިޔޮހި ނަގައި އަލީއަށް ދިއްކޮށްލިއެވެ. އެ ފިޔޮހީގެ މުއްގަނޑުގައި ކޮވެއްޔެއްގެ ސިފައިގެ ދޫންޏެއް ކަނޑައިނަގައިގެން ކުރަހާފައި ހުއްޓެވެ. އަލީ އެ ފިޔޮހީގައި ހިފިއެވެ. އާދަނު ވަރަށް ބަލި އަޑަކުން ވާހަކަ ދެއްކިއެވެ.

”ދަރިފުޅާ, މި ފިޔޮށްސަކީ ދަރިފުޅުގެ ކާފަ ބަލި އެނދުގައި އޮވެ ބައްޕައާއި ހަވާލު ކުރި އަމާނާތެއް. އަހަރަމެންގެ ރުއްތައް ފަދައިން، އެއްޖީލުން އަނެއްޖީލަށް ވާރަތު ވަމުން އައިސްސައޮތް އާސާރީ އެއްޗެއް. މި ފިޔޮހި ރައްކާތެރިކަމާއެކު ބަލައިގެން ގެންގުޅޭތި. ދަރިފުޅާ، ބައްޕަ ނެތް ދުނިޔެއަކުވެސް މަންމައަށާއި ދައްތަމެންނަށް ބަލާތި. ރާވެރިކަން ދޫކޮށްނުލާތި. ބަސްއަހައިގެން އުޅޭތި. ދަރިފުޅަށް ކިޔައިދީފައި ހުންނާނެ މިރަށުގައި ހުރި އަހަރަމެންގެ ރުއްތައް. ވީވަރަކުން އެ ރުއްތައް ކެނޑިއަ ނުދޭތި. އެކަމަކު ދަރިފުޅުގެ އަމިއްލަ ސަލާމަތައް ބަލާތި. ބައްޕައަށް އެ ދުވަހު ދަރިފުޅާއި އެކު އުފަންވި ކޮވެލި މަރާ ނުލެވުނުނަމަ. ބައްޕަ ދަރިފުޅު ދެކެ އަބަދުވެސް ލޯބިވަން.“

އެ ހާ ހިސާބަށް އާދަނަށް ބުނެ ވުނުއިރު އާދަނުގެ ފަހު ވަގުތު އައިސް ޖެހިއްޖެއެވެ. އެވަގުތު އަލީގެ ބޮލުގައި އެނބުރެމުން ދިއައީ އެތައްހާސް ސުވާލު ތަކަކެވެ. ކޮން ކޮވެއްޔެއް ހެއްޔެވެ؟ މި ފިޔޮށްސަކީ ކިހާ މުހިންމު އެއްޗެއް ހެއްޔެވެ؟ ފުރާނައަށް ގެއްލުން ދީގެން ތި ދިފާއުކުރި ރުއްތަކުގެ އަގު ބައްޕަގެ ފުރާނައަށްވުރެ ބޮޑީހެއްޔެވެ؟ ބައްޕަގެ ފުރާނަނެއް ހަށިގަނޑުގައި ހިފައި ތަޅުވާލުމަށްފަހު ދޫކޮށް ނުދިޔުމަށް ބުނެލިއެވެ. އެހިނދު ކަރުނައިގެ އާރެއް އަލީގެ ދެ ލޮލުން އުފެދުނެވެ. އަލީއަށް އަޑުން އަޑުނަގާ ރޮއެ ގަނެވުނެވެ. މުޅި ވަލުތެރެއިން އިވިގެން ދިޔައީ އަލީގެ ރޮވުމުގެ އަޑެވެ.

-ނުނިމޭ-

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!