“މިރޭ ވާހަކަ ދައްކަން މިއުޅެނީ އަހަރެމެންގެ ސިކުނޑިއަށް ވަންނަ ނެގެޓިވް ޚިޔާލުތައް ހުއްޓުވާނީ ކިހިނެއް ކަމާއިމެދު. އެއްކޮޅުން އަހަރެމެންގެ ނަފްސު އެތައް ޚިޔާލުތަކެއް ސިކުނޑިއަށް ވައްދައި ކަންކަމައް ފިކުރު ކުރަން އަންގާއިރު، އަނެއްކޮޅުން ޝައިޠާނާވެސް އެތައް ވަސްވާސެއް އަހަރެމެނައް ދެމުން ގެންދޭ. އަހަރެމެންގެ ސިކުނޑިއަށް ވަންނަ ކޮންމެ ޚިޔާލަކީ ރަނގަޅު ޚިޔާލެއް ނޫން. ބައެއް ޚިޔާލުތަކަކީ ބޭކާރު ޚިޔާލުތައް. އަދި ނުރަނގަޅު ޚިޔާލުތައް.”

އުސްތާޒާގެ ވާހަކަ ފެށުމާއިއެކު އަހަރެންގެ ނޭވާ އަވަސްވާން ފެށިއެވެ. ހީވީ ސީދާ އަހަރެންނާއި މުޙާތަބު ކުރަމުންދާ ހެންނެވެ. ހީވީ އަހަރެންގެ ސިކުނޑީގައި ހިނގަމުންދާ ހުރިހާކަމެއް އެ އުޚްތާއަށް އެނގޭ ހެންނެވެ. އަހަރެން އަހަރެންގެ އިޙްސާސްތައް ކޮންޓްރޯލް ކުރެވޭތޯ ބަލަމުން ދިޔައީމެވެ. ނޭވާލުން ހަމައަކަށް އެޅުވޭތޯ ދެތިން ފަހަރަކު ފުންކޮށް ނޭވާ ބޭރުކޮށްލީމެވެ. އަދި ހަމަޖެހުމަށް ހިތައް އަމިއްލައަށް ވިސްނައިދެމުން ގެންދިޔައީމެވެ.

“އަދި ބައެއްފަހަރު، އެއްވެސް ބޭނުމެއް ނެތް، ވިސްނާ ފިކުރުކުރުންވެސް މޮޔަ ޚިޔާލުތައް. ވީމާ އަހަރެމެންގެ ޚިޔާލުތަކާއިމެދު އަހަރެމެން ވަރަށް ފަރުވާތެރި ވާންޖެހޭ. އަހަރެމެން އެކަމައް ފަރުވާތެރި ނުވާނަމަ އެކަން ސިފަކުރެވޭނީ.. މިސާލަކައް ރޭގަނޑު ގަޑީގައި ތިބާ އަމިއްލަ ގޭގެ ހިތްހަމަޖެހުމުގައި ނިދަން ތައްޔާރު ވަނީ.. ތިބާގެ ގޭގައި އެތައް އަގުބޮޑު މުދާތަކެއްވޭ.. އެކަމަކު ދޮރުހުރީ އެއްވެސް ހުރަހެއްނެތި އެއްކޮއް ހުޅުވާފައި. ހުރިހާ ކުޑަދޮރުތަކެއްވެސް ވަނީ ބޮޑުކޮއް ހުޅުވާފައި. ދެން ވަގުން މިވަންނަނީ ވައްކަންކުރަން. އެކަމަކު ތިބާ މިއަހަނީ އެކީއްވެގެންހޭ ވަގުން ވަންނަންވީ.. ހީހީ.. ކާކުގެ ކުށަކައްބާވާނީ ތިބާގެ މިގެއިން ވައްކަން ކޮށްފިނަމަ؟”

“މިއީ އަހަރެމެން އަހަރެމެންގެ ސިކުނޑިއަށް ވަންނަ ޚިޔާލުތަކައް ފަރުވާތެރި ނުވެވޭނަމަ ވާނެ ގޮތް. ސިކުނޑިއަށް ވަންނަ ތަކެއްޗައް ފަރުވާތެރިވާންޖެހޭނެ. އަދި އަހަރެމެންގެ ހިތައް ވަންނަ ތަކެއްޗައްވެސް ފަރުވާތެރިވާންޖެހޭ.. ޝައިޠާނާއަށް އޭނާ ބޭނުން ޚިޔާލެއް ހުށައެޅުމައް ތިބާގެ ސިކުނޑި ދީގެން ހުންނާކައް ނުވާނެ. ޝައިޠާނާއަށް ދޮރުތައް ހުޅުވިފައިވަނީނަމަ އަހަރެމެންގެ ހިތަށާއި ސިކުނޑިއައްވެސް އެތައް ނުރައްކަލަކާއި ކުރިމަތިވޭ.. އޭނާއަށް ފުރުސަތު ދޭނަމަ އެތައް ފިތުނައެއް، އެތައް ޒަހަރެއް ޝައިޠާނާ ތިބާގެ ސިކުނޑިއަށާއި ހިތައް ވައްދާނެ. އަދި ތިބާ އެ ފިތުނަތަކާއި ޒަހަރުތަކައް ބޯލަނބައި އެއީ ހިތްއެދޭ ކަމަކައް ހަދަނީނަމަ، އެކަން ސިފަވަނީ ތިބާ ވަގުންނައް ބުނާފަދަ “ހޭ! އިށީނދޭ.. ކާންވީނުން.. އަދި ކުޑައިރުކޮޅަކު މަޑުކޮށްލަންވީނުން..” ހީހީ.. މިހެންބުނުމުން މި ސިފަވަނީ އެއްވެސް ހަޤީޤަތެއް ނެތް، ނުވާނެފަދަ ކަމަކައް ދެއްތޯ؟.. އެކަމަކު ގިނަފަހަރައް އަހަރެމެނައް އެނުބައި ޚިޔާލުތަކާމެދު ކަންތައް ކުރެވެނީ މިފަދައިން. ވަގުންނައް ވައްކަން ކުރަން ފުރުސަތު ދެވޭހެން ނުވަތަ ކުއްވެރިންނައް ކުއްކުރަން މަގުހުޅުވަދޭހެން ޝައިޠާނާއަށް އޭނާގެ ނުބައިކަން ފަތުރަން އަހަރެމެންގެ ސިކުނޑި އަދި ހިތް ހުޅުވާލާ، އޭނާގެ އަޅަކައްވެ، އޭނާ ބޭނުންވާހެން އަހަރެމެންގެ އަމަލުތައް ބަހައްޓަނީ..”

“ނުބައި ޚިޔާލުތައް. ބައެއް ފަހަރު ﷲއާއި މެދު ކުރެވޭ ނުބައި ޚިޔާލުތައް. ނުވަތަ ތިބާގެ އަމިއްލަ ނަފްސާއިމެދު ކުރެވޭ ނުބައި ޚިޔާލުތައް. ނޫންނަމަ ގާތްތިމާގެ މީހުންނާއި ދަރީންނާއިމެދުވެސް ކުރެވޭ ނުބައި ޚިޔާލުތައް. ނުވަތަ ބައެއް ފަހަރު ބައެއް ހާލަތްތަކާއިމެދު ހިތާއި ސިކުނޑީގައި އުފެދޭ ނުބައި ޙިޔާލުތައް.. މިއީ މުޅިންވެސް ޝައިޠާނާގެ ވަސްވާސް. ހާއްސަކޮށް ﷲއާއިމެދު ކުރެވޭ ނުބައި ޚިޔާލުތަކާއި، އަމިއްލަ ނަފްސާއިމެދު ނަފްރަތުވުމުގެ ޚިޔާލުތަކަކީ ސީދާ ޝައިޠާނާގެ ފަރާތުން އަންނަ ކަންކަން.. އަމިއްލަ ނަފްސައް ނަފްރަތު ކުރަނީނަމަ ތިބާގެ ނަފްސުގައި އެއްވެސް ކަމެއް ކުރާނެ ބުންވަރެއް ނުހުންނާނެ. އިހްސާސްވާނީ ބަޔަކުމީހުން ތިބާގެ ނަފްސައް އެތައް އަނިޔާތަކެއް ދީފައިވާފަދަ އިހްސާސެއް. ތިބާގެ ގައިގައި ތަޅައިގަނެފައިވާ ފަދަ އިހްސާސެއް. އެ އިހްސާސް ވާނަމަ ތިބާގެ ގަޔަކު ޔަޤީނުންވެސް އެއްވެސް ކަމެއް ކުރުމުގެ ކުޅަދާނަކަމެއް ނުހުންނާނެ. ހާއްސަކޮށް ﷲއަށް އަޅުކަންކުރާނެ ވަރެއް އެ ނަފްސަކު ނުހުންނާނެކަން ޝައިޠާނާއަށް ރަނގަޅައް އެނގޭ.. އެފަދަ ޚިޔާލުތަކައް ޝައިޠާނާއަށް ފުރުސަތު ނުދިނުމަށް އެދެން. އެފަދަ ޚިޔާލުތައް އައުމުން އެޚިޔާލުތަކާއިމެދު އިތުރައް ވިސްނައި ޑްރާމާއެއް ފަދައިން އެ ޚިޔާލުތަކުން އެންޓަޓައިންވެގެން ނުހުންނަވާ. މިއީ ވަގުތުން ބްލޮކް ކޮއްލަން ޖެހޭ ޚިޔާލުތަކެއް. އަޢޫޒުބިﷲ މިނައް ޝައިޠާނިއްރަޖީމް. މި ޚިޔާލުތައް ބްލޮކް ކޮށްލުމަށްފަހު ރަނގަޅު ޚިޔާލުތަކުން ސިކުނޑިއާއި ހިތް ފުރާލެވޭތޯ ބަލަންވާނެ. ނުބައި ޚިޔާލުތަކައް ކާންދީ، އިތުރައް ބޮޑުވުމައް ފުރުސަތު ނުދީ، ތިބާގެ އަމިއްލަ ގެ ނުބައިކަންކަމުންނާއި ވަގުންގެ ކިބައިން ރައްކާތެރިކުރާހެން ހިތާއި ސިކުނޑިވެސް ޝައިޠާނާގެ ކިބައިން ރައްކާތެރި ކުރަންޖެހޭ.. ރަނގަޅު ޚިޔާލުތައް ހިތުގައި ބެހެއްޓުމައް ނުބައި ޚިޔާލުތައް ވަންނާނެ ދޮރުތައް ބަންދުކުރަންޖެހޭ.

ކުރިންވެސް އެންމެ ފުރަތަމަ ދުވަހު ބުނިހެން ތިބާ ތިބާގެ ލޮލުން ބަލާ ތަކެއްޗާއި، ކަންފަތުން އަޑުއަހާ ތަކެއްޗާއި ދުލުން ބޭރުކުރާ ތަކެއްޗައް ރައްކާތެރިވެގެން، ހިތަށާއި ސިކުނޑި ނުބައި ޚިޔާލުތަކުން ރައްކާތެރި ކުރެވޭނީ. ތިބާގެ މުޅި ދިރިއުޅުން ގުޅިފައިވަނީ މިކަންކަމާ.. ބޭކާރު ކަންކަމުން ދުރުވާންޖެހޭ. ހިތުގެ ދިރުމަކީ، ހަމަޖެހުމަކީ ﷲމަތިން ހަނދާންކުރުން.

ދެން މި ބުނާތަކެތި ރަނގަޅައް ކަނުލާ އަޑު އަހައްޗޭ.. ތިބާގެ ހިތައް ވަންނަ ބިރުތައް ދުޢާ އަކައް ހައްދަވާ.. ތިބާގެ އެންޒައިޓީ ދުޢާއަށް ބަދަލު ކުރައްވާ.. މާނައަކީ.. “އަހަރެން ކަމަކާއިމެދު ބިރުގަންނަނަމަ… އެހެން މިހެން ވެދާނެކަމައް ބިރުގަންނަނަމަ، އެ ގަންނަ ބިރު ދުޢާއަށް ބަދަލު ކުރައްވާށޭ. މިސާލަކައް އަހަރެން ބިރުގަންނަނީ އަހަރެންގެ ލޯބިވާ ގާތްމީހަކައް ކަމެއް ވާން އުޅެނީއޭ ހިތައް އަރާފަ. ދެން ސިކުނޑިއަށް ވަންނާނެ އޭނާއަށް ވެދާނެ އެންމެހާ ދެރަގޮތްތައް. މިސާލަކައް އޭނާ ތަނަކައް ދާން ރާވާފައި އޮތްކަން އެނގޭނަމަ ދާ މަގުމަތީގައި މިހެން ވެދާނޭ.. ނުވަތަ އެނބުރި އަންނައިރު  އެހެން މިހެންވުން ގާތޭ.. މިފަދަ ވެދާނެހެން ހީވާ އެންމެހާ ކަންކަމާއި، މަންޒަރުތައް ސިކުނޑިއަށް ގެނަގެނަހެން ބިރު ބޮޑުވެގެންދަނީ.. ކީއްތޯ މިކުރެވެނީ؟ މިއީ އެ ބިރައް ކާންދީ އޭތި ބޮޑުކުރެވޭ ގޮތަކީ.. އެއަށް ހިތާއި ސިކުނޑީގެ ދޮރު އިތުރައް ބޮޑައް ހުޅުވައިދީ ފިތުނަ އުފައްދަން ނުވަތަ ތިބާގެ ހިތުގައި ޒަހަރު ލުމައް ފުރުސަތު ދެވެނީ..”

“މިގޮތައް ކަންތައް ކުރުމުގެ ބަދަލުގައި އެ ގަންނަ ބިރު ދުޢާއަކަށް ބަދަލު ކޮށްލާށޭ.. ވަގުތުން އެ ޚިޔާލުތަކައް ނޫނެކޭ ބުނެ އެ ވަންނާނެ ދޮރު ބަންދުކޮށް، ސަލާމަތްތެރިކަމަށް އެދި ﷲއަށް ކުރިމަތިލާ ދުޢާ ކުރާށޭ. އެއަށްފަހު ﷲ އަށް އިތުބާރުކޮށް ވަކީލް ކުރަންވީ.. ހުރިހާ ކަމެއްގައިވެސް ތިބާއަށް އަޅާލާ ތިބާގެ ހުރިހާގޮތަކުންވެސް އެހީވެދީ ތިބާ ސަލާމަތްތެރި ކުރައްވާނޭ ފަރާތަކީ ﷲ ކަން ދެނެގެން އަދި ހިތުން އެކަން ޤަބޫލުކޮށްގެން، އެ މަތިވެރި ފަރާތުގެ އެހީއަށް އެދެންވީ..”

“ދެން އަނެއްކަމަކީ ތިބާގެ ދިރިއުޅުމުގައި ދިމާވެފައިވާ ހިތްދަތިކަންކަން، މިސާލަކައް އެކަމެއް ހަނދާންވުމުން ހިތް ޒަހަމްވާ ކަންކަން ހުރިނަމަ އެފަދަ ކަންކަމުން ފިލާވަޅު ނަގަންވީ.. އެ ފިލާވަޅުތަކުން އަހަރެމެންގެ ދިރިއުޅުން އިތުރައް ފަސޭހަ ކުރަންވީ. ކުރިއަށްވުރެ ރަނގަޅު އިންސާނަކައް ބަދަލު ވާންވީ. ކުރިން ކުރެވިފައިހުރި ނުރަނގަޅު ކަންކަން ތަކުރާރުވިޔަ ނުދޭންވީ.. އަދި އެފަދަ ކަމެއް ވުމަށް ފުރުސަތުވެސް ނުދޭންވީ.. ނަބީންނާއި ރަސޫލުންގެ ދިރިއުޅުމައް ވިސްނި ނަމަވެސް އެ ބޭކަލުން އެތައް އިމްތިޙާން ތަކަކާއި ކުރިމަތި ލެއްވިކަން އަހަރެމެނައް އެބައެނގޭ.. އެ އިމްތިޙާން ތަކުން އެ ބޭކަލުން ހިތްތަކުގައި އެހެންމީހުންނައްޓަކައިވާ އަޅާލުމާއި ލޯބި ބޮޑުވީ. އަހަރެމެނައް ހިތްދަތިކަންކަމާއި ކުރިމަތިވުމުން އެފަދަ އެހެން މީހުންގެ ހާލު އިހްސާސް ކުރެވޭ.. އަދި އެމީހުންނާއިމެދު ހިތުގައި އަޅާލުން އިތުރުވާނެ. އެހެންނުންތޯ؟ އެހެންކަމުން ތިބާގެ މާޒީގެ ހިތްދަތިކަންވެސް ތިބާ އިތުރައް ރަނގަޅު މީހަކައް ހެދުމަށް ފުރުސަތުދީ.. އިތުރައް ހިތްހަރުވިޔަ ދީގެން ނުވާނެ.”

“މިކަމާއި ވަރަށްގުޅޭ ރަސޫލާގެ ހަދީޘެއްވޭ.. އެ ހަދީޘްގައި ވާގޮތުން “ފޮތްލިބުނު މީހުންނަކީ އާދަޔާ ހިލާފް ބަޔެއް. އެމީހުންނަށް ކުރިމަތިވާ އެންމެހާ ކަންކަމަކީވެސް ރަނގަޅު ކަންކަން ކަމުގައި އެމީހުން ދެކޭނޭ. އަދި އެމީހުން ވަރަށް ބޭނުންވެގެން ހުރިކަމެއް ވެއްޖެނަމަ، އެކަމަކައް ޝުކުރުކުރުމަކީ އެމީހުންނަށް އެންމެ ފައިދާހުރި ގޮތްކަމުގައި އެމީހުން ޤަބޫލުކުރާނޭ. އަދި ހިތްދަތިކަމެއް، ނުވަތަ ބޭނުން ނޫންކަމެއް ކުރިމަތިވާ ހާލަތުގައި، ކެތްތެރިކަން އެމީހުން އިޚްތިޔާރުކުރާނޭ. އަދި މިއީ ހަމައެކަނި އީމާންވި މީހުންގެ ގޮތޭ.” މި ހަދީޘްގެ މާނައަކީ ތިބާގެ ދިރިއުޅުމުގައި ކޮންމެ ކަމެއް ވީނަމަވެސް ތިބާ އެކަންކަމައް ޝުކުރުކޮށް ކެތްތެރި ވެއްޖެނަމަ އެއީ ތިބާއަށް އެންމެ ރަނގަޅު ގޮތޭ. ތިބާގެ އީމާންތެރިކަން ވަނީނަމަ، ގެއްލޭނެ ހަމަ އެކައްޗެއްވެސް ނުވާނޭ. އެހެންކަމުން އެފަދަ އިމްތިޙާންތައް ތިބާގެ ހިތްހަރުކުރިޔަނުދީ، މަޑުކޮށް އިތުރަށް ކުރިއަށްވުރެވެސް ރަނގަޅު މީހަކައްވާށޭ. މިއަދުގެ ތި ހިތްހަމަޖެހުމުގެ ސިއްރަކީ، އެހިތާމަތަކުން ލިބުނު ފިލާވަޅުން ދިރިއުޅުން އިސްލާހުކުރުމުން ލިބޭ ހިތްހަމަޖެހުން ކަމަށް ހައްދަވާ..”

“އަނެއްކަމަކީ ތިބާގެ ހިތާމަވެރި މާޒީއާއި ގުޅިފައިވާ ހަނދާންތަކުގެ ތެރެއިން އާންމުކޮށް ފޯކަސް ކުރެވޭ ކަންކަމައް ފަރުވާތެރިވުން. ކުރިންވެސް ބުނިހެން މާޒީ އަށް ބަލާނީ އެކަމުން ފިލާވަޅު ނެގުމަށް. އެ މާޒީ ތިބާ ފައްތާލުމަށް ފުރުސަތު ދިނުމަކައް ނޫން. ދެން މިކަމާއި ގުޅޭގޮތުންވެސް އެންމެ ފަހު ނަސޭހަތަކައް ދޭން ބޭނުންވަނީ ޒިކުރުތަކައް ފަރުވާތެރިވާށޭ.. ޒިކުރު ކުރުމާއި ޤުރުޢާންގެ އާޔަތްތައް ކިޔަވާ އެއަށް ފިކުރު ހިންގުމަކީ ވަރަށްގިނަ ޝައިޠާނީ ވަސްވާސްތަކުން އަހަރެމެން ސަލާމަތްކޮށްދޭނެ މަގެއް.”

 

“ބައެއްފަހަރު އަހަރެމެނަށް ވަރަށް އުނދަގޫވޭ، މާޒީގައި އެކިއެކި ގާތް މީހުންގެ ފަރާތުން ލިބިފައިވާ ހިތްދަތިކަން، ހަނދާން ނައްތާލާ އެމީހުންނަށް މާފްކުރަން. އަދި ބައެއް ކަންކަމަކީ ހަނދާން ނައްތާލަންވެސް އުނދަގޫވާނެހާ ހިތްދަތި ހަނދާންތަކަކައްވެސް ވެދާނެ. އެކަމަކު ތިބާ އެހަނދާންތައް އާކޮށް އޭނާއަށް ނުވަތަ އެމީހުންނަށް ދުވަހަކުވެސް މާފްނުކުރާނޭކަމަށް ހިތުން ވައުދުވެ، ހިތުގައި އެ ނަފްރަތު ބާއްވައިގެން އުޅުމުން ތިބާއަށް ލިބޭނީ ކޮން ފައިދާއެއްތޯ؟ ހިތައްލިބިފައިވާ ޒަހަމްތައް ރަނގަޅުވިޔަ ނުދީ އެ ހިފެހެއްޓެނީ. އަދި ބައެއްފަހަރު އެހެން ހެދުމުން ތިބާއަށް އެ ޒަހަމްތައް އިތުރަށް ފުންވެސް ކުރެވެނީ.. މިއީ ވިސްނާލުން ވަރަށް މުހިންމުކަމެއް. ތިބާ އެމީހުންނަށް މާފް ނުކުރުމުން ދުނިޔޭގައި އެމީހުންނަށް ލިބޭނެ ގެއްލުމެއް ނޯވެދާނެ. ނަމަވެސް ކުރިން ބުނިހެން ތިބާގެ ހިތުގައި އުފެދިފައިވާ ނަފްރަތު ގަދަވި ވަރަކައް ތިބާގެ ހިތާއި ސިކުނޑީގެ ހަމަޖެހުމަށް އެބަ ހުރަސް އެޅޭ.. ވީމާ ﷲ އަށްޓަކައި އަދި ތިބާގެ އަމިއްލަ ނަފްސައްޓަކައިވެސް އެފަދަ މީހުންނަށް މާފްކުރުމުން ތިބާއަށް އެތައް ފައިދާއެއް ލިބޭނެ. ﷲއަށްޓަކައި ތިބާ މީހަކައް މާފުކޮށްފިނަމަ އެކަލާނގެ ތިބާގެ ފާފަތައް ފުއްސަވާނެ ކަމަށް އަންގަވާފައިވޭ..”

“އެހެންމީހުނައް ތިބާ ހިތްދަތިކުރުމަށް ފުރުސަތު ނުދެވޭނެ ގޮތަކީވެސް އެއީ.. އެމީހުންގެ އަމަލުތަކުން، ތިބާއަށް އަނިޔާ ލިބުމުގެ ބަދަލުގައި، ތިބާގެ ހިތައް ހަމަޖެހުން ލިބޭ ގޮތައް ޖަވާބުދާރީވާންވީ.. އެ ގޮތަކީ އެމީހުންގެ ކުއްތަކަށް މާފް ދިނުން. ސަބަބަކީ އޭރުން ތިބާއަށް އެ ބުނެވެނީ “ކަލޭ އަކަށް އަހަރެންގެ އިހްސާސްތަކެއް ކޮންޓްރޯލެއް ނުކުރެވޭނެއޭ. އަހަންނަކަށް ހިތާމައެއްވެސް ނުދެވޭނެއޭ. އަހަރެންނަށް ދިމާވި ކަންކަން އަހަރެން ބޭނުންކުރާނީ އިތުރަށް މިހިތް ވަރުގަދަ ކުރުމަށޭ. ދެރަކުރާކަށް ނޫނޭ.. އަދި އަހަރެން އެކަންކަމަށް މާފްކުރާނަމޭ. އެކަމަކު ކަލޭއަށްޓަކައެއް ނޫނެކޭ. އަހަރެންގެ އަމިއްލަ ނަފްސައްޓަކައޭ. އަހަރެންކަލޭއަށް މާފްކުރަނީ ފުރަތަމަ ކަމަކަށް، އެކަމުން އަހަރެންގެ ހިތައް، އެ ހިތާމަތަކުން މިނިވަންކަން ލިބޭނެތީއޭ.. އަދި ދެވަނަ ކަމަކަށް އަދި އެންމެ މުހިންމުކަމަކަށް އެއީ ﷲއަށްޓަކައޭ. އެހެންމީހުންނަށް މާފް ކުރުމުން ﷲ އަހަންނަށް މާފްކޮށް، އަހަރެންގެ ފާފަތައް ފުއްސަވާނެތީއޭ.”

“އެހެންކަމުން މީގައި ދެކޮޅުންވެސް މޮޅު މި ލިބޭނީ މާފްކުރާ މީހާއަށް. މިކަމުގައި ތިބާގެ ނަޒަރިއްޔާ ބަދަލުކުރަން ޖެހޭނެ ގޮތަކީ، މިއީ ﷲ ތިބާއަށްދޭ ފުރުސަތެއްގެ ގޮތުގައި.. އެމީހުންނަށް މާފްދީގެން ﷲގެ މާފް ހޯދަންލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި. އަދި ތިބާގެ ހިތުގެ ހަމަޖެހުމަށާއި އެ ހިތި ހަނދާންތަކުން ދުރުވުމަށް ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްގެ ގޮތުގަ.”

*ނުނިމޭ

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!