1 ދެފުށްކެހެރި
ހެނދުނު ހޭލައިގެން ސްކޫލަށް ދާން ތައްޔާރުވާން ހުރި ޔުލާ އަށް ބޭރުތެރޭގައި މާ އަޑުފަށްގަނޑު ގަދަވިހެން ހީވިއެވެ. އިރުކޮޅެއްނުވެ ކޮޓަރި ދޮރު ހުޅުވާލާފައި ވަނީ އޭނާގެ މަންމަ އެވެ މަންމަ ހުރީ ވަރަށް ހާސްވެ ކަންބޮޑުވެފައިވާ ގޮތަކަށެވެ.
‘ދަރިފުޅާ!! މާޖިދު ސާރ ނިޔާ ވެއްޖެ…’ ޔުލާ އަށް ހީވީ ކަރަންޓު ޝޮކެއް ޖެހުނު ހެންނެވެ. މާޖިދު ސާރ އަކީ ޔުލާމެންނަށް ގްރޭޑް އަށަކާ ހަމައަށް ހިސާބު ކިޔަވައިދިން ޓީޗަރެކެވެ. ކުދިންނާ ގުޅޭ ނުލާހިކު މަޖާ މިޖާޒެއްގެ ޓީޗަރެކެވެ. އެއްވެސް ބައްޔެއް ނުވެ ސިއްހަތު ސަލާމަތުން ހުރި މީހަކު ކުއްލިއަކަށް މަރު ވާންވީ ކީއްވެގެން ބާވައޭ ޔުލާގެ ހިތަށް ފުރަތަމަވެސް އެރިއެވެ.
‘ސްކޫލް މިތިން ދުވަހަށް ބަންދު ވާނޭ ކަމަށް އަންގައިފި.. މަންމަ އަޑު އެހިން މާޖިދު ސާރ ފެނުނީ ވަލުތެރޭ އޮތް ބާ ގަބުރުސްތާނުތެރޭގައި މަރާލާފައި އޮއްވަޔޯޯ!!’ މޭގައި އަތް އަޅައިލައިގެން ހާސްވެފައިހުރި ޔުލާގެ މަންމަ މާޝިތާ އައިސް ޔުލާގެ އެނދުގައި އިށީނެވެ. ލޯގަނޑު ކުރިމަތީގައި ބުރުގާ ހިފަހައްޓައިގެން ޔުލާ ހުރީ ހަރަކާތެއް ކޮއްލަން ނޭނގިފައެވެ.
‘މަރާލީއޭ!! އަނެއްކާ ކާކު ކުރި ކަމެއް؟؟؟’ ޔުލާ އައިސް މާޝިތާ ކައިރީ އިށީނެވެ. އޭރުވެސް އޭނާގެ އަތް ދިޔައީ ތުރުތުރު އަޅަމުންނެވެ.
‘މަންމަ އަކަށް ވެސް ނޭނގެ.. ނާއިލާ ދައްތަ ބުނީ މަންމަ ކާރީ ވެސް. ދަރިފުޅު ބޭރަށް ނުދައްޗޭ.. ދަރިފު ބައްޕަ ވެސްވީ މިހާރު އެތަނަށް ގޮއްސަ..’ ބޭރުން ފޯނު ރިންގުވާ އަޑު އިވުމުން މާޝިތާ ކޮޓަރިން ނުކުމެގެން ދިޔަ އެވެ.
އަޅަން ހުރި ބުރުގާ އެނދު މަތީ ބާއްވައިލުމަށްފަހު ޔުލާ އެންމެ ފުރަތަމަވެސް ފޯނު ނަގާފައި ވައިފައި ޖައްސައިލިއެވެ. ކަނެކްޓު ވުމާއެކު ފުލުފުލުން މެސެޖް ތައް އަންނަން ފެށިއެވެ. ވައިބާރ ގްރޫޕް ތަކާއި މެސެންޖަރ ގްރޫޕް ތަކުގައި މުޅިން ވެސް އޮތީ އެވާހަކައެވެ. ރަށަކީ ކުޑަ ރަށަކަށް ވުމުން މީހެއްގެ ފަޔަށް ބުޅިއެއް ހެރުން ފަދަ ކުޑަ ކަމެއް ވިޔަސް އެންމެން އެތަނަކަށް އެއްވާނެ އެވެ. ކިރިޔާ ކުޑަ ކަމެއް ވިޔަސް އެންމެން ތިބޭނީ ނުތަނަވަސް ވެފައެވެ. ރަށުގެ ފަހުގެ ތާރީހެއްގައި އެންމެ ބޮޑު ކަމަކަށްވެސް ހިނގާފައި އޮތީ މާޝިތާމެން ކުޑައިރު މީހަކު އަމިއްލަ އަށް ދަން ޖެހުމެވެ. ޔުލާމެން ހަނދާން ހުންނަން ފެށީއްސުރެ އެންމެ ބޮޑު ކަމަކަށް ހިނގާފައި އޮތީ ރަށުގެ ގޭގޭތަކުން ވައްކަން ކުރުމުގެ ހާދިސާ ތަކެވެ. ނުވަތަ ދެމީހަކު ތަޅައިގަތުމެވެ. ނުވަތަ ކޮންމެވެސް ސިހުރުގެ މައްސަލަ އެކެވެ. މިހުން މަރާ ވަހަކަ އަކީ ހަމައެކަނި ޓީވީން އަޑު އަހާ ވާހަކަ އެކެވެ. ދުވަހަކުވެސް އަމިއްލަ ރަށުގައި މިފަދަ ކަމެއް ހިނގާފާނެ ކަމަކަށް ޔުލާގެ ހިތަކަށް ވެސް ނާރައެވެ. ޔުލާގެ ހިތުގައި އުފެދުނީ ނޭނގޭ ބިރުވެރި ކަމެކެވެ. އެންމެން އެންމެންހެން ދަންނަ މި ރަށުގައި މިފަދަ އަމަލެއް ހިންގަން ކެރުނީ ކާކަށް ބާވައެވެ؟
One Comment
Comments are closed.

Hii guys.. This is our first story.. Hope you like it!!