“ތިކަން އެނގެޔޭ… އެކަމަކުވެސް އަބަދު އެއްގޮތެއް ނުވާނެ ކަންނޭނގެ…އިރެއްގަ ނައި އަށް ގޯސްމީހެއް ލިބުނަސް ހުރިހާ ފަހަރަކު ގޯސްމީހުނެއް ނުލިބޭނެ…ނައިގެ މާޒީ ކަފުންކޮށް ވަޅުލިފަހުން މިހާރު ފަސް އަހަރު ތިވީ…ތިގޮތަށް ހުރެ ހަޔާތް ބޭކާރު ކޮށްލުން އެއީ ބުއްދިވެރިކަމެއް ނޫން….ޔުދާއަށް ނައިގެ ކުރީގެ ފޮޓޯއެކޭ ކިޔާފަ ދެއްކި ފޮޓޯގަނޑަށާއި މިހާރު ނައިއަށް ބަލައިފި މީހެއްނަމަ ނުބުނާނެ އެއީ ނައި އެކޭ…ބަލާބަ ނައި މާޝާﷲ މިހާރު ލޯބިކަން…ތިއީވެސް ކިހާ ބޮޑު ހެޔޮ ބަދަލެއް… ވިސްނާލަބަލަ” ޔުދާ ނައިޝާއަށް ވިސްނާދިނެވެ.
“މިހާރު ޔޫގެ ވާހަކަ ތިހުންނަނީ ނައިގެ މަންމަ ގޮތަށް” ހިނިގަނޑެއް ޖަހާލަމުން ނައިޝާ ބުންޏެވެ.”އޯކޭ ޔުދާ ނެތިން އެއްޗެކޭ އިތުރަށް ބުނާކަށް” ޔުދާވެސް ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.
***************
ރޭގަނޑު އަށެއް ޖަހަން އުޅެނިކޮށް ޔުދާ ފިހާރައަށް ދާން ނިކުތެވެ.ނައިޝާ މިރޭ ރޭގަނޑު ފިހާރައަށް އޮންލައިން ވާން ނުޖެހޭތީ ބީޗަށް ނިކުމެލަން ބުރުގާ އަޅާލުމަށްފަހު ސިޑިން ފޭބިއެވެ.
ނައިޝާ ބީޗަށް ނުކުތް ވަގުތަކީ ވަރަށް ހަމަހިމޭން ވަގުތެއް ކަމުން މޫދުން އަންނަ ރާޅުގެ އަޑާއި ގަސްގަހުގެ ފަތްތަކުގެ އަޑު ފިޔަވައި އިތުރު އަޑެއް އެސަރަހައްދުގައެއް ނެތެވެ.
ބީޗުގެ ގަސްގިނަ ހިސާބުގައި ހުރި ޖޯލިފަތީގައި ނައިޝާ ގޮސް އިށީނުމަށްފަހު މޫދުން އަރައިގެން އަންނަ ރާޅުތަކަށް ބަލަން އޭނާ އިނެވެ.އެގޮތުގައި ބައިގަނޑިއިރު ވަންދެން ނައިޝާ ޖޯލީގައި އިށީނދެލައިގެން އިނެވެ.
ވަގުތު ހިނގާވަރަކަށް މީހުންތައް ބީޗަށް އަންނަމުން ދިޔައެވެ.ގިނައީ އަތާއަތް ޖޯޑުކޮށްގެން އަންނަ ލޯބިވެރިންނެވެ.މީހުން ގިނަވާން ފެށުމުން ނައިޝާ ޖޯލިން ތެދުވެ ގެއަށް ވަންނަން ހިނގައިގަތް ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ފިރިހެންވަންތަ ހިނގުމެއްގައި ފޯނާއި ކުޅެމުން ހިނގާފައި އަންނަ ޒުވާނަކަށެވެ.
ހުދު ދޮން ކަމެއް ލިބިގެންވާ އެޒުވާނާ ލައިގެން ހުރި ގަދަ ނޫކުލައިގެ އަތްދިގު ޓީޝާޓާއި ކަޅު ޖިންސު އޭނާއަށް ވަރަށް ގުޅެއެވެ.ދެއަރިމަތިން ތުނިކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑާއި ތުނބުޅިއާއި މަތިމަހުގެ ކަޅުކަން ގަދަކަމުން ދިހުންކުލަ އަަރައެވެ. އިސްކޮޮޅުން ދިގު ބިޔަ ކަސްރަތީ ހަށިގަނޑުން އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ކަހަލަައެވެ.
އެޅި ފިޔަވަޅު މަތީގައި ގުނޑިލަން ނޭނގިފައި ހުރި ނައިޝާ އާއި އަރާހަމަކޮށް، އެޒުވާނާގެ ރީތި މަޑު މުށިކުލައިގެ ލޮލުން ނައިޝާއަށް ބަލައިލުމަށް ފަހު، އޭނާގެ ފިޔާތޮށި ފިނިފެންމަލެއް ފަދަ ރީތި ދެތުންފަތުން ހިނިތުންވެލުމެއް ހަދިޔާކޮށްލިއެވެ. ބޭއިޚްތިޔާރުގައި ނައިޝާއަށް ވެސް ހިނިތުންވެވުނެވެ.
އެޒުވާނާ ނައިޝާގެ ކައިރިން ލާފައި ދިޔަވަގުތު އޭނާގެ ގައިން ދުވި މީރު ސެންޓުގެ ވަސް ނައިޝާއަށް ބޭއިޚްތިޔާރުގައި ނަމަވެސް އެތެރެއަށް ދަމާލެވުނެވެ.އޭނާގޮސް ޖޯއްޔާއި އަރާ ހަމަވަންދެކަށް ކަޅި ޖަހާނުލާ އެޒުވާނާ އާއި ދިމާއަށް ބަލަން ނައިޝާއަށް ކޮޅަށް ހުރެވުނެވެ.
ނައިޝާ ހުރަސްކޮށް އެޒުވާނާ ޖޯލީގައި ގޮސް އިށީނުމާއެކު ނައިޝާއަށް ހޭވެރިކަންވިއެވެ. ހުއްޓިގެން ހުރި ނައިޝާ އަވަހަށް ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.
“ހާދަ ރީތި މީހެކޭ” ނައިޝާ ގެއަށް ވަންނަން ދިޔަ ވަގުތު ބީޗު ކައިރީގައި ހުރި ޅަފުރައިގެ ދެއަންހެނުންގެ ތެރެއިން އެކަކު އެޒުވާނާއާއި ދިމާއަށް ބަލަން ހުރެ ދީވާނާވެފައިވާ ގޮތަކަށް ބުނެލި އަޑު ނައިޝާއަށް އިވުނެވެ.
***********
ގެއަށްވަދެ ބެލްކަންޏަށް ނައިޝާ ނިކުމެ އެޒުވާނާއަށް ބަލަން ހުއްޓެވެ.ކިތަންމެ ވަރަކަށް ބެލިއަސް ފޫހިނުވާ ފަދަ އާދަޔާ ޚިލާފް ރީތިކަމެއް އެޒުވާނާއަށް ލިބިފައިވެއެވެ.
ބައިގަނޑި އިރު ޖޯލީގައި އިނުމަށްފަހު އެޒުވާނާ ތެދުވިއެވެ.ތަންތަން ބަލަމުން ގޮސް އޭނާއާއި ދިމާއަށް ބަލަންހުރި ނައިޝާ އެޒުވާނާއަށް ފެނުނެވެ.އޭނާ ބަލައިލުމުން ނައިޝާ ލަދުން އަވަހަށް ގޭތެރެއަށް ވަނެވެ.
***********
ދޮރުފޮތިގަނޑު ކަހާލުމަށްފަހު ސޯފާގައި ނައިޝާ އިށީނެވެ.އޭރު އޭނާގެ މޭތެރޭގައިވާ ހިތް އޮބިނޯވެ ތެޅެމުން ދިޔައެވެ.”އަނެއްކާ އަހަންނަށް މިވަނީ ކީއްބާ؟” މަޑުމަޑުން ނައިޝާ އޭނާގެ އަމިއްލަ ނަފްސަށް ސުވާލު ކޮށްލިއެވެ.
ނައިޝާގެ މާޒީގައި ކަންތައް ވެފައި ހުރިގޮތުން ދެވަނަ ފަހަރަށް ފިރިހެނަކާ ދިމާއަށް ބަލަންވެސް ނައިޝާ ބޭނުމެއް ނުވެއެވެ.ނަމަވެސް މިރޭ ނައިޝާއަށް އޭނާގެ އަމިއްލަ ނަފްސަށް އެއްވެސް ބާރެއް ނުފޯރުވޭ ފަދައެވެ.އެޒުވާނާއަށް ނައިޝާ ގަޔާވާފަދަަ އިހުސާސެއް ކުރެވެން ފެށިއެވެ.
ތަފާތު ހިޔާލުތަކުގައި ނުތަނަވަސްވެފައިވާ ނައިޝާ ފުރިޖުން ފިނި ފެންފުޅިއެއް ނެގުމަށްފަހު އެއްނޭވާއިން ބޯލިއެވެ.މީހަކުދެކެ ގަޔާވާންވެސް ނައިޝާ ފަސްޖެހެވެއެވެ.
މިރޭ ނައިޝާއަށް ފެނުނު އަޖައިބެއް ފަދަ ރީތިކަމެއް ލިބިގެންވާ ޒުވާނާގެ ސިފަ ނައިޝާގެ ބޮލުތެރެއިން ފިލާގޮތެއް ނުވިއެވެ.އެޚިޔާލުން ދުރުވެލުމަށް ފޯނުން ޚަބަރުކިޔާ ޓީވީން ޑުރާމާވެސް ނައިޝާ ބެލީ ކަމެއްގެ ތެރެއަށްވަދެ އަވަދިނެތިވާށެވެ.ނަމަވެސް އޭނާއަކަށް އެރީތި ޒުވާނާގެ ޚިޔާލަކާ ދުރަކަށް ނުދެވުނެވެ.
ސައިފާ ދިމާވި ފުރަތަމަ ދުވަހުވެސް ނައިޝާއަށް ވީކަހަލަ އިިހުސާސް އޭނާއަށް ކުރެވެން ފެށުުމުން ޓީވީ ބަަލަން ސޯފާގައި އިން ނައިޝާ ތެދުވެގެން ގޮސް ފާހަނައަށް ވަދެ މޫނު ރަނގަޅަށް ދޮވެލީ ވެފައިވާ ދީވާނާއިން ސަލާމަތް ވެވޭތޯއެވެ.
************
ރޭގަނޑު ނިދަން އެރިއިރުވެސް ނައިޝާއަށް އެ ޒުވާނާގެ ޚިޔާލުން ދުރަކަށް ނުދެވުނެވެ.ނައިޝާ އެކަމުން ދުރުވާން އޭނާގެ ހިތި މާޒީގެ ހަނދާންތައް އާކޮށްލިއެވެ.ނަމަވެސް ވީ ފައިދާއެއް ނެތެވެ.ލޯމަރާލިޔަސް އޭނާއަށް ފެންނަނީ އެ މަޑު މުށިކުލައިގެ ލޮލާއި ފިޔާތޮށި ފިނިފެންމަލެއް ފަދަ ތުންފަތެވެ.އެ ޖާދުވީ ހިނިތުންވެލުމެވެ.
ބޯއަޅާ ބާލީސް ރީތިކޮށްލުމަށްފަހު އަނެއްކާވެސް ނައިޝާ އެނދުގައި އޮށޯތެވެ.ސައިފާ ދިމާވި ފުރަތަމަ ދުވަސްކޮޅުގައިވެސް ނުވާފަދަ ގޮތްތަކެއް މިރޭ ދިމާވި ޒުވާނާ ފެނިގެން ނައިޝާއަށް ވާންފެށިއެވެ. ފަތިސްވިއިރުވެސް ދެކޮޅަށް ފުރޮޅިލާ ނައިޝާ ނުނިދިފައި އޮތެވެ.
*************
އިރު އެރުމުން އާދައިގެމަތިން ދުވަންދާން ނައިޝާ ތައްޔާރުވިއެވެ.ސިޑިންފައިބައިގެން މަޑު ދުވުމެއްގައި ނައިޝާ ދުއްވައިގަތެވެ.ދުވަމުން ދިޔަ ނައިޝާ ކުއްލިއަކަށް ހުއްޓުނީ ރޭގައި އޭނާއަށް ފެނުނު އާދަޔާ ޚިލާފް ރީތިކަމެއް ލިބިފައިވާ ޒުވާނާ ފެނިގެންނެވެ.އޭރު އޭނާ ބީޗުތެރެއިން ދުވެފައި އައިސް މަގަށް ނިކުތީއެވެ.
ނައިޝާއަށް އޭނާ މިއުޅެވެނީ ޚިޔާލީ ދުނިޔެއެއްގައި ކަމުގައި ހީވާން ފެށިއެވެ.އެޒުވާނާ ފެނިގެން ހުއްޓުން އެރި ނައިޝާ ދުއްވައިގަތީ ހޭވެރިކަންވުމަށް އޭނާގެ އަމިއްލަ ނަފްސަށް ވިސްނާ ދެމުންނެވެ.ތަންކޮޅަކަށް ދުވެލުމަށްފަހު ނައިޝާ ހުއްޓި ފަސްއެނބުރި ބަލައިލީ ހިތަށް ކެތްނުކުރެވިގެންނެވެ.
އެވަގުތު އެޒުވާނާ ނައިޝާއާއި ދިމާއަށް ކަޅިޖަހާނުލާ ބަލަން ގަހެއް ކައިރީގައި ހުއްޓިލައިގެން ހުއްޓެވެ.ނައިޝާ އޭނާއަށް ބަލައިލުމުން އެޒުވާނާ ހިނިތުންވެލިއެވެ.ނައިޝާއަށްވެސް އޭނާއާއި ދިމާއަށް ހިނިތުންވެލެވުނީ އަމިއްލަ އިޚްތިޔާރަކާ ނުލައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.






Ohh !! This is great waiting to next part …….. ❤❤❤
Thanks dear ☺️
please dont be like saif 🙁 i dont want him to be like saif 🙁
Will see it later ?