“އަޅެ ބައްޕާ ކާރެއްްވެސް ގަތީތަ؟” ނައިޝާ އަހާލިއެވެ. “އާނ… ނައި ލަންކާގަ ހުރިއިރު ކާރުދުއްވަން ދަސްކުރީމަ ބައްޕަ ހިތަށްއެރީ ދަރިފުޅަށް ކާރެއް ގަނެދޭން…ކަމުދޭތަ މިކާރު؟… ނައިއަށް ރީތީ ޕިންކު ކުލައަށްވާތީ ބައްޕަ މިކުލަ ގަތީ” ނައިޝާއަށް އޭނާގެ ބައްޕަ ބުނެލިއެވެ.
“ވަރަށް ރީތި… އެކަމަކު…” ނައިޝާ ބުނަން އުޅުނެެވެ. “ދަރިފުޅު އަނެއްކާވެސް ދެކޮޅުހަދަންދޯ ތިއުޅެނީ… ތިބުނީނު ވަރަށް ރީއްޗޭ އެހެންވީމާ ނިމުނީ…ދެން ދަރިފުޅު ލައިސެންސް ނަގަންވީ” ނައިޝާގެ ބައްޕަ ބުނެލިއެވެ.
“މެންދުރު ކައްކާނެ ކަމެއްނެތް ތަނަކަށް ގޮއްސަ ކާނީ” ނައިޝާގެ ބައްޕަ އެހެން ބުނެ ކާރަށް އެރިއެވެ.ނައިޝާވެސް ކާރަށް އެރުމުން އޭނާގެ ބައްޕަ ކާރު ދުއްވާލިއެވެ.
*************
ރެސްޓޯރެންޓަކަށް ވަދެ ނައިޝާގެ ބައްޕަގެ ޚަރަދުގައި ކައިގެން އެމީހުން ހުޅުމާލޭ ތެރޭގައި ދުއްވާލިއެވެ.ނައިޝާގެ ބައްޕަ ނައިޝާއަށް ފަހަރަކު ތަނެއް ދައްކަމުން ކިޔައިދެމުން ދިޔައެވެ.
ހުޅުމާލޭ ތެރޭގައި ބުރުޖަހާލުމަށްފަހު އެނބުރި ގެއަށް ނައިޝާމެން އައެވެ.”ދަރިފުޅު ބޭނުންކަމުގަ ވާނަމަ މިތާ ހުރި ފަރުނީޗަރު އުކާލާފަ އާ ފަރުނީޗަރު ގަނެވިދާނެ” ނައިޝާއަށް އޭނާގެ ބައްޕަ ބުންޏެވެ.” ނޫން މިތާގަ ހުރި އެއްޗެހި ބަލެއް ނޫނެއްނު..އަނެއްކާ ހުރިހާ އެއްޗެއް އެބަހުރި…އުނދުނާ ގޭސްފުޅިއާ ހުރިހާ އެއްޗެއްވެސް އެބަހުރި…ދެން ވައިފައި ލާންވީ” ނައިޝާ ބުނެލިއެވެ. “އޯކޭ ދަރިފުޅަަށް ފެންނަ ގޮތެއް” ނައިޝާގެ ބައްޕަ ބުނެލިއެވެ.
“ބައްޕަ މާދަން ކިހާއިރަކު ފުރަނީ؟”ސޯފާގައި އިށީނަމުން ނައިޝާ އަހާލިއެވެ. “މެންދުރު ޗެކިން އިނީ” ނައިޝާގެ ބައްޕަ ޖަވާބުގައި ބުނެލިއެވެ.
***************
މެންދުރު ކައިގެން ނައިޝާ އޭނާގެ ބައްޕަ ފުރުވަން ކަމާލް އާއެކު ކާރުގައި އެއާޕޯޓަށް ދިޔައެވެ.ބައްޕަ ފުރުވާލުމަށް ފަހު ނައިޝާ އެނބުރި ގެއަށް އައެވެ.
****************
….މިހާރު…..
ނައިޝާ ސިއްސައިގެން ދިޔައީ މީހަކު ދޮރު ޖެހި އަޑަށެވެ.ލޯގަނޑު ކައިރި ހުއްޓިލައިގެން ހުރި ނައިޝާ ލޯފުހެލިއެވެ.ނައިޝާ އޭނާގެ ހިތާމަވެރި މާޒީ ހަނދާންކޮށް ރޮއެފާ ވުމުން ކޯތާފަތް މައްޗާއި ނޭފަތްމަތިން ވަނީ ޖަންބުކުލަ އަރާފައެވެ.
ފޯނު ނަގައި ގަޑި ބަލާލުމަށްފަހު، ގަތާލެވިފައިވާ އޭނާގެ އުނަގަނޑާ ހަމައަށް އަރާ ފަން ދިގު އިސްތަށިގަނޑު ފަހަތަށް ލުމަށްފަހު ލެޕްޓޮޕް ހިފައިގެން ސިޓިންރޫމަަށް ނިކުންނަން ނައިޝާ ދިޔައެވެ.
“ގުޑް މޯނިންގް” ކޮޓަރީގެ ދޮރުޖެހުމަށްފަހު ސިޓިންރޫމަަށް ނިކުންނަން ދިޔަ ޔުދާއަށް ނައިޝާ ބުނެލިއެވެ. “ގުޑް މޯނިން” ހިނިތުންވެލަމުން ޔުދާވެސް ބުނެލިއެވެ.
ނައިޝާ ލެޕްޓޮޕް މޭޒުމަތީގައި ބޭއްވުމަށް ފަހު ތައްޓައް އަލްމަންޑް ކޮޅަކާއި ވޯލްނަޓްކޮޅެއް އަޅާލުމަށްފަހު އޭނާގެ ލުނބޯފެން ފުޅި ފުރިޖުން ނަގައިގެން އައިސް މޭޒުދޮށުގައި އިށީނެވެ.
“ސައިވެސް ނުބޮއެތަ ތިދަނީ؟” ސިޓިންރޫމު ދޮރުން ނިކުންނަން އުޅުނު ޔުދާއަށް ނައިޝާ ބުނެލިއެވެ. “އާނ…ވަރަށް ލަސްވެގެން މިދަނީ…މިހާރު އެހެރަ 8.45 ވީ 9.00ޖަހާއިރު ފިހާރަ ހުޅުވަންޖެހޭނެ… …ފިހާރައަށް ގޮއްސަ ކުޑަގޮތެއް ހަދާލާނީ” ޔުދާ އެހެން ބުނުމުން އޭނާ ހުއްޓުވުމަށްފަހު ސަތޭކަ ރުފިޔާ ވޮލެޓުން ނަގާ ޔުދާއަށް ނައިޝާ ދިއްކޮށްލިއެވެ.
“މީތި ހިފާ އެއްޗެއް ގަނެ ކާލަން” ޔުދާއަށް ރުފިޔާ ދިއްކޮށްލަމުން ނައިޝާ ބުނެލިއެވެ. “ނޫން ތީތި ބާއްވާ” ރުފިޔާ ނުހިފަން ޔުދާ އުޅުމުން އޭނާގެ އަތަށް ރުފިޔާ ލައިދުނުމަށްފަހު އަވަހަށް ދިއުމަށް ނައިޝާ އެދުނެވެ. “ޝުކުރިއްޔާ” ނިކުންނަން ދިޔަ ޔުދާ ހިނިތުންވެލަމުން ބުނެލިއެވެ.
ލެޕްޓޮޕް ހުޅުވާލުމަށްފަހު ނައިޝާ ވަޒީފާ އަދާކުރާ ފިހާރަ ހުޅުވަން ވާއިރަށް އޮންލައިން ވެލިއެވެ.
**********
ނައިޝާއަަށް އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބެނީ ނަމާދުން ކަމުގައި ވާތީ، މެންދުރަށް ބަންގިގޮވުމުން ލެޕްޓޮޕް ނިވާލުމަށްފަހު ނަމާދަށް އަރަން ތައްޔާރުވުމަށް ކޮޓަރިއާ ދިމާއަށް އޭނާ ހިނގައިގަތެވެ.
ނަމާދުކޮށް ނިމި ސިޓިންރޫމަަށް ނައިޝާ ނިކުތް ވަގުތު ޔުދާވެސް ގެއަށް ވަނެވެ.ޔުދާ އެއްޗެހި ބަދަލުކޮށްލައިގެން ބަދިގެއަށް ވަތްއިރު ނައިޝާ ސޯފާގައި އިށީނދެ ފޯނާ ކުޅެން އިނެވެ.
“ނައި ކައިފިންތަ؟” ޔުދާ އަހާލިއެވެ. “ނޫން….ނައި ކާނީ އަދި ފަހުން” ނައިޝާ ޖަވާބުގައި ބުނެލިއެވެ. “ނައި އަބަދު ތަރުކާރީ ކައި ކައި ތި އިންނަނީ…ހަތަރު އަހަރު މިވީ ނަައި އާ އެކު ޔުދާ އުޅޭތާ އެކަމަކު ބަތެއް ރޮއްޓެއް ކާތަން ފެންނަނީ ހާލަކުން ފަހަރަކު…އެހެންވީމަ ހިނގާ މިއަދު ޔުދާއާ އެކު ބަތްގަނޑެއް ކާން ޕްލީސް” ޔުދާ ނައިޝާއަށް ބުނެލިއެވެ.
“އޯކޭ ކެވިދާނެ އެކަމަކު މާބައިވަރެއް ނުކެވޭނެ…ނައިވެސް އެހީވެދޭނަން” ޔުދާއަށް އެހީވުމަށް ނައިޝާ ސޯފާއިން ތެދުވިއެވެ. “އުހުނ…ނައި ހެލްޕު ނުވިއަސް އޯކޭއޭ” ޔުދާ ބުނެލިއެވެ. “ދެން އެހެން ކެރޭތަ ޔޫ ހުރިހާކަމެއް ކުރާއިރު އެއްވެސް ކަމެއްް ނުކޮށް ހުރެ ކެއްކީމަ ކާން” ނައިޝާ ބުނެލިއެވެ.
“ނައިވެސް ހަމަ ޔުދާ ކާން އެއްޗެހި ގަންނާނަމޭ ބުނީމަ ވެސް ކާއެއްޗެހި ވެސް ގަންނަނީއެއްނު…އަނެއްކާ ޔުދާ މިގޭގަ ހުންނަން ކޮންމެ މަހަކު ނައިއަށް ރުފިޔާ ދޭއިރުވެސް ގިނަފަހަރު ނުހިފާ ރުފިޔާގަވެސް… އަނެއްހެން ބުނާނަމަ ޔުދާ މިގޭގަ މިއުޅެނީ ހިލޭ ސާބަހަށް” ޔުދާ ނައިޝާއަށް ބުނެލިއެވެ.
“އެއީ މައްސަލައެއްނޫން…ނައި ޔުދާ މިގޭގަ ބަހައްޓަނީ ރުފިޔާ ހޯދާކަށް ނޫން….ޔުދާ ތިއުޅޭ ކޮޓަރި ހުހަށް ނުބަހައްޓަން ވެގެން” ނައިޝާ ބުނެލިއެވެ.
ކާން ހެދުމަށްފަހު މޭޒުދޮށުގައި ކާން ޔުދާ އާއި ނައިޝާ އިށީނެވެ.”ނައި އެއްގޮތަކަށް ވެސް ބޭރަށް ނުނިކުންނަންތަ ޔުދާ ފިހާރައިގަ އުޅޭ ގަނޑިތަކުގަވެސް؟” ޔުދާ އަހާލިއެވެ. “އެއްގޮތަކަށް ވެސް ނޫން…ބައެއް ފަހަރު ބީޗަށް ނިކުމެލަން… އެކަމަކު ގިނައިން ހަމަ ގޭތެރޭގަ އިނދެވެނީ…ނައި ނުވޭ އެހާ ބޭރަށް ނިކުންނަ ހިތެއް” ނައިޝާ ޖަވާބުގައި ބުނެލިއެވެ.
“ނައިގެ މާޒީ ޔުދާއަށް ހިއްސާކޮށްފަ ވާތީ ޔުދާއަށް އިނގޭ ނައި ތަޖުރިބާ ކޮށްފައިވާ ކަންތައްތައް….ޔުދާ ބުނެލާނީ ނައި އަދިވެސް އެހަނދާންތަކާ ހެދި މީހުންގެތެރެއަށް ނިކުމެ ހަދަން ބޭނުންނުވާ ކަމުގަ ވަންޏާ ތިކަން ނުކުރާށޭ… އެންމެން އެއްގޮތެއް ނުވާނެ…ނައިވެސް ރަނގަޅުމީހެއް ހޯދާށޭ ބުނެވޭނީ..ޔުދާ ނައިގެ ޕާރސަނަލް ލައިފާ ބެހެނީކީ ނޫން އިނގޭ… ހެޔޮއެދޭ މީހެއްގެ ހައިސިއްޔަތުން ހަމަ ބުނެލީ” ޔުދާ ނައިޝާއަށް ބުނެލިއެވެ.
“ނައި ދާހިތްނުވަނީ ހަމަ ބޭރަށް.. އެހެންވެގެންނު ނައި އޮންލައިން ކޮށްވެސް ވަޒީފާ އަދާ މިކުރަނީ..” ނައިޝާ ބަތް ސަމުސަލެއް ކާލަމުން ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.






finally a part of present
?
V reethi.. ekm its so short ? vaahaka kiyaa hithun indha maa avahah nimenee ? but love it plx upload soon ❤️
Will try to make it long thanks dear ♥️?