އެއްވެސް އިންސާނަކީ ފުރިހަމަ އިންސާނެއް ނޫނެ…
އެއްދުވަހެއްގެ ހަވީރެވެ. މަންމަ ގޭގެ މަސައްކަތުގައި ބުރަކޮށް އުޅުމަށްފަހު ހަވީރު ސައި ތައްޔާރުކުރިއެވެ. ބިސްގަނޑަކާ ކަޅު ސައިތައްޓެއްގެ އިތުރުން ޓޯސްޓްކޮށްފައި ހުރި ޕާން ތަކެކެވެ. މަންމަ އަވަސް އަރުވާލަން ހަދައިގެން ޓޯސްޓްކޮށްފައި ހުރި ޕާން ފޮތިތައް ހުރީ ކޮންމެވެސް ވަރަކަށް އަނދާފައެވެ. އަދި ސައިތައްޓައް ހަކުރު އަޅަން ވެސް މަންމަ ހަނދާނެއް ނެތެވެ.
ބައްޕައާއި އެކު ސައިބޯން އެރި ވަގުތުން ފެށިގެން އަހަންނަށް ފާހަގަ ކުރެވުނީ އެކަންތަކެވެ. އަހަރެން މަޑުކޮށްލައިގެން އިނީ ބައްޕައަށް އެކަންކަން ފާހަގަކުރެވި ޝަކުވާކުރާނެ ވަގުތަކަށެވެ. ނަމަވެސް، ބައްޕަ ފެށީ ސައިބޯށެވެ. އަދި އަހަރެން ކައިރިން ސްކޫލްގެ ކަން ކިހިނެއްތޯ އަހައި އޮޅުންފިލުވަމުން ގެންދިޔައެވެ.
އިރުކޮޅެއްވީ ފަހުން މަންމަގެ މަސައްކަތް އެ ވަގުތަށް ނިންމާލުމަށްފަހު އަތުވެއްޖެއެވެ. އަދި ބައްޕައާއި ދިމާލަށް ބުންޏެވެ! “ޓޯސްޓުކުރަން ޖައްސާފައި އެހެން ކަމެއްގަ އުޅެފަ އައިއިރު ޓޯސްޓްކުރަން ޖެއްސި ޕާންތައް ހުރީ ކޮންމެ ވެސް ވަރަކަށް އަނދާފައި!” މަންމަގެ ވާހަކަ ނުނިމެނީސް ބައްޕަ ޖަވާބުގައި ބުންޏެވެ! “އެއީ މައްސަލައެއް ނޫން! މިވަރަށް ޓޯސްޓްކޮށްފައި ހުންނަ ޕާން އަހަންނަށް ވަރަށް މީރު”.
ސައިބޮއި ނިމިގެން ބައްޕައާއި އެކު ސައިކަލުގައި ބުރެއް ޖަހާލަން ދިޔައީމެވެ. ސައިކަލު ފަހަތުގައި އިނދެގެން އަހަރެން ބައްޕަ ކައިރިން ސުވާލެއް ކޮށްލަންހޭ އެހީމެވެ! ބައްޕަ ޖަވާބު ދިނެވެ! “އާން! ދަރިފުޅު ބޭނުން ސުވާލެއް ކުރޭ”.
ދަރިފުޅު: އަސްލުވެސް އަންދާފައި ހުންނަ ޓޯސްޓް ބައްޕައަށް މީރުތަ؟ ސައިތަށީގަ ފޮނި ރަހައެއް ވެސް ނެތެއްނު!
ބައްޕަ ޕޭމަންޓްކައިރިއަށް ސައިކަލް ހުއްޓާލުމަށްފަހު އަހަންނާ ދިމާލަށް އެނބުރިފައި ޖަވާބުދިނެވެ.
ބައްޕަ: ހެނދުހެނދުނާ މަސައްކަތް ފަށާގޮތަށް ނިދަން އޮށޯންނަންދެން ގޭގެ ހުރިހާ މަސައްކަތެއް ކުރުމުގައި އަވަދިނެތިއުޅޭ ހަމައެކަނި މީހަކީ މަންމައެވެ. މަންމަ ބުރަކޮށް އުޅެމުން ދަރިފުޅަށް ބޭނުންވާ ކަންތަކާ ބައްޕައަށް ބޭނުންވާ ކަންކަން ކޮށްދެނީ. އަދި ކައްކާ ކާންދީ ކަންކަން ވެސް ކޮށްދެނީ އެހާ ބުރަކޮށް އުޅެމުން. އެއީ މަންމަ ގަސްތަކު ކުރި ކަމެއް ނޫން، މަންމައަށް ވީ ވަރަކުން ފުރިހަމައަށް ހުރިހާ ކަމެއް ވެސް ކޮށްދެމުން އަންނަނީ. ޕާން ފޮއްޗެއް އަނދައިގެން އެއްވެސް މީހެއްގެ ހިތުގަ ނުޖެހޭނެ، ނަމަވެސް ނުކިއްސަރަށް ދުލުން ބުނެލާ ބަހަކުން އަނެކާގެ ހިތް ފުޑުފުޑުވެގެންވެސް ހިނގައިދާނެ.
ދަރިފުޅާއެވެ! އެއްވެސް މީހެއްގެ ފަރާތުން ދަރިފުޅަށް އެހީތެރިކަމެއް ލިބެމުންދާނަމަ ފުރަތަމަކަމަކަށް، އެ އެހީ ލިބެމުންދާކަން ޤަބޫލުކުރަން ދަސްކުރަންވީ، ކޮށްދެމުން އަންނަ ކަންތައްތަކަކީ ފުރިހަމައަށް ކޮށްދެމުން އަންނަ ކަންކަމަށް ނުވިނަމަވެސް އެމީހެއްގެ މަޤްޞަދަކީ އެމީހެއްގެ ވަރުން ކަންތައްތައް ކޮށްދިނުން ކަމުގައިވަނީނަމަ އެކަންކަމަށް ފާޑުވިދާޅުނުވެ ޝުކުރުވެރިވާން ދަސްކުރަންވީ. އެއްވެސް އިންސާނަކީ ފުރިހަމަ އިންސާނެއް ނޫނެވެ.
One Comment
Comments are closed.


Vaahaka vrh reethi…. Masha Allah….. ?
And sham ge silsilaa vaahaka eh neih tha??? Varh Beynun sham ge silsilaa vaahaka eh kiyaalan???? Thiya kuravvamun gendhavaa bura masaihkathah fahfashun shukuruverivann….. ?
Tc ly