Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޔާރު ނުބުނޭ ތިހެން … (6)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
September 6, 2021 5 Mins Read
5 Comments

ފަނަރަވަރަކަށް މިނެޓްފަހުން ބެލްޖެހިއަޑަށް، ބޭރުގައި އިން ރުހާ އެތެރެއަށް ވަނެވެ. މިކްޔާން ފާޚާނާގައިވުމުން، ރުހާގޮސް ދޮރުހުޅުވާލިއެވެ. ދޮރުމަތީގައި ހުރި ގެސްޓުހައުސްގެ ލޯގޯޖަހާފައިވާ ޔުނީފޯމް އަޅައިގެންހުރި އަންހެންކުއްޖާ، ރުހާ ފެނުމުން ހިނިތުންވެލިއެވެ. އަތުގައި ހުރި ކާއެއްޗެހި އަޅާފައިވާ ތަބަށް ފެނުމުން ރުހާ ބޮޑަށް ދޮރުހުޅުވާލައިދިނެވެ. އެކުއްޖާ އެތެރެއަށް ވަދެގެންގޮސް ބޭރުގައި ހުރި މޭޒުމަތީ ތަށިތައް އަތުރާލުމަށްފަހު، އެނބުރި ކޮޓަރިއަށް ވަންނަން އައިވަގުތުވީ، ފާހާނާއިން ނުކުތް މިކްޔާން، ބޭރަށް ނުކުންނަން އައިވަގުތަށެވެ. ދެމީހުންނަށް އެކަކު އަނެކަކު ފެނިފައި، ހުއްޓުން އަރާފައި ތިބިގޮތުން، ރުހާ، ދެފަހަރު ދެމީހުންނަށް ބަލާލިއެވެ.

ހިނދުކޮޅަކަށް ހުއްޓުން އަރާފައިހުރިނަމަވެސް، މޫނުމަތިން އެއްވެސް އަސަރެއް ދައްކާލުމެއްނެތި، ފަރުވާކުޑަގޮތަކަށް، ބޭރަށް ނުކުމެގެން ގޮސް ތަށިތައް އަތުރާފައިވާ މޭޒުކައިރީގައި ހުރި ގޮނޑީގައި މިކްޔާން އިށީނެވެ. އެހާ ފަރުވާކުޑަގޮތަކަށް މިކްޔާން ކަންތައްކުރުމުން ނޫންކަމެއްވެސް ނޭނގެއެވެ. މިކްޔާން ދިޔަ ދިމާއަށް އެނބުރި ބަލާލިއިރު، އެކުއްޖާގެ މޫނުމަތި މިލާފައިވާތަން ރުހާއަށް ފެނުނެވެ. އެދެމެދުގައި ކޮންމެވެސް ގުޅުމެއް ވާނެކަމުގައި އެވަގުތު ރުހާގެ ހިތް ބުނަމުން ދިޔައެވެ.

އެކުއްޖާ އެނބުރި ދިއުމުން ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު، ރުހާވެސް ގޮސް މިކްޔާންގެ ގާތުގައި އިށީނެވެ. ރުހާ އިށީނުމާއިއެކީހެން ، އެއްވެސް ބަހެއް ބުނުމެއްނެތި މިކްޔާން ކާންފެށިއެވެ. މިކްޔާންގެ ޙަރަކާތްތަކަށް ބަލަން އިނދެފައި ރުހާވެސް ކާންފެށިއެވެ. ދޭތެރެއަކުން މިކްޔާންގެ މޫނަށް ބަލާލެވުނީ އެ މޫނުމަތިން ތަފާތު އަސަރެއް ފެނޭތޯއެވެ. ނަމަވެސް އެކަހަލަ އެއްވެސް ކަމެއް ރުހާއަކަށް ފާހަގައެއް ނުވިއެވެ.

**********

ހަވީރު ފެންވަރާލައިގެން އައިސް ލައިނީ އިނީ ގޯތިތެރޭގައި ބަހައްޓާފައިވާ ޖޯލިފަތިން ޖޯއްޔެއްގައެވެ. އެއް އަތް ބޯދަށަށް ލައްވާލައިގެން އިންއިރު އޭނާއަށް ވިސްނެމުން ދިޔައީ މިހާރަކަށް އައިސް އޭނާއަށް އަންނަމުންދާ ބަދަލުތަކާއިމެދުއެވެ. ވިސްނުމަށް ގެއްލިފައި އޮތް ލައިނީ، ސިއްސައިގެން ދިޔައީ މީހަކު އޭނާގެ ކޯތާފަތަށް ބޮސްދިނުމުންނެވެ. ތެޅިގެންފައި ބަލައިލިއިރު، ޖީންސްގެ ދެޖީބަށް އަތްޖަހާލައިގެން ލާނެއްފާޑަކަށް ހެވިފައި ރަޔާން ހުއްޓެވެ. ލައިނީއަށް ބަލާލެވުނީ އިތުރު މީހަކު ފެންނަން ހުރިތޯއެވެ.

“ރަޔާން…. ތިކަހަލަ ކަންތައް ކުރާކަށް ނުވާނެއްނު….. މީހަކަށް ފެނިއްޖެއްޔާއޯ…..” ޖޯލީގައި ހަމަޖެހިލަމުން ލައިނީ ބުނެލީ ރަޔާންގެ ގައިގައި މަޑުމަޑުން ޖަހާލަމުންނެވެ.

“މީހަކަށް ފެނުނީއާ ކީއްތަވާނީ…. މަގޭ އަންހެނުންނޭ ތީ…. އެއީ އަހަންނަށް ލިބިފައިވާ ޙައްޤެކޭ……” ލައިނީގެ ގާތުގައި އިށީންނަމުން ރަޔާން ޖަވާބުދިނީ ހިނިގަނޑެއް ޖަހާލަމުންނެވެ.

“އެހެންވިޔަސް…. މަންމަމެން މީހަކަށް ފެނިއްޖެއްޔާ ކީކޭ ހިތަށް އަރާނީ…..” ލަދުރަކިގޮތަކަށް ހީލަމުން ލައިނީ ބުނެލިއެވެ.
“އޯ.ކޭ…. ދެންފަހަރަކުން ދޯ…..” މިހެން ބުނެފައި، ރަޔާން، އަނެއްކާވެސް ލައިނީގެ ކޯތާފަތަށް ބޮސްދިނުމަށްފަހު، އަވަހަށް ޖޯލިން ތެދުވީ، ލައިނީ އަތް ހޫރުވާލުމުންނެވެ. ލައިނީއަށް އިނދެވުނީ ރަޔާނަށް ބަލާށެވެ. ރަޔާނަކީ ރިދާމެންނެކޭ އެއްގޮތަށް ސަކަ މިޒާޖެއްގެވެރި ޒުވާނެކެވެ. އެހާމެ ހިތްހެޔޮވެފައި އޯގާތެރިއެވެ. ލައިނީދެކެ އިންތިހާއަށް ލޯބިވެއެވެ. ފެންނަހިސާބުގައި ހުންނަންޏާ އެފަދަ ލޯބިވެތި ގޯނާއެއްކޮށްނުލާ އޭނާ ހިތްހަމަނުޖެހޭފަދައެވެ.

“ހިނގާލަން ދާނަންތަ….؟؟؟؟” ރަޔާނަށް ބަލަން އިން ލައިނީއަށް އަތް ދިއްކޮށްލަމުން، ރަޔާން ސުވާލުކޮށްލިއެވެ. ރަޔާން ދިއްކުރި އަތުގައި ހިފާލުމަށްފަހު، ލައިނީ ބޯޖަހާލިއެވެ. އަދި ޖޯލިން ތެދުވަމުން، އޭނާ ލައިގެން އިން މުށިކުލައިގެ އަބާޔާ ހެދުމަށް ދަމާލާ ހެދުން ރަނގަޅުކޮށްލުމަށްފަހު، ބޮޅުގައި އަޅާފައި އޮތް މުށިކުލައިގެ ކުދިމާޖެހި ޝޯލްވެސް ރަނގަޅުކޮށްލިއެވެ. އަދި ރަޔާންގެ ގާތުގައި އޯކޭހޭ އަހާލިއެވެ. އަތުގެ ބޮޑުވާއިނގިލި ދައްކާލަމުން ވަރަށް ނަލައޭ ބުނެފައި ލައިނީގެ އަތުގައި ހިފައިގެން ރަޔާން ހިނގައިގަތެވެ.

ގެއިން ނުކުތުމާއިއެކު، މަގުގެ ހުޅަނގުން ފެންނަން އޮތް އަތިރިމައްޗާއި ދިމާއަށް، ދެމީހުން އެކުގައި މިސްރާބުޖެހިއެވެ. އަތުގުޅުވާލައިގެން ދިޔައިރު ފެންނަ ކޮންމެ މީހަކަށް އެދެމެދުގައިވާ ލޯބި ހާމަވެގެންދާހާވެއެވެ. މޫދާ ދިމާއަށް ކުރިމަތިވާގޮތަށް ދެމީހުންގޮސް އިށީނދެލީ އޮލަކަން އެކުލެވިފައިވާ ރީތި ހުދު ފަސްގަނޑުމަތީގައެވެ. ދުރުދުރުން އެކި ބައިބަޔަށް އެކިއުމުރުގެ މީހުން ފެންނަން ތިއްބެވެ. އެއްބަޔަކު ކުޅިވަރުތައް ކުޅުމަށް ގެއްލިފައިވާއިރު، އަނެއްބަޔަކު ތިބީ އެމީހުންފަދައިން އެވަގުތުގެ ހިތްގައިމުކަމާއި އެތާނގެ ރީތިކަމުން އުފާ ހޯދުމަށް އައިހެވެ.

“ކޮންކަމަކާ ތި ވިސްނަނީ…..؟؟؟؟” ކުރިމަތިން ފެންނަން އޮތް މަޑުނޫކުލައިގެ މޫދަށް ނަޒަރު ހުއްޓާލައިގެން އިން ލައިނީއަށް ބަލާލަމުން ރަޔާން އަހާލިއެވެ. މޫދުން، ރަޔާންގެ މޫނަށް ނަޒަރު ބަދަލުކޮށްލަމުން، ލައިނީ ހިނިތުންވެލަމުން ނުވިސްނަމޭ ބުނެލިއެވެ.

“އަހަރެމެން ކޮން އިރަކުން ކުއްޖަކު ހޯދާނީ…؟؟؟” ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ކުއްލިއަކަށް ލައިނީކޮށްލި ސުވާލަކުން ރަޔާނަށް ބަލާލެވުނެވެ. އޭރު ލައިނީވެސް އިނީ ރަޔާންގެ މޫނަށް ބަލާށެވެ. އޭނާގެ މޫނުގެ ކުލަވަރުތަކުން ރަޔާންގެ ޖަވާބަށް އިންތިޒާރުކުރަމުންދާކަން ހާމަކޮށްދެއެވެ.

“އަދި ތަންކޮޅެއް ފަހުން ދޯ…..” އަތުގެ ނުފުށުން ލައިނީގެ މޫނުގައި ފިރުމާލަމުން، ހިނިތުންވެފައި އިނދެ ރަޔާން ބުނެލިއެވެ. ލައިނީއަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް، ރަޔާންގެ ފޯނު ރިންގުވާން ފެށުމުން، “އެބަ އަންނަމޭ” ބުނެފައި ރަޔާން ތެދުވެގެން ދިޔައީ ފޯނުން ވާހަކަ ދައްކަމުންނެވެ.

ދުރުގައި ފޯނުން ވާހަކަދައްކަން ހުރި ރަޔާނަށް ބަލަން އިން ލައިނީގެ މޫނުމަތީގެ އުޖާލާކަންވަނީ ފަނޑުވެފައެވެ. އޭނާ އުޅުނީ ރަޔާންގެ ގާތުގައި މިހާރު އޭނާއަށް އަންނަމުންދާ ބަދަލުތަކުގެ ވާހަކަތައް ދައްކާށެވެ. އޭނާ ބަނޑުބޮޑުހެން ހީވާތީ އެވާހަކަ ރަޔާނާއި ޚިއްސާކުރަން ބޭނުންވިއެވެ. އެހެންނަމެވެސް، ރަޔާންގެ ވިސްނުން ހުރިގޮތް އެނގިފައި، އޭނާއަށް ދެން އެވާހަކަތައް ދައްކާކަށް ނުކެރޭނެއެވެ. ރަޔާންގެ ގާތުގައި އެވާހަކަތައް ދެއްކުމުގެ ބަދަލުގައި އޭނާ ވިސްނީ އެކަން ކަށަވަރުކުރާށެވެ.

**********

ހެނދުނުގެ ނާސްތާއަށްފަހު ރުހާ އެދުނީ ރަށުތެރެ ބަލާލަން ދިއުމަށެވެ. ކުރިން އާދެވިފައި ނުވާ ރަށަކަށްވުމުންނެވެ. އަރާމުކޮށްލަން ބޭނުންވާކަމުގައިބުނެ، ވަގުތުން މިކްޔާން ދެކޮޅުހެދިއެވެ. ރުހާއަކަށް އެގޮތެއް ކަމަކު ނުދިޔައެވެ. އެރަށަށް ގޮސްފައިވެސް އެރަށް ބަލާނުލާ އެނބުރި ރަށަށް ދާކަށް ރުހާގެ ހިތެއް ނުރުހުނެވެ. އެހެންނޫނަސް އެއްވެސްކަމެއް ނުކޮށް ސައްވީސް ގަޑިއިރު ހަމައަށް ކޮޓަރީގައި އިންނަންވެއްޖިއްޔާ ފޫހިވެގެން ގޮސް އޭނާ ހުންނާނީ ހަދާނެގޮތް ހުސްވެފައެވެ. ކުރިމަތީގައި ފެންނަން އިނަސް މިކްޔާން އަނގައިން ބުނާނެ ކަމެއް ނޭނގެއެވެ. “ހަތާ ނެތިއުޅޭ ވައިކުޅަނދުރެއްހެން” އޭނާއަކަށް ނީނދެވޭނެއެވެ. އެހެންކަމުން، ވިސްނުމުގެ ބޭނުންކޮށް މިކްޔާން ރުޅިއަޔަސް ހެޔޮކަމަށް ބަލާފައި، ރުހާ ހިފީ، މިކްޔާންގެ ބަލިފައިގައެވެ. ފޫހިވެގެން އުޅޭ ވާހަކަ ބައްޕައަށް ގުޅާފައި ބުނަނީއޭ ބުނުމުން، މިކްޔާނަށް ޖެހުނީ ގޮތް ދޫކުރާށެވެ. އެންމެފަހުން މިކްޔާން ރުހާ ގޮވައިގެން ރަށުތެރެ ބަލާލަން ނުކުތެވެ. ނަމަވެސް އޭނާ ހުރީ ވަރަށް ރުޅިއައިސް ހިތްހަމަ ނުޖެހިފައެވެ.

ގެސްޓްހައުސްތައް އަޅާފައިވާ ސަރަޙައްދާއި، މީހުން ދިރިއުޅެމުންދާ ސަރަޙައްދު މާދުރެއް ނޫނެވެ. ގާތްގަނޑަކަށް ދިހަވަރަކަށް މިނެޓް ހިނގާލުމުން މީހުން ދިރިއުޅޭ ސަރަޙައްދަށް ދެވުނެވެ. އެރަށަކީ، ކިތަންމެ ބިން ބޮޑު ރަށެއްނަމަވެސް ވަރަށް މަދު އާބާދީއެއް ދިރިއުޅެމުންދާ ރަށެއްކަން ހާމަވަނީ ފެންނަން ހުރި މަދުގޭތަކުގެ ސަބަބުންނެވެ. ރަށުތެރެއިންވެސް އެހާބައިވަރު މީހުންނެއް ނުފެނެއެވެ. ގޯތިތަކާއި ދޭތެރެއިން ފެންނަ ފަޅުގޯތިތައް އަދި ހުސްބިންތަކުގައި ހައްދާފައިވަ ކުދި، ބޮޑު ގަސްތަކުގެ ސަބަބުން ރަށްފެންނަނީ ވަރަށް ފެހިކޮށެވެ. އަދި މަގުތަކަށް ހިޔާވުމުގެ އިތުރުން، ޖެހޭ ނަލަނަލަ ވައިރޯޅީގެ ސަބަބުން ފިނިކަމެއް އިޙްސާސްވެއެވެ.

ވަކި ހިސާބަކަށް ދެވުނުތަނާ ފިހާރައެއް ފެނުމުން ރުހާގެ އެދުމަށް އެފިހާރައަށް ދެމީހުންވަނީ ފެންފުޅިއެއް ގަތުމަށެވެ. ނަމަވެސް ފިހާރައިން ނުކުތްއިރު ރުހާގެ އެއް އަތުގައި ކުޑަ ފެންފުޅިއެއް އޮތްއިރު، އަނެއް އަތުގައި އައިސްކޯނެއްވެސް އޮތެވެ. ފޯނާއި ކުޅެމުން ރުހާއަށްވުރެ ދެފިޔަވަޅެއްވަރު ކުރީގައި ހުރެގެން ދިޔަ މިކްޔާންގެ މޫނުމަތިން އަދިވެސް ހިތްހަމަނުޖެހުމުގެ އަސަރުތައް ފެންނާން ހުއްޓެވެ. ނަމަވެސް، ފަހަތުގައި ހުރި ރުހާއަށް އެއީ މާބޮޑުކަމެއްހެނެއް ހިޔެއް ނުވެއެވެ. އަތުގައި އޮތް އައިސްކޯން ބޮމުން ދިޔައިރު، ހީވަނީ ކުޑަކުއްޖެއްހެންނެވެ. ތުންފަތުގައި ލުއި ހިނިތުންވުމެއްވާއިރު، ޚިޔާލެއް ފިކުރެއް ނެތްފަދައެވެ.

އައިސްކޯން ބޮމުންދިޔަ ރުހާގެ ފިޔަވަޅުތަކަށް ހުއްޓުން އައީ ބުޅާ ގޮވާލިއަޑު އިވިގެންނެވެ. ވަށައިގެން ހޯދާ ބަލާލިއިރު، ރުހާމެން ތިބި ފަރާތް ނޫން މަގުގެ އަނެއްފަރާތުގައި، ރުހާމެންނާ ދިމާއަށްވާގޮތަށް، ކުޑަ ދޮލަނގެއްގައި އަވީއްލާފައި ހުރި ވަޅޯމަސްތަކެއްގެ ކައިރީގައި، އިން ކަޅާއިހުދުކުލައިގެ ބުޅާ، ރުހާގެ ލޮލުގައި އަޅައިގަތެވެ. ރުހާއަށް ބަލާލެވުނު ވަގުތު ބުޅާވެސް އިނީ ރުހާއަށް ބަލަހައްޓައިގެންނެވެ. އެ ބުޅަލުގެ އަޅި ދެލޯ އަމާޒުވެފައިތަން ފެނިފައި، ރުހާގެ ގައިން ހީބިހި ހިލުވާލިއެވެ. ތޫލިއަޑަކުން ހަޅޭލަވައިގަންނަމުން، އަޅާއިތިކޮށް އޭނާއަށް ދުއްވައިގަނެވުނުގޮތްވެސް ނޭނގެއެވެ.

ރުހާގެ ތޫލިއަޑު ކަންފަތުގައި ޖެހުމުން، ފަހަތަށް އެނބުރިއެނބުރި ހުރި މިކްޔާންގެ ބެލެންސް ކަޓައިގެން ދިޔައީ، އެޔެއް މިޔެއް ނުބަލައި ދުއްވައިގަތް ރުހާގެ ދެއަތުން އަތްއަޅާ ކޮށްޕާލެވުމުންނެވެ. ކޮށްޕާލިވަގުތު ރުހާގެ އަތުގައި އޮތް އައިސްކޯނުވެސް ދޫވެގެން ގޮސް ޖެހުނީ މިކްޔާން ލައިގެން ހުރި ރަތްކުލައިގެ ޓީޝާޓުގައެވެ. އަނެއް އަތުގައި އޮތް ފެންފުޅިވެސް ބިންމައްޗަށް ވެއްޓުނެވެ. ވެއްޓެންދިޔަވަގުތު، އެތާނގައިއޮތް ގައުގަނޑެއްގައި އަޅައިގެންފައި ފައިފުރޮޅާލުމުން، މިކްޔާންގެ ފައިތިލައިގެ ބޮޑުބައެއް މަށައިގެންވެސް ދިޔައެވެ. ވެއްޓި، ޖެހުނުގޮތަކުން، މިކްޔާންގެ އަތްތިލައަށްވެސް ތަދުވިއެވެ. އަނެއް އަތުން އެ އަތުގައި ހިފަހައްޓާލަމުން، ރުހާ ކޮބާތޯ ބަލާލިއެވެ. ފަސްއެނބުރި ބަލާލުމެއް ނެތި ދުވަމުން ދިޔަ ރުހާ ދުވެފައި ދިޔަ ގޮތް ފެނިފައި، ކިތަންމެ ރުޅިއައިސް، ހިތްހަމަނުޖެހިފައި އިންނަމެވެސް، މިކްޔާންގެ ގާތަށް ހިނިއައެވެ. ދެއަތް ހަލުވާލާފައި އޭނާ ދުވަމުން ދިޔައީ، ފުންމަމުން ކަހަލަ ގޮތަކަށެވެ. ދެފައި ރަނގަޅަށް ބިމުގައި ނުޖެހެއެވެ.

ދުވަމުންދިޔަ ރުހާ މަޑުވީ ދެތިންހަތަރުގެ ފަހަނައަޅާ ދިޔަފަހުންނެވެ. ފަސްއެނބުރި ބަލާލިއިރު އޭނާ ހުރީ މައިނޭވާ ލެވިލެވިއެވެ. އެންމެ ފުރަތަމަވެސް، ބަލާލެވުނީ އެ ބުޅާ ކޮބައިތޯއެވެ. އޭރު ނަގޫ ހަލުވަމުން ހަމަޖެހިލާފައި އެ ބުޅާ އަނެއްކޮޅަށް ދާތީ ފެނެއެވެ. އެއް އަތުގައި އަނެއް އަތުން ހިފަހައްޓާލައިގެން، މަޑުމަޑުން ހިނގާފައި އައި މިކްޔާން، އޭނާގެ ލޮލުގައި އަޅައިގަތީ ދެނެވެ. މިކްޔާންގެ ޓީޝާޓުގައި ހޭކިފައިވާ އައިސްކްރީމް ފެނުމުން ރުހާއަށް އޭނާގެ ޝަހާދައިނގިލީގައި ދައިގަނެވުނީ މިކްޔާން ރުޅިއަންނާނެވަރު ހިތަށް އަރުވާލަމުންނެވެ.

“ކިހިނެއްވެގެން މާވަރަކަށް ތި ދުވަނީ….؟؟؟” ރުހާއާއި ހަމައަށް އާދެވުމުން ހިތްހަމަނުޖެހިފައިހުރެ މިކްޔާން ބުނެލިއެވެ. އޭރުވެސް އޭނާހުރީ ތަދުވާ އަތުގައި ހިފަހައްޓާލައިގެންނެވެ.

“ސޮރީ…. ސޮރީ…. އެތާއިން ބުޅަލެއް ފެނުނީމަ…..” މަޢާފަށް އެދެމުން ރުހާ އުޅުނީ މިކްޔާންގެ ޓީޝާޓުގައި އައިސްކްރީމް ހޭކިފައިހުރިތަން ފުހެލައިދޭށެވެ. ނަމަވެސް މިކްޔާން ފަހަތަށް ޖެހިލުމުން ރުހާއަށް އެކަމެއް ނުވިއެވެ. އަނެއްކާވެސް މަޢާފަށް އެދެމުން އިސްޖަހާލިވަގުތު ރުހާގެ ލޮލުގައި އަޅައިގަތީ މިކްޔާންގެ ފައިތިލަ މަށައިގެން ގޮސްފައިވާތަނެވެ. އެތަނުގައި ބޭސްއަޅަން، އެރަށު ޞިއްޙިމަރުކަޒަށް ދާން އެދުމުން މިކްޔާން އެކަމަށްވެސް އިންކާރު ކުރިއެވެ. އޭނާ މިސްރާބުޖެހީ، އަނބުރާ ގެސްޓްހައުސްއަށް ދިއުމަށެވެ. މަޑުމަޑުން ހުރެގެން މިކްޔާންގެ ފަހަތުން ރުހާވެސް ދިޔައެވެ. އޭނާހުރީ އޭނާގެ ސަބަބުން މިކްޔާނަށް އަނިޔާވީތީ، އެކަމާ ވަރަށް ދެރަވެފައެވެ.

**********

ގެސްޓްހައުސްއަށް ވަން ވަގުތު މިކްޔާންގެ ފޯންރިންގުވާން ފެށުމުން، ސްކްރީނަށް ބަލާލިއެވެ. ކުންފުނީގެ މުވައްޒަފެއްގެ ކޯލަކަށްވުމުން، ރުހާގެ އަތަށް ކޮޓަރީގެ ތަޅުދަނޑި ދީފައި، އެތެރެއަށްދާށޭ ބުނީ، އެއީ މުހިއްމު ކޯލަކަށްވުމުން، އެ ކޯލަށް ޖަވާބުދާރީވުމަށެވެ.

ތަޅުދަނޑިއާއި ކުޅެމުން ހިނގަމުން ދިޔަ ރުހާގެ ފިޔަވަޅުތައް މަޑުޖައްސާލެވުނީ، ހުސް ޓްރޭ އެއް ހިފައިގެން އެތާގެ ކޮޓަރިއަކުން ނުކުތް އަންހެންކުއްޖާ އޭނާއަށް ބަލަން ހުރުމުންނެވެ. މާގިނައިރަކު ވިސްނަން ނުޖެހި، އެއީ އިއްޔެވެސް ރުހާމެންގެ ކޮޓަރިން ދިމާވި ކުއްޖާކަށް ރުހާއަށް ނަގައިގަނެވުނެވެ. އެކުއްޖާ މާވަރަކަށް ބަލާތީ ރުހާއަށް އުނދަގޫވިއެވެ. އެހެންކަމުން އިތުރަށް އެތާ މަޑުނުކޮށް ރުހާ، ކުރިއަށް ހިނގައިގަތެވެ.

“ތީ މިކްޔާންގެ އަނބިމީހާތަ…..؟؟؟؟” އެކުއްޖާ ފަސްދީ ދިޔަވަގުތު، އަނެއްކާވެސް ރުހާއަށް ހުއްޓުން އެރީ އެކުއްޖާ ވާހަކަދެއްކުމުންނެވެ. ފަސްއެނބުރި ބަލާލިއިރު، އެކުއްޖާވެސް ހުރީ ރުހާއާއި ކުރިމަތިވާގޮތަށް އެނބުރިއެވެ. ސީދާ ރުހާގެ ދެލޮލަށް ބަލާލަމުން، އެކުއްޖާ، އަނެއްކާވެސް ހަމަ އެ ސުވާލު ތަކުރާރުކޮށްލިއެވެ. އެކުއްޖާގެ މޫނުމަތީގައިވާ އަސަރުތައް ދެނެގަންނަން މަސައްކަތްކުރަމުން، ރުހާ މަޑުމަޑުން ބޯޖަހާލިއެވެ. އެއްކަމެއް ފާހަގަ ނުވިޔަސް، ރުހާގެ ޖަވާބު އިވިފައި، ރުހާއާއި ގަޔާނުވެފައި ހުރިކަން އެކުއްޖާގެ މޫނުމައްޗަށް އަރާފައިބަމުންދިޔަ ކުލަވަރުތަކުން ރުހާއަށް ދެނެގަނެވުނެވެ.

“ކޮން ނަމެއް ކިޔަނީ…؟؟؟” މިފަހަރު އެކުއްޖާގެ އަޑުގައިވެސް ރުންކުރު ގޮތެއް އެކުލެވިފައިވިއެވެ. ކުރިންވެސް އެކުއްޖާއާއި މިކްޔާނާ ދެމެދު ގުޅުމެއްވާކަމަށް ޝައްކު ކުރެވުނު ރުހާއަށް ކޮންމެވެސް ގޯހެއް އުޅޭކަން ދެނެގަނެވުނެވެ.

“ރުހާ…..” ނަން ބުނަން އަނގަހުޅުވާލި ރުހާއަށް ބަލާލެވުނީ މިކްޔާން އޭނާގެ ނަމުން ގޮވާލުމުންނެވެ. އެކުއްޖާވެސް ފަސްއެނބުރި ބަލާލީ ފަހަތުން މިކްޔާންގެ އަޑު އިވުމުންނެވެ. ދެކުދިން ބަލަހައްޓައިގެން ތިއްބާ މިކްޔާން އައިސް އެކުދިންގެ ގާތުގައި މަޑުކޮށްލިއެވެ.

“ރުހާ ދޭ ކޮޓަރިއަށް….. އަހަރެން އެބަ އަންނަން…..” ރުހާއާއި މުޚާތަބުކޮށް ވާހަކަދެއްކިނަމަވެސް، މިކްޔާންގެ ނަޒަރު ސީދާވެފައިވީ އެ އަންހެންކުއްޖާއަށެވެ. އެކުއްޖާވެސް ހުރީ މިކްޔާނަށް ބަލަހައްޓައިގެންނެވެ. ދެފަހަރު ދެމީހުންނަށް ބަލާލަމުން، އެތަނުން ދާން ހިނގައިގަތް ރުހާގެ ހިތަށް ނޭނގޭ ގޮތްތަކެއް ވާން ފެށިއެވެ. މަޑުމަޑުން ހިނގާލާފައިގޮސް، ކޮޓަރިއާއި އަރާ ހަމަވުމުން، އަނެއްކާވެސް މިކްޔާންމެނަށް ބަލާލިއެވެ. އެވަގުތު އޭނާގެ ހިތް ބާރުބާރަށް ތެޅެންފެށިހެން ހީވިއެވެ. އެހެން ނޫނީ ނުވާ ތަފާތު ގޮތްތަކެއް އެ ހިތަށް ވަމުންދިޔައެވެ. އެ އަންހެންކުއްޖާގެ ގާތުގައި މިކްޔާން މަޑުކޮށްފައި، އޭނާ ފޮނުވާލުމުން، ހިތް ނުތަނަވަސްވެ، ހިތުގައި ޝަކުވާ އުފެދުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ވެމްޕަޔާ ޓްރޭލާ

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ހަވަނަ ބައި)

Next
September 6, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ހަވަނަ ބައި)

Previews
September 5, 2021

ވެމްޕަޔާ ޓްރޭލާ

5 Comments!

  1. Eemyaa says:
    September 6, 2021 at 1:16 am

    Mi partves kiyuntherinnah kamudhaane kamah ummeedhukuran….
    Enjoy 🙂

    1. Mohamed Maixan says:
      September 6, 2021 at 12:55 pm

      Masha Allah vv reethi stry eh ?
      Dhn koniraku next part ?✨

  2. Eemyaa says:
    September 6, 2021 at 6:20 pm

    Thanks ?
    Next part v soon.. In Sha Allah

  3. Hassan Naail says:
    September 6, 2021 at 11:51 pm

    Masha Allah ❤️ v reethi. Inthizaaru kuran avahah dhn inna bai genesdheyne kamah. ?❤️?

    1. Eemyaa says:
      September 7, 2021 at 4:38 pm

      Thanks bro ?
      In Sha Allah… Nimunhaa avahah genesdheynan… ❤❤

Comments are closed.

Next Episodeޔާރު ނުބުނޭ ތިހެން … (7)←


All Right Reserved!