ނައިޝާ އެހެންބުނުމުން ސައިފް ކައިރިއަށް ރުޅި އައެވެ.”މާ ގިނަ އަނގަ ނުތަޅާ” ނައިޝާ އެނދަށް ކޮއްޕާލަމުން ސައިފް ބުނެލިއެވެ.

އެނދުން ތެދުވަން ނައިޝާ މަސައްކަތް ކޮށްލިއެވެ.ނަމަވެސް އެކަމެއް ނައިޝާއަށް ކާމިޔާބު ވާގޮތެއް ނުވިއެވެ…..

ނައިޝާ ސައިފަށް ރޮއެ އާދޭސް ކުރިއެވެ.ނަމަވެސް ސައިފް ނައިޝާއަށް ދިނީ ބީރު ކަންފަތެކެވެ. “ދެން ހަދަންވާ ގޮތެއް އިނގޭނީ ނައިޝާއަށް…ބޭނުންނުވަންޏާ މަރާލާ ނޫނީ ހިޔާއަށްދީ” ކޮޓަރިން ނިކުންނަމުން ސައިފް ނައިޝާ އަށް ބުނެލި އެވެ.

ވަގުތުކޮޅަކަށް ނައިޝާއަށް ހުއްޓުން އަރާފައި އޮވެވުނެވެ.އެގޮތުގައި ހަތަރު މިނެޓު ފާއިތުވެގެން ދިޔަ ފަހުން އެނދުން ތެދުވެ ނައިޝާ ފާހަނައަށް ވަނެވެ.ފާހަނައަށް ވަނުމާއެކު ނައިޝާ ރޯންފެށިއެވެ.އޭނާ ސައިފްގެ ދަރިއެއް ބޭނުމެއް ނޫނެވެ.

ފެންވަރައިގެން ނުކުތްއިރުވެސް ނައިޝާއަށް ރުއިން ހުއްޓައެއް ނުލެވުނެވެ.އެންމެ ހިނދުކޮޅަކަށް ވެސް އެގެއަކު ހުންނާކަށް ދެނެއް ނައިޝާ ބޭނުމެއް ނުވިއެވެ.ނިދަންލީ އެއްޗެހި ކޮތަޅަށްލައި ނައިޝާގެ އަންނައުނު ފޮއްޓަށް އެކޮތަޅު ލުމަށްފަހު ބޭރަށްދާ އިރު ނައިޝާ ލާ ކަކުލާ ހަމައަށް އަރާ ހެދުން ލުމަށްފަހު ތިންކަން ބުރުގާ އަޅާ ކުރިމައްޗަށް ގޮށެއް ޖަހާލިއެވެ.

މި ބީރައްޓެހި ރަށުގައި ސައިފްމެން ފިޔަވައި ނައިޝާ ހަމައެކަނި ވާހަކަ ދެއްކި މީހަކީ ހަނީފާއްތަ އެވެ.އެހެންކަމުން ނައިޝާ ނިންމީ ހަނީފާއްތަ ގެއަށް ދިއުމަށެވެ.

މަޑުމަޑުން ކޮޓަރިން ބޭރަށް ނައިޝާ ބޯދިއްކޮށްލީ މީހަކު ފެންނަން ހުރިތޯ ބަލާލުމަށެވެ.އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން އަތްދަބަސް ކޮނޑުގައި އަޅުވާ ލުމަށްފަހު، އަބަދުވެސް ޕެކުކޮށްފައިވާ ނައިޝާގެ އަންނައުނު ފޮށި ހިފައިގެން ސިއްރުން އެގެއިން ނިކުންނަން ހިނގައި ގަތެވެ.

ސައިފްގެ ގެއިން ނިކުތް ނައިޝާގެ ހިތް ތެޅިތެޅި އޮތެވެ.ގޭމީހަކަށް ނައިޝާ ފެނިދާނެތީ އެވެ.ސައިފްގެ ގެއާ ތަންކޮޅެއް ދުރަށް ހިނގައިގަތުމަށްފަހު ނައިޝާ ފަސް އެނބުރި ސައިފްގެ ކޮޓަރިއާ ދިމާއަށް ބަލައިލި އެވެ.ކޮޓަރީގަައި ދިއްލާފައިވާ ނިދާ ބޮކީގެ އަލި ކުޑަދޮރަށް އެޅިފައި ވުމުން ސައިފް ނިދީ ކަމުގައި ނައިޝާ ނިންމިއެވެ.

ހަނީފާއްތަގެ ގެއަށް ނައިޝާ މިސްރާބު ޖެހީ ހަނީފާއްތަ އޭނާ އެގެއަށް ވައްދާނެ ކަމުގެ އެއްވެސް އުންމީދެއް ނެތިއެވެ.އެހެންނަމަވެސް މިރޭ ނައިޝާ ހުރީ ހަނީފާއްތަ ފައިބުޑަށް ވެއްޓި އާދޭސްކުރަންވެސް ތައްޔާރަށެވެ.

ހަނީފާއްތަގެ ގޭ ދޮރުމައްޗަށް ހުއްޓި ލުމަށްފަހު އަތުގައިވާ ފޯނުގެ ސްކްރީންއިން ނައިޝާ ގަޑި ބަލައިލި އެވެ.އޭރު މެންދަމު 1.30 ވިއެވެ.މިގަޑީގައި ހަނީފާއްތަ އާއި ދިމާވާނެ ކަމުގައި ނައިޝާ ހިތާ ހިތާ ދުއާ ކޮށްލިއެވެ.

ގޯތިތެރެއަށް ވަދެގެން ގޮސް ދޮރުގައި ނައިޝާ ޓަކި ޖަހާލި އެވެ.ދެތިންފަހަރަށް ޓަކި ޖެހުމުންވެސް ދޮރު ނުހުޅުވުމުން ނައިޝާ ހާސްވާން ފެށިއެވެ.ކުރިއަށް ވުރެ ބާރަށް ނައިޝާ އެގޭ ދޮރުގައި ޓަކި ޖަހަން ފެށިއެވެ.

ފަސް ފަހަރު ޓަކި ޖެހުމުން ލޯ އުނގުޅަމުން ހަނީފާއްތަ ދޮރު ހުޅުވާލިއެވެ. “އަހަންނަށް އެހީވެދީ” ދޮރު ހުޅުވުމާއެކު ނައިޝާ އެހެން ބުނެލިއިރު އޭނާގެ ލޮލުން ކަރުނަ ފައިބަމުންދިޔައެވެ.

ނިދި މޫނުގައި ހުރި ހަނީފާާއްތަ ލޯބޮޑުކޮށް ހައިރާންވެ ހުރެެ ނައިޝާގެ ތިރިން ފެށިގެން މައްޗަށް ބަލައިލި އެވެ. “މަންޖޭ މިގަޑީގައި ފޮށި ހިފައިގެން ކިހިނެއްވީ؟” ހައިރާންވެ ހުރެ ހަނީފާއްތަ ނައިޝާއަށް އަހާލިއެވެ.

“އަހަންނަށް އެހީވެދީ….ހަނީފާއްތަ ފިޔަވައި ދަންނަ އިތުރު މީހަކު ނެތީމަ މިގެއަށް އަންނަ ޖެހުނީ… ދައްތަގެ ނަންބަރު ނޭނގޭތީ ނުގުޅުނީ” ރޮމުން ނައިޝާ ބުނެލިއެވެ.

“ވަދޭ ވަދޭ އެތެރެއަށް…ތި ވެގެން އުޅޭގޮތް ކިޔައިދޭން” ނައިޝާ ވަންނަން ތަން ދައްކަމުން ހަނީފާއްތަ ބުނެލިއެވެ.

ސިޓިންރޫމްގެ ބޮކި ޖައްސާލުމަށްފަހު ތަނަވަސް ބޮޑު ސޯފާގައި އިށީނުމަށް ހަނީފާއްތަ ނައިޝާގެ ކިބައިން އެދުނެވެ.ނައިޝާ ސޯފާގައި އިށީނުމުން ހަނީފާއްތަ ވެސް ނައިޝާ ކައިރީގައި އިށީނެވެ.

“ކިހިނެއްވީ މަންޖޭ؟” ހަނީފާއްތަ އޯގާތެރި ކަމާއެކު އަހާލިއެވެ. އެވަގުތު ނައިޝާއަށް އިތުރަށް ރޮވެން ފެށިއެވެ. “މަޑުކޮށްލާ އަންނާނަން ފެން ތައްޓެއް ހިފައިގެން” ސޯފާއިން ތެދުވަމުން ހަނީފާއްތަ ބުނެލިއެވެ.

ހަނީފާއްތަ ފެންތަށި ގެނެސްދިނުމުން އޭގެން ކޯވަރެއް ބޯލުމަށްފަހު ހަމައަކަށް އެޅިލަން ނައިޝާ މަސައްކަތް ކޮށްލުމަށްފަހު އޭނާއަށް ދިމާވި ހުރިހާ ކަމެއް ހަނީފާއްތައާ ހިއްސާކުރިއެވެ. “ސުބުހާނަﷲ…ހާދަހާ ގޯސް ބަޔެކޭ ދޯ” ޝަހާދަތް އިނގިލި ނޭފަތުގައި ޖައްސާލައި ދެފަރާތަށް ބޯތަޅުވާލުމަށްފަހު، ހަނީފާއްތަ ބުނެލިއެވެ.

ނައިޝާގެ ވާހަކަތައް އަޑުއެހި ހަނީފާއްތަ ވެސް އިނީ ފެންކަޅިވެފަ އެވެ. “ކޮއްކޮ އެންމެ ފުރަތަމަ ދައްތަގެ ފިހާރައަށް އަައި ދުވަހު ދައްތަ އެހީމެއްނު އެގޭ މީހުން ރަނގަޅުހޭ…އެގޭ މީހުންނަކީ މީހުންނަށް ވަރަށް މަލާމާތް ކުރާބައެއް…ފަލަ މީހަކު ވެއްޖިޔާ ވަކިން ފޯރި ހުންނާނެ… ސައިފްގެ މަންމަ ނިކަން އަރާހުންނާނެ..އެގެއިން ރަނގަޅުވާނީ ހަމައެކަނި ސައިފްގެ ބައްޕަ… ސައިފްވެސް ހަގަށް ހުންނަ ސަނާވެސް އެއީ ހަމަ އެމީހުންގެ މަންމައާ އެއްކަހަލަ ބައެއް…އެކަމަކުވެސް އެހާ ރަހުމުކުޑަވެ ނުބައިވެދާނެ ކަމަކަށް ދައްތަ ހިއެއް ނުކުރަން… ތިބުނީ ވިއްޔަ ބަދެފަ ގުދަންތެރެއަށް ވެސް ލި ވާހަކަ” ހަނީފާއްތަ ބުނެލިއެވެ.

“ތިކަހަލަ ކަންކަން ސިއްރު ކުރާ އެއްޗެއްނޫން…ކުރިން ދައްތަ ކައިރި ތިވާހަކަ ބުނި ނަމަ” ހަނީފާއްތަ އިތުރަށް ބުނެލިއެވެ. “އަހަރެން ބޭނުމެއްނޫން އަސްލުގަ ފިރިމީހާގެ ވާހަކަ މީހުން ކައިރީ ދައްކާކަށް..އެކަމަކު އަހަރެންވެސް މީ އިންސާނެއް… ކެތްކުރެވޭނީ ވަކި ވަރަކަށް…މިރޭ ސައިފް ހެދިގޮތުން ދެން އަހަރެން އެގެއަށް އެނބުރި ދާކަށް ބޭނުމެއްނޫން…އަހަރެން ބޭނުމެއްނޫން އެނުލަފާ މީހާގެ ދަރިއެއް” ނައިޝާ ރޮމުން ބުންޏެވެ.

“ހުއްޓާލާ މަންޖޭ… ﷲ އިރާދަފުޅުން ދެރަގޮތެއް ކަނބުލޮއަށް މިންވަރު ނުކުރައްވާނެ..މަންޖެ ބޭނުންވަންޏާ ދައްތަގެ ގޭގަ ހުއްޓަސް އެއްވެސް މައްސަލައެއް ނެތް” ނައިޝާގެ ބޮލުގައި ފިރުމާލަމުން ހަނީފާއްތަ އޯގާތެރި ކަމާއެކު ބުނެލިއެވެ.

“ނައިޝާ ބޭނުންވަނީ ވީހާވެސް އަވަހަކަށް މާލެ ދެވޭނެ ގޮތެއް… އެންމެން އަވަހަށް ވެސް މަތިން ދެވެން އޮތީ ދެދުވަސް ފަހުން…ނައިޝާގެ ރައްޓެއްސެއް ނެތް ބޯޓުވިޔަސް ލޯންޗު ވިޔަސް ފުރާއިރެއް ބަލާނެ… ސައިފް ކައިރީގަ ބުނުމުން، ބުނީ އަމިއްލައަށް ފުރާނެ ގޮތް ހޯދާށޭ” ނައިޝާ ދެރަވެލާފައި ބުންޏެވެ.

 

 

3

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!