Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޔާރު ނުބުނޭ ތިހެން … (5)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
September 3, 2021 6 Mins Read
0 Comments

ދުވަހަކީ އުޑުމަތީ ސާފު އަވިގަދަ ދުވަހެއްނަމެވެސް ކޮންމެވެސް ވަރަކަށް ވައިގަދައެވެ. ރުހާއާއި މިކްޔާން ދަތުރުކުރަމުންދިޔަ ލޯންޗް މިސްރާބުޖަހާފައިވަނީ، އެމީހުންގެ މަންޒިލާ ދިމާއަށެވެ. ކިތަންމެ ބޭނުން ނުވިކަމުގައިވިޔަސް, ރުހާ ގޮވައިގެން މިކްޔާން އެދަތުރަށްފެށީ ބައްޕަމެންގެ އެދުމަށެވެ. ބާރު ދުވެލީގައި ދުއްވަމުން ދިޔަ ލޯންޗު މާކަނޑަށް ނުކުތުމާއިއެކު ރާޅާ ޖަހަން ފެށިއެވެ. ލޯންޗު ނަގާ ޖަހަން ފެށުމުން އިޚްތިޔާރަކާނުލާ، ރުހާއަށް ހިފަހައްޓާލެވުނީ ގާތުގައި އިން މިކްޔާންގެ އަތުގައެވެ. ރުހާގެ ބީހުމުން ކިތަންމެ އުނދަގޫވީނަމަވެސް މިކްޔާން ކެތްކޮށްލައިގެން އިނީ އިންސާނިއްޔަތަށްޓަކައެވެ. ރުހާ ބިރުގެންފައިވާ މިންވަރު އޭނާއަށް އަންދާޒާކޮށްލެވުނީ މާބާރަށް އަތުގައި ހިފަހައްޓައިގެން އިނުމުންނެވެ.

ވަކި ހިސާބަކަށް ދެވުމުން ކުރިއަށްވުރެ ކަނޑުމަޑުވިއެވެ. ކަނޑުގެ އޮއެވަރަށް ބަލަން އިން ރުހާއަށް ހަމަޖެހިލެވުނީ ދެނެވެ. އެހުރިހާއިރު މިކްޔާންގެ އަތުގައި ހިފަހައްޓާލައިގެން އިނދެވުނުކަންވެސް އިޙްސާސްވީ ދެނެވެ. މިކްޔާންގެ އަތުން ދޫކޮށްލުމަށްފަހު، ވަރަށް ނޫންކަމަށް ހަދާފައި އޭނާއާއި ދިމާއަށް ބަލާލިއެވެ. ލޯންޗުގެ ސީޓުގައި ހަމަޖެހިލައިގެން މިކްޔާން އިނީ ލޯމަރާލައިގެންނެވެ. ވާއަތް ޖީންސްގެ ޖީބަށްޖަހާލާފައިވާއިރު، ކަނާއަތް އޮތީ ކަނާތުފައިމަތީގައި ބާއްވާލާފައެވެ. މާކަނޑަށް ނުކުތީއްސުރެ ދެންމެއަކާއި ޖެހެންދެން ރުހާ ހިފަހައްޓައިގެން އިނީ އެއަތުގައެވެ. ނުރުހުންވެފައި އެއްޗެއް ނުބުނެ އެހުރުހާއިރު ރުހާ ހިފަހައްޓަން މިކްޔާންގެ އަތްދީގެން އިނީތީ ރުހާ އުފާވިއެވެ. ރުހާއާއި ދޭތެރޭ ގަޔާނުވިކަމުގައިވިޔަސް، މިކްޔާނަކީ ގޯސް މީހެއް ނޫންކަމުގައި އެވަގުތު ރުހާއަށް ނިންމުނެވެ.

ދެލޯ ހުޅުވާލުމާއިއެކު ރުހާގެ ނަޒަރު އަމާޒުވެފައިވާކަމުގެ އިޙްސާސްވުމުން މިކްޔާނަށް ބަލާލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވީހިނދު ރުހާގެ ނަޒަރު އޮއެދައުރުވަމުންދާ މާސިންގާ ކަނޑަށް އަމާޒުކޮށްލިއެވެ. މިކްޔާން ބަލާލި ވަގުތު އޭނާއަށް މިކްޔާނަށް ބަލަން އިނދެވުމުން، އަމިއްލަ ނަފްސަށް ކުދިކިޔާލެވުނެވެ. މިކްޔާންގެ ހިތަށް އަރާނީ ކީކޭބާއޭ ހިތަށް އެރުމުން ރުހާގެ ހިތްނުތަނަވަސްވާގޮތްވިއެވެ.

**********

މިކްޔާންމެން ލޯންޗުން ފޭބިއިރު އެމީހުން ތިބުމަށް ހަމަޖެހިފައިވާ “ގްރީންލޭންޑް ގެސްޓްހައުސް”ގެ ފަރާތުން އެމީހުން ބަލައި އައިސް ތިއްބެވެ. ދަބަސްތައް ވޭނަށް އެރުވުމަށްފަހު، މިކްޔާނާއި ރުހާ އެރުމުން، ވޭނުގައި ދަތުރަށް ފެށީ ގެސްޓްހައުސްއަށް ދިއުމަށެވެ.

ގެސްޓުހައުސް ކުރިމަތީ ވޭން މަޑުކޮށްލުމުން އޭގެއިން ފޭބި ރުހާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ގެސްޓްހައުސްގެ ވަށާފާރުމަތިން ފެންނަން އޮތް އެކިކުލައިގެ ބޯގަންވިލާގަސްތަކެވެ. އޭގެ މާތަކުގެ ފިޔަތައް ބިންމައްޗަށްވެރިފައިވާއިރު، މަންޒަރު ފެންނަލެއް ނުހަނު ހިތްގައިމުވެފައި ރީއްޗެވެ. އެމަންޒަރުން ރުހާގެ ހިތަށް ފިނިކަމެއް ލިބިފައިވާއިރު، ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވިއެވެ.

“ރުހާ…” ސިހިފައި ރުހާއަށް ބަލާލެވުނީ މިކްޔާން ގޮވާލުމުންނެވެ. އޭރު މިކްޔާން ހުރީ ގެސްޓްހައުސްއަށް ވަންނަ ގޭޓާއި ހަމާގައެވެ. ދެއުކުޅުގައި އަތްވިއްދާލައިގެން ހުރިގޮތުން ހީވީ ރުހާ ނުގޮސްގެން ލަސްވެފައިހުރިހެންނެވެ. އެހެންކަމުން ދެފަޔަށް ލެވުންހާ ބާރެއްލާފައި ރުހާ ހިނގައިގަތެވެ. ރުހާ ހިނގައިގަތުމުން އޭނާ އަންނަންދެންވެސް މަޑުނުކޮށް މިކްޔާން ހިނގައިގަތެވެ. އެތެރެއަށް ވަދެގެން ދިޔައިރު، އެކި ދިމާއަށް ނަޒަރު ހިންގަމުން މިކްޔާންގެ ފަހަތުން ރުހާ ދިޔައެވެ.

“މިކްޔާން ނިމާލް ޢަލީގެ ނަމުގައި އިންނާނެ ރޫމްއެއް ބުކްކޮށްފަ….. ނިމާލް ޢަލީ ކިޔާ ފަރާތަކުން ގުޅާލާފަ އިންނާނީ…..” ރިސެޕްޝަން ކައިރީގައި މަޑުކޮށްލަމުން މިކްޔާން ވާހަކަދެއްކީ އެތާނގައި އިން ފިރިހެން ކުއްޖަކާއެވެ. މިކްޔާންގެ ގާތުގައި ހުރި ރުހާ ފަހަތަށް އެނބުރި އެކި ދިމަދިމާއަށް ބަލާލިއެވެ. ގޭޓުން ފެންޑާއާއި ހަމައަށް އެވާ ތަނުގައި އެއްކޮށްވަނީ ޤުދުރަތީ ރީތި ވިނަގަނޑެއް ހެދިފައެވެ. އެކިކުލައިގެ ރީތި މާމެލާމެލީގެ ގަސްތައް ރީތި ގޮތަކަށް ބެޑްތަކުގައި ހައްދާފައިވެއެވެ. އެގަސްތަކުގައި އަޅާފައިވާ ކުލަކުލައިގެ މާތަކުން މަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ. ގޭޓުގެ ވާތްފަރާތުގައި ވަށާ ޗެންޗޭނު ޖަހާފައިވާ މަސްފެންގަނޑެއް އޮތެވެ. ގާތްގަނޑަކަށް ޢުމުރުން ފަސްހަވަރަކަށް އަހަރުގެ ހުދުދޮންކަމެއް ލިބިފައިވާ ކުޑަ އަންހެންކުއްޖަކާއި ފިރިހެން ކުއްޖެއް ގަޔާވެފައި އޭގާއިވާ މަސްތަކަށް ބަލަން ތިއްބެވެ. މަސްފެންގަނޑުގެ ބިއްދޮށުން އިށީނުމަށް ބަހައްޓާފައިވާ ބެންޗު ގޮނޑިތަކުން ގޮނޑިއެއްގައި އަންހެނަކާއި ފިރިހެނަކު އެކުދިންނަށް ބަލަން ތިއްބެވެ. ހީވާގޮތުން އެއީ އެކުދިންގެ މައިންބަފައިންނެވެ.

“އިތުރު ރޫމެއް ލިބިދާނެތަ….؟؟؟” ކޮށިގަނޑުގައި އިން ކުއްޖާ ތަޅުދަނޑި ދިއްކޮށްލުމުން މިކްޔާން އަހާލިއެވެ. މިކްޔާންގެ އަޑަށް ރުހާގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ.

“ކީއްކުރާ އިތުރު ރޫމެއް…..؟؟؟؟ ކޮށިގަނޑުގައި އިން ކުއްޖާއަށް އަޑު ނީވޭނެހެން، މިކްޔާނާއި ކުޑަކޮށް ގާތްވެލަމުން ރުހާ އަހާލީ ހައިރާންވެފައި ހުރެއެވެ.

“މިތާ މި ތިބީ އަހަރެމެން ދެމީހުން އެކަނި…. ގޭމީހުންތެރޭ އެއް ކޮޓަރިއެއްގައި އުޅުނަސް މިތާ ދެކޮޓަރިއެއްގައި އުޅެވިދާނެއްނު… މަސައްކަތާ ދުރަށް، މިކަހަލަ މާޙައުލަކަށް އާދެވުނީމަ އަހަރެން ބޭނުން ސިކުނޑި ހަމަޖައްސާލަން…. ރުހާއާއި އެއްކޮޓަރިއެއްގައި އުޅެން އަހަރެންނަށް އެހާ….. އެހާ ފަސޭހައެއް ނޫން….” މިކްޔާންވެސް ވާހަކަ ދެއްކީ މަޑުންނެވެ. އެދެމީހުންގެ ދޭތެރޭ ދެކެވޭ ވާހަކަ އިތުރު މީހަކަށް އިއްވަން ބޭނުން ނުވާތީކަމަށްވެސް ވެދާނެއެވެ. މިކްޔާންގެ ވާހަކަތަކުން ރުހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.

“އެކަމަކު…. ބައްޕަމެންނަށް އެނގިއްޖެއްޔާ ކީކޭ ބުނާނީ…..؟؟؟ އެވަރަކުން އަހަރެމެން މި ދަތުރު އެ ފޮނުވީވެސް، ދެމީހުން އެކުގައި ގިނަ ވަގުތު ހޭދަކޮށް، އެކަކު އަނެކަކު ރަނގަޅަށް ދަސްކޮށް، ދެމީހުންގެ ދެމެދުގައި ގުޅުން ބަދަހިވޭތޯއެއްނު….. އެހެން ނޫނަސް…..” ރުހާގެ ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލީ އެވާހަކަ ބުނަން ނުކެރިގެންނެވެ. ޙަޤީގަތުގައި މިކްޔާން އެހެން ކޮޓަރިއަކަށް ދާން އުޅުމުން ރުހާ ކަންތައް ބޮޑުވީ އެދެމެދުގައިވާ ގުޅުން ބަދަހިނުވެދާނެތީކީ ނޫނެވެ. އުމުރުގައިވެސް މިއަދާ ޖެހެންދެން އެކަނި ކޮޓަރިއެއްގައި ނިދާފައި ނުވާތީއެވެ. ކައިވެންޏާއި ހަމައަށް އޭނާގެ ހިޔަނިހެން ރިދާ އުޅެނީ އޭނާއާއި އެއްކޮށްށެވެ. ދެމީހުން ވަކިން އުޅޭ ވަގުތެއް ވަރަށް މަދުވާނެއެވެ. ތަނަކަށް ދިޔަސް ދަނީ ދެމީހުން އެއްކޮށެވެ. ދެމީހުން ނިދަނީ އެއްކޮޓަރިއެއްގައެވެ. އެހެންކަމުން ކުއްލިއަކަށް އެކަނި ކޮޓަރިއެއްގައި ނިދަން ޖެހުމުން އޭނާ ކަންތައްބޮޑުވީއެވެ. އަދި އެވެސް މުޅިން އައު މާޙައުލެއްގައެވެ.

“އެހެންނޫނަސް ކިހިނެއްވީ….؟؟؟؟” ދެބުމަ ކައިރިކޮށްލަމުން މިކްޔާނަށް އަހާލެވުނެވެ. ހާސްވީނަމަވެސް، އެވާހަކަ މިކްޔާނަށް ޚިއްސާކުރަން ބޭނުން ނުވާތީ ރުހާ ދެފަރާތަށް ބޯހޫރާލިއެވެ.

“އެހެންނޫނަސް ބައްޕައަށް އެނގޭނީ އަހަރެމެން ބުނިއްޔާއެއްނު….” ކައުންޓަރާއި ދިމާއަށް އެނބުރެމުން މިކްޔާން ބުނެލިއެވެ.

“އަހަރެން ބުނާނަން…..” ރުހާގެ ދުލުން ނުކުތް ޖުމްލަ އިވިފައި ހިނދުކޮޅަކަށް ނަމަވެސް މިކްޔާންގެ ޙަރަކާތްތަކަށް ހުއްޓުން އެރިއެވެ. ފަސްއެނބުރި ރުހާއަށް ބަލާލިއިރު އެމޫނުމަތީގެ ކުލަވަރުވަނީ ބަދަލުވެފައެވެ. ހިތްހަމަ ނުޖެހިފައިހުރެ ރުހާއަށް ބަލާލިއިރު، މޫނުމަތީގައިވަނީ ޝަކުވާގެ އަސަރުތަކެވެ. އަތުގައި އޮތް މޮބައިލްފޯން ދައްކާލަމުން ރުހާގެ ޖުމްލަ ތަކުރާރު ކޮށްލިއެވެ. އޭނާއަށް އެހިތްވަރު ލިބުނީތީ ޚުދު ރުހާވެސް ހައިރާންވިއެވެ.

ރުހާއަށް ކަޅިއަޅާލަމުން މިކްޔާން އެތަނުން ހިނގައިގަތީ ބަހަކުން ބަހެއްވެސް ނުބުނެއެވެ. މިކްޔާން އެހާފަސޭހައިން ދެރަ ޤަބޫލުކުރީތީ ރުހާ ހައިރާންވިއެވެ. ނަމަވެސް އިތުރަށް ދެކޮޅުނުހެދީތީ އުފާވެސްވިއެވެ. ފުން ނޭވާއެއްލުމަށްފަހު، ރުހާ މިކްޔާންގެ ފަހަތުން ހިނގައިގަތެވެ.

**********

ގެސްޓްހައުސްގެ މުވައްޒަފަކު ދަބަސްތައް އެތެރެއަށް ވައްދަދީފައި ދިއުމުން މިކްޔާން ކޮޓަރިއަށް ވަނެވެ. ދެލޯމަރާލަމުން ދެތިން ފަހަރު ފުން ނޭވާތަކެއްލާފައި ރުހާވެސް ފަހަތުންވަނީ ދިމާވެދާނެ ކޮޅިގަނޑަކަށް ތައްޔާރުވަމުންކަހަލައެވެ. ކޮޓަރިއަށް ވަދެވުމާއިއެކު އަތުގައި އޮތް ފޯނާއި، ޖީންސްގެ ޖީބުން ނެގި ވޮލެޓް އެނދުމައްޗަށް އެއްލުމަށްފަހު މިކްޔާން ވަނީ ފާޚާނާއަށެވެ. މިމަންޒަރު ބަލަން ހުރި ރުހާ، ލަސްފިޔަވަޅުތަކެއް އަޅަމުންގޮސް ކޮޓަރީގެ އެއްބިތަށްވާގޮތަށް ހުރި ސޯފާއަށް ވެއްޓިގަތީ ދަތުރު ވަރުބަލިވެފައިވުމުންނެވެ.

ރުހާ ފޯނަށް ބަލަން އިނީ މިކްޔާން ފާޚާނާއިން ނުކުންނާނެއިރެއްގެ އިންތިޒާރުގައެވެ. ނަމަވެސް ވިހިމިނިޓް ހިނގާ ދިޔައިރުވެސް މިކްޔާން ފާޚާނާއަކުން ނުނިކުތެވެ. އޭނާ ވަނީއްސުރެ މާގަނޑުން ފެން އޮހޭ އަޑުވެސް ނުކެނޑި އިވެމުން ދިޔައެވެ. މިކްޔާން ފާޚާނާގައި މާ ލަސްވުމުން ރުހާ ހާސްވާގޮތްވިއެވެ. ނުކެރިފައިހުރެވެސް ހިތްވަރުކޮށްލާފައިގޮސް މިކްޔާނަށް ގޮވާލަމުން ފާޚާނާގެ ދޮރުގައި ޓަކި ޖަހާލިއެވެ.

ފާޚާނާއަށް ވަން ގޮތަށް ލައިގެން ހުރި ހުދު ގަމީހާއި ނޫޖީންސާއިއެކީ މިކްޔާން ފެންމާގަނޑުގެ ދަށަށްވަނީ އޭނާގެ އިޙްސާސްތައް މަތަކުރަން އުނދަގޫވުމުންނެވެ. ރުޅިއައުމުގެ އިތުރުން ބައްޕަމެންނާއިމެދު ހިތުގައި ޝަކުވާ އުފެދިފައިވުމުންނެވެ. އަމިއްލަ ދިރިއުޅުމުގެ ކަންކަން ނިންމުމުގައި އަމިއްލަ އިޚްތިޔާރެއް ނެތުމުންނެވެ. ބައްޕަމެންނަށް އޭނާ ކުރާ އިޙްތިރާމެއްގެ ސަބަބުން ބައްޕަމެންގެ އެދޭ ކަންތައްތަކަށް، އިންކާރުކުރުމެއްނެތި އާނބަސް ބުނި ކަމުގައިވިޔަސް، އޭނާގެ ދިރިއުޅުމުގެ އެފަދަ ބޮޑު ނިންމުމެއް ނިންމުމުގައި އޭނާގެ ބައިވެރިވުމާއި ޚިޔާލާއި ރުހުންވެސް މުހިއްމުވާނެކަމުގައި އޭނާ ދެކުނެވެ. ރުހާ މިއަދު ކަންތައް ކުރި ގޮތުން ރުހާއާއިމެދުވެސް އެހިތުގައި ޝަކުވާ އުފެދިފައިވެއެވެ. ކޮންމެ މީހަކުވެސް ކަންތައްކުރަނީ އެމީހަކަށް ފެންނަގޮތަށްށެވެ. އެކަކަށްވެސް އޭނާގެ ޚިޔާލާއި ނިންމުމަށް އިޙްތިރާމްކުރުމަކީ މުހިއްމު ކަމަކަށް ނުވިއެވެ. ހިތުގައި ފުނިޖެހެމުން ދިޔަ ޝަކުވާތަކުގެ ސަބަބުން ކިތަންމެ ހިތްވަރުކުރިނަމަވެސް، މިކްޔާންގެ ދެލޯފުރިބާރުވެގެންގޮސް، އޭނާގެ ދެލޮލުން ފައިބައިގަތް ކަރުނަތައް، އޮހެމުންދިޔަ ފެންތަކާއެކުވެގެން ދިޔައެވެ. އެގޮތުގައި އެތައްއިރެއްވަންދެން ހުއްޓާ ފާޚާނާގެ ދޮރުގައި ޓަކިޖަހަމުން ރުހާ ގޮވާލިއަޑު އިވުނެވެ. އިރުކޮޅަކު ދޮރާއި ދިމާއަށް ބަލަން ހުރެފައި ފެންމާގަނޑު ބަންދުކޮށްލުމަށްފަހު، އިސްކުރު ދޫކޮށް ވުޟޫކޮށްލިއެވެ. އަދި ތެތްބޭލުމަށްފަހު، އެއްފަރާތެއްގައި ހުރި ހަރެއްގައި ފަތްޖަހާފައިވާ ހުދު ތުވާލިތަކުން ތުވާއްޔެއް ނަގައި އުނުގައި އަނދެލައިގެން ނުކުންނަން ދިޔައެވެ.

ކުއްލިއަކަށް މިކްޔާން، އެތެރެއިން ދޮރުހުޅުވުމުން، ބޭރުން ތަޅުގައި ހިފަހައްޓާލައިގެން ހުރި ރުހާ ނުވެއްޓުނީ ކިރިޔާއެވެ. ނަމަވެސް އެކަމަށް ފަރުވާލެއްނުބަހައްޓާ މިކްޔާން އެތަނުން ނުކުމެގެން ދިޔައީއެވެ. މިކްޔާނަށް ބަލަން ހުރި ރުހާ ބޭނުންވީ، އިތުރު ކޮޓަރިއެއް ނެގުމާއިމެދު އޭނާ ދެކޮޅުހެދި ސަބަބު މިކްޔާނަށް އޮޅުންފިލުވައިދޭށެވެ. ނަމަވެސް މިކްޔާންގެ މޫނުމަތީގެ ކުލަވަރުތަކުން އޭނާ އެހުރީ އަދިވެސް ހިތްހަމަނުޖެހިފައިކަން އެނގުމުން، މިކްޔާނާއި ވާހަކަދެއްކުމަށް ރުހާ ފަސްޖެހުނެވެ. އިރުކޮޅަކު މިކްޔާންގެ ޙަރަކާތްތަކަށް ބަލަން ހުރެފައި، ރުހާ އޭނާގެ ދަބަހުން ފެންވެރުމަށް ބޭނުންވާނެ ބައެއް ސާމާނު ހިފައިގެން ފާހާނާއަށް ވަންނަންދިޔައިރު މިކްޔާން ހުރީ މެންދުރު ނަމާދުކުރާށެވެ.

**********

ލައިނީ ބަދިގެއަށްވަންއިރު ރިދާ އިނީ ފިޔާކޮށާށެވެ. ފިޔާކޮށާ ބޭނުން އަހާލަމުން ލައިނީވެސް ރިދާގެ ގާތުގައި އިށީނެވެ. ބަނޑުހައިވެގެން ނޫޑްލްސް ކައްކަން އުޅޭ ކަމުގައި ރިދާ ބުނި ވަގުތު މޭޒުމަތީގައި އޮތް ރިދާގެ ފޯނު ދިއްލުމުން ލައިނީއަށް ބަލާލެވުނެވެ.

“މިހާރު މިލާންއާއި ދެމީހުން މެސެޖުކުރާ ހިސާބަށްވެސް ދިޔައީތަ….؟؟؟ އަހަންނަށް ނޭނގި ކަންތައްގަނޑެއް ހިންގާލަނީ ދޯ….” ފޯނަށް އަރާފައި އިން މިލާންގެ ނަން ފެނިފައި ދެލޯ ހަނިކޮށްލަމުން ލައިނީ ރިދާއާއި ދިމާކޮށްލިއެވެ. ލައިނީގެ ވާހަކަތައް އަޑުއިވުމުން އޭނާއަށް ސަމާލުކަން ދިނުމެއްނެތި، ރިދާ އަވަސްވެގަތީ މެސެޖު ކިޔާށެވެ.

“ދޮންތިމެންނަށް އެރަށަށް ދެވިއްޖެ….. ހަނީމޫނަށް ދިޔައީމަ ދޮންތިއަށް ނުގުޅަން އަހަރެން މިހުންނަނީ….” ފޯނަށް އައިސްފައިވާ މެސެޖު ކިޔާލުމަށްފަހު ރިދާއަށް ބުނެވުނެވެ. ލައިނީގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވުމުން ރިދާއަށް އިސްއުފުލާ ބަލާލެވުނެވެ. އެވަގުތު ދެލޯހަނިކޮށްލައިގެން ސުވާލު އުފެދިފައި އިން ލައިނީ އަނގަޔަށް ހަދައިގެން އިންގޮތް ފެނިފައި ރިދާގެ ގާތަށް ހިނިއައެވެ. އެހެނަސް، ލައިނީ ރުޅިއައިސްދާނެތީ، ހިނިގަނޑު މަތަކޮށްކޮށްލަމުން އޭނާއާއި މިލާނާއި ދެމެދު ދެކެވުނު ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަދި މިލާން ވަޢުދުވީފަދައިން ބަރާބަރަށް ރުހާގެ ޚަބަރުތައް އޭނާއަށް ފޯރުކޮށްދޭކަމުގައިވެސް ރިދާ ބުނެލިއެވެ. އެހުރިހާ ވާހަކައެއް ކިޔައިދީ ނިމުންއިރުވެސް ރިދާގެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. ރިދާގެ ވާހަކަތައް ކަނުލާ އަޑުއަހަން އިން ލައިނީއަށް އެކަން ވަރަށް ރަނގަޅަށް ފާހަގަވިއެވެ.

“އަހަންނަށް ހީވަނީ ރުހާގެ ޚަބަރުތައް ހޯދުމުގައި އުޅެން ހަދައިގެން ތިދެމީހުން ދެން ތަތްވާނީހެން…..” ލައިނީ ރުހާއާއި ދިމާކޮށްލިއެވެ. އެހެންޏާ ރައްދު ދޭން ވިއްދާލާފައި ހުންނަ ރިދާ މިފަހަރު ރައްދެއް ނުދިން ނަމަވެސް ހިނިތުންވެލަމުން ދެފަރާތަށް ބޯހޫރާލިއެވެ.

ފިޔާކޮށާ ނިމުމުން ނޫޑްލްސް ކެއްކުމަށްޓަކައި ރިދާ ފިޔާގަނޑު ރަތްކުރަންފެށިއެވެ. އެވަގުތު އެތާ އިން ލައިނީ މޭ ނުބައިކޮށް އޯކަށް ދެމެން ފެށިއެވެ. މިމަންޒަރު ފެނުމުން، ރިދާ ލައިނީއަށް ފެންތަށްޓެއް ދިއްކޮށްލަމުން ބަނޑުބޮޑީތޯ އަހާލީ އެހެންޏާ ލައިނީއަށް އެހެން ނުވާތީއެވެ.

“ހެހެހެ…. ހަމަ ހުރެފަ ކޮންމެ އެއްޗެއްވެސް އަހާލަފާނަން ދޯ….” ފެން ކޯވަރެއް ބޯލުމަށްފަހު، ގަދަކަމުން ހީގަންނަމުން ލައިނީ ބުނެލިއެވެ. އޭނާވެސް އެހުންނަނީ ފަހަކަށް އައިސް އެފަދަ ޢަލާމާތްތަކެއް ފެންނަމުންދާތީ ޝައްކެއްގެ މަތީގައެވެ. ނަމެވެސް ޔަޤީން ނުވާތީ، ރިދާއަށް ވަކިޖަވާބެއް ދޭން ބޭނުން ނުވީއެވެ. ލައިނީއާއި ދިމާއަށް، ސުވާލުއުފެދިފައި ބަލަން ހުރި ރިދާ، އިތުރު ސުވާލެއްކޮށްފާނެތީ ލައިނީ އަވަސް ފިޔަވަޅުތަކެއް އަޅަމުން ބަދިގެއިން ނުކުމެގެން ދިޔައެވެ. ހިތުގައި ޝައްކުއުފެދިފައިވާ ޙާލު ލައިނީ ދިޔަ ދިމާއަށް ބަލަން ހުރި ރިދާއަށް ނޭފަތް އެތެރެއަށް ދަމާލެވުނީ އުނދުންމައްޗަށް ވަޅޯކުރަން އުދި ފިޔާގަނޑު އަނދާވަސް ދުވަން ފެށުމުންނެވެ. އަވަހަށް ދުވެފައި ދިޔައީ ތެލީގެ ދުވަސް ނުދަނީސް އުނދުން ނިވާލަންވެގެންނެވެ.

**********

ރުހާ ފާހާނާއިން ނުކުތްއިރު އެނދުމަތީއޮތް މިކްޔާން އޮތީ ނިދިފައެވެ. މެންދުރުނަމާދުކޮށް އަވަދިގެން، ރުހާގޮސް ކޮޓަރީގައި ހުރި ފުސްބިއްލޫރި ދޮރުފަތް ހުޅުވާލިއެވެ. އެވަގުތު ކުރިމަތިން ފެންނަން އޮތް ހިތްގައިމު ރީތި މަންޒަރު ފެނިފައި ރުހާ ހުރީ އާޝޯހުވެފައެވެ. ދޮރުން ނުކުމެވޭއިރު، ހަވަރަކަށް ފޫޓަށް ތަޅުން އަޅާފައިވާއިރު، ދެން ހާމައަށް އޮތީ ރީތި ހުދު ފަސްގަނޑެކެވެ. ތަޅުން އަލާފައިވާ ސަރަޙައްދު ހާމައަށް ހިޔާކޮށްފައިވާއިރު އެތާނގައި ވަށް މޭޒަކާއި، ދެ ގޮނޑި ބަހައްޓާފައިވެއެވެ. އަދި އެއްފަރާތަކަށްވާގޮތަށް ސޯފާއެއްގޮތަށް ހަދާފައި އޭގެ މަތީ ނޫކުލައިގެ ކުޝަންތަކެއް އަތުރާލެވިފައިވެއެވެ. ފަސްގަނޑުމަތީ ދެ ސަންބެޑް ބެހެއްޓިފައިވާއިރު، ދެތިން ރުއްވެސް އެތާހުއްޓެވެ. ސާފު މޫދުގައި ޕޫލެއްވެސް ހަދާފައިވެއެވެ. ކޮޓަރިއާއި ބޭރަށް އިންނަ ސަރަޙައްދުގެ އިތުރުން މޫދުގައި ހަދާފައިވާ ޕޫލްގައި އޮންނައިރު އެހެން ބަޔަކަށް ނުފެންނާނެހެން ކޮޓަރީގެ ދެފަރާތުންވަނީ ފެންސުޖަހާ، ރައްކާތެރިކަމާއިއެކު ފޮރުވާލެވިފައެވެ.

ބޭރަށް ނުކުންނަން އުޅުނު ރުހާއަށް ބަނޑުގައި އަތްއަޅާލެވުނީ ބަނޑުހައިވެގެން ގޮސް ބަނޑުން އަޑުކިޔުމުންނެވެ. ރަށުން ހެނދުނު ސައިބޮއުންގޮތަށް އޭނާ ހުރީ އެއްވެސް އެއްޗެއް ނުކައެވެ. ގެސްޓުހައުސްގެ ފަރާތުން މަރުޙަބާ ކިޔުމުގެ ގޮތުން ކުރުނބާ ދިންނަމަވެސް، އެއީ އޭނާއަށް ކަމުދާ އެއްޗަކަށް ނުވާތީ، ރުހާ އެވެސް ނުބޮއެއެވެ. ރުހާއަށް ބަލާލެވުނީ އެނދުގައި ނިދާފައި އޮތް މިކްޔާނަށެވެ. ކިތަންމެ ބަނޑުހައިވީނަމަވެސް މިކްޔާނަށް ގޮވާކަށް އޭނާއަކަށް ނުކެރޭނެއެވެ. އަދި އެކަނިވެސް ބޭރަށްދާކަށް ނުކެރޭނެއެވެ. އެވަގުތު، ހަދާނެގޮތް ހުސްވެފައިހުރި ރުހާގެ ލޮލުގައި އަޅައިގަތީ ކޮޓަރީގައި ހުރި ކުޑަ އައިސްއަލަމާރިއެވެ. އަވަހަށްގޮސް އޭގެ ދޮރުފަތް ހުޅުވާ ކާއެއްޗެއް ލިބޭތޯ ބަލާލިއެވެ. އެކި ވައްތަރުގެ ބުއިންތަކާއި ޗޮކްލެޓްތައް ފެނުމުން ރުހާ އޭގެއިން ޗޮކްލެޓަކާއި ފެންފުޅިއެއް ހިފައިގެން ގޮސް އިނީ ބޭރުގައެވެ.

ހައިހޫނުކަމަށް ކުޑަ ލުތްވެއް ލިބުމުން، ރުހާ ސޯފާގައި ޖައްސާލީ ދަތުރުވަރުބަލިވެފައި ހުރުމުންނެވެ. ޖެހެމުންދާ ފިނިފިނި ވައިރޯޅީގެ ސަބަބުން ވަރުބަލިބވެފައިވާ ރުހާގެ ބޮޑު ދެލޮލަށް އިސާހިތަކުގެ ނިދީގެ އަސަރުތައް ފައުޅުވެ، ފުން ނިދީގެ ތެރެއަށް ގެނބުނެވެ.

 

މިކްޔާނަށް ހޭލެވުމާއިއެކު ދެލޯ އުނގުޅަމުން ތެދުވެ ކޮޓަރިތެރެއަށް ނަޒަރު ހިންގާލީ ރުހާ ކޮބާތޯއެވެ. ކޮޓަރިތެރޭން ރުހާ ފެންނަން ނެތުމުން ދެންމެއަކާއި ޖެހެންދެން އެ ދެލޮލުގައިވި ނިދީގެ އަސަރު ފިލައިދިޔަކަހަލައެވެ. ހާސްވެފައި ކޮޅަށް ތެދުވިވަގުތު ލޮލުގައި އަޅައިގަތީ ހުޅުވާލެވިފައިވާ ބިއްލޫރި ދޮރެވެ. އެދޮރުން ބޭރަށް ނުކުތްވަގުތު، އަރާމުކޮށް ސޯފާގައި ނިދާފައި އޮތް ރުހާ ފެނުމުން ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. އެނބުރި ދާން އުޅުން ވަގުތު އަޑެއް އިވުމުން މަޑުކޮށްލެވުނެވެ. އެއީ ރުހާގެ ބަނޑުން އިވުނު އަޑެއްހެން މިކްޔާނަށް ހީވިއެވެ. އޭނާއަށްވެސް ބަނޑުހައިކަން އިޙްސާސްވީ އެވަގުތުއެވެ. އަތުކުރީގައި އޮތް “އެޕްލް” ބްރޭންޑުގެ “ސްމާޓް” ގަޑިއަށް ބަލާލީ ގަޑިން ވީއިރެއް ބަލާލުމަށެވެ. ތިންގަޑިބައިވެފައިވާތަން ފެނުމުން އޭނާއަށް ދެލޯބޮޑުކޮށްލެވުނެވެ. އައިސްފައިވާ ރުޅިން އެނދަށްއަރާ އޮވެގެން ނިދިއިރު، އޭނާގެ ބެލުމުގެ ދަށުގައިވާ ރުހާ، ހައިކަންމަތީ ބެހެއްޓުނީތީ ދެރަވިއެވެ. ރުހާދެކެ ކިތަންމެ ހިތްހަމަ ނުޖެހިފައިހުރިނަމަވެސް، އޭނާގެ ޒިންމާތައް އަދާކުރުމަށް އިސްކަންދެއެވެ.

މިކްޔާން އެތެރެއަށްވަދެފައި ރިސެޕްޝަނަށް ގުޅާލުމަށްފަހު، ދެމީހުންގެ ކާއެއްޗިއްސަށް އޯޑަރު ދިނެވެ. އަދި އެއަށްފަހު ނިދިފައި އޮތް ރުހާއަށް ގޮވާފައި، ކާއެއްޗެހި ގެންނަންވާއިރަށް މޫނުދޮވެލާ ހަދާލުމަށް ބުނެލިއެވެ. ކުރިއަށްވުރެ ބޮޑަށް މިކްޔާން ހަމަޖެހިފައިހުރީތީ، އެކަމާ ހިތްހަމަޖައްސާލައިގެން ހުރެ ރުހާ ހިނގައިގަތެވެ.

ފަނަރަވަރަކަށް މިނެޓްފަހުން ބެލްޖެހިއަޑަށް ބޭރުގައި އިން ރުހާ އެތެރެއަށް ވަނެވެ. މިކްޔާން ފާޚާނާގައިވުމުން, ރުހާގޮސް ދޮރުހުޅުވާލިއެވެ.  ދޮރުމަތީގައި, ގެސްޓުހައުސްގެ ލޯގޯޖަހާފައިވާ ޔުނީފޯމް އަޅައިގެންހުރި އަންހެންކުއްޖާ، ރުހާ ފެނުމުން ހިނިތުންވެލިއެވެ. އަތުގައި ހުރި ކާއެއްޗެހި އަޅާފައިވާ ތަބަށް ފެނުމުން ރުހާ ބޮޑަށް ދޮރުހުޅުވާލައިދިނެވެ. އެކުއްޖާ އެތެރެއަށް ވަދެގެންގޮސް ބޭރުގައި ހުރި މޭޒުމަތީ ތަށިތައް އަތުރާލުމަށްފަހު، އެނބުރި ކޮޓަރިއަށް ވަންނަން އައިވަގުތުވީ، ފާހާނާއިން ނުކުތް މިކްޔާން، ބޭރަށް ނުކުންނަން އައިވަގުތަށެވެ. ދެމީހުންނަށް އެކަކު އަނެކަކު ފެނިފައި، ހުއްޓުން އަރާފައި ތިބިގޮތުން، ރުހާ ދެފަހަރު ދެމީހުންނަށް ބަލާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ހީވޭ ކަލާވާހެން-7

Next

ނަފްރަތަކީ ލޯބީގެ ފެށުން 10

Next
September 4, 2021

ނަފްރަތަކީ ލޯބީގެ ފެށުން 10

Previews
September 2, 2021

ހީވޭ ކަލާވާހެން-7



All Right Reserved!