Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޔާރު ނުބުނޭ ތިހެން … (4)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
August 31, 2021 8 Mins Read
1 Comment

ނިދީގެ އަސަރު އެކުލެވިފައިވާ މިކްޔާންގެ ދެލޮލަށް، ފަނޑު އަލީގެ ތެރެއިން އޭނާގެ ގައިމައްޗަށް ވާކަހަލަ ގޮތަކަށް ގުދުވެގެން އޮތް ރުހާ ފެނުމުން، ވަގުތުން ދެލޮލުގެ ނިދި ފިލާ ދިޔަކަހަލައެވެ. އަވަސް ޙަރަކާތަކާއިއެކު، ނުވިސްނާ އޮތް ރުހާ ކޮށްޕާލަމުން ތެދުވެ އިށީންއިރު އެ ދެލޮލުގައިވަނީ ރުޅިވެރިކަމެވެ.

މިކްޔާން ކޮށްޕާލުމުން ރުހާ ވެއްޓުނީ އެނދުކައިރި ތިރިއަށެވެ. ވެއްޓުނު ވަގުތު ތަށިމުށިތައްމަތީ ފޫކޮޅާއި އަތް ޖެހުނުގޮތަކުން ތަދު އިޙްސާސްވުމުން “އައްދިއްޔޯއި” އޭ ވެސް ބުނެލެވުނެވެ. ނުވިސްނާ ހުއްޓާ މިކްޔާން މިކުރިކަމަކުން ރުހާ ހުރީ ވާނުވާ ނޭނގިފައެވެ. ތަދުވީނަމަވެސް، ހިތްވަރުކޮށްފައި ތެދުވެ މިކްޔާނަށް ބަލާލީ، އެގޮތަށް ކަންތައްކުރުމުން ހިތްހަމަނުޖެހިފައި ހުރެއެވެ. މިކްޔާންގެ ދެލޮލުގައިވީ ރުޅިވެރިކަމުގެ އަސަރުތައް ފެނިފައި ރުހާއަށް ހިންދިރުވާލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާ އެހާ ރުޅިއަންނަންވީ ކީއްވެގެންކަމެއް ރުހާއަށް ނުވިސްނުނުންއިރު އޭނާ ހުރީ އަހާލަންވެސް ނުކެރިފައެވެ.

“ރޭގާ އެހާ ރީތިކޮށް އަހަރެން ހުރިހާ ވާހަކައެއް ދެއްކީމަވެސް، ރުހާ ތި މަސައްކަތް ކުރަނީ އަހަންނާ ގާތްވާންތަ….؟؟؟؟ އަހަރެން ބުނީމެއްނު އަހަރެންނަށް އަދި ވަގުތު ބޭނުންވާނެއޭ….. ރުހާވެސް ޤަބޫލުވީމެއްނޫންތަ….. ދެން ކީއްވެ ….؟؟؟؟” ގައިމަތީ އަޅާފައިއޮތް ރަޖާ އެއްފަރާތަކަށް އެއްލާލަމުން މިކްޔާން އައިސް މަޑުކޮށްލީ ރުހާގެ ކުރިމަތީގައެވެ. އޭރުވެސް އޭނާ ހުރީ ވަރަށް ރުޅިގަދަވެފައެވެ. މިކްޔާން މި ދެއްކި ވާހަކައަކުން ރުހާއަށް ދެލޯބޮޑުކޮށްލެވުނީ، މިކްޔާން އޭނާއާއި ދޭތެރޭ ކުށްހީ ކުރުމުންނެވެ. އޭނާގެ ހިތުގައި އެފަދަ އެއްވެސް ޚިޔާލެއް ނުވެއެވެ. އެކަން މިކްޔާނަށް ހާމަކޮށްދޭން އޭނާ މަސައްކަތްކުރިއެވެ.

” ނޫން… އަހަރެން އު…..” ދެފަރާތަށް ބޯހޫރާލަމުން ރުހާ މަސައްކަތްކުރީ އޭނާގެ ދިފާޢުގައި ވާހަކަދެއްކޭތޯއެވެ. ނަމަވެސް، މިކްޔާން ރުހާއަކަށް އެފުރުސަތެއް ނުދިނެވެ.

“ރުހާގެ މަޤްސަދަކީ އެއީ ނޫންކަމުގައި ވާނަމަ އަހަރެންނާ، އެހާ ގާތުގައި ވުމުގެ ބޭނުމަކީ ކޮބާ….؟؟؟؟ އަދި އެވެސް އަހަރެން ނިދާފައި އޮއްވާ…..” އެއް އުކުޅުގައި އަތް ވިއްދާލައިގެންހުރެ، އަނެއް އަތުން ބޮލުގެ އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުން މިކްޔާން ރުހާއަށް ކަޅިއަޅާލިއެވެ.

ރުހާއަށް އޭނާގެ ރުޅިގަނޑު މަތަކޮށްލެވުނީ އެހިސާބަށެވެ. އޭނާގެ ބޮލުގައި މިކްޔާން އަޅުވަމުން ދިޔަ ދޮގު އިލްޒާމްތަކުގެ ސަބަބުން އޭނާގެ ގާތަށްވެސް ރުޅިއައެވެ. މިކްޔާނާއި ދިމާއަށް ރުޅިވެރި ނަޒަރަކުން ބަލާލަމުން، އެ ދިޔަ ގޮތަށްގޮސް އެނދުމަތީގައި އޮތިއްޔާ އޮތްހާ ބާލީހެއް ތަށިމުށިތައްމައްޗަށް އުކާލުމަށްފަހު، އޭނާ މިސްރާބުޖެހީ އަލަމާރިއާއި ދިމާއަށެވެ. ރުޅިއައިސްފައި ހުރި މިކްޔާން ހައްތަހާ ރުޅިގަދަވާގޮތްވިއެވެ.  އަލަމާރިން މުސައްލާ ނަގައިގެން އެނބުރުނުވަގުތު، ގައިގައި ޖެހޭ ނުޖެހޭހާ ގާތުގައި ހުރި މިކްޔާން ފެނުމުން ހިނދުކޮޅަކަށްނަމަވެސް ރުހާ ސިހުނެވެ.

“ބާލީސްތައް އުކާލިޔަކަސް އެއީ ރުހާ ނުކުރާ ކަމަކަށް ނުވާނެ…..” އިނގިލި ދިއްކޮށްލަމުން މިކްޔާން ރުހާއަށް ކަޅިއަޅާލިއެވެ.

“ކިހާ ދެރަކަމެއް…. އަހަރެން ނޫޅެމޭ މިކްޔާންއާ ގާތްވާކަށް…. އަހަރެން އުޅުނީ މިކްޔާންއަށް ފަތިސް ނަމާދަށް ގޮވަން…. އެވަގުތު އެނދުމަތީގައި އޮތް އަހަރެންގެ ކެވެލިކޮޅު ފެނިގެން، އެ ނަގަން އުޅެނިކޮށް މިކްޔާނަށް ހޭލެވުނީ….. ކަމުގެ ޙަޤީގަތް ނުބަލާ ހަމައެކަނި ލޮލަށް ފެނުނު މަންޒަރަކުން، ގޮތް ނިންމުމަކީ އަހަރެން ދެކޭ ގޮތުގައި ވަރަށް ދަށުދަރަޖައިގެ ޢަމަލެއް…. އެއީ މިކްޔާންގެ ކަށީގައި ހިފައިފައި ހުންނަ އާދައެއްހެން ހީވަނީ…..” މިކްޔާނާ ދުރަށް ދިއުމަށްޓަކައި، އެއްފަރާތަކަށް ޖެހެލަމުން، ރުހާ ވާހަކަދެއްކީ އެ ހުރިހާއިރު އަތުގައި ރައްކާކޮށްގެން ގެންގުޅުނު ކެވެލިކޮޅު ދައްކާލަމުންނެވެ. ރުޅިއައިސްފައި ހުރުމުން، އޭނާއަށް ވާހަކަދެއްކުނީ ތަންކޮޅެއް ބާރަށެވެ. އަޑުގައި ތުރުތުރުލުމެއް އެކުލެވިފައިވިއެވެ.

ރުހާގެ ވާހަކަތައް އިވިފައި މިކްޔާންގެ ރުޅިގަނޑު މައިތިރިވާގޮތްވިއެވެ. އޭނާއަށް އުޅެވުނު ގޮތް ހިތަށް އައުމުން، އަމިއްލަ ނަފްސަށް ކުދި ކިޔާލެވުނެވެ. ހޭލެވުނުވަގުތު، މަންޒަރު ފެނުނު ގޮތުން، ޙަޤީގަތް ބަލާނުލާ އޭނާއަށް ރުޅިއިސްކުރެވުނީއެވެ. އޭނާއަކީ، ޢާއްމުގޮތެއްގައި އެހާ ރުޅިގަދަވާ މީހެއްވެސް ނޫނެވެ. ނަމަވެސް، ދެންމެ ރުހާދެކެ އެހާވަރަށް ރުޅިއާދެވުނީތީ، އޭނާވެސް ހައިރާންވިއެވެ. އޭނާ ރުހާއާއި ކައިވެނިކުރީ މަންމަމެންގެ އެދުމުގައި ކޮޅުފައިންޖަހަން ބޭނުން ނުވާތީއެވެ. އެއްގޮތަކަށްވެސް އޭނާ ބޭނުންވެގެންނެއް ނޫނެވެ. ދިރިއުޅުމަށް އައި ކުއްލި ބަދަލުގެ ސަބަބުން އޭނާގެ ސިކުނޑިވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެހާވަރަށް ރުޅިއސްކުރެވުނީ އެހެންވެގެން ކަމުގައި ވެދާނެއެވެ.

ރުހާ ނަމާދުކޮށް ނިމެންދެން ސޯފާގައި އިށީނދެގެން އިން މިކްޔާން، އަލަމާރިއަށް މުސައްލާ ލާން ދިޔަ ރުހާ ހުއްޓުވަމުން މަޢާފަށް އެދުނެވެ. މިކްޔާނަށް މާފުދިންނަމަވެސް، މިކްޔާން ކަންތައްކުރިގޮތުން ރުހާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.

**********

ދެފަރާތުގެ ޢާއިލާ ތިބީ ބަނދަރުގައެވެ. ލީނާއާއި ޖާވިދު ފުރުމުގެ ކުރިން އެންމެ ފަހުވަގުތުވެސް، ރުހާއަށް ނަސޭޙަތްތެރިވީ ބަސްއަހައިގެން ރަނގަޅަށް އުޅުމަށެވެ. މަންމަމެން ފުރައިގެން ދާން އުޅޭތީ އެކަމާ ދެރަވީނަމަވެސް، ރުހާ ހުރީ ބޭރުފުށުން ހިނިތުންވެލައިގެންނެވެ. އޭނާ ދެރަވެފައިހުއްޓާ އެކަނި ބަހައްޓާފައި ދާން މަންމަމެންވެސް ދެރަވާނެކަން އެނގޭތީއެވެ. އެހެންނޫނަސް، އަބަދު މަންމަމެންގެ ގާތުގައި ނުހުރެވޭނެކަން، އޭނާވެސް ޤަބޫލުކުރެއެވެ. އެހެންކަމުން އޭނާ ހިތްހަމަޖައްސައިލައިގެން ހުރީ ދޭތެރެއަކުން ޢާއިލާ ގޮވައިގެން ޖާވިދު އެރަށަށް އަންނާނެކަމުގައި ބުނުމުންނެވެ. ރުހާގެ ގާތުގައި ތިބެފައި ލީނާމެން ދެން ދިޔައީ ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ތިބި މިލްނާމެންގެ ގާތަށެވެ.

 

“މިލާން…. އަހަރެންގެ ދޮންތިއަށް ރަނގަޅަށް ބަލާތި…. ދޮންތިއަށް އެކަނިވެރިކަން އިޙްސާސްވިޔަ ނުދެއްޗޭ…. ދޮންތި ފޫހިވިޔަ ނުދޭތީ….” މިލާން އައިސް ރިދާގެ ގާތުގައި މަޑުކޮށްލުމުން، ރުހާއަށް ބަލާލުމަށްފަހު، ރިދާ އެއްފައްޗަކަށް އަމުނާލިއެވެ. އަނގައިން ބަހެއް ބުނުމެއް ނެތި މިލާން ބޯޖަހާލިއެވެ. ރިދާ ކުޑަކޮށް ހިނިތުންވެލިނަމަވެސް، އެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ރުހާއާއި ދުރަށް ދާންޖެހޭތީ، އޭނާ ދެރަވެފައިވާވަރު، ނުބުންޏަސް އެ މޫނުން ހާމަވާން ހުއްޓެވެ. މިލާން ވިސްނާލީ ރިދާ ހެއްވާލާނެ ގޮތަކާއި ދޭތެރޭއެވެ. ރިދާ އެހާ މަޑުމައިތިރިކޮށް ހުރުމުން އޭނާއަށް ކަމަކުނުދިޔައެވެ.

“އަނެއްކާ ރަށަށް ގޮސް އައިޑެންޓިޓީ އޮޅުވާލައިގެން، ފަހަރިއަށްވެގެން މީހުން ހައްދާނީކީ ނޫން….. އެކަހަކަ ކަމެއް ކޮށްފިކަން އަހަންނަށް އެނގިއްޖެއްޔާ ޕޮލިހަށް ރިޕޯޓްކުރާނަން….” ކުއްލިއަކަށް ހުރެފައި މިލާން ބުނެލި ވާހަކައަކުން، ރިދާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ރިދާ ހޭންފެށުމުން މިލާނަށްވެސް ހެވުނެވެ. ރިދާގެ ހިނިތުންވުން ފެނިފައި، އޭނާގެ ހިތަށް ހަމަޖެހުން ލިބެނީ ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.

 

ލީނާމެން މިލްނާމެންގެ ގާތަށް ދިއުމުން، ރަޔާންގެ ދެމަފިރިން ރުހާގެ ގާތަށް ދިޔައެވެ. ލައިނީ ރުހާގެ ގައިގައި ބައްދާލުމަށްފަހު، އެއްފަރާތްވަމުން ވަރަށް ހަނދާންވާނެކަމުގައި ބުންޏެވެ. ލައިނީގެ އަތުގައި ހިފަހައްޓައިގެންހުރެ، ރުހާވެސް ވަރަށް ހަނދާންވާނެކަމުގައި ބުނެލީ ހިނިތުންވެލައިގެން ހުރެއެވެ. ރަޔާން ރުހާގެ ބޮލުގައި އަތްޖައްސާލަމުން، އޭނާގެ ދެއަތް ދިއްކޮށްލިއެވެ. ރުހާ އެއްފަހަރު ރަޔާނަށް އަދި އަނެއްފަހަރު ލައިނީއަށް ބަލާލަމުން އޭނާގެ ދެއަތްތިލަ ރަޔާންގެ ދެއަތްތިލަތެރެއަށްލިއެވެ.

“ރުހާ ތިހުރީ އުފަލުންތަ…..؟؟؟ މިބުނީ ތިކައިވެންޏާއި ދޭތެރޭ….. މިކްޔާނާއި ދޭތެރޭ….” ރުހާގެ މަޑުމަޑު އަތްތިލައަށް ފިތާލަމުން ރަޔާން އަހާލީ އޯގާތެރިކަމާއިއެކީގައެވެ. ރުހާއަށް ބަލާލެވުނީ ލީނާމެން ގާތުގައި، ޖާވިދުމެންނާއި ވާހަކަ ދައްކަން ހުރި މިކްޔާނަށެވެ. އެވަގުތު އޭނާގެ ހަނދާނަށް އައީ ފަތިހުގެ ޙާދިޘާއެވެ. ކައިވެނީގެ ފުރަތަމަ ދުވަހުވެސް މިކްޔާން އޭނާއާއި ދޭތެރޭކަންތައްކުރި އިހާނެތިގޮތް ހިތަށް އައުމުން، ރުހާގެ ސިކުނޑި ހަލަބޮލިވިއެވެ. ނަމަވެސް، ބޭރުފުށަށް އެއިން އެއްވެސް ކުލަވަރެއް ނުދައްކާވޭތޯ އޭނާ ދިޔައީ ކުރެވެން ހުރިހާ މަސައްކަތެއް ކުރަމުންނެވެ. ރަޔާންމެން ފުރަން ހަމަޖެހިފައިވާއިރު، ދެ ޢާއިލާ ދޭތެރޭ އެކަމުގެ ސަބަބުން ހަމަނުޖެހުމެއް އުފެދެން ބޭނުން ނުވާތީ، ރަޔާންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ރުހާ ބޯޖަހާލިއެވެ.

“އަހަރެން މިހުރީ ވަރަށް އުފަލުން…. މިކްޔާން ވަރަށް ރަނގަޅު…..” ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިކުރުވަމުން ރުހާ މަސައްކަތްކުރީ ރަޔާން ހިތްހަމަޖައްސައިދެވޭތޯއެވެ. އޭނާގެ ހިތަށް ކޮންމެފަދަ އިންޤިލާބެއް އަޔަސް ވެހެވެ. ލޯބިވާމީހުން ހިތްދަތިކޮށްލާކަށް އޭނާގެ ހިތެއް ނުރުހެއެވެ. ރުހާގެ ޖަވާބު އިވިފައި ރަޔާންގެ އިތުރުން ލައިނީގެ މޫނުމަތިންވެސް ހިތްހަމަޖެހުމުގެ ކުލަވަރު ފެނުނެވެ.

“އެއްވެސް އެއްޗަކަށްވެސް ނޫނީ އެއްވެސްކަމަކަށް ބޭނުންވިޔަސް ދޮންބެ ގާތު ބުނައްޗޭ…. އަދި އަބަދުވެސް ހަނދާން ބަހައްޓާތި…. ރުހާ ބޭނުންވި ކޮންމެ ވަގުތެއްގައި ދޮންބެ ރުހާގެ ގާތުގައި ހުންނާނަން…. އިން ޝާ ﷲ….” ރުހާގެ ގައިގައި ކުޑަކޮށް ބައްދާލަމުން ރަޔާން ބުނެލިއެވެ. ރަޔާންގެ މޭމަތީ މޫނު ފޮރުވާލި ރުހާއަށް، ލޯބިވާ ދޮންބެގެ ފަރާތުން ލިބުނު ޙިމާޔަތާއި އޯގާތެރިކަމުގެ ސަބަބުން، އެހާވަރުން ހިފަހައްޓައިގެން އުޅުނު ކަރުނަތައް ދެ ލޮލުން ބޭރުވާން އުޅޭހެން ހީވިއެވެ. އެހެންކަމުން އެ ހުރިގޮތަށްހުރެ އެހެން މީހަކަށް ނޭނގޭނެހެން، ދެލޮލުގައި އިނގިލިން އޮބާލަމުން ކަރުނަތައް ބޭރުވިޔަނުދީ ހިފަހައްޓާލިއެވެ. އޭނާއަށް ހުރެވުނީ ތުންފަތުގައިވެސް ދަތް އަޅާލައިގެންނެވެ.

“އަހަރެން ބައިވެރިއެއް ނުކުރާނަންތަ….؟؟؟؟” ރިދާގެ އަޑަށް ދެމީހުންނަށް އެއްކޮށް ބަލާލެވުނެވެ. އޭރު ރިދާ ހުރީ ތުންދަމާލައިގެންނެވެ. ލައިނީ ހުރީ ހެވިފައި އެމަންޒަރު ބަލާށެވެ. ރަޔާނާއި ރުހާ އެކުއެކީހެން އަތް ދިއްކޮށްލުމުން ދުވެލާފައިކަހަލަ ގޮތަކަށް އައިސް ރިދާ އެމީހުންގެ ގައިގައި ބައްދާލިއެވެ. ރުހާ އިޝާރާތްކޮށްލުމުން ލައިނީވެސް އެމީހުންނާއި ބައިވެރިވިއެވެ. މިމަންޒަރު ބަލަން ދުރުގައި ތިބި ޖާވިދުގެ ދެމަފިރިންގެ އިތުރުން ނިމާލްގެ ދެމަފިރިންނާއި، މިލާނާއި، މަލަކަށްވެސް ހިނިތުންވެލުނެވެ. މިކްޔާންގެ ތުންފަތުގައި ހިނިތުންވުމުގެ އަސަރެއްނެތްނަމަވެސް، އެ މޫނުމަތީގައިވެސް ޝައުގުވެރިކަމުގެ އަސަރުތައް ފައުޅުވާން ހުއްޓެވެ.

“ހިނގާދަމާ…. ފަޅުވެރިން އައިސްފި….” ފަޅުވެރިން އައިސް ލޯންޗަށް އެރިތަން ފެނިފައި ރަޔާންމެންގެ ގާތަށް އައިސް ނިމާލް ބުނެލިއެވެ. އޭނާގެ ފަހަތުން ދެން ތިބި މީހުންވެސް އައެވެ. ނިމާލްގެ އަޑަށް ހަތަރުކުދިން ދުރުވެލިއެވެ. ދެފަރާތުގެ ޢާއިލާއިން ސަލާން ބަދަލުކުރުމަށްފަހު ޖާވިދުގެ ޢާއިލާ ލޯންޗަށް އަރަން ދާން ހިނގައިގަތެވެ. އެ ހުރިހާ އިރެއްވަންދެން ކެތްކޮށްގެން ހުރި ރުހާއަށް ކެތްވީ އެހިސާބަށެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލިއެވެ. ލީނާމެންގެ ފަހަތުން ހިނގައިގަތް ރިދާގެ އަތުގައި ހިފައި ހުއްޓުވާ، އޭނާގެ ގައިގައި ބައްދާލިކަމެއް ނޭނގެ ރުހާއަސް ރޯންފެށުނެވެ. ރުހާ ރޯން ފެށުމުން ރިދާއަށްވެސް ރޮވުނެވެ. އެކުދިންގެ ރުއިމުގެ އަޑު، އެންމެންގެ ސަމާލުކަމަށް އައެވެ. ފެންކަޅިވެފައި އެންމެން ބަލަން ތިބިއިރު ޖާވިދުގެ ގާތުގައިހުރި ލީނާއަށް ރޮވުނެވެ. ކިތަންމެ ދެރަވިޔަސް ނެތް ހިތްވަރުނެރެގެން ކަރުނަތައް ހިފަހައްޓާލައިގެން އެ ހުރިހާއިރު އޭނާ ހުރީ، ރުހާ ދެރަވެދާނެތީއެވެ. އެހެނަސް ރުހާއާއި ރިދާ ރޯތަން ފެނުމުން އޭނާއަށް ވެސް ކެތްނުވީއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުންގޮސް އެދެކުދިން ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ.

ބޭނުން ނުވިކަމުގައިވިޔަސް، މިލްނާ އިޝާރާތްކޮށްލުމުން މިކްޔާންގޮސް ރުހާގެ ކޮނޑުގައި ހިފަހައްޓާލިއެވެ. މިކްޔާން އައުމުން ރިދާވެސް ރުހާގެ ގައިން ދޫކޮށްލިއެވެ. އަދި ދެލޯ ފުހެލުމަށްފަހު، ދަބަހުން ޓީޝޫބޮނޑިއެއް ނަގާ، ރުހާއަށާއި، ލީނާއަށް ޓިޝޫ ދިނުމަށްފަހު، އޭނާގެ މޫނުވެސް ޓީޝޫއަކުން ސާފުކޮށްލިއެވެ. ޖާވިދުއައިސް ލީނާ ގޮވައިގެން ދިއުމުން، ރިދާ ރުހާއަށް އަތުން ހަނާއަޅާލިއެވެ. ފަނޑުހިނިތުންވުމަކާއިއެކު، ރުހާވެސް ރިދާމެންނަށް ހަނާއަޅާލިއެވެ. ރަޔާނާއި ލައިނީއާއިއެކު ހިނގައިގަންނަމުން ރިދާ މިލާނަށް ބަލާލިއެވެ. ދުލުން ބަޔާން ނުކުރިކަމުގައިވިޔަސް، ރިދާގެ އެ ބަލާލުމުން އެތައް ވާހަކަތަކެއް ބުނެދީފިއެވެ. ޖީންސްގެ ޖީބަށް އަތް ޖަހާލައިގެން ހުރި މިލާން، މަޑުމަޑުން ބޯ ޖަހާލަމުން ދެލޯމަރާލުމަށްފަހު، ހުޅުވާލިއެވެ. އޭނާއަށް އިތުބާރުކުރާށޭ ބުނިކަހަލައެވެ.

އެންމެން އަރާ ހަމަވުމުން ލޯންޗް ނައްޓާލިއެވެ. އެމަންޒަރު ބަލަން ހުރެފައި އެހެން މީހަކަށް ނުފެންނާނެހެން  ރުހާ އޭނާގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރި މިކްޔާންގެ އަތް ފޮޅުވާލިއެވެ. ރުހާމެންގެ ދެމަފިރިންގެ ދެމެދުގައި ކިތަންމެ ބޮޑު އަރާރުމެއްވެފައިވީނަމަވެސް، ދެމީހުންވެސް ބެލީ އާއިލާގެ އެއްވެސް މެމްބަރަކަށް އެކަން ނާންގާވޭތޯއެވެ. އެހެންކަމުން ކިތަންމެ ބޭނުން ނުވިކަމުގައިވިޔަސް، ރުހާއަށް ގެއަށް ދާން ޖެހުނީ މިކްޔާންގެ ސައިކަލް ފަހަތަށް އަރައިގެންނެވެ.

**********

މެންދުރުގެ ހޫނުގަދަ ވަގުތެވެ. ނިމާލްގެ ޢާއިލާ އެންމެން ތިބީ މެންދުރުގެ ކެއުމަށް އިންސާފްކުރާށެވެ. ކާހިތްނުވެފައި އިންނަމަވެސް ރުހާ ތަށްޓަށް ބަތް އެޅިއެވެ. ސަމްސަލުކުރިން ކުޑަބަތްކޮޅެއް އަނގަޔަށްލުމަށްފަހު، ގަޔާނުވެ އިނދެ ކާން ފެށިއެވެ. މަންމަމެން އެނބުރި ރަށަށް ދިއުމުން، އޭނާ އިނީ އަދިވެސް ވަރަށް ދެރަވެފައެވެ. އެހެންކަމުން އޭނާ އިނީ އެވަގުތު ކާންވެސް އުނދަގޫވެފައެވެ.

“ރުހާ ދަރިފުޅާ… ބަތް ކަމުނުދަނީތަ…..؟؟؟” ސަމްސަލުން ބަތްތަށި ހާވާލަހާވާލާ އިން ރުހާގެ ޙަރަކާތްތަކަށް ބަލަން އިން މިލްނާ އަހާލީ ވަރަށް ލޯބިންނެވެ. މިލްނާގެ އަޑަށް އެންމެންނަށްވެސް ރުހާ އަށް ބަލާލެވުނެވެ. ހިނިތުންވެލަމުން ރުހާ ބޯހޫރާލިއެވެ. އަދި ސަމްސަލުން ބަތްކޮޅެއް ނަގާ ކާލިއެވެ. އެންމެންގެ ލޯތައް އަމާޒުވެފައިވުމުން ރުހާ އިނީ އުނދަގޫވެފައެވެ.

“ދަރިފުޅު، ރުހާ ގޮވައިގެން މަޖާކޮށްލަން ކޮންމެވެސް ޤައުމަކަށް ޖައްސާލަންވީނު…..” މަޑުނެގިފައި އިން ރުހާއަށް ފަރުވާތެރިކަމާއިއެކު ބަލަން އިނދެފައި ނިމާލް ބުނެލީ، ގާތުގައި އިން މިކްޔާންގެ ކޮނޑުމަތީ އަތް ބާއްވާލަމުންނެވެ. މިކްޔާނަށް ބަލާލެވުނީ ރުހާއާއި ދިމާއަށެވެ. އޭރު ރުހާވެސް އިނީ އޭނާއަށް ބަލަހައްޓައިގެންނެވެ.

“އެކަމަކު ބައްޕާ…. އަހަރެން ކިހިނެއް ދާނީ…. މިދުވަސްކޮޅު އޮފީސް ވަރަށް ބުރަވާނެ…. ކުންފުނީގެ މަސައްކަތްތައްވެސް އެހާ ގިނަ…. ރަނގަޅު މީހެއްގެ ބެލުމުގެ ދަށުން އެކަންތައްތައް ފުރިހަމައަށް ކުރެވޭނީވެސް….” ކައިރީގައި ހުރި އޮރެންޖް ޖޫސްތަށިން ކޯވަރެއް ބޯލުމަށްފަހު މިކްޔާން ބަހަނާއެއް ދައްކާލިއެވެ.

“އެކަމާ ދަރިފުޅު ހާސްނުވޭ…. އޮފީހުގެ ކަންތައް ބައްޕަ ބަލާނަން…. ދެން ކުންފުނީގެ މަސައްކަތްތައް ބަލަހައްޓަން މިލާންއާއި ޙަވާލުކުރާނީ…. ހަމަގައިމުވެސް ދަރިފުޅަށް މިލާންއަށް އިތުބާރުކުރެވޭނެއެއްނު….” މިލާނަށް ބަލާލަމުން ނިމާލް އެކަމަށްވެސް ޙައްލެއް ހޯދިއެވެ. ނިމާލާއި އެއްބައިވެލަމުން މިލާންވެސް ކުންފުނީގެ ކަންތައް ވަރަށް ރަނގަޅަށް ބަލައިދޭނެކަމުގައި ބުނެލިއެވެ.

“ރުހާ ފަހަރެއްގައި ދާން ބޭނުން ނުވެދާނެއެއްނު….” މިކްޔާން ދެންވެސް ބެލީ އެދަތުރު ނުގޮސްވާނެ ގޮތެއް ވޭތޯއެވެ. އޭނާއަށް ބަލަހައްޓައިގެން އިން ރުހާއަށް ބަލާލަމުން އޭނާއާއި އެއްބަސްވުމަށް ލޮލުން އިޝާރާތްކޮށްލިއެވެ.

“ކީއްވެ ރުހާ ދާން ބޭނުން ނުވާނީ…؟؟؟؟ މަންމަމެން ފުރީމަ ވަރަށް ދެރަވެފައި އެ އިންނަނީ… އެހެން ޤައުމަކަށް ގޮސް މަޖާކޮށް ހަދާލީމަ އޭނަވެސް ހިތްހަމަޖެހޭނެއެއްނު…. އެހެން ނޫނަސް ދަރިފުޅުމެން އެކަކު އަނެކަކަށް ރަނގަޅަށް ދަސްކޮށް އެކުގައި އުޅެން ފަސޭހަވާނީ ވީހާވެސް ގިނަވަގުތު، އެކުގައި ހޭދަކުރެވުނީމައެއްނު….. ރުހާ ދަރިފުޅު ދާނަން ދޯ….؟؟؟” ރުހާއަށް ބަލާލަމުން ނިމާލް ދޯ އަޅާލިއެވެ. ރުހާއަށް ބަލާލެވުނީ މކްޔާނަށެވެ. އެހެންމީހަކަށް ނޭނގޭނެހެން ބޮލުގެ އިޝާރާތުން އޭނާ އެންގީ އެކަމަށް އިންކާރު ކުރުމަށެވެ. މިކްޔާން އެކަމަށް އިންކާރުކުރަން ބުނި ކަމުގައިވިޔަސް ރުހާއަށް ވިސްނުނީ ނިމާލް ބުނިހެން އެކަކު އަނެކަކާ އެކީ އެކަނި ވީހާވެސް ގިނަވަގުތު ހޭދަކުރެވުމުން ދެމީހުންގެ ދެމެދުގައިވާ ގުޅުން ބަދަހިވާނެކަމުގައެވެ. އޭނާގެ އުއްމީދަކީ ޙަޔާތުގެ ބައިވެރިޔާއާއިއެކު ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅުމެވެ. އެހެންކަމުން އޭނާގެ ޖަވާބަކަށް އިންތިޒާރުކޮށްގެން އިން ނިމާލަށް ބަލާލަމުން ބޯޖަހާލީ، އެއްބަސްވުމުގެ ގޮތުންނެވެ.

ރުހާގެ ޖަވާބު އެނގުމުން މިކްޔާނަށް ދެން ދައްކާނެ އިތުރު ބަހަނާއެއް ނޭނގުނެވެ. ރުހާ އެކަމަށް އެއްބަސްވުމުން އޭނާދެކެ ރުޅިވެސް އާދެވުނެވެ. މިކްޔާންގެ ތޫނު ނަޒަރު ސީދާވެފައިވާކަން އެނގޭއިރުވެސް، ރުހާ އިނީ އޭނާއާއި ދިމާއަށް ނުބަލާށެވެ.

“އެންމެ ރަނގަޅު….. އެކަމަކު އަހަރެން ބޭނުމެއް ނޫން ބޭރު ޤައުމަކަށް ދާކަށް…. އަހަރެން ބޭނުމީ ރާއްޖެތެރޭގެ ރަށަކަށް ދާން…….” ރުހާ ބަލާލާތޯ އިނދެއިނދެވެސް އޭނާ ބަލާނުލުމުން ރުޅިގަދަވެފައި އިން މިކްޔާން ބުނެލިއެވެ. ދެންވެސް މިކްޔާނަށް ބަލާލުމެއްނެތި ރުހާ މިކްޔާންގެ ނިންމުމަށް އެއްބަސްވިއެވެ.

“އަޅޭ އަހަރެންވެސް ދާން ބޭނުން ބައްޕާ….. ދޮންބޭ އަހަރެންވެސް ގެންދެބަ…..” އެހުރިހާއިރަކު ވާހަކަތައް އަޑުއަހަން އިން މަލަކް ބުނެލީ ޅަގޮތަކަށެވެ. މިކްޔާން އުޅުނީ އަވަހަށް މަލަކްގެ އެދުމަށް އާނބަސް ބުނާށެވެ. އެހެނަސް އޭގެ ކުރިން ނިމާލް ވާހަކަ ދައްކަން ފެށިއެވެ.

“މިފަހަރު ދާނީ ދޮންބެ އާއި ދޮންބެދައްތަ އެކަނި…. ދަރިފުޅު ދާނީ އެހެންފަހަރަކުން….. އެންމެން އެއްކޮށް….. އެހެން ނޫނަސް ދަރިފުޅު ކޮލެޖަށްވެސް ދާން ޖެހޭނެއެއްނު….” މަލަކްއަށް ބަލާލަމުން ނިމާލް ބުނެލިއެވެ. ތުންކޮޅު ދަމާލިނަމަވެސް، ހިނިތުންވެލަމުން މަލަކް ބޯޖަހާލިއެވެ.

**********

ޖެހިގެން އަންނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާތީ، ރުހާ އުޅުނީ ދަބަހަށް އެއްޗެހި އަޅާށެވެ. އެނދުމަތީ ފަތްޖަހާފައިވާ ހެނދުންތަކުން ފަހަރަކު ހެދުމެއް އަޅަމުންގޮސް އެންމެ ފަހު ހެދުން ދަބަހަށް ލާން އުޅުން ވަގުތު، އައި ނައި ތަނެއް ނޭނގި މިކްޔާން އައިސް އޭނާގެ އަތުން އެ ހެދުން ޖަހައިގަތެވެ. ލޯބޮޑުކޮށްލަމުން ރުހާއަށް ބަލާލެވުނީ މިކްޔާން އެ ގޮތަށް ކަންތައް ކުރުމުންނެވެ.

“އަހަރެން އެހާވަރަށް އިންކާރުކުރާށޭ ބުނީމަވެސް…. ކީއްވެ ރުހާ އެއްބަސްވީ…..؟؟؟؟”އަތުގައި އޮތް ހެދުން އެނދުމައްޗަށް އެއްލާލަމުން މިކްޔާން އިށީނީ އެނދުމަތީގައެވެ. އޭނާ އިނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. މިކްޔާނަށް ބަލާލަމުން ރުހާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

” ވަރަށް ވިސްނާފަ އަހަރެން އެއްބަސް ވީ، އެއީ އަހަރެމެން ދެމީހުނަށްވެސް އެންމެ ރަނގަޅުގޮތް ކަމުގައި ދެކިގެން…. މިކްޔާން…. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫން… ކޮންމެ ގޮތެއް ވިޔަސް މިއޮތީ ކައިވެނިކުރެވިފައި…. ހަމައެކަނި ނަމަކަށް  މި ގުޅުމުގައި އެއްވެސް ކުލައެއް ނުޖެހި އަބަދަކު ނުބޭއްވޭނެ…. ކޮންމެވެސް ދުވަހަކުން ދިރިއުޅުން މިނޫން ހަރުފަތަކަށް ގެންދަން ޖެހޭނެ….. އަހަރެންނަށް ވިސްނުނު ގޮތުގައި ބައްޕަ ބުނިހެން ދެމީހުން އެކަނި އެކީ ގިނަވަގުތުތަކެއް ހޭދަކުރެވުމުން ދެމީހުނަށްވެސް އެކަކު އަނެކަކަށް ރަނގަޅަށް ދަސްވެ، މި ދެމެދުގައި އެކުވެރިކަން ބަދަހިވެ، މި ގުޅުން ކުރިއަށް ގެންދަން ފަސޭހަވާނެ…..” ވިސްނާލުމަށްފަހު ރުހާ ވާހަކަދެއްކީ މަޑުމައިތިރިކަމާއިއެކު މިކްޔާނަށް ވިސްނައިދިނުމުގެ ގޮތުންނެވެ. ނަމަވެސް އެވަރުންވެސް މިކްޔާންގެ ރުޅިމަޑުވިހެންނެއް ހިޔެއް ނުވެއެވެ. އަނގައިން ބަހެއް ނުބުނިކަމުގައިވިޔަސް، އެ މޫނުން ނުރުހުންވުމުގެ ކުލަވަރުތައް ފެންނާން ހުއްޓެވެ. ނިއްމަތީ ދެއަތުގެ އިނގިލިތަކުން ފިރުމާލަމުން އެ އިންގޮތަށް އިނދެފައި މިކްޔާން އޮށޯވެލިއެވެ.

މިކްޔާން އަނގައިން ނުބުނުމުން ރުހާވެސް ދެން ވާހަކައެއް ނުދައްކައެވެ. ދަބަހަށް އަޅަން ހުރި ހުރިހާ އެއްޗެއް އަޅާ ހަމަކޮށްލުމަށްފަހު، ދަބަހުގެ ޒިބު އަޅުވާލަމުން ހިންދެމިލިއެވެ. އޭރުވެސް މިކްޔާން އެ އޮތްގޮތަށް ދެލޯމަރާލައިގެން އޮތެވެ. މިކްޔާނަށް ބަލާލަމުން ރުހާ، ދެން މިސްރާބުޖެހީ ކޮޓަރީގެ އުތުރުބިތުގައިވާ ހުދުކުލައިގެ ފަރުދާތަކާއި ދިމާއަށެވެ. ލަސްލަހުން ފަރުދާތައް ކަހާލި ރުހާގެ ތުންފަތަށް ލުއިހިނިތުންވުމެއް ވެރިވީ އެ ފަރުދާތަކުގެ ފަހަތުގައި އެއްކޮޅުން އަނެއް ކޮޅަށްވާގޮތަށް ހަދާފައިވާ ބެލްކަނި ފެނުމުންނެވެ. ބެލްކަންޏަށް ނުކުންނަން ހުރި ބިއްލޫރި ދޮރުފަތެކޭ އެއްފަދައިން އެ ކޮޓަރީގެ އެ ބިތުގައި އެއްކޮށްވަނީ ބިއްލޫރި ޖަހާފައެވެ.

ބެލްކަނީގެ ދޮރުފަތް ކަހާލުމަށްފަހު ރުހާ ބެލްކަންޏަށް ނުކުތެވެ. ބެލްކަނީގައި ހުންނައިރު ގޭގެ ގޯތިތެރޭގައި ހައްދާފައިވާ އަނބުގަހުގެ ބައެއް އޮފިތަކަށް އަތް ފޯރައެވެ. އެ އޮފިތަކުގައި އަނބުއަޅާފައިވީނަމަވެސް، ރުހާ އެވަގުތު އަނބު ކާހިތެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތްވަނީ ނުތަނަވަސްވެފައެވެ. ނައިޒަކް މަތިން ހަނދާން ނައްތާލުމަށްޓަކައި ނުވެސް ދަންނަ މީހަކާ ކައިވެނިކުރަން އޭނާއަށް ނިންމުނު ނިންމުމަކީ، ރަނގަޅު ނިންމުމެއްބާއޭ ރުހާގެ ހިތަށް އެރިއެވެ. މިކްޔާންގެ ޢަމަލުތައް ހުރިގޮތުން އޭނާގެ ނިންމުމާއިމެދު ރުހާގެ ހިތުގައި ޝައްކު އުފެދިފައިވެއެވެ. ބީރައްޓެއްސަކާއި ކައިވެނިކުރަން، ރުހާ ބޭނުންވީ ނައިޒަކް ފެންނަ ހިސާބުގައި އުޅެން ބޭނުން ނުވާތީއެވެ. ނައިޒަކް ފެންނަ ހިސާބުގައި އުޅެން ހަދައިގެން އޭނާގެ ދިރިއުޅުމާއިގެން ކުރިއަށް ނުދެވިދާނެތީއެވެ. ނަމަވެސް މިކްޔާންގެ ޢަމަލުތައް ހުރިގޮތުންވެސް ރުހާއަށްވަނީ ނުތަނަވަސްކަމާއި ކުރިމަތިލާންޖެހިފައެވެ. ހަމަޖެހިލައިގެން ދިރިއުޅުމާއިގެން ކުރިއަށްދާން ވިސްނައިގެން ހުއްޓާ ކުރިމަތިލާން މި ޖެހުނީ މާ ބޮޑު އިމްތިޙާނަކާއޭ ރުހާގެ ހިތަށް އެރިއެވެ.

**********

ރަށަށް ދެވުމުން ގެއަށް ގޮސް ފެންވަރާ ހަމަޖެހިލައިގެން ރިދާ  އެނދުގައި ޖައްސާލީ ވަރުބަލިވެފައިހުރުމުންނެވެ. އެނދުމަތީ ބާއްވާފައި އޮތް ފޯން ނަގާ ބަލާލިއިރު، މިލާންގެ ދެ ކޯލް މިސްވެފައި އޮތްތައް ފެނުމުން، އަވަސްއަވަހަށް އޭނާގެ ނަންބަރަށް ގުޅާޅިއެވެ. ދެފަހަރަކު ރިންގުވެލާއިރަށް މިލާން ފޯނުނެގިއެވެ. މިލާން ފުރަތަމަވެސް ސުވާލުކުރީ ރަށަށް ދެވުނީތޯއެވެ.؟ މިލާންގެ ސުވާލަށް ޖަވާބުދެމުން ރިދާ އަހާލީ ރުހާ ކޮބާތޯއެވެ.؟ އަދި އޭނާ ރަނގަޅުތޯއެވެ.؟ ރުހާ ރަނގަޅުކަމަށް ބުނެފައި ރުހާމެންގެ “ހަނީމޫން ދަތުރު” މާދަމާއަށް ހަމަޖެހިފައިވާކަމުގެ ޚަބަރު މިލާން، ރިދާއަށް ދިނުމުން ރިދާ ވަރަށް އުފާވިއެވެ. ފަހުން ޚަބަރެއް ވެލާނެ ކަމުގައި ބުނެފައި އެވަގުތަށް ރިދާ ކޯލްމެދުކަނޑާލީ، ބޮލަށް ބަރުވެފައިވުމުން ނިދާލަން ބޭނުންކަމުގައި ބުނަމުންނެވެ.

**********

ދުވަހަކީ އުޑުމަތީ ސާފު އަވިގަދަ ދުވަހެއް ނަމެވެސް ކޮންމެވެސް ވަރަކަށް ވައިގަދައެވެ. ރުހާއާއި މިކްޔާން ދަތުރުކުރަމުން ދިޔަ ލޯންޗް މިސްރާބުޖަހާފައިވަނީ، އެމީހުންގެ މަންޒިލާ ދިމާއަށެވެ. ކިތަންމެ ބޭނުން ނުވިކަމުގައިވިޔަސް ރުހާ ގޮވައިގެން މިކްޔާން އެދަތުރަށްފެށީ ބައްޕަމެންގެ އެދުމަށެވެ. ބާރު ދުވެލީގައި ދުއްވަމުން ދިޔަ ލޯންޗު މާކަނޑަށް ނުކުތުމާއިއެކު ރާޅާ ޖަހަން ފެށިއެވެ. ލޯންޗު ނަގާ ޖަހަން ފެށުމުން އިޚްތިޔާރަކާނުލާ، ރުހާއަށް ހިފަހައްޓާލެވުނީ ގާތުގައި އިން މިކްޔާންގެ އަތުގައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ދެވަނަ ބައި)

Next

ފުރަތަމަ ނަޒަރުން ވެވުނު ލޯބި… (ދެވަނަ ބައި)

Next
September 1, 2021

ފުރަތަމަ ނަޒަރުން ވެވުނު ލޯބި… (ދެވަނަ ބައި)

Previews
August 31, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ދެވަނަ ބައި)

One Comment

  1. Eemyaa says:
    August 31, 2021 at 5:41 pm

    Mi part ves kiyuntherinnah kamudhaane kamah ummeedhukuran..
    Enjoy reading ?

Comments are closed.

Next Episodeޔާރު ނުބުނޭ ތިހެން … (5)←


All Right Reserved!