Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޔާރު ނުބުނޭ ތިހެން … (3)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
August 28, 2021 8 Mins Read
3 Comments

ލޯގަނޑުން މިކްޔާން ކޮބާތޯ ބަލާލިއިރު، ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު، މިކްޔާން އެދިމާއަށް އައުމަށް ހިނގައިގަންނަނީއެވެ. ހިތްއަވަސްވީވަރުން، ރުހާއަށް އަނެއް ފަރާތަށް އެނބުރިލެވުނެވެ. މިކްޔާންގެ ތޫނު ނަޒަރު، ސީދާ ރުހާއަށް އަމާޒުވެފައިވާވުމުން އޭނާގެ ގައިން ހީބިހި ނަގާ، ދާހިއްލަންފެށީ ހާސްވީވަރުންނެވެ. ފަހަތުން މޭޒުގައި ދެއަތްއަޅުވާލެވުނީ ދެން ހަދަންވީގޮތެއް ހިތަށް ނައުމުންނެވެ. މިކްޔާން އައިސް މަޑުކޮށްލީ ސީދާ ރުހާގެ ކުރިމަތީގައެވެ.   މިކްޔާންގެ ހޫނު ނޭވާގެ އިޙްސާސްވާހާ ގާތުގައި މިކްޔާން ހުރުމުން ރުހާއަށް އުނދަގޫތަކެއްވާން ފެށިއެވެ. ނޭވާ ހާސްވެ މީހާގެ ގައިގައި މަޑުތުރުތުރެއް އެކުލެވިފައިވާކަމުގެ އިޙްސާސެއް ކުރެވުނެވެ. މިކްޔާނަށް ބަލާލަންވެސް ނުކެރިފައި، ރުހާއަށް ހުރެވުނީ އިސްޖަހާލައިގެންނެވެ.

އިރުކޮޅަކު ރުހާގެ ޙަރަކާތްތަކަށް ބަލަން ހުރެފައި، ރިތިވާ މޭޒުމަތީ އޮތް ފޯނު ނަގައިގެންގޮސް މިކްޔާން އިށީނީ ސޯފާގައެވެ. ރުހާ ހީކުރިކަހަލަ ޢަމަލެއް މިކްޔާންގެ ފަރާތުން ނުފެނުމުން، އޭނާއަށް ހަމަޖެހިލުމުގެ ނޭވާއެއް ލެވުނެވެ. ހިތާއި ދިމާލުން މޭމަތީ އަތް އަޅާލައިގެން ހުރެ، ރީތިވާ މޭޒުމަތީ ހުރި ޓީޝޫފޮށިން ޓިޝޫއެއް ނަގާ މޫނުފުހެލިއެވެ.

**********

ފެންވަރާ ތާޒާވެލައިގެން ފާހާނާއިން ނުކުތް ރުހާ ހުރީ އަޅިކުލައިގެ ގަޔަށްދޫ ބޮޑު ޓީޝާޓަކާއި، ރަތްކުލައިގެ ތަރިތަކެއްޖެހި ކަޅުކުލައިގެ ބޮޑު ހަރުވާޅެއްލާފައެވެ. އޭނާއަށް ފުރަގަސްދީގެން ސޯފާގައި އިން މިކްޔާނަށް ބަލާލުމަށްފަހު، ކަރާއިއެކު ނިވާވާނެހެން ބޮލުގައި ތުވާލިއަޅާލައިގެން ގޮސް އޭނާ މަޑުކޮށްލީ ރީތިވާ މޭޒުދޮށުގައެވެ. ފޯނާ ކުޅެން ސޯފާގައި އިން މިކްޔާން ރުހާއަށް އަވަސް ނަޒަރެއް ދިނުމަށްފަހު، ފޯނު ބާއްވާފައި ވަނީ ފާހާނާއަށެވެ.

ރީތިކޮށް ނިމިގެން ރުހާ ބުރުގާ އަޅާލިއެވެ. އޭނާ ހުރީ ދެފިކުރެއްގައެވެ. މިކްޔާން އައުމުގެ ކުރިން އޮންނާނީތޯ ނޫނީ މިކްޔާން ފާހާނާއިން ނުކުންނަންދެން މަޑުކުރާނީތޯއެވެ. ކޮންމެ ގޮތެއް ވިޔަސް މިއީ އޭނާގެ އަލަތު ކައިވެނީގެ ރެއެވެ. އެހެން ހިތަށް އަރުވާލުމުންވެސް އޭނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކައިވެނިކުރުމަކީ އޭނާގެ އަމިއްލަ ނިންމުމެއްނަމަވެސް ދެމަފިރިއެއްގެ ދެމެދުގައި އޮންނަންވާ ގުޅުން ދެމެހެއްޓުމަށް އަދި އޭނާ މުޅިއަކުން ތައްޔާރެއް ނޫނެވެ. އޭގެ ކުރިން މިކްޔާނާއި ދެމެދު އެކުވެރިކަމުގެ ގުޅުން ދަމަހައްޓާ، އެކަކު އަނެކަކު ރަނގަޅަށް ދަސްކުރަން އޭނާ ބޭނުންވެއެވެ. އެއީ ރުހާ ބޭނުންވާ  ގޮތްކަމުގައިވީނަމަވެސް، އޭނާ މިކްޔާންގެ އިޙްސާސްތަކަށް އިޙްތިރާމްކުރަން ބޭނުންވިއެވެ. ކައިވެނިކުރުމުގެ ކުރިން އޭނާގެ  މަންމަ އެންމެފަހުން ދިން ނަސޭޙަތުގައި ހިފައި އެއަށް ޢަމަލުކުރަން ބޭނުންވިއެވެ. ރުހާގެ މަންމަ އޭނާއަށް ބުނެދިނީ މާތް ﷲ ނަހީކުރައްވާފައިވާ އެންމެހާ ކަންތައް ފިޔަވާ، އެހެން ކޮންމެ ކަމެއްގައި ފިރިމީހާގެ ބަސްއަހައި ފިރިމީހާއަށް ފުރިހަމައަށް ކިޔަމަންވުމަށެވެ. އެގޮތުގައި އޭނާގެ ޢަމަލުތައް ބަހައްޓަށް ރުހާ ބޭނުންވިއެވެ. އުފާވެރި ބާއްޖަވެރި ދިރިއުޅުމަކަށް އެއީ ވަރަށް މުހިއްމު ކަމެއްކަމަށް، އޭނާވެސް ޤަބޫލުކުރެއެވެ.

**********

ނިދަން ތައްޔާރުވެގެން އައި ރަޔާން ބަލާލީ އެނދުމަތީގައި އޮތް ލައިނީއަށެވެ. އެއް އަތް ނިއްމަތީ ހުރަސްކޮށްލެވިފައިވާއިރު، އަނެއް އަތް ބަނޑުމަތީ ބާއްވާލައިގެން ލައިނީ އޮތީ ފުން ވިސްނުމެއްގެ ތެރޭގައެވެ. ރަޔާން އެނދުގެ އަނެއް ފަރާތުގައި އޮށޯތެވެ. ލައިނީގެ ބަނޑުމަތީ ބާއްވާލާފައިވާ އަތްމަތީ ރަޔާންގެ އަތް ބާއްވާލުމުން އޭނާ ދިޔައީ ސިހިގެންނެވެ. ގާތުގައި އޮތް ރަޔާނަށް ބަލާލަމުން ލައިނީ ހިނިތުންވެލިނަމަވެސް، އެމޫނުމަތީގައިވި ނުތަނަވަސްކަން ރަޔާނަށް ސިއްރެއް ނުވިއެވެ.

“ކޮންކަމަކާ ތި ވިސްނަނީ…..؟؟؟” ލޯތްބާއެކު ލައިނީގެ ނިތަށް ބޮސްދެމުން ރަޔާން އަހާލީ އޯގާތެރިކަމާއެކީގައެވެ.

“އަހަންނަށް މި ވިސްނެނީ ރުހާއާއި ދޭތެރޭ……” ރަޔާންގެ އަތްމަތީ ބޯއަޅާލަމުން އޭނާގެ މަގަތަށް އެނބުރިއޮވެ، ލައިނީ ބުނެލިއެވެ. ރަޔާނަށް ދެބުމަ ގާތްކޮށްލެވުނީ ލައިނީ ބުނަން އުޅޭ އެއްޗެއް ފަހުމް ނުވުމުންނެވެ.

“އަހަރެން ހިތަށް އަރަނީ ރުހާ އެހުރީ ހަމަ އުފަލުންބާއޭ…..؟؟؟ މިކްޔާން ނުވެސް ދަންނައިރު އޭނާއާއި ކައިވެނިކޮށްގެން އުފަލުގައި އުޅެވިދާނެބާއޭ…..؟؟؟؟ އަނެއްކޮޅުން…..” ލައިނީ ފަސްޖެހޭ ގޮތްވިއެވެ.

“އަނެއްކޮޅުން…. ކިހިނެއްވީ….؟؟؟؟” ރަޔާން އޮތީ ލައިނީ ދައްކަން އެ އުޅޭ ވާހަކައެއް އެނގެން ބޭނުންވެފައެވެ.

“ނައިޒަކް އަދިވެސް ރުހާއަށް ގުޅާ…. މިރޭވެސް ގުޅި ރުހާގެ ފޯނަށް….. އަހަރެން ވާހަކަ ދެއްކީ….. އޭނާގެ ވާހަކަތަކުން އެނގުނު މިފަހަކަށް އައިސް އޭނާ ރުހާއަށް ގުޅާކަން…. އެކަމަކު ރުހާ އޭނާގެ ކޯލްތަކަށް ޖަވާބެއް ނުދޭކަންނޭނގެ…..” އެނދުގެ ބޯލާކޮޅުގައި އުސްކޮށް ހުރި ފަޑީގައި ލެނގިލަމުން ލައިނީ މިރޭ ނައިޒަކާ ދެމެދު ފޯނުގެ ޒަރީޢާއިން ދެކެވުނު ވާހަކަތައް ރަޔާނަށް ޚިއްސާކޮށްލިއެވެ. ލައިނީ ތެދުވުމުން، ރަޔާންވެސް ތެދުވެ ދެފައި ވަށްކޮށްލައިގެން އިނދެ ދެކަކުލުގައި ދެއުޅަބޮނށި ވިއްދާލައިގެން އިނީ ލައިނީ ދައްކަމުން ދިޔަ ވާހަކަތަކަށް ސަމާލުވެލައިގެންނެވެ.

“ރުހާ ނުބުންޏަސް އަހަންނަށް ހީވަނީ އޭނާގެ ހިތުގައި އަދިވެސް ނައިޒަކްވާހެން….. އެކަމަކު އޭނާ ދެން ނައިޒަކާ އެއްގޮތަކަސްވެސް ގުޅެން ބޭނުން ނުވާތީ ކަންނޭނގެ މިކްޔާނާ ކައިވެނި ކުރީ އެ….. އެހާ ހިތްވަރުކޮށްގެން ދިރިއުޅުމުގައި ކުރިއަށްދާން ރުހާ މަސައްކަތްކުރާއިރު، ނައިޒަކް އެގޮތަށް ގުޅާ ކަމުގައިވަންޏާ ރުހާއަށް ވަރަށް އުނދަގޫވާނެ…. އެކަމުގެ ސަބަބުން ރުހާގެ ދިރިއުޅުމަށް އިންގިލާބެއް އައުމަކީވެސް އެކަށީގެންވާ ކަމެއް…..” ލައިނީގެ ވާހަކަތައް ކަނުލާ އަޑުއަހަން އިން ރަޔާން ބޯޖަހާލީ އެވާހަކަތަކަށް އެއްބަސްވުމުގެ ގޮތުންނެވެ.

“އެކަމާ ގުޅޭ ގޮތުން ރަޔާން ނައިޒަކްއާ ވާހަކަ ދައްކާލަންވީނު…..” ރަޔާންގެ ފަން އިސްތަށިގަނޑާ ކުޅެލަމުން ލައިނީ އެދުނެވެ. ލައިނީގެ އަތްތިލައިގައި ހިފާލަމުން ރަޔާން އެކަމާ އެއްބަސްވިއެވެ. މާދަމާ ހެނދުނު ސައިބޮއެގެން އެނބުރި ރަށަށް ދިއުމަށް ފުރަން ހަމަޖެހިފައިވާތީ، ދެމީހުން އެކުގައި ނިދަން އޮށޯތީ މާ ދަންވެފައިވުމުން އަވަހަށް ހޭލަން ބޭނުންވާތީއެވެ.

**********

މިކްޔާން ފާހާނާއިން ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ސޯފާގައި އިށީނދެލައިގެން އިން ރުހާގެ ހިތް އަވަސްވެލީ ފާހާނާގެ ދޮރުހުޅުވުނު އަޑަށެވެ. ފަހަތަށް އެނބުރިލަން ނުކެރިފައި އިންދާ މިކްޔާން ގޮސް މަޑުކޮށްލީ ރީތިވާ މޭޒުދޮށުގައެވެ. ހުދުކުލައިގެ ތުނި ޓީޝާޓަކާއި މަޑު އަޅިކުލައަކަށްދާ ސޯޓެއް ލައިގެން ހުރި މިކްޔާން ފެނުމުން އިހުނަށްވުރެވެސް ބޮޑަށް ރުހާގެ ހިތް އަވަސްވާންފެށިއެވެ. އިސް ޖަހާލައިގެން އިނދެ ދެއަތް ދެއަތާ މޮޑެމުންދިޔައިރު، ފިނި އޭސީ ތެރޭގައިވެސް ގައިން ދާހިއްލާލިއެވެ.

“ބުރުގާ އަޅައިގެންތަ ނިދަނީވެސް…..” ކަންބޮޑުވެފައި އިން ރުހާއަށް އިސްއުފުލާ ބަލާލެވުނީ މިކްޔާން ވާހަކަދެއްކުމުންނެވެ. ސޯޓުގެ ދެޖީބަށް އަތްޖަހާލައިގެން މިކްޔާން ހުރީ ސޯފާ ކައިރީގައެވެ. ހާސްވެފައިހުރިވަރުން މިކްޔާން އައިކަންވެސް ރުހާއަށް ނޭނގުނީއެވެ. ފުރަތަމަ ދޭނެ ޖަވާބެއް ނޭނގިފައި އިންނަމަވެސް، ދެވަނަ ސިކުންތުގައި ހިތުގެ އުދާސްތަކުގެ މައްޗަށް ކުރިހޯދަމުން، ދެފަރާތަށް ބޯހޫރާލަމުން ރުހާގެ ކުޑަ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. ބަދަލުގައި މިކްޔާންވެސް ހިނިތުންވެލަމުން ބޯ ޖަހާލިއެވެ.

ނުވިސްނާ އިންދާ ކުއްލިއަކަށް މިކްޔާން ސޯފާގައި އިށީނުމުން، ބޭއިޚްތިޔާރުގައި ރުހާއަށް އެއްފަރާތަކަށް ޖެހިލެވުނެވެ. މޫނުމައްޗަށް ނުތަނަވަސްކަންވެރިވެ، ދެލޯ ބޮޑުކޮށްގެން މިކްޔާނަށް ބަލަން އިނދެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ނަމަވެސް، މިއިން ކަމެއް މިކްޔާނަށް ރޭކާލާހެނެއް ހިޔެއް ނުވެއެވެ. އެއްފައިމައްޗަށް އަނެއް ފައި ލައިގެން އިން މިކްޔާން އިނީ ދެލޮލުގެ ދޭތެރެއަށްވާގޮތަށް ނޭފަތުގައި ހިފަހައްޓާލައިގެންނެވެ. ލޯމަރާލައިގެން އިން ނަމަވެސް އޭނާ އިނީ ވިސްނުމަކަށް ގެއްލިފައެވެ.

“ރުހާ….. ދޭ ނިދާލަން…. ކޮޅަށް ގިނައިރު ހުރެހުރެ ވަރުބަލިވެފައެއްނު ހުންނާނީވެސް…..” މިކްޔާން އެ އެއިން ގޮތަށް އިނދެ އެހެން ބުނެލުމުން، އެތެރެއަށް ހިފަހައްޓާލައިގެން އިން ނޭވާ ރުހާއަށް ދޫކޮށްލެވުނެވެ. ހަލަބޮލިވެފައިވާ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބުނެވެ. އެންމެ ހިނދުކޮޅަކުވެސް އެތާ މަޑުނުކޮސް އަވަހަށް ތެދުވެގެން ރުހާ ހިނގައިގަތީ ހަމަ އަސްލަށްވެސް ވަރަށް ވަރުބަލިކަން އިޙްސާސްވެ ނިދާލަން ބޭނުންވެފައި ހުރުމުންނެވެ.

ރުހާއަށް ދެފިޔަވަޅުވެސް ރަނގަޅަށް އެޅުނުކަމެއް ނޭނގެއެވެ. ފިޔަވަޅުތައް މަޑުޖައްސާލަން ޖެހުނީ މިކްޔާން ގޮވާލުމުންނެވެ. މިކްޔާންގެ ޚިޔާލް ބަދަލުނުވުމަށް ހިތާހިތުން ދުޢާކުރަމުން ރުހާ ފަސް އެނބުރި ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވިހިނދު، މިކްޔާން ލޮލުން އިޝާރާތްކޮށްލީ އޭނަގެ ގާތުގައި އިށީނުމަށެވެ. ހިންދިރުވާލަމުން ދާން ނުދާން ހުރެފައި ލަސްލަހުން ގޮސް މިކްޔާންގެ ގާތުގައި ސޯފާގައި ރުހާ އިށީނެވެ.

އަނެއްފައިމައްޗަށް އަރުވައިގެން އިންފައި ތިރިކޮށްލަމުން ރުހާއާއި ދިމާއަށް ކުޑަކޮށް އެނބުރިލަމުން މިކްޔާން ތައްޔާރުވެލީ އޭނާ ވިސްނަމުން ދިޔަ ކަންތަކުގެ ވާހަކަ ރުހާއާއި ޚިއްސާކުރުމަށެވެ. މިރޭ އެވާހަކަތައް ދެއްކުން މުހިއްމުކަމުގައި އޭނާއަށް ވިސްނުމުންނެވެ.

“ރުހާ…. އަހަރެން މި ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހައްޗޭ……” ރުހާއަށް ބަލަން އިނދެ މިކްޔާން މިހެން ބުނުމުން ބަސްއަހާ ކުޑަކުއްޖެއް ފަދައިން ރުހާ ބޯޖަހާލިއެވެ.

“އަހަރެމެންގެ ކައިވެނިކުރެވުނު ނަމަވެސް، ޙަޤީގަތުގައި އަހަރެމެން އެކަކު އަނެކަކު އެއްވެސް ވަރަކަށް ނުދަންނަން…. މިހާރަކަށް އައިސް ރާއްޖޭގައި މިކަހަލަ ގޮތަކަށް ނުދަންނަ ދެމީހުން ކައިވެނިކޮށްގެން ނޫޅޭކަންނޭނގެ…. އަހަންނަކަށް ނޭނގެ ރުހާ މިކަހަލަ ގޮތަކަށް އަހަރެންނާ ކައިވެނިކުރަން އެއްބަސްވީ ކީއްވެކަމެއް….. އަހަރެން މި ކައިވެނިކުރީ މަންމަމެންގެ އެދުމަށް…. މިބުނީ އަހަންނަށް ރުހާ ކަމުނުދެއެކޭ ނޫން…. އަދި ކަމުދެއެކޭވެސް ނޫން….. އަހަރެން އަދި ވަގުތު ބޭނުންވޭ…. މި ކައިވެނީގައި ޙަޤީގީ ކުލަ ޖައްސަން އަހަރެން އަދި ތައްޔާރެއް ނޫން…. އުއްމީދުކުރަން އަހަރެން ބުނަން މިއުޅޭ އެއްޗެއް ރުހާއަށް ފަހުމްވެއްޖެކަމަށް…..” އެންމެ ފަހު ޖުމްލަ ބުނެލަމުން މިކްޔާން ރުހާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ރުހާއަށް އަވަސްއަވަހަސް ބޯޖަހާލެވުނެވެ. މޫނުމަތިން ނުދެއްކި ކަމުގައިވިޔަސް އޭނާގެ ހިތް އުފަލުން ނަށަމުންދާކަހަލައެވެ. އޭނާއަށް ދައްކަން ނުކެރިކެން އުޅުން ވާހަކަތައް މިކްޔާން ދެއްކުމުން ރުހާ ވަރަށް އުފާވިއެވެ. އޭނަގެ ބޮލުން ހީވީ ބޮޑު ބަރެއް އުފުލިގެން ދިޔަހެންނެވެ.

ބޯޖަހާލުމަށްފަހު ރުހާއަށް ހިނިތިންވެލަމުން މިކްޔާން ސޯފާއިން ތެދުވިއެވެ. އަދި ބޮޑެތި ފިޔަވަޅުތަކެއް އަޅަމުން ގޮސް އެނދުގައި އިށީނދެ އެނދުގެ މެދަށްވާގޮތަށް ކަންނެޔޮ ބާއްވާލުމަށްފަހު، އޭގެ އެއްފަރާތުގައި އޮށޯތެވެ. މިކްޔާންގެ ޙަރަކާތްތަކަށް ބަލަން އިނދެފައި ރުހާވެސް ތެދުވެ، ބުރުގާ ބޭލުމަށްފަހު ދޮރުނިވަލުގައިހުރި ހަރުގައި އެޅުވުމަށްފަހު، ގޮސް އެނދުގެ އަނެއް ފަރާތަށް އަރާ އޮށޯތެވެ. މިކްޔާނާއެކު އެއް އެނދުގައި ނިދަންވުމުން ރުހާއަށް އުނދަގޫވީނަމަވެސް، ހިތްހަމަ ޖައްސަލައިގެން އޮތީ، ދެންމެ މިކްޔާން ދެއްކި ވާހަކަތައް ހަނދާންކުރަމުންނެވެ.

***********

ބަނޑުހައިކަން އިޙްސާސްވެގެން މިލާން ބަދިގެއަށް ދިޔައީ އެއްޗެއް ކާލުމަށްޓަކައެވެ. ފުރިޖުގެ ދޮރު ހުޅުވާލަން އުޅުނުވަގުތު، ކުޑަދޮރުގެ ލޯގަނޑުން ފެނުނު މަންޒަރަކުން މިލާން ބޮޑަށް ކުޑަދޮރާއި ގާތްވެލީ، އޭނާއަށް ފެނުނު މަންޒަރު ޔަޤީންކޮށްލުމަށެވެ. އާނއެކެވެ. އޭނާއަށް ހީވީ ހަމަ ރަނގަޅަށެވެ. ބޭރުގައި ހުރި ހަޓުގައި އެކަނި މާއެކަނި އިށީނދެލައިގެން އެ އިނީ ރިދާއެވެ. އެހާ ދަން ގަޑިއެއްގައި އެކަނި މާއެކަނި އެތާ އިނުމުން މިލާންގެ ހިތުގައި ސުވާލު އުފެދުނެވެ. އެވަގުތު އޭނާގެ ސިކުނޑިއަށް އައި ޚިޔާލަކުން ތުންފަތަށް ލުއި ހިތުންވުމެއް ވެރިވިއެވެ.

**********

ވިސްނުމަކަށް ގެއްލިފައި އިން ރިދާ ސިހިގެން ދިޔައީ އޭނާގެ މޫނާއި ދިމާއަށް މީހަކު “ޑައެރީ މިލްކް” ޗޮކްލެޓެއް ދިއްކޮށްލުމުންނެވެ. ރިދާ އިސްއުފުލާ ބަލާލިއިރު، ގާތުގައި ހުރި މިލާން ފެނުމުން ހައިރާންވިއެވެ. ހިނިތުންވެލަމުން މިލާން ލޮލުގެ އިޝާރާތުން އޭނާގެ ކަނާތުގައި އޮތް ޗޮކްލެޓުގައި ހިފުމަށް ބުނެލިއެވެ. އޭގައި ހިފަމުން ރިދާ ޝުކުރުއަދާކޮށްލިއެވެ. މިލާން އޭނާގެ ވާތުގައި އޮތް ކޮފީދަޅު ކަނޑަމުން ރިދާގެ ކުރިމައްޗަށްވާގޮތަށް އިން ގޮނޑީގައި އިށީންނަމުން ރިދާއަށް ބަލާލިއެވެ. އެމޫނުމަތިން ފެންނަމުން ދިޔައީ ދެރަވެފައިވާކަމުގެ އަސަރުތަކެވެ.

“ކީއްވެ މިތާ އެކަނި މާ އެކަނި ތި އިނީ….؟؟؟” ކޮފީދަޅުން ކޯވަރެއް ބޯލަމުން މިލާން އަހާލީ ރިދާގެ މޫނުން ނަޒަރު ވަކިކޮށްނުލާ އިނދެއެވެ. އޭރު ރިދާ އިނީ އިސްޖަހާލައިގެން އަތުގައި އޮތް ޗޮކްލެޓާއި ކުޅެލަކުޅެލައެވެ. އެހެންޏާ އެ މޫނުމަތީގައިވާ އުޖާލާކަމުގެ އެއްވެސް އަސަރެއް މިވަގުތު އެމޫނުމައްޗަކު ނެތެވެ.

ރިދާ އިސް އުފުލާ ބަލާލަމުން ކަމެއް ނުވެއޭ ބުނެލިއެވެ.

“ފަހަރިއާއި ވަކިވެގެން ދާން ޖެހޭތީ އެކަމާ ވިސްނަނީ ދޯ…..” ރިދާގެ މޫނުގެ ކުލަވަރުތަކަށް ބަލަން އިނދެފައި މިލާން ބުނެލީ ރިދާގެ އެ ނުތަނަވަސްކަމާ ރުހާގެ ކައިވެންޏާއި ގުޅިފައިވާހެން ހީވާތީއެވެ. މިލާންގެ ވާހަކައިން ރިދާއަށް އޭނާއާއި ދިމާއަށް ބަލާލެވުނެވެ. އަދި ފުންނޭވާއެއް ދޫކޮށްލުމަށްފަހު، ވާހަކަ ދައްކަން ފެށިއެވެ.

“މިލާންއަށްވެސް އެނގޭނެ ކަންނޭނގެ…. ދޮންތިމެންގެ ކައިވެނި ކުރެވުނީ އެހެންކަހަލަ ގޮތަކަށް….. މިބުނީ…. ކައިވެނީގެ ކުރިން އެކަކު އަނެކަކު ނުވެސްދަނެ…. އެކަކު އަނެކަކާ ވާހަކަވެސް ނުދައްކާ…. ހިތަށް އަރަނީ ދޮންތިމެން ކިހިނެއްބާއޭ….. މިބުނީ….” ރިދާއަށް އެ ވާހަކަ ދައްކަން އެހާ ފަސޭހައެއް ނުވިއެވެ. އެކަން މިލާނަށްވެސް ދެނެގަނެވުނެވެ. އެހެން ނަމަވެސް އޭނާ މަޑުން އިނީ އަނެއްކާވެސް ރިދާ ވާހަކަ ދައްކަން ފެށުމުންނެވެ.

“އަހަރެން ހިތަށް އަރަނީ ކުރިން ނުވެސް ދަންނަ ދެމީހަކު ކިހިނެއްބާއޭ އެއްކޮށް ދިރިއުޅޭނީ…. އަނެއްކާ ދޮންތިބެއެކޭ އެއްގޮތަށް މި ޢާއިލާއަކީވެސް އަދި ދޮންތިއަށް މުޅިން އާ ބައެއް….. ނުވެސް ދަންނަ ބީރައްޓެހި ރަށެއްގައި ނުދަންނަ ބައެއްގެ ތެރޭ އުޅެން ޙަޤީގަތުގައިވެސް ވަރަށް އުނދަގޫވާނެ….. އަހަރެމެން މާދަމާ ފުރައިގެން ދިޔައީމަ ދޮންތި ވަރަށް ދެރަވާނެ…. އަހަރެންވެސް…..” އެހާ ހިސާބަށް ރިދާގެ ވާހަކަ ދިޔައިރު އޭނާގެ އަޑު ކުރަކިވެ އަޑަށް ބަދަލު އައިކަން މިލާނަށް ފާހަގަވިއެވެ. އިސްޖަހާލައިގެން އިނދެ ރިދާ އޭނާގެ ދެލޮލަށް ޖަމާވި ކަރުނަތިކިތައް އަތުގެ ބޮޑުވާ އިނގިލިން ފުހެލަމުން އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދަންފެށިއެވެ.

“މީގެ ކުރިން އެއްދުވަހަށްވެސް އަހަރެމެން ދެމީހުން ވަތްކެއް ނުވަން…. އެކަމަކު….. އެކަމަކު ދެން މި ޖެހުނީ ޙަޔާތުގެ ބާކީ އޮތްބައި ދޮންތިއާއި ވަކިން އުޅެން…. އަހަރެން ވަރަށް ދެރަވާނެ…. ދޮންތިވެސް…. ދޮންތިވެސް ވަރަށް ދެރަވާނެ…. އެކަމަކު ހިޔެއް ނުވެ މީހެއްގެ ގާތުގައި އެވާހަކަތައް ޚިއްސާކުރާނެހެނެއް….. މިހާރަކަށް އައިސް ދޮންތި، އަހަރެމެންނާ ދިރިއުޅުމުގެ ވާހަކަތައް ހިއްސާއެއް ނުކުރާނެ…. މިކަހަލަ ގޮތަކަށް ނުވެސް ދަންނަ މީހަކާ ކައިވެނިކުރަން ބޭނުންވީ ކީއްވެ ކަމެއްވެސް އަދި އަދަށްދާންދެންވެސް އަހަރެމެންނަކަށް ނޭނގެ….. އެހެންވެ އަހަރެން ދެރަވަނީ…. ކޮންމެ ޙާލެއްގައި އުޅެން ޖެހުނަސް ދޮންތި އަހަރެމެން ގާތަކު ބުނާނެހެނެއް ހިޔެއް ނުވޭ…. އަހަރެން އެންމެ ދެރަވަނީ އެކަމާ….” ރިދާގެ ހިތުގެ އިޙްސާސްތައް މިލާންގެ ކުރިމަތީ ބަންޑުންކޮށްލިއެވެ. މިލާނަށް ބަލާލުމަށްފަހު ހިނިތުންވެލިނަމަވެސް އެ ހިނިތުންވުމުގައި އުފާވެރިކަމުގެ އެއްވެސް އަސަރެއް ނުވެއެވެ. ފަރުވާތެރިކަމާއިއެކު، ރިދާގެ ވާހަކަތައް އަޑުއަހަން އިން މިލާން ކޮފީދަޅުން ކޯވަރެއް ބޯލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

“އަހަރެންނަށް އިޙްސާސްކުރެވޭ ރިދާގެ ހިތުގެ ޙާލު….” މިލާންގެ ދުލުން ނުކުތް ޖުމްލައަކުން މިލާނާއި ދިމާއަށް ރިދާއަށް ބަލާލެވުނީ ފާޑަކަށެވެ.

“މި ބުނީ ފަހަރިއާއި އެކީ އަބަދު އެއްކޮށް އުޅެފަ، ނުވެސް ދަންނަ ބައެއްގެ ތެރެއަށް ދޫކޮށްލާފަ ދާންވީމަ ދެރަވާނެކަން….” ރިދާ ބަލާލި ގޮތުން މިލާން އަވަސްއަވަހަށް ބުނެލިއެވެ. ރިދާ މަޑުމަޑުން ބޯ ޖަހާލަމުން އަތުގައި އޮތް ޗޮކްލެޓަށް ބަލާލިއެވެ.

“އަސްލު އަހަރެންނަށްވެސް ކުޑަކޮށް އޮޑް ގޮތެއް ހުރި އެކަކު އަނެކަކު ނޭނގި ކައިވެންޏާއި ހަމައަށް ދިޔައީމަ…. މިކީ ދޮންބެއަކީވެސް ވަރަށް ފާޑެއްގެ މީހެއް….. މިބުނީ…. ތަންކޮޅެއް ބަސްމަދުވެފަ ހިތުގެ ޙާލު އެހެން މީހުންނާ ބަޔާންކުރާކަށް ބޭނުމެއް ނުވާނެ….. އަދި މި ވީހާތަނަށް މަންމަމެންގެ އެއްވެސް އެދުމަކަށް ދެކޮޅެއް ނުހަދާ…. ކައިވެންޏަށް އެއްބަސްވީވެސް މަންމަމެންގެ އެދުމަށް…. އޭނާ ބޭނުންވެގެން ކަމެއް ނޫނީ ނޫންކަމެއް ބުނާކަށް އަހަންނަކަށް ނޭނގެ…. އެކަމަކު އަހަރެންނަކަށް ހިޔެއް ނުވެ މިކީ ފަހަރިއަށް ދެރަގޮތެއް ހަދާނެހެނެއް….” މިލާންގެ ވާހަކަތައް އަޑު އަހަން އިން ރިދާ އޭނާއަށް ބަލާލަމުން ފަނޑުގޮތަކަށް ހިނިތުންވެލިއެވެ. ރިދާގެ ހިތަށް އަދިވެސް ފުރިހަމައަށް ހަމަޖެހުމެއް ނުލިބޭކަން މިލާނަށް އެނގުނެވެ.

“ދޮންބެގެ ފަރާތަކުން އަހަރެންނަކަށް ޔަޤީންކަމެއް ނުދެވޭނެ…. އެކަމަކު، އަހަރެން ރިދާއަށް ޔަޤީންކަން މި ދެނީ، އަހަރެން ފަހަރި އެކަނިވިޔަކަ ނުދޭނަން…. މާތް ﷲ އިރާދަކުރެއްވިއްޔާ އަހަރެންނަށް އެނގިގެން މިގޭތެރޭން ފަހަރި ދެރަވެ، ހިތުގައިޖެހޭފަދަ ކަމެއްވިޔަކަ ނުދޭނަން…. ފަހަރިއާއި ގުޅިގެން މިގޭތެރޭގައި ހިނގާ ކަންތައްތަކުގެ ޚަބަރު ބަރާބަރަށް ރިދާއަށް ފޯރުކޮށްދޭނަން…. އެންމެ ރަނގަޅުތަ….؟؟؟؟” މިލާ މޯޅިވެފައި އިން ރިދާއަށް ބަލާލަމުން މިލާން ބުނެލިއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. ރިދާގެ އެ ނުތަނަވަސްކަން ފެނިފައި ކޮންމެހެންވެސް ރިދާގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަން އޭނާ ބޭނުންވިއެވެ. ރިދާއާއި ބައްދަލްވި މަދުވަގުތުކޮޅުގައި މި ނޫނީ އޭނާގެ މޫނު އެހާ މިލާފައިވަނިކޮށް އޭނާ އަދި ނުދެކެއެވެ. އެހެންވެގެން ކަމަށްވެސް ވެދާނެއެވެ.

މިލާންގެ ވާހަކަތައް އަޑުއަހަން އިން ރިދާގެ ތުންފަތަށް ހިނިތުންވުން ވެރިވީ ހިތަށް ލިބުނު ކުޑަނަމަވެސް ހަމަޖެހުމަކުންނެވެ. ދެލޮލުގައި ތަފާތު ވިދުވަރެއް އެކުލެވިގެން ދިޔައެވެ. “އަސްލުވެސް”ހޭ އަހާލެވުނީ އުފާވީވަރުންނެވެ.

ރިދާގެ މޫނުގެ ކުލަވަރު ބަދަލުވިތަން ބަލަން އިނދެފައި ހިނިތުންވެލަމުން މިލާން ބޯޖަހާލިއެވެ. ރިދާ އަވަސްއަވަހަށް މިލާނަށް އޭނާގެ ފޯން ނަންބަރު ޚިއްސާ ކޮށްލީ ރުހާގެ ޚަބަރުތައް އޭނާއަށް ބަރާބަރަށް ޚިއްސާކުރުމަށް ބުނަމުންނެވެ.

“ރިދާ ކީއްވެ ބީރައްޓެއްސަކާ ކައިވެނިކުރަން ބޭނުން ނުވަނީ….” ރިދާގެ ނަންބަރު ފޯނުގައި ރައްކާކޮށްލުމަށްފަހު މިލާން އަހާލިއެވެ. ދެލޯ ހަނިކޮށްލަމުން ރިދާއަށް އަހާލެވުނީ މިލާނަށް އެކަން އެނގުނީ ކިހިނަކުންތޯއެވެ. ލައިނީގެ ފަރާތުންކަން އެނގުމުން އެވެސް އަނގައިގަ ފޯރި ހުންނަ އަންހެނެކޭ ބުނަމުން ރިދާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

“ދެން ބުނެބަލަ…. ކީއްވެގެންތަ…..؟؟؟” ގަޔާވެފައި އިނދެ މިލާނަށް އަހާލެވުނެވެ.

“އަސްލު ފުރާވަރަށް އެރީއްސުރެވެސް އަހަރެން ބޭނުމެއް ނުވާނެ ރަށުން ބޭރުން މީހަކާ ކައިވެނިކުރާކަށް…. މަންމަމެންނާ، ދޮންތިއާއި ވަކިން ދުރުގައި އުޅެން އަހަރެން ބޭނުމެއް ނުވޭ…. ނޭނގެ އުޅެވޭނެކަމެއްވެސް…. އަހަރެން ބޭނުންވަނީ އަބަދުވެސް އެމީހުން ފެންނަހިސާބުގައި ހުންނަން…. އެކަމަކު އަހަރެން އެގޮތް ބޭނުންވިޔަސް ދޮންތިއާއި ވަކިން ދެރަށެއްގައި އުޅެން ދޯ މި ޖެހުނީ…..” އެމަތިން ހަނދާންވުމުން ރިދާ އަނެއްކާވެސް ދެރަވިއެވެ.

“ދެން އެކަމާ އެހާ ދެރަނުވޭ….. އެހެން ނޫނަސް އަހަރެން މި ބުނީނު ފަހަރީގެ ޙަބަރުތައް ބަރާބަރަށް ރިދާއަށް ފޯރުކޮށްދޭނަމޭ…. އެވަރުންވެސް ހިތް ނުފުރެންޏާ، ހަފްތާއަކު އެއްފަހަރު ރިދާ މިރަށަށްވެސް ގެނެސްދީފާނަމޭ….. ދެރަށަކަށްވިޔަސް ދެރަށް އެހާ ދުރެއްވެސް ނޫނެއްނު……” މިލާން ބެލީ ރިދާ ހިތްހަމަ ޖައްސައިދެވޭތޯއެވެ. އޭނާގެ މަސައްކަތް ކާމިޔާބުވެސް ވިއެވެ. މިލާންގެ ވާހަކަތަކުން ހިތްހަމަޖެހުނުވަރުން ރިދާއަށް ހިނިތުންވެލުނެވެ.

“ދެން ދޭ ނިދާލަން…. ވަރަށް ދަންވެސް ވެއްޖެ… ވަރުބަލިވެސް ވެފައެއްނު ހުންނާނީ…..” މިލާން މިހެން ބުނުމުން ބޯޖަހާލުމަށްފަހު، އެތަނުން ދިއުމަށްޓަކައި ރިދާ އެނބުރުނެވެ. ފަރުވާތެރިކަމާއިއެކު ރިދާއަށް ބަލަން އިން މިލާނަށް ކޮޅަށް ތެދުވެވުނީ އެތަނުން ދާން ހިނގައިގަތް ރިދާ ހުއްޓުމަށްފަހު ފަސްއެނބުރި ބަލާލުމުންނެވެ. މިލާން ނިއް އަރުވާލަމުން “ކިހިނެއްވީ”ހޭ އަހާލުމުން ރީތި ހިނިތުންވުމަކާއިއެކު ރިދާ ޝުކުރު އަދާކޮށްލިއެވެ. ބޯޖަހާލަމުން މިލާންވެސް ބަދަލުގައި ހިނިތުންވެލުމުން ރިދާ ހިނގައިގަތީ ހިތްހަމަ ޖެހިފައިހުރެއެވެ. ފުރަތަމަ ބައްދަލްވުމުން ދެމީހުން “ކޯޅުނު” ނަމަވެސް މިހާރު އެދެމެދުގައި ވަނީ ގާތް އެކުވެރިކަމެއް އުފެދެން ފަށާފައެވެ.

**********

އާދައިގެމަތިން ރުހާއަށް ހޭލެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށްށެވެ. ކޮންމެ ރެއަކުވެސް އެވަގުތަށް ހޭލުމަށް އާދަވެފައިވާތީ، އޭނާއަށް އެލާމްގެ ބޭނުމެއް ނުޖެހެއެވެ. ދެލޯ އުނގުޅަމުން ތެދުވެ، ރުހާ، އެނދުގެ ބޯލާކޮޅުގައިވާ ފަޑީގައި ލެނގިލިއެވެ. އަދި އަނެއް ފަރާތުގައި އަރާމުކޮށް ނިދާފައި އޮތް މިކްޔާނަށް ބަލާލިއެވެ. ފުން ނިދީގެ ތެރެއަށް ގެނބިފައި އޮތް މިކްޔާން އޮތީ ރުހާގެ މަގަތަށް އެނބުރި ބާލީހެއްގައި ބައްދާލައިގެންނެވެ. އެހެންނޫނީ ކޮޅަށް ނަގައި އެއްވަރުކޮށް ފުނާ އަޅާފައި އޮންނަ އިސްތަށިގަނޑު އޮތީ އެއްވެސް ތަރުތީބެއް ނެތި ހޭވިފައެވެ. ނިއްމައްޗަށް އެޅިފައިވާ ފަން އިސްތަށިތަކުގެ ސަބަބުން އޭނާއަށް އުނދަގޫވާހެނެއް ހިޔެއް ނުވެއެވެ. އިރުކޮޅަކު މިކްޔާނަށް ބަލަން އިނދެފައި ރުހާގޮސް ވަނީ ފާހާނާއަށެވެ.

ވުޟޫކޮށް ތާޒާވެލައިގެން ފާހާނާއިން ނުކުތް ރުހާ މިސްރާބު ޖެހީ ނިދާފައި އޮތް މިކްޔާނަށް ގޮވަން ދިއުމަށެވެ. ފަތިސް ނަމާދުކުރުމަށް މިކްޔާން ހޭލެއްވުމަށްޓަކައެވެ. އެނދާއި ހަމައަށް ދިޔަނަމަވެސް މިކްޔާނަށް ގޮވުމަށް އޭނާ ފަސްޖެހުނެވެ. ނަމަވެސް، ވަރަށް ހިތްވަރުކޮށްލާފައި ގުދުވެ މިކްޔާންގެ ގައިގައި އިނގިލިކުރި ޖައްސާލަން އުޅުނުވަގުތު ރުހާގެ ލޮލުގައި އަޅައިގަތީ އެނދުގެ އަނެއް ފަރާތުގައި، އޭނާ ނިދަން އޮތްތާ ވިދަވިދާއޮތް އޭނާގެ ރަންކެވެލިކޮޅެވެ. އަތަށް ބަލާލަމުން، މިކްޔާންގެ ގައިގައި ނުޖެހޭނެވަރު ބަލާފައި އޭނާގެ ގައިމަތިން ގުދުވެލަމުން ރުހާ އުޅުނީ ކެވެލިކޮޅު ނަގާށެވެ. އެވަގުތު މިކްޔާން ބޯއަޅައިގެން އޮތް ބާލީސް ކައިރީގައި އޮތް މިކްޔާންގެ ފޯން އެލާމްވާން ފެށިއެވެ. ރުހާއަށް ކިރިޔާ ކެވެލިކޮޅުގައި އަތުޖެހުނުތަނާހެން، އެލާމްގެ އަޑަށް މިކްޔާން ލޯހުޅުވާލިއެވެ. ނިދީގެ އަސަރު އެކުލެވިފައިވާ މިކްޔާންގެ ދެލޮލަށް ފަނޑު އަލީގެ ތެރެއިން އޭނާގެ ގައިމައްޗަށް ވާކަހަލަ ގޮތަކަށް ގުދުވެގެން އޮތް ރުހާ ފެނުމުން ވަގުތުން ދެލޮލުގެ ނިދި ފިލާ ދިޔަކަހަލައެވެ. އަވަސް ޙަރަކާތަކާއެކު، ނުވިސްނާ ހުރި ރުހާ ކޮށްޕާލަމުން ތެދުވެ އިށީންއިރު އެ ދެލޮލުގައިވަނީ ރުޅިވެރިކަމެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ހީވޭ ކަލާވާހެން-5

Next

ފުރަތަމަ ނަޒަރުން ވެވުނު ލޯބި….

Next
August 29, 2021

ފުރަތަމަ ނަޒަރުން ވެވުނު ލޯބި….

Previews
August 28, 2021

ހީވޭ ކަލާވާހެން-5

3 Comments!

  1. Eemyaa says:
    August 28, 2021 at 3:06 pm

    Kiyuntherinnah mi baives kamudhaane kamah ummeedhukuran ? enjoy reading

  2. Frost Girl says:
    August 28, 2021 at 4:55 pm

    Varah reethi love it

    1. Eemyaa says:
      August 28, 2021 at 10:15 pm

      Thanks Frost Girl ❤

Comments are closed.

Next Episodeޔާރު ނުބުނޭ ތިހެން … (4)←


All Right Reserved!