Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތި ސޫރަ ނޫން 16

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
August 30, 2021 9 Mins Read
5 Comments

ޔައުލާން ގެއަށް ދޫކޮށްލުމުން އެހަފްތާތަކުގެތެރޭގައި އޭނައަށް ނުލިބި ހުރި ޚަބަރުތައް ލިބިގެންދިޔައެވެ. ޒައިހާން ކޯމާއަކުން ހޭއެރީ ހަމަ ދެދުވަހެއް ކުރިންކަމާއި މިޝްލާވެސް ހިތާމަތަކުން ފުރިބާރުވެފައިވާ ހިތަކާއި އެކީގައި ޒައިހާންގެ ހިދުމަތުގައި ހުއްޓެވެ. އެއީ އަންގާރަ ދުވަހެކެވެ. ޒައިހާން ޔައުލާން އާއި ބައްދަލުކުރަން ބޭނުންވެގެން ބުނީ އެދުވަހެވެ. ހޮސްޕިޓަލްތެރެއަށް ނެގި ފިޔަވަޅާއިއެކީގައި އޭނަގެ މޫނުމަތިން ފެންނަނީ ހުސްކަމެވެ. ދިރިއުޅުމުގެ މަގްސަދުވެސް ގެއްލުނީއެވެ. ޔައުލާންގެ ދެލޮލުގައި ހިތާމައިގެ ފުން ކަނޑެއް އޮއިދަމަމުންދިޔަފަދައެވެ. ހިކިފައިވާ ތުންފަތާއި ރަތްވެ ވަޅުވަންނަވަރުވެފައިވާ ދެލޯ ފެނިއްޖެނަމަ މީހެއްގެ ހިތް ހަމްދަރުދީއިން ފުރޭނެއެވެ. އަލީސާ ޔައުލާން ގޮވައިގެން ޒައިހާން ބާއްވާފައި އޮތް ރޫމަށް ދިޔައިރު އެތަނުގައި އާދަޔާޚިލާފަށް ޑޮކްޓަރުންނާއި ނަރުހުން ހަރަކާތްތެރިވެ އުޅޭތަން ފެނުނެވެ. އަދި އެތެރެއިން މިޝްލާގެ ބާރު ރުއިމުގެ އަޑު އިވެމުން ދިޔުމާއިއެކީގައި ކަމެއް ގޯސްވެއްޖެކަން އަލީސާ އަދި ޔައުލާނަށްވެސް އެނގުނެވެ. *

ފަޔަށް ލެވުނުހާ ބާރެއް ލާފައި އަލީސާމެންނަށް ރޫމަށް ވަދެވުނުއިރު މަރަށްތެރޭ ފަދައިން ޒައިހާން އެނދުމަތީގައި ތެޅެނީއެވެ. ދެ ޑޮކްޓަރުންނަށްވެސް ޒައިހާނެއް ނުހިފޭއްޓުނެވެ. ޒައިހާންގެ ކަރުނުން ފުރެމުން ދިޔަ ދެލޮލާއި މިލީން ވަކިވެއްޖެޔޭ ކިޔާ އަޑުކޮޅަށް ރޮމުން ހަޅޭއްލަވަމުން ދިޔައިރު މިލީން މިދުނިޔެއާއި ވަކިވެއްޖެކަން ޒައިހާންއަށްވެސް އެނގުނީކަން ޔައުލާންއަށް އެނގުނެވެ. ވަގުތުން ޔައުލާންގެ ދެލޯވެސް ތެމުނެވެ. މިލީންގެ ބައްޕަގެ މަގާމުގައި ބާރަ އަހަރުވަންދެން ހުރީ ޒައިހާންއެވެ. ދަރިން ނުލިބޭ މީހަކަށްވާތީ ޒައިހާންގެ ހިތުގައި މިލީންއަށް ދެވިފައިވަނީ އުފަންދަރިއެއްގެ މަގާމެވެ. ހިތުގެ މައްސަލަތައް ހުންނާތީ ޒައިހާން އެހެން އެކަކަށްވުރެވެސް ބަލިކައްޓެވެ.

ރޮއިރޮއިފައި ޒައިހާން ބަލާލީ ޔައުލާންގެ މޫނަށެވެ. “އަހަރެންގެ.. އަހަރެން.. އޮފީސް ކެ.. ކެބިންގައި ވާނެ ފައިލްތަކެއް… އެއީ އަހަރެންގެ މުޅި ކޮން…ޕެނީ ޔައުލާން އާއި ހަވާލުކުރިކަމުގެ ލިޔެކިޔުންތައް.. ޔުއެލް.. އަހަރެން ނެތް ދުނިޔެއެއްގައި ވެސް މިޝީއަށް އަޅާލާތި.. އަލީސާ.. ހިތްހެޔޮ ކުރާތި.. އަހަރެންނަށް ހެޔޮ ދުއާ ކޮށްދޭތި.. ޒާމިންއަށް އަހަރެންގެ ހިތް އަބަދުވެސް ހެޔޮ.. ޒާމިން އާއި އަލީސާގެ އާއިލާއަށް ހެޔޮ ރަހުމަތް ލައްވާށި… މިޝީ.. އަހަރެންގެ ފު… ފުރާނަ.. އަހަރެން އެންމެ ފަހު ނޭވާ ދޫކޮށްލަންދެންވެސް ލޯބިވީ މިޝީދެކެކަން ހަނދާންކުރާތި.. އަބަދުވެސް މިޝީދެކެ ލޯބިވަން.. އަދި ވާނަން..” ޒައިހާން އެހެން ބުނަމުން ދިޔައިރު މިޝްލާ ރޯމަހެއްހެން ތެޅެމުން ދިޔަ ޒައިހާންގެ އަތްތިލައިގައި ހިފާ ބާރު ކޮށްލައިގެންހުރެ ދެފަރާތަށް ބޯހޫރަމުން ދިޔައެވެ. “ޒާހު ނޫން…” ނަވާލްދެކެ ވާލޯތްބާއި އެއްވަރަށް ޒައިހާންދެކެ ލޯބި ނުވިޔަސް މިޝްލާގެ ހިތުގައި ޒައިހާންއަށް ލޯތްބާއި އެއްވަރަށް އިހުތިރާމާއި ގަދަރު ވެއެވެ. ޒައިހާންގެ ދުލުން ބޭރުވާ ކޮންމެ ލަފްޒަކާއި އެކީގައި މިޝްލާގެ ހިތް ކުދިކުދިވަމުން ދިޔައެވެ. ދެފަރާތަށް ބޯހޫރަމުން ދިޔައީވެސް އެހެން ނުބުނުމަށް އެދެންވެގެން ދުލަށް ހަރަކާތް ނައުމުންނެވެ. މިޝްލާގެ ހިތް މޭފަޅާލާފައި ނުކުންނާނެހާ ބާރަށް ތެޅެމުން ދިޔައިރު ހީވަނީ ދެންމެދެންމޭން އަނބުރައިގަނެފާނެހެންނެވެ.

ދެލޯފަދަ ދަރިފުޅު ވަކިވީއިރުވެސް ކަށްޓާއި ބޮލާ މޭގައި ނެތް ހިތްވަރުލައިގެން އޭނަ ކެތްކުރިއެވެ. ނަވާލްގެ ހުރި ހަމައެކަނި ހަނދާނަކީވެސް މިލީންއެވެ. އެ ދަރިފުޅު ދުނިޔެ ދޫކޮށް އެދިޔައީ ހާދަ ހިތްދަތިކޮށެވެ. މިލީން ހިތަށް އަރާ ކޮންމެ ފަހަރަކު މިޝްލާގެ ލޮލަށް ކަރުނަ އާދެއެވެ. ނުވަ މަހާއި ނުވަ ދުވަސް ވަންދެން ވޭނާއި އެކީ ނަމަވެސް ކެތްކުރީ ހަމަ އޭނައެވެ. ކުޑަދުވަހުން ފެށިގެންވެސް މިލީން ބެލީ އޭނައެވެ. މިލީން އެއީ އޭނަގެ ދެލޮލުގެ ކޮއެވެ. ފުރާނައިގެ ދިރުމެވެ. ނަވާލްގެ ވަކިވުމުން އޭނައަށް ދިރިހުރުމުގެ މަގުސަދެއް ދިން ހަމައެކަނި ފަރާތެވެ. މުޅި ހަޔާތް އުޖާލާކޮށްދިން ރަން މަލެވެ. އިތުރުން ޒައިހާންއަކީ ނަވާލަށްފަހު މިޝްލާއަށް ލޯބިވާން ދަސްކޮށްދިން ފަރާތެވެ. ހާލުގައި ޖެހުނު ދުވަހު އޭނައަށް އެހީތެރިކަމުގެ އަތް ދިއްކޮށްލި މީހާއެވެ. ދުވަހަކުވެސް އެ އިހުސާންތެރިކަން އަނބުރާ ރައްދު ނުކޮށްދެވޭނެހާ ބޮޑަށް އަޅާލި މީހާއެވެ. މިލީންއަށްފަހު އޭނަ އެންމެ ލޯބިވާ ފަރާތް އޭނަ ދޫކޮށްދާން އުޅޭކަމުގެ އިޝާރާތްތައް ފެންނަން ފެށުމާއި އެކީގައި މިޝްލާގެ މޭ ފިތެންފެށިހެން ހީވިއެވެ. އެ ކަމީނާ ހިތަށް ކެތްވާވަރެއް ނުވިއެވެ. ހޯސްލާފައި ދެލޮލުން ކަރުނަ ފައިބަމުން ދިޔައިރު އެމޫނު ވަނީ ރަތްވެފައެވެ.

“ނަވާލަށް އަހަރެންގެ މާފް ރައްދުކޮށްދޭތި.. އަދި ކެ.. ކެބިންގައި ހުރި ޑްރޯ..ވަރ ގައި ވާނެ ކަޅު ބަނޑޭރިގަނޑެއް ލީ ދުވަސްވީ ފޮތެއް.. އޭތި ނަވާލާއި މިޝީ ދެމީހުންވެގެން ކިޔާތި.. މިއީ އަހަރެން ކުރާ ވަސިއްޔަތެއް.. މަގޭ ދަރިފުޅު ލީން….” އެހިސާބަށް ބުނެފައި ޒައިހާން ހިތާއިވީ ފަޅީގައި އަތްޖައްސާލައިފިއެވެ. އޭރުވެސް ޑޮކްޓަރުން އެމީހުންގެ މަސައްކަތައިގެން ކުރިއަށްގޮސް ޒައިހާންއަށް އެހީވެވޭތޯ ބަލަމުން ދިޔައެވެ. ޒައިހާންގެ ކައިރީ އޮށޯންނާށޭ ބުނެބުނެ ޒައިހާން އަޑު ނޭއްސެވެ. އޭނަ ބެލީ އޭނަ ބުނަން ބޭނުންވާ އެއްޗެހިތައް އޭނަގެ ފުރާނަ ހިއްޕެވުމުގެ ކުރިން ބުނެވޭތޯއެވެ. ޚުދު ޒައިހާނަށްވެސް އޭނަގެ ފަހު ވަގުތުކޮޅުކަން އިހުސާސްވީ ކަންނޭނގެއެވެ. “ލީން ދަރިފުޅާ..” ޒައިހާންގެ ލޮލުން ކަރުނަތައް ހޯސްލާފައި ފައިބަމުން ދިޔައެވެ. “ބައްޕަ މިދަނީ މަންމަގެ ހިތް ހަލާކު ކޮށްލާފައި ދަރިފުޅާއި ވަރަށް ކައިރިއަށް ދާން.. މިޝީ.. އަހަރެންނަށް މާ ވަގުތެއް ނެތް.. ޔުއެލް.. ހިތްވަރުގަދަ ކޮށްގެން ކާމިޔާބު މީހަކަށްވާތި.. ލަނޑުދަނޑިތައް ހަދާ އެއާއިހަމައަށް ވާސި..ލުވެވޭތޯ….ބަލާ…ބަލާތި.. ބޭބެ އަބަދުވެސް ޔުއެލް އާއި ދޭތެރޭ ފަޚުރުވެރިވަން.. މަންމަ އާއި ބައްޕައަށް…. އަޅާލާތި.. ޒާހުބޭ ނެތް ދުނިޔެއެއްގައި މިއްތައަށް ބަލައިދޭތި.. އާދޭސްކުރަން..” ވޭނީ ހިނިތުންވުމެއް ޔައުލާންއަށް ހަދިޔާ ކޮށްލިއިރު ޒައިހާންއަށް އިތުރަށް ރޮވިއްޖެއެވެ. ފުންކޮށް އަވަސްކޮށް ނޭވާލަމުން ގެންދިޔައިރު ވަރަށް ވޭނުގައި އުޅޭކަން އަންގައިދެއެވެ.

“މިޝީ… އަބަދުވެސް މިހިތުގައި ވަނީ ތި ނަން.. ރެއާއި ދުވާލު މި ސިކުނޑީގައި ވީ ތި ތަސްވީރު… ތި ސޫރަ ނޫން………..” ޒައިހާންއަށް ބުނެވުނީ އެހިސާބަށެވެ. މޮނީޓަރުން ސީދާވި ދެ ރޮނގުކޮޅު ފެނިފައި މިޝްލާ އަޑުގެކޮޅަށް ހަޅޭއްލަވައިގަންނަމުން ކަކޫމައްޗަށް ތިރިވިއެވެ. ޒައިހާންގެ އަތުގައި ހިފާއްޓަމުން މިޝްލާ ކަރުފަޅައިގެންދާހާ ބާރަށް ނޫނެކޭ ކިޔާ ހަޅޭއްލަވައިގަތެވެ. އަލިފާނުގެ ހާދިސާ ހިނގި ދުވަހު އޭނަގެ ކުރިމަތީގައި މިލީންގެ އަނދައިފައިވާ މަސްގަނޑު ސްޓްރެޗާ އަކަށް ލައިގެން ގެންދިޔަ މަންޒަރު ހުވަފެނުންވެސް އޭނައަށް ފެނެއެވެ. މައިވަންތަކަމުގެ ލަގޮނޑިއަށް ބާރުވެ މިޝްލާއަށް ހަޔާތުގެ ބޭނުމެއް ދެން ނެތޭ ހީކޮށް މަރުވާންވެސް ބޭނުންވިއެވެ. ނަމަވެސް ނަވާލާއި ވަކިވީފަހުން އޭނަކުރީ ގަދަ ހިތްވަރު ހަނދާންކޮށް މިޝްލާ އޭނަގެ ހިތުގައި ފެހުން ބޭނުން ވެފައިވާ ޒަޚަމްގައި މަލަންކޮޅެއް އަޅައިގެން ހުރީއެވެ. ޔައުލާންއެކޭ އެއްފަދައިން އެހެންމީހުންނަށް ހިތާމަތައް ވަންހަނާކޮށް ދިރޭފުރާނައަކަށް ނޭނގޭނެ ފަދައިން ރޭގަނޑު ދަންވާއިރަށް މިޝްލާވެސް އޭނަގެ ހިތާމަތަކާއި އުދާސްތައް ބޭރުކުރެއެވެ. ޒައިހާން އަދިވެސް ހުރުމުން މިޝްލާގެ އުންމީދުގެ ހުޅުކޮޅެއް ރޯވިއެވެ. ހިތް އަދިވެސް މިލީންގެ ހަނދާންތަކުން ފޫއަޅަމުން ދިޔައިރުވެސް މިޝްލާ ތަދު ނުވާކަމަށް ހުރީއެވެ. ހިތްވަރުކުރުމުގެ ނިޔަތުގައެވެ. ނަމަވެސް ޒައިހާންވެސް ދުނިޔެއަށް އަލްވަދާއު ކިޔުމުން މިޝްލާގެ ހިތުގައި އުފެދުނު ހުޅުކޮޅަށް ފެން ބާލިދީއެއް ޖެހިފަދައެވެ.

އެތަނުގައި ހުރި ނަރުސްކުއްޖާވެސް ހުރީ ކަރުނަތައް ގަދަކަމުން ހިފާއްޓައިގެންނެވެ. ޑޮކްޓަރުންވެސް ނުހަނު ދެރަވެ މާޔޫސްވެފައި ހުރެ ބަލާލިއެވެ. އަލީސާވެސް ރޯންފެށިއެވެ. އެހިތަށްވެސް ކެތްނުވީއެވެ. އާއިލާއެއް ނޫނަސް އާއިލާއެއް ފަދައިން މިޝްލާ އާއި ޒައިހާންގެ އިތުރުން އަލީސާ އާއި ޒާމިން އުޅުނެވެ. އުފަންކޮއްކޮއެއްގެ ދަރަޖަދެވިފައިވީ ޒައިހާން އޭނަގެ ލޯމަތީގައި ވަކިވެދިޔުމުން އަލީސާގެ ހިތަށްވެސް ފުން އަސަރުތަކެއް ކުރިއެވެ. މަޑު ފިޔަވަޅުތަކެއްގައި އަލީސާ ގޮސް ކުޑަކަކޫ މައްޗަށް ތިރިވެ އިން މިޝްލާގެ ކޮނޑުގައި އަތް ބާއްވާލިއެވެ.

ޔައުލާން ހުރީ ހުއްޓުން އަރާފައެވެ. ދެވަނަ ބައްޕައެއްގެ ގޮތުގައި ދެކެމުން އައި ޒައިހާންގެ ކުއްލި މަރު އޭނަގެ ކުރިމަތީގައި ހިނގައި ދިޔުމުން ހިތަށް ކުރީ ބުނެދޭން ނޭނގޭ ފަދަ އަސަރެކެވެ. ޓްރައުމާގެ އަސަރެކެވެ. ހިތްބަލިވާން އުޅުނަސް ޔައުލާން ނެތްހިތްވަރާއި އެކީގައި ދެލޮލުން އައި ކަރުނަތައް ފުހުނެވެ. ނުބައި ދަނޑިވަޅެއްގައި ޒާމިން އައިސް ވަނީ ދެނެވެ. އޭނައަށްވެސް ލިބުނީ ކުއްލި ޝޮކެކެވެ. ހުދު ބެޑްޝީޓްގެ ދަށުގައި ހަރަކާތެއް ކޮށްނުލާ އޮތް ޒައިހާން ފެނިފައެވެ. ވީދެރައިން ޒާމިންގެ ލޮލުންވެސް ކަރުނަ އައެވެ. އެދިޔަގޮތަށް ގޮސް ޒައިހާންގެ ފުރާނަނެތް މަސްގަނޑުގައި ބައްދައިގަތްއިރު އެމަންޒަރު ދެކެން ތިބި އަލީސާއާއި މިޝްލާގެ އިތުރުން ޔައުލާންގެ ހިތަށް ބަރުދާސްތު ކުރަން ދަތިވިއެވެ. ހިތްމަތީގައި ވެސް ހީވަނީ ހިތާމައިގެ ގާގަނޑެއް ބޭއްވިފައިވާހެންނެވެ. އޭގެ ބަރު ޔައުލާންމެންނަށް އުފުލޭވަރެއް ނޫނެވެ. ކަރުނައަޅައަޅާހުރެވެސް ޔައުލާން މިޝްލާއާއި އަލީސާ އަދި ޒާމިން އެތަނުން ބޭރަށް ނެރުނެވެ. އޭނަ ހިތްވަރު އެލުވާލައިފިނަމަ އެހެން އެންމެންނަށް އިތުރަށް ހިތްދަތިވާނެކަން އިނގޭތީއެވެ.

ޒައިހާން ވަޅުލިތާ ހަފްތާއެއްވީއިރުވެސް ގޭތެރެއިން ފެންނަނީ ނެގިމަޑުކަމެވެ. މޮޅިވެރިކަމުގެ ކަނޑެއް ގައި ގެނބިފައިވާ ފަދައެވެ. ގޭގެ ނޯކަރުންތައްވެސް އެހާހިތާމަކުރިއެވެ. އެމީހުން އެގޭގައި މަސައްކަތް ކޮށްދެނީވެސް ނުހަނު ކޮށްދޭހިތުންނެވެ. ޒައިހާން އެމީހުންނަށް ހެޔޮކަމުންނެވެ. ކިތަންމެ ނޯކަރުން ގިނަ ވިޔަސް ޒައިހާން އެ ހުރިހާ ނޯކަރުންގެ ނަންތަކާއި އެމީހަކީ ކާކުކަން ދަނެއެވެ. ވަޒީފާގެގޮތުން ކޮންމެ ދުވަހަކު އެތައް ބަޔަކާއި ބައްދަލުވިޔަސް ޒައިހާން އެއެންމެންގެ މަތިން ހަނދާން ނައްތައެއް ނުލައެވެ. ކޮންޕެނީގެ އެތައް މުވައްޒަފަކާއި އެތައް ހިއްސާދާރުންނެއް ޒައިހާންގެ ވަކިވެދިޔުމާއި ދޭތެރޭ ހިތާމަކުރިއެވެ. ވާދަވެރިކަން އޮންނަ ކޮންޕެނީތަކުން ހިތާމަކުރިނަމަވެސް ގިނަބަޔަކު އެކަމާއި ދޭތެރޭ ސިއްރުސިއްރުން އުފާފާޅުކުރިއެވެ. ކުރާނީ ކީއްހެއްޔެވެ.؟ ދުނިޔޭގެ ގޮތެވެ.

ޔައުލާން ޒައިހާންގެ ކޮންޕެނީ އާއި ހަވާލުވިއެވެ. އަދިވެސް ދަސްކުރަން ޖެހޭ އެތައް ކަމެއް އޮތުމާއި އެކީގައި ގިނަފަހަރަށް އޭނައަށް އެހީވަނީ ޒާމިންއެވެ. ޔައުލާން ކަންކަން ދަސްކުރަމުން ދިޔައީ ވަރަށް އަވަހަށެވެ. ސްކޫލް ދައުރުގައިވެސް އެއީ އޭނަގެ ގޮތެވެ. ހިތާމަތަކާއި އެއްފަރާތްވާން ޔައުލާން ޚިޔާރު ކުރީ އެމަގެވެ. ކޮންޕެނީގެ ކަންކަމާއި މުޅި ދުވަހު ބިޒީވެ އުޅުމުން އެޚިޔާލުތަކާއި ދުރުވެވޭނެކަމަށް ހިތްބުނުމުންނެވެ. މަސައްކަތްކޮށް ނިމުމުން ކައިގެން ޔައުލާން ދަނީ ޖިމަށެވެ. ފަލަވަމުން ދިޔަ އެ ހަށިގަނޑު އަލުން އަނބުރާ ބައްޓަމަށް އައީ ޔައުލާން ޖިމްގައި ކުރިން ދުވަހަކުވެސް ހޭދަ ނުކުރާހާ ގިނަ ވަގުތު ހޭދަ ކުރަން ފެށުމުންނެވެ. މީހާ ކުރިއަށްވުރެވެސް ރީތިވެއްޖެއެވެ. އާދައިގެ ވަރަކަށް ކުރުކޮށް ކޮށާލާފައިވާ އިސްތަށިގަނޑާއި އެ ފިރިހެންވަންތަ މޫނުގެ ސަބަބުން ޔައުލާން ވަނީ އެތައް ބަޔެއްގެ ހިތުން މަގާމެއް އަތުލާފައެވެ. އެ ހަށިގަނޑު އިހުނަށްވުރެ ވަރުގަދަވެފައިވާއިރު ގިނަފަހަރު ރަސްމީކޮށް ކޯޓްފަޓްލޫނާއި ޓަކްސް އާއި ބްލޭޒާރސްތަކުގައި ޔައުލާން ފެންނާތީ ނުހަނު ސްމާރޓެވެ.

އެހާއެހާ ޅަ އުމުރެއްގައި އެހާ ބޮޑު ކޮންޕެނީ އަކާއި ހަވާލުވުމުން އެތައް ބައެއް ޔައުލާނަށް ފާޑުކިޔެވެ. ނަމަވެސް އެއިން ގިނަ ދޫތައް ޔައުލާން ބަންދު ކުރަމުން ގެންދިޔައީ އޭނަގެ ހުނަރު ދައްކަމުންނެވެ. ޒާމިން އާއި މިޝްލާގެ އެހީ އާއި ވެސް އެކީގައި ޔައުލާން ކޮންޕެނީ ހިންގަމުން ގެންދިޔައި ނުހަނު ރަނގަޅަށެވެ. ވިޔަފާރިވެސް ދުވަހަކަށްވުރެ ދުވަހަކުން މަތިވަމުން ދިޔައިރު ލިބެމުން ދިޔަ ފައިދާ ދިޔައީ އިތުރުވަމުންނެވެ.

އޮފީސްގަޑި ނިމުމާއި އެކީގައި އާދައިގެ މަތިން ޔައުލާން ދިޔައީ އާންމުކޮށްވެސް އޭނަ ދާ ތަނަށެވެ. ޔައުލާން މިލީން ވަޅުލިތަނުގައި މަޑުކޮށްލައިގެން ހުއްޓެވެ. ޖަހާލާފައިވާ ހުދު ފަސްފުނި ކައިރީގައި އޭނަ އާއި މިލީންގެ އެކުވެރިކަމުގެ ނިޝާން އޮތެވެ. ކަޅުކުލައިގެ ބީޑްތަކެއް ލައްވާފައިވާ މިލީން އަދި ޔައުލާންވެސް އަތުން ވަކިނުކޮށް ގެންގުނު އަތުގައިއަޅާ އެތިކޮޅެވެ. ހިތުގައިވީ ހިތާމަތައް އިންސައްތަ އެއްވެސް ދަށްވެފައި ނުވާއިރު ޔައުލާންގެ ހިތް އަދިވެސް ދަނީ ކެފި ކޮށެމުންނެވެ. ކަޅާއި ރަތުން ފަރުމާކޮށްފައިވާ ގަމީހާއި ކަޅުކުލައިގެ ޖިންސް ލައިގެން ހުރި ޔައުލާން ހިތާމަވެރިކަމުގެ ތަސްވީރެއް ފަދައެވެ. އަވި އައިނުން ރަތްވެފައިވާ ދެލޯ ފޮރުވުމުގައި ކާމިޔާބު ކުރިޔަސް ބަލާލާ މީހަކަށް ޔައުލާން އެހުރީ ހިތާމަ ކުރަންކަން ދެނެގަނެވޭނެއެވެ. ކުލައޮއްސިފައިވާ އެ މޫނުމަތިން ފެންނަނީ ހުސްކަމެވެ. މިލީން އާއި ޒައިހާންގެ އެ ކުއްލި ވަކިވުމުން ޔައުލާންގެ އެކި ކުލަތަކުން ފެވިފައިވީ ދުނިޔެ ކަޅާއި ހުދުގެ ދުނިޔެ އަކަށް ބަދަލުކޮށްލައިފިއެވެ.

 

****************

 

ނަވާޒްމެންގެ ރަށުގައި ފައިތިލަ ބީއްސާލެވުމާއި އެކީގައި މިއަލްއަށް ލޯ މަރާލެވުނެވެ. މިއަލް ހުރީ ނުހަނު ވަރުބަލިވެފައެވެ. ކުރި ތިން ގަޑިއިރުގެ ދަތުރުމަތީގައިވެސް މިއަލްއަށް ހަތަރު ފަހަރަށް ހޮޑު ލެވުނެވެ. އެ މޫނުމަތިން ދައްކައިދެނީ ތަނެއްގައި އޮށޯވެލަން ބޭނުންވެފައިވާ މިންވަރެވެ. މިއަލް ކޮޅަށް ހުރީވެސް ނަވާލްގެ އެހީގައެވެ. “ހިނގާ ހިނގާލާފައި ދާން.. ކާރަށް އެރީމަ ދަރިފުޅު މާބޮޑަށް ބޯއަނބުރަފާނެ.. މާ ދުރު ގެއެއް ނޫން އެއީ..” ނަވާލް މިއަލް ގާތްކޮށްލާފައި ހިނގައިގަތެވެ. މިއަލް ވަރުބަލިވެހުރެވެސް ހީނލިއެވެ. ނަވާލް ދެކެ ރުޅިހަދާފައިހުންނަން ބޭނުންވިޔަސް އެއީ އޭނާއަށް ވާނެކަމެއް ނޫނެވެ. އެއީ މަންމައަކާއި ނުލާ އޭނަ ބަލާބޮޑުކުރި ބައްޕައެވެ.

“ޔުއެލް ހަބަރެއްވިތަ މިކޮޅަށް އައިފަހުން..؟” ނަވާލް އެއްސެވެ. “ނޫން.. ދިޔަފަހުން ހަބަރެއް ނުވޭ.. ދޮންބެ ބުނި ދެދުވަހަކު މެސެންޖަރ އިން ވާހަކަ ދެއްކިއޭ.. އެކަމަކު އޭގެ ފަހުން ނުވޭ..” މިއަލް އާދަޔާޚިލާފަށް ގިނައިން ވާހަކަ ދައްކާތީ ނަވާލްގެ ހިތް އުފަލުން ފޮޅުނެވެ. ކޮންމެ މަގުސަދެއްގައި ވިޔަސް އޭނައަށް އެ ނެގުނީ ރަނގަޅު ފިޔަވަޅެއް ކަމުގައި ނަވާލްގެ ހިތް ބުނެލިއެވެ. ދެމީހުން އެކުގައި ހިނގަމުން ދިޔައީ ވާހަކަ ދައްކަމުންނެވެ. އެއީވެސް ރީތި ރަށެކެވެ. ނަމަވެސް އެރަށުގައި ތަންކޮޅެއް ގަސްތައް މަދުހެން ހީވެއެވެ. އޭރު ގަޑިން ތިންގަޑި ބައިވަނީއެވެ. ހަވީރުވާން އުޅޭތީ އަވީގެ އަސަރު ފެންނަނީ ކުޑަކޮށެވެ. މަގުމަތީގައި މީހުން ހޭލަމޭލަވެ އުޅެމުން ދިޔައެވެ. “ދޮންބެ ހުރީ ވަރަށް ދެރަވެފަ އެލްގެ އުފަން ދުވަހާއި އެހާ ގާތްކޮށްފައި ދާން އުޅޭތީ..” ނަވާލް ބުންޏެވެ. “ކޯސް ފެށޭކަށް މާގިނަ ދުވަހެއް ނެތެއްނު..؟ އަވަހަށް ދިޔައީމައި ތައްޔާރުވެވޭނީ..” މިއަލް އަވަސްއަވަހަށް ބުނެލިއެވެ. ހަގީީގީ މަގްސަދު ވަންހަނާކުރަމުންނެވެ. ނަވާލް ބޯ ޖަހާލިއެވެ. “ބައްޕަ ވަރަށް ހަނދާންވާނެ.. ރިސޯޓުން ޗުއްޓީއެއް ލިބޭއިރަށް ރަށަށް ދާއިރަށް އެލް ނުފެންނާނެދޯ..” ނަވާލް ހިތާމަވެރިކޮށް ހީނލިއެވެ. މިއަލް ނަވާލްގެ އަތަށް ބާރުކޮށްލިއެވެ. “މާ ގިނަ ދުވަހެއްވެސް ނޫން.. އަޅުގަނޑު ބައްޕައަށް ގަވައިދުން ގުޅާނަން.. ޕްރޮމިސް..” މިއަލް ކުޑަގޮތަކަށް ހިނިތުންވެލަމުން އެހެން ބުނިތަނާއި ކުއްލިއަކަށް އެއްޗެއް ހިތަށް އެރިއެވެ.

އޭނަގެ އުފަން ދުވަހާއި އޭނަގެ ދައްތަގެ އުފަންދުވަސް ވާނީ އެއްދުވަހަކަށްތާއެވެ. މަންމަ އާއި ދައްތަ ދެކޭހިތުން މިއަލްގެ ހިތް ތެޅެފޮޅެނީއެވެ. މިއަލް ނިންމާފައިވަނީ ގޭގައި ހަމަޖެހެވުނުހާ އަވަހަކަށް މިޝްލާމެން ހޯދާށެވެ. ފުރަތަމަ މިއަލް ބޭނުންވަނީ ޔައުލާން ހޯދާށެވެ. ޔައުލާން އާއި އޭނަގެ ދައްތަ މިލީން އަކީ ގާތް ދެ އެކުވެރިކަން މިއަލް ދެނެހުއްޓެވެ. މިކޮޅަށް އައިސް ޔައުލާން އޭނައަށް މިލީން އާއި މިޝްލާގެ ހަބަރެއް ދޭތޯ މިއަލް މަޑުކުރިއެވެ. ނަމަވެސް ޔައުލާންގެ ހަބަރެއް ނުވުމުން މިއަލްގެ ހިތްދެރަވިއެވެ. ނަމަވެސް މިފަހަރު މިއަލް ހުއްޓާލާނީ އެއެންމެންނާއި ބައްދަލު ކޮށްފައެވެ.

އެ ޚިޔާލު ތަކާއި އެކީގައި މިއަލްގެ ސިކުނޑީގައި ބުރުޖަހަމުން ދިޔައީ މި އާ މާހައުލުގެ ޚިޔާލުތަކެވެ. އަނެއްކާ މިކޮޅަށް އައިސް އޭނައަށް ރަނގަޅު ދިރިއުޅުމެއް އުޅެވޭނެހެއްޔެވެ.؟ އުމުރު ކޮޅުންވެސް ދިމާވިކަމުގެ ހަނދާންނުވާ ނަވާޒް އޭނައަށް އަޅާލާނެހެއްޔެވެ.؟ އެއާއިލާ އޭނައަށް ހެޔޮހިތުން މަރުހަބާ ކިޔާނެ ހެއްޔެވެ.؟ އެފަދަ އެތައް ކަމެއް މިއަލްގެ ޚިޔާލުގައި ފުނި ޖެހެމުން ދިޔައެވެ. ލިބޭ ބައެއް ހުސް ވަގުތު ތަކުގައި ގިޓާ ކުޅުމުގެ އިތުރަށް މިއަލް ވާހަކަ ކިޔައި އުޅެއެވެ. ވަރަށް މަދުންނެވެ. ބަތަލާ އާތަނަކަށް ބަދަލުވާއިރަށް އެތަނުގެ މީހުން ބަތަލާއަށް އިހާނެތިކޮށް ހިތާ ސިންޑްރެއްލާ ފަދައިން ގެންގުޅޭ އެތައް ވާހަކައެއް މިއަލްއަށް ވަނީ ކިއިފައެވެ. އޭނައަށްވެސް އެފަދަ ނިކަމެތި ހާލެއް ނުޖެހި ނުދާނެހެއްޔެވެ.؟ ނޫނެކެވެ. އެއީ ނަވާޒުބެއެވެ. ނަވާޒް އެފަދަ ގޮތަކަށް ނުހަދާނެއެވެ. ނަވާލްގެ ލޮލުގެ ކޮއި ފަދައިން ގެންގުޅޭ މިއަލްއަށް އެހެންނެއް ނުހަދާނެއެވެ. މިއަލް ނުތަނަވަސްވާންފެށިއެވެ. އަދި އިތުރުން ގިޓާ ނެތުމުން މިއަލްއަށް ކުރެވެމުން ދިޔަ ފަޅު އިހުސާސްތައް މަދެއް ނޫނެވެ. ކުރިން ގިޓާ ކުޅުމުން ހާސްވެފައިވާ އޭނަގެ ހިތަށް އިރުކޮޅަކަށް ނަމަވެސް ހިތްހަމަޖެހުން ލިއްބައިދެއެވެ. ނަމަވެސް މިހާރު އެޔެއް ނެތެވެ. ދެން މިއަލްގެ ސިކުނޑީގައި ވަކި ހިއްޕާލީ އެރޭ ދިމާވި ތޫނު ނޫ ދެލޯ ހުރި ފިރިހެންކުއްޖާގެ ތަސްވީރެވެ. އެތަންމެ ކަމެއް ދިމާވިނަމަވެސް މިއަލްގެ ހިތުން އެސޫރަ ވަނީ ފޮހެވޭ ގޮތް ނުވެފައެވެ.

އެނދުގައި ލެނގިލައިގެން ޝަފްވާން އިނީ ގިޓާރ އާއި ކުޅޭށެވެ. ތަފާތު ރީތި ރާގުތައް ޖަހަމުން ދިޔައިރު އެ ނޫކުލައިގެ ކަނޑެއްފަދަ ދެލޮލުން ކުޑަކޮށް ކަރުނައިގެ އަސަރުތައް ފެންނަމުން ދިޔައެވެ. މިލީންގެ މަރުގެ ޚަބަރު އިވުމުން ޝަފްވާންގެ ހިތަށްވެސް ނުހަނު ތަދުވިއެވެ. މިލީން އެ ނެގި ފިޔަވަޅެއް އެނެގީ އޭނައާއި ހެދިކަން އެނގެއެވެ. ޔައުލާންގެ ފަރާތުން އިވުނުގޮތުގައި އެތަނުގައި ހުޅުހިފުމުގެ ކުރިން މިލީންއަށް ނުކުމެވެން އޮތެވެ. މިލީން އަނެއްކާ ނުނިކުތީ ގަސްތުގައިހެއްޔެވެ.؟ އޭނަ އާއި ހެދި ހެއްޔެވެ.؟ އެފަދައިން ހިތަށް އަރަން ފެށުމާއި އެކީ ޝަފްވާން އިތުރަށް ހާސްވެ ދެރަވާގޮތްވިއެވެ. މިހާރު އެފަދަގޮތަކަށް ލޯބިނުވިޔަސް އެއީ އިރެއްގައި ޝަފްވާންގެ ހިތުން ޖާގަ ހޯދި ކުއްޖެކެވެ. އޭނަގެ މިލީއެވެ. މިލީންގެ މަރުގެ ހަބަރު އަހުނަފްގެ ފަރާތުން އިވުމާއި އެކީގައި ޝަފްވާނަށް ވަގުތުން ކުށްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ. މިލީންއަކީ ދެރަވެއްޖެނަމަ ނުވަތަ ހިތްހަމަނުޖެހިއްޖެނަމަ ކުރެވޭ ނުކުރެވޭ ކަމެއް ނުބަލާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކުއްޖެއްކަން ޝަފްވާން ދަނެއެވެ. އެދުވަހު މިލީން އާއި ވަކިވެފައި މިލީންއަށް އޭނަ އާއި ވާހަކަދައްކަން ކުޑަވެސް ފުރުސަތެއް ދެވުނުނަމައެވެ. އަވަސް އަރުވާލައިގެން ޝަފްވާން މިލީން އާއި ވަކިވީވެސް ގިނަދުވަހު އެހެން ނުބުނެ ހުރެފިނަމަ މިލީންގެ ހިތަށް މާ ތަދު ވާނެތީއެވެ. ނަމަވެސް މިހާރު އެ ކުރެވުނު ކަންތައްތަކާއި ދޭތެރޭ ޝަފްވާން ހިތާމަކުރެއެވެ. މިލީން އާއި އަލުން ބައްދަލުވާނެނަމައެވެ. ގަޑީގެ ކަށި އަނބުރާލެވޭނެނަމައެވެ. އަނބުރާ މީގެ މަހެއްހާ ދުވަސް ކުރިއަށް ދެވޭނެނަމައެވެ. ނަމަވެސް މިއަދު ނަމަނަމައިން ރިހަ ކައްކައިގެން ވާނެ ފައިދާއެއް ނެތެވެ. ޝަފްވާން ކުޑަކޮށް ލޯ ފޮހެލިއެވެ. ދެން އޮތީ މިލީންއަށް ހެޔޮ ދުއާ ކުރުމެވެ.

ގިޓާ އިން ‘ބިފޯރ ޔޫ ގޯ’ ކިޔާ ލަވައިގެ ރާގު އަޅުވާލައިގެން އެލަވަ ކިޔަން ޝަފްވާނަށް އިނދެވުނެވެ. އެލަވަ އޭނައަށް ކިޔުނީ މިލީންއަށް ނިސްބަތްކޮށެވެ. އެ ލަވަ ނިމުމާއި އެކީގައި ޝަފްވާން އެނދުގައި ލެނގިލިއެވެ. ފޯނުން އަލީ ގޭޓީގެ ‘އިޓްސް ޔޫ’ އަޅުވާލައިގެން އިންއިރު ޝަފްވާންގެ ޚިޔާލުގައި ވަނީ މީގެ މަހެއް ކުރިން ދިމާވި “މިލީން”އެވެ. އެ ޚިޔާލުގައި ހުރެ ޝަފްވާން ބަލާލީ ފަރުވާތެރިކަމާއި އެކީގައި ބޭއްވިފައި އޮތް “މިލީން”ގެ ގިޓާއަށެވެ. އެއީ ކޮން ކުއްޖެއްކަން ހޯދުމުގެ ޝައުގުވެރިކަން އަދިވެސް ޝަފްވާންގެ ހިތުގައިވެއެވެ. ނަމަވެސް މިލީންގެ މަރާއި ހެދި ނެގިމަޑުވެފައި އެކަމަށް އޮތް ޖޯޝު ހިނދުކޮޅަކަށް ވަކިވީއެވެ. ކުއްލިއަކަށް އެއީ ކާކުކަން ހޯދޭތޯ ޝަފްވާން އޮންލައިންވިއެވެ. އިންސްޓަގްރާމް އަދި ފޭސްބުކް އިން މިލީން ކިޔާ އެހެން ކުއްޖެއްގެ އައިޑީ ފެނޭތޯ ހޯދުނެވެ. އަދި އެ ގިޓާގައި މިޝްލާއޭ ލިޔެފައި ވާތީ މިޝްލާ ކިޔާ “މިލީން” އާއި ވައްތަރު ކުއްޖެއްގެ އައިޑީއެއް ފެނޭތޯ ވަރަކަށް ބެލުނެވެ. ނަމަވެސް އަލިމަގެއް ނުފެނުނެވެ.

ދޮރުގައި މީހަކު ޓަކިޖެހީ ޝަފްވާން “މިލީން” ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. “ވަދޭ…” ޝަފްވާން ދޮރާއި ދިމާލަށް ބަލާވެސް ނުލާ ބުނެލިއެވެ. އެތެރެއަށް ވަނީ ޝަފްވާނަށްވުރެ އަހަރެއް ހަގު ފިރިހެން ކޮއްކޮއެވެ. ޝައްޔާން އައިސް ޝަފްވާންގެ އެނދު ކައިރީ ހުއްޓުނެވެ. “ހަވީރު ސައި ގަންނަން ދާން..” އަށާރަ އަހަރުގެ ޝައްޔާން ބުނެލިއެވެ. ޝަފްވާންގެ މޫނަށް ބަލާވެސް ނުލައެވެ. ޝަފްވާން އިޝާރާތް ކޮށްލީ ސައިޑް ޓޭބަލް މަތީގައި އޮތް އޭނަގެ ވޮލެޓަށެވެ. އޭގެން ފަންސާހެއްހާ ރުފިޔާ ނަގައިގެން ޝައްޔާން ވަތްހާ ބާރަށް ނުކުމެގެން ހިނގައްޖެއެވެ. ޝަފްވާން ބޮލުގައި އަތް އަޅާލިއެވެ. ޝައްޔާން އުޅޭގޮތުން އޭނަ ބޯ ހަލާކުވާވަރުވެއެވެ. ނަމަވެސް މާޒީގައި ކަންތައްތައް ވެފައިވާގޮތުން އޭނައަށް ޝައްޔާން ކުށްވެރިކުރެވޭކަށްވެސް ނެތެވެ. ޗޮކެއް ކަނޑާލާފައި ޝަފްވާން މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

ތަންކޮޅަކަށް ހިނގާލިތަނާ އަނެއްކާ ނަވާލްގެ ރައްޓެއްސަކާއި ދިމާވިއެވެ. އެމީހާ ވަގުތުން އެމީހާގެ ސައިކަލު ނަވާލާއި ހަވާލުކުރިއެވެ. ފައިމަގުގައި ދާކަށް ނުވާނެއޭ ކިޔަމުންނެވެ. އެމީހާގެ ހިތްހެޔޮކަމުން ނޫނެކޭ ބުނަން އުޅެފައިވެސް ނަވާލް ސައިކަލު ނެގިއެވެ. މިއަލް އާއި ނަވާލް ދެން ގޮސް ހުއްޓުނީ ޖޫގޯ ވިއްކާ ތަނެއް ކައިރިއަށެވެ. ކަރުތެންމާލަން ބޭނުންވެގެން ނަވާލް އުޅުމުންނެވެ.

މިލީންގެ މަހާނައަށް ޒިޔާރާތްކޮށްފައި ގަތް ހެދިކާ ކޮތަޅު ހިފައިގެން ޔައުލާން ކާރުގައި ގެއަށް ދާން ދުއްވާލިއެވެ. ދިޔަ މަގުމަތީގައި ގެއެއްގެ ދޮރާށި ބުޑުގައި އިން ދެ އަންހެންކުދިން ފެނުނެވެ. މިއަދުވެސް ދެކުދިންގެ މަންމަ އެދެކުދިން ގެއިން ނެރެލީކަން އެނގުމުން ޔައުލާންގެ ހިތަށް އަސަރު ކުރިއެވެ. ކާރު އެއްފަރާތުގައި ޕާރކްކޮށް ގަތް ހެދިކާކޮތަޅު ޔައުލާން އެދެކުދިންނަށް ދިނީ އެދެކުދިން ބަނޑުހައިވެފައި ހުންނާނެކަމަށް ބަލާފައެވެ. އެކުދިން ކާންފެށުމުން ޔައުލާން ދެޕެކެޓާއި ފެންފުޅިއެއް ވެސް ދިނެވެ. އެކުދިން ހިތްހަމަޖެހިގެން ކާންއިން މަންޒަރު ފެނިފައި ޔައުލާންގެ ހިތަށް ފިނިކަން ލިބުނެވެ. އަނބުރާ ކާރަށް އަރާ ދުއްވާލި ވަގުތު ފެނުނު މަންޒަރުން ޔައުލާންއަށް ވަގުތުން ބުރަކި ޕެޑެލްއަށް ފިތާލެވުނެވެ. އިނީ ފަހަތަށް އެނބުރިގެން ނަމަވެސް އެއީ ކާކުކަމެއް ޔައުލާންއަކަށް ނޯޅޭނެއެވެ. “އެލް..” ޔައުލާންއަށް ބުނެވުނެވެ. މިއަލް އެއިނީ އެރަށުން ދިޔުމުގެ ކުރިން އޭނަ މިއަލްއަށް ހަދިޔާ ކުރި ހުރިހާ އެއްޗެއް ލައިގެންނެވެ. އެހެންކަމުން ފާހަގަކުރަން ޔައުލާންއަށް ވަކިން ފަސޭހަވިއެވެ.

ކާރު ދޮރު ހުޅުވާ ޔައުލާން ހިނގައިގަތް ނަމަވެސް އެދިމާލަށް ދެވުމުގެ ކުރިން ފިރިހެނަކު ސައިކަލަށް އަރާ ދުއްވާލައިފިއެވެ. ކިތަންމެ ބާރަށް ގޮސް އަނެއްކާ ކާރަށް އަރާ ދުއްވާލިޔަސް އެ ސައިކަލު ލޮލުކޮޅަށް އޮބާލައިފިއެވެ. ޔައުލާންއަށް ހުންގާނުގައި ދެއަތުން ޖެހުނެވެ. އިސްތަށިގަނޑުގައި އަތް ހިންގާލަމުން ޔައުލާން ގެއަށް ދާން ދުއްވާލިއެވެ. މިއަލް މިކޮޅަށް އަންނަންވީ ސަބަބަކީ ކޮބާބާވައެވެ.؟ އަނެއްކާ މިއަލްއަށްވެސް މިލީންގެ ވާހަކަތައް އިވުނީބާއެވެ. އަމިއްލަ ނަފްސަށްވުރެ ވެސް މިއަލް އާއި ދޭތެރޭ ޔައުލާނަށް ހަމްދަރުދީވެވުނެވެ. ހަމަލޮލަށް ދުށުމުގެ އެންމެ ފުރުސަތެއްވެސް ނުލިބި މިއަލް އާއި މިލީން ވަކިވީއެވެ. ތާއަބަދުގެ އަބަދަށް ލޯމަރާލީއެވެ. އެ ޚިޔާލުތައް އަނެއްކާވެސް އުނދަގޫ ކުރަން ފެށުމާއި އެކީގައި ޔައުލާން ދުއްވާލީ ގެއަށް ދިޔުމަށެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ނަފްރަތަކީ ލޯބީގެ ފެށުން 9

Next

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 6

Next
August 30, 2021

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 6

Previews
August 29, 2021

ނަފްރަތަކީ ލޯބީގެ ފެށުން 9

5 Comments!

  1. Aishath Faruha Abdulla says:
    August 30, 2021 at 4:31 pm

    Dhevana paragraph ge fahu jumla thankolheh hama nujehey… Hithuge massala hunnaathee zaihaan ehn ekakah vurevx bali katte… E jumla… Ehn ekakah vure vx in than ehn emmennah vure vx bali katteve innama thankolheh hama jeheyne kanneyge… By the way Masha Allah vrh reethi Mi part vx…… ?When next???Curiously waiting for the next part…… ❤️❤️

    1. yooon yooon says:
      August 30, 2021 at 9:11 pm

      thankyou so much dear ? That really helps a lot.. Insha allah wll try to fix those in the future prts.. Nxt part insha allah 01st september ga ? Keep waitin and tysm again ?

  2. Rooya Xek says:
    August 30, 2021 at 8:38 pm

    Nice masha allah ? whn next, hope it’s soon?????

    1. yooon yooon says:
      August 31, 2021 at 7:47 pm

      Thankyou so much Rooya Xek ?? Labba insha allah nxt soon

  3. mimi says:
    August 31, 2021 at 6:18 pm

    Unbelievable.. Mileen hama aslu vx maru v tha?.. Dhen neynge eh nu dhw fahun vaane gotheh.. ?Insha allah mi story nimendhen vx hama kiyaanan..❤️✨
    Mi part vx hama v v salhi.. ❤️?
    Whn nxt? ?

Comments are closed.

Next Episodeތި ސޫރަ ނޫން 17←


All Right Reserved!