Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޔާރު ނުބުނޭ ތިހެން … (2)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
August 25, 2021 11 Mins Read
1 Comment

މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއި ކަޅުފަޓުލޫނުގައި ހުރި ޒުވާނާގެ އިސްކޮޅުގައި ގާތްގަނޑަކަށް ހަފޫޓުވަރު ހުންނާނެއެވެ. ބާމަތި ފުޅާ ފަތި ހަށިގަނޑެއްގެ ވެރިއެކެވެ. ކުޑަ ސިގު ބަނޑުކޮޅެއް ނުކުމެފައިވުމުން ބޮޑަށް ބުރަވެވެނީ ކަސްރަތާ ދުރުގައި އުޅޭ ޒުވާނަކާއެވެ. މާ ދޮން ނޫނަސް ހަމުގެ ކުލައައްޔެވެ. ބޮލުގެ އިސްތަށިގަނޑުވަނީ ކުރުކޮށް އެއްވަރަށް ކޮށާފައެވެ. ކަޅުކަންގަދަ ދެލޮލުގައި ހިތްދަމައިގަންނަފަދަގޮތެއް ވެއެވެ. ކަންހުޅިއާއި ގުޅުވައިގެން ފަޅާފައިވާ ތުނބުޅި މަތިމަހުން ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. ކުރުކޮށް ބުނާނަމަ ހަރުދަނާ ޝަޚުސިއްޔަތެއްގެވެރި ޒުވާނެއްކަމަށް ދައްކައެވެ.

“ކިހިނެއްވީ ދަރިފުޅާ….” ކުޑަވަގުތުކޮޅަކަށް ނަމަވެސް އެޒުވާނާއަށް ގެއްލިފައިހުރި ރުހާއަށް ހޭވެރިކަންވީ އެދިމާއަށް އަންނަމުން މިލްނާ ވާހަކަދެއްކުމުންނެވެ. އޭރު މިލްނާ އައިސް އެމީހުންނާ އަރާހަމަވަނީއެވެ. މިލްނާގެ ފަހަތުން ދެންތިބި މީހުންވެސް އަންނަތަން ފެނެއެވެ. އަނެއްކާވެސް، ރުހާ މަސައްކަތް ފެށީ ބޮލުގައި އޮތް ދާގަނޑުން ސަލާމަތްވޭތޯއެވެ.

“މަންމާ…. ވަގަކަށް ހާސް ދުވަސް…. ވެރިއަކަށް އެއްދުވަހޭ ބުނެއުޅެއެއްނު…. މިއަދު މީ އަހަރެމެންގެ ދުވަސް…. އަނބު ބިންނަ ވަގުކަލޭގެ އެހުރީ ދަލުގައި ޖައްސާފަ……” މިލްނާގެ ދެ އުޅަނބަށީގައި ހިފާއްޓާލަމުން ދެން ތިބި މީހުންނަށް ބަލާލުމެއްނެތި، ފަޚުރުވެރިކަމާއެކު އެޒުވާނާ ބުނެލިއެވެ. އެޒުވާނާގެ ވާހަކައިން އަނެއްކާވެސް ރުހާގެ ޙަރަކާތްތައް ހުއްޓި، ދެލޯ ބޮޑުކޮށް، ދެބުމަ ގާތްކޮށްލެވުނެވެ. އެހެން މީހުންގެ މޫނުމަތިންވެސް ހައިރާންކަން ފެންނަމުންދިޔައެވެ.

“ދަރިފުޅާ މިކްޔާން… ކީކޭތަ ތިކިޔަނީ……؟؟؟” މިކްޔާންގެ ވާހަކަ ހުރިގޮތުން އެތާތިބި މީހުންނަށް ބަލާލަމުން މިލްނާ ބުނެލިއެވެ. އަދި މިކްޔާނަށް ބަލާލަމުން ޝަހާދައިނގިލި ތުންފަތުގައި ޖައްސާލުމަށްފަހު، މިކްޔާންގެ ކަންފަތްދޮށުގައި ސިއްރުން ބުނެލި ވާހަކައަކުން އޭނާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އޭނާ އެއްލި ދާގަނޑުގެ ޝިކާރައަކަށްވެފައިވާ ކުއްޖާއަށް ރަނގަޅަށް ބަލާލެވުނީވެސް ދެނެވެ.  މިލްނާ މިކްޔާންގެ ނަމުން މުޚާތަބުކުރުމުން އެޒުވާނާއަކީ، އޭނާގެ ވާންއުޅޭ ފިރިމީހާކަން ރުހާއަށްވެސް އެނގިގެން ދިޔައެވެ. މިކްޔާން އަވަސް އަވަހަށް މަޢާފަށް އެދެމުން ދާގަނޑު ނެގުމުގައި ރުހާއަށް އެހީވެދިނެވެ.

“ސޮރީ…. މި ގަހުން ވަގަށް އަނބު ބިންނަމީހަކު އަތުލައިނުގަނެވިގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ… ރުހާ އަނބު ބިންނަތަން ފެނުނީމަ ހީކުރީ ވަގަށް އަނބު ބިންނަ މީހާކަމަށް….. އެހެންވެ ދާގަނޑު އެއްލީ…. މޫނު ނުފެންނާތީ ރުހާކަން ނޭނގުނީ…..” ރުހާގެ ބޮލުގައި އެޅިފައި އޮތް ދާގަނޑުނަގާ ގަސްބުޑުގައި ބާއްވަމުން ކުށްވެރިއެއްފަދައިން މިކްޔާން މިހެން ބުނުމުން އެންމެން އެއްފަހަރާ ހޭންފެށިއެވެ.

“އެކަހަލަ ކަމެއް ވެދާނެ….. ދެން ހިނގާ އެތެރެއަށް ދަމާ…..” ހިނިގަނޑެއް ޖަހާލަމުން ނިމާލް މިހެން ބުނުމުން އެންމެން އޭނާގެ ފަހަތުން ގޭތެރެއަށް ވަނުމަށްޓަކައި ހިނގައިގަތެވެ.

“ވަގޭ ކިޔައިގެން ހަމަ ގަސްތުގައި ދޯ ފަހަރި ދަލުގައި ޖެއްސީ…..” ނިމާލްމެންގެ ފަހަތުން ދިޔަ މިކްޔާންގެ ކަންފަތް ދޮށުގައި މިލާން ބުނެލިއެވެ. އަދި ލާނެއް ގޮތަކަށް ހީލަމުން އެއްލޯމަރާލިއެވެ. މިލާނަށް ބަލާލިނަމަވެސް، މިކްޔާން ވަކި އެއްޗެއް ނުބުނެއެވެ.

 

“އެހެންވީމާ އެއީތާ މިކްޔާން އަކީ…. އަހަރެން މި ހިތަށް އަރަނީ ދޮންތިގެ ކައިވެނި އޭނާއާ ހަމަޖެހުނީ ކީއްވެގެންބާއޭ….. އޭނައާއި ދޮންތިއަކާ ނުވެސް ގުޅޭކަންނޭނގެ……” ކީއްވެގެންބާ މިލާންއާ ދޮންތިގެ ކައިވެނި ހަމަނުޖެއްސީ…. މިކްޔާނަށްވުރެ މިލާން އާއި ދޮންތިއާއި މާގުޅޭ ދޯ….. މިކްޔާން ހީވަނީ ވަރަށް ސީރިއަސް މީހެއްހެން….” އެންމެންގެ ފަހަތުން ދަމުން ލައިނީއަށް އެކަނި އިވޭ ވަރަށް ރިދާ ބުނެލިއެވެ. ރިދާގެ ވިސްނުން ހުރި ގޮތުން ލައިނީއަށް ބޯހޫރާލެވުނެވެ.

“މީހާގެ ސިފައަކުން ނޫނީ އެއްފަހަރު ބައްދަލްވެލައިގެން އަދި މީހެއްގެ ގޮތެއް ނޭނގޭނެ…. އެހެންނޫނަސް، ވެދާނެއްނު ރުހާ އާއި މިލާންގެ ކައިވެނި ހަމަނުޖެހުނީ ރިދާއާއި މިލާންގެ ކައިވެނި ވެވެން ކަމަށްވެސް…. ހަމަގައިމުވެސް މިލާންއާއި ރިދާ ވަރަށް ގުޅޭ……” ރިދާއަށް އެއްލޯ މަރާލަމުން ލައިނީ ބުނެލިއެވެ. އޭނާ ބޭނުންވީ ރިދާ ރުޅިއަރުވާލާށެވެ. ކަންވީވެސް އެހެންނެވެ. “އައްދޭ… އަހަންނެއް ނޫޅެން އެ މިލާންގަނޑާ ކައިވެނި ކުރާކަށް…..” ލައިނީގެ އަތުގައި ވިކައިގަންނަމުން ރިދާ ބުނެލީ ދަތްތަކަށް ބާރުލާފައެވެ.

“އެއީވެސް ހަމަވެދާނެ ގޮތެއްނު… އެހެންވީމާ ނޫނެކޭ ނުބުނޭ…..” ލައިނީ މިހެން ބުނުމުން ރިދާ އުޅުނީ އަނެއްކާވެސް ލައިނީގެ އަތުގައި ވިކައިގަންނާށެވެ. ނަމަވެސް، އޭގެ ކުރިން ލައިނީ، ހިނގުން ބާރުކޮށްލާފައިގޮސް އެމީހުނަށްވުރެ ތަންކޮޅެއް ކުރީގައި ހުރި ރުހާއާއި އަރާހަމަކުރުމަށްފަހު، ފަސްއެނބުރި ރިދާއަށް ބަލާލަމުން ވައްތަރު ޖައްސާލިއެވެ.

 

ގޭގައި މަސައްކަތްކުރަން ގެންގުޅޭ މީހެއްކަމަށްވާ ޖަބީން އައިސް ކެއުމުގެ ކަންތައް ހަމެޖެހިފައިވާ ވާހަކަ ބުނުމުން ފެންޑާގައި ތިބި ދެއާއިލާގެ މެމްބަރުން މެންދުރުގެ ކެއުމަށް އިންސާފުކުރުމަށްޓަކައި ކާގެއަށް މިސްރާބުޖެހިއެވެ. އެންމެން ގޮނޑީގައި އިށީނދެ ހަމަޖެހި ނިމުންތަނާ ކޭގެއަށް އައިސް ވަނީ ގާތްގަނޑަކަށް ރުހާމެން އުމުރުގެ އަންހެން ކުއްޖެކެވެ.

“އަނހަ ދަރިފުޅާ… ކްލާސް ނިމުނީތަ… މިއަދު ހާދަ އަވަހަކަށް ތިއައީ…..؟؟؟؟؟ މީ އަހަރެމެންގެ ހަގު ދަރިފުޅު މަލަކް….” މަލަކްއަށް ޖަވާބުދޭންވެސް ފުރުސަތު ނުދީ ނިމާލް އެންމެންނަށް މަލަކް ތަޢާރަފްކޮށްދިނެވެ.
“ދޮންބެ ދައްތަ ދެކެލާހިތުން ކްލާސް ނިމޭއިރަށް އަވަހަށް މި އައީ…..” ގާތުގައި އިށީނދެލައިގެން ތިބި ރުހާއަށާއި ރިދާއަށް ބަލާލަމުން މަލަކް ޖަވާބުދިންއިރު، އޭނާގެ ހިތުގައި ސުވާލު އުފެދިފައިވާކަން، މަލަކްގެ މޫނުމަތީގެ ކުލަވަރުތަކުން ފާހަގަވެއެވެ.
“އަހަރެމެން މީ އެއްމާބަނޑު ދެބެން…. އަހަރެން މީ ރިދާ …. މީ ރުހާ، މަލަކްގެ ވާން އުޅޭ ދޮންބެ ދައްތަ…..” ރުހާއަށް އިޝާރާތްކުރަމުން، ރިދާ އޮޅުން ފިލުވައިދިނުމުން، މަލަކް ދެފަހަރު ދެމީހުންގެ މޫނަށް ބަލާލަމުން ހިނިތުންވެލިއެވެ.

“ދޮންބެ، ފަހަރި ގެއްލިދާނެތީ ދާގަނޑު އެޅި ވާހަކަ އަޑުއެހިން….” މިކްޔާންގެ ގާތުގައި ހުރި ހުސްގޮނޑީގައި އިށީންނަމުން ހަމައެކަނި އޭނާއަށް އިވޭވަރަށް މަޑުމަޑުން މަލަކް ބުނެލިއެވެ. މިކްޔާން ބަލާލީ އޭނާގެ އަނެއް ފަރާތުގައި އިން މިލާނަށެވެ. މިކްޔާން ބަލާލުމުން ނުވާކަމަށް ހެދިފައި ކާންފެށިނަމަވެސް، މަލަކްއަށް އެ ޚަބަރު ދޭނީ މިލާންކަން މިކްޔާނަށް އެނގެއެވެ.

 

ކެއުމުގެ ތެރޭ މުޅީންވެސް ދެކެވުނީ މިކްޔާނާއި ރުހާގެ ކައިވެނީގެ ވާހަކަތަކެވެ. ގިނަ ވާހަކަތައް ދެއްކީ އާއިލާގެ އިސްމީހުން ކަމުގައިވީނަމަވެސް، ދެން ތިބި މީހުންވެސް އެ ވާހަކަތަކުގައި ބައިވެރިވިއެވެ. ދޭތެރެއަކުން މިކްޔާން ރުހާއަށް ބަލާލައެވެ. އެގޮތަށް ބަލާލެވޭ ބައެއްފަހަރު ރުހާއަށްވެސް މިކްޔާނަށް ބަލާލެވޭތީ، ދެމީހުންގެ ހަތަރުކަޅި ބައްދަލްވެއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވާ ވަގުތުތަކުގައި، އެކަކަށްވުރެ ކުރިން އަނެކަކު އިސްޖާހާލަން މަސައްކަތްކުރާހެން ހީވެއެވެ.

**********

ތަނަވެސް ބޮޑު ކޮޓަރިއަށް ވަންނަން އައި ރުހާގެ ފިޔަވަޅުތަކަށް ހުއްޓުން އައީ، އެނދުމަތީގައި އޮތް ހުދުކުލައިގެ ކައިވެނީގެ ހެދުން ފެނިފައެވެ. އޭނާއާއިއެކު އައި ރިދާއަށް އެ ހެދުން ފެނުމުން، ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އެނދުމަތީ އިށީނދެ، އެ ހެދުމުގައި އަތްހިންގާލިއެވެ. ހުދުކުލައިގެ ވެލިފޮއްޗާއި ރޭނދާފޮތިން ފަރުމާކޮށްފައިވާ އެ ހެދުން، ކުރިން ފޮޓޯއިން ފެނިފައިވީނަމަވެސް، ހަމަލޮލަށް ފެންނަލެއް މާ ފުރިހަމަވެފައި ރީއްޗެވެ.

“އަޅޭ ހާދަ ރީއްޗޭ…. ހިތަށް އަރާ ދޮންތިގެ ބަދަލުގައި އަހަންނަށް، މި ހެދުން ލާން ލިބޭނެ ނަމައޭ…..” ހެދުމުން ނަޒަރު ވަކިކޮށްނުލާ އިނދެ ރިދާއަށް ބުނެވުނެވެ. ނަމަވެސް، މިއިން ކަމެއް ދޮރުމަތީގައި ހުރި ރުހާއަށް ރޭކާލާހެނެއް ހިއެއް ނުވެއެވެ. އޭނާގެ ނަޒަރު، އެ ހެދުމަށް ހުއްޓިފައިވާއިރު، އޭނާގެ ހިތާއި ސިކުނޑި ދިޔައީ ހަނގުރާމަކުރަމުންނެވެ. ލޮލަށް ކަރުނަތައް ޖަމާވިކަންވެސް އޭނާއަށް ރޭކާނުލައެވެ. ކޮޓަރިއަށް ވަންނަން އައި ލައިނީއަށް މި މަންޒަރު ފެނުމުން ރުހާގެ ނަޒަރު ހުއްޓިފައިވާ ހެދުމަށް ބަލާލުމަށްފަހު، އަނެއްކާވެސް ރުހާއަށް ބަލާލިއެވެ. އެއަށްފަހު، ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު، މަޑުމަޑުން ރުހާގެ އަތުގައި އަތް ޖައްސާލިއެވެ. ރުހާ ދިޔައީ ސިހިގެންނެވެ. ލައިނީ އެތާހުރިކަންވެސް އޭނާއަށް އެނގުނީ ދެނެވެ. ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފައިބައިގަތުމުގެ ކުރިން، އަވަސް ހަރަކާތަކާއިއެކު ލޮލުގެ ކައިރި އިނގިލި ކުރިން ފުހެލުމަށްފަހު، އޭނާ މިސްރާބު ޖެހީ ކޮޓަރީތެރޭގައިވާ ބެލްކަންޏާ ދިމާއަށެވެ. ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު، ލައިނީ ދެން ބަލާލީ ރިދާއަށެވެ. އޭރު ރިދާހުރީ ކޮޅަށް ތެދުވެއެވެ. އޭނާގެ ނަޒަރުވެސް ސީދާވެފައިވީ، ލައިނީއަށެވެ. ކައިވެނީގެ ހެދުން ފެނިގެން ދެންމެ އޭނާގެ މޫނުގައިވި އުޖާލާކަމެއް މިހާރު ފެންނާކަށް ނެތެވެ. އެ މޫނުގެ ކުލަވަރުތަކުން، ރުހާގެ ޙަރަކާތްތައް އޭނާއަށް ފެނުނުކަން ލައިނީއަށް ދެނެގަނެވުނެވެ. ލޮލުގެ އިޝާރާތުން ދެ މީހުން ވާހަކަ ދައްކާލުމަށްފަހު، އެކުއެކީހެން މިސްރާބުޖެހީ ބެލްކަންޏާ ދިމާއަށެވެ.

“ދޮންތީ އަދިވެސް ވަގުތު ފާއިތެއްނުވެ….. ދޮންތި ބޭނުމިއްޔާ އަދިވެސް މި ކައިވެނި ކެންސަލް ކޮށްލެވިދާނެ…. އަހަންނަށް ޔަޤީން…. އެއީ ދޮންތި ބޭނުންވާގޮތް ކަމުގައިވާނަމަ، ބައްޕަމެންވެސް ދެކޮޅެއް ނުހަދާނެ…..” ބެލްކަނީގެ ރެއިލިންގްގައި އަތް އަޅުވާލައިގެން އުޑާއި ދިމާއަށް ބަލަން ހުރި ރުހާގެ ކޮނޑުގައި އަތް ޖައްސާލަމުން، ރިދާ ވާހަކަދެއްކިއެވެ. ރުހާ، ރިދާމެންނާ ކުރިމަތިލިއެވެ. އޭނާގެ މޫނު ފެނުމުން، ރިދާގެ އިތުރުން ލައިނީއަށްވެސް ކުއްލި ހައިރާންކަމެއް ލިބުނެވެ. ބެލްކަންޏަށް އައިއިރު ރުހާގެ މޫނުމަތީގައި ނުތަނަވަސްކަންވީނަމަވެސް، މިހާރު އޭގެ އެއްވެސް ނިޝާނެއް އެ މޫނުމަތިން ފެންނާކަށް ނެތެވެ. އޭގެ ބަދަލުގައި އޭނާ ހުރީ ވަރަށް ހަމަޖެހިފައެވެ. ތުންފަތުގައި ލުއި ހިނިތުންވުމެއްވެސް ވިއެވެ.

” ކީއްވެ ކައިވެނި ކެންސަލް ކުރަންވީ….؟؟؟؟ މީ އަހަރެން ބޭނުންވެގެން ކުރާ ކައިވެންޏެއްނު…. ބައްޕަމެންގެ އެއްވެސް ނުފޫޒެއް މިކަމުގައި ނެތް…. މީ އަހަރެންގެ ނިންމުން… މި ކައިވެނި ކުރެވޭތީ، އަހަރެން މި ހުރީ ވަރަށް އުފަލުން………”  ރިދާއަށް ޖަވާބުދިންއިރު، ރުހާގެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. އެވާހަކަތައް އިވިފައި ރިދާއާއި ލައިނީ އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލިއެވެ.

“ދެން ކީއްވެ މިހާ އުފާވެރި ރެއެއްގައި، ދޮންތިގެ މޫނުން ނުތަނަވަސްކަން ފެނުނީ….؟؟؟ ކައިވެނީގެ ހެދުން ފެނުނީމަ، ތި ދެ ލޮލަށް ކަރުނަ ޖަމާވުމުގެ އަސްލަކީ ކޮބާ….؟؟؟؟ ދެން ނުބުނާތި އެއީ އަހަރެންނަށް ހީވި ގޮތެކޭ….. ހަމަގައިމުވެސް، ދޮންތިގެ ދެ ލޮލަށް ޖަމާވެފައިހުރި ކަރުނަތައް، އަހަރެން ދުށިން……” ރުހާގެ މޫނު، ހިތުދަސްކުރަން އުޅޭ މީހެއްފަދައިން، އެ މޫނުގެ ކުލަވަރުތަކަށް ބަލަން ހުރެ ރިދާ ސުވާލުކުރިއެވެ. އެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ކުރިން ރުހާ، ރިދާމެންނަށް ބަލާލިއެވެ. ރިދާގެ މޫނުގައި އަތުން ފިރުމާލުމަށްފަހު، ރިދާއާއި ލައިނީގެ އަތުގައި ހިފަހައްޓާލަމުން، ވަރަށް ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ.

“އެ ހެދުން ފެނުނީމަ އަހަރެންވެސް ވަރަށް އުފާވި… އެކަމަކު….، އަހަރެން އެވަގުތު ހިތަށް އެރީ ކައިވެނީގެ ޙަފްލާ ނިމުނީމަ އަހަރެން މިތާ ބަހައްޓާފަ، ރިދާމެން ރަށަށް ދިޔައީމަ، އަހަރެން ކިހިނެއްބާއޭ ހަދާނީއޭ…. ރިދާމެންނާ، މަންމަމެންނާ ވަކިން، ދުރުގައި، އެހެން ރަށެއްގައި، އަހަރެންނަށް އުޅެވޭނެބާއޭ….. އެހެންވެ އެހާ ހިތް ނުތަނަވަސްވީ…..” ހިނިތުންވެފައިހުރެ ވާހަކަ ދެއްކިނަމަވެސް، ރުހާގެ މޫނުމަތިން ނުތަނަވަސްކަން ލައިނީއަށް ފާހަގަކުރެވުނެވެ.

“ފުރަތަމަކޮޅު ވަރަށް އުނދަގޫވެދާނެ…. މިކްޔާންއާއިއެކީ ދެ ތިން ދުވަސް ހޭދަކޮށްލާއިރަށް، އަހަރެމެން މަތިން ހަނދާން ހުންނާނެކަމެއްވެސް ނޭނގެ ދޯ ރިދާ…..” ރުހާގެ ގައިގައި ކުޑަކޮށް ބައްދާލަމުން، ލައިނީ މަސައްކަތްކުރީ ރުހާގެ ހިތް ނުތަނަވަސްކަން ފިލުވާލާ، ހިތްހަމަޖައްސައިދިނުމަށެވެ. ރިދާއަށްވެސް އެކަން ފާހަގަ ކުރެވުމުން، އިތުރަށް އެ ވާހަކަ ނުދައްކާ ލައިނީގެ ވާހަކައަށް އެއްބައިވެލަމުން އޭނާވެސް ރުހާގެ ގައިގައި ބައްދާލިއެވެ.

“އަޅޭ… މިތާ ވާހަކައިގަ ތިބެވިދާނެދޯ….ހިނގާ އަވަހަށް ތައްޔާރުވާންދަމާ…. އަހަރެމެން ތައްޔާރުވެގެން އަދި ރުހާވެސް ތައްޔާރުކުރަން ޖެހޭނެއެއްނު……” ރިދާގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން، ލައިނީ މިހެން ބުނުމުން، ރިދާވެސް ބޯޖަހާލަމުން އޭނާގެ ފަހަތުން ހިނގައިގަތެވެ. ލައިނީ ކޮޓަރިން ނުކުތުމުން ދޮރު ތަޅުލުމަށްފަހު، އިސްތިރިކުރާ މޭޒުމަތީގައި އޮތް ހެދުން ނަގައިގެން ރިދާ ވަނީ ފާހާނާއަށެވެ.

ރިދާމެން ލޯމަތިން ގެއްލުމުން، ރުހާ އަނެއްކާވެސް އެނބުރި ރެއިލިންގައި ހިފަހައްޓާލަމުން، އުޑާ ދިމާއަށް ބަލާލިއެވެ. އަދި ވަރަށް ފުންކޮށް ނޭވާއެއްލިއެވެ. އެގޮތަށް ދެތިންފަހަރު ފުންކޮށް ނޭވާލުމުންވެސް އޭނާގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމަށް، ކުޑަނަމަވެސް ލުޔެއް ނުލިބުނެވެ. ރިދާމެންނަށް ސިއްރުކުރަން މަތި އޮމާންކޮށްލައިގެން، ހިނިތުންވެ ހުރެ ވާހަކަ ދެއްކިނަމަވެސް، އޭނާގެ ހިތްވަނީ ހަލަބޮލިކަމެއްގެ ތެރޭގައެވެ. ދިރިއުޅުމުގެ އެހާބޮޑު ނިންމުމެއް ނިންމާއިރު، އޭނާގެ ހިތާއި ސިކުނޑިވަނީ ދެބަސްވެފައެވެ. މިކްޔާންއާއި ކައިވެނިކުރަން ނިންމިއިރު، ނައިޒަކްގެ ލޯތްބާއި ވަކިން ދިރިއުޅެވިދާނެކަމާއިމެދު ވިސްނަން އޭނާއަށް މަޖުބޫރުކުރުވަނީ، އޭނާގެ ހިތުން ނައިޒަކްދެކެ ވެވުނު މަތިވެރި ލޯތްބެވެ. އެ ހިތުން ނައިޒަކް ނޫން އެހެން މީހަކަށް ޖާގަ ދެވިދާނެބާއޭ، އެއީ އަދިވެސް އޭނާއަށް ޖަވާބު ނުލިބިވާ ސުވާލެކެވެ.

****************

ކައިވެނީގެ ޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވާ މާލަމަށް ދިއުމަށްޓަކައި ރުހާމެން ދަތުރުފެށީ މިލާންގެ ކާރުގައެވެ. ރުހާގެ ދެފަރާތުގައި ތިބީ ރިދާއާއި ލައިނީއެވެ. ރަޔާން އިނީ ކުރީ ސީޓުގައި މިލާންގެ ގާތުގައެވެ. ކާރު ދުއްވަމުން ދިޔަ މިލާން، ލޯގަނޑުން ރިދާއަށް ބަލާލެވުނު ވަގުތުވީ، އޭނާވެސް ބަލާލިވަގުތަށެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވިހިނދު، ރައިނާ ދެބުމަ ގާތްކޮށްލުމުން، މިލާންގެ ގާތަށް ހިނިއައެވެ. ދެ ފަރާތަށް ބޯ ހޫރާލަމުން އޭނާ މަގަށް ސަމާލުކަން ދިނެވެ.

**********

ކައިވެނިވުމަށް ހަމަޖެހިފައިވާ މާލަމަށް، ރުހާމެންނަށް ދެވުނުއިރު، އެ މީހުން ފިޔަވައި މުހިއްމު އެންމެން ހަމަވެއްޖެއެވެ. ދެ ފަރާތުގައި، ރިދާ އާއި ލައިނީ ހުރިނަމަވެސް ރުހާ ހުރީ ހާސްވެފައެވެ. ލައިގެން ހުރި ބޮޑު ހެދުމުގެ އިތުރުން، އެތަނުގައި ތިބި މީހުންގެ ލޯތައް އަމާޒުވެފައިވުމުން ރުހާ ހުރީ އުނދަގޫވެފައެވެ. ހާސްވެފައި ހުރިވަރުން، އެ އެންމެންގެ ތެރެއިން ދަންނަ މޫނެއް ފާހަގަކުރަންވެސް، އޭނާއަށް އުނދަގޫވިއެވެ. އަތްފައި ފިނިވެ، ފިޔަވަޅު ނެގުންވެސް އޭނާއަށްވީ އުނދަގޫކަމަކަށެވެ. ހާސްވެފައިހުރި ރުހާ، ސިހިގެން ދިޔައީ އޭނާގެ ކޮނޑުގައި ދެއަތުން، މީހަކު ހިފަހައްޓާލުމުންނެވެ. އަވަސްއަވަހަށް ބަލާލިއިރު، ގާތުގައި އޭނާގެ ބައްޕަ ޖާވިދު ހުރިތަން ފެނުމުން ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބުނެވެ. ހިނިތުންވެފައިވާ ބައްޕަގެ މޫނުފެނުމުން އޭނާގެ ތުންފަތަށްވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

ބައްޕަގެ ޙިމާޔަތާއެކު، ރުހާ، އޭނާ އިށީނުމަށް ހަމަޖެހިފައިވާ ގޮނޑީގައި އިށީނެވެ. އެވަގުތު، އޭނާއަށް ބޭއިޚްތިޔާރުގައި ނޯއްދަމާލެވުނީ، މާ މީރުވަސްދުވާ ސެންޓެއްގެ ވަސް ނޭފަތުގައި ޖެހުމުންނެވެ. އެހެންމީހަކަށް ފަހުމް ނުވާނެހެން އިތުރަށް ނޯއްދަމާލެވުނީތީ، ކުޑަކޮށް ހިނި އައިނަމަވެސް، އެކަން ހާމަނުކޮށް ހަމަޖެހިލެވޭތޯ މަސައްކަތްކުރިއެވެ. މީރުވަސްދުވާ ސެންޓުގެ ނަން ރުހާއަށް ނޭނގުނުނަމަވެސް، އެ ބޭނުންކޮށްގެން އެ އިނީ މިކްޔާންކަން ދެނެގަންނާކަށް، މާގިނައިރުތަކެއް ނުނެގިއެވެ. އޭނާއަކީ މާ ގިނަ ސެންޓުވަސްތަކެއް ދެނެގަންނަން އެނގޭ މީހެއް ނޫންނަމަވެސް، އެ ސެންޓުގެ ނަން ހޯދުމަށް ހިތުގައި ޝައުގުވެރިކަން އުފެދުނެވެ. މުނާސަބު ނޫންވަގުތެއްގައި، ހިތަށް އަރަމުންދިޔަ ތަފާތު ޚިޔާލްތަކުގެ ސަބަބުން، ރުހާގެ ކުޑަ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

ކުޑަ ވަގުތުކޮޅަކަށްނަމަވެސް، އަމިއްލަ ޚިޔާލަށް ގެއްލިފައި އިން ރުހާ ސިހިގެން ދިޔައީ ގާޒީގެ އަޑުންނެވެ. ކައިވެނިކޮށްދޭން ފެށީއެވެ. އެ ހުރިހާއިރެއް ވަންދެންވެސް އިސްޖަހާލައިގެން އިން ރުހާ އަދިވެސް އިނީ އިސްޖަހާލައިގެންނެވެ. މިކްޔާންގެ ފިރިހެންވަންތަ އަޑުން “އަނބި ޤަބޫލްކޮށްފިން” މިހެން ބުނުމުން ރުހާއަށް ދެލޯ މަރާލެވުނެވެ. އޭނާ މިކްޔާންގެ އަންބަކަށްވީއެވެ. އެހެނަސް، ދިރިއުޅުމުގައި އެއްލިގެން މިދިޔަ އައު ޞޮފްހާ ފުރުމަށް، އޭނާ ތައްޔާރުކަމެއް، އަދިވެސް، އޭނާއަކަށް ޔަޤީނެއް ނޫނެވެ.

 

ވިލުނޫކުލައާއި އަޅިކުލަ ބޭނުންކޮށްގެން، ހޯލް ތައްޔާރު ކުރެވިފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ. އެތަނުގައި ހޭލަމޭލަވަމުންދާ މީހުންވެސް ޖުމްލަގޮތެއްގައި ތިބީ، އެ ދެކުލަ ބޭނުންކޮށްގެން ހެދުން އަޅައިގެންނެވެ. ވިލު ނޫކުލައިގެ އަބާޔާއަކާއި، ހަމައެކުލައިގެ ޝޯލްއެއް އަޅައިގެން އިން ރިދާގެ ނަޒަރު ހުއްޓާލެވިފައިވަނީ އަތުގައި އޮތް ފޯނަށެވެ. ކުރިމަތީ ހުރި މޭޒުމަތީ، ބޯން ފަށާފައިވާ ކޯކުތަށްޓެއްވެސް ހުއްޓެވެ. ވަރަށް ކައިރިން މީހަކު ކަރުކެހިލުމުން އޭނާ ބަލާލިއެވެ. އޭރު މިލާން އޭނާގެ ކުރިމައްޗަށްވާގޮތަށް ހުރި ގޮނޑީގައި އިށީންނަނީއެވެ. މިލާން ހުރީ އަޅިކުލައިގެ އަތް ދިގު ގަމީހަކާއިއެކު، ވިލުނޫކުލައިގެ ސްކާފެއް ކަރުގައި އޮޅާލާފައެވެ. ގަމީހުގެއަތް، އުޅަނބައްޓާއި ހަމައަށް އޮޅާލާފައިވާއިރު، އަތުކުރީގައި “ރޮލެކްސް” ބްރޭންޑްގެ ކަނޑުނޫކުލައިގެ ގަޑިއެއް އަޅާފައިވެއެވެ. ކަޅުކަންގަދަ ފަން އިސްތަށިގަނޑު ހުރީ ޖެލް ލާ ތަތްކޮށް ކޮޅަށް ނަގާފައެވެ. މޫނުމަތި އުޖާލާވެފައި، ތާޒާކަމަށް ދައްކައެވެ.

“އައިޑެންޓިޓީ އޮޅުވާލުމަކީ ޤާނޫނީ ކުށެއް…..!!!” މޭޒުމަތީ ދެއަތް އަޅުވާލަމުން މިލާން ބުނެލިއެވެ. އޭނާ ނިސްބަތްކުރީ އިއްޔެގެ ޙާދިޘާއަށެވެ.

“އަހަންނަށް އެނގިފައެއް ނެތް….” އަތުގައި އޮތް ފޯނު މޭޒުމަތީ ބޭއްވުމަށްފަހު، ކޯކްތަށިން އެތިފޮދެއް ބޯލަމުން، ރިދާވެސް ހަމަޖެހިލިއެވެ. މިލާން ވަރަށް ރަނގަޅަށް ރިދާއަށް ބަލާލަމުން، ދެބުމަ ގާތްކޮށްލިއެވެ.

“އެހެންނޫނަސް އަހަރެން އޮޅުވައެއް ނުލަން ދޯ…….. މިލާން އަމިއްލައަކަށްނު އައި×ސް ދޮންތިކަމަށް ހީކޮށް އަހަރެންނާ ވާހަކަ ދައްކަން ފެށީ….. ދެން އަހަރެމެން ދެމީހުން ވައްތަރުވީމަ، އޭގަ އަހަރެން ކުރާނެ ކަމެއް ނޯންނާނެ ދޯ…..” އަނެއްކާވެސް ކޯކްތަށިން ކޯވަރެއް ބޯލުމަށްފަހު، ރިދާ އަމިއްލަ ދިފާއުގައި ވާހަކަ ދެއްކިއެވެ.

“އެހެމް… އެހެމް…. ބައްޕަގާތު ބުނަންވީތަ މި ދަތުރުގައި ރިދާގެ ކައިވެނިވެސް ނިންމާލާށޭ….؟؟؟؟” މިލާން ވާހަކަ ދައްކަން އަނގަ ހުޅުވާލިވަގުތު، އެތަނަށް އައިސް މަޑުކޮށްލި ލައިނީ ވާހަކަދައްކަން ފެށުމުން އަނގައިން ނުބުނެ މަޑުކޮށްލިއެވެ. މޭޒުކައިރީ ހުހަށް ހުރި ގޮނޑީގައި ލައިނީ އިށީނެވެ.

“ކާކާ…..؟؟؟؟؟” މޭޒުމަތީ އަތްއަޅުވާލަމުން ފަރުވާ ކުޑަގޮތަކަށް ރިދާ އަހާލިއެވެ.

“މިލާ…. …. … ”

“ނޯ…. އަހަރެން ނޫޅެން…..” ލައިނީގެ ޖުމްލަ ނުނިމެނީސް ރިދާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އޭނާގެ އަޑަށް ކައިރި މޭޒުތަކުގައި ތިބި ދެތިން މީހަކުވެސް ބަލާލިއެވެ. ރިދާގެ މޫނުގެ ކުލަވަރު ފެނިފައި، ލައިނީގެ އިތުރުން މިލާނަށްވެސް ހެވުނެވެ. އެހެންމީހުންގެ ނަޒަރު އަމާޒުވާކަމުގެ އިޙްސާސްވުމުން، ރިދާ ކުޑަކޮށް ލަދުގަންނަ ގޮތްވީނަމަވެސް، އެ މީހުންނަށް ބަލާލަމުން ކުޑަކޮށް ހިނިތުންވެލުމަށްފަހު، ގާތުގައި އިން ލައިނީއަށް ލޯ އަޅާލިއެވެ.

“އަހަރެން ބުނީމެއްނު ބީރައްޓެއްސަކާ އިންނާކަށް ބޭނުމެއް ނޫނޭ…. އަދި އަމުދުން މި މިލާންއާ….” ލާނެއް ފާޑަކަށް ހީލައިގެން އިން މިލާނަށް ކަޅި އަޅާލަމުން މިހެން ބުނެފައި ރިދާ އެތަނުން ހިނގައިގަތެވެ.

“އެއްޗެކޭ ހީނުކުރައްޗޭ…. އަބަދުވެސް، ރިދާ ވަރަށް ރުޅިއަންނާނެ ބީރައްޓެހިންނާ ކައިވެނި ކުރާ ވާހަކަ ދައްކަންޏާ…. އެހެންވެ އޭނަ ރުޅިއަރުވާލަންވެގެން އެހެން ބުނީ…..” ރިދާ ދިޔަ ދިމާއަށް ބަލަހައްޓައިގެން އިން މިލާނަށް މުޚާތަބުކޮށް ލައިނީ ބުނެލިއެވެ. އެއީ އެވަރުކަމެއް ނޫނޭ ބުނެ މިލާން ހިނިތުންވެލިއެވެ. ރައްދުގައި ހިނިތުންވެލަމުން ރިދާ ދިޔަ ދިމާއަށް ލައިނީ ހިނގައިގަތެވެ.

 

ރިދާއަށް ގޮވަމުން ލައިނީ، އޭނާގެ ފަހަތުން ދިޔައީ، ލައިގެން ހުރި ވިލު ނޫކުލައިގެ އަބާޔާ ހެދުން ދިގުކަމުން، ހެދުމުގައި ދެފަރާތުން ހިފަހައްޓާލައިގެން ހުރެއެވެ. ލައިނީގެ އަޑު އިވުނުނަމަވެސް، ހުއްޓުމެއްނެތި ރިދާ ކުރިއަށްދިޔައީ އޭނާ ރުޅިއައިސްފައިވާކަން ލައިނީއަށް އެންގުމަށްޓަކައެވެ. ތުންފަތުގައި ލާނެއް ހިނިތުންވުމެއްވީ ލައިނީ ހައްދާލެވޭތީއެވެ. އެވަގުތު، އޭނާގެ އަތްދަބަހުގައި އޮތް ރުހާގެ ފޯން، ރިންގުވާން ފެށުމުން މަޑުކޮށްލުމަށްފަހު، ދަބަހުން ފޯނު ނަގާ ގުޅަނީ ކާކުތޯ ބަލާލިއެވެ. އޭރު ލައިނީ އައިސް އޭނާއާއި އަރާ ހަމަވަނީއެވެ. ފޯނުގެ ސްކްރީނަށް އަރާފައިވާ ނަން ފެނުމުން ރިދާގެ މޫނުގެ ކުލަވަރު ބަދަލުވެ ތުންފަތުގައިވި ހިނިތުންވުން ގެއްލުނެވެ. ލައިނީއަށް މި މަންޒަރު ފެނިފައި، ގުޅަނީ ކާކުތޯ ސުވާލުކޮށްލުމުން، ރުހާގެ ފޯންގެ ސްކްރީން، ރިދާ، ލައިނީއަށް ދައްކާލިއެވެ.

“ނައިޒަކް” އަކުރުތަކަށް ބާރުލަމުން ސްކްރީންގައިވާ ނަން، ލައިނީއަށް ކިޔާލެވުނެވެ. ރިދާ އަވަސް ޙަރަކާތަކާއެކު ލައިނީގެ އަނގަމަތީގައި އަތް އަޅާލަމުން އެނަން ނުކިއުމަށް ބުނެލީ، ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލަމުންނެވެ. އެއަށްފަހު، ސްޓޭޖްގައި، މިކްޔާނާއިއެކު، މެހުމާނުންނާއި ބައްދަލްކުރަމުން ދިޔަ ރުހާއަށް ބަލާލިއެވެ. ލައިނީވެސް އެއްފަހަރު ރުހާއަށް އަދި އަނެއްފަހަރު ފޯނަށާއި ރިދާއަށް ބަލާލިއެވެ. ކައިވެނީގެ ޙަފްލާއަށް އައި މަގުމަތީ ރުހާ، އޭނާގެ ފޯނު ރިދާގެ އަތަށް ދިނީ، ފޯނު ހިފައިގެން އެޙަފްލާގައި އުޅުން މުނާސަބު ކަމަކަށް ނުވާނެތީއެވެ. ދެމީހުން ހަދާނެގޮތެއް ނޭނގިފައި ތިއްބާ ފޯނުގެ ރިންގު ކެނޑުނެވެ. އަނެއްކާވެސް ނައިޒަކް ގުޅަން ފެށުމުން ރިދާ، ލައިނީއަށް ބަލާލިއެވެ. ރިދާގެ އަތުން ފޯނު އަތުލައިގެން ލައިނީ ހިނގައިގަތީ މީހުން ނެތް ހިސާބަށެވެ. އެއަށްފަހު، ފޯނަށް ޖަވާބުދިނެވެ. ރިދާގެ އެދުމުގެމަތިން ފޯނުގެ “ސްޕީކަރ އޮން” ކޮށްލިއެވެ.

“ހަލޯ ރުހާ…. ކީއްވެ ފޯން ނުނަގަނީ….؟؟؟ ޕްލީޒް ފޯން ކަނޑާނުލައްޗޭ…. އަހަރެން ދައްކާ ވާހަކަ އަޑުއަހާލަބަލަ ޕްލީޒް…”

ފޯން ނަގާނެ އިރަކަށް އިންތިޒާރުކޮށްގެން ހުރި ނައިޒަކް ފޯން  ނެގުމާއިއެކު ވާހަކަ ދައްކަން ފެށިއެވެ.

“ރުހާ… އަހަންނަށް އެނގޭ އަހަންނަށް ކަންތައްކުރެވުނީ ރަނގަޅަށް ނޫންކަން…. އަހަރެން މިހާރު ދެރަވޭ އެގޮތަށް ކަންތައް ކުރެވުނީމަ… ޕްލީޒް…. ރުހާ… އަހަންނަށް ތިހެން ނުހަދާ….. އަހަންނަށް އެނގޭ ރުހާވެސް ލޯބިވަނީ އަހަރެންދެކެކަން…. އަހަރެންދެކެ ލޯބިވާއިރު އެހެން މީހަކާ ކައިވެނިކޮށްގެން ރުހާ ކިހިނެއް އުޅޭނީ…. ޕްލީޒް…. އަހަންނަށް އަދި އެއް ޗާންސް ދީ…. ރުހާ ދެރަވާނެކަހަލަ އެއްވެސް ކަމެއް އަހަރެން ދެން ނުކުރާނަން…..” ނައިޒަކްގެ އަޑުގައި ވޭނާ ރިހުން އެކުލެވިފައިވެއެވެ. ރިދާއާއި ލައިނީ އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލިއެވެ. އެމީހުން ތިބީ ހަދަންވީ ގޮތެއް، ބުނަންވީ އެއްޗެއް ނޭނގިފައެވެ. ރުހާގެ ޚަބަރެއް ނުވުމުން ނައިޒަކް އަނެއްކާވެސް ރުހާއަށް ގޮވާލިއެވެ.

“ނައިޒަކް…. މީ ލައިނީ…..” ދައްކާނެ ވާހަކައަކާއި ދޭތެރޭ ވިސްނާލުމަށްފަހު، ލައިނީ ވާހަކަ ދައްކަން ފެށިއެވެ.

“ލައިނީ…. ޕްލީޒް ރުހާ ހުއްޓު……”

“ނައިޒަކް… މިހާރު ވަގުތު ފާއިތުވެއްޖެ….. ރުހާގެ ކައިވެނި ކުރެވިއްޖެ….” ނައިޒަކް ވާހަކަ ދައްކަ ދައްކާ ހުއްޓާ ލައިނީ ބުނެލިއެވެ. ދެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. ނައިޒަކް އެއްޗެކޭ ބުނޭތޯ އިރުކޮޅަކު މަޑުކޮށްލުމަށްފަހު، އަނެއްކާވެސް ލައިނީ ވާހަކަ ދައްކަން ފެށިއެވެ.

“އަހަންނަކަށް ނޭނގެ ތި ދެމީހުންގެ ކައިވެނި އެހާ ގާތްވެފައިވަނިކޮށް އެކަން ހުއްޓުމަކަށް އައީ ކިއްވެގެން ކަމެއް…. ރުހާވެސް އެއްވެސް މީހަކަށް އެއްވެސް ވާހަކައެއް ކިޔައެއް ނުދޭ….. މިހާރު ދެން އެވާހަކަތައް ދެއްކުމުގެ ބޭނުމެއްވެސް ނެތް ކަންނޭނގެ…. ރުހާގެ ކައިވެންޏަކީ ރުހާގެ އަމިއްލަ ނިންމުމެއް…. ރުހާ ބޭނުންވެގެން ކައިވެނި ކުރީ…. އެހެންވީމަ ދެން ރަނގަޅުވާނީ ރުހާ ބޭނުންވާގޮތަށް އެ ކައިވެނިމަތީ ރުހާ ކުރިއަށް ދިޔަ ދިނީއާ… ރުހާ އެއީ މިހާރު އެހެން މީހެއްގެ ޙައްޤެއް…. ނައިޒަކްވެސް ދެން ރަނގަޅުވާނީ ރުހާގެ މަތިން ހަނދާން ނައްތާލީއާ… މިހާރު ދެން ތިގޮތަށް ރުހާގެ ފޯނަށް ގުޅުން ރަނގަޅެއް ނުވާނެ……” އުނދަގޫވީ ނަމަވެސް ލައިނީ އެހުރިހާ ވާހަކައެއް ދެއްކިއެވެ. ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ދެން އިވިގެން ދިޔައީ ނައިޒަކްގެ ގިސްލުމުގެ އަޑެވެ. ކަންތައް ބޮޑުވެފައިހުރެ ލައިނީއަށް ބަލާލެވުނީ ރިދާއަށެވެ. އޭނާގެ މޫނުގައިވެސް ވަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ.

“ނައިޒަކް… އަހަރެން ފަހަރެއްގައިވެސް ނައިޒަކް ކުށްވެރިއެއް ނުކުރަން…. އަދި ނައިޒަކް ދެރަކޮށްލާކަށްވެސް ބޭނުންމެއް ނޫން…. އަހަންނަކަށް ނޭނގެ ތިދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލައިގައި ކުށްވެރިވަނީ ކާކު ކަމެއްވެސް…. އެކަމަކު އަހަރެން ދެއްކި ވާހަކަތަކަކީ އަޑުއަހަން ބޭނުން ނުވިކަމުގައިވިޔަސް ޙަޤީގަތް…. ހުރިހާ ކަމެއްވެސް މިހާރު މިވަނީ ބަދަލުވެފައި…. ނައިޒަކްވެސް ރަނގަޅުވާނީ ދެން ރުހާ މަތިން ހަނދާން ނައްތާލާ، ދރިއުޅުމައިގެން ކުރިއަށް ދިޔައިއްޔާ…..” ނައިޒަކްގެ ގިސްލުމުގެ އަޑުއިވުމުން ލައިނީ ހުރީ ދެރަވެފައެވެ. އެކަމުންވެސް ނައިޒަކް ރުހާދެކެ ލޯބިވާ މިންވަރު ލައިނީމެންނަށް ހާމަވިއެވެ. ދެންވެސް ނައިޒަކް ވާހަކަ ނުދެއްކުމުން ލައިނީ އަނެއްކާވެސް ގޮވާލިއެވެ. ނަމަވެސް ނައިޒަކް އަނގައަކުން ނުބުންޏެވެ. އޭގެ އިރުކޮޅެއް ފަހުން ކޯލް ކަނޑާލި އަޑު އިވުނެވެ. ލައިނީ ފުން ނޭވާއެއްލަމުން ރިދާއަށް ބަލާލުމަށްފަހު، ދުރުގައިހުރި ރުހާއަށް ބަލާލިއެވެ.

“އެދެމީހުންގެ މެދުގައި ޖެހުނީ ކޮންކަހަލަ މައްސަލައެއްތޯ ކުރިއަށްވުރެވެސް ބޮޑަށް އެނގެން ބޭނުންވެއްޖެ…..” ރުހާއަށް ބަލަން ހުރެ ރިދާ މިހެން ބުނުމުން ލައިނީއަށްވެސް ބޯ ޖަހާލެވުނެވެ.

ހިތް ނުތަނަވަސްވެފައިވާ ޙާލު ނުވެސް ދަންނަ މެހުމާނުންތަކަކާއި ބައްދަލްވާންޖެހުމުން ކިތަންމެ އުނދަގޫވީނަމަވެސް، ރުހާ ހުރީ ބޭރުފުށުން ހަމަޖެހޭގޮތް ދައްކާލައިގެންނެވެ. އެންމެހާ މެހުމާނުންނާއި ބައްދަލްކުރީ ރީތި ހިނިތުންވުމަކާއިއެކުއެވެ. ގާތުގައި މިކްޔާން ހުރިނަމަވެސް، އެންމެ ފަހަރަކުވެސް އޭނާއާއި ދިމާއަށް ބަލާލާކަށް ރުހާއަކަށް ނުކެރުނެވެ.

ރުހާގެ އިންތިޒާރަށް ނިމުން އައީ ޙަފްލާގެ ވަގުތު ހަމަވުމުންނެވެ. އެއަށްފަހު، ދެން އޮތީ އަލަތު ދެމަފިރިންނަށް ޚާއްސަކުރެވިފައިވާ ކެއުމެވެ. ގޮނޑީގައި އިށީނދެވުމާއިއެކު، ރުހާއަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ގޮނޑިއަށް ހަށިގަނޑު ދަމާލެވުނީ، އެ ބޮޑު ހެދުމުގައި އެހާ ގިނައިރު ކޮޅަށް ހުންނަންޖެހުމުން، ވެފައިވާ ވަރުބަލިކަމެއްގެ ސަބަބުންންނެވެ. ދެލޯމަރާލާފައި ހުޅުވާލިވަގުތު، ކުރިމަތީގައި އިން އޭނާގެ ފިރިމީހާ، މިކްޔާން ބަލަހައްޓައިގެން އިނުމުން އަވަހަށް ހަށިގަނޑު ތެދުކޮށްލެވުނެވެ. މި އިނދެވުނީ ކޮންތާކުކަމާއިމެދުވެސް، ވިސްނާލެވުނީ ދެނެވެ. ވަށައިގެންވާ މާޙައުލަށް ނަޒަރު ހިންގާލުމަށްފަހު، އަނެއްކާވެސް މިކްޔާނަށް ބަލާލެވުނެވެ. އޭރުވެސް، މިކްޔާން އިނީ ރުހާގެ ޙަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. މުޅި ޙަފްލާގައި އެހާ އިރުވީއިރުވެސް، މިކްޔާނާއި ދިމާއަށް، ރީތިކޮށް ރުހާއަށް ބަލާލެވުނީ އެވަގުތުއެވެ. ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި، ކޯޓުގެ އެތެރެއިން ހުދުގަމީހެއް ލައިފައިވާއިރު، މިކްޔާން ވަރަށް ފުރިހަމަވެފައި ސާދާއެވެ. ހިތްކިޔާކަހަލަ ގޮތެއް ހުރެއެވެ. މިކްޔާނަށް ގެއްލިފައި އިން ރުހާއަށް ހޭވެރިކަމެއްވީ، އޭނާގެ ލޯ ކުރިމަތީ މިކްޔާން އަތް ހިންގާލުމުންނެވެ. ރުހާ ބަލާލުމުން، “އޯކޭ” ހޭ މިކްޔާން އަހާލިއެވެ. ރުހާ އަވަސް އަވަހަށް ބޯޖަހާލިއެވެ.

މޭޒުމަތީގައި ހުރި ކާތަށިތަކަށް ބަލާލަމުން، ކެއުމަށް އިންސާފްކުރަން ފެށުމަށް  މިކްޔާން ބުނެލީ އޯގާތެރިކަމާއި އެކީގައެވެ. އެއަށްފަހު، މިކްޔާންވެސް ކާންފެށިއެވެ. މޭޒުމަތީގައި ހުރި ކާތަށިތަކުގައިވާ ކާއެއްޗެހި ފެނުމުން ރުހާގެ ކުޅުދިޔާވިއެވެ. އުޅެންޖެހުނު ގޮތުން ރަނގަޅަށް ކާއެއްޗެއް ނުކެވުމުގެ ސަބަބުން، އޭނާހުރީ ވަރަށް ބަނޑުހައިވެސް ވެފައެވެ. ސަމްސަލާ އޫ އަތަށް ހެޔޮވަރުކޮށްލުމަށްފަހު، ކާން ފެށިއެވެ. ބަނޑުހައިވެފައި އިންވަރުން، ކަމުންދިޔައިރު، ކުރިމަތީ އިތުރު މީހަކު އިންހެންވެސް އޭނާއަށް ހީނެވެއެވެ. ބަނޑުފުރެންދެން ކައި ހަމަޖެހިލެވުނުއިރު، ތަށީގައިހުރި ކާއެއްޗެހިވެސް ހުސްވެއްޖެއެވެ. ކައިރީގައި ހުރި ފެން ތަށި ބޯލުމަށްފަހު، ޓިޝޫއިން ތުންފުހެލިއެވެ. ގޮނޑީގައި ލެނގިލެވުނީ ލޮޑުކަން އިޙްސާސްވުމުންނެވެ. މިކްޔާންމަތިން ހަނދާންވީވެސް، އެ ވަގުތުއެވެ. ކެއުމުގައި އަވަދިނެތި އުޅެވުނުގޮތް ހިތަށް އެރުމުން، މިކްޔާނާއި ދިމާއަށް ބަލާލަން ނުކެރިގެން، ތަންތަން ބަލާކަމަށް ހަދާފައި ވައްކަޅިން ބަލާލިއިރު، އެއްއަތް ގޮނޑީގެ އަތްގަނޑުމަތީ ބާއްވާލައިގެން، އަނެއް އަތުގެ ޝަހާދައިނގިލި ނޭފަތާއި ތުންފަތާއި ދެމެދު ހުރަސްކޮށްލައިގެން، މިކްޔާން އިނީ ސީދާ ރުހާއަށް ބަލާށެވެ. ހިތާހިތުން އަމިއްލަ ނަފްސަށް ކުދި ކިޔަމުން ރުހާއަށް ލޯމަރާލުމަށްފަހު، ތުންފަތުގައި ދަތްއަޅާލެވުނެވެ.

“ރަނގަޅަށް ކެވިއްޖެތަ….؟؟؟” އިވިގެން ދިޔައީ މިކްޔާންގެ ފިރިހެންވަންތަ ބަރު އަޑެވެ. ހިތްވަރުކޮށްލާފައި ލޯހުޅުވާލަމުން ރުހާ މިކްޔާނާ ކުރިމަތިލިއެވެ. އަދި އެއްޗެއް ބުނަން ނުހަދާ، ބަލާފައިވާ ޑްރާމާތަކުގައި އުޅޭ ތުއި އަންހެން ކުދިން ހަދާހެން ތުންފަތަށް ރަކިހިނިތުންވުމެއް ވެރިކުރުވަމުން، އަވަހަށް ބޯޖަހާލިއެވެ. އެވަގުތު، ރިދާމެން އެތަނަށް އަންނަތަން ފެނުމުން ރުހާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

“ކޮބާ … ދެކުދިންގެ ރޮމޭންޓިކް ޑިނަރ ކިހިނެއްވަނީ…..؟؟؟؟” ލާނެއްގޮތަކަށް ހީލަމުން، މަލަކް އަހާލީ މިކްޔާންގެ ކޮނޑުގައި އަތްއަޅުވާލަމުންނެވެ. ރުހާ ވައްކަޅިން މިކްޔާނަށް ބަލާލިއިރު، މިކްޔާން އިނީ އޭނާއަށް ބަލަހައްޓައިގެންނެވެ.

“ތެދެއް… ރޮމޭންޓިކް ޑިނަރ ކިހިނެއްތަ…..؟؟؟؟؟” ދެން އިވިގެން ދިޔައީ މިކްޔާންގެ އަޑެވެ. ވާހަކަ ދެއްކިއިރުގައި “ރޮމޭންޓިކް ޑިނަރ” އޭ ބުނިއިރު އަޑަށް ބާރުލާފައި ބުނިކަން ފާހަގަކުރެވުނެވެ. އަދިވެސް އޭނާގެ ނަޒަރު ސީފާވެފައިހުރީ ރުހާއަށްކަމުން، މިކްޔާން މުޚާތަބްކުރީ އޭނާއަށްކަން އެނގުމުން “ރަނގަޅޭ” ބުނެފައި އެތާތިބި އެންމެންނަށް ވަކިވަކިން ބަލާލަމުން ހިނިތުންވެލާފައި، އަނެއްކާވެސް ރުހާ، މިކްޔާނަށް ބަލާލިއެވެ. އެވަގުތު މިކްޔާންގެ ތުންފަތުގައިވި ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ މާނަ ދެނެގަންނާކަށް، ރުހާއަކަށް ނޭނގުނެވެ.

**********

މިކްޔާނަށްވުރެ ދެފިޔަވަޅުވަރު ފަހަތުގައި ހުރެގެން ދިޔަ ރުހާގެ ހިތްވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. ލައިގެން ހުރި ބޮޑު ހެދުމުގައި ދެފަރާތުން ހިފަހައްޓާލައިގެން ހުރިނަމަވެސް އޭނާގެ ދެއަތުން ލޮނުދާހިލެމުންދާކަމުގެ އިޙްސާސްކުރެވެއެވެ. ދިރިއުޅުމަށް މިއައި އައު ބަދަލާއެކު، މިކްޔާނާއެކީ ދިރިއުޅުމުގެ ބާކީއޮތްބައި ހޭދަކުރެވިދާނެބާއޭ ރުހާގެ ހިތަށް އެރިއެވެ. އަމިއްލަ ޚިޔާލްތަކަކަށް ގެއްލި ހުރެ އިސްޖަހާލައިގެން ދިޔަ ރުހާއަށް ޚިޔާލްތަކުން އެއްފަރާތް ވެވުނީ މިކްޔާންގެ ގައިގައި ޖެހުމުންނެވެ. އިސްއުފުލާ ބަލާލިއިރު މިކްޔާން ހުރީ ކޮޓަރީގެ ދޮރުފަތްހުޅުވާލައިގެން، އޭނާ ވަނުމަށް ތަން ދައްކައިގެންނެވެ. ގަދަކަމުން ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކުރުވަމުން ރުހާ އެތެރެއަށް ވަދެލިއެވެ.

ކޮޓަރިއަށް ވަނުމާއެކު، އެންމެ ފުރަތަމަވެސް ރުހާގެ ނޭފަތުގައި ހަރުލީ އެއްކަލަ މީރުވަސްދުވާ ސެންޓުގެ ވަހެވެ. ނޭފަތުކުރީގައި އެވަސް ޖެހުމާއެކު އިޚްތިޔާރަކާނުލާ އޭނާގެ ކުޑަ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ކޮޓަރީގެ އެކި ދިމަދިމާއަށް ރުހާ، ނަޒަރު ހިންގާލިއެވެ. ތަނަވަސް ބޮޑު ކޮޓަރިއެއްނަމަވެސް ފަރުނީޗަރު މަދު ސާދާ ކޮޓަރިއެކެވެ. ކޮޓަރީގައި ލާފައިވަނީ ހުދުކުލައެވެ. ހުރިހާ ފަރުނީޗަރެއްގައިވެސް ވަނީ ހަމައެކުލައެވެ. ކޮޓަރީގެ ހުޅަނގުބިތުގެ މެދެއްހާ ހިސާބުގައި ބަހައްޓާފައިވާ “ކިންގްސައިޒް”ގެ އެނދުގައި ކްރީމްކުލައިގެ ގޮޅިޖެހި ބެޑްޝީޓްގެ މަތީ ހަމައެކުލައިގެ ރަޖާގަނޑެއް އަޅާފައިވެއެވެ. އެނދުގެ ބޯލާކޮޅުގައި އެކި ސައިޒުން ބާލީސްތައް އަތުރާލެވިފައިވެއެވެ. އެނދުގެ ދެކުނުފަރާތުގައި ރީތިވާ މޭޒެއް ބެހެއްޓިފައިވާއިރު ހަތަރު ދޮރުފަތްލީ އަންނައުނު އަޅާ އަލަމާރިއެއް ކޮޓަރީގެ އިރުމަތި ބިތުގައި، ފާހާނާގެ ދޮރާއި އިންވެގެން ބެހެއްޓިފައިވެއެވެ. ދެމީހުނަށް އިނދެވޭވަރުގެ ސޯފާއެއް ކޮޓަރީގެ މެދަށްވާގޮތަށް ބަހައްޓާފައިއެވެ. ކޮޓަރީގެ އުތުރުބިއް އެއްކޮށް ހުދުކުލައިގެ ފޮތިން ފަރުދާކުރެވިފައިވެއެވެ.

ކޮޓަރިއަށް ވަންގޮތަށް ހުރިފިޔަވަޅުމަތީ ރުހާ ހުރުމުން މިކްޔާން ކަރުކެހިލިއެވެ. ސިހިފައިކަހަލަ ގޮތަކަށް ރުހާ ފަހަތް ބަލާލިއިރު، މިކްޔާން ހުރީ ދޮރުފަތުގެ ތަޅުގައި ހިފަހައްޓާލައިގެންނެވެ. ރުހާ އެތާ ހުރުމުން ދޮރު ނުލެއްޕިފައެވެ. އަވަސް ޙަރަކާތަކާއެކު ހެދުން ހިއްލާލަމުން ރުހާ ހިނގައިގަތީ ރީތިވާ މޭޒާއި ދިމާއަށެވެ. މޭޒުމަތީގައި ހުރި ރިތިވާ ސާމާނުތަކުގެ ތެރޭގައި ހުރި “ހޯޕް” ޖަހާފައިވާ ސެންޓުފުޅި ފެނުމުން، އޭގެއިން ވަސް ބަލާލަން، ރުހާ ބޭނުންވިއެވެ. އޭގެ ކުރިން ލޯގަނޑުން މިކްޔާން ކޮބާތޯ ބަލާލިއިރު، ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު، މިކްޔާން އެދިމާއަށް އައުމަށް ހިނގައިގަންނަނީއެވެ. ހިތްއަވަސްވީވަރުން، ރުހާއަށް އަނެއް ފަރާތަށް އެނބުރިލެވުނެވެ. މިކްޔާންގެ ތޫނު ނަޒަރު، ސީދާ ރުހާއަށް އަމާޒުވެފައިވާވުމުން އޭނާގެ ގައިން ހީބިހި ނަގާ، ދާހިއްލަންފެށީ ހާސްވީވަރުންނެވެ. ފަހަތުން ރިތިވާމޭޒުގައި ދެއަތްއަޅުވާލެވުނީ ދެން ހަދަންވީގޮތެއް ހިތަށް ނައުމުންނެވެ. މިކްޔާން އައިސް މަޑުކޮށްލީ ސީދާ ރުހާގެ ކުރިމަތީގައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ހީވޭ ކަލާވާހެން-4

Next

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 4

Next
August 26, 2021

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 4

Previews
August 25, 2021

ހީވޭ ކަލާވާހެން-4

One Comment

  1. Eemyaa says:
    August 25, 2021 at 12:46 pm

    Ummeedhu kuran mibaives kiyuntherinnah kamudhaane kamah ❤

Comments are closed.

Next Episodeޔާރު ނުބުނޭ ތިހެން … (3)←


All Right Reserved!