
“އަހަންނާ ނަޞްރާގެ ކައިވެންޏަކީ ވުމަށްވުރެ ނުވުން ގާތްކަމެއް. ކޮން ބައްޕައެއްތަ ޤާތިލަކާ އޭނަގެ ދަރިފުޅު ޙަވާލުކުރާނީ؟” ޔޫނުސް ދުރުގައިހުރެ އެހެން ބުނެލިއިރު އޭނަގެ ދެލޯ ރަތްވެފައިވިއެވެ. އޭނަ އެހެން ބުނިތަނާހެން ޒަޔާން ކޮޅަށްތެދުވެ ބާރަށް ޔޫނުސްގެ ނަމުން ގޮވާލިއެވެ.
**
“އަހަރެން ކިހިނެއްތަ އަހަރެންގެ ވާންއުޅެ ފިރިމީހާއަށް ތަޢާރަފުވާނީ؟ އެންމެ ފުރަތަމަ ވެސް ފަށަންޖެހޭނީ އަހަރެން ގެންގުޅުނު ލޯބިވެރިންގެ ވާހަކައިން، ދޯ؟” ނަޞްރާއަށް ނުރޮވުނެއްކަމަކު އޭނަ ސަދަފްއަށް ބަލާލީ ކަރުނައިން ފުރިގެންވި ދެލޮލުންނެވެ. ނަޞްރާގެ ވާހަކަ ނިމުމުގެ ކުރިންވެސް ސަދަފް ބޯހޫރުވަން ފެށިއެވެ.
**
“ޔޫނުސް ބުނިން ދެން ތިމަންނަ ތި ވާހަކަ ނުދައްކާނަމޭ.” ޒަޔާން ބާރަށް ހިނގާފައި އައިސް ޔޫނުސްގެ އަތުގައި ހިފައި އޭނަ އަނބުރާލަން އުޅުނެވެ. ނަމަވެސް ޔޫނުސް އޭނަގެ އަތް ފޮޅުވާލަމުން ހުރިގޮތަށް ހުރީއެވެ.
“ވާހަކަ ދެއްކިއަސް ނުދެއްކިއަސް ޙަޤީޤަތް ވާނީ ޙަޤީޤަތަށް. ކިތަންމެ ވަރަކަށް އުޅުނަސް ބިންވަޅުނެގި ލިޔެވިފައިވާ ވާހަކައެއް ނުފޮހެވޭނެ.” ޔޫނުސް ޒަޔާންއަށް ބަލާލުމެއްނެތި ބުނެލިއެވެ. އެވަގުތު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ.
**
“ނަޞްރާ ނުޖެހޭނެ ވަކި އެވާހަކަ ދައްކާކަށް. ނަޞްރާ މިހާރު އުޅެމުން ތިދަނީ މާޒީގައެއްނޫން.” ސަދަފް ހިސާބަކަށް ނުރުހިފައިހުރެ ބުނެލިއެވެ.
“އަހަރެން އެވާހަކަ ނުބުނެ ހުރެ ކައިވެންޏަށްފަހު އޭނައަށް އެކަން އެނގުނު ދުވަހަކުން ވާނީ ކިހިނެއް؟” ނަޞްރާއަށް ސަދަފްއަށް ބަލަން ހުރެ އެހެން އަހާލީ ކުރެހިފައިވާ އަޑަކުންނެވެ. އޭނަ އެވާހަކަ ނިންމާލި ވަގުތު ކަރުނައިގެ ތިކިތަކުން އޭނަގެ ކޯތާފަތް ތެމުނެވެ. ނަޞްރާއަށް ބަލަހައްޓައިގެން އިން ސަދަފްގެ ދޫ ބަންދުވިއެވެ.
**
“އަމިއްލަ ނަފްސަށް މަޢާފު ނުކުރެވިގެން އުޅެނިކޮށް އެހެން މީހަކު ކިހިނެއް މަޢާފުކޮށްދޭނީ؟” ޔޫނުސްއަށް އެހެން ބުނެލެވުނީ ރޫރޫއަޅަމުން ދިޔަ އަޑަކުންނެވެ. އެވަގުތު އޭނަގެ އެއްލޮލުން ކަރުނަ ތިތްކެއް ފައިބައިގެން އައެވެ. އެ މަންޒަރު ފެނިފައި އެއްޗެކޭ ބުނަން އުޅުނު ޒަޔާން މަޑުޖެހުނެވެ. ޔޫނުސްގެ ސިކުނޑީގައި މިވަގުތު އެނބުރެމުންދާނެ ޚިޔާލުތަކާއެކު އޭނަގެ ހިތަށްކޮށްފައިވާނެ އަސަރުވެސް ޒަޔާންއަށް ތަސައްވުރު ކުރެވުނެވެ. އޭނަ އިރުކޮޅަކު ހުރެފައި ވާހަކަ ދެއްކިއެވެ.
“ޔޫނުސް……އަހަންނަށް ފަހަރެއްގަ ނޭނގިދާނެ ޔޫނުސްއަށް މިހާރު އިޙްޞާޞް ކުރެވެމުންދާނެ ގޮތް. އެކަމަކު އަހަންނަށް އެނގޭހާވެސް ކަމަކީ އެންމެ ކުށެއްގެ ސަބަބުން މީހަކު މުޅި އުމުރު ދުވަހަށް ގޯސް މީހަކަށް ނުވާނެކަން. ޔޫނުސްއަކީ ނުބައި މީހެއްނޫން. އޭގެ ހެއްކަކީ ޔޫނުސް އަހަންނަށާއި އަހަރެންގެ ޢާއިލާއަށް އެހީވެދިން ގޮތް.” ޒަޔާން ޔޫނުސްގެ ކޮނޑުގައި އެއްއަތް ބާއްވަމުން ބުނެލިއެވެ. ޔޫނުސް ދެންވެސް ޒަޔާންއަށް ބަލާލުމެއްނެތި ކުރިމައްޗަށް ނަޒަރު ހުއްޓައިގެން ހުރީއެވެ. އޭނަ އެއްޗެކޭ ނުބުނުމުން ޒަޔާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“ތިމާގެ މާޒީގެ ސަބަބުން ދިރިއުޅުމުގަ ކުރިއަށް ނުގޮސް ހުރުމަކީ ވެސް ރަނގަޅުކަމެއްނޫން. އެންމެ ވިސްނުންތެރި ގޮތަކީ ތިމާގެ މާޒީގައި ވެނިމިފައިވާކަމެއް ބަދަލު ނުކުރެވޭނެކަން ޤަބޫލުކޮށް ތިމާގެ މުސްތަޤްބަލް އުޖާލާކުރަން މަސައްކަތްކުރުން. ހަމައެކަނި އެ މާޒީގެ ސަބަބުން ތިމާ ކުރިއަށް ދިޔުމަށް ހުރަސްއަޅާ މީހުންގެ ވާހަކަތައް އަޑުނޭހުން. ޔޫނުސް ބުނީމެއްނު ތިމަންނައަށް ކަމުދާނީ ތިމަންނަގެ ނޭދެވޭ ސިފަތައް އެނގިހުރެވެސް ތިމަންނަގެ ރަނގަޅު ސިފަތައް ފެންނާނެ ކުއްޖެކޭ؟ ނަޞްރާ ފަހަރެއްގަ ވެދާނެ އެފަދަ ކުއްޖަކަށް.” ޒަޔާން ބުނެލިއެވެ. އެއާއެކު ޔޫނުސް އޭނައަށް ބަލާލިއެވެ. ޒަޔާން ބޯޖަހާލީ ޔޫނުސްއަށް ޔަޤީންކަންދޭން އުޅޭ ފަދަ ގޮތަކަށެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ޔޫނުސް ޒަޔާންގެ ގައިގައި ބައްދާލިއެވެ.
**
“ނަޞްރާއަށް ހީވަނީ އެ ވާހަކަތައް ކިޔައިދިނުމަށްފަހު ނަޞްރާއާއި އިންނަން ބޭނުންވާނެ އެކަކުވެސް ނުހުންނާނެހެންތަ؟ އަހަންނަކަށް ހިއެއްނުވޭ އެހެންނެއް. ނަޞްރާ ކުރީގަ އުޅުނު ގޮތް އެނގުމުން ނަޞްރާ މަތިން ފޫހިވާނެ މީހަކު ނަޞްރާއަށް ޙައްޤެއްނޫން. އެފަދަ މީހަކާ އިންނާނެ ވެސް ކަމެއްނެތް. ނަޞްރާއަށް ލޯބިދީ ރަނގަޅަށް ބަލާނެ މީހަކީ ނަޞްރާގެ ހުރިހާ ޙަޤީޤަތެއް އެނގިހުރެވެސް ނަޞްރާ ޤަބޫލުކުރާނެ މީހަކު. އެކަހަލަ މީހަކު ނަޞްރާއަށް ލިބޭނެކަމާމެދު އަހަރެން ޝައްކެއްނުކުރަން. އެމީހަކީ ޔޫނުސް ކަމުގައިވެސް ވެދާނެ.” ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ސަދަފް ވާހަކަ ދެއްކިއެވެ. އޭނަގެ އެންމެ ފަހު ޖުމްލައާއެކު އިސްޖެހިފައި އިން ނަޞްރާގެ އިސް އުފުލުނެވެ. ސަދަފް ހިނިތުންވެލިއެވެ.
“ދޮންބެ ގާތު ޔޫނުސްގެ ވާހަކަ ދައްކަންވީދޯ؟” ސަދަފް ނަޞްރާގެ ދަތްދޮޅީގައި އެއްއަތުން ހިފައިގެން ހުރެ ބުނެލިއެވެ. ނަޞްރާގެ ހިތާމަވެރި މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނަ އެއްފަހަރު ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. އެވަގުތު ކޮޓަރީގެ ބޭރުން އާޒް ރޮއިގަތް އަޑު އިވުނެވެ. ސަދަފް ވަގުތުން ފަސްއެނބުރި ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލިއެވެ.
“އަހަރެން ނެތި މާ ގިނައިރުވެއްޖެ. ހެހެ…..ދަނީ އިނގޭ؟” ސަދަފް ކޮޅަށް ތެދުވަމުން ނަޞްރާއަށް ހިނިތުންވުމެއް ހަދިޔާ ކޮއްލިއެވެ. ނަޞްރާގެ މޫނުމައްޗަށް ވެސް ފުރިހަމަ ހިނިތުންވުމެއް ވެރިވުމުން ސަދަފްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ނަޞްރާގެ އެ ހިނިތުންވުންވުން ދެމެހެއްޓެވުމަށް އެދި ސަދަފް ހިތާހިތުން ދުޢާކުރަމުން ކޮޓަރިން ނިކުމެގެން ދިޔައެވެ.
އެރޭ ޒަޔާން ދެއްކި ވާހަކަތަކުގެ ސަބަބުން ޔޫނުސްއަށް އާ ހިތްވަރެއް ލިބުނެވެ. ޒަޔާން ބުނީ ތެދެއްކަން އޭނައަށް ހިތުގެ އަޑިން ޤަބޫލު ކުރެވުނެވެ. އޭނަގެ މާޒީގެ ސަބަބުން ޤަޞްދުގައި އޭނަގެ މިއަދު ގެއްލުވާލާކަށް އޭނަ ނުޖެހެއެވެ. އޭނަ އޭނަގެ މާޒީ ހަނދާން ނައްތާލާނެ ކަމަށް ޔޫނުސް އަމިއްލަ ނަފްސާއި ވަޢުދުވިއެވެ. އާ ފެށުމެއްގެ ނިޝާނެއްގެ ގޮތުން އޭނަ ވީހާވެސް އަވަހަކަށް ނަޞްރާ އޭނަގެ މީހަކަށް ހަދަން ބޭނުންވިއެވެ. އެންމެ ފުރަތަމަ އޭނަ ނިންމައިގެން ހުރީ ޝަރީފަށް މަޢާފަށް އެދުމަށްފަހު ދުވަސްކޮޅެއްފަހުން ކައިވެނީގެ ވާހަކަ ދައްކާށެވެ. ނަމަވެސް ކެތްމަދުވުމުގެ ސަބަބުން ޔޫނުސް ދެކަން އެއްދުވަހެއްގައި ކުރަން ނިންމައިފިއެވެ. ކިތަންމެ ބޭނުމެއްނުވިޔަސް އޭނަ ދެކެމުން އަންނަ ހުވަފެންތައް ތެދަކަށް ނުވެދާނެއޭ ޔޫނުސްގެ ހިތުގެ ކަނަކުން ގޮވަމުން ދިޔައެވެ.
ނަޞްރާއަށް ޔޫނުސް ކަމުދާ ވާހަކަ އިވުމުން އަފްރާޒް ބޭނުންވީ ޝަރީފްއާއި ވާހަކަ ދެއްކުމުގެ ކުރިން އޭނަ އަމިއްލައަށް ޔޫނުސްއަކީ ކޮންކަހަލަ މީހެއްކަން ބަލައި ހޯދާށެވެ. އޭނަ ނަޞްރާ ގާތު ޔޫނުސްއަކީ ކާކުތޯ އެހުމުން ނަޞްރާ ޔޫނުސްގެ ގެ އޭނައަށް ދެއްކިއެވެ. މިސްކިތަށްދާ މަގުމަތީގަ އާއި މިސްކިތުން އަފްރާޒްއަށް ޔޫނުސް ފެނެއެވެ. ޔޫނުސް އެންމެ ފުރަތަމަ ފެނުނު ދުވަހުވެސް އޭނަ އަފްރާޒްއާއި ހިނިތުންވެލިގޮތުން އަފްރާޒްއަށް ހީވީ ޔޫނުސްއަކީ އޭނަ އެތައް ދުވަހެއް ވަންދެން ގެއްލިގެން އުޅުނު އެކުވެރިއެއްހެންނެވެ. ޔޫނުސް އާއި ވާހަކަ ނުދެކެވުނަސް ޔޫނުސްއަކީ ކޮންކަހަލަ މީހެއްކަން އޭނަގެ ޢަމަލުތަކުން އަފްރާޒްއަށް އެނގެން ފެށިއެވެ. ބައެއް ނަމާދުތަކަށް ލަހުން އާދެވުނަސް ޔޫނުސް ހުރިހާ ނަމާދުތަކަށް މިސްކިތަށް އަންނަކަން އަފްރާޒްއަށް ފާހަގަ ކުރެވުނެވެ. ނަޞްރާ ބުނި ފަދައިން އޭނަ އެކި މީހުންނަށް އެހީވެދޭ ތަންވެސް އަފްރާޒްއަށް ދެ ތިން ފަހަރަކު ފެނިފައިވެއެވެ. ބައެއް ދުވަސްދުވަހު ފަތިސް ނަމާދަށްފަހު ޤުރުއާން ކިޔަވަން ހުންނަތަން ފެނުމުން މިއީ އޭނަ ހީކުރިވަރަށްވުރެ ވެސް ރަނގަޅު މީހެކޭ އަފްރާޒްގެ ހިތަށްއަރައެވެ. ނަޞްރާ އާއި ޔޫނުސްގެ ކައިވެންޏަށް ބައްޕަ އެއްބަސް ކުރުވުމަކީ ނުހަނު ފަސޭހަ ކަމަކަށްވާނެ ކަމަށް އަފްރާޒްއަށް ހިތާހިތުން ޤަބޫލުކުރެވުނެވެ.
އެއްދުވަހެއްގެ ހަވީރު ޝަރީފް އޮފީހުން ގެއަށް އަންނާނެ އިރެއްގެ އިންތިޒާރުގައި އަފްރާޒް ފެންޑާގައި އޮތް އުނދޯލީގައި އޮށޯވެގެން އޮތެވެ. އޭނަ އޮށޯތްތާ މާ ގިނައިރެއްނުވެ ޝަރީފްގެ ޖިޕް ލަސް ދުވެއްޔެއްގައި އައިސް ގޭގެ ގޭޓުން ވަދެ ފެންޑާގެ ވަކި ހިސާބެއްގައި މަޑުކޮށްލައިފިއެވެ. ޖިޕުގެ ދޮރު ހުޅުވުނުތަނާ އަފްރާޒް ކޮޅަށް ތެދުވެއްޖެއެވެ.
“ކޮބާ؟ މިއުޅެނީ ކޮންމެވެސް އެއްކަމެއް ހަނދާން ނައްތާލައިގެންދޯ؟” ޝަރީފް ހިނިތުންވުމެއްގައި ހުރެ ޖިޕުގެ ދޮރު ލައްޕާލަމުން އަހާލިއެވެ.
“ކޮންކަމެއް؟” އަފްރާޒްއަށް އެހެން އަހާލެވުނީ އޭނައަށް ކުރެވުނީ ކުށްހީއެއްކަމަށް ހީކޮށެވެ. ޝަރީފް އަފްރާޒްއާއި ދިމާލަށް އަންނަމުން ކުޑަކޮށް ހީލިއެވެ.
“ހެހެ….އަސްލުވެސް ހަނދާން ނެތިއްޖެދޯ؟ ބައްޕަ ހަނދާނެއް ނުނެތޭ. ނަޞްރާގެ ކައިވެނި!” ޝަރީފް އަފްރާޒްއާއި ހަމަކޮށްލަމުން ގޮސް ދެލޯ ބޮޑުކޮށްލަމުން ބުނެލިއެވެ.
“ހްމް ބައްޕާ….” އަފްރާޒް އަވަސްއަވަހަށް ބުނަން އުޅުނު ވާހަކަ މެދުކެނޑުނެވެ.
“ބައްޕަ ހަމީދާއި ވާހަކަ ދައްކައިފިން. ބުނީ މާދަމާ ތިމަންނަ އަންނާނަމޭ ދަރިފުޅު ގޮވައިގެން.” ޝަރީފް އެހެން ބުނެލިއިރު އޭނަގެ މޫނުމަތީގައި އުފާވެރިކަމެއްވިއެވެ. އަފްރާޒް ކަންބޮޑުވިއެވެ.
“ބައްޕާ ނޫން. ނަޞްރާ އިންނަންވާނީ ނަޞްރާ ބޭނުން ކުއްޖަކާއެއްނޫންތަ؟” އަފްރާޒް އަވަސްވެފައިވާ ހިތަކާއެކީ ބުނެލިއެވެ. އެއާއެކު ޝަރީފްގެ މޫނުމަތީގެ ކުލަވަރު އޮއްސި އޭނަގެ ނިތަށް ރޫގިނަވިއެވެ.
“ނަޞްރާއަށް ކަމުދާ ކުއްޖަކު ހުރީތަ؟ ނަޞްރާ ނުބުނޭ ތި ވާހަކައެއް.” ޝަރީފް ބުނެލިއެވެ.
“ހުރޭ. ނަޞްރާ ސަދަފްގާތު ބުނި. އަދި އަހަރެން ބެލިބެލުމުން އެއީ ވަރަށް ރަނގަޅު މީހެއްވެސްމެ.” އަފްރާޒް ބުނެލިއެވެ. ޝަރީފް އިރުކޮޅަކު އަފްރާޒްއަށް ބަލަން ހުރެފައި ފުން ނޭވައެއް ދޫކޮއްލިއެވެ.
“ދެން…..އެހެންވިއްޔާ ހަމީދުގާތު ބުނާނީތާ ކެންސަލްވީ ވާހަކަ. ކޮން ކުއްޖެއްތަ އަނެއްކާ ނަޞްރާއަށް މާ ކަމުދިޔައީ؟” ޝަރީފް ވާހަކަ ފެށީ މިލާފައިވާ މޫނަކާއެކީ ކަމަށްވިޔަސް ވާހަކަ ނިންމާލީ ލުއި ހިނިތުންވުމަކާއެކީ އަފްރާޒްއަށް ބަލާލަމުންނެވެ.
“ތިގޭގަ އުޅޭ….ޔޫނުސް.” އަފްރާޒް ޔޫނުސްގެ ގެއާއި ދިމާލަށް ޢިޝާރާތް ކުރަމުން އެހެން ބުނެލީ ހިނިތުންވުމަކާއެކީގައެވެ. ޔޫނުސްގެ ނަން އިވުމާއެކު ޝަރީފް ހިނިތުންވުން ފިލައިދިޔައެވެ. އެއަށްފަހު އެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވީ ގޮތުން އަފްރާޒްގެ ހިތަށް ހިސާބެއްގެ ބިރުވެރިކަމެއްވަނެވެ. ރުޅީގައިހުރެ ޝަރީފް އެއްޗެކޭ ބުނަން އުޅުނުތަނާ ފުރަގަހުން އާޒް އަޑެއް ލައްވާލި އަޑު އިވުނެވެ. ޝަރީފާއި އަފްރާޒްއަށް އެކުއެކީގައި އެދިމާލަށް ބަލާލެވުނެވެ. އެވަގުތު ސަދަފް އާޒް ގޮވައިގެން ބޭރަށް ނިކުންނަނީއެވެ. ޝަރީފް އެތަން ބަލަން ހުރެފައި ވަކި އެއްޗެކޭ ނުބުނެ ގެއަށް ވަންނަން ދިޔަ ގޮތުން ވެސް އޭނަ ހުރީ ރުޅިންކަން އަފްރާޒްއަށް ނަގައިގަނެވުނެވެ. ޝަރީފް އާޒްއަށް ވެސް ބަލާލުމެއްނެތި ގެއަށް ވަދެގެން ދިޔަގޮތުން ސަދަފްއަށް ފަސްއެނބުރި ބަލާލެވުނެވެ. ސަދަފް އަފްރާޒްއަށް ބަލައި ބޮލުގެ ޢިޝާރާތުން ކިހިނެއްވީތޯ އަހާލިއެވެ. ވީނުވީއެއް ނޭނގުނު އަފްރާޒް ދެކޮނޑު އަރުވާލީ ތިމަންނައަށް ނޭނގެއޭ ބުނުމަށްޓަކައެވެ.
ޝަރީފް އާއި ޔޫނުސްއާ ދެމެދު ދެކޮޅުވެރިކަމެއް އޮންނަކަން ނަޞްރާމެން ދަންނަކަމެއް އަފްރާޒް ނުދެނެ ހުއްޓެވެ. އެހެންކަމުން އެމީހުން ކަންބޮޑުވިޔަ ނުދިނުމަށްޓަކައި މިއަދު ޝަރީފްގެ މޫނުމަތިން ލިބުނު “ޖަވާބު” އެމީހުންނާ ޙިއްސާ ނުކުރަން އަފްރާޒް ނިންމިއެވެ. ބައްޕަ ޔޫނުސްދެކެ ރުޅިވާންވީ އެއްވެސް ސަބަބެއް އަފްރާޒްއަކަށް ނުވިސްނެއެވެ. ނަމަވެސް ބައްޕައާ އަދި ރަނގަޅަށް ވާހަކަ ދައްކައިގެން ނަޞްރާގެ ކައިވެނި ޔޫނުސްއާ ކުރެވޭނެ ގޮތެއް ހެދޭނެ ކަމަށް އަފްރާޒްއަށް ހިތާހިތުން ޔަޤީން ކުރެވުނެވެ. އެހެނީ އަފްރާޒްގެ ނަޒަރުން ޔޫނުސްއަކީ އުދަގުލުން ނޫނީ ނުހޯދޭނެފަދަ ހަރުދަނާ މީހެކެވެ.
އެރޭ ޝަރީފްގެ މޫނުމަތިން އޭނަ ނުރުހިފައި ހުރިކަން އަފްރާޒްއަށް ފާހަގަ ކުރެވެމުން ދިޔައެވެ. ދެންތިބި އެންމެން ހީކުރީ ޝަރީފްގެ މަޑުމައިތިރިކަމުގެ ފަހަތުގައިވަނީ އޮފީހުގެ ބުރަ މަސައްކަތް ކަމެވެ. އެހެންވެ އެހެން އެއްވެސް މީހަކު އެކަމާމެދު ވަކި ސުވާލެއް ނުކުރެއެވެ. ސުފުރާ ދޮށުގައި އަފްރީންއާއި ނަޞްރާ ދެއްކި ވާހަކައަކަށް ދިން ރައްދެއް ފިޔަވައި ޝަރީފް ވާހަކައެއް ނުދައްކައެވެ.
އެރޭ ފުދޭވަރަކަށް ދަންވިފަހުން އަފްރާޒް ނިދަން އުޅެފަވެސް ހިތަށް ހަމަޖެހުމެއް ނުލިބިގެން ޝަރީފްއާއި ވާހަކަ ދައްކަން ނިންމައިފިއެވެ. އޭނަ ކޮޓަރިން ނިކުމެގެން ގޮސް ސިޓިންގް ރޫމަށް ވަންއިރު އެތާނގައިވީ ފަނޑު އޮރެންޖް ކުލައިގެ ބޮތްކެއް ދިއްލާފައެވެ. ސިޓިންގް ރޫމުގެ ދިގު ސޯފާ ފުރަގަހުން ފެންނަމުން ދިޔައިރު އެ ސޯފާގެ މެދުގައި ޝަރީފް އިށީނދެގެން އިންކަން އަފްރާޒްއަށް ނަގައިގަނެވުނެވެ.
“ބައްޕާ…” އަފްރާޒް ހިސާބަކަށް ޙައިރާންވެހުރެ ވައިއަޑުން އެހެން ގޮވާލަމުން ކުރިއަށް ހިނގައިގަތެވެ. ޝަރީފް އިނީ ފައިލުތަކެއް ހިފައިގެން މަސައްކަތެއްކުރަން ކަން އަފްރާޒްއަށް އެނގުނީ ސޯފާއާއި ހަމަވުމުންނެވެ.
“ބައްޕާ…….އަނދިރީގަތަ ތިހުންނަނީ ތި އެއްޗެއްސަށް ބަލައިގެން؟” އަފްރާޒް އެހެން ބުނެލުމާއެކު ޝަރީފް އިސްއުފުލައި ބަލާލިއެވެ. އަފްރާޒް އިތުރު ވާހަކައެއް ދެއްކުމެއްނެތި ގޮސް ސިޓިންގް ރޫމުގެ އަލި ބޮކިތައް ދިއްލާލިއެވެ.
“ކީއްވެ މިހާރު ތި ދިއްލީ؟ މިހާރު ނިމިއްޖެއޭ.” ޝަރީފް އޭނަގެ އަތުގައި އޮތް ފައިލް ލައްޕައި މޭޒުމަތީގައި ބާއްވަމުން ބުނެލިއެވެ.
“ތަންކޮޅެއް ކުރީގަ ބައްޕަވެސް ވިސްނަންވާނެދޯ؟” އަފްރާޒް ޝަރީފްގެ ގާތަށް ދަމުން ބުނެލިއެވެ. ޝަރީފް ހޫންލައްވާލި ވަގުތު އަފްރާޒް ގޮސް އޭނަގެ ކައިރީގައި އިށީނެވެ.
“ކީއްވެ މިވަގުތު ތެދުވެގެން ތި އުޅެނީ؟” ޝަރީފް އަފްރާޒްއަށް ބަލާލަމުން އަހާލިއެވެ. އަފްރާޒް ޝަރީފަށް ބަލާލިއެވެ. ޝަރީފްގެ މޫނުމަތިން ނުރުހުންތެރިކަމެއް ނުފެނުމުން ބައްޕަ ހަނދާން ނެތުނީބާއޭ އަފްރާޒްގެ ހިތަށްއެރިއެވެ. އޭނަ ބައްޕަ ރުޅިއަރުވާލާކަށް ބޭނުމެއްނުވިއެވެ. ނަމަވެސް އޭނަ ޔޫނުސްގެ ވާހަކަ ދައްކަން ވެސް ބޭނުންވިއެވެ. ހަމައެކަނި ނަޞްރާއަށްޓަކައެއްނޫނެވެ. ޚުދު އޭނަގެ ވެސް ސިކުނޑީގެ ހަމަޖެހުމަށްޓަކައެވެ.
“ބައްޕާ……ބައްޕަ ކީއްވެތަ މިއަދު އަހަރެން ޔޫނުސްގެ ވާހަކަ ދެއްކުމުން ރުޅިއައީ؟” އަފްރާޒް ވާހަކަ ދެއްކީ ހިސާބެއްގެ ޖެހިލުންވުމަކާއެކީގައެވެ. އަފްރާޒް ހީކުރި ގޮތަށް ޝަރީފް ނުރުހުންތެރިކަމާއެކީ ދުރުބަލަން ފެށިއެވެ.
“ބައްޕާ އަހަރެން ބޭނުން ޖަވާބެއް. ޔޫނުސްއަކީ ވަރަށް ރަނގަޅު މީހެއް. އަހަރެން އެއީ ކޮންކަހަލަ މީހެއްކަން ބަލައި ހޯދިން. އަހަރެން ދުވަހަކުވެސް އޭނަ ނުބައި ކަމެއް ކުރާތަނެއް ނުދެކެން.” އަފްރާޒްގެ ވާހަކަ ނިމުނުތަނާހެން ޝަރީފް ވާހަކަ ދެއްކިއެވެ.
“އަފްރާޒްއަށް ނޭނގެނީ އޭނަ! އަފްރާޒް ދިޔަފަހުން އޭނަ މިރަށަށް އައީވެސް. އޭނަ އުޅުނީ މި ރަށުތެރޭގަ އުޅޭ މަސްތުވާތަކެތި ވިއްކާ މީހުންނާއެކު. އެ ވިޔަފާރިކުރާ މީހުންނާއެކު. އެއްފަހަރު އޭނަ އެ މައްސަލައިގަ ޖަލަށް ވެސް ލެވުނު. ޖަލުން ނިކުމެގެން އައިސް ވަރަށް ރަނގަޅު މީހެއްކަމަށް ހެދިގެން އުޅުނީ. ހަމަ ހުރިހާ ނަމާދަކަށްވެސް ދާންފެށި. ބައްޕަ ކައިރިއަށް އައި ބައްޕަގެ ފިހާރައިގަ މަސައްކަތްކޮށްދެންހޭ ކިޔާފަ. ބައްޕަ އިތުބާރުކުރަން ޖެހިލުންވި. އޭނަ އާދޭސްކުރަންފެށި. ތިމަންނަ އުޅެނީ ވަރަށް ޙާލުގައޭ ކިޔާފަ. ބައްޕަ ޙަމްދަރުދީވެގެން ވަޒީފާ ދިނީ. އޭނަ މަސައްކަތްކުރާށޭ ކިޔާފަ ފިހާރައިގެ ވަތްގަނޑުން އެތައްހާސް ރުފިޔާ ވަގަށް ނަގައިގެން އޭނައާ އެކުގަ އުޅޭ ބައިގަނޑާއެކު މަޖާކުރަމުން ދިޔައީ. ބައްޕައަށް މިކަން އެނގުނީވެސް އެއްމަސްފަހުން. އެ މައްސަލައިގަ ވެސް އޭނަ ދުވަސްކޮޅަކަށް ޖަލަށް ލެވުނު. އެކަމަކު މާ ގިނަ ދުވަހެއްނުވެ އޭނަ ދޫކޮށްލައިފި. މިކަން މިހެން އޮތްވާ ކިހިނެއް ބައްޕައަށް އަނެއްކާ އޭނައަށް އިތުބާރުކުރެވޭނީ؟ ކިހިނެއް އެނގެނީ އޭނަ އަދިވެސް އެ އުޅެނީ ހެދިގެން ނޫންކަމެއް؟” ޝަރީފް އަޑަށް ބާރުލާފައި ވާހަކަ ދެއްކިއެވެ. އަފްރާޒްއަށް ޝަރީފާއި ދިމާލަށް ބަލަން އިނދެވުނެވެ. ޝަރީފް ދެއްކި ވާހަކަތަކުން ޔޫނުސްއަށް އިތުބާރު ނުކުރެވިދާނެއޭ އަފްރާޒްގެ ހިތަށްއެރިއެވެ. އެހެނަސް ޔޫނުސްގެ ފަރާތުން ފެނުނު ރަނގަޅު ސިފަތައް ހަނދާންވެފައި ޔޫނުސްއަކީ ގޯސް މީހަކަށް ނުވާނެއޭ އަފްރާޒްގެ ހިތް ބުންޏެވެ.
“އެކަމަކު ބައްޕާ……މީހަކު ހަމަ ބަދަލުވެދާނެއެއްނު؟” އަފްރާޒް އެހެން ބުނެލިތަނާ ޝަރީފް ޗޮއްކަނޑާލިއެވެ.
“ކިހިނެއްހޭ ތިކަން އެނގެނީ؟ ބައްޕަ އޭނައަށް އިތުބާރުކޮށްގެން ނަޞްރާ އޭނައާ ޙަވާލުކޮށްފައި ހުއްޓާ އޭނަ ނަޞްރާއަށް ގޯހެއް ހަދައިފިއްޔާޔޯ؟ ބައްޕަ އަދި މި ކިޔައިދިނީވެސް އޭނަގެ ހުރިހާ ވާހަކައެއްނޫން.” ޝަރީފް ބުނެލިއެވެ. އަފްރާޒް އެ ވާހަކަ އަޑުއަހަން ހުރެ އިސްޖަހައިލިއެވެ. އޭނަ މިފަހަރު ވެސް އިރުކޮޅަކު ވިސްނަން އިނދެފައި ވާހަކަ ދެއްކިއެވެ.
“ފަހަރެއްގަ ވެދާނެ ބައްޕަ ތި ދައްކަނީ ރަނގަޅު ވާހަކައެއް ކަމަށްވެސް. އެކަމަކު ޔޫނުސް ހަމަ ޙަޤީޤަތުގަ ވެސް ބަދަލުވެފައި ވަނިކޮށް އަހަރުމެން އޭނަ ދުރުކޮށްލައިފިއްޔާ އެއީ ވަރަށް ބޮޑު ނާއިންސާފެއް. އެއީ ނަޞްރާއަށާއި އަހަރުމެންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް. އަހަރެން ބޭނުން އަދި ޔޫނުސް ރަނގަޅަށް ދެނެގަންނަން. އޭނައާ ބައްދަލުކޮށްފަ އަހަރެން ބައްޕަގާތު ބުނާނަން އަހަރެން ދެކޭގޮތް. އެންމެ ރަނގަޅުތަ؟” އަފްރާޒް ބުނެލިއެވެ. ޝަރީފް އަފްރާޒްއަށް ބަލަން ހުރެފައި މަޑުމަޑުން ބޯޖަހާލިއެވެ.
އޭގެ އަނެއްދުވަހުގެ ރޭގަނޑުގެ ވަގުތެވެ. ޔޫނުސް ހުރީ ރީތިވާ މޭޒު ކައިރީގައި ކޮޅަށްހުރެ ބޮލުގައި ފުނާއަޅާށެވެ. މިރެއަކީ ޔޫނުސް ނަޞްރާމެންގެ ގެއަށްދާން ނިންމައިގެން ހުރި ރެއެވެ. އޭނަ އިއްޔެގަ ޒަޔާންއާ މިވާހަކަ ޙިއްސާކުރުމުން ޒަޔާން ވަރަށް މަޖާވެފައި އެންމެ ފުރަތަމަ ޑޭޓަށް ދާނީ ކޮންތަނަކަށްތޯ އެހިއެވެ. އެ ވާހަކަ ދެއްކުމުން ޔޫނުސްއަށް ބޯހޫރުވާލެވުނެވެ. ކައިވެނީގެ ކުރިން އެފަދަ ގޮތަކަށް ބައްދަލުކޮށް އުޅުމަކީ އޭނަ އެއްގޮތަކަށް ވެސް ޚިޔާލުކޮށްގެން ހުރި ގޮތެއްނޫނެވެ. އަދި ނަޞްރާއާއެކީ އަމުދުންނެއްނޫނެވެ. އޭނަގެ ހިތުގައި ނަޞްރާއަށް ދެވިފައިވަނީ އެއަށްވުރެ ބޮޑު ޤަދަރެކެވެ.
އިސްތަށިގަނޑު ރީތިކުރަމުން ދިޔައިރު މިރޭ ކަންތައް ހިނގާނެ ގޮތް ފިލްމެއްގެ ސިފައިގައި ޔޫނުސްގެ ސިކުނޑި އޭނަގެ ލޮލަށް ދައްކަމުން ދިޔަފަދައެވެ. އޭނައަށް ޚިޔާލު ކުރެވެމުން ދިޔައީ ހުރިހާ ކަމެއް ގޯހުން ގޯހަށް ދާނެ ގޮތުގެ މިސާލުތަކެވެ. ނަޞްރާގެ ބައްޕަ އޭނައަށް ރުހުމުގެ ލޮލަކުން ބަލާނެކަމަށް ޚިޔާލުކުރުމަކީ ޔޫނުސް ކިތަންމެ ބޭނުންވިޔަސް ނުކުރެވޭނެ ކަމެކެވެ. އެ ހުރިހާ ކަމަކާމެދު ވިސްނަމުން ގޮސް ޔޫނުސް ފުން ނޭވައެއް ދޫކޮށްލަމުން ފުނާ މޭޒުމަތީގައި ބޭއްވިއެވެ. ދެންވެސް އެއްފަހަރު ލޯގަނޑުން އޭނަ ހުރި ގޮތް ބަލައި އޭނަ ގަމީސް ތިރިއަށް ދަމާލިއެވެ. އެއަށްފަހު ރީތިވާ މޭޒުގެ ވަތްގަނޑު ހުޅުވާލިއެވެ. ވަތްގަނޑުގައި އޮތް ސިޓީއުރައެއް ނަގައި ޔޫނުސް އޭގެ އެތެރެ ބަލާލުމަށްފަހު އޭތި ހިފައިގެން ކޮޓަރިން ނިކުންނަން ދިޔައެވެ. ކޮޓަރިން ނިކުމެގެން ގޮސް ޔޫނުސް ގޭގެ ސިޓިންގް ރޫމުން ނިކުމެވޭ ދޮރާއި ހަމައަށް ގޮސް އެ ދޮރު ހުޅުވާލިއެވެ. އެއާއެކު އޭނަ ހުއްޓުން އެރިއެވެ.
ޔޫނުސްގެ ގެއަށް ވަދެވޭ ދޮރުމަތީގައި ހުރި އަފްރާޒް ދޮރުގައި ޓަކިޖަހަން އޭނަ އުފުލާލި އަތް މަޑުމަޑުން ތިރިކޮށްލައިފިއެވެ. އޭނަގެ ކުރިމަތީގައި ހުއްޓިގެން ހުރި ޔޫނުސްގެ މޫނުމަތީގައި ޙައިރާންކަމެއްވިއެވެ. ޔޫނުސް ހުރި ގޮތުން ތަނަކަށްދާން ތައްޔާރުވެގެން ހުރިކަން އަފްރާޒްއަށް ނަގައިގަނެވުނެވެ. އޭނަ އެއްޗެކޭ ބުނަން އަނގަހުޅުވާލިތަނާ ޔޫނުސް ވާހަކަ ދެއްކިއެވެ.
“އަވަހަށް ވަދޭ.” ޔޫނުސް އެހެން ބުނެލީ ހިނިތުންވެލަމުން އަފްރާޒްއަށް ތަން ދައްކަމުންނެވެ. މިފަހަރު ޙައިރާންކަމެއް ވެރިވެގެން ދިޔައީ އަފްރާޒްގެ މޫނުމައްޗަށެވެ. ޔޫނުސް އެބުނެލީ އޭނަ ހީކޮށްގެން ހުރި ކަހަލަ ވާހަކައެއްނޫނެވެ. އޭނަ ހީކުރީ ޔޫނުސް އޭނަ ގެއަށް ވެއްދުމުގެ ކުރިންވެސް އައީ ކީއްކުރަންތޯ ސުވާލުކުރާނެ ކަމަށެވެ. އަފްރާޒްއަށް ޔޫނުސްއާ ހިނިތުންވެލެވުނެވެ. ދުލުން ނުބުންޏެއްކަމަކު ޔޫނުސް އޭނައަށް ހޫނު މަރުޙަބާއެއް ކިޔުނުކަން އެ މޫނުމަތިން އަފްރާޒްއަށް ނަގައިގަނެވުނެވެ. އަފްރާޒް އެގެއަށްވަދެ އަނެއްކާވެސް ޔޫނުސްއަށް ބަލާލިއެވެ.
“އަހަންނަކީ ކާކުކަން އެނގޭތަ؟” އަފްރާޒް މޭމަތީގައި އެއްއަތް އަޅާލަމުން ދޮރު ލައްޕާލި ޔޫނުސް ގާތު އަހާލިއެވެ.
“އަދިއެއް ނޭނގޭ.” ޔޫނުސް ލުއި ހީލުމަކާއެކީ އަފްރާޒްއާ ދިމާލަށް އެނބުރެމުން ބުނެލިއެވެ.
“ދެން ކީއްވެތަ އަހަރެން ފެންނަހާ ތަނަކުން ތި ހިނިތުންވަނީ؟” އަފްރާޒް ސުވާލުކުރިއެވެ.
“ވަކި ދަންނަ މީހަކާތަ ހިނިތުންވާންޖެހެނީ؟” ޔޫނުސް ވެސް އޭނަގެ ބަދަލެއްނުވާ ހިނިތުންވުމާއެކީ ކޮއްލީ ސުވާލެކެވެ. އެ ވާހަކަ އަޑުއަހާފައި އަފްރާޒްއަށް އަނެއްކާވެސް ހިނިތުންވެލެވުނެވެ.
“ނޫން.” އަފްރާޒް ބޯހޫރުވާލަމުން ޔޫނުސްގެ ސުވާލަށް ޖަވާބުދިނެވެ. ޔޫނުސް ގޯސް މީހަކަށްވާނީ ކިހިނެއްހެއްޔޭ އޭނަގެ ހިތަށްއެރިއެވެ.
“އިށީނދޭ މިތާ. މިރޭ ކައިގެންތަ ތިއައީ؟” ޔޫނުސް ސިޓިންގް ރޫމުގެ ސޯފާއަށް ޢިޝާރާތް ކުރަމުން އަފްރާޒްއަށް ބަލަހައްޓައިގެން ހުރެ އެތެރެއަށްދާން ފަހަތަށް ފިޔަވަޅުތަކެއް އެޅިއެވެ.
“އާނ މިއައީ ކައިގެން. އެއްޗެއް ބޭނުމެއްނޫން. ވާހަކައެއް ދައްކާލަން މިއައީ.” އަފްރާޒް އެހެން ބުނެލިއިރު އޭނަގެ ހިތުގައި ޔޫނުސްއަށްޓަކައި ކުލުނެއްވިއެވެ. އޭނައަށް އެންމެ ފަހަކަށް މިފަދަ އިޙްތިރާމެއް ލިބުނު ހަނދާނެއް އަފްރާޒް ނުވެއެވެ. އަދި ޔޫނުސްއަށް އޭނަ ނުވެސް އެނގޭކަން ހަނދާންވުމުން އޭނަގެ ހިތުގައި ޔޫނުސްއަށްޓަކައިވި ޤަދަރު މަތިވިއެވެ.
“އެހެންވިއްޔާ އިށީނދޭ މިތާ ވާހަކަ ދައްކަން.” ޔޫނުސް ސޯފާއާއި ދިމާލަށް ހިނގައިގަންނަމުން ބުނެލިއެވެ. އަފްރާޒް ޔޫނުސްގެ ފަހަތުން ގޮސް ޔޫނުސް ޢިޝާރާތްކުރި ދިގު ސޯފާގައި އިށީނެވެ. ޔޫނުސް އެ ސޯފާގެ ކައިރީގައި ވަކިން އިން ސޯފާގައި އިށީނދެ އޭނަގެ އަތުގައި އޮތް ސިޓީއުރަ އެތާ ކުރިމަތީގައި ހުރި މޭޒުމަތީގައި ބޭއްވިއެވެ. އެއަށްފަހު އަފްރާޒްއަށް ބަލައި ހޫންލައްވާލީ ވާހަކަ ފެށުމަށް އެދޭ ފަދައަކުންނެވެ.
“އަހަރެން މިއީ އަފްރާޒް. އަހަންނަށް އެނގޭ ތިއީ ޔޫނުސްކަން. އަހަރެން މިއީ ތިތާ ކައިރީގަ ހުރި ގޭގަ އުޅޭ ޝަރީފްގެ އެންމެ ދޮށީ ދަރިފުޅު.” އަފްރާޒް ކިޔައިދިނެވެ. އަފްރާޒްގެ އެ ވާހަކައިން ޔޫނުސްއަށް ލިބުނު ޝޮކާއެކީ އޭނައަށް ދެބުމަ އަރުވާލެވުނެވެ. އޭނަ ޙައިރާންވީ އަފްރާޒްއަށް އޭނައަކީ ކާކުކަން އެނގޭތީވެއެއްނޫނެވެ. ނޫހުގެ ޒަރިއްޔާއިން ވެސް އަފްރާޒްއަށް އޭނަ އެނގިދާނެއޭ ޔޫނުސްގެ ހިތްބުންޏެވެ. އޭނަ ޙައިރާންވީ އަފްރާޒްއަކީ ނަޞްރާގެ ބޭބެއެއްކަން އެނގުމުންނެވެ. އޭނައަށް ގެއިން ވެސް ނުނިކުމެ އޭނަ ބައްދަލުކުރަންޖެހޭ ފަރާތަކާއި ބައްދަލުކުރެވުނީތީ އޭނައަށް ހިތާހިތުން ޙަމްދުކުރެވުނެވެ.
“ހޫމް…ދެން؟” ޔޫނުސްއަށް އެހެން އަހާލެވުނީ އުފާވެފައިވާ ހިތަކާއެކީއެވެ. އަފްރާޒް ދޭނެ ޖަވާބަކަށް ޔޫނުސް ކެތްމަދުވިއެއްކަމަކު މޫނުމަތިން އެކަން ފާޅުނުކޮށްވޭތޯ އޭނަ ބެލިއެވެ.
“އަހަންނަކަށް ޔޫނުސް އެހާ ރަނގަޅަކަށް ނޭނގޭ. އަހަންނަށް ފެންނަ ފެނުމަށް ތިއީ ވަރަށް އަޚުލާޤު ރަނގަޅު މީހެއް. އެކަމަކު އަހަރުމެންގެ ބައްޕަ އެގޮތަކަށް ނުދެކޭ. ބައްޕަ އަހަންނަށް ކިޔައިދިން ޔޫނުސް ކުރީގަ ކުރި ކަންތަކެއްގެ ވާހަކަ. އެއަށްފަހު ވެސް އަހަރެން ހަމަ ޤަބޫލުކުރަން ބޭނުންވަނީ ޔޫނުސް ބަދަލުވެއްޖެއޭ.” އަފްރާޒް ބުނެލިއެވެ. އޭނަގެ ވާހަކަ ނިމުނުއިރު ޔޫނުސްގެ ފުރިހަމަ ހިނިތުންވުން ފޭދިގެން ގޮސް ގެއްލިއްޖެއެވެ. އަފްރާޒް އެ މަންޒަރު ފެނިފައި ދެރަވިއެވެ. މީހެއްގެ މާޒީގައި ވެފައި އޮތްކަމެއް އެމީހަކު ހަނދާން ނައްތާލާފަ އޮއްވާ އެވާހަކަ އަލުން ދެއްކުމުގެ ޙައްޤެއް އޭނައަށް ވެސް އަދި ބައްޕައަކަށްވެސް ނެތެވެ. އަފްރާޒްއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.
“އެހެން ކަންނޭނގެ ދެން ވާނީ ވެސް. އެއްފަހަރު ގެއްލިއްޖެ އިތުބާރަކީ އަނބުރާ އެހާ ފަސޭހައިން ލިބޭނެ އެއްޗެއްނޫން. އަފްރާޒް އަހަންނާމެދު ހެޔޮކޮށް ދެކޭތީ އުފާކުރަން. އެކަމަކު އަފްރާޒްއަށް އަހަންނަށް މަޢާފުކުރަން ފަސޭހަވީ އަފްރާޒްއަށް އެ ދުވަސް ނުފެންނާތީ. ފެނިފަ ހުރިނަމަ އަފްރާޒް ވެސް ހީކުރީހީ އަހަރެން މިއަދުވެސް ޞާލިޙު މީހެއްކަމަށް ހެދިގެން އުޅެނީކަމަށް.” ޔޫނުސް އިސްޖެހިފައިހުރެ ބުނެލިއެވެ. ޔޫނުސްގެ ވާހަކަ ނިމުނުތަނާ އަފްރާޒް ބޯހޫރުވަން ފެށިއެވެ.
“ނޫން ޔޫނުސް. މީހަކަށް ހެދޭނީވެސް ވަކި ވަރަކަށްތާދޯ؟ އަހަންނަކަށް ހިއެއްނުވޭ މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ބޭނުންކުރާނެ މީހަކު ހުރިހާ ނަމާދަކަށް މިސްކިތަށްދާނެހެނެއް. ފަތިސް ނަމާދަށް ބަންގި ގޮވުމުގެ ކުރިންވެސް މިސްކިތަށް ގޮސް ޤުރުއާން ކިޔަވަން ހުންނާނެހެންނެއް. ވަރަށް ހިއެއްނުވޭ. އެކަން އެހެން ނުވެސްވާނެ.” އަފްރާޒް ބުނެލީ ޔަޤީންކަމާއެކީގައެވެ. ޔޫނުސް ލުއިގޮތަކަށް ހީލިއެވެ.
“ވަރަށް އުފާވެއްޖެ ތިހާ ސާބިތުކަމާއެކީ ތިހެން ބުނީތީ. އެކަމަކު އަފްރާޒްގެ ބައްޕައަށް ތިހެން ވިސްނުމަކީ އެހާ ފަސޭހަކަމަކަށް ނުވެދާނެ. އެއީ ޝަރީފްގެ ކުށެއްނޫން. އެއީ އަހަރެންގެ ކުށް. މިއަދު ވެސް އަހަރެން އެގެއަށްދާން އުޅުނުނަމަ އަހަރެން ނުވެސް ވެއްދީސްކަންނޭނގެ.” ޔޫނުސް އެހެން ބުނެލީ ހިނިތުންވުމަކާއެކީ ކަމުގައި ވިޔަސް އެ ހިނިތުންވުން އޭނަގެ ލޮލާ ހަމައަކަށް ނުފޯރައެވެ. އަފްރާޒްއަށް އެކަން ފާހަގަވެ ދެންވެސް އެއްޗެކޭ ބުނަން އުޅުނުތަނާ ޔޫނުސް ވާހަކަ ދެއްކިއެވެ.
“އަހަރެން ޝަރީފްއަށް ދޭން ބޭނުންވާ އެއްޗެއް އެބައޮތް. އަސްލު މީތި ހިފައިގެންދާން ނިކުންނަން އުޅެނިކޮށް އަފްރާޒް ތިއައީ. އެކަމަކު އަފްރާޒް އައިކަން އެއީ ނަސީބު. ތި ދެއްކި ވާހަކައިން އަހަންނަކަށް ހިއެއްނުވޭ އަހަރެން ދިނީމަ މީތި ޤަބޫލުކުރާނެހެނެއްވެސް. އަނ.” ޔޫނުސް ވާހަކަ ދައްކަމުން މޭޒުމަތީގައި އޮތް ސިޓީއުރަ ނަގައި އަފްރާޒްއަށް ދިއްކޮއްލިއެވެ. އަފްރާޒް އެއީ ކޯޗެއްކަން ބަލަން ބޭނުންވެ ހުރެ އޭތި ހޯދިއެވެ. އަދި ވަގުތުން އޭގެ އެތެރެ ބަލާލިއެވެ. އެއާއެކު އޭނަގެ ދެލޯ ބޮޑުވިއެވެ. އޭގައި އޮތީ ފަސް ސަތޭކައިގެ ނޫޓުގެ ފައިސާ ބޮނޑިއެކެވެ.
“މިއީ ކޯޗެއް؟” އަފްރާޒްއަށް އަހާލެވުނެވެ.
“އަހަރެން ޝަރީފްގެ ފިހާރައިން ނެގި މިންވަރެއް އަންދާޒާކޮށްފަ އެ މިންވަރު ތިއީ. މިއީ އަހަރެން ހަމައެކަނި ޝަރީފަށްޓަކައި ކުރާ ކަމެއްނޫން. އަހަރެން ގެއްލުން ދިން އެންމެންގެ ތެރެއިން އަހަރެން ހަނދާންހުރި އެންމެނަށް ތިފަދަ ބަދަލެއްދީ މަޢާފަށް އެދެމުން އަހަރެން މި ދަނީ.” ޔޫނުސް ބުނެލިއެވެ. ޔޫނުސްއަށް ބަލަން އިން އަފްރާޒްގެ އަނގައިން ލުއި އާހެއްގެ އަޑު ނިކުތެވެ. ޔޫނުސްގެ ފަރާތުން އެ ފެންނަނީ ފުރިހަމަ ތައުބާއެއްގެ ނިޝާންތަކެވެ. ބައްޕަ ކިތަންމެ ވަރަކަށް ބުންޏަސް ޔޫނުސްއަކީ ނުބައި މީހެއްކަން އޭނައަށް މިހާރު އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެވޭނެއެވެ. ބައްޕަ ކިތަންމެ ނުރުހުނަސް އޭނަ ޔޫނުސް ނަޞްރާއާއި ގުޅޭތަން ދެކެން ބޭނުންވިއެވެ. ޔޫނުސްއަކީ ދޫކޮއްލެވޭ ވަރުގެ މީހެއްނޫނެވެ.
“ޔޫނުސް…..އަހަރެންގެ އެދުމެއް އެބައޮތް.” އަފްރާޒް ޔޫނުސްއަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. ޔޫނުސް އެއްފަހަރު ބޯޖަހާލަމުން ހޫންލައްވާލިއެވެ.
“އަހަރެން ބޭނުންވަނީ ޔޫނުސް މީތި ހިފައިގެން މާދަމާ އަހަރުމެން ގެއަށް އަންނަން. ބައްޕަ ޖެހޭނީ ޔޫނުސް އަހަރުމެން ގެއަށް ވައްދަން. އެއީ ތިއީ މިހާރު އަހަރެންގެ ރަޙުމަތްތެރިއަކަށްވާތީ. އަހަރެން ބޭނުންވަނީ ޔޫނުސް ގެއްލުންދިން އެހެން މީހުންނަށް ވެސް މަޢާފަށް އެދޭ ފަދައިން ބައްޕަ ކައިރިން ވެސް މަޢާފަށްއެދެން. އޭރުން ފަހަރެއްގަ ބައްޕަގެ ހިތް ޔޫނުސްއަށް ސާފުވެދާނެ.” އަފްރާޒް ޔޫނުސްގެ އަތަށް އަނބުރާ އެ ސިޓީއުރަ ލައިދެމުން ބުނެލިއެވެ. ޔޫނުސް އެއްވެސް އެއްޗެކޭ ނުބުނެ އެއްފަހަރު އެ ސިޓީއުރައަށް އަނެއްފަހަރު އަފްރާޒްއަށް ބަލާލިއެވެ.
“އަހަރުމެންނާ ޔޫނުސްއާ ދެމެދުގައިވާ ހުރިހާ ދެކޮޅުވެރިކަމެއް ނެތިދާން އަހަރެން ބޭނުންވަނީ. އެއީ އަހަރެންގެ ކޮއްކޮ ނަޞްރާއަށް ޔޫނުސް ކަމުދާތީ. އަހަރެން ބޭނުންވަނީ ހިމޭންކަމާއެކު ޔޫނުސްއާ ނަޞްރާގެ ކައިވެނިވާން.” އަފްރާޒްއަށް އެހާ ހިސާބަށް ބުނެލެވުނުތަނާ ދުރުބަލަން ހުރި ޔޫނުސްއަށް ކުއްލިއަކަށް އަފްރާޒްއަށް ބަލާލެވުނެވެ.
“ކީކޭ؟” ޔޫނުސްއަށް އަވަސްއަވަހަށް އަހާލެވުނެވެ. އެވަގުތު އޭނަގެ ހިތް މޭތެރޭގައި އޮވެ ބާރަށް ތެޅެމުން ދިޔައެވެ.
“އަހަރެން…..ބޭނުންވަނީ ހިމޭންކަމާއެކީ ނަޞްރާއާ ޔޫނުސްގެ ކައިވެނިވާށޭ.” އަފްރާޒް ހިނިތުންވުމަކާއެކީ ބުނެލިއެވެ.
“ނޫން….އޭގެ ކުރިން.” ޔޫނުސްގެ މޫނުމައްޗަށް ވެސް ލުއި ހިނިތުންވުމެއް ވެރިވެއްޖެއެވެ. ޔޫނުސް ކުއްލިއަކަށް އެހެން ބުނުމުން އަފްރާޒްއަށް އޭނަ އޭގެކުރިން ބުނި އެއްޗެއް ހަނދާންކުރަން ދަތިވިއެވެ. އޭނަ ކުޑަކޮށް ވިސްނުމަށްފަހު ވާހަކަ ދެއްކިއެވެ.
“ނަޞްރާއަށް ޔޫނުސް ކަމުދާތީވެއޭ؟” އަފްރާޒް އެހެން ބުނެލިއިރު އޭނަގެ ހިނިތުންވުން ފުންވިއެވެ. އެ ޖުމްލަ އިވިފައި ޔޫނުސްއަށް ލުއިގޮތަކަށް ހީލަމުން އިސްޖަހާލެވުނެވެ. އެވަގުތު އޭނަގެ މޫނު ކުޑަކޮށް ރަތްވިއެވެ.
“އައްދެ! ޔޫނުސްއަށް ވެސް ނަޞްރާ ކަމުދަނީތަ އަނެއްކާ؟” އަފްރާޒް އެހެން އަހާލިއިރު އޭނަގެ ހުރިހާ ދަތްތައް ފެނެއެވެ. ޔޫނުސްއަށް އަނެއްކާވެސް ހީލަމުން ދުރުބެލެން ފެށުނެވެ. އެއަށްފަހު އޭނަގެ ފުރިހަމަ ހިނިތުންވުމާއެކީ އަފްރާޒްއަށް ބަލާލިއެވެ.
“އޭނަ ބުނީތަ އަހަރެން ކަމުދާ ވާހަކަ؟” ޔޫނުސް އަހާލިއެވެ. އަފްރާޒް ޔޫނުސްއަށް ބަލަހައްޓައިގެން ހެވިފައިހުރެ ބޯޖަހާލިއެވެ.
“މިހާރު އަހަރެން އަދި މާ ބޮޑަށްވެސް ބޭނުންވެއްޖެ މި ކައިވެނިކުރެވެން. ލަސް ނުކޮށް އަހަރުމެން ގެއަށް އަންނައްޗޭ އިނގޭ؟” އަފްރާޒް ކޮޅަށްތެދުވެ ގޮށްމުއްކަވައި ޔޫނުސްގެ ކޮނޑުގައި ލުއިގޮތަކަށް ޖަހާލިއެވެ. ޔޫނުސް ހިނިތުންވުމެއްގައި ހުރެ ބޯޖަހާލިއެވެ.
“އިރާދަކުރެއްވިއްޔާ.” ޔޫނުސް އިސްއުފުލައި އަފްރާޒްއަށް ބަލާލަމުން ބުނެލިއެވެ.
“ދަނީ އިނގޭ؟” އަފްރާޒް އުފާވެރި ހިނިތުންވުމަކާއެކީ އެހެން ބުނެލަމުން ދާން ހިނގައިގަތެވެ. އަފްރާޒްއަށް ސިޓިންގް ރޫމުން ނިކުމެވޭ ދޮރާއި ހަމަވީތަނާ ޔޫނުސް ކޮޅަށް ތެދުވިއެވެ.
“އަފްރާޒް!” ޔޫނުސް ހުރިތާހުރެ ގޮވާލިއެވެ.
“ކީކޭ؟” އަފްރާޒް ފަސްއެނބުރި ޔޫނުސްއަށް ބަލާލަމުން އަހާލިއެވެ.
“އޭނަގާތު ނުބުނާތި އިނގޭ؟” ޔޫނުސް ދެޖީބަށް އަތްޖަހައިގެން އިސްޖަހަމުން ނުޖަހަމުން ބުނެލިއެވެ. އަފްރާޒްއަށް ހެވިއްޖެއެވެ.
“އެންމެ ރަނގަޅު.” އަފްރާޒް އެހެން ބުނެލަމުން ދޮރު ހުޅުވާލިއެވެ. އެއަށްފަހު އެގެއިން ނިކުމެގެން ދިޔައެވެ.
އެރޭ އަފްރާޒްއާ ދެކެވުނު ވާހަކައަށްފަހު ޔޫނުސްއަށް ހުރެވުނީ ހަމަހޭގައެއްނޫނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ގޭގަ އެކަނި ހުރެވެސް އޭނައަށް ދޭތެރެ ދޭތެރެއިން ހެވެނީއެވެ. ކޮޓަރީގެ ދޮރު ނުހުޅުވައި ކޮޓަރިއަށް ވަންނަން މަސައްކަތް ކުރެވެނީއެވެ. ދަތް އުނގުޅާ ބުރުހުގައި ޖެހުނީ ފޭސްވޮޝްކަން ޔޫނުސްއަށް އެނގުނީވެސް އެހެން ރަހައެއް ދިނުމުންނެވެ. މޮޔަ ކަންތައް ކުރެވުމުން ޔޫނުސްއަށް އިތުރަށް ހެވެމުން ދިޔައެވެ. އެރޭ އޭނަ ނިދަން އޮށޯތީ 3 ގަޑިއިރު ވަންދެން މަސައްކަތްކުރަން ހުރެފައެވެ. އެ 3 ގަޑިއިރު ތެރޭގައި އޭނައަށް ލިޔެވުނީ އެންމެ ބައި ޞަފްޙާއެވެ. އެހެން ރޭރޭ 3 ގަޑިއިރު ތެރެއިން އޭނައަށް މަދުވެގެން 5 ރިޕޯޓް ލިޔެ ނިންމިދާނެވެ. އޭނަ ލެޕްޓޮޕް އެއްފަރާތްކޮއްލީ ސިކުނޑި އެއްގޮތަކަށްވެސް މަސައްކަތް ނުކޮށްގެންނެވެ. އެނދުގައި އޮށޯތެއްކަމަކު އޭނަގެ ލޮލަށް ނިންޖެއްނައެވެ. އޭނަ މާދަމާ ކަންތައް ހިނގާނެ ގޮތާމެދު ޚިޔާލުކުރަމުން ދިޔައެވެ. ޝަރީފްގެ ރުޅިވެރި ބަސްތައް އަންނާނެ ހުރިހާ ގޮތްތަކާމެދު ވިސްނައި އެއަށް ރީތި ބަހުން ރައްދު ދެވޭނެ ގޮތްތައް ސިކުނޑީގައި ރޭވިއެވެ. މި ނޫނީ އޭނަ ދުވަހަކުވެސް އޭނަގެ އަމިއްލަ ދިފާޢުގައި ބުނެވޭނެ އެއްޗަކާމެދު ނުވިސްނައެވެ. އޭނަ ދެކުނު ގޮތުގައި އޭނައަކީ ކުށްވެރިއަކަށް ވީހިނދު އަމިއްލަ ނަފްސު ދިފާޢުކުރުމުގެ ޙައްޤެއް އޭނައަކަށް ނެތެވެ. ނަމަވެސް ރަނގަޅު ގޮތުގައި ތައުބާވެފައި ވަނިކޮށް ވެސް މީހަކަށް އޭނައަށް އިތުބާރު ނުކުރެވެންޏާ އޭނައަށް ވެސް ވާހަކަ ދެއްކުމުގެ ފުރުޞަތު އޮންނަންވާނެއޭ މިރޭ ހިތަށްއަރަމުން ދިޔައެވެ. އޭނަ ވާހަކަ ދައްކާނީ ހަމައެކަނި އޭނައަށްޓަކައެއްނޫނެވެ. އޭނައާއެކީ އާ ޙަޔާތެއް ފަށަން ބޭނުންވެފައިހުރި ނަޞްރާއަށްޓަކައިވެސްމެއެވެ. ނަޞްރާގެ ނަން ހިތަށް ވަނުމާއެކު ޔޫނުސްއަށް ދެލޯ މަރާލަމުން ހިނިތުންވެލެވުނެވެ. ނަޞްރާއަށް އޭނަ ކަމުދާކަން ޤަބޫލުކުރަން ޔޫނުސްއަށް އަދިވެސް ދަތިވިއެވެ. ނަޞްރާއަށް އޭނަގެ މާޒީގައި ހިނގާފައިވާ ކަންތައް އެނގޭނެބާވައޭ ހިތަށްއެރިއެވެ. ހަމަ އެއާއެކު ނަޞްރާއަށް މިހާރު ނޭނގި ނޯންނާނެކަމަށް ޔޫނުސްގެ ސިކުނޑި ބުންޏެވެ. އެކަންތައް އެނގިހުރެވެސް ނަޞްރާއަށް ހަމަ ޙަޤީޤަތުގައިވެސް އޭނަ ކަމުދަނީ ހެއްޔެވެ؟ ނަޞްރާއަށް ހަމަ ހުރިހާ ކަމެއް އެނގޭނެ ހެއްޔެވެ؟ އެ ސުވާލުތައް ހިތަށް ވެރިވުމުން ޔޫނުސްގެ ހިތް ހިސާބަކަށް ނުތަނަވަސްވިއެވެ. އޭނަގެ ރީތި ހުވަފެން ނުވެސް ފެށެނީސް ވިއްސިވިހާލިވެގެން ހިނގައިދާނެ ކަމުގެ ބިރުހީވިއެވެ. ނަމަވެސް އެ ބިރު އެއްފަރާތް ކޮއްލީ ނަޞްރާއަކީ ފަސޭހައިން މަޢާފުކޮއްލާނެ ކުއްޖެއްކަމަށް ހިތަށް ވިސްނައިދެމުންނެވެ. އެއަށްފަހު އޭނަ ނިދޭތޯ ބެލިއެވެ
ނުނިމޭ
37 Comments!
Comments are closed.
އައްސަލާމްޢަލައިކުމް. 🙂 މިއަދު ދައްކާނެ މާ ބޮޑު ވާހަކައެއްނެތް. ހަމައެކަނި ބުނެލާނީ ދެން އަޕްވާނީ ބުދަ ދުވަހުއޭ. އިން ޝާ ﷲ 🙂
Gud one jana..
@shabee: kiyafintha kuryduvahu funuvi link? Eko ragalha kiyalyma ans egeynee. Eyga v detail ko kiyadyfa ebain.
shabee mihaaru kiyaafa hunnany In Sha Allah. ekko nukiyas javaabu libunyma nimuny dho shabee? 🙂 Shabee nuves feney miadhu…
?
😀
varah reethi…..mihaaru aneh part kiaahiyvany…….jana pls nasra menge marriage vaanegoy hadhaadheythi ingey…….i have to tell you a mistake
ބައްޕަ ޔޫނުސްއަށް ރުޅިވާންވީ mithankolhu mihen bappa younus dheke rulhiananvy liuny maa iturah furihama vaane kamah liu dheken
i agree with you liu
hmm….alhaiganna gotheh eba veydho ethanun. jana ah varah ekahala mistakes thah hedheyne. Jazakallah Khairan faahanga kohdhinythy 😀
nasra menge marriage dho? dhen balamaa hinga. 😉
Good job
Alhamdhulillah! 😀
wow…. v nice… waiting for nextpart
Alhamdhulillah! next part budha dhuvahu In Sha Allah 🙂
Story is awesome n interesting… Gud luck writer…
Alhamdhulillah! i hope you find it beneficial as well In Sha Allah 🙂
Masha Allah.v ibraiytheri vahaka eh..jana ge fb page ah link in nuvadhewunu can u tell da name of that page .I realy want look into it.jux luv dis story, every message,advice in it ♡♥♡
maal alhe adhi effaharu try kobbala. eythi copy paste jehyma nuvadheveytha? jana ehen hedhyma eba vedhey. Just in case, e page ah kiyany Hijra. mi vaahakaiga mi huri photo hunnany. Jazakallah Khairan 🙂
V v reethi ingeyy….Mashaallah…. Wednesdayga dw…. inthixaaruga……. waiting waiting waiting
hmm wednesday ga In Sha Allah 🙂
JANA… this story is realy awsome
Alhamdhulillah! 😀
Vvvvvvvvvvvv reethi vaahaka ???
Alhamdhulillah! 😀 😀 😀 😀
V Nice
Alhamdhulillah! 🙂
Vvvvvvv nice
Alhamdhulillah! 😀
v reeethi
Alhamdhulillah! 🙂
Yap mariya shabee keen eythi….thank u v bodah…. 🙂 n jana mi prt vexx v salhi… masha allah ur a grt grt writer…. love it… 😛 good luck for nxt prt…. but maa als Wednesday an u plx make it faster jana….i knw u can do it.. anekka nxt prt kurukh nugennahchry….hama dhigu kh as all wats……. thank u v mauloomaath libijje mibain vex….. love u jana sissy…… 😉
jana aslu beynumiyya komme dhuvahakuves genesdhevidhaane. ekamaku jana dhedhuvahun ehdhuvahu genesdheny sababuthakaai laaigen. komme dhuvahaku genesdheyn fashaifiyya jana ah heevany writing ge quality dhah vaane hen. liyumaky varah hama jehigen hure kuran jehey kameh jana dhekey gothuga. anekkamakah komme dhuvahaku genes dheyn fashaifiyya kiyuntherinnah vaahakain libey message thakaa medhu rangalhah visnumuge furusatheh nulibeyne. mihaaru adhi thankolheh kuda kuda message thakeh dhevunas fahun adhi varah heavy concepts thakeh annane In Sha Allah. mihen bunyas jana vaahaka foohi nukoh veytho balaanan In Sha Allah. 😉 Love you too sis 😀
I was telling as always….ingey spelling mistake eh… as all wats jehunee… heheee sorry for tht.. 😉
thats okay 😀
Jana thi faahaga kuree vex thedheh… v visnunthoonu dhw jana…masha allah… 😉 ey jana ulhenee moonu burugaa alhaigentha?? Kon rashehtha?? Kithah aharutha??? Sorry anekka maa suvaalu.gina v ma… v anga gadha vaane shabee… 😛
jana moonu burugaleh naaraa…waiting for next part…………mikahala vaahaka ginain kian libeyne namadho…esfiyain mihaaru varah madhu vaahakaeh reethi..mi 1 vaahaka…ehen kudhinves mikahala vaahaka liaanamadhoooooooo jana
haadha gina suvaalekey shabee….. : | baeh suvaaluthakah javaabu dheefaanan ingey? liu ebuny thedheh. jana moonu burugaa eh naalhan. Jana mee Addu kujjeh. umuru hama eggothakahves bunaa hitheh nuvey ingey 😛 liu, emmen evvahtharehge vaahaka thah liyan fashaifiyya foohi vaane eh nu dho? ekamaku hama asluves, hurihaa liyuntherin vegen kiyuntherinnah rangalhu ehchehi liyunthakuge zariyyain foaru kohdheyn fashaifiyya ey hama inqilaabakah vaane In Sha Allah. ekamaku hurihaa liyuntherin eh visnumeggai thibumaky varah nuvaane kameh dho liu….
hehe.
magey hithuga vs va suvalutha shabee thi koly. ekm public ko jana thihuriha vahakae nudakane i guess. hehe.
deduvahun edhuvahu vs ma avas. aslu inthizar kofa eya medu visni varaka boda faida vany.
mariya thibuny hama thedheh, kihineh dho public koh ehurihaa vaahaka eh dhekkeny 😛
jana ah ves heevany vaahakaige vaki hisaabakun adhi thankolheh las kollaanee hen. mi comment kiyaafa shabee men kahala kiyuntherin hiy nuhutteyne kamah ummeedhu kuran. 😀 ekamaku hama asluves, rangalhah visneema faidha libeyny…