‘ދޮނާ މި ފޮތް ބަލާދީބަ.. މަލާ އަށް ނޭގުނު މި ތަނުން ސުވާލު އަންނާނޭ ގޮތެއް.. މާދަން މި އޮތީ..’ މިއީ މަލާކްގެ ސްކޫލު އެންމެ ފަހު ދުވަސްވަރުކަމުން އަބަދުހެން ފޮތެއް ނަގައިގެން އިނދެއެވެ. ‘ގެނެބަ.. އިނގޭތޯ ބަލަން..’ މަލްކާވެސް އައިސް އެހީވެވޭތޯ އުޅުނެވެ.

******

ރޭގަނޑުގެ ކަނު އަނދިރިކަން ފެތުރި މެންދަން ވާން ކައިރިވެއްޖެއެވެ. ފޮތެއް ނަގައިގެން އެދުގައި އޮށޯވެ އޮތް މަލްކާ އޮތީ ނިދިތާއްޔާ ޖެހިފައެވެ. ކުއްލިއަކަށް ކޮޓަރި ތެރެއިން އެއްޗެއް ހަރަކާތްކޮށްލިހެން ހީވުމުން މަލްކާ އެތަން ވަށައިގެން ހޯދާލިއެވެ. ނިދި އައިސް އޮތުމުން ހީވި ގޮޮތެއް ކަމަށް ނިންމައި ފޮތް ބޭއްވުމަށްފަހު ތެދުވެ ފާހާނާއަށް ވަދެލީ ކުޑަކޮށް ފެންވަރާލުމަށެވެ.

ފާހާނާއިން ނިކުމެ ހެދުމެއް ނަގަން ކަބަޑު ކައިރިއަށް ދިޔަ ވަގުތު އޭނާގެ ފަހަތުން އެއްޗެއް ހުރަސްކޮށްލިހެން ހީވިއެވެ. ހެދުން ގަޔަށް މަހާލަމުން އަދި އެއްފަހަރު މުޅި ކޮޓަރި ތެރެ ރަނގަޅަށް ބަލައިލުމަށްފަހު އެބުރުނު ގަޑީގައި ބެލްކަންޏާ ދިމާލުން ހުރަސްކުރި ހިޔަނި އޭނާއަށް މާ ރީއްޗަށްވެސް ފެނުނެވެ.

ފައިތިލައާ ހަމައަށް އަންނަ ސެޓިން ފޮތީގެ ޖެކެޓެއް ލައިގެން ބެލްކަންޏަށް ނުކުންނަން ހުންނަ ގްލާސް ޕާޓިޝަން މަޑުމަޑުން ކަހާލާފައި މަލްކާ އެދޭތެރިން ބޯ ދިއްކޮށްލާފައި ވަށައިގެން ހޯދާލިއެވެ. ފެންނަ ހިސާބުގައި މީހަކު ނެތެއްކަމަކު އެތާގައި މީހަކު އެބަ ހުއްޓޭ އޭނާގެ ހިތް ބުނަމުން ދިޔައީ ކީއްވެ ކަމެއް ނޭނގެއެވެ.

ހިތާ ދެކޮޅަށް ޕާޓްޝަން ލައްޕާލުމަށްފަހު އޭނާ އައިސް އެދުގައި އޮށޯވެލީ މިއަދު ހެދުނު ގަންނަން ޖެހުނު ގަޑު ހަދާންވުމުން އަވަހަށް ނިދޭތޯއެވެ. ނިދިނިދި އޮއްވާ މީހެއްގެ ފިޔަވަޅުގެ އަޑު އިވުނު ހެންވެސް އޭނާއަށް ހީވިއެވެ. ނަމަވެސް ތެދުވެގެން ދާނެ ވަރެއް ނެތުމުން އަޅާނުލާ އޮތީ ގޭތެރޭގައި މީހަކު އުޅެނީ ކަމަށް ވެދާނޭ ހިތަށް އެރުމުންނެވެ.

******

އެލާރމްގެ އަޑަށް ދެލޯ ކުޑަ ކޮށްލާފައި ތެދުވެ އެލާރމް ކަޑާލަމުން ޒައިކް އާފުރިލިއެވެ. އޭރު ރަނގަޅަށް އަލިވެފައި ނުވާތީ ފަޒާގައި ހިފާފައި ވަނީ ތެތްފިނި ކަމެވެ. ބްލޭންކެޓް އަތަށް ބޮޑިކޮށްލައިގެން އިރުކޮޅަކު އިނދެފައި ބަންގިގޮވަން ފެށުމުން ފާހާނައަށް ދާން ހިނގައިގަތެވެ. ކަޅު ހޫޑީ އަކާއި ނޫ ކުލައިގެ ޖިންސްއެއް ލައިގެން މިސްކިތަށް ދާން ޒައިކް ހިނގައިގަތެވެ.

ނަމާދުން ފައިބައިގެން އާދައިގެ މަތިން ރަށުގެ ގޮޑުދޮށާ ދިމާއަށް ޒައިކް ހިނގައިގަތެވެ. އަބަދުހެން ތޮއްޖެހިފަ ތިބޭ މަގުތައް ހުސްވެފައިވުމުން ރަށުގެ ރީތިކަން ދެގުނަ އިތުރެވެ. ފޯނު ވައިބްރޭޓް ވާން ފެށުމުން ފޯނު ނަގާ ޒައިކް ބަލައިލިއެވެ. މެސެޖެއް އައިސް އިނެވެ. މިރޭ ބާބަކިއު ހަދަން އުޅޭ ވާހަކައެވެ. ޒައިކް އަށް އޮތީ ކޯކް ފުޅިތަކާ ހަވާލުކޮށްފައެވެ.

‘ކަލޭ އަށް ތަންކޮޅެއް އަވަހަށް ތެދުވަން އިނގޭތަ.؟ މަ ހީކުރީ ނޭނގެ ކަމަށް.. ނުން ބާބަކިއު ވީމަ ދޯ !’ ކީބޯޑުން ފަރިތަކަމާއެކު ޓައިޕް ކޮށްލާފައި އައިކަން އަށް ޒައިކް ފޮނުވާލީ ‘ލޮލް’ އިމޯޖީ އަކާވެސް އެކުގައެވެ.

‘ދެން ހެވޭ.. ކަލޭ ކަހަލަ ސާލިހު އަޅެއް ނޫނެކޭ މީ..’ އައިކަންވެސް ވަކި ޒައިކް އަށް ދޫކުރާނެ ހެއްޔެވެ. ރިޕްލައި ލިބުމުން ފޯނު ޖީބަށް ލައިގެން އަނެއްކާވެސް ޒައިކް ކުރިޔަށް ހިގައިގަތެވެ.

******

ފަތިސް ނަމާދުން ފައިބައިގެން މަލްކާ ނުކުމެލީ އޭނާގެ ‘މޯރނިން ރޮޓީން’ ގަ އޮންނަ ‘މޯރނިން ޖޮގް’ އަށެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލަމުން އޭނާ ދުވަން ފެށިއެވެ. ކުރިއަށް ނަގާ ކޮންމެ ފިޔަވަޅަކާ އެކު ފަތިހުގެ ފިނިކަން އޭނާގެ ހަށިގަނޑުގައި ފިރުމަމުން ގެންދިޔައެވެ. ރަށުތެރޭގައި ވިހި ވަރަކަށް މިނިޓު ދުވެފައި މަލްކާ އަބަދުވެސް ގޮޑުދޮށަށް ނިކުންނަން ދާ މަގަށް އޭނާ އަޅާލިއެވެ. އަތިރިމަތީގައި އިން ޒައިކް އޭނާއަށް ފެނުނީ ގޮޑުދޮށާ ހަމައަށް ދެވުމުންނެވެ. އޭނާގެ ބޮލުގައި ކުއްލިއަކަށް އެބުރިގަތީ އިއްޔެ އާލާ ދެއްކި ވާހަކަތަކެވެ.

އަޑެއް ބަޑެއް ނީއްވަން ހިތަށް އަރުވައިން އަޅާލި ފުރަތަމަ ފިޔަވަޅުންވެސް އިންޑިޔާ މީހުން ބުނާހެން މަލްކާގެ ‘ކިސްމަތު ހަރާބުވެފަ’ ހުރި ވަރު ދޭހަވެއެވެ. ފައި އަޅާލެވުނީ އެތާ ހުސްކޮށްލާފައި އޮތް އެލުމެނިއަމް ދަޅެއްގެ މަތީގައެވެ. ‘މަލް އެބައުޅެންދޯ..’ އަޑެއް އިވުމުން ފަހަތަށް އެބުރުނު ޒައިކް އަށް މަލްކާ ފެނުމުން އޮޓޯ އިން ބުނެވުނެވެ.

‘އާނނ.. ގޮވާވެސް ނުލެވެނީ މިދަޅު މަތީ ފައި އެޅުނީ..’ ނޭނގޭ ކަމަށް ހަދާފައި މަލްކާ އޭނާގެ ބޫޓުގައި ހަރުލި ދަޅު ނައްޓުވާލިއެވެ. މަޑު ހިގުމެއްގައި އައިސް އޭނާވެސް ދޮންވެލިގަޑުގައި ފޫ ޖައްސައިލިއެވެ. ޒައިކް އަށް ފެނިފަ ހުއްޓާ އަބުރާ ދާކަށް އޭނާއަށް ނުކެރުނީއެވެ. އެހެންނޫނަސް މަލްކާއަށްވެސް މިހާރު ޒައިކްއާ ބަހެއް ނުކިޔެނީސް ދުވަސް ދުވަހަކަށް ނުވޭ ވިއްޔާއެވެ.

‘އަހަރެމެން ވަރަށް ވާހަކަ ދައްކާފިން.. އެކުވެރިވެސް ވެވިއްޖެ .. އެކަމް އަދި އަހަންނަށް މަލްގެ ފެމިލީ އާ ބެހޭ ގޮތުން ކިޔާ ނުދެމެއްނު.. އަހަރެން ކިޔާދޭނަން މަލް ކިޔާދިނީމަ..’ އެމީހުންގެ މެދަށް ވެރިވި ހިމޭން ކަން ފޫއަޅުވާލަމުން ޒައިކް އަހާލިއެވެ.

‘އަހަރެންގެ ފެމިލީ އެހާ ބޮޑެއް ނުވާނެ.. މަންމަޔާ އަހަންނާ ދެންހުންނާނީ މަލާކް މައި ސްމޯލް ސިސް.. އަހަންނަށް އެންމެ އެއިޓް އިއަރސް ގަ ބައްޕަ މަރުވީ ކިޑްނީ ފެއިލްވެގެން.. ދެން މަންމަ އެފަހުން ކައިވެންޏެއް ނުކުރާތީ ސްޓެޕް އެކަކުވެސް ނުހުންނާނެ.. ދެން އަހަރެން އަދި މިއުޅެނީ ސިންގަލް ކޮށް.. މީހަކާ އިންނަން އުޅުނިން އެކަމް މާ ބޭނުންވެގެން އަހަރެން ކުރަން އުޅުނު ކަމެއްވެސް ނޫން އެއީ.. އޭނަގެ ޑާރކް ސައިޑް ފަޅާއެރީމަ ކެންސަލް ކުރީ..’ މަލްކާ އޭނާގެ ދިރިއުޅުމުގައި ހިނގާފައިވާ ކަންތައްތައް ކުރުކޮށް ކިޔައިދިނެވެ. އެކުވެރިއަކަސް އޭނާ ކައިވެނި ނުކުރި ސަބަބު ބުނަން ފަސްޖެހޭތީ ހަމައެކަނި ‘ޑާރކް ސައިޑް’ މިބަސް ބޭނުންކުރީއެވެ.

‘އޯވް.. ދެން އަހަރެން ދޯ.. އަހަންނަކީ ބައްޕަގެ ހަނގު ދަރިފުޅު.. އަހަރެންގެ ހުންނާނެ ދެއަހަރު ދޮށި ދައްތައެއް ޒާވީ އޭ ކިޔަނީ.. އެއީ ބައްޕަގެ ފުރަތަމަ ކައިވެންޏަށް ލިބުނު ކުއްޖެއް.. އަހަރެން މަންމަ އާ ބައްޕަ އިނީ ދޮންތަގެ މަންމައާ ވަރިވީ ފަހުން.. އޭގެ ދުވަސްކޮޅެއް ފަހުން އަހަރެންގެ ދޮންމަންމަ އާ ބައްޕަ އިނީ ދެ އަންބަށް.. އަހަރެން އުފަންވުމުގެ ތެރޭ މަންމަ މަރުވީ.. އޭގެ ފަހުން އަހަންނާ ދޮންތައަށް މަންމައެއްގެ ލޯބި ދިނީ ދޮންމަންމަ.. ދޮންމަންމަ އެއް ކަމަކު އަހަރެމެންނަށް ވަރަށް ހެޔޮވާނެ.. ދެން ލޯބިގެ ގޮތުން ދޯ.. އަހަރެން އަދި މީހަކާ ނުގުޅެން އެގޮތަށް.. ތެދަށް ބުނަންތަ އަސްލު އަހަރެން މަލްކާ ނޫން އަންހެން ކުއްޖަކާ އެކުވެރިވެސް ނުވަން ހެހެ..’ ޒައިކް ހިނިތުންވެލިއެވެ. ދެމީހުންވެސް އެކިކަހަލަ ވާހަކަތަކުގައި ޖެހިފަ ތިއްބެވެ.

މަލްކާގެ ފޯނުން ހަތެއް ޖެހިކަމުގެ ނޮޓިފިކޭޝަން އާއެކު ސްކްރީން ދިއްލުމުން ޒައިކް ދިޔައީ ސިއްސައިގެންނެވެ. ޒައިކްެއަށް ވީގޮތް ފެނުމުން މަލްކާއަށް ބާރުބާރަށް ހީނުގަނެވުނީ ހަމަ ކިރިޔާއެވެ. ދެމީހުން އެކުއެކީގައި ތެދުވެ ގެއަށް ދާން އަވަސްވެގަތެވެ.

‘މި ގަހަށް ކިޔަނީ ކީކޭތަ..’ ދެފަސް ގުޅޭ ހިސާބުގައި ހެދިފައި ހުރި ގަހަކަށް ޒައިކް އިޝާރާތް ކޮށްލީ އަގަޔަށް ގޮތެއް ހަދާލަމުންނެވެ. ‘ކޮން.. މަންމާތް..’ ބިންމައްޗަށް ބަލާނުލާ މަލްކާ ކުރިޔަށް އެޅި ފިޔަވަޅުން އެތާ ހުރި ކަކުނި ހޮރަކަށް ފައި ވަދެ ހަރުލިއެވެ.

ގުޅައަކަށް ގޮސް މަލްކާ ބިންމަތީގައި ޖެހުނުގޮތުން ޒައިކް ކައިރިއަށް އައީ ލާނެތް ހިންޏެކެވެ. އަގަމަތީ އަތް އަޅައިގެން ހިނިގަޑު ކޮންޓްރޯލް ކުރުމަށް ޒައިކް މަސައްކަތް ކުރިއެވެ.

‘ތިވަރަށް ހިނި އަންނަންޏާ ހޭބަލަ..’ ޒައިކް އަށް ބަލައިލަމުން މަލްކާ ބުނެލިއެވެ. ހަގީގަތުގައި ވެއްޓުނު ގޮތުން އޭނާވެސް އޮތީ ހިނިއައިސްފައި އެވެ.

‘ސޮރީ އިނގޭ މަށަށް ކޮންޓްރޯލް އެއް ނުވި..’ މަލްކާ މޫނަށް ޖެއްސި ވައްތަރުން ޒައިކްގެ ހިނިގަޑު ދިޔައީ ފަޅަފަޅާގެންނެވެ. ބަނޑުގައި އަތް އަޅައިގެން ޕަކަ ޕަކަ ލާފައި ހެމުން ޒައިކް މަލްކާއަށް އަތް ދިގުކޮށްލިއެވެ. މަލްކާވެސް ހެމުން ޒައިކްގެ އަތުގައި ހިފާލިއެވެ. ތެދުވުމުގެ ބަދަލުގައި ޒައިކްގެ އަތަށް މަލްކާ ލައްކެއް ޖަހާލިއެވެ. އެކަމަށް ނުވިސްނާ ހުރި ޒައިކް މަލްކާ އާ ތަންކޮޅެއް ދުރަށް ބިންމައްޗަށް ވެއްޓުނެވެ.

މިފަހަރު މަލްކާ ޒައިކް އަށް ވުރެ ބާރަށް ހީގަތެވެ. އަދި އެއޮތް ގޮތަށް އޮވެ ފޯނުނަގާ ދެމީހުންގެ ސެލްފީ އެއް ނަގައިލިއެވެ. އެދެމީހުން އުޅެމުން ދިޔަ ގޮތުން ފެންނަ އެކަކުވެސް އެއީ ހަމައެކަނި އެކުވެރިންނޭ ބުނެގެން ގަބޫލު ނުކުރާނެއެވެ. އެދެމީހުން އުޅެނީ އެއަށްވުރެ މާ ގާތްކޮށް ވިއްޔާއެވެ. ކޮޅަށްތެދުވެ ގައިގައި ހުރި ވެލި ފޮޅާލަމުން އެކުއެކީގައި ދެމީހުންވެސް ގެއަށްދާން ހިގައިގަތެވެ.

‘ބާއި.. ޑްރޮޕް އެއް ބޭނުމިއްޔާ މެސެޖް ކޮށްލައްޗޭ..’ މަލްކާގެ ގެއާ ހަމައަށް ގޮސް ޒައިކް ބުނި ޖުމްލައިން މަލްކާ ހުއްޓުން އެރިއެވެ. ‘ނަންބަރު އޮވެގެނެއްނު މެސެޖް ކުރެވޭނީ..’ މަލްކާ ގޮވާލުމުން ޒައިކް ފަހަތަށް އެނބުރި ފޯނަށް އިޝާރާތް ކޮށްލިއެވެ. ޒައިކް އަތަށް ފޯނު ދެވުނު ހަދާންވުމުން މަލްކާ ފޯނުނަގާ ކޮންޓެކްޓްސް ބަޔަށް ވަދެލިއެވެ. ޒައިކް ޖަހާފައި އިން ނަންބަރު ފެނުމުން މަލްކާއަށް ހީގަނެވުނެވެ. އެ ކޮންޓެކްޓަށް އިނީ ‘މަމީ’ އެއްގެ ފޮޓޯއެއް ލާފައެވެ.

‘މަލްގެ ސްމައިލް ވަރަށް ރީތިި..’ ޒައިކްގެ މެސެޖެއް އައިކަމުގެ ނޮޓިފިކޭޝަން ލިބުމުން މަލްކާ އެބައި ހުޅުވާލިއެވެ. ‘ހަހަ ޔޫ ގެވެސް..’ މަލްކާ ރިޕްލައި ކޮށްލިއެވެ. ކުރިމައްޗަށް ބަލައިލި އިރު ޒައިކް އަނެއް ގޯޅިން އަޅާލަން އުޅެފައި ފަސްއެބުރި ބަލައިލަނީއެވެ.

ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ވަގުތު މަލްކާ އަށް ހީވީ ފިނިފެން ބާލިދީއެއް ގަޔަށް އަޅާލިހެންނެވެ. އަވަހަށް އިސްޖަހާލަމުން ހިނިތުންވެލިއެވެ. ޒައިކްވެސް ހިނިތުންވެލަމުން ހިގައިގަތެވެ.

******

މެންދުރުން އަނބުރާ އެކެއް ޖަހައިފިއެވެ. ކޮލެޖް ގަޑި ނިމުމުން ބާރަކަށް ހިނގާފައި މަލްކާ އައީ އެވަގުތު ދެމުން ދިޔަ ދިލަ އަވިން ފިހޭ ވަރު ވާތީ އެވެ. ގޭ ގޯތިތެރެއަށް ވަދެވުމާއެކު ހިޔާދޭ ހިސާބުގައި ހުރި ޖޯއްޔަށް އޭނާ ވެއްޓިގަތީ ވަރުބަލި ވެފައި ހުރި ވަރުންނެވެ.

މަލާކްވެސް ސްކޫލުން ގެއަށް އައީ އެވަގުތު އެވެ. ‘ކޮބާ ޓެސްޓް ކިހިނެތް.؟’ މަލާކް އައިސް އިށީނުމުން މަލްކާ އަހާލިއެވެ. ‘ރަނގަޅު.. ދޮނާ މޮޅު އިނގޭ.. ހަމަ ދޮނާ ބުނިގޮތަށް ސުވާލުތައް ހުރީ.. ތޭންކޫ..’ މަލާކްގެ މޫނުމަތީގައި ފެވިފަ ހުރި ހިނިތުންވުމުން އެކަނިވެސް އޭނާއަށް ޓެސްޓް ފަސޭހަވިވަރު ދޭހަވާނެއެވެ.

‘ތިހާ ފަސޭހައިއްޔާ އެއިޓީ ޕަސެންޓް އެޕްރޫވަލް ބޭނުން އިނގޭ..’ މަލްކާ ހިނިތުންވެލިއެވެ. ‘ތިއޮތީ ދީފަ. ‘ މަލާކް ގޭތެރެއަށް ހިނގައިގަންނަމުން ބުނެލިއެވެ.

******

ސިކުންތަކަށްފަހު މިނިޓެއް، މިނިޓަކަށްފަހު ގަޑިޔެއް ނިމި ހަވީރުވެއްޖެއެވެ. ޒައިކްމެން ރަށުގެ އެކި ފިހާރަތަކުގައި ހިގަމުން ދިޔައީ މިރޭ އޮތް ބާބަކިއު އަށް ބޭނުންވާ ސާމާނު އެއާކުރާށެވެ. ފަސްމީހުން ވެގެން މިރޭ ބާއްވާ ބާބަކިއު އަކީ ޒައިމަން ރިސޯޓަށް ދާންއުޅޭތީ އޭގެކުރިން އެއްތަންވެލާ މަޖާކޮށްލަން ބާއްވާ ބާބަކިއު އެކެވެ.
އެއްޗެހިތައް ހަމަވުމުން އެމީހުން އަބަދުވެސް އެއްތަންވާ ތަނަށް މިސްރާބު ބަދަލުކޮށްލިއެވެ.

ފޯނު ވައިބްރޭޓް ވާން ފެށުމުން ޖިންސުގެ ޖީބަށް އަތް ކޮށްޕާލައި ފޯނު ނަގާ ޒައިކް ބަލައިލިއެވެ. ޒާވީގެ މެސެޖެކެވެ. ‘އަޅެ ޒާވީތަ އޭނަ މަށާ ބަހެއްވެސް ނުކިޔާ..’ ޒައިކްގެ ފޯނުގެ ސްކްރީނުން ‘ދޮންތަ’ ފެނުމުން އައިކަން ކުސްތަޅާލިއެވެ. މިރަށަށް އައިއްސުރެންވެސް އައިކަން ވަނީ ޒާވީގެ ދީވާނާގައި ޖެހިފަކަން ޒައިކްއަށްވެސް އެނގެއެވެ. އޭނާ އެކަމުން ވަނީ އުފަލެވެ. އަމިއްލައަށް އިތުބާރު ކުރެވޭ އަބަދު އެކުގައި އުޅޭމީހަކު އާއިލާ އާ ގުޅެން ބޭނުމިއްޔާ އުފާ ނުވާނީ ކާކުހެއްޔެވެ.

‘ކަލޭ ދޮންތަޔާ ވާހަކަ ދައްކަބަ.. އެޓްލީސް ހައި އެއް.. މަށަށް އެނގޭ ދޮންތަޔަށް އޭރު ވާހަކަ ނުދައްކާ ހުންނަން ނުކެރޭނެކަން.. އޭ މަ ދަނިއްޔޭ.. ދޮންތަ އެބައުޅޭ ކަމެއް ޖެހިގެން..’ ސައިކަލަށް އަރާ ޒައިކް ދުއްވާލިއެވެ.

1

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!