Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިއަތުން ދޫކޮށްލާކަށް ހިތެއް ނޭދެމޭ – 3

Aarsh Level 110 Stories
August 10, 2021 5 Mins Read
0 Comments

ބޭރުގައި ހުރި ޖައިލަމްއަށް ސައިކަލު ޕާރކް ކޮއްފައި އައި ހައިޝަމް ފެނުމާއެކު ދެމިހުން އެތެރެޔަށް ވަންނަން ހިނގައިގަތެވެ.

” ފިރިހެންކުއްޖާއަކީ ދާއިން މުހައްމަދު ނާފިޒް ހުސައިން. އެއީ ނާފިޒްގެ ހަގު ދަރި. އަންހެންކުއްޖާއަކީ ސާރަހް އަޙްމަދު ފާއިޒް. އެއީ ފާއިޒްގެވެސް ހަގު ދަރި. ދާއިންއާ ސާރަހްއަކީ ދެމަފިރިންކަމަށްވަނީ. އެދެމިހުން ކައިވެނި ކުރިތާ އަދި މިވީ އެންމެ ފަހެއްކަ މަސް. އެހެންކަމަށް ފާއިޒްވެސް ނާފިޒްވެސް ބުނުއްވީ.. އެދެމިހުންނަށް އުނދަގޫކޮށް ހަދާ މީހަކު އުޅޭކަމަކަށް ދެއާއިލާއަކަށް ފާހަގަވެފައެއް ނެތް.. ” ޖައިލަމް އޭނަ ފާއިޒްއާ ނާފިޒް ކައިރިން ނެގި މައުލޫމާތުތައް ހައިޝަމް އާ ހިއްސާކުރަމުން ދިޔައެވެ. އިވުނު ވާހަކަ ތަކަކުން ހައިޝަމްއަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ. ހީވަނީ ނޭވާ ނުލައި އިރެއްވަންދެން ހުރެފައި ނޭވާ ލީހެންނެވެ.

” ސާރަހް ހޭއަރާނީ ކޮން އިރަކުން ކަމެއް ޑޮކްޓަރ ބު..” ހައިޝަމްއަށް ބުނަން އުޅުނު ވާހަކަ އަރު ތެރޭގައި ތާށިވީ އާއްމު ވޯޑާ ދިމާލު މަގުގައި ފޯނުން ވާހަކަދައްކަން މަޑުކޮއްގެން ހުރި ފާއިޒް ފެނިފައެވެ. އެއާއެކު އޭނަގެ ހިޔާލަށް އައީ މީގެ ހަތަރު އަހަރު ކުރިން އެންމެ ފަހު ފަހަރަށް ސާރަހްއާ ވާހަކަދެއްކި ދުވަހުގެ މަތިންނެވެ. އެއީ ވެސް މިއަދު ކަންތައްތައް ވީގޮތަށް ވީ ކަހަލަ ދުވަހެކެވެ.

—-

” ކަލޭ ތީ އަޅެ ފަހެ މޮޔައެއްތަ؟ ކާކުތަ މިއޮތް ފަދަ ވިއްސާރަ ދުވަހު މޫދަށް ދާނީ؟ ދެންމެވެސް… އެދެމިހުންނަށް ކަލޭމެން ނުފެނުނުނަމަ ސާރަހް ސަލާމަތެއް ނުވީސް.. ސާރަހް ސަލާމަތް ނުވިނަމަ ކަލޭ މިހާރު ދުނިޔެއަކު ނުހުންނާނެ… އަނެއްކޮޅުން މަގޭ އަނެއް ދަރިވެސް… އެކުއްޖާވެސް އެއޮތީ ހޭނެތިފައި.. ” ޓުރީ ޓޮޕް ހޮސްޕިޓަލްގެ އެމަޖެންސީ އޭރިޔާގެ ކައިރީގައި ހުރި ފާއިޒް ފުރޮޅުލީ ގޮނޑީގައި އިން ހައިޝަމްއާ ދިމާއަށް ހަޅޭލަވައިގަތެވެ. ” ސާރަހް މަގޭގެ ގާތުގައި ބުނެފައި ދިޔައީ ރައިހާމެން ގެއަށޭ ކިޔާފަ.. އެކަމަކު މަ އަޑު އެހީމޭ ސާރަހް ފޯނުން ކަލެޔާ ތޯޗެއް ވާހަކަދައްކާ އަޑު.. ބައްޕަމެންނަށް ސިއްރުންވެސް މޫދަށް ދާނަމޭ.. ހައީ  އެދުނީމަވެސް… މަހިތުން ސާރަހް އެހެން ބުންނަސް އޭނަ މޫދަށް ނުދާނެ ކަމަށް މަހީކުރީ.. ސާރަހްއަކީ އެހާ މޫދަށް ދާހިތްވާ ކުއްޖެއްވެ ނޫންވިއްޔާ.. އެކަމަކު ކަލޭގެ ސަބަބުން މިހެއްވެސް މިވީ… ”

ހައިޝަމް ބަހެއް ނުބުނެ އިސްޖެހިފައި އިނީ ކުރެވުނު ކުށަށް ތިމަންނަ އިއުތިރާފްވަމޭ ބުނާ ފަދައިންނެވެ.

” އަހަރެން ބުނީމެއްނު އަހަރެންގެ ސާރަހް ރަނގަޅަށް ގެންގުޅެންޏާ ތިގުޅުމާމެދު މައްސަލައެއް ނެތޭ… އެކަމަކު މިއަދަށްފަހު ތިގުޅުން ޖެހޭނީ އުވާލަން… ސާރަހްއާ ވާހަކަދައްކައިގެން ނުވާނެ މީގެ ފަހުން.. އެންމެ ކުޑަމިނުން އޭނަޔާ ދިމާއަށް ބަލާލިޔަސް މަގޭ ހުރި ނުބައިކަމެއް ދައްކާލާނަން. ކަލޭ އާއިލާއަށް މިކަންތައް އަންނަން ބޭނުން ނޫނިއްޔާ އަވަހަށް މިތަނުން ރައްކާވޭ.. ތިކަހަލަ މީހަކަށް މަގޭ އާއިލާއަކުން ޖާގައެއް ނުދޭނަން… ” ފާއިޒްގެ ރުޅިގަނޑު ފެނިފައި އެތަނުގައި ތިބި މީހުން ތިބީ ފިތްކަނޑައިގެން ދާވަރުވެފައެވެ. އަވަސް ހަރަކާތާއެކު ފުރޮޅި ގޮނޑި އަނބުރަމުން އެތަނުން ދެވޭތޯ މަސައްކަތްކުރި ހައިޝަމްއަކަށް އެކަމެއް ކާމިޔާބެއް ނުވިއެވެ. އޭނަ ފުރޮޅުލީ ގޮނޑީގައި އިންނަން އެޖެހުނީ އަދި އަލަށެވެ.

” އުހުން ދަނިޔަލް… ދަނިޔަލް ތިއީ އަހަރެންގެ އާއިލާއަށް ހެޔޮ އެދޭ މީހެއް ކަމުގައި ވަނީނަމަ ތިގޮނޑިން އަތް ދޫކޮއްލާ… ހެޔޮ އެދޭ މީހެއް ނޫންކަމުގައި ވަންޏާ ދަނިޔަލްވެސް މިތަނުން ދޭ…” އިސްޖެހިފައި ހުރި ދަނިޔަލް ހައިޝަމްއާމެދު ކުޑަކޮށް ޙަމްދަރުވީވެގެން އެގޮނޑި ދުއްވައްވައިދޭން އުޅުނު ވަގުތު ފާއިޒް އަމުރުކުރިއެވެ. ދަނިޔަލް ވަގުތުން އެގޮނޑިން އަތް ދޫކޮއްލައިފިއެވެ. ފާއިޒްދެކެ ދަނިޔަލްވެސް އަންނަނީ އަމަށަކު ބިރެއް ނޫނެވެ. އަދި ހާއްސަކޮށް ބޮޑު މީހަކު ބުނާ ބަހެއް އަޑު ނޭހުމަކީ ބޮޑެތި މީހުންނަށް އިޙްތިރާމް ނުކުރުން ކަހަލަ ކަމެއް ކަމުން ދަނިޔަލް ދެކޮޅު ހަދަން ޖެހިލުންވިއެވެ.

ބަހެއް ނުބުނެ އުނދަގުލުން ގޮނޑި ފުރޮޅަމުން އެމަޖެންސީ އޭރިޔާއިން ނިކުތް ހައިޝަމް ފެނިފައި އެތަނަށް އައި ސާމިޔާއާއި ނަވާރްއަށް ހައިޝަމްއާ ދިމާއަށް ބަލާލެވުނެވެ. އެހެނަސް ހައިޝަމް ކުށްވެރިޔެއް ފަދައިން އިސްޖަހާލުމަށްފަހު އެތަނުން ނުކުމެގެން ދިޔައީއެވެ.

—

އެދުވަސް ހިތަށް އެރުމާއެކު ދެލޮލަށް ކަރުނަތައް ޖަމާވީ ބޭއިޙްތިޔާރުގައެވެ. އެހެނަސް އެކަރުނަތައް ފޭބުމުގެ ކުރިން ހައިޝަމް ކަރުނަތައް ހިންދާލިއެވެ.

އެވަގުތު އިސްޖަހައިގެން އައި ފާއިޒްއަށް ބަޔަކު ކުރިމަތީގައި ހުއްޓާ ފެނުމުން އިސް އުފުލާ ހައިޝަމްއާ ޖައިލަމްއަށް ބަލާލިއެވެ. ފުލުސް ޔުނީފޯމުގައި ތިބުމުން އެއީ ފުލުހުންކަން އެނގުމާއެކު ފާއިޒް އެދެމިހުންނަށް ހިނިތުންވެލަން އުޅުނު ވަގުތު ހައިޝަމް ލޮލުގައި އަޅައިގަތެވެ. ވަގުތު މީހާގެ ނިތައް ރޫތައް ގިނަވެގެން ދިޔައެވެ.

” އަޅުގަނޑުމެންނަށް ބަޔާން ނެގޭނީ ޕޭޝެންޓް ހޭއެރި އިރަކުން ކަމަށްވާތީ މިވަގުތު އަޅުގަނޑުމެން ގޮސްލީ. އެކްސިޑެންޓު ހިނގި ސީން މިހާރު އިންވެސްޓިގޭޓް ކުރަމުން ދަނީ. މިއީ ޕުލޭންޑް އެކްސިޑެންޓަކަށްވަނީ ނަމަ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ އެސް.އީ ފުލުހުންގެ ފަރާތުން ޕޭޝެންޓަށް ރައްކާތެރިކަން ދިނުމަށް އަޅުގަނޑުމެން އެދޭނަން. ޕޭޝެންޓް ހޭއެރި އިރަކުން ވީހާވެސް އަވަހަށް އަޅުގަނޑުމެންނަށް އަންގާލަ ދިނުން އެދެން.. ” ހައިޝަމް ހިނިތުންވެލިއެވެ. ޖައިލަމްވެސް ފާއިޒްއަށް ހިނިތުންވެލިއެވެ.

” ހާދަ ފޮނި މީހެކޭ ދޯ؟ ” ވަކި އެއްޗެކޭ ނުބުނެ ފާއިޒް އެތަނުން ދާން ހިނގައިގަތުމުން ޖައިލަމްއަށް ވިސްނުނީ ނުބައިކޮށެވެ.

” އަޅާނުލާ.. ހިނގާ ދަމާ… ” ހައިޝަމް އަތުކުރީގައިވާ ގަޑި ބަލާލުމަށްފަހު އައި މަގަށް އެނބުރެން އުޅެނިކޮށް އާއްމު ބަލިމީހުންގެ ވޯޑުގައި ކައިރީ ގޮނޑި ބަރީގައި އިން ދަނިޔަލް ލޮލުގައި އަޅައިގަތެވެ. ކަނދުރާއާ ހަމަޔަށް އަރާ ފަންފަން މުށި އިސްތަށިކޮޅު ނިއްކުރިމައްޗަށް ވާގޮތަށް ތިރިކޮއްލާފައި ހުރުމުން އެއީ އެހާ ބޭރުފުށުން ސޫރަ ރީތިކުރަން އުޅޭ ޒުވާނެއް ނޫންކަން ހާމަވެއެވެ. ޤުދުރަތީ ގޮތުން ލިބިފައި އެވާ ރީތިކަމަކީ އެކަމަށް ސަމާލުކަން ނުދޭ ސަބަބެއް ކަމުގައިވުން އެކަށީގެންވެއެވެ. ދޮން ރީތި އޮމާން ހަންގަނޑަކާއި ހެޔޮވަރެއްގެ އިސްކޮޅަކާއި ބާމަތި ފުޅާ ކަސްރަތީ ހަށިގަނޑުގައި އެޒުވާނާ ފެންނަނީ ބޭރު މޮޑެލްއެއް ފަދައިންނެވެ. ރީތި ވަރަކަށް ފަޅާފައިވާ ތުނބުޅި މަތިސް އެޒުވާނާގެ ފިރިހެންވަންތަކަން އިތުރަށް ފުރިހަމަ ކޮއްދެއެވެ. އާދައިގެ ނޭވީކުލައިގެ ގަމީހަކާއި ކަޅު ޖިންސެއް ލައިގެން އިންއިރު އެމޫނުމަތިން ފެންނަނީ މާޔޫސްކަމެވެ.

” އެބަ އަންނަން.. ” ހައިޝަމް ދިޔައީ ދަނިޔަލް ކައިރިއަށެވެ.

” އައި އޭމް ސޯ ސޮރީ ފޯރ ޔުއާ ލޮސް ޑޭން.. ” މާޔޫސްވެފައިވާ މޫނަށް ބަލާލަމުން ހައިޝަމް ބުނެލިއެވެ. ” ކޮންމެ ކަމެއްވެސް ވެގެން ދަނީ މާތްﷲ އެންގެވި ގޮތަށް. އެކަމާމެދު އެއްވެސް މީހަކަށް އެއްވެސް ދެކޮޅެއް ނެހެދޭނެ. އެކަލާނގެ ގެންދަވަން ހުރި އެއްޗެއް ވިއްޔާ ގެންދަވާނެ.. ދެންވަން ހުރި އެއްޗެއް ވިއްޔާ ދެއްވާނެ.. މިއީ އިމްތިހާނެއް.. ޑޭން ހިތްވަރު ކުރައްޗޭ.. ”

” ތޭންކް މޭން.. ” ދަނިޔަލް ފަނޑު ގޮތަކަށް ހިނިތުންވެލިއެވެ.

” މަންމަމެންގެ ހާލު ކިހިނެތްތަ؟ ” ހައިޝަމް ސުވާލުކޮއްލިއެވެ.

” މަންމަ އައި.ސީ.ޔޫގަ.. ކޮއްކޮ މަރުވި ހަބަރުން މަންމައަށް ހާޓް އެޓޭކެއް ޖެހުނީ… ބައްޕަވެސް ވަރަށް ބަސްމަދުވެފައި ހުރީ.. ބައްޕައާއެކު ދޮންބެ ވެއްޖެ މިހާރު ކޮއްކޮގެ ކަށުނަމާދުގެ ކަންތަކުގައި ގޮސް. މަންމަގެ ކައިރިއަށް މަންމަ ފަރާތު ދޮންދައިތަމެން އަންނަންދެން ނުގޮސް މިހުރީ. ” ދަނިޔަލް ދެއަތުން މޫނު ފޮރުވާލީ އެންމެން ކުރިމަތީގައި ރޮވިދާނެހެން ހީވުމުންނެވެ.

” އިން ޝާ ﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. އަހަރެންނަށް އަދި މިއެނގުނީ ދާއިން އެއީ ޑޭންގެ ކޮއްކޮކަން. އަހަރެން ހީކުރީ ޑޭންއާ ޑޭންގެ ބޮރޯ އެކަނި ކަމަށް ޑޭންގެ ފެމެލީގައި ހުންނަނީ.. ” ހައިޝަމް ދަނިޔަލްއަށް ހިތްވަރު ދިނުމުގެ ގޮތުން ކޮނޑުގައި ހިފަހައްޓާލިއެވެ.

” އިން ޝާ ﷲ.. ސާރަހްގެ ކަމެއް ވީމަ މިކޭސް ފަސޭހަވާ…” ދަނިޔަލް މޫނުން އަތް ނެގުމަށްފަހު  އޭނާ ބުނަން އުޅުނު ވާހަކަ ހުއްޓާލަން ޖެހުނީ ހައިޝަމް ނޫނެކޭ ކިޔާ ބޯހޫރުވާލުމުންނެވެ.

” ސާރަހް އިޒް މައި ޕާސްޓް. މިހާރު އަހަރެން މިއުޅެނީ އެހެން ކުއްޖަކާ ރައްޓެހިވެގެން. ވަރަށް އަވަހަށް ދެމިހުން މެރީކުރަން މި ވިސްނަނީ… އިން ޝާ ﷲ. ސޯ…ސާރަހްގެ ކަމެއް ވިޔަސް އެކަމަކުން އަހަރެންނަކަށް އެއްވެސް އަސަރެއް ނުކުރާނެ މިހާރު… ” ހައިޝަމް ދުރު ބަލާލިއެވެ. ދަނިޔަލް އެހެންދޯ އޭ ބުނެލިއެވެ.

” މިދިޔައިއްޔޭ ދެން…. އަހަރެން އޮފީހަށް ގޮސް ކަށުނަމާދަށް އަދި ދާނަން… ” ހައިޝަމް ދަނިޔަލްގެ ކޮނޑުގައި ޖަހާލުމަށްފަހު ޖައިލަމްއާއެކު ހިނގައިގަތެވެ.

…

” ސާމިޔާ ގެޔަށް ގޮސްލަންވީނުން.. ” ފާއިޒް ވޯޑުގައި ސާރަހް ބާއްވާފައިވާ އެނދު ކައިރީގައި އިން ސާމިޔާއަށް ބުނެލިއެވެ.

” ކިހިނެތް އަހަރެން ގެޔަށް ދާނީ؟ ފާއިޒްއަށް އެނގޭނެ އަހަރެން ދަރިޔަކު ބަލިވެ އޮތިއްޔާ އެދަރިފުޅު ދޫކޮއްލާފައި ގެޔަށް ނުދާނެކަން. އަނެއްކޮޅުން އަރީޝްގެ ކަށުނަމާދުގެ ކަންކަންވެސް މިހާރު ފެށެން އުޅޭނެ. އަހަރެން ސާރަހް ގާތު މަޑުކުރާނަން. ފާއިޒް ދޭ.. ” ސާމިޔާ ސާރަހްގެ އަތުގައި ފިރުމާލިއެވެ. ” ނަވާރް ގާތުގައި ބުނޭ ގެޔަށް ދާށޭ.. ނިޝްޔާވެސް ބަނޑުހައިވާނެ މިހާރު.. ”

” ހޫމް.. މިދިޔައީ ” ފާއިޒް ހީލަމުން ވޯޑުން ނިކުތް އިރު ނަވާރް ހުރީ ނިޝްޔާ ރޯތީވެ މަސަލަސް ކުރަންވެގެންނެވެ.

” ދަރިފުޅު ހިނގާ ގެޔަށް ދާން. ބައްޕަ ލައިދޭނަން… ނިޝްޔާއަށްވެސް މިހާރު އެރޮނީނުން… މަންމަ އިންނާނެ ސާރަހް ގާތުގައި. ބައްޕަ މިދަނީ އަރީޝްގެ ކަށުނަމާދަށް. ޝާވިން ގޮއްސިތަ؟ ” ފާއިޒް ނަވާރްގެ ބޮލުގައި ފިރުމާލިއެވެ.

” ލައްބަ ބައްޕާ… ” އިތުރު ސުވާލަކާ ނަވާރް ނިޝްޔާ ގޮވައިގެން ފާއިޒްއާއެކު ގެޔަށް ދާން ހިގައިގަތެވެ.

” ފާއިޒްބޭ… ދޮންބެދައްތާ… ގެޔަށް ދަނީތަ؟ ” މަޑު ހިނގުމެއްގައި އައިސް ނަވާރް ގާތަށް މަޑުކޮއްލި ދަނިޔަލް އަހާލިއެވެ.

” ނޫނޭ.. މިދަނީ ނަވާރް ގެޔަށް ލައިފައި ނަމާދަށް ދާން. ދަނިޔަލް ކަށުނަމާދަކަށް ނުދަންތަ؟ ” ފާއިޒް ހޮސްޕިޓަލް ގޭޓުން ނުކުންނަމުން އަހާލިއެވެ.

” ނޫން. ދާން މިދަނީ. މަންމަ ގާތު ދޮންދައިތަމެން އަންނަންދެން މަޑުކުރީ.. ” ދަނިޔަލް އަތުކުރީގައި އޮތް ގަޑި ބަލާލިއެވެ.

” ކާރުގަތަ އައީ؟ ” ފާއިޒް ސުވާލުކޮއްލިއެވެ.

” ނޫން.. ބައްޕަގެ ކާރުގައި.. ބައްޕަ ކާރުގަ މިސްކިތައް ދިޔައީ.. އެހެންވެ ޓެކްސީއެއްގައި ދާން މިއުޅެނީ.. ” ދަނިޔަލް އިޙްތިރާމާއެކު ޖަވާބުދިނެވެ.

” ބޭބެއާއެކު ދާންވީނުން.. ” ފާއިޒް ދަނިޔަލްގެ ކޮނޑުގައި ހިފަހައްޓާލަމުން އަހާލިއެވެ. ދަނިޔަލް  ބޯޖަހާލިއެވެ.

” އަންނާނަން ކާރު ހިފައިގެން.. ދެކުދިން މަޑުކުރޭ މިތާ.. ” ފާއިޒް ކާރު ޕާރކުކޮއްފައި ހުރި ދިމާއަށް ހިނގައިގަތެވެ. ކާރު ހިފައިގެން އަންނަންދެން ނަވާރްއާ ދަނިޔަލް މަޑުކުރިއެވެ. އޭރު ނިޝްޔާވެސް ރުއިން ހުއްޓާލައިފިއެވެ. ފާއިޒް ކާރުގައި އައުމުން ދެމިހުން ކާރަށް އެރުމުން ފުރަތަމަ ފާއިޒް ދިޔައީ ނަވާރް ގެޔަށް ލާށެވެ.

—

” ދަރިފުޅާ ބަލައިގެން އުޅެއްޗޭ… އެމީހަކު އާއިލާގެ އެހެން މީހަކާ ދިމާކުރަން ވެސް އުޅެދާނެ. ގެޔަށް ވަދެ ރަނގަޅަށް ތަޅުލެވިފައި ހުރިތޯ ޗެކް ކުރާތި… ” ކާރު ދޮރުން ބޭރަށް ނުނިކުމެވެނީސް ފާއިޒް ބުނި ވާހަކައަކުން ނަވާރް ހައިރާންވިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި  ފާއިޒްއާ ދިމާއަށް އެނބުރި ބަލާލާފައި އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލުމަށްފަހު ނިޝްޔާ ގޮވައިގެން ކާރުން ފޭބިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aarsh

Level 110 Stories

I am a girl who loves to write stories alot.. I hope you all readers will love to read my stories just like how i love to write them. ?❤ ~Aarsh~

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތޭވީސް ވަނަ ބައި)

Next

ވީމޭ ތިޔަ ލޯބީގައި- 3

Next
August 10, 2021

ވީމޭ ތިޔަ ލޯބީގައި- 3

Previews
August 10, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތޭވީސް ވަނަ ބައި)



All Right Reserved!