އެއާޕޯޓުން ނިކުމެ ބަނދަރު ކައިރިއަށް ނައިޝާގެ ދެމަފިރިން މަޑުކޮށްލިއެވެ.އެވަގުތު ހުސްކޮށް އޮތް ލޯންޗަކަށް ނައިޝާ އާއި ސައިފް އެރުމުން އެލޯންޗު ހަލުވި ސުޕީޑުގައި ސައިފްގެ ރަށާ ދިމާއަށް މިސްރާބު ޖެހިއެވެ.

ލޯންޗު ގޮސް ރަށަށް ލެފުމުން ދަތުރަށްވާ ރުފިޔާ ނައިޝާ ކައްޕިއަަށް ދިނެވެ.ލޯންޗުން ފޭބި ނައިޝާ އެއްވެފައިވާ އެންމެނަށް ބަލާލި އެވެ.އެވަގުތު ސަނާ އާއި މައިދައިތަގެ އިތުރުން ބަފައިބެ ވެސް ބަނދަރު ކައިރިއަށް އައިސް ހުއްޓެވެ.

ސައިފް ކުރިން ނައިޝާއަށް މައިދައިތަ އާއި ބަފައިބެ ގެ ފޮޓޯ ދައްކާފައިވާތީ އެމީހުން ފެނުމުން ނައިޝާ އަށް އެނގުނެވެ.ނައިޝާ އޭނާގެ ފޮށި ދަމަމުން މައިދައިތަމެން ކައިރިއަށް ދިޔައެވެ.ނަމަވެސް ސައިފް ދިޔައީ ތަންކޮޅެއް ދުރުގައި ހުރި ބައެއްގެ ކައިރިއަށެވެ.ތިން ފިރިހެނުން ތިބިއިރު އެމީހުން ކައިރި އަންހެން ކުއްޖެއްވެސް ހުއްޓެވެ.

އެއަންހެން ކުއްޖާ ނައިޝާއާއި ދިމާލަށް ހުއްޓުމެއްނެތި ފޫހިގޮތަކަށް ބަލަމުން ދިޔައެވެ.ބަލާބެލުމަށް ހީވަނީ ނައިޝާ އުމުރުގެ ޒުވާނެއް ހެންނެވެ.އިސްކޮޅުން ދިގު ނޫން ހިމަތޮޅި ހަށިގަނޑެއްގެ ވެރިއެކެވެ.ޝޯލް އަޅާ މައްޗަކާއި ޖީންސެއް ލައިގެން ވަރަށް ނަލަ ހެދިލައިގެން ހުރި އިރު މޫނުމަތިން ކިބުރުވެރި ގޮތެއްވެސް އެޒުވާނާގެ ވެއެވެ.

“ތީ ދޯ ނައިޝާ އަކީ….ސަނާ މަންމަ ކައިރި ބުނި ފަލަކޮށޭ ހުންނަނީ އެކަމަކުވެސް ތިހާ ފަލަވާނެ ކަމަކަށް ހިއެއް ނުކުރަން” މައިދައިތަ ނައިޝާއަށް އެހެންބުނުމުން ކައިރީގައި ހުރި ސަނާ މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ. އެވަގުތު ނައިޝާގެ މޫނުމަތިން ހިނިތުންވުން ކެނޑުނެވެ.

“ފަލަޔަސް އެއީ މައްސަލައެއް ނޫނެއްނު ދޯ ކަނބުލޯ” އޯގާތެރި ކަމާއެކު ނައިޝާގެ ބަފައިބެ ނައިޝާ އަށް ބުންޏެވެ. “ތިގޭ ހުރިހާ އެންމެންވެސް ތިހާ ފަލަތަ؟… އަހަރުމެން އާއިލާ މީހުން މީ ތިބޭ ގޮތަކީ ހިކިކޮށް…ބަލާބަ ސައިފަށް ސަނާއަށް މަންމައާ ބައްޕަ އަށް” ނައިޝާ އަށް މައިދައިތަ ބުންޏެވެ.

“ނޫން…ނައިޝާގެ އާއިލާ މީހުންވެސް އެހާ ފަލައެއް ނުވާނެ… އާއިލާގަ ފަލަކޮށް ތިބެނީ ދޮންތައާ ނައިޝާއާ…އެކަމް ނައިޝާހާ ފަލައެއްނުވާނެ ދޮންތަވެސް” ނައިޝާ ބުންޏެވެ. “ހިނގާ ދެން ގެއާ ދިމާއަށް ވަރުބަލިވެފައެއްނު ހުންނާނީ އެމަންޖެ” ބަފައިބެ އެހެން ބުނުމުން ނައިޝާ ބަލައިލީ ސައިފާ ދިމާލަށެވެ.

އެވަގުތު ސައިފާ ދެންތިބި ހަތަރު މީހުން ވަރަށް އޮލަ ވާހަކައެއްގައި ތިބެ ހެމުން ދިޔައެވެ.ނައިޝާ ސައިފަށް ބަލާލި ވަގުތު އެމީހުން ވެސް ނައިޝާއާއި ދިމާލަށް ބެލުމަށް ފަހު މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ.

“އެއީ ކޮންބައެއް؟” ސިއްރުން ނައިޝާ ސަނާ ކައިރި އަހާލިއެވެ. “އެއީ ސައިފް ގެ ކުލާހުގައި އުޅުނު އެކުވެރިން…އެތާ އެހެރަ އަންހެން ކުއްޖާއަކީ ކައިވެނި ކުރަން އުޅޭ ކުއްޖާ…ހެދުން ގަތީމެއްނު؟” ނައިޝާ ސަނާ ކައިރި އެހި ވާހަކަ އަޑު އިވިގެން މައިދައިތަ ބުނެލި އެވެ. “އެހެންތަ؟” ހަމަޖެހިލަމުން ނައިޝާ ބުންޏެވެ.

އެވަގުތު ސައިފް ނައިޝާމެނާ ދިމާއަށް މިސްރާބު ޖެހިއެވެ. ” އަން…މި ފޮށި ހިފައިގެން މަންމަމެން ދޭ އަހަރެން ދާނަން އިރުކޮޅަކުން…ނައިޝާ ވެސް ދޭ އެމީހުނާ އެކު” ކުރިއާ ޚިލާފަށް މިފަހަރު ސައިފްގެ ރާގު ބަދަލުވެ ހަރުކަށިވިއެވެ.

ސައިފްގެ އާއިލާއާ އެކު އެމީހުންގެ ގެއާ ދިމާއަށް ނައިޝާ ވެސް ދިޔައެވެ. އެވަގުތު އެގޭ ދޮރުމަތީގައި ސައިފްގެ ޖީއެން ސައިކަލް ޕާކު ކޮށްފައި ހުއްޓާ ފެނުނެވެ. “އެއީ ސައިފްގެ ސައިކަލުތަ؟” ނައިޝާ އަށް އަހާލެވުނެވެ. “އާނ….ރޭގަ ބޯޓު އައި އިރު އެވެސް ލާފަ އިނީ…ސައިފްގެ އެކުވެރިއެއް ގެއާ ހަމައަށް ގެނެއި… ދަރިފުޅަށް ނޭނގޭތަ ސައިކަލު ގެނައިކަމެއް…މާ ހައިރާންވީ” ބަފައިބެ ނައިޝާ އަށް ބުންޏެވެ.

“އާނ…” ހިނިގަނޑެއް ޖަހާލަމުން ނައިޝާ ބުންޏެވެ. ގޭ ގޯތިތެރެއަށް ނައިޝާމެން ވަންނަން އުޅުނު ތަނާ ސައިފާ އޭނާގެ ހަތަރު އެކުވެރިން ވެސް ގެއާ ދިމާލަށް އައެވެ. ސައިފް ފެނުމުން އުފަލުން ނައިޝާ ަަަަަަަަަަަަަަަަަަަަިަަަސައިފާ ދިމާލަށް ދިޔަވަގުތު، ނައިޝާ ކުރިމަތިން ހުރަސްކޮށްފައި ސައިފް ގެއަށް ވަނެވެ. ސައިފްގެ އެޢަމަލުން ނައިޝާ އާއި ދުރުގައި އޭނާ ހުންނަން ބޭނުންވާ ކަހަލަ އިހްސާސެއް ނައިޝާއަށް ކުރެވުނެވެ.

ސައިފް ގެއަށް ވަންނަ މަންޒަރު ބަލަން ހިނދުކޮޅަކަށް ހުރިތަނުން ގުނޑިނުލައި ނައިޝާ އަށް ހުރެވުނެވެ. “ހީވަނީ މުސްކުޅި ދައިތައެއްހެން…ސައިފް ކައިރި ހުންނަ އިރު އޭނަ ހީވަނީ ސައިފްގެ ދައްތައެއްހެން.. ލައިގެން އެހެރީވެސް އަހަރެމެންގެ މަންމަމެން ލާކަހަލަ ކަކުލާ ހަމައަށް އަރާ ހެދުންބުރި…މީހާ ފަލަވެގެންގޮސް ޗަސްވިއަސް މޭކަޕް ކުރެވިފައެއްނު އެހުރީ… ފެނުނަސް ފަކުރު ގަނޭ ” ސައިފް ގޭ ދޮރުމަތީގައި ހުރެ ސައިފްގެ އަންހެން އެކުވެރިއާ ފޫހި ގޮތަކަށް އޭނާގެ ތިން ފިރިހެން ރަހުމަތްތެރިންނަށް ބުނެލި އަޑު ނައިޝާއަށް އިވުނެވެ.އެވަގުތު ނައިޝާ އެމީހުންނާ ދިމާއަށް ބަލައިލުމުން ހަތަރު މީހުން އެއްކޮށް ހޭންފެށިއެވެ.

އެމީހުންގެ މަލާމާތް އަޑުނާހަން ނައިޝާ ގޭތެރެއަށް ވަނެވެ.އެވަގުތު ސައިފްމެން ކޮޓަރިއެއްގެ ތެރޭގައި ތިއްބެވެ. ” އާދޭ އާދެ…މީ ކަނބުލޮމެންގެ ކޮޓަރި” ނައިޝާ ވަނުމުން ބަފައިބެ ބުންޏެވެ. “ހާދަ ތަފާތޭ މިގެ” ހައިރާންވެ ހުރެ ސައިފް ބުނެލި އެވެ. ” މީ ނައިޝާގެ ހެޔޮކަން…މިގޭ މިފެންވަރަށް ގެނެސްފަ މިހުރީ ނައިޝާ ” އުފަލުން ހުރެ ބަފައިބެ ބުންޏެވެ.

ފަހަރަކު ކޮޓަރިއެއް ނައިޝާ ބަލައިލިއެވެ.ހުރިހާ ކޮޓަރިތަކެއްގައިވެސް ވަނީ އޭސީ ހަރުކޮށް ޒަމާނީ ފެންވަރަށް ފަރުމާ ކޮށްފައެވެ. “ސަނާއާ މަގޭ ކޮޓަރީގަ ކުރިން ހުރި ސިންގަލް އެނދުތައް ކޮބާ؟” ސައިފް އަހާލިއެވެ.

“އެތަކެތި އުކާލީ…ނައިޝާ ގަތް އެނދުތައް މިހުރީ މިހާރު…ކޮއްކޮ ކޮޓަރީގަ ޑަބަލް އެނދެއް… މަންމަމެންނާ ސައިފްގެ ކޮޓަރީގަ ކުޢިން ސައިޒު އެނދު…ސައިފާ ސަނާކޮއްކޮ ކޮޓަރީގަ ކުޑަ ފުރިޖެއްވެސް ލާފަ ހުންނާނީ ނައިޝާ ގަތް” މައިދައިތަގެ އަޑުގައި ވަނީ ހިތްހަމަ ޖެހުމެވެ.

ދެމީހުންގެ ފޮށި ހުސްކޮށް އެއްޗެހިތައް އަލަމާރިއަށް އަޅާ ތަރުތީބު ކޮށްލުމަށްފަހު ނައިޝާވެސް އެންމެނާއެކު ސައިބޯން ކާމޭޒުދޮށަށް ޖަމާވިއެވެ.ސައިބޮއެ ނިމިގެން ސައިފް ނިކުތީ ބޭރަށެވެ.ނައިޝާ އޭނާގެ މައިދައިތަ އާއެކު ބަދިގެތެރެއަށް ވަނެވެ.

އިރުއޮއްސެން އުޅެނިކޮށް ސައިފް ކޮޓަރިއަށް ވަނެވެ. “ސަނާކޮއްކޮ ގެ އެއްޗެހިތައް ދީފިންތަ؟” ސައިފް ވަނުމުން ނައިޝާ އަހާލިއެވެ. “ދީފިން…ދީފިން…” ހިތްހަމަނުޖެހިފައި ހުރެ ސައިފް ބުންޏެވެ. “އެހެންތަ ނައި ހީކުރީ އަދި ނުދޭކަމަށް އެހެންވެ ނައިވެސް ސެންޓް ފުޅި ނުދީ މަޑުކޮށްލީ ދެމީހުން އެއްކޮށް ދޭންކަމަށް” ނައިޝާ ބުނެލި އެވެ.

 

 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!