ސައިފް ސަނާ ކައިރި ސިއްރުން ވާހަކަތަކެއް ދެއްކި ދުވަހުން ފެށިގެން ސަނާ ނައިޝާ އާއި ދުރުވިއެވެ. އެކުގައި ވަގުތު ހޭދަކުރުން މުޅިންހެން ހުއްޓުނެވެ.ނައިޝާ ސަނާގެ ކޮޓަރިއަށް ވަނަސް ކޮންމެވެސް ބަހަނާ އެއް ދެއްކުމަށް ފަހު ނައިޝާ އެކޮޓަރިން ނެރެއެވެ.މިކަމާ ނައިޝާ ވަރަށް ދެރަވެ ވިސްނެން ފެށިއެވެ.

ނައިޝާއަށް ސައިފްގެ ވާހަކަތަކާ ދުރަކަށް ނުދެވުނެވެ. ސައިފްގެ އެވާހަކަތައް އަބަދުމެ ނައިޝާގެ ބޮލުތެރޭގައި އެނބުރެއެވެ.

ބަދިގެ ތެރޭގައި ކައްކަން، ޚިޔާލަކަށް ގެއްލިފައި ހުރި  ނައިޝާ ފޯނު ރިންގުވި އަޑަށް ސިއްސައިގެން ދިޔައެވެ. ” ހަލޯ” ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން ނައިޝާ މޮޅިވެރިކަން މަތީ ބުންޏެވެ.

” ހަލޯ ނައި… މަންމަ މި ގުޅާލީ ސަނާކޮއްކޮ ރަށަށް އަންނަން ވެގެން އުޅެނީ މާދަންރޭ…. ކޮއްކޮ ބުނީ ފިނީގަ ނިދާ ނިދާ ފިންޏަށް އާދަވެއްޖެއޯ ހިހިހި…. ކޮއްކޮއަށް ވަރަށް އުދަނގޫ ވާނެ މިހާރު އޭސީ އާ ނުލާ ނިދަން…އެހެންވެ ކޮއްކޮ ކޮޓަރި އޭސީ ކޮށްދޭށޭ ބުނަންވެގެން….ދެން ސައިފްގެ ކޮޓަރިވެސް އޭސީ ކުރީމަ ދޯ ނައިމެން ޗުއްޓީއަކަށް ރަށަށް އައިއްސަ ވެސް ތިބެވޭނީ…. ކޮއްކޮ އާ ސައިފްގެ ކޮޓަރި އޭސީ ކުރީމަ ދެން ހުންނާނީ މަންމަމެންގެ ކޮޓަރި އެކަނި…އެހެންވީމަ މަންމަމެންގެ ކޮޓަރިވެސް އޭސީ ކޮށްލަންޖެހޭނެދޯ” ހިނިގަނޑެއް ޖަހާލަމުން ނައިޝާގެ މައިދައިތަ ބުންޏެވެ.

އާނ…އެހެންވީމަ ތިން އޭސީ ގަނެފަ ފޮނުވާނަން….އޭސީ ހަރުކުރެވޭނެ ދޯ؟” ނައިޝާ އަހާލިއެވެ. “އާނ…ރަށު ކުއްޖަކު ލައްވާ ހަރުކޮށްލާނީ…އަދި ކޮއްކޮ ކީ ކޮންމެވެސް ކަވަރެއްގެ ވާހަކަވެސް ގައިމަތީގަ އަޅާ އެއްޗެކޯ ވަރަށް ބޯވާނެޔޯ” ނައިޝާގެ މައިދައިތަ ބުންޏެވެ. “ހިހިހި…އެއީ ޑުވެޓް ކަވަރު…އެވެސް ލާނަން ބޯޓަށް” ނައިޝާ ބުންޏެވެ.

މައިދައިތަ އާއި ވާހަކަ ދައްކާލުމަށް ފަހު ނައިޝާ ފޯނު ބޭއްވި އެވެ.ކައްކާ ނިމި ނައިޝާ ސަނާގެ ކޮޓަރީގައި ޓަކި ޖެހިއެވެ. “ކޮއްކޯ ދޮރުހުޅުވާލަބަ” ސަނާ ނިދާ ކޮޓަރީގައި ޓަކި ޖަހާލަމުން ނައިޝާ ބުންޏެވެ.އިރުގަނޑަކަށްފަހު ސަނާ ދޮރުހުޅުވިއެވެ. “މަންމަ ގުޅި ދައްތައަށް ރަށު ގޭގެ ހުރިހާ ކޮޓަރިއެއް އޭސީ ކޮށްދިނުމަށް…ހިނގާ ދައްތާ އާއި އެކު މިރޭ ޝޮޕިންނަަށް…ކޮއްކޮ ބޭނުންވާ ކަހަލަ ޑުވެޓް ކަވަރަކާ ބެޑްޝީޓެއްވެސް ގަންނަން” ނައިޝާ އެހެން ބުނުމުން ސަނާ ވަރަށް އުފާވިއެވެ.

ސައިފް ގާތު އެހުމަށްފަހު ނައިޝާ އާއި ސަނާ ފިހާރައަށް ދިޔައެވެ. “ސަނާ ބޭނުންވަނީ ޕިންކް ކުލަ…. މަންމަމެންގެ ކޮޓަރިއަށް ރަނގަޅުވާނެ ދަނބުކުލަ…ދޮންބެ ކޮޓަރިއަށް ރަތްކުލަ” ކަވަރަށް ލާފައި ހުރި ބެޑްޝީޓް ތަކުގައި އަތްހާކާލަމުން ސަނާ ބުންޏެވެ.

“އެކަމް ރަތް ކުލައެއް ނޫނެއްނު ދޮންބެ ފޭވްރިޓަކީ…ދައްތަ ކައިރި ދޮންބެ ބުނީ ނޫ ކުލައޭ ދޮންބެގެ ފޭވްރިޓަކީ…. ދައްތައަށް ވެސް ރަތްކުލަ ރީއްޗެއްނޫން…ދައްތައަށްވެސް ރީތީ ފިޔާތޮށިކުލަ” ނައިޝާ ސަނާ ކައިރި އަހާލިއެވެ.

“އާނ…ދޮންބެ އަށް ރީތިވާނީ ނޫކުލަ…ރަތްކުލަ އަކީ ސުހާ…….ސޮރީ…ދޮންބެ ބުނީ ރަތްކުލަ ގަންނަން” ސަނާ ވާހަކަ އޮޅުވާލަމުން ބުންޏެވެ. ނައިޝާގެ ބޮލަށް ސުވާލެއް އިތުރު ވެލިއެވެ. “ސުހާ އެއީ ކާކު؟ ތިގޭގަ ހުންނަނީ ސަނާ އާއި ދޮންބެއެއްނު” ނައިޝާ އަހާލިއެވެ.

“ސު ސުހާއޭ؟…ނޭނގެ…ކޮން ސުހާއެއް؟” އޮޅުވާލަމުން ސަނާ ބުންޏެވެ. “ދެންމެ ކޮއްކޮ ސުހާ އޭ ކިޔާފަ ކޮންމެވެސް އެއްޗެއް ކިޔަން އުޅުނީ…އެހެންވެ މިހެން މި އަހާލީ” ނައިޝާ ސަނާއަށް ބުންޏެވެ.

“ހާނ…އެ ވެދާނެ ސަނާ ކިޔަން އުޅެނިކޮށް ކަމަށް…އާނ ގޭގަ ނުހުންނާނެ އިތުރު މީހެއް ސަނާ އާ ދޮންބެ އާ މަންމަމެން ފިޔަވައި…ހިނގާ ދާން ދޯ މިހާރު ބެޑްޝީޓް ވެސް ނެގިއްޖެއެއްނު” ސަނާ ހާސްވެ ހުރެ ބުނެލި އެވެ.

ސަނާވެސް ނައިޝާ އަށް ކަމެއް ސިއްރު ކުރާކަން ނައިޝާއަށް ފާހަގަވިއެވެ.ފިހާރައިން ނިކުމެ ގެއާ ދިމާއަށް ދެމީހުން މިސްރާބުޖެހިއެވެ.

“މާދަންރޭ ފުރަންވީ” ގެއަށް ވަންނަމުން ސަނާ ނައިޝާ އަށް ބުންޏެވެ. “އަދި މަޑުކޮށްލަން ވީނު” ނައިޝާ ސަނާ ކައިރި އެދުނެވެ. “މަޑު ކުރަން ބޭނުންވޭ އެކަމް ދޮންބެ ބުނީ ދާށޯ…މާ ގިނަދުވަސްވެއްޖެއޯ…ސަނާއަށް ވެސް އިނގޭ ވަރަށް ދުވަސްވެއްޖެ ކަން…އެހެންވެ ރަށަށް ދާނީ” މަޑުކުރުވަން ނައިޝާ އުޅެފާނެތީ ސަނާ ބުންޏެވެ.

ސަނާ ފުރުވުމަށްފަހު ނައިޝާ އާއި ސައިފް ގެއަށް ދާން ސައިކަލަށް އެރިއެވެ. “ހިނގާ ދުއްވާލަން…ހާދަ ދުވަހެއް ކޮށްފައޭ މިސައިކަލަށް މިއެރުނީ” ނައިޝާ ސައިފް ގާތުގައި އެދުނެވެ. “ނޫން…ވަރަށް ވަރުބަލިވެއްޖެ” ސައިފް ބުންޏެވެ.

ގެއަށް ވަދެ ކެއުމަށް ފަހު ނައިޝާ ކޮޓަރިއަށް ވަނެވެ.އިރުގަނޑަކަށްފަހު ސައިފް ކޮބާތޯ ބަލާލަން ނައިޝާ ކޮޓަރިން ނިކުތެވެ.އޭރު ސައިފް ފެންނަން ނެތުމުން ސަނާ ނިދި ކޮޓަރި ދޮރުގައި ނައިޝާ ހިފާލިއެވެ.ދޮރު ތަޅުލައިފައި ހުރުމުން ސައިފް ނިދަނީ ކުރިންވެސް އޭނާ ނިދި ކޮޓަރީގައި ކަން ނައިޝާ އަށް އެނގުނެވެ.

ހެނދުނު ތެދުވެ ސައި ހެދުމަށްފަހު ސައިފްގެ އަންނައުނާއި ރީތިވާ އެއްޗެހީގެ އިތުރުން ސައިފްގެ ހުރިހާ އެެއްޗެއްވެސް ކުރިއާ އެއްގޮތަށް، ހިތާ ދެކޮޅަށް ވިޔަސް ސަނާ ނިދި ކޮޓަރިއަށް ނައިޝާ ލިއެވެ.

ސަނާ އުޅެފައި ދިއުމުން އޭނާގެ ފަޅުކަން ނައިޝާ އަށް އިހުސާސް ކުރެވެން ފެށިއެވެ.ގޭތެރޭގައި މިހާރު ގިނައިން ނައިޝާ އުޅެނީ އެކަންޏެވެ.ސައިފް ގިނަވަގުތު ހޭދަކުރަނީ ބޭރުގައެވެ.ސައިފް ގޭތެރޭގައި ހުއްޓަސް އެއީ ނެތް މީހެއްފަދައެވެ. ނައިޝާއަށް ބަހެއް ބުނެނުލައެވެ.

ރަށަށް ދިޔުމުން ސަނާ، ނައިޝާ އާއި ކުރިން އޮންނަ ގާތް ގުޅުން ބާއްވާނެ ކަމަށް އޭނައަށް ހީކުރެވުމުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ނައިޝާ ސަނާ އަށް ގުޅައެވެ.ނަމަވެސް ސަނާ ފޯނު ބިޒީ ކުރުމާއި ފޯނަށް ޖަވާބު ނުދޭން ފެށުމުން ނައިޝާ ވެސް ފަހަކުން ސަނާއަށް ނުގުޅައެވެ.

 

 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!