ހިތް ވިންދާނުލައި… (31) (ފަހުބައި)
ތުންފަތުގައި ގަދަ ރަތްކުލައެއް ޖައްސާލުމަށްފަހު އެ ބޮޑު ދެލޯ އަދުނުން ފަވާލިއެވެ. އެސްފިޔަތަކުގައި މަސްކަރާ ހާކާލުމުން އިހުނަށް ވުރެ ދިގުވެފައި ކަޅުކަން ގަދަވިއެވެ. އާންމުކޮން އެހައި ގަދަޔަށް މޭކަޕު ނުކުރާ އިނާރާ މިރޭ މާކިންގެ އެދުމަށް ތަންކޮޅެއް ބޮޑަށް ރީތިވެލިއެވެ. އެ ބުޅި އިސްތަށިގަނޑު މައްޗަށް ނަގައި ހުޅިއެއް ޖެހިފައިވާއިރު ބައެއް އިސްތަށި ކޮޅުވަނީ ތިރިއަށް ވެރިފައެވެ. ހުދު ކުލައިގެ ލޭސް އަތް ދިގު ހެދުން އަރަނީ ކަކުލާއި ހަމައަށްށެވެ. ހުދުކުލައިގެ އުސް ފައިވާނާކަށް އަރާލުމަށްފަހު ކަރުދޮށަށް ސެންޓު ބުރުވާލުމުން މުޅި ކޮޓަރީގައި އެ ހިތްގައިމު ވަސް ހިފާލިއެވެ.
ކޮޓަރިއަށް ވައިން މާކިންއަށް މި މީރު ވަސްދުވައި އިނާރާއަށް ނަޒަރު ހުއްޓާލެވުނެވެ. އެލޯ އިތުރަށް ފުރިހަމަ ވެފައިވާއިރު ތުންފަތުގައިވާ ރަތްކުލަ ލައިގެން ހުރި ހުދު ހެދުންކޮޅާއި ވަރަށް ގުޅެއެވެ. މިއީ މުޅިން ތަފާތު އިނާރާއެކެވެ. މިރޭ އެތަށް ބައެއް އޭނާއަށް ތަޢުރީފް ކުރާނެކަން ކަށަވަރެވެ. މާކިން ވެސް ލައިގެން ހުރި ކަޅު ކުލައިގެ އަތްދިގު ގަމީހާއި ފަޓުލޫނުގައި ފެންނަލެއް އެހާމެ ހިތްގައިމެވެ.
މާކިން ހުރީ އިނާރާގެ މި އާސިފަ ފެނި އާޝޯހުވެފައެވެ. އޭނާ މަޑު ހިނގުމެއްގައި ގޮސް އިނާރާގެ ކޯތާފަތުގައި ބޮސްދިނެވެ. “މައި ޕްރިންސެސް..” އިނާރާއާއި ހަތަރުކަޅި ހަމަކުރަމުން ބުނެލި ބަސްކޮޅުން އޭނާ ލަދުން ދެކޮލަށް ލޭއަރައި ރަތްވިއެވެ. “ބަމްބީ ބްލަޝް ވީމަ އަދި މާ ލޯބި..” މާކިން މިހެން ބުނެފައި އެ ކޯތާފަތުގައި ފިރުމާލިއެވެ. “އެކަމަކު އަދި އެކަތި މަދު..” މާކިން ބުނެލިއެވެ.
މާކިން ދުރަށް ޖެހިލަމުން ރީތިވާ މޭޒުމަތީގައި އޮތް އަނގޮއްޓިއެއް ނެގިއެވެ. އޭނާ އައިސް އިނާރާގެ ހިމަލޯލި އިނގިލިތަކުގައި ހިފާލަމުން އެ އަނގޮއްޓި އޭނާގެ ކަށި އިނގިލީގައި އަޅުވާލަދިނެވެ. މިއީ އެމީހުން ކައިވެނި ކުރިއިރު އިނާރާއަށް މާކިން ދިން އަނގޮއްޓިއެވެ. “މިހާރު ހަމަ ޕާފެކްޓް..” މާކިން މިހެން ބުނުމުން އިނާރާ ކޮރާލާފައި މާކިންގެ ގައިގައި އޮޅުލާގަތެވެ.
ސިޓިން ރޫމުގައި އިން ޒެރީން އިނީ މާކިންމެން ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ޕާޓީ އޮތީ މާކިންގެ ބައިގަ ކަމުން އިރުކޮޅެއްގެ ތެރޭގައި މެހެމާމުން އަންނަން ފަށާނެއެވެ. ޕާޓީއަށް ދަޢުވަތު ދީފައި ވަނީ ހަމައެކަނި ގާތް ތިމައިގެ މީހުންނަށްށާއި ރަޚުމަތްތެރިންނަށްށެވެ. މާކިންމެން ކޮޓަރިން ނިކުއިންތައް ފެނި ޒެރީން ތެދުވިއެވެ. “ހޭއި.. އޯކޭތަ؟” މާކިން އައިސް ޒެރީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އޭނާ ހުރީ ޒެރީންއަށް އުނދަގުލެއް ވެދާނެތީ ކަންބޮޑުވެފައެވެ.
“އޯކޭއޭ..” ޒެރީން ބޮޑަށް މާކިންގެ އަތުގައި އޮޅުލައި ގަންނަމުން ބުނެލިއެވެ. އޭރު ފަހަތުގައި ހުރި އިނާރާ ހުރީ ރުޅި މައިތިރި ކޮށްގެންނެވެ. ދެން މާގިނައިރު ވަންދެންނެތް ކެތް ކުރާކަށް ނުޖެހޭނެއެވެ. އެވަގުތު ގޭތެރެއަށް ވައިން ނާޒިމްމެން ފެނި މާކިން އެދިމާއަށް ދިޔައެވެ. ނާޒިމްގެ ފަހަތުން މަލަކްއާއި އާޝީޔާ އައިއިރު ޔާމިންގެ ދެމަފިރިން ވެސް ވަނެވެ.
“ވާއޮ..” މަލަކްއަށް އިނާރާ ފެނުމުން ދުވެލާފައި ގޮސް އޭނާގެ އަތުގައި ހިފާލިއެވެ. “ހާދަ ރީއްޗޭ.. އެންޑް ސޯ ޑިފަރެންޓް..” މަލަކް ވެސް އިނާރާގެ ރީތިކަމަށް ތަޢުރީފް ކުރިއެވެ. އިރުކޮޅެއްގެ ތެރޭގައި މީހުންތަށް އެތަނަށް ޖަމާވެ ޕާޓީ ފެށިގެން ކުރިއަށް ދިޔައެވެ. އިނާރާ އުޅުނީ މަލަކްއާއި އެކި ކާއެއްޗެހި ދިނުމުގައެވެ. އޭރު ދުރުގައި އިން ޒެރީންގެ ނަޒަރު ވަނީ ބައްސާމްއަށް ހުއްޓިފައިވެއެވެ.
“ދަރިފުޅާ މާކިން.” ނާޒިމް ގޮވާލުމުން ކޯކުތައްޓެއް ހިފައިގެން ހުރި މާކިން އައެވެ. “ޔެސް ޑޭޑް..” މާކިން ބުނެލިއެވެ. “ކީއްވެ މަތީ ޓެރެސްގައި ވެސް އޮންނަ ގޮތަށް ޕާޓީ ނުބޭއްވީ..” ނާޒިމް ސުވާލު ކުރިއެވެ. “އެއީ މިރޭ ވިއްސާރަކޮން އުޅޭތީވެ..” މާކިން ކޯކް ބޮމުން ބުނެލިއެވެ.
“އާނ.. އަނެއް އެއްކަލަ އެކައުންޓް ހެކް ކުރި މައްސަލައިގެ މީހަކާއި ބައްޕަ ވާހަކަދެއްކިން.. އޭނަ ބުނީ ބެލިދާނެޔޯ ހެކްކުރެވުނީ ކިހިނަކުންކަން… މި ބުނީ ކޮން ކޮމްޕީޓަރ ނުވަތަ ލެޕްޓޮޕަކުންކަން… އޭނަ ބުނީ އޮންލައިން ކޮން ބޭންކިން ކުރާ ލެޕްޓޮޕަކުން ނޯ މިކަން ވިޔަސް ވާނީ.. އުނދަގޫވާނެ އަނެއްހެން ހޯދަން.. އެއީ އެކައުންޓެއް ހެކް ކުރުމަކީ އައިދާގެ މީހަކަށް ވާނެ ކަމެއް ނޫން..” ނާޒިމް އޮޅުން ފިލުވައިދިނެވެ.
“ދެން ކޮންއިރަކުން އިނގެނީ؟” މާކިންގެ މޫނުމަތިން ނުތަނަވަސް ކަން ފާޅުވިއެވެ. “މިރޭ.. ބައްޕަ ދިނިން މާކިންގެ ނަމްބަރ.. އޭނާ ގުޅާނެ.. ގުޅީމަ މާކިން ދޭ އެތަނަށް އޭރުން ޔަޤީން ވާނީ..” ނާޒިމް މިހެން ބުނުމުން މާކިން ހިތްހަމަޖެހުނެވެ. އޭނާ ހުރީ އެކަން ކުރި ބަޔަކަށް އަދަބު ދޭން ތައްޔާރަށްށެވެ.
މީހުން ގިނަވި ވަގުތު ބަލައި އިނާރާ ގޮސް ޒެރީންގެ ކޮޓަރިއަށް ވަނެވެ. މިއީ އެންމެ ފަހު ފުރުސަތެވެ. އިނާރާ އަވަސް އަވަހަށް ރީތިވާ މޭޒުގެ ކަބަޑުތަށް ބަލައި އެތަން މިތަން ހޯދީ އެއްކަލަ ކަބަޑުގެ ތަޅުދަނޑި ފެނޭތޯއެވެ. އެންމެފަހުން ވަކިން ތަނެއްގައި އޮތް ކުޑަ ތަޅުދަނޑި ފައްޗެއް ނަގައިގެން ގޮސް އެކަބަޑު ހުޅުވަން މަސައްކަތް ކުރިއެވެ.
އެތަށް ތަޅުދަނޑިއެއް ޖެހުމަށްފަހު އެންމެފަހުން އެތަން ހުޅުވުނެވެ. އިނާރާ ބަލަން ނުހުރެ އެންމެ އަޑީގައި އޮތް ފައިލްނަގައި ހުޅުވާލުމަށްފަހު އެތަނުން އެރިޕޯޓު ނެގިއެވެ. އިނާރާ އުފަލުން ފޮޅުނުއިރު އަވަހަށް ކަބަޑު ތަޅުލުމަށްފަހު ރިޕޯޓު ހިފައިގެން ނިކުތެވެ. ނަސީބަކުން އޭރު ޒެރީން ދުރުގައި ބައްސާމްއާއި ވާހަކަދައްކަން ހުއްޓެވެ. ޒެރީން ފަރުވާ ކުޑަކަމުން އޭނާއަށް އިނާރާ ކޮބައިތޯ ބަލައިވެސް ނުލެވުނީއެވެ. ދެން އިނާރާ އިންތިޒާރު ކުރީ ރަނގަޅު ވަގުތެއް ޖެހެންދެންނެވެ. މިރޭ އެމީހުންނަކަށް ސަލާމަތެއް ނުވެވޭނެއެވެ.
ޕާޓީ ކުރިއަށް ދިޔައިރު ބައްސާމް ހުރީ ނާޒިމް އެކަނި ވާނެ ވަގުތަކަށް ބަލަބަލައެވެ. މާކިން ފޯނުން މީހަކާއި ވާހަކަދެއްކުމަށްފަހު ނާޒިމްގެ ކައިރިއަށް ޖެހިލިއެވެ. “ބައްޕާ އޭނަ ގުޅައިފި.. އެބަ އަންނަން.. ހެޕީ ބާތް ޑޭ.. ކޭކު ނުފަޅާ މަޑުކުރައްޗޭ.” މާކިން ހާސްވެފައި ހުރި ނަމަވެސް ހަމަޖެހެން މަސައްކަތް ކުރިއެވެ.
ނާޒިމް ހިނިތުން ވެލަމުން މާކިންގެ ގައިގައި ބައްދާލިއެވެ. މާކިން ނިކުމެގެން ދިޔަތަން ބަލަން ހުރި ނާޒިމް އެނބުރި ޕާޓީއަށް ވަނެވެ. ވަގުތުތަށް ވޭތުވަމުން ގޮސް އިރުގަނޑެއް ވީފަހުން ރާހިލް އެންމެންގެ ސަމާލުކަމަށް އެދުނެވެ. “އެސްކިއުޒް.. މިރެއަކީ ވަރަށް ހާއްސަ ރެއެއް..” ރާހިލް މަލަކްގެ އަތުގައި ހިފާލަމުން އެންމެންގެ ކުރިމައްޗަށް އެރިއެވެ.
“މަލަކް..” ރާހިލް ކުއްލިއަކަށް އެއްކަކޫ މައްޗަށް ތިރިވެ މަލަކްގެ އަތުގައި ހިފާލިއެވެ. “ވަރަށް ދުވަސްވެއްޖެ މިދުވަހަށް އިންތިޒާރު ކުރާތާ.. ސޯ.. އައިޝަތް މަލަކް ނާޒިމް.. ވިލް ޔޫ ބީ މައި ވައިފް؟” ރާހިލްގެ ސުވާލުން އެންމެންގެ ހަޅޭކުގެ އަޑުއިވިގެން ދިޔައެވެ. “ސޭ ޔެސް..” ބައެއް މީހުން މިހެން ކިޔަމުން ދިޔައިރު މަލަކް ހުރީ ސިހިފައިއެވެ. އޭނާއަށް އެއްވެސް ވަރަކަށް ރާހިލް މިރޭ ޕްރޮޕޯސް ކުރަން އުޅޭކަމެއް ނޭގެއެވެ.
މަލަކް ވީ އުފަލުން އަވަހަށް އާނއެކޭ ބުނެލިއެވެ.”ޔެސް.. ޔެސް.. ޔެސް!!!” މަލަކް ހިނިތުންވެ ހުރެ ކުޑަކޮން ފުމެމުން ދިޔައިރު ރާހިލް އޭނާގެ އިނގިލީގައި އަނގޮއްޓިއެއް އަޅުވާދިނެވެ. އެއާއިއެކި މުޅީ މާހަލުގައި އަތްތިލަ ބަޑީގެ އަޑު ގުގުމައިގެން ދިޔައެވެ.
މަލަކް އަވަހަށް އިނާރާއަށް އަނގޮއްޓި ދައްކާލުމަށްފަހު ބައްދާލިއެވެ. އެންމެ އުފާ ފާޅުކުރަމުން ދިޔައިރު ބައްސާމްގެ މޫނުމަތިން ފާޅުވަމުން ދިޔައީ އިންތިހާ ރުޅިވެރިކަމެވެ. އޭނާ އެންމެ ހިނދުކޮޅަކަށް ވެސް ނާޒިމްއިން ނަޒަރު ވައްކެތް ނުކުރެއެވެ.
ދުރުގައި ހުރި ނާޒިމްއަށް މާކިންގެ ކޯލެއްއައެވެ. ނަމަވެސް އޭނާ ކިޔާ އެއްޗެއް ސާފުނުވާތީ ރޭންޖު ރަނގަޅަށް ނުލިބުމުން ދުރުގައި ހުރި ސިޑިން އޭނާ ޓެރެސްއަށް އަރަން ދިޔައެވެ. މި މަންޒަރު ބަލަން ހުރި ބައްސާމްގެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އިންތިޒާރު ކުރަމުން އައި ވަގުތު ޖެހުނީއެވެ.
ޓެރެސްއަށް އަރައި ކުރިއަށް ހިނގަމުން ދިޔަ ނާޒިމް ފޯނުން މާކިންއަށް ގޮވަމުން ދިޔައެވެ. “ހަލޯ.. ހަލޯ.. މާކިން ކޮބާ މިހާރު އަޑުއިވޭތަ؟” ނާޒިމް ބުނެލިއެވެ. “ޔެސް ޑޭޑް.. އިނގިއްޖެ އެކަން ކުރީ ކާކުކަން..” މާކިންގެ އަޑުގައި ވެސް ރުޅިވެރިކަން އެކުލެވިފައިވެއެވެ. “ކާކު އަނެއްކާ؟” ނާޒިމް ވެސް ހުރީ އެއީ ކާކުތޯ ބެލުމަށް ކެތްމަދު ވެފައެވެ.
“އެކަން ކޮއްފައި ވަނީ އަޅުގަނޑުގެ ލެޕްޓޮޕުން.. އެއީ އޮފީހަށް ވެސް ނުގެންދާ ލެޕެއް.. އެދުވަސްވަރު ގޭގައި އުޅޭނީ އަޅުގަނޑާއި ޒެރީން.. އިނާރާ ޔަޤީނުން ވެސް އެ ލެޕްޓޮޕަކު އަތެއް ނުލާނެ.. އެހެންވީމަ ދެން ހުރީ ޒެރީން.. ބޮޑަށް ލަފާކުރެވެނީ އޭނަގެ ކަމަކަށް.. އެހެން މީހަކަށް އެލެޕްޓޮޕާއި ހަމައަކަށް ނުދެވޭނެ..” މާކިން ހުރިހާ ކަމެއް އެއްފަހަރާ ކިޔާދިނެވެ.
“ޒެރީންއޭ؟؟ އެކަމަކު އޭނާ ކިހިނެތް؟ ޔަޤީންތަ؟” ނާޒިމް ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. “ދެން އެނޫން މީހަކު ނުހުންނާނެ.. މިދަނީ މިހާރު ގެޔަށް.. އޭރުން ޔަޤީންވާނެ..” މާކިން ބުނެލިއެވެ. “އަވަހަށް އާދޭ..” ނާޒިމް މިހެން ބުނެފައި ފޯނު ބޭއްވިއިރު އޭނާ ވެސް ހުރީ ހާސްވެ ވިސްނުމަކަށް ގެއްލިފައެވެ.
ފަހަތުން މީހަކު އޭނާގެ ކޮނޑުގައި އަތްބާއްވާ ލުމުން ނާޒިމް ސިހިފައި އެނބުރުނެވެ. އޭރު ކުރިމަތީގައި ހުރި ބައްސާމް ފެނި އޭނާ ހިތްހަމަޖެހުނެވެ. “ބައްސާމް.. އިނގޭތަ އެކައުންޓް ހެކް ކުރީ ޒެރީން!” ނާޒިމް މިހެން ބުނުމާއި އެކީ ބައްސާމްގެ ދެބުމަ ގޮށްޖެހި ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
“ކިހިނެތް ވީ؟” ބައްސާމްގެ މޫނަށް ވެރިވި އަސަރުފެނި ނާޒިމް ސުވާލުކުރިއެވެ. “އަދިވެސް ނޭނގެ.. އިނގޭތަ މިއީ ކާކުކަން..” ބައްސާމްގެ ސުވާލުން ނާޒިމްއަށް އޮޅުން އެރިއެވެ. “ކާކުހޭ؟ ކޮންވާހަކައެއް ތިދައްކަނީ؟ ތީ ބައްސާމްއެއްނުން” ނާޒިމް ހުރީ ވާނުވާ ނޭނގިފައެވެ.
“ހަނދާން އެބަހުރިތަ ޒާހިދާ ކިޔާ މީހެއް؟ މީގެ ގާތްގަޑަކަށް ބާވިސް އަހަރު ކުރިން ދިމާވި.. ރާ އަތޮޅުން..” ބައްސާމްގެ ވާހަކަ އަޑުއިވި ނާޒިމްގެ މޫނުމަތިން ކުލަވަރު ބަދަލުވިއެވެ. އޭނާއަށް ބައްސާމް އެދައްކަނީ ކޮންވާހަކަ އެއްކަން އިނގުނުފަދައެވެ.
“ކޮން ވާހަކައެއް ތިދައްކަނީ؟.. ނޭނގެ..” ނާޒިމް އަވަސް އަވަހަށް އެކަމަށް އިންކާރު ކުރިއެވެ. “ނޫން.. އިނގޭނެ.. ތި މޫނުންވެސް ހަޤީޤަތް ފޮރުވަން އުޅޭކަން ހާމަ ވޭއެބަ.. އޯކޭ.. އަހަރެން ހަނދާން ކޮއްލަދީފާނަން..” ބައްސާމް ދެކޮޅަށް ހިނގަމުން ވާހަކަ ދެއްކިއެވެ.
“ނާޒިމްގެ ކައިވެންޏަށް ފަސްއަހަރު ވޭތުވެގެން ދިޔައިރުވެސް ދަރިއަކު ނުލިބޭ… ދެން ފަހުންފަހުން އައިސް އަންހެނުން އާޝީޔާއާއި ދުރުވާންފެށީ.. އެންމެފަހުން އޮފީސް ދަތުރުތަކުގައި އެކި ރަށްރަށަށް ގޮސް އުޅުމުގެ ތެރޭގައި އިތުރު އަތްބެއް ގެންނަށް ވިސްނީ.. މިހެން އުޅެމުން ރާ އަތޮޅަށް ދިޔަ ދަތުރުގައި ނާޒިމް ހިތް އެދޭކަހަލަ ކުއްޖަކާއި ދިމާވީ..” ބައްސާމް މި ވާހަކަތައް ކިޔާދެމުން ދިޔައިރު ނާޒިމް ހުރި ކޮސްވެފައެވެ. ހީވަނީ އޭނާއަށް ނާޒިމްގެ ހަޔާތުގެ ހުރިހާ ކަމެއް އަކުރުން އަކުރަށް އިނގޭ ހެންނެވެ.
“އެއީ ފަޤީރު އާއިލާއެއްގެ ހުރި ހަމައެކަނި އަންހެން ދަރި ޒާހިދާ.. ނާޒިމް ޢާއިލާގެ އެއްވެސް މީހަކަށް ނާންގައި އެކައިވެނި ކުރީ ފަހުން އެމީހުން ރުއްސަންވެގެން… ނަމަވެސް ކަންތައްވީ ނާޒިމް އުއްމީދު ކުރިގޮތަކަށް ނޫން.. ނާޒިމްގެ ބައްޕަ އެކަމާއި ނުރުހުމުން އާއިލާއަށް ސިއްރުކުރަން މަޖުބޫރުވީ.. އެއީ އޭނާ ފަޤީރުވީމަ.. އެހެންނުން..” ބައްސާމް ވާހަކަ ކުރިއަށް ގެންދިޔައެވެ.
“ހުއްޓާލާ! ހަމަ މިހާރު..” ނާޒިމް ރުޅިވެރިކަމާއި އެކި މިހެން ބުނުމުން ބައްސާމް އެނާ ހުއްޓުވިއެވެ. “ޝޫޝް.. އަދި ނުނިމެޔޭ.. ހޫމް.. ދެން ވީ ގޮތަކީ ނާޒިމްގެ ދެވަނަ އަނބި ބަލިވެއިނީ.. ނަމަވެސް ނާޒިމްއަށް އޭނާ ކައިރިއަށް ދެވެން ނެތުން މަޑުކުރަން ބުނީ.. އޭގެ ދެތިން މަސްފަހުން އާޝީޔާ މާކިންއަށް ބަލިވެއިނީ.. ނާޒިމް ވީ އުފަލުން ހަގު އަނބިމަތިން މުޅިންހެން ހަނދާން ނެތުނީ.. ޒާހިދާ އެވަރަށް އާދޭސް ކޮށް ހެދުމުންވެސް އެއީ ނުދަންނަ މީހެއް ކަމަށް ބުނީ.. ބައްޕެގެ ނުޤަބޫލު ވުމުންނާއި ކުރިން ވީ ލޯބި ފޫއްސަށް ބަދަލުވުމުން އެ ދަރި ވެސް ބޭނުންނުވީ.. އެންމެ ފަހުން ވަރިކޮއްފައި ބުނީ މިހާރު ތިއީ ދަންނަ މީހެއް ނޫނޭ.. އެހެން ހެދި އިރު ހިތުގައި ހަމަ ކުލުނެއް ވެސް ނެތީތަ؟” ބައްސާމް ރުޅިވެރިކަމާއި އެކީ ވާހަކަދެއްކިއެވެ.
“ބައް.. ބައްސާމްއަށް ކިހިނެތް؟.. ހެވެއްނުން… އަހަރެން ކޮންމެ ގޮތަކަށް ކަންތައް ކޮއްފަ ހުއްޓަސް އެއީކީ ބައްސާމްއާއި ބެހޭ ކަމެއް ނޫން!” ނާޒިމް ގާތަށްއައީ ރުޅިއެވެ. އެގޮތަށް އޭނާގެ މާޒީގައި ސިއްރު ކުރެވިފައިވާ ކަންތައްތަކާއި އޭނާއަށް ބެހެވިގެން ނުވާނެއެވެ. “ބެހެވޭނެ.. އިނގޭތަ މިކަންތައް އިނގުނީ ކިހިނެތް ކަން؟ އަހަރެންގެ މަންމަ ކިޔާދިނީ.. ޒާހިދާ.” ބައްސާމް އެންމެ ފަހުން ބުނެލި ޖުމްލަ އަޑުއިވި ނާޒިމްގެ ދެލޯ ބޮޑުވިއެވެ.
މިއިވުނީ ހަމަރަނގަޅަށް ހެއްޔެވެ. މިއީ އޭނާގެ ދޮށީ ދަރިފުޅުހެއްޔެވެ. އެއްވެސް ރަހުމެއްނެތި ދޫކޮއްލި ދަރިފުޅު ހެއްޔެވެ. “އާނ… އަހަރެން މިއީ ނާޒިމްގެ ދޮށީދަރި… އިނގޭތަ އަހަރެންގެ މަންމަ މުޅި ރަށަށް ބޭޒާރުވެ އެންމެފަހުން ދުނިޔެއިން މޮޔަވީކަން.. އެ މަންމަ މި ދުނިޔެ ދޫކުރީ އަހަރެންގެ މިއަތްމަތީގައި އޮވެ.. ކިހާ ރުއިމެއް ރުއި.. ކިހާ އާދޭހެއް ކުރީ.. އެންމެ ފަހުނޭވާ ގަވެސް ބުނެލި ނާޒިމްގެ ނަން.. ތި ހަޑި މުޑުދާރު ނަން!” ބައްސާމް ހަޅޭ ލަވައިގަތެވެ.
ބައްސާމްގެ ލޮލުން ކަރުނަ ނިރާލިތަން ފެނި ނާޒިމްއަށް އަސަރުކުރިއެވެ. މިއީވެސް އޭނާގެ ދަރިއެކެވެ. “ބައްސާމް.. ދަރިފުޅާ..” ނާޒިމްއަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. “ކޮން ދަރިފުޅެއް؟؟ އެކަނި އުޅެން ދޫކޮއްލި ދަރިފުޅުތަ؟؟ އެއްވެސް ކުށަކާއި ނުލާ ބައްޕައެއްގެ ލޯބިން މަހުރޫމް ކުރި ދަރިފުޅުތަ؟ ބަލަ މާކިން މި އަރާމުގައި އުޅުނި އިރު އަހަރެން އުޅުނު ހާލު އިނގޭތަ!” ބައްސާމް ކުރިއަށް ހިނގަމުން ދިޔަވަރަކަށް ނާޒިމް ދިޔައީ ފަހަތަށް ޖެހެމުންނެވެ.
“ބައްސާމް.. އަހަރެންނަށް އޭރު މަޖުބޫރުވިއްޔޭ..” ނާޒިމް އޭނާގެ ދިފާޢުގައި ވާހަކަދެއްކިއެވެ. “ނޫން ނޫން.. މިހާރު ދެން އޮޅުވާލަން އުޅޭނެ ކަމެއް ނެތް.. މާކިންއަށް ލިބެން ޖެހޭ ހުރިހާ އުފަލާ އަރާމަކީ އަހަރެންނަށް ލިބެންޖެހޭ އެއްޗެއް! އަހަރެންގެ ހައްޤެއް!” ބައްސާމް ވާހަކަދައްކަމުން ދިޔައިރު ނާޒިމް މިހާރު ހުރީ ޓެރެސްގެ ކޮޅުގައެވެ.
މެހެމާނުންނާއި އެކީ ތިރީގައި ހުރި އިނާރާ އިންތިޒާރު ކުރަމުންދިޔައީ މާކިން އަންނާނެ އިރަކަށްށެވެ. “ކޮބާ ހިނގާ ކޭކު ފަޅަން.. ކޮބާތަ ނާޒިމް؟” ޔާމިން ބުނެލިއެވެ. އާޝިޔާ ވެސް ނާޒިމް ފެންނަން ނެތުމުން ދެކޮޅު ބަލާލިއެވެ. “މަލަކް ދޭބަލަ އައިސް އަލަމަރީގައި އިން ކޭކު ނަގަން.. އަންނާނަށް ޓެރެސް ބަލާލާފައި..” އިނާރާ މިހެން ބުނެފައި ސިޑިއާއި ދިމާއަށް މިސްރާބުޖެހިއެވެ.
ކާރު ދުއްވަން އިން މާކިން އިނީ ގެއަށް ދާން ކެތްމަދުވެފައެވެ. ޒެރީން އޭނާގެ އެކައުންޓް ހެކްކުރުމާއި އިނާރާގެ ވާހަކަތަކާއި ގުޅުމެއް ވާކަން މިހާރު އޭނާއަށް ހީވެއެވެ. އިނާރާގެ ވާހަކަތައް ހަޤީޤަތަކަށް ނުވެތޯ އޭނާ ދުޢާކުރިއެވެ. އެއީ އޭނާގެ ދަރިއަކަށް ނުވެއްޖެއްޔާ މާކިން ކެތްކުރާނީ ކިހިނެތްހެއްޔެވެ. ގެއާއި ހިސާބަށް ދެވުނު ހިމަ ފޮދު ވާރޭ ވެހެމުން ދިޔައެވެ.
“ބައްސާމް.. މަޢާފް ކުރޭ.. ހިނގާ ހަމަޖެހިގެން ވާހަކަދައްކަން..” ނާޒިމް މިހެން ބުނި ނަމަވެސް ބައްސާމް އެވާހަކައަށް ބީރު ކަންފަތެއް ދިނެވެ. “އިތުރަށް ދައްކާކަށް އެއްވެސް ވާހަކައެއް ނެތް.. އަހަރެން ތި މީހުންގެ ދިރިއުޅުމަށް އައީ އެންމެ މަޤްސަދެއްގައި.. އަހަރެންނާއި އަހަރެންގެ މަންމައަށް ޖެއްސި ހާލުގެ ބަދަލު ހިފަން.. މަޢާފެއް ވެސް ނުލިބޭނެ.. ގުޑް ބާއި.. ބައްޕާ!” ބައްސާމް މިހެން ބުނެފައި ޓެރެސްގެ ކޮޅުގައި ހުރި ނާޒިމް ކޮއްޕާލިއެވެ.
ފަހަތަށް އަރިއަޅާލި ނާޒިމްގެ ހަޅޭކުގެ އަޑު ފަޒާގައި ގުގުމާލިއެވެ. އެވަގުތު ޓެރެސްއަށް އެރި އިނާރާއަށް މި މަންޒަރު ސާފުކޮށް ފެނުނެވެ. އޭނާއަށް އަނގަމަތީގައި އަތް އެޅުނުއިރު ހަޅޭލެވައި ގަނެވުނު ނަމަވެސް އަޑު ބޭރެއް ނުވިއެވެ. އޭނާއަށް ހީވީ މުޅި މާހައުލު އެކި ހުއްޓުނު ހެންނެވެ. އެނާގެ ލޯކުރިމަތީ ނާޒިމް އެޔޮށް ވެއްޓުނީއެވެ. އިނާރާ އަވަހަށް ފަހަތަށް ޖެހި ސިޑިއަށް ފޭބިއެވެ. އޭރުވެސް އެލޮލުން ފެންނަމުން ދިޔައީ ބިރުވެރި ކަމެވެ.
ގެކައިރިއަށް ޕާކު ކޮއްލި ކާރުން ނިކުން މާކިން ގެއަށް ވަންނަށް ފިޔަވަޅެއް ނެގުނު ކަމެއް ނޭގެއެވެ. ބާރު އަޑުފައްގަނޑަކާއި އެކީ އޭނާގެ ފައިބުޑަށް ތަޅުންގަނޑު މައްޗަށް އެ ވެއްޓުނީ ނާޒިމްއެވެ. ބިމުގައި ޖެހުމާއި އެކި ލޭތަށް ހޯސްލާފައި ފައިބައިގެން ދިޔައިރު ވާރޭގެ ތިކިތަކުން ލޭތަށް ފޭދުނެވެ.
ހުއްޓުން އަރާފައި މާކިން ހުރީ ނާޒިމްގެ މޫނަށް ބަލަހައްޓައިގެންނެވެ. އޭނާ މަޑުމަޑުން ތިރިވިއިރު އެހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. ނާޒިމްގެ ލެއިން ކަޅިވެފައިވާ މޫނުގައި ތުރުތުރު އަޅައި އަތަކުން ހިފައި ދެފަހަރަކު ތަޅުވާލިއެވެ. “ބައްޕާ.. ބައްޕާ..” މާކިން މަޑުމަޑުން ގޮވާލިއިރު ނާޒިމްގެ ހުޅުވިފައިވާ ދެލޯވަނީ މާކިންއަށް އަމާޒުވެފައެވެ.
ނަމަވެސް އެއްވެސް ހަރަކާތެއް ނުވެއެވެ. އެސްފިޔަ ވެސް ނުޖަހައެވެ. “ބައްޕާ!!!” މާކިންގެ ހަޅޭކުގެ އަޑު މުޅި ފަޒާގައި ހިފާލިއިރު ޖެހެމުން ދިޔަ ވައިރޯޅީތައް ބާރުވިއެވެ. މާކިން އޭނާގެ ބައްޕަ ގެނެސް އުނގައްލަމުން ބައްދައިގެން އިނދެ ކުޑަކުއްޖެއް ހެން ރޮމުން ދިޔައެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އެތަނަށް މީހުން ޖަމާވަމުން ދިޔައެވެ.
ސިޑިމަތީގައި ހުރި އިނާރާއަށް ސިޑިން ފޭބުނު ގޮތްވެސް ނޭނގުނެވެ. އޭރު އެންމެންގެ ނަޒަރު ވަނީ އޭނާއަށް ހުއްޓިފައެވެ. ޔާމިން ދުވެފައި ކަހަލަ ގޮތަކަށް ގޮސް އިނާރާގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ. “ދަރިފުޅާ.. ކިހިނެތްވެފަ ތިހިރީ.. ކޮބާ ނާޒިމް؟؟’ ޔާމިން މިހެން ބުނިއިރު އިނާރާ ހުރީ ގަބުވެފައެވެ.
“ބައްޕަ.. މަތިން.. މަތިން…. ވެއް.. ވެއްޓުނީ..” އިނާރާއަށް މިހެން ބުނެވުމާއި އެކީ ބަޑިފަޅައިގެން ދިޔައެވެ. އަޑުގެ ނެތްތަނަށް ރޯންފެށުނު އިރު އާޝިޔާ ހުރީ ވާނުވާގައެވެ. “ކީކޭ.. ދަރިފުޅާ އޭތް..” ޔާމިންއަށް އަދިވެސް ރަނގަޅަށް އިނާރާ ކީއެއްޗެއް އޮޅުމެއް ނުފިލިއެވެ. “އޭތް.. އެބައުޅޭ ތިރީގައި ކަމެއް ވެގެން..” އިނާރާގެ ވާހަކަ އިވުމުން އެތަނުން އެކަކު ބެލްކަނިން ތިރި ބަލާލުމަށްފަހު ބުނެލިއެވެ.
ރާހިލް ވަގުތުން ދޮރުހުޅުވާފައި ސިޑިން އަވަސް ފިޔަވަޅުތަކެއްގައި ފޭބިއެވެ. އޭރު އާޝިޔާ ލިފްޓަށް އެރިއިރު ޔާމިންގެ ދެމަފިރިން ވެސް އިނާރާ ގޮވައިގެން ދިޔައެވެ. އޭރު އެންމެން ކަހަލަ ގޮތަކަށް ތިރިއަށް ފައިބަށް ދިޔައިރު ޒެރީން ހުއްޓުން އަރާފައި ގޭތެރޭގައި ހުއްޓެވެ.
ރާހިލް މީހުންގެ ތެރެއިން ވަދެގެން ގޮސް ބެލިއިރު މާކިން އިނީ ނާޒިމްގެ ބޯ އުނގަށް ލައިގެން ރޮވިފައެވެ. މުޅި ހިސާބުގައި ލޭގެ ކޯރެއް ހެދިފައިވާ ކަހަލައެވެ. ރާހިލްގެ ފަހަތުން އައި އާޝިޔާއަށް މިމަންޒަރު ފެނި ހޭނެތުނެވެ. ކައިރީގައި ތިބި މީހުންނަށް އާޝިޔާ ހިފާއްޓާލެވުނީ ކިރިޔާއެވެ.
މަލަކް ދުވެފައި ގޮސް ނާޒިމްގެ ގައިގައި ހިފާ ތަޅުވައިގަތެވެ. “ބައްޕާ!!!.. ބައްޕާ ތެދުވެބަލަ.. ދޮންބޭ.. ދޮންބެ އޭތް..” މަލަކް ރޮމުން މާކިންއަށް ގޮވަމުން ދިޔައިރު ވެސް އޭނާ އިނީ ގަބުވެފައެވެ. މާކިންގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައިރު އޭނާ ނާޒިމްގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިނެވެ.
އެންމެންވެސް ތިބީ ހާސްވެފައެވެ. ރާހިލް އަވަހަށް އެމްބިއުލެންސަށް ގުޅިއިރު ޔާމިން އުޅުނީ މާކިން ހަމައަކަށް އެޅުވޭތޯއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އެމްބިއުލެންސަށް ނާޒިމް އެރުވުމަށްފަހު ހޮސްޕިޓަލަށް ގެނެދެވުނެވެ.
“ކިހިނެތްތަ ތިހެދީ؟ ކީއްކުރަން ނާޒިމް ވައްޓާލީ! އިނާރާއަށް ފެނުނޭ..” ޒެރީން ރުޅިއައިސްފައި ހުރެ ވާހަކަދެއްކިއެވެ. “ވަޓް! ނުފެންނާނެ.. އެތާނގައި މީހަކު ނެތޭ..” މިހާރު ބައްސާމްގެ މޫނުމަތިން ވެސް ހާސްކަން ފާޅުވާން ހުއްޓެވެ.
“އޭނަ މައްޗަށް ދިޔައިއްޔޭ! އަހަރެންނަށް އިނގޭތަ ބައްސާމް ތިކަހަލަ ކަމެއް ކުރާނެ ކަމެއް.. ދެން މި ނިމުނީ.. އޭނާ ފުލުހުން ކައިރި ބުނާނެ.. އޭރުން. އޭރުން..” ޒެރީން ކަންބޮޑުވިއެވެ. “ހަމަޖެހޭ.. އިނާރާއަށް ބުނެވި ގެންނުން.. ހިނގާ ހޮސްޕިޓަލަށް!” ބައްސާމް މިހެން ބުނެފައި ޒެރީންއާއި އެކީ ހޮސްޕިޓަލަށް ދާން ނިކުތެވެ. އެވަގުތު ގޭގެ އެންމެން ވީ އެތަނުގައެވެ.
އައި.ސީ.ޔޫގެ ބޭރުގައި އާއިލާގެ އެންމެން ތިބިއިރު އާޝީޔާ އަދިވެސް ހޭނާރާތީ އޮތީ ވަކިން ރޫމެއްގައެވެ. ގޮނޑީގައި އިން މާކިން އެކަކާވެސް ވާހަކަ ނުދައްކައެވެ. އެގޮތަށް ކުއްލިއަކަށް އަމިއްލަ ބައްޕަ އޭނާގެ ކުރިމައްޗަށް ވެއްޓުނުތަން ފެނުމުން އޭނާ ހުރީ އަދިވެސް ސިހިފައެވެ.
އޭރު ކައިރީގައި އިން އިނާރާ މާކިންގެ ކޮނޑުގައި ބޯއަޅައިގެން އޮތްއިރު އޭނާގެ މަޑު ގިސްލުމުގެ އަޑު އިވެމުންދެއެވެ. ވެގެން ދިޔަގޮތް އޭނާއަށް އިނގުނު ނަމަވެސް މިވަގުތު އޭނާ އިނީ އެ ވާހަކަތައް ދައްކާނެ ހާލަތެއްގައެއް ނޫނެވެ. މަލަކް ވެސް ރާހިލްކައިރީގައި ހުރީ މިފަދަ ހާލެއްގައެވެ.
އައި.ސީ.ޔޫ އިން ނިކުން ޑޮކްޓަރ ފެނުމުން ގަބުވެފައި އިން މާކިން ވަގުތުން ތެދުވިއެވެ. “ކޮބާ.. ބައްޕަ ކޮބާ؟” މާކިންއަށް މިހެން ކިޔެނީ ވެސް އުނދަގުލުންނެވެ. “ހިތްވަރުކުރޭ… ވަރަށް މަސައްކަތް ކުރިން ނަމަވެސް މިތަނަށް ގެނެވުނު އިރުވެސް ވަނީ ނިޔާވެފައި.. ބޮޑަށް ލަފާކުރެވުނީ ހަމަވެއްޓުނު ވަގުތު ފުރާނަ ދިޔައީ ކަމަށް..” ޑޮކްޓަރ މިހެން ބުނުމާއި އެކީ މާކިންއަށް ރޮއެގަނެވުނެވެ. އޭނާއަށް އިޚްތިޔާރަކާއި ނުލައި ޑޮކްޓަރ ގައިގައި އޮޅުލައިގެނެވުނެވެ. ޑޮކްޓަރ ވެސް ދެރަވެފައިހުރެ މާކިންގެ ބުރަކަށީގައި ފިރިމާލަމުން ހިތްވަރު ދިނެވެ.
“ނޫން!! ބައްޕާ!.” މާކިންއަށް ގިސްލެވެމުން ދިޔައެވެ. އެވަގުތު ރޮވިފައި ހުރި ޔާމިން އައިސް މާކިން ހިފާއްޓާލިއެވެ. މާކިންގެ ބޮޑު ހަށިގަނޑު ހިފާއްޓާލަން އޭނައަށް ވެސް އުނދަގޫވިއެވެ. “އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން.” ޔާމިން މިހެން ބުނިއިރު އޭނާގެ އެންމެ ގާތް ރަޚްމަތްތެރިޔާ ދުނިޔެ ދޫކުރުމުން ހީވީ އެއްބައި އުނިވި ހެންނެވެ. އޭރު މާކިން ހަމަ ގިސްލަ ގިސްލާފައި ރޮނީއެވެ. މި މަންޒަރުފެނި އެންމެންގެ ހިތްތަށް ރުޔެވެ. ދުރުގައި ހުރި މަލަކްއަށް ބިންމަތީގައި އިށީދެވުނުއިރު ރާހިލް އޭނާ ހިފޭއްޓިއެވެ.
އެތަނަށްއައި ބައްސާމް މިސްރާބުޖެހީ ސީދާ އިނާރައާއި ދިމާއަށްށެވެ. އެންމެވެސް ރޮމުން ދިޔައިރު އެތަނަށް އިތުރު ބަޔަކު އައިކަމުގެ ހިލަމެއް ނުވިއެވެ. ބައްސާމް ގޮސް ރިވިފައި އިން އިނާރާގެ ކައިރީގައި އިށިދެލިއެވެ. އަދި އޭނާގެ އަތުގައި ހިފައި މީހަކަށް ނުފެންނަ ގޮތަށް ފިއްތާލިއެވެ. “ނިމުނީ ތި އަނގަ ހުޅުވިޔަސް.. އިނގެއެއްނުން އަހަރެންނަށް ކުރެވިދާނެ ކަންތައް.. އަޑުއިވިއްޖެ!”ބައްސާމްގެ ހަރުކަށި ބަސްތައް އިވި އިނާރާ ސިހުނެވެ.
ބައްސާމް ހީކުރީ އޭނާ އެގޮތަށް އިންޒާރެއް ދިނުމުން އިނާރާ ބިރުގަންނާނެ ކަމަށެވެ. ނަމަވަސް މިހެދުނީ ކިހާ ބޮޑު ގޯހެއްކަން އަދި އޭނާއަށް ރޭކާއެއް ނުލައެވެ. އިނާރާއައި ރުޅިން ކޮޅަށް ތެދުވެ ބައްސާމްގެ މޫނަތީގައި ހޫނު އެތިފަހަރެއް ޖެހިއެވެ. އިވުނު އަޑުން އެންމެންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ.
“ހުންނަ ގޮތް ކުޑަކަން! ކަލޭ ހީކުރީ އަހަރެންމީ ހަމަ ތިހާ ހިތްވަރު ދެރަ މީހެއް ކަމަށްތަ! ބުނާނަން! ކަލޭ ބައްޕަ ކޮއްޕާލީ.. އަހަރެން މި ދެލޮލުން ދުށިން.. މިހާރު ކޮންމެހެން އެވާހަކަ ނުބުނަން އިންޒާރު ދޭނެކަމެއް ނެތް!” ރޮވިފައި ހުރި އިނާރާ ހަޅޭލަވައިގަތެވެ. އިނާރާގެ ވާހަކަތައް އަޑު އިވި ބައްސާމް ސިހުނެވެ. މިއީ އޭނާ އުއްމީދު ކުރިގޮތެއް ނޫނެވެ.
ދުރުގައި ހުރި މާކިންގެ ލޮލުން އަލިފާން ކަނި ބުރައިގެން ދިޔަހެން ހީވިއެވެ. އޭނާ އެދިޔަ ގޮތަށް ގޮސް ބައްސާމްގެ ގިރުވާނުގައި ހިފައިގޮސް ފާރުގައި ޖެއްސިއެވެ. އެތަނުގައި ތިބި މީހުން ވަގުތުން މާކިން ހުއްޓުވަން ދިޔައެވެ. ދުރުގައި ހުރި ޒެރީންއަށް މިވާހަކަތައް އަޑު އިވުމުން އެތަނުން ދާން ދުރަށް ޖެހުނު ނަމަވެސް އިނާރާގެ ހަޅޭކުގެ އަޑަށް ހުއްޓެވުނެވެ.
“ޒެރީން! ކޮންތާކަށް.. ނުދެވޭނެ މިފަހަރަކު..” އިނާރާ އެދިޔަ ގޮތަށް ގޮސް ޒެރީންގެ އަތުގައި ހިފައި އޭނާއާއި ދިމާއަށް އަނބުރާލިއެވެ. “ކަލޭ ހީކުރީ ތި ކާމިޔާބުވީ ކަމަށްތަ! ބުނޭ… ބުނޭ ތިއީ މާކިންގެ ދަރިއެއް ނޫނޭ.. ތި ދެމީހުން ރާވައިގެން ބައްސާމްގެ ދަރި މާކިންގެ ބޮލުގައި އަޅުވައިގެން ވަރަށް އުޅެވިއްޖެ އެއްނުން!! ބުނާށޭ!” ޒެރީންގެ އަތުގައި ހިފައި ތަޅުވައި ގަންނަމުން އިނާރާ ބުނެލިއެވެ.
“ކީ.. ކީކޭ.. މާކިން ބަލާބަލަ މިހިރަ މީހެއް ދައްކާ ވާހަކަ..” ޒެރީން އަދިވެސް ބެލީ އެކަން ސިއްރު ކުރެވޭތޯއެވެ. ބައްސާމް ދޫކޮއްލުމަށްފަހު މާކިން ގޮސް ޒެރީންގެ ކުރިމަތީގައި ހުއްޓެލިއެވެ. “ބުނޭ!” މާކިން ހަރުކަށި ކަމާއިއެކީ ބުނެލިއެވެ. “ކޯއްޗެއްތަ؟ މިއީ މާކިންގެ ދަރިއެކޭ.. މިހިރަ އިނާރާ ހަމަ ހަސަދަވެރިވަނީ!” ޒެރީން ދޮގަކަށްފަހު ދޮގެއް ހަދަމުން ދިޔައެވެ.
މާކިންއަށް އިތުރަށް ކެތް ނުކިރެވިގެން އަތް މަޅާފައި ޒެރީންގެ ކޮލުގައި ޖެހިއެވެ. ނަގައިން ދިޔަ ދިލައިން ޒެރީން ކޮލުގައި އަތް އަޅައިގެން ހުރެ މާކިންއަށް ބަލާލިއެވެ. ރޮއެރޮއެ ރަތްވެ ލޭކޮޅަކަށް ވެފައިވާ މާކިންގެ ދެލޮލުގައިވީ ރުޅިވެރިކަން ފެނި ޒެރީން ބިރުން ގައިގައި ލޯލިތަށް ކޮޅަށް ޖެހުނެވެ.
“އާނ.. މި.. މިއީ މާކިންގެ ދަރިއެއް ނޫން! ބައްސާމްގެ.. އެކަމަކު މިއީ އޭނަގެ ރޭވުމެއް. އޭނަ ބުނެގެން މާކިންގެ އެކައުންޓް ހެކްކުރި ވެސް.. އަހަރެންނަކަށް ނޭނގެ އޭނާ ނާޒިމް މަރާލާފާނެ ކަމެއް.” ގޮތް ހުސްވެފައި ހުރެ ޒެރީން އަމިއްލައަށް ހުރިހާ ކަމަކަށް އިޢުތިރާފް ވިއެވެ.
މާކިންގެ ހިތަށް ކުރި އަސަރުންނާއި އައި ރުޅިން އަނެއްކާވެސް ޒެރީންގެ މޫނުގައި ހޫނު އެތިފަހަރެއް ޖެހިއެވެ. “ވަރި ކޮއްފައި ތިހިރީ!!” މާކިން ހަޅޭ ލަވައިގަތުމަށްފަހު އޭނާ ގޮސް ބައްސާމްގެ ކަރުގައި ހިފިއެވެ. އެކަކުވެސް ނުވިސްނާ ހުރުމުން އެމީހުންނަށް މާކިން ހިފައްޓައެއް ނުލެވުނެވެ. އެހެންނޫނަސް މާކިން މާ ބާރު ގަދައެވެ.
“ކީއްވޭ! ކީއްވެ ތިހެން ހެދީ.. ވީ ވާ ފްރެންޑްސް.. ދެން ކީއްވޭ!!” ބައްސާމްގެ ކަރުގައި ހިފައިގެން ހުރެ މިހެން ބުނުމަށްފަހު ރޮވެން ފެށުމުން ދޫކޮއްލިއެވެ. އޭރު ބައްސާމް ގުދުވެގެން އޮވެ ހަމަނޭވާ ލެވޭތޯ މަސައްކަތް ކުރިއެވެ. “އަހަރެން މިއީ ނާޒިމްގެ ދޮށީދަރި.. އެކަމަކު އެހެރީ އޭނަ ހެދިގޮތް.. އަހަރެން ދޫކޮއްލީ…މަންމަ ވެސް އެކަމާއި މޮޔަވެ މަރުވީ.. ބައްސާމް ވާހަކަ ދެއްކިއިރު އެމޫނުމަތިން އަދިވެސް ފާޅުވަނީ ނަފްރަތެވެ.
މިވާހަކަތައް އަޑުއަހައި މާކިން އިތުރަށް ދެރަވިއެވެ. “މިކަން ރީތި ގޮތުގައި ވެސް ހައްލު ކުރެވުނީސް.. ކީއްކުރަން ބައްޕައަށް.. އެހެން ހެދީ..” މާކިން ރޮމުން ވާހަކަދެއްކިއެވެ. “ބިކޯޒް ހީ ޑީޒާވްޑް އިޓް!” ބައްސާމް މިހެން ބުނުމުން މާކިން އަނެއްކާވެސް އޭނާގެ ގަޔަށް އަރަން އުޅުމުން މިފަހަރު އެހެން މީހުން އޭނާ ހުއްޓުވިއެވެ.
ފުލުހުން އެތަނަށް އައިސް ޒެރީންއާއި ބައްސާމް ހައްޔަރުކޮއްގެން ގެންދިޔައިރު ވެސް ބައްސާމް ހުރީ ހެވިފައެވެ. ހީވަނީ އޭނާ މިހާރު އެހުންނަނީ މޮޔަވެފައި ހެންނެވެ. އާޝީޔާ ހޭއެރިއިރު ނާޒިމްގެ ފުރާނަ ނެތް މަސްގަނޑުފެނި އަޑުން އަޑުނަގައި ރުޔެވެ. ކަށުކަމާއި ކެމީގެ ކަންތައް ނިމެންދެން ވެސް އިނާރާ މާކިންގެ ކައިރީގައި ވިއެވެ. އެތަށް ދުވަހަކަށްފަހު ދެމީހުން އެކުވިއިރު މިވަނީ ޢާއިލާއަށް ބޮޑު ހިތާމައެއް ކުރިމަތިވެފައެވެ.
ދެއަހަރު ފަސް
އެނދުގައި ކުޑަކުޑަ ރަޖައެއްގައި އިނގިލި ބޯންއޮތް ކުޑަ ކުއްޖާއަށް މާކިން ނަޒަރު ހުއްޓާލައިގެން އިނެވެ. އެރަތް ތުންފަތް އިނގީލިގައި ހިފާއްޓަލެވިފައި ވާއިރު އެބޮޑު ދެލޮލުން މާކިންއަށް ބަލަމުން ދިޔައެވެ. ކުޑަކުޑަ ދެފައި މައްޗަށް ނަގައިން ތަޅުވަމުން ދިޔައިރު މާކިން އިނީ އެކުއްޖާއަށް ގެއްލިފައެވެ.
“ދަރިފުޅާ.. ޖޫލް.” މާކިން އޭނާގެ ދަރިފުޅުގެ ކޮލުގައި އިނގިލިން ކޮއްޓާލުމުން ލޯބިކޮން އޭނާ ހީލިއެވެ. އެވަގުތު ކޮޓަރިއަށް ވައިން އިނާރާއަށް މި މަންޒަރުފެނި ހިތް އުފަލުން ފުރުނެވެ. މިއީ މިހާރު އޭނާގެ މުޅި ދުނިޔެއެވެ. މާކިންއާއި އޭނާގެ ފަސް މަސްވީ އަންހެން ދަރިފުޅު ޖޫލްއެވެ.
“އަހާ ޑޭޑީއާއި އެކީ ކުޅެނީތަ..” އިނާރާގެ އަޑަށް މާކިން ތެދުވެ ފަހަތުގައި ހުރި އިނާރާގެ ގައިގައި ބައްދާލިއެވެ. “ޔެސް.. މަންމި ނުލާ ކުޅޭނީ ދޯ..” މާކިން މިހެން ބުނެލުމުން ޖޫލް ދެއަތާއި ދެފައި ތަޅުވަމުން އަޑުލައްވަން ފެށިއެވެ. ޖޫލްގެ ހަމުގެ ކުލަ ދޮންވެފައި އިންނަނީ ހަމަ އިނާރާގެ ބޮޑު ދެލޮލެވެ. ކުރު އިސްތަށި ކޮޅުގައިވެސް ކުޑަ ބުޅިގޮތެއް ހުރެއެވެ.
“ބައްޕަ ހުރި ނަމަ..” މާކިން ނާޒިމްގެ ވާހަކަ ފެށުމުން އިނާރާ އޭނާ ހުއްޓުވިއެވެ. ނާޒިމްގެ މަރަށް ދެއަހަރު ވޭތުވެގެން ދިޔަފަހުން މިހާރު އެންމެން ވެސް ވަނީ ހަމައަކަށް އެޅިފައެވެ. ރާހިލްއާއި މަލަކް ކައިވެނި ކުރިއިރު އާޝިޔާ މިހާރު ހުންނަނީ ފުރަތަމަ މާމަ ދަރިއާއި ހެދި މޮޔަވެފައެވެ. ބައްސާމްމެން ވެސް ޖަލަށް ލެވުނު އިރު އޭނާ އަކީ މިހާރު ސިކުނޑި ހަމަނުޖެހޭ މީހެކެވެ.
“ދެން ތި ވާހަކަ ނުދައްކާ..” އިނާރާ ބުނެލިއެވެ. “ހަނދާން އެބަހުރިތަ އިނާ އެންމެ ފުރަތަމަ މާލެއައި ދުވަސް މަތިން..” މާކިން އަހާލިއެވެ. “ޔެސް.. ކާރެއް ދިޔަ އިނާގެ ހެދުމަށް ޗަކަ ޖަހާފަ. ވަރަށް ރުޅިއައި އެކަމާއި.” އިނާރާ ދެރަވެފައި އިނދެ ބުނެލިއެވެ. “ވެއިޓް.. އެއީ ބަމްބީ ތަ.. އަހަރެން ހަނދާން އެބަހުރި އެތާ ހުޅުލެ ޓަރމިނަލް ކައިރިން ދަނިކޮން ކައިރީގައި ހުރިކުއްޖެގެ ގަޔަށް ޗަކަ ބުރީ.. ހިތަށް އެރި ދާން ވެސް.. އެކަމަކު ދެން އަޅާނުލީ.. ވައިޓް ކުލައިގެ ހެދުމެއްގައި ކުޑައެއް އަޅައިގެން ދޯ ހުރީ.. ހެހެހެ.” މާކިން ހެމުން ބުނެލިއެވެ.
“ވަޓް! އެއީ މާކިންތަ..” އިނާރާ ވެސް ހޭންފެށިއެވެ. އޭރު ކުޑަކުޑަ ޖޫލް ދެފައި މައްޗަށް ނަގައިގެން އެއްފައިގެ ބޮޑުވައި އިނގިލި އަނގަޔަށް ލައިގެން އޮތެވެ. “އަހާ މިހާރު އާގޮތަކަށް އިނގިލި ބޯން ދަސްކުރީތަ..” އިނާރާއަށް މި މަންޒަރު ފެނި ގޮސް ޖޫލްގެ ފައިގައި ކޮއްޓަލިއެވެ. މާކިން ވެސް އިނާރާގެ ކައިރީގައި އިށީދެލަމުން ޖޫލް ނަގައި އުރާލިއެވެ.
“އައި ލަވް ޔޫ..” ޖޫލްގެ ބޮލުގައި ފިރުމަން އިން އިނާރާ މާކިންއަށް ބަލާލަމުން ބުނެލިއެވެ. “ލަވް ޔޫ ޓޫ.. ބަމްބީ..” މާކިން ވެސް ހިނިތުންވެލަމުން ބުނެލިއެވެ. މިހާރު އެޢާއިލާ އަކީ ކުޑަކުޑަ ލޯބި ޢާއިލާއެކެވެ. ޖޫލްގެ ބޮޑު ކޮލުގައި ބޮސްދެމުން ދިޔަ މާކިން އިނާރާ ގަޔާއި ކައިރިކޮއްލިއެވެ. އެހިތުގައި ޖަހާ ކޮންމެ ވިންދެއްގައި ވަނީ އިނާރާގެ ނަމެވެ. ޖޫލްއަކީ އެމީހުންގެ ފުރާނައިގެ ދިރުމެވެ. ދެމީހުން އެކީގައި ސަމާސާ ކުރަމުން ދިޔައިރު ޖޫލްގެ މައުސޫމް ހުނުމުގެ އަޑު ކޮޓަރީގައި ހިފާލިއެވެ.
-ނިމުނީ-
57 Comments!
Comments are closed.
so this is the end. hope you guyz enjoyed the story and thanks for your support. in sha allah i will write a new story some time later. again thanks ppl. luv u all <3 <3
vaahaka varah reethi !
thankyou xai mi kahala reethi vaahaka eh genesdhinyma 🙂
woww…
Vaahaka varah salhi
Story v nice. Lurved the story. Hoping for more stories from u.
Wow vaahaka vara furihama. Adhi regular koh update kuryma thanks. Umeedhu kuran zai ge ithuruithuru vaahaka kiyan libeyne kama.best off luck…….
Wow awesome…best story ever..zaish ge new story eh ge inthixaarugai hurymey
aww. lovelee story??
Thnks for the luvly story Zaisha
:-*
Waiting 4 ur next story. ..
nd this story is awesome.
Wow… varah nice ingey… wating for next story…<3…..
I love this story….! ??
Hope to hear from you soon ?
Wow
Zai ge ehen story eh v kiya hiy eba vey
Nimun varah salhi.
v nice story eh.n one of the beat in uploading.
That..was..completely…..awesome…….Luv u xai
No comments.. habeyyyyyyxxxx. I loveit.. rovijje…..
Vaaahaka v reerhi… makin ge dad marunuvinama adhi maaarehti veees
vaahaka v reethi
Vaahaka vrh reethi.. thank you for such a nice story 🙂
lovelee storyeh…………??
Wow so cute! I luv it
Wow so beautiful just love it ♡♥♡♥♡♥♡♥♡♥♡♥
Wow! Soo nice.. love it.awsm zai… ♡♡♡
This is the best story i read frm esfiya…. zai hama varah talented… Aslu mi vaahaka kyan feshy vx frnd eh recommend kuryma… emmn vx buni mi vaahaka varah reechoa.. so i read this, and this turns out to be PERFECT! i will miss Maakin and Inaara sooooooo much.. hehe.
Shalhi
Vaahaka v reethi ingey..
Zai ge thi masahkathah hama saababas dhey varuvey…. haadha reethi vaahaka ekey mee…. shabee buneemehnun eyruvex heeveyey bahssam vaahaka dhahkaa gothun eyee nazim ge dhrieh hen…. v habeys mi vaahaka…zai I’ll wait for a new story of u…. thank u 😛
Awwwwn. I can just imagine the little baby and lovely couple. This story was so cute.. I loved this story. Hope for another story of yours very soon.. Love you zaisha.. ummmmmmmmwah 🙂
V salhi…
Ma shaa allah vvvv furihama vaahaka nimmaali goives varah reethi ?
V salhi♡♡♡♡♡♡♡♡♡♡♡
Very nice story, from beginning to end, enjoyed every bit, loved this, hope to c a new story from u zai, thnx so much,
Wow…..??????
..xai ur da best…stry is awesome..i love it..mi stry kyiru hyvy hama filmeh beley hen…bye:-(
Luv this story.. ?zaige ehn storyakah inthizaaru kuran ☺?
thank you so much guyz. <3
Alheyyy v nyc mi story..I love it.hope to see new story from you <3 <3
??????????????????????????????
Varah varah reethi.. keep it up 🙂
Nice story.. Loved reading it from the beginning.. Thank you! 🙂
Wow beautiful story..XaiSha fb ah vannantha
wow… salhi.. ZEREEN men kanthah falhaa aruveema v ufaavi..
VVVV salhi mi vaahaka
v salhi
waitin for your next story
v v v nice story eh 🙂
sooo nice,,,waiting for a new story of u zai
Story ge baeh than than kolhu incomplete hen heevany. Inaaraa ah ingen jeheyne dho zeryn aa makin kameh nuvaa kan. Dhn erey zeryn coke thahtah drug elhi kan ves ingen jeheyne. Mihurihaa kameh ingunu nama varah salhi vees
LIUVES ulhuny thivaahaka bunan….ekan thah thah xai hadhaan nethunyykaneynge…..btw this story is really owsome
actually that should have been where zeryn says it all. but it just slipped out of my mind hehe. sorry. never mind. i’m happy you guyz loved it ??
wooow
mi story varah reethi
new story akah inthizaaru kuran
<3
wooooooooooooooooooooowww
varah reeeeethi numun ves…….
kn iraku dhen zai ge new story eh kiyan libeyny…. varah avahah kiyan libeyne kamah ummeedhu kuran ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Wooooooooooooooooooow. ….this part is awesome. …. waiting 4 the next story of zaii… love the story
zai dhen vaahaka eh nugennanthr????????????????
Happy life akunn ninmaalaafavx abadhu gennaany Kuda Kuda thankolheh,.. Plx fully happy life story eh genesdhyba
Zai adi mikahala reethi vaaahaka eh liye lahchey I luved it