ވެހެމުން ދިޔަ ވާރޭ ތިކިތައް އައިސް ‘ބުލޫވިންކް’ ރެސްޓުރޯރެންޓްގެ ބިއްލޫރި ގަނޑުގައި ޖެހެމުން ދިޔަ މަންޒަރު ބަލަން މުށިކުލައިގެ ޝޯލްއަކާއި އަޅިކުލައިގެ އޮފީސް ހެދުމެއްގައި އިން އީނާގެ މޫނުމަތީގައިވީ ނުތަނަވަސްކަމެވެ. ދޭތެރެ ދޭތެރެއިން އަތުގައި އޮތް ‘ޕީޗްބެރީ’ ކުލައިގެ ‘ކެޝިއޯ’ ގަޑިޔަށް ނަޒަރު ހުއްޓާލެވެއެވެ. ހީވަނީ މީހަކަށް އިންތިޒާރު ކުރާ ހެންނެވެ.
ކުއްލިއަކަށް ރެސްޓްރޯރެންޓްގެ މައި ދޮރު ހުޅުވާފައި ވަތް ފުލުސް ޔުނީފޯމުގައި ހުރި ޒުވާނާ ފެނިފައި އީނާގެ އެމޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ދޮން ހަންގަނޑެއްގެވެރި ދިގު އިސްކޮޅަކާއި ބާމަތިފުޅާ ހަށިގަނޑެއް ލިބިފައިވާ އެޒުވާނާގެ ފަންފަން މުށިކުލައިގެ ކުރުކޮށް ކޮށާފައިވާ އިސްތަށިގަނޑުން ފެން ތިކިތައް ތަޅަމުން ދިޔައެވެ. ލައިގެން ހުރި މަޑު ނޫކުލައިގެ ފުލުސް ޔުނީފޯމްވެސް ކުޑަކޮށް ތެމިފައިވެއެވެ.
” އީނާ ހީކުރީ ހައި ނާންނާނެކަމަށް… ” އީނާ ނިއްއަރުވާލަމުން ބުނެލިއެވެ.
” ކީއްވެ އަހަރެން ނާންނަންވީ؟ އަހަރެންގެ ލޯބިވާ އީން މީހަކު ޖަހައިގަނެފާނެތީ ބިރުގަނޭ. މިހާރުވެސް ބަލާބަލަ އެތިބަ ފިރިހެނުން މާނޫން ގޮތަކަށް ބަލާވަރު… ” ރުޅިއައިސްފައި ހައިޝަމް އީނާއާ ދިމާއަށް އަމާޒުވެފައިވާ ލޯތަކަށް ބަލާލިއެވެ. ވަގުތުން އެމިހުން މޫނު އަނބުރާލަމުން އެމީހެއްގެ މަސައްކަތައިގެން ކުރިޔަށް ދިޔައެވެ.
” ފިނި… ” ހައިޝަމްގެ ފިނި ދެއަތްތިލަ އީނާގެ އަތުގެ ތެރެއަށް މަހާލުމާއެކު ފިނިވެެގެން އީނާ އެއަތް ދުރުކޮއްލިއެވެ.
” ދެން ދީބަލަ… ވަރަށް ހީކަރުވާ… ފުރަތަމަ ބަހުގަ އަންނަންކަމަށް އުޅުނީ.. ބޮޑު ކަމެއް ދިމާވެގެން ބަހެއް ހުހެއްނުވެ. އީން އާރްޖެންޓް ކަމެކޭ ބުނީމަ އެންމެ ފަހުން ސައިކްގަ މިއައީވެސް.. އެހާ ބާރަށް ދުއްވާފައި އައީމަ ވެސް ތެމުނީއޭ… ” އަލުން އީނާގެ ދެއަތުގައި ހިފާލަމުން ހައިޝަމް ދެރަވާކަމަށް ހަދާލިއެވެ.
” އޯން… ހާދަ ލޯބިވާ ފިއާންސީއެކޭ ލިބިފަ މިހިރީ… ލަވްޔޫ… ” އީނާ ހައިޝަމްގެ އަތުގެ ތެރެއަށް އަތް މަހާލަމުން ފުންކޮށް ހިނިތުންވެލިއެވެ.
” މޯ… އަސްލު ބުނެބަލަ އެހާ އަރްޖެންޓްކޮށް އަންނަން ބުނީ ކިހިނެތްވީ އަނެއްކާ؟ ޕޭޝެންޓެއް އެޓޭކް ކުރީތަ؟ ” ކަންބޮޑުވެފައި ހައިޝަމް ސުވާލުކުރިއެވެ.
” ނޫން…އަލްޙަމްދު ލިﷲ އެކަހަލަ ކަމެއް ނޫން. މިއަދު އެހެންނޫނަސް އޮފް ދުވަހެކޭ މިއީ. ޔަނާ ބަލިވެގެން ލީވް ނެގީމަ އަމްނާއަށް ހެލްޕުކޮށްދޭން ވެގެން މިދިޔައީ ހޮސްޕިޓަަލަށް. ގެސް ވަޓް؟ ” އީނާ ދަތްތަށް ފެންނަ ވަރަށް ހީލަމުން އަހާލިއެވެ.
” ގެސް ވަޓްއޭ ބުންނަސް ނޭނގޭނުން؟ އީން ބުނީމަނުން އިނގޭނީ… ” ހައިޝަމް އީނާގެ އެލާނެތް ސަމާސާގައި ބައިވެރިވިއެވެ.
” ހައި މަންމަ އަހަރެމެންގެ މެރިޖްއަށް އޯކޭ ދީގެން ގުޅީމަ އެޙަބަރު ދޭންވެގެން އަންނާށޭ ބުނީ… އެކަމް ސޮރީ އީނާގެ ސަބަބުން ހައި ބިޒީކޮށް އުޅެމުން އަންނަން ޖެހުނީމައި ” އީނާ ހައިޝަމްއަށް ބަލާލަމުން އިސްދަށަށް ޖަހާލިއެވެ.
” ކޮން ބިޒީއެއް؟ އީންއާ ނުލާ އަހަރެންނަކަށް ނޫޅެވޭނެ. އަލްޙަމްދު ލިﷲ މަންމަ އެއްބަސްވިކަން. އަސްލު ކުރީގެ ޖީއެފް ކަންތައް ކުރި ގޮތުުން މަންމަ އެއްބަސްނުވެ އެހުރީ… އައި އޭމް ސޯ ހެފީ… ނެކްޓް މަންތްގަ ވެޑިން ބާއްވަންވާނެ ” އީނާގެ ގާތަށް ގޮސް އޭނަގެ ގައިގައި ބައްދާލި ހައިޝަމްގެ ލޮލުގައިވަނީ އުފާވެރިކަމުގެ ކަރުނަތަކެވެ.
” ޔެސް… އަސްލު ކީއްވެ އެގަޑީ އެހާ ބިޒީވީ؟ ” އީނާގެ ވާހަކަތައް އަޑުއަހަން އިން ހައިޝަމްއަށް އީނާ ބަލާލުމާއެކު ހައިޝަމް އިސްޖަހާލިތަން ފެނުމުން ކޮންމެވެސް ބޮޑު ކަމެއްވެއްޖެކަން އޭނަޔަށް އެނގުނެވެ.
” ހައި ބުނެބަލަ… އަހަރެން ނޫން ދެން ކާކު ހުރީ ޝެއަރ ކުރަންވެސް؟ ” އާދޭހުގެ ރާގަކަށް އީނާ އަހާލިއެވެ.
” މިއަދު އެކްސިޑެންޓެއްވީ.. ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް… އެކްސިޑެންޓުވި ފިރިހެންކުއްޖާ އެކްސިޑެންޓުވި ވަގުތު އޭނަ އެއްލައިގެން ގޮސް އޮތީ އެހެން މަގެއްގަ. ބޯއީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި މިދުނިޔެ ދޫކުރީ… ގާރލްގެ ހާލު މިވަގުތު އެހާ ސީރިއަސްއެއް ނޫން. އެކަމަކު އޭނަ ހޭއަރާ ފަހުން ޗެކްކުރާއިރު ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން ފަހުން ބޮޑު ކަމެއްވެދާނެކަމަށް ޑޮކްޓަރ ބުނީ.. ” އަންހެންކުއްޖާގެ ވާހަކަ ދެއްކި ވަގުތު ހައިޝަމްގެ އަޑުގައިވި ތުރުތުރު އެޅުން އީނާއަކަށް ސިއްރެއްނުވިއެވެ. އޭނަގެ ހިތުގައި ސުވާލު އުފެދުނު ނަމަވެސް ހައިޝަމް ބުނަންދެން އޭނަ މަޑުކޮއްލިއެެވެ.
” ޝީ އިޒް… ” ހައިޝަމްގެ ވާހަކަ މެދުކެނޑުނީ ފޯނު ރިންގުވުމުންނެވެ.
” ހޫމް ޖައިލަމް… ” ކުރު ޖަވާބެއް ދެމުން ހައިޝަމް ފޯނު ބޭއްވުމަށްފަހު އީނާއަށް ބަލާލިއެވެ. އަދި ފަނޑު ހިނިތުންވުމެއް އީނާއަށް ދެމުން އިތުރު ބަހެއް ނުބުނެ އޭނަ އެތަނުން ނުކުމެ ހޮސްޕިޓަލަށް މިސްރާބުޖެހި އިރު އެހިތުގެ ތެޅުންވަނީ އަވަސްވެފައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

