Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީކުރުވާހަކަލޯބި

އަނދިރި ހަޔާތް

Zidhan Level 1
July 25, 2021 2 Mins Read
0 Comments

މިއީ ދުނިޔެއެވެ. އެއްބަޔަކު އުފަލުގައި ދުވަސްތަށް ގުނަމުން ދާއިރު، އަނެއްބަޔަކު ދަނީ ހިތާމައިގެ ކަރުނަ އޮހޮރަމުންނެވެ. ކިތަންމެ އުފަލެއްގައި އުޅެމުންދިޔަ ނަމަވެސް މާދަމާ ކަޅު އަނދިރި ގަނޑެއްގެ ތެރެއަށް ހަޔާތް ވެއްޓިދާނެއެވެ. މިއީ ދުނިޔޭގެ އާދައެވެ. އެހެން ނޫންތޯއެވެ؟

ކައިވެންޏެއްގެ ބިންގާ އެޅޭނެ ދުވަހަކަށް ކޮންމެ އަންހެނަކުވެސް މާދަމާއަށް ޓަކައި ދެކޭނެ ކުލަނުވާ ހުވަފެންތަކެއް ހުންނާނެއެވެ. މިހުވަފެންތަކުގައި ކުލަ ޖެއްސުމަށްޓަކައި، ދިރިއުޅުން ބިނާކުރުމަށް ދިމާވާ ކޮންމެ ތޫފާނެއްގައި ދިރިއުޅުމުގެ ނައު އެއްމަންޒިލަކަށް ދަތުރުކުރުމަށްޓަކައި ދެމަފިރީންގެ ހިއްސާ އެއްވަރަކަށް ބޭނުންވާނެއެވެ. މިވައުދުގެ މަތީގައި މީގެ 12 އަހަރުކުރީން އަހަރެންގެ އަލަތު ފިރިމީހާ އާއި އެކުގައިވީމެވެ.

އަހަރެންގެ އުމުރުން 23 އަހަރުގައި ޖަހާލެވުނު އަލަތު ކައިވެނީގެ ގޮށް ވެގެން ދިޔައީ އަހަރެންގެ ހަޔާތުގެ ސަފްޙާތައް އަނދިރިވުމަށް ދިއްލާލެވުނު ހުޅުކޮޅަކަށެވެ. ނަމަވެސް މިއަނދިރިކަމުން މިއަދު އަހަރެން ނުކުތުމަށްޓަކައި އަޅާލާ ކޮންމެ ފައިތިލަ އަކާއި އެކުގައި އަހަރެންގެ ހިތްވަރާއި ފަންވަރު ގެއްލިގެންދަނީ އަހަރެންގެ ފަސްބައިގާ ހިފައި އެލިގަންނަ އަހަރެންގެ ދިރިއުޅުމުގެ ހަމައެކަނި އުންމީދު ކަމުގައިވާ އަހަރެންގެ 03 ދަރިންނެވެ.

ކައިވެނީގެ ފުރަތަމަ ކޮޅުގައި ފިރިމީހާގެ ފަރާތުން ނުހަނު ލޯތްބާއި ހަމްދަރުދީ އަދި އަޅާލުން ލިބެމުން ދިޔައެވެ. ނަމަވެސް ދުވަސްތައް މާޒީއާއި އެކުވަމުން ދިޔަ ހަލުވި ކަމާއި އެކުގައި މިގުޅުމަށް ބަދަލު އަންނަން ފެށިއެވެ. އުފާވެރި ކަމުގެ ހުޅުކޮޅު ނިވި، ހަޔާތް އަނދިރިވެއްޖެއެވެ. ހިތާމައިގެ ކޮޅެއްވެސްނެތެވެ. ދެމަފިރީން ދެމެދުގައި ޖެހޭ ކުދިކުދި ކުނިތައް، ކުނިގޮނޑުތަކަށް ބަދަލުވަމުން ދިޔައެވެ. ދިމާވާ ކޮންމެ މައްސަލައެއްގެ ހައްލަކަށް އަތް އިސްކުރެވެން ފެށިއެވެ. ފިރިމީހާ ހިލޭ އަންހެނުންނާއި އެކުގައި ވަގުތު ހޭދަކުރަން ފެށިއެވެ. އަހަރެންގެ މައްސަލައަކީ ކޮބާތޯ ތަކުރާރުކޮށް ފިރިމީހާ އާއި ކުރެވުނު ސުވާލުތަކުގެ ޖަވާބުގައި ހަޑިހުތުރު ބަސްތަކުން އަހަރެން ކަސްތޮޅު އަޅުވާލައެވެ. ބޮލުގެ އިސްތަށިގަނޑުގައި ހިފާ ތަޅުންމައްޗަށް ވައްޓާލައި އަތުންނާއި ފައިން އަހަރެންގެ ގައިގެ އެތަންމިތަނުގައި ތަޅާ ލިބިފައިވާ އަނިޔާގެ ލަކުނުތައް ގައިގެ އެތަންމިތަނުގައި ލާފައި މިހާރުވެސް އެބަހުއްޓެވެ. ބޭރުފުށުން ފެންނަށް ހުންނަ ލަކުނު ފިލި ކަމުގައި ވިޔަސް، ހިތުގައި ލެވޭ ލަކުނުތަށް ފިލާނެ ހެއްޔެވެ؟

ބަލިވެ އިންނަދުވަސްވަރުގައި ފިރިމީހާގެ އަޅާލުމާއި ލޯބި ނުލިބޭ ތަނުގައި އަހަރެން ވިހެއުމުންވެސް ފިރިމީހާގެ ފަރާތުން މިފަދަ އެއްވެސް ކަމެއް ނުފެނެއެވެ. އަހަރެންގެ 03 ކުދީންވެސް ފިރިމީހާ ފެނުމުން ބިރުން ތުރުތުރުލައެވެ. އެކުދީންނާއި ލޯބިކޮށްލާ ވާހަކަދައްކާ ހެދުމީ ފިރމީހާގެ ”ސްޓައިލް“ އެއް ނޫނެވެ. އަހަރެން މިކަމާއި ފިރިމީހާ އާއި ވާހަކަ ދެކެވޭ ކޮންމެފަހަރަކު ދަރީން ބަލަންޖެހޭނީ ކުދިންގެ މަންމަ ކަމަށާއި ދަރީން ބެލުމަކީ ފިރިމީހާ ކުރަންޖެހޭ ކަމެއް ނޫންކަމަށާއި، ބައްޕަގެ ޒިންމާއަކީ ފައިސާ ހޯދުންކަމަށް ބުނެއެވެ. އަހަރެންގެ 03 ކުދިންނަކީވެސް ވަރަށް ބަސްއަހާ ބަސްމަދު ކުދިންނެވެ. ފިރިމީހާ އަހަރެންނާއި ޒުވާބުކޮށް ހަޅޭލަވާއިރު ކުދީންގެ ކުރިމަތީގައި ވެސް މިފަދަ އަމަލުތައް ހިންގާ ހަދައެވެ.

މިއަދަކީވެސް އެހެންދުވަސްތަކެކޭވެސް އެއްފަދަ އާދައިގެ ދުވަހެކެވެ. ފިރިމީހާގެ ޙަބަރެއްނުވެ 06 މަސްދުވަސް ފާއިތުވެ ދިޔަފަހުން އޭނާ ގެއަށް އައުމުން އެކަމާއި އަހަރެން ސުވާލުކުރީ ލިބިދާނެ ޒަޙަމަކަށް ނުބަލައެވެ. ފިރިމީހާގެ ޖަވާބުގައި ބެހޭކަމެއް ނޫންކަމަށް ބުނެ ބޮލުގެ އިސްތަށިގަނޑުގައި ހިފާފައި ތަޅުންމައްޗަށް ކޮއްޕާލިއެވެ. އަހަރެން ތަޅުންމައްޗަށް ވެއްޓުމުން ފިރިމީހާގެ ފައިން އަހެރެންގެ ބުރަކަށީގައި އެތައްފަހަރަކު ޖެހިއެވެ. އަދި އަހަރެންގެ ކަރުގައި ހިފާފައި ސިޓިންގ ރޫމްގައި ހުރި ސޯފާއެއްގެ މައްޗަށް ވައްޓާލިއެވެ. ފިރިމީހާ އަހަންނަށް ކުރަމުން އައި އަނިޔާތައް ފެންނަ ހިސާބުގައި ބަލަހައްޓައިގެން ފިރިމީހާގެ މަންމަ ސިޓިންގރޫމްގައި ގޮނޑިއެއްގައި އިށީންދެއިނެވެ. އަހަންނަށް ލިބެމުން އައި ވޭންތަކުން ބާރަށް ރޯންފެށުނެވެ. އަހަންނަށް އަނިޔާ ނުކުރާށޭ ކިޔާ ފިރިމީހާގެ ފައިބުޑުގައި ބޮސްދިނީމެވެ. ކުއްލިއަކަށް ގޭގެ ދޮރުގައި ޓަކިދޭންފެށިއެވެ. ”މިއީ ފުލުހުންނޭ، ދޮރުހުޅުވާށޭ“ ކިޔައި ދޮރުގައި ތަޅަންފެށިތާ އިރުކޮޅެއްފަހުން ފިރިމީހާ އަހަރެންގެ ކަރުން އޭނާގެ އަތްދޫކޮށްލައި ދޮރު ހުޅުވުމާއި އެކުގައި ފުލުހުންގެ 05 މީހުން ގޭތެރެއަށް ވަނެވެ. އަހަރެން ބޭއިޚްތިޔާރުގައި ދުވެފައި ގޮސް އެތަނުން ފުލުހެއްގެ ދެފައިގާ ހިފުމަށްފަހުގައި އަހަރެން ސަލާމަތްކޮށްދިނުމަށް އެދުނީމެވެ.

ފުލުހުން ފިރިމީހާ ބިޑި އަޅުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ހަމައެވަގުތުގައި ކޮޓަރީގައި ތިބި 03 ކުދީން ނުކުމެ ބާރަށް ރޯންފެށިއެވެ. އެކުދީންގެ ބައްޕައަށް ގޮވަންފެށިއެވެ. މައްސަލައިގެ ތަޙްޤީޤަށް ފުލުހުންގެ އިދާރާއަށް ހާޞިރުކޮށް މައްސަލަ އާއި ގުޅިގެން ސުވާލުކުރުމުން އަހަރެންގެ ދިރިއުޅުމުގެ މިހާދިޘާ ކިޔައިދިނީމެވެ.

ނަމަވެސް، އަހަރެންގެ ދަރީންނާއި އަހަރެންވެސް ފިރިމީހާއަށް ދެރަގޮތެއްވާކަށް ނޭދެމެވެ. އަދިވެސް އެދެނީ ސުލްހައަށެވެ. އެއީ އަހަރެންގެ ދަރީންނަށްޓަކައެވެ. ދަރީންގެ ލޮލުން މިއަދު އޮހޮރެމުން އައި ކަރުނައަކީ އެކުދީންގެ ބައްޕައަށްޓަކައި އެކުދިން ވާލޯތްބެވެ. އަދި ކިޔެއްހެއްޔެ؟ އެއީ އަހަރެންގެ އަނދިރިވި ޙަޔާތުގެ ކުރިމަގަށް އަހަރެން ދެކޭ ފޮނި އުއް މީދުވެސްމެއެވެ.

ނޯޓު: މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

Share Article

Follow Me Written By

Zidhan

Level 1

Other Articles

Previous

ލޯބިވެވުމުން 10

Next

ބޮސް 2

Next
July 25, 2021

ބޮސް 2

Previews
July 22, 2021

ލޯބިވެވުމުން 10



All Right Reserved!