ކޮންމެ ދުވަހަކުވެސް އެންމެންނާ އެކީ އެވަރަށް މަޖާ ކުރެވެއެވެ. މިއަދު އާލާ އަހަރެން ގޮވައިގެން ދިޔައީ އަހަރެން ކުރިން މަސައްކަތް ކުރި ފިހާރައަށެވެ. ކުރިމަތީ ހުރީ އަހަރެން ހަނދާންވާ ގޮތުން އަހަންނާ ހޮސްޕިޓަލުން ދިމާވި މީހެކެވެ. އާނއެކެވެ. އެއީ އަހަރެން މަސައްކަތްކުރި ފިހާރަ ބޮޑު މީހާއެވެ. އަހަރެންނާ ވަރަށް އިރުވަންދެން ވާހަކަ ދެއްކުމަށް ފަހު ހެދުން ވިއްކާ ފިހާރައަކަށް އާލާ އަހަރެން ގެންދިޔައެވެ. “ވާއު، ނަލައޭ” އަހަރެން ލާ ކޮންމެ ހެދުމަކަށް އެތަށް ތަޢުރީފެއް އާލާއާއި ޒަޔާން ކުރަމުން ދިޔައެވެ. ރައިން ކޮބާހެއްޔެވެ؟ އަނެއްކާވެސް ރައިން ގެ ޚަބަރެއް ނުވާތާ ހަފްތާއެއް ވީއެވެ. އަނެއްކާ ރައިން ޓްރެއިނިން އަކަށް ދިޔައީ ބާވައެވެ؟ ވިސްނުމެއްގައި ހުއްޓާ ފަހަތުން ޒަޔާން އައިސް އަހަރެން ސިއްސުވައިލިއެވެ. “ހާދަ ބޮޑު ވިސްނުމެއްގަ ތީނީ. ކިހިނެތް ވެފަ؟” “ހިނގާބަ ރައިން ފެނޭތޯ ދާން. އަހަރެންވެސް ވަރަށް ބޭނުން ރައިން ކައިރީ ވާހަކައެއް ބުނަން” އަހަރެންގެ ހިތުތެރޭ ބިރުވެރިކަން އުފެދުނީ އަނެއްކާވެސް ރައިން ޓްރެއިނިން އަކަށް ދިޔައީކަމަށް ހީކޮށެވެ. އަދި ކުރިން ދިމާވިފަދަ ހާދިސާ އެއް ދެން ދިމާވެއްޖެނަމަ މިހާރުވެފައި ހުރި ވަރަށް ވުރެ ބޮޑުވަރު ވެދާނެތީއެވެ.

އާދަޔާ ޚިލާފަށް މިއަދު އަހަރެން ގޮވައިގެން އާލާ އާއި ޒަޔާން ވަރަށް ގިނައިރު އެބަ އުޅެއެވެ. އެހެންނޫނީ މިމީހުން މިއީ އަހަރެން ގެޔަށްދަން ބޭނުންވާ ވާހަކަ ބުނާއިރަށް ގެޔަށް ގެންދާބަޔެކެވެ. މިރޭ އަހަރެން ގޮވައިގެން އަނެއްކާ މިދަނީ ކޮންތާކަށް ބާވައެވެ. ބްރިޖު ކައިރީ ހުންނަ ބަސް ސްޓޮޕާ ހަމައަށް ދެވުނުއިރު އަށެއް ޖަހައި ބޮޑުވެއްޖެއެވެ. ބަހަށް އަރައި ހުޅުމާލެ ގޮސް ތިން މީހުން ކާން ތިބި އިރުވެސް އެހައި ވާހަކައެއް ނުދައްކައެވެ. މަޑު ހިނގުމެއްގައި ތިން މީހުންގެ މިސްރާބު ހުރީ ސެންޓްރަލް ޕާކާ ދިމާއަށެވެ. އަހަރެން ގޮސް އެތާހުރި ބެންޗެއްގައި ޖައްސައިލައިގެން އިނީމެވެ. ޒަޔާން އާއި އާލާ ޕާކު ތެރޭ ފޮޓޯ ނަގައި ދުވެ ސަކަރާތް ޖަހާތަން ފެނެއެވެ. އަހަރެންގެ ފޯނު ރިންގު ވަން ފެށިއެވެ. “ހަލޯ. ސަރާ ކޮންތާކުތަ؟” ރައިން އެވެ. އަހަރެން ހުރި ތަނުގެ ވާހަކަ ބުނީމެވެ. އަދި ރައިން އަހަންނާ ވާހަކަ ދައްކަން ފެށިއެވެ. “ސަރާ އަށް އިނގޭތަ، ތި ތާނގަ އިންނާނެ ވަރަށް ރީތި ތަންކޮޅެއް. ދޭބަލަ.” އާލާ މެން ކައިރީ އެބަ އަންނަމޭ ކިޔާފައި ރައިން އެ ބުނާ ތަނަކަށް މިސްރާބު ބެހެއްޓީމެވެ. “ސަރާ.. އަހަރެން ވަރަށް ބިޒީކޮށް މިދުވަސްކޮޅު އުޅުނީ. އެހެންވެ ހަބަރެއް ނުވެވުނީ. ސަރާ ހާދަ ކެތްތެރި ވެލައިގެން ހުރީ އަހަރެން ގުޅަންދެން. ތިހާ ކެތްތެރި އަންހެނެއް އަދި ނުދެކެން.” ރައިންއާ ވާހަކަ ދައްކަމުންގޮސް އަހަންނަށް ޕާކުތެރޭ ހުރި ފެންގަޑަކާ ހަމައަށް ދެވިއްޖެއެވެ. “މަޑުކޮށްބަލަ ސަރާ. މީ މިބުނާ ތަން. ރީތި ދޯ؟” ރައިން މި ބުނީ މި ފެންގަނޑު ވާހަކައެވެ. ހަމަ ހިމޭން މާހައުލުގައި، މިޖެހޭ ކުދި ކުދި ފިނި ވައި ރޯޅީގެ އުފާހާސިލުކޮށްލުމަށް އަހަރެންގެ ކައިރީގައި މަދީ ރައިން އެކަންޏެވެ. ވަރަށް ރީއްޗޭ ކިޔައި ފޯނުގައި ހުރެ އަހަރެން އެ ފެންގަނޑު ހުރަސްކުރަން އެ މަތީ އަޅާފައި އޮތް ކުޑަ ބްރިޖެއްގެމައްޗަށް އެރީމެވެ. އަދި ރައިން ފޯނު ބާއްވަނީއޭ ބުނުމުން އެ ފެންގަނޑުގެ ފޮޓޯ ނަގަން ފެށީމެވެ. ސްޓްރީކު ކުރާ މީހުންނަށް ސްޓްރީކް ސްނެޕް ފޮނުވަން ފަށައިފީމެވެ. ކުއްލި ސިހުމެއް ލިބުނީ ފެންގަނޑު ކައިރީ ހުރި ގަސްތަށް ދިއްލުމުންނެވެ. ދޮން ކުލައިގެ ރީތި ރީތި ލައިޓް ތަކެއް ގަސް ތަކު ވަށައި ދިއްލިލާފައި ހުރި މަންޒަރު ފޮޓޯ ނަގަމުން ދިޔައީމެވެ. ފަހަރަކު ތަނެއް އަލިވަމުން ދިޔައެވެ. ފެންގަނޑު ވަށައި ދިއްލިއްޖެއެވެ. ހުދު ކުލައިގެ ރީތި މި ހެދުން ލައިގެން އަހަރެން އެ ލައިޓު ތަކުތެރޭ ހުރިއިރު އަހަރެންގެ ހިތުގައި ރައިން ނޫން ދެވަނަ ނަމެއް ނެތެވެ. ރައިން މިތާ ހުރިނަމައޭ ހިތަށް އަރުވާ އަރުވާލަ ހުރީމެވެ. މިހެން މި ނަލަ މަންޒަރު ބަލަން ހުއްޓައި އާލާ އާއި ޒަޔާން އަތުވެއްޖެއެވެ. އަދި އަހަންނަށް ފޮޓޯ ނަގައިދޭން ފެށިއެވެ. އެކި ގޮތް ގޮތަށް ޕޯސް ތަށް ޖައްސަމުން ދިޔައިރު ފޮޓޯ ޝޫޓަށް ހުރަސްއެޅީ ރައިން ގެ ނަލަ ނަލަ އަޑުން އަހަންނަށް ގޮވާލުމާ ހިސާބުންނެވެ. ހުދު ގަމީހެއްގެ މަތިން މެރޫން ކުލައިގެ ޓަކްސީޑޯ އެއްލައިގެން ހުރި ރައިން އަހަންނާ ދިމާއަށް މަޑުމަޑުން އަންނަން ފެށިއެވެ. އަހަރެންގެ ހިތްގަނޑު އަނގައަށް އަންނަ ކަހަލައެވެ. ރައިންގެ ނަލަކަން…. އަހަރެން ބުނެދޭނީ ކިހިނެއް ހެއްޔެވެ. އަހަރެންގެ ކައިރިއަށް އައިސް ފުން ނޭވައެއް ލައިފައި އަހަރެންގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. ” ހެޕީ ބާތްޑޭ ސަރާ. ދުނިޔޭގައިވެސް ނުދެކެން ތިވަރުގެ ރީތި އަންހެނެއް. ސަރާ. އަހަރެން ސަރާ ކައިރީ ދައްކަން ވެފަ އޮތް ވާހަކައެއް އެބައިން. އަމްމްމްމް.. އަހަންނަކަށް ނޭނގެ ކޮން އިރަކުން ފެށިގެނެއް ކަމެއް ލައިކް ވަން ފެށީ. އަހަރެން ބޭނުން ސަރާ އާއި އެކީ ހަޔާތުގެ ބާކީ އޮތް ދުވަސްތަށް ވޭތުކުރަން. އަހަރެންނާ ދޭތެރޭ ސަރާ ދެކެނީ ކިހިނެތް.” ރައިންގެ މިބަސްތަށް އަހަރެންގެ ހިތުގައި އުމުރު ދުވަހު ރައްކާކުރެވިފައިވާނެކަން ޔަޤީނެވެ. އަހަރެން ހީލާފައި ރައިން ގައިގައި ބައްދާލީމެވެ. “ރައިން.. އަހަރެން.. އެންމެ ކުރީއްސުރެވެސް ރައިން ދެކެ ލޯބިވިން.” އަހަންނަށް އެހިސާބަށް ބުނެވުނުތަނާހެން ރައިން އަހަރެން ދުރު ކޮށްލާ އެލޯބި ދެ އަތުން އަހަރެންގެ މޫނުގައި ހިފައި ގާތް ކޮށްލުމަށްފަހު ނިތްކުރިއަށް ބޮސްދިނެވެ. އަދި އަހަރެން ގެ ކޮނޑުގައި ހިފާލާފައި އަނެއްފަރާތަށް އަނބުރައިލިއިރު އަހަރެންގެ ކުރިމަތީ އަހަރެންގެ ލޯބިވާ މަންމަމެން އެންމެން ތިބިއެވެ. ހަމަ އެވަގުތު އަހަރެންގެ ކަރުގައި ރައިން ލޯބި ލޯބި ފަށެއް އަޅުވަމުން އަހަރެންގެ ކަންފަތް ދޮށުގައި “ވިލް ޔޫ މެރީ މީ” އޭ އެއްސެވެ. އަހަރެން ހުރީ ނޭވާލަންވެސް ހަނދާންނެތިފައެވެ. ކުޑަ ކުޑަ ހިނދުކޮޅެއްގެ ތެރޭވަރަށް ބައިވަރު ކަންތައްތަކެއް ވެގެން ދިޔައީއެވެ. އަދި މިއީ ދެވަނަ ފަހަރަށް ތަކުރާރު ނުވާނެ ފަދަކަންތައްތަކެވެ. އަހަރެން ރައިން އާއި ދިމާއަށް އެނބުރުމަށް ފަހު އޭނަގެ ގައިގައި އޮޅުލައި ގަތީމެވެ. ވެފައިވާ އުފަލެއްގެ ބޮޑުކަމުންނެވެ. މަންމަމެން ތިބި ކަންވެސް ހަނދާނެއް ނެތެވެ. ރައިންގެ ކޯތާފަތަށް ދޮނެއް ދިނުމަށް ފަހު ރައިން ގެ މޫނަށް ބަލައިލެވުނެވެ. އާއެކެވެ. އަހަރެން ހުރީ މިދުވަސް ނައިސްފިނަމަ އަހަރެން އިސްނަގައިގެން ވިޔަސް މިކަން ކުރާށެވެ. ނަމަވެސް އަހަންނަށްވުރެ ކުރިން ރައިން ލޯބި ހުށަހެޅީއެވެ. މަންމަމެން ކައިރިއަށް ގޮސް އެންމެންނާ ސަލާމް ކޮށް ވާހަކަ ދެއްކީމެވެ. ކުޑަ ދުވަސްކޮޅެއްތެރޭ ކައިވެނި ކޮށްފީމެވެ. ދެމީހުން އެކީ އުފާވެރި ހަޔާތެއް ހޭދަކުރުމަށް އަޒުމްކަނޑައެޅީމެވެ. މާތްﷲއަށް އަހަރެމެން ދެމީހުންގެ ކައިވެނީގައި ބަރާކާތް ލައްވާތޯ އަބަދުވެސް ދުޢާކުރަމެވެ.

2

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!