“ރައިން”.. ކައިރީ އިން ފިރިހެން ކުއްޖާއަށް ގޮވާލީ އަހަރެން ކައިރިއަށް އައި އެހެންމީހެކެވެ. މީ ކޮން ރައިން އެއްހެއްޔެވެ؟ މި ފިރިހެންކުއްޖާ ލޯ ބޮޑު ކޮށްލަމުން އަހަންނާ ދިމާއަށް ބަލައިލީ ކީއްވެގެން ކަމެއްވެސް ނޭނގެއެވެ. ތެދުވެގެން ގޮސް ބޭރަށް ނިކުތީ އެތެރޭގައި އެމީހުން ދައްކާ ވާހަކަ އަޑުއަހަން އިނދެ އިނދެ ފޫހިވީމައެވެ. “ސަރާ..” އަނެއްކާ ނުދަންނަ މޫނެކެވެ. ގޮވާލާ ގޮތުން ހީވަނީ އަހަރެން އިނގޭ މީހެއްހެނެވެ. “ރަނަގަޅުތަ؟” އެމީހާ އަހަންނާ ވާހަކަ ދައްކަން ހުއްޓައި އެއްކަލަ ފިރިހެން ކުއްޖާ އައިސް ރޫމް އަށް އަހަރެން ވައްދައިފިއެވެ. “ކޮންބައެއްތަ ތީ؟ ކިހިނެއްތަ ވެގެން މިއުޅެނީ. ހަމަ ގާމުވެސް މިތާ ހޮސްޕިޓަލަކު ނީންނާނެދޯ ބަލި ނުވަނީސް ގެނެއްސައެއް. ކިހިނެއްތަ މި ވަނީ؟” އަހަރެން ސުވާލު ކޮށްކޮށް ހުއްޓައި މި ކުއްޖާ އަހަރެންގެ ކޮނޑުގައި ހިފަހައްޓާ އެނދުމަތީ ބޭންދިއެވެ. “ސަރާ ހަނދާން ނުވެދާނެ މީކާކު ކަމެއްވެސް. އަހަރެންމީ ސަރާ ތަންކޮޅެއް ކުރިން ވާހަކަ ދެއްކި މީހެއް. އެއްދުވަހު އަހަންނަށް ކުއްލިއަކަށް ގުޅީ އޮފީހުން. އަދި ޓްރެއިނިން އަކަށް ދާން ޖެހުނީ. އޭގެ ފަހުން ސަރާ އަކަށް ޚަބަރެއް ނުވެވުން. ޓްރެއިނިން ނިންމާފައި މާލެ އަރަނިކޮށް ފޯނަށް އައީ ސަރާގެ މެސެޖެއް. ބްރިޖު ވިއު ކައިރިއަށް ގޮސް އިން ވާހަކަ. އެހެންވެ އަހަރެން ބޭނުންވީ ސަރާ އަށް ސަޕްރައިސެއްދޭން. ޔުނިފޯމްގަ ހުންނާނީވެސް ސަރާ ކައިރިއަށް ދިޔައިރު. އަހަންނަށް ފެނުން ސަރާ މަގު ހުރަސްކުރާތަން. އެކަމަކު ދެން ފެނުނީ އަހަރެން އެންމެ ބަލަން ބޭނުން ނުވި މަންޒަރު. އެމްބިއިލެންސް ގެނެސް ސަރާ ހޮސްޕިޓަލަށް ގެނައީ. ސަރާގެ ސިކުނޑި އަށް ލޭއެޅިފައިވާތީ އޮޕަރޭޝަން ކުރަން ޖެހުނީ. މަސްދުވަސް ވަންދެން ހޭނާރާ ކޯމާއެއްގަ އޮތް އިރު ސަރާގެ ހުރިހާ ކަމެއް ބެލެހެއްޓީ އަހަރެން.” އަހަރެންގެ އަތުގާ ހިފަހައްޓައިގެން އިނދެ، ރައިން ވާހަކަތައް ކިޔައިދިނެވެ. “ދެން ކީއްވެގެންތަ އަހަރެން ތި ހުރިހާ ކަމެއް ހަނދާން ނުވަނީ؟” “ޑަކުޓަރު ބުނުއްވީ ސަރާ ރަނގަޅުވާވަރަކަށް ހަނދާންވާނެ ކަމަށް. ޝޯޓް-ޓާމް މެމޮރީ ލޮސް ކިޔާ އަޑު އަހަމެއްނު” ރައިން ހީލަމުން އަހަންނާ ވާހަކަ ދެއްކިއެވެ.އަހަރެން އެހުރިހާކަމެއް ހަނދާންކުރަން މަސައްކަތް ކުރި ނަމަވެސް ހަނދާނަކަށް ނައެވެ. ކުޑަ މިނުން އަހަރެންގެ ލޯބިވާ ބައްޕަ ނިޔާވެފައިވާކަންވެސް އިނގުނީ މަންމަ އަށް ގުޅާ ބައްޕަގެ ވާހަކަ އެހުމުންނެވެ.

“ސަޕްރައިސް…” ރޫމް ދޮރު ހުޅުވައިލީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އާލާއެވެ. އާލާއަށް ކޯސް ހަމަ ޖެހިގެން މާލެ ބަދަލުވީ މިއަދުއެވެ. ދުވެފައި އައިސް އަހަރެންގެ ގައިގައި ބައްދާލުމަށް ފަހު އެއްކަލަ އަނގަ ތަޅުވަން ފެށިއެވެ.”ކޮބާ ޒަޔާން؟” އަހަންނަކަށް މި ޒަޔާން އެއް ނޭނގުނެވެ. “ނޭނގޭތަ؟ މިތާ ރައިން އާއި އެކީ ދެން އެއުޅުނީ ޒަޔާން އޭ.. އަހަރެން ބުނީ ރައިން އޮފީހަށް ދިޔައީމަ ސަރާ ކައިރީ ޒަޔާން އިންނާށޭ.. އެހެންވެ އޭނަ އުޅޭނެ މިތާ ވަރަށް ގިނައިން. ނުދެކެންތަ؟” ރައިން އާއި އެކީ އޭރު މިތާ އުޅުން ފިރިހެން ކުއްޖާ އަކީ ޒަޔާންކަން އަހަންނަށް މިއިނގުނީ އަދި ކިރިޔާއެވެ. ނަމަވެސް އަހަންނަށް އަދިވެސް މިއީ ކިހނެއް ދިމާވި ބައެއްކަމެއް ނޭނގެއެވެ. ކެތްތެރިކަމާއެކީ އޮންނަން ޖެހުނީއެވެ. ފޯނު ނަގައި މެސެޖު ބައި ބަލައިލިއިރު އަހަރެން ދެލޯ ހުޅުވައިލަން ނުކެރެއެވެ. މީހަކަށް މެސެޖް ކުރެވޭނީ އެވަރަށެވެ. ފުރަތަމަވެސް އަހަންނަށް ފެނުނީ ރައިން އަށް ކޮށްފައިވާ މެސެޖް ތަކެވެ. އިރުއަރައި އިރުއޮއްސުމާ ހަމައަށް ވާ ހުރިހާ ކަމެއް ކިޔައިދީފައިވާއިރު ނުވިތާކަށް ހަނދާން ވާ ވާހަކައައި އެތަށް ލޯބީގެ މެސެޖެއް ކޮށްފައިވެއެވެ. އަހަރެން ރައިން ފެނުނީމަ ހަދާނީ ކިހިނެއް ހެއްޔެވެ. ލަދުން ބޯހަލާކު ވާވަރު ވެއްޖެއެވެ. މިކަންތައް  ރަނގަޅުވާނީވެސް ނުވާކަމަކަށް ހަދައިފިއްޔާއެވެ.

1

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!