ރޭގަނޑު ދިހައެއް ޖެހުމުން  ޕާޓީ ނިންމާލުމަށްފަހު،ނައިޝާ ދޮންތަގެ ޑުރައިވަރު ނައިޝާމެން ގޮވައިގެން އައިސް ،ގޭ ދޮރުމައްޗަށް ކާރު މަޑުކޮށްލި އެވެ.ކާރުން ފައިބައިގެން ލައިގެން ހުރި ހެދުން އަތަށް ބޮނޑިކޮށްލުމަށްފަހު،ނަައިޝާ ގެއަށް ވަނެވެ.އޭރު ނައިޝާގެ ފިރިމީހާއާއި ޑުރައިވަރު ޑިކީ ތެރެއިން، ލިބުނު ހަދިޔާތައް ނަގަން އުޅުނެވެ.

“ތިއައީ ދޯ؟….ކޮބާ ސައިފް؟….ރަފާ ރޯ ވާހަކަ ޝަރޫނާ ގުޅާފަ ބުނީމަ އަނެއްކާ ރާއީވެސް ނިދިއައިއްސަ ހުރީމަ އަވަހަށް އައީ ގެއަށް” އެ ޕާޓުމަންޓުން ވަދެގެން އައި ނައިޝާ ފެނިގެން ސޯފާގައި އިން ދޮންތަ ބުންޏެވެ. “ސައިފާ ޑުރައިވަރު ކަމާލް އެބައުޅޭ ހަދިޔާތައް އަރުވަންވެގެން…. މިދަނީ އެއްޗެހި ބަދަލުކޮށްލަން….ވަރަށް ވަރުބަލިވެސް ވެއްޖެ” ކޮޓަރިއާ ދިމާލަށް ދަމުން ނައިޝާ ބުނެލި އެވެ. “ރަައޫފް ދޭބަ އެމީހުންނަށް އެހީވާން ” ނައިޝާގެ ދޮންތަ،ސޯފާގަަ އިން، އޭނާގެ  ފިރިމީހާއަށް ބުނެލި އެވެ.

ސައިފް ހަދިޔާތައް ކޮޓަރި ކަނެއްގައި ބެހެއްޓުމަށް ފަހު، އެއްޗެހި ބަދަލުކޮށްލައިގެން ނައިޝާ އާއި އެކު ކާން ސިޓިންރޫމަށް ނިކުތެވެ.އޭރު ދޮންތަގެ ދެމަފިރިން ވެސް މޭޒު ދޮށުގައި ނަައިޝާމެން އަންނަންދެން ތިއްބެވެ.

“ތި ދެމަފިރިން ވެސް އެބަ ތިބިންދޯ؟” މޭޒު ކައިރި ހުރި ގޮނޑި ދަމާލުމަށްފަހު ނައިޝާ ބުނެލި އެވެ. ” އާނ ބަނޑުހައިވެގެން… އަނެއްކާ ތި ދެކުދިންނާ ވާހަކަވެސް ދައްކާލަންވެގެން” ނަައިޝާގެ ދޮންތަ ބުނެލި އެވެ.

ޕާޓީގައި ބާކީވި ކާއެއްޗެހި ހޫނު ކުރުމަށް ފަހު މޭޒުމައްޗަށް ޝަރޫނާ އަތުރާލިއެވެ.އެންމެންވެސް ތަށިތަކަށް ކާތަކެތި އަޅަންފެށިއެވެ.”މިހާރު ތިތިބީ ކައިވެންޏެއް ކުރެވިފަ…އެކަކު އަނެކަކަށް އަޅާލާ އޯގާތެރިވާންވާނެ..އިތުބާރު ކުރަންވާނެ… ކައިވެންޏަކީ ވަރަށް މަތިވެރި ގުޅުމެއް….ދޮންތަބެއާ ދޮންތަގެ ނަސޭހަތަކި މީ….ނަައިގެ މަންމައާއި ބައްޕައެއް ކައިރިއަކު ނެތް…މިހާރު މިހިރީ ދޮންތަމެން…”ނައިޝާގެ ދޮންތަ ނަސޭހަތް ދިނެވެ. ” ދޮންތަ ކައިރި މަންމަ ބުނި ނަައި ކައިވެނި ކުރީމަ މިގޭ ތިންވަނަ ފުލޯ ނަައިއަށް ހުސްކޮށް ދޭނަމޭ…އެކަމް އެންމެ އަވަހަށްވެސް އެއް ހަފްތާ ތެރޭގަ ހުސްވާނީ…ނައި ބޭނުންވަންޏާ ދޮންތަގެ  އެޕާޓުމަންޓުގަ ހުއްޓަސް ދޮންތައަށް އެއްވެސް މައްސަލައެއް ނެތް….އެކަމް ނައިވެސް މެރީ ކުރީމަ ބޭނުންވާނެ ވަކިންތަނެއް…އަދި ބޭބީ އެއް ލިބުނީމަ ވަކިން ބޭނުންވާނެ…ދެން މާދަން ކިހާއިރަކު ލަންކާއަށް ދާން ޗެކިން އިނީ؟” ނައިޝާގެ ދޮންތަ ބުނެލި އެވެ. “މާދަން ހެނދުނު 10އެއްގަ ޗެކިން..ހަފްތާއަކަށް މިދަނީ މަންމަމެންގެ އެދުމަކަށް….އަނެއްކާ މިދަތުރު ވާނީ ހަނީމޫންއަށް  ޕްލަސް މަންމަމެނާވެސް ބައްދަލުވެވޭނެ…”ނަަައިޝާ އުފާވެފަ ބުންޏެވެ.

ނައިޝާގެ ވާހަކަ އަޑުއަހަން އިން ދޮންތަ، އެއްވެސް ކަމަކަށް ދަތި ވަންޏާ އޭނާ ގާތު ބުނުމަށް އެދުނެވެ. ” ހޫމް…މިހާރުވެސް މަންމަމެން ޕޮކެޓް މަނީގެ ގޮތުގަ ދޭ ދިހަހާސް ރުފިޔާ… އިތުރަށް ބޭނުންވަންޏާ މަންމަމެން ކައިރި ބުނީމަ ލިބޭނެ”ނައިޝާ ބުންޏެވެ. “އެކަމަކުވެސް ބުނައްޗެ ކަމެއް ބޭނުމިއްޔާ…. ދޮންތަ ކައިރި ވިއްޔަ ނައި އުޅޭނީ ދެން…މެރީ ކުރިއަސް މިބަޔަށް ވެސް އަންނައްޗޭ ދޮންތަވެސް ދާނަން ތިބަޔަށް..” ކައި ނިމިގެން ގޮނޑިން ތެދުވަމުން ނައިޝާގެ ދޮންތަ ނައިޝާ އަށް ބުނެލި އެވެ.

“ހަދިޔާތައް ކެޑީތަ؟…ދޮންތަ އުންމީދުކުރަން ދޮންތަގެ އާއިލާގެ ފަރާތުން ނައި އަށް ދިން ހަދިޔާ ކަމުދާނެ ކަމަށް” ތަށި ދޮންނަން ހުރެ ނަައިޝާގެ ދޮންތަ ބުނެލި އެވެ. “ނޫނޭ އަދި ނުކަޑަން…ކަމުދާނެ ހުރިހާ ހަދިޔާއެއްވެސް ދޯ ސައިފް” ނައިޝާ އެހެންބުނުމުން ސައިފް ބޯޖަހާލިއެވެ.

ކައި ނިމި ނަައިޝާގެ ދެމަފިރިން ވެސް ކޮޓަރިއަށް ވަނެވެ.ކޮޓަރިއަށް ވަތްގޮތަށް ނައިޝާ ފާހަނައަށްވަދެ ފެންވަރައިގެން ނިކުތުމުން، ސައިފް ވެސް ފާހަނައަށް ވަދެ ފެންވަރައިގެން ނިކުތެވެ. ދެމީހުން އެނދުމަތީގައި އިށީދެލުމަށްފަހު ލިބުނު ހަދިޔާތައް ކަނޑަން އުޅުނެވެ.

ނަައިޝާމެނަށް އެކި ކަހަލަ ހަދިޔާ ލިބުނެވެ.ރީއްޗަށް ބަހައްޓާ ކަހަލަ އެއްޗިއްސާއި،ސެންޓާއި އެފަދަ އެއްޗިއްސެވެ.ގިނައިން އެމީހުންނަށް ލިބުނީ ފައިސާއެވެ.އެގޮތުން ނައިޝާގެ ދޮންތަ ގެ ފަރާތުން ލިބުނު ފަސްހާސް ރުފިޔާ އާއި ނައިޝާގެ ތުއްތަގެ ފަރާތުން ލިބުނު ދިހަހާސް ރުފިޔާ ހިމެނެއެވެ.

ނައިޝާ އޭނާގެ ފިރިމީހާއަށް ތުއްތަ ހަދިޔާކުރި ދިހަހާސް ރުފިޔާ ދިނުމަށްފަހު،ބާކީ ހުރި ހަދިޔާތައް ރައްކާކުރިއެވެ.ހަފްތާއަކަށް ވާވަރަށް އަންނައުނާއި ބޭނުންވާ  އެހެނިހެން ސާމާނުތައް ފޮށްޓަށް އަޅާ ތައްޔާރު ކުރުމަށްފަހު، ނައިޝާ އޭނާގެ ވެޑިން ޑްރެސް ވަރަށް ލޯބިން ހަޑިނުވާނެ ގޮތަކަށް އަލަމާރިއަށްލާ ރައްކާކުރިއެވެ.

ހެނދުނު ދިހައެއް ޖެހިއިރު ނަައިޝާމެން ތިބީ ޗެކިންގައެވެ.ޗެކިން ނިމި ފުލައިޓަށް ނައިޝާގެ ދެމަފިރިން އެރިއެވެ.” މީ ސައިފް ގެ ފުރަތަމަ ފަހަރު މަތިންދާބޯޓަކަށް އެރި….ބޭރުގަައުމަކަށްވެސް ދާ މީ ފުރަތަމަ ފަހަރު” ހިތްހަމަ ޖެހިފައި އިނދެ ސައިފް ނައިޝާއަށް ބުނެލިއެވެ.ފުލަައިޓް ލަންކާ އެއާޕޯޓުގަައި ޖެއްސުމުން ނައިޝާގެ ދެމަފިރިންވެސް ބޯޓުން ފޭބިއެވެ.މަޑު  ހިނގުމެއްގައި އެއާޕޯޓުން ނިކުންނަ ދޮރާ ދިމާއަށް ނައިޝާ ހިނގައިގަތެވެ. އޭރު ސައިފްވެސް ނައިޝާގެ ފަހަތުން ފޮށި ދަމަމުން ހިނގައިގަތެވެ.

އެއާޕޯޓް ގެ ދޮރުން ނިކުމެ އެއްވެފައިވާ މީހުންގެ ތެރެއިން ނައިޝާ ހޯދަމުން ދިޔައީ އޭނާގެ މައިންބަފައިންނެވެ.ނައިޝާއަށް ހަނާ އަޅަމުން ދިޔަ އޭނާގެ މަންމަ ފެނުމުން އުފަލުން ގޮސް މަންމަ ގައިގަ ބައްދާލިއެވެ.” ދަރިފުޅޫ…”ނަައިޝާގެ މަންމަ ލޯތްބާއެކު ގޮވާލި އެވެ. “ކުޑާ”ކައިރިގައި ހުރި ނައިޝާގެ ފިރިހެން ކޮއްކޮ ނުހައިކުވެސް ބައްދާލިއެވެ.

“ސަލާމް”ސައިފާ ސަލާމް ކުރަން ނައިޝާގެ ބައްޕަ އަތްދިއްކޮށްލުމުން ސައިފްވެސް ސަލާމް ކޮށްލިއެވެ. “ދީ ޑުރައިވަރު އަތަށް ފޮށި” ސަައިފް އަތުގައި އިން ފޮށި ޑުރައިވަރު އަތަށް ދިނުމަށް ނައިޝާގެ ބައްޕަ އެދުނެވެ.

ކާރުގައި އައިސް ނައިޝާމެން ހުއްޓުނީ ބޮޑު ގެއެއްގެ ދޮރުމައްޗަށެވެ.ކާރުން ފައިބައިގެން ގޭޓު ދޮރު ހުޅުވާލަމުން އެންމެން އެތެރެއަށް ވަނެވެ. “ތާނީ މިކުދިންގެ ކޮޓަރި ދައްކާލަބަ..”ގޭގައި ގެންގުޅޭ ބޭރުމީހާއަށް ނައިޝާގެ މަންމަ ބުންޏެވެ. ” ދަރިފުޅުމެން އެއްޗެހި ބަހައްޓާފައި އާދެ ސައިބޯން ދަރިފުޅުމެން އަންނަންވާއިރަށް ތާނީ ސަައި ހަދާފަ މިހިރީ” ތަށިތައް އަތުރާލައި ތައްޔާރު ކޮށްފައިވާ ބޮޑު ސުފުރާ މަތި ދައްކާލަމުން ނައިޝާގެ ބައްޕަ ބުނެލި އެވެ.

ކޮޓަރީގެ ދޮރު ހުޅުވުމާއެކު ފާރުގައި ވެލްކަމް ޖަހާ، ޒީނަތްތެރި ކޮށްފައިވާ ތަން ފެނި ނައިޝާ ވަރަށް އުފާވިއެވެ.” މަންމަމެންނަށް ވީ ވަރެއް ކޮށްފަ އެހެރީ…އުންމީދުކުރަން ކަމުދާނެ ކަމަށް” ނަައިޝާ ގެ މަންމަ ބުންޏެވެ. “ކަމުދެޔޭ މަންމާ ” ކޮޓަރިއަށް ވަންނަމުން ނައިޝާ ބުންޏެވެ.

ކޮޓަރިއަށްވަދެ އަޅައިގެން ހުރި އަތްދަބަސް އެނދުގައި ނައިޝާ ބޭއްވިއެވެ.އަދި ޑުރެސިން ޓޭބަލްގެ މަތީގައި އޮތް މާބޮނޑި އާއި ދިމާލަށް ނައިޝާ ހިނގާގަތެވެ.މާބޮނޑި ނެގުމަށްފަހު އޭގަ އިން ނޯޓު ނައިޝާ ކިޔާލިއެވެ. “ބާއްޖަވެރި ކައިވެންޏަކަށް އެދެން….މަންމަ އާއި ބައްޕަގެ ފަރާތުން” ނޯޓުގައިވެއެވެ. ނޯޓު ކިޔާލުމަށްފަހު ކަރުދާސް ކޮޅު ބާއްވަން އުޅެނިކޮށް ނައިޝާގެ ލޮލުގައި ކުދި އަކުރުން ކަރުދާހުގެ ކަނެއްގައި ލިޔެފައިވާ ލިޔުންކޮޅަށް ނަޒަރު ހުއްޓުނެވެ. “ދަށްފުށް ބަލަައިލާ”ލިޔުމުގައި އެހެން އޮތުމުން ނަައިޝާ ކަރުދާސްކޮޅު ފުށުންޖަހާ ބަލައިލިއެވެ.

“އަލަމާރި ހުޅުވާލާ”، ކަރުދާސްކޮޅުގެ ފަހަތުގައި ލިޔެފައި ވެއެވެ.ނަައިޝާ ހުއްޓި ހުރި ޑުރެސިން ޓޭބަލާއި އިންވެގެން ހުރި އަލަމާރި ހުޅުވާލިއެވެ.އޭގެ ތެރޭގައި ފިޔާތޮށިކުލައިގެ ކަރުދާހުން ޕެކްކޮށްފައިވާ ހަދިޔާއެއް އޮތެވެ.ނައިޝާ ހަދިޔާ ނެގުމުން ކަރުދާސްކޮޅެއް ވެއްޓުނެވެ. “އެނދު ކައިރި އިން ކުޑަ ކަބަޑުގެ ދޮރު ހުޅުވާލާ”، އޭގައި ލިޔެފައި ވެ އެވެ.ނަައިޝާ ގޮސް އެނދުކައިރި އިން ކަބަޑު ހުޅުވާލުމުން ނޫކުލައިގެ ކަރުދާހުން ޕެކްކޮށްފައިވާ ހަދިޔާއެއް އޮތެވެ.

ނަައިޝާ އެނދުގައި އިށީނދެލުމަށްފަހު ފިޔާތޮށިކުލައިގެ ހަދިޔާ ކަނޑާލިއެވެ.އޭގެ  ތެރޭގައި ސިޓީއުރައެއް އޮތެވެ “މަންމަ ގެ ފަރާތުން”، އެ ސިޓީ އުރައިގަ ލިޔެފައިވެއެވެ. ނައިޝާ އެ ސިޓީ އުރަ ކަނޑާލިއެވެ.ސިޓީ އުރަތެރޭގައި ހުރީ ފައިސާއެވެ.ސިޓީގެ ކަނެއްގަ “25ހާސް ރުފިޔާ”ޖަހާފަވެއެވެ. ނޫކުލައިގެ ހަދިޔާގައި “ބައްޕަގެ ފަރާތުން” ޖަހާފަ އިނެވެ.ނަައިޝާ އޭތި ކަނޑާލި އިރު އޭގައިވެސް އިނީ ސިޓީ އުރަ އަކަށް ލައިފާވާ 25ހާސްރުފިޔާއެވެ.

ސިޓީތައް ނައިޝާގެ ހޭންޑުބޭގަށް ލުމަށްފަހު ހެވިފައި ސިޓިންރޫމަށް ދެމަފިރިން ނިކުތެވެ.”ސަޕްރައިޒް” ފެހި ކުލައިގެ ކަރުދާހުން ޕެކްކޮށްފައިވާ ހަދިޔާއެއް ދިއްކޮށްލަމުން އެގާރަ އަހަރުގެ ނުހައިކު ބުނެލި އެވެ. “ޝުކުރިއްޔާ ޝުކުރިއްޔާ” ހެވިފައި ހުރެ ނައިޝާ ބުންޏެވެ.

98