Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އެކުއްޖާ 2 – 41

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
June 29, 2021 8 Mins Read
2 Comments

* ހިނިތުންވެފައި ހިޔާން ހޫރީން ގެނެސް މޭގައި ޖައްސާލިއެވެ. އަދި ސޯފާގައި އިން އައިހަމްގެ މޫނަށް ބަލާލިއެވެ. އައިހަމް ބޯ އަނބުރާލީ ފަހަތަށެވެ. ހިޔާންގެ ހިނިތުންވުން ފޮހެވުނެވެ. ނަމަވެސް ހިތާހިތުން އޭނައަށް އެކަން ހައްގުކަމަށް ގަބޫލުކުރިއެވެ. އަދި އޭނައަށް މާފު ކުރަން އުނދަގޫ ވާނެކަން އިނގޭތީއެވެ. ލޭގެގޮތުން އޭނާ އާއި ގުޅޭތީ ހޫރީންއަށް އޭނާއަށް މައާފް ކުރަން ފަސޭހަ ވާނެކަން ހިޔާންއަށް ވިސްނެއެވެ. ފަހަތަށް އެނބުރިގެން އިން އައިހަމްގެ ތުންފަތްމަތީގައި ހިނިތުންވުމެއް ވިއެވެ. ހިތާހިތުން އޭނާ ހިޔާންއަށް މާފު ކުރި ނަމަވެސް އެކަން ނުދައްކާ ހުރީ އިތުރަށް ތަޅުވާލުމަށެވެ. އެ ހުރިހާކަމަކަށްފަހު ހިޔާންއަށް އަދި މާ ބޮޑަށްވެސް ސަޒާ ހައްގެވެ. *

ހޫރީން ހިޔާންގެ އަތުން ނެއްޓިގެން ގޮސް އައިހަމްގެ ގާތުގައި އިށީނެވެ. އަދި އަލާން އައިސް އޭނައަށް ކިޔައިދިން ވާހަކަތައް ކިޔާދިނީ ނުހަނު ފޯރިއާއި އެކީގައެވެ. އެ މޫނުން ފެންނަމުން ދިޔަ އުފާވެރިކަމުން އައިހަމްގެ ތުންފަތްމައްޗަށް ވެސް ހިނިތުންވުމެއް ގެނެސްދިނެވެ. ހިޔާން ގޮސް ވަނީ ކޮޓަރިއަށެވެ. ފޯނަށް ބަލަހައްޓައިގެން ހުރި ހިޔާންގެ ތުންފަތްމަތީ ކުޅެލާފައިވާ ހިނިތުންވުން އައިހަމްގެ ލޮލުގައި އަޅައިގަތެވެ. “މިސޮރު ޔަގީނުންވެސް އެއުޅެނީ އަހަރެމެންނާއި ސިއްރުން ކަމެއް ހިންގާލައިގެން..” އައިހަމްގެ ގާތަށް ހިނިއައެވެ.

އެދުވަހު ހަވީރު އެންމެން ބައްދަލު ކުރީ އިޒްކާންމެންގެ ގޭގައެވެ. އެމީހުން ގެއަށް ވަންއިރު އައިރީން އިނީ އިޒްކާންގެ ގާތުގައެވެ. ބެލްކަނީގައެވެ. ބެލްކަނި ފުރިފައިވަނީ ސިނގިރޭޓް ބުރިތަކުންނެވެ. ރަތްވެ ދުޅައަރާފައިވާ އިޒްކާންގެ ދެލޮލާއި މިލާފައިވާ އެ މޫނުމަތި ފެނިފައި ދެރަ ނުވާން ހުންނަ މީހާ ވެސް ދެރަ ވާނެއެވެ. އައިހަމަށް އިޒްކާން އާއި ދޭތެރޭ ހަމްދަރުދީ ވެވުނެވެ. އާހިލް އާއި ހޫރީންވެސް ދެރަ ވެފައި އިޒްކާން އާއި ދިމާލަށް ބަލަން ހުއްޓެވެ. ނީޝަލް ދިޔުމަށް ފަހު އިޒްކާން ވަނީ އަނެއްކާވެސް ސިނގިރޭޓްގެ އަޅަކަށް ވެފައެވެ. ނީޝަލްގެ ޚިޔާލުތަކާއި ދުރުވޭތޯ އިޒްކާން ޚިޔާރުކުރީ އެމަގެވެ.

އައިރީން އާއި އާހިލަށް އެ ނޯޓް ދެއްކުމުން އައިރީން ހިޔާންއަށް މައާފް ކުރިއެވެ. އާހިލް ރުޅިމޫނު ހެދިއެވެ. މައާފެއް ނުކުރާނަމޭ ބުނެފައެވެ. ހުދާ އާއި މައިހާ ސަލާމަތް ކުރި ރޭ އެމީހުންނަށް ވެފައިވާ ވަރު އަދިވެސް އާހިލްއަށް ސިފަވެއެވެ. ހިޔާންއަށް މައާފެއް ނުދޭނަމޭ ކިޔާ އާހިލް ބޮޑާހޭކިއެވެ. ކުޑަކުއްޖެއް ފަދައިންނެވެ.

*********

 

ނީޝަލް ދިޔަފަހުން އެ ދުވަސްވަރު ވެގެން ދިޔައީ ހުރިހާ އެންމެންނަށްވެސް ވަރަށް ހިތްދަތި ދުވަސް ކޮޅަކަށެވެ. އެ ހާދިސާއަށް އެއް އަހަރު ވެގެން ދިޔައީ ނުހަނު ހަލުވިކަމާއެކީގައެވެ. އައިރީން އާއި އާހިލް އޯލެވެލް ނިންމައިފިއެވެ. ނިކަން ހިތްވަރުކޮށްގެން އައިރީން ހޯދީ ރަނާ އާއި ލިޔާން ނުހަނު ފަޚުރުވެރި ކުރުވި ރަންވަނަތަކެކެވެ. ގަދަ އަޅާ މަސައްކަތް ކޮށްގެން އައިރީންގެ އެހީއާއި އެކީގައި އާހިލްވެސް އެންމެ ދެ މާއްދާ ފިޔަވާ އެހެން މާއްދާތަކުން ފާސްވިއެވެ. މިހާރު އާހިލްވެސް ވަނީ އޭނާގެ މައިންބަފައިން އެދޭފަދަ ކުއްޖަކަށް ވެފައެވެ. އެކަމުގެ މޭސްތިރިއަކީވެސް ހަމަ އައިރީންއެވެ. އެއީ އާހިލްގެ ހަޔާތަށް އައި ނޫރެކެވެ.

ފުލުހުންގެ އަތުނުވެ އެރޭ ރޫހާން ރާއްޖެއިން ބޭރަށް ފުރިގޮތަށް އެކަކަށް ވެސް ފެނިފައެއް ނުވެއެވެ. އޭނާ އުޅޭތަނެއް އެއްވެސް މީހަކަށް ނޭނގެއެވެ. ފުލުހުންނާއިވެސް ރޫހާން ހަވާލު ކުރެވޭނީ ވެސް އޭނަ ވީތަން އެނގިގެން ނޫންހެއްޔެވެ.؟ އެއްވެސް ފުލުހެއްގެ އަތު ނުޖެހި ރޫހާންވެސް އުޅުނެވެ. ފިލައިގެންނެވެ. ދުވަސްތައް ކުރިއަށްދިޔަ ވަރަކަށް އެންމެންވެސް ރޫހާންގެ މަތިން ހަނދާން ނެތެމުން ދިޔައެވެ. ރޫހާންވެސް ވަކި އެމީހުންގެ ގާތަށް ދާކަށް ނޫޅެއެވެ. ވީހާވެސް ނަހަމަ ގޮތަކަށް އަންހެން ކުދިންނާއި އެކީގައި އުޅެމުން ދިޔަ ނަމަވެސް އެހިތުން އަދިވެސް ނީޝަލް ސޫރަ ފިލައިގެންދާގޮތެއް ނުވެއެވެ. ގަދައަޅާ މަސައްކަތް ކުރިޔަސް ރޫހާންގެ ހިތުގައި ނީޝަލްގެ ނަން ލިޔެވިފައިވަނީ ފިލައިގެން ނުދާނެފަދަ ދެއްޔަކުންނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އެންމެންގެ ހިތުން އެ ހާދިސާ ފިލަން ފެށިއެވެ. ވަރަށް ގަދަޔަށް މަސައްކަތް ކޮށްގެން ހިޔާން އެންމެންގެ މައާފް ހޯދިއެވެ. އިޒްކާންގެ މައާފް ހިޔާންއަށް ލިބުނީ ވަރަށް ފަހުންނެވެ. އެދެމެދުގައި ކުރީގައިވެސް އޮތް ގުޅުން އިޔާދަވެގެން ދިޔައީ ހިޔާން ދާ އޮހޮރުވައިގެން ކުރި ބުރަ މަސައްކަތުންނާއި އިޒްކާންގެ ހިތްތިރިކަމުންނޭވެސް ބުނެވިދާނެއެވެ. ކުރީގެ އުޅުން ދޫކޮށްލާ އިސްލާހުވުމަށް ހިޔާންއަށް އެންމެ ބޮޑަށް އެހީތެރިކަން ދިނީ އައިހަމް އާއި އާހިލް ދެމީހުންނެވެ. ނީޝަލްއަށް ހިޔާންގެ ހިތުގައިވީ މަގާމަށް އެހެން ކުއްޖެއް އައީ ދެވަނަ ސެމެސްޓަރގެ ފަހުކޮޅުގައި އޮންލައިންކޮށް ދިމާވި ކުއްޖެއް ދެކެ ހިޔާންއަށް ލޯބިވެވުމުންނެވެ. ނަސީބު ދިމާކުރިގޮތުން އެއީ ހާފް ފްރެންޗް ހާފް މެލޭޝިއަން ކުއްޖެކެވެ. މީކާ އަބްރަހަމް އަކީ ހިޔާންގެ ހިތް އަތުލުމުގައި ކާމިޔާބު ކުރި އަންހެން ކުއްޖާއަށް ކިޔާ ނަމެވެ. ދެމީހުން ކޯލްގެ ޒަރިއްޔާއިން ވެސް ވާހަކަ ދައްކާ ސަމާސާ ކޮށް އުޅެއެވެ. ހިޔާން މީކާދެކެ ލޯބިވާ ފަދައިން މީކާވެސް ހިޔާންދެކެ ނުހަނު ބޮޑަށް ލޯބިވެއެވެ. މީކާ މުސްލިމް ކުއްޖަކަށް ވުމީވެސް ހިޔާންއަށް ލެއްވި ނަސީބެކެވެ. ތިންވަނަ ސެމެސްޓަރ ނިމުނު ދުވަހު ހިޔާން ހައިނާ އާއި އިކުވާން އާއި މީކާ އާއި ބައްދަލު ކުރުވީ ވީޑިޔޯ ކޯލަކުންނެވެ. ހިޔާން ކޮލެޖްގެ ތިންވަނަ ސެމެސްޓަރ ނިންމާލިގޮތަށް ފްރާންސަށް ފުރައިފިއެވެ. ގަދައަޅާ ބުރަކޮށް މަސައްކަތް ކޮއްގެން ހިޔާން ރަނގަޅު ނަތީޖާއެއް ހޯދިއެވެ. މީކާގެ ގާތަށް ހިޔާން ދިޔައީ އެ ރަނގަޅު ނަތީޖާ ހިފައިގެންނެވެ.

ހޫރީންއާއި އައިހަމްވެސް އެފަދައިން އުޅުނެވެ. ކޮލެޖް ނިންމާލިގޮތަށް ހޫރީން އަލާން ބުނިގޮތަށް ފުލުހުންނާއި ގުޅުނެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތުންނެވެ. އެޕްލިކޭޝަން ސްޓޭޖާއި އެޕްޓިޓިއުޑް ޓެސްޓާއި ފިޒިކަލް ފިޓްނެސް ޓެސްޓްތަކުގެ އިތުރުން ފުރިހަމަ ކުރަންޖެހޭ އެހެން ބައިތަކާއި އިތުރު ބައިތައް ވެސް ފުރިހަމަކޮށް ނިންމާފައި ހޫރީން ފުލުހުންނާއި ގުޅުމާއި ކާމިޔާބު ކުރިއެވެ. ދުވަސްތައް ވޭތުވަމުން ދިޔަވަރަކަށް ހޫރީން ދިޔައީ އެތައް ކޭހެއް ނިންމުމުގައި އެހީވަމުންނެވެ. އަދި ގިނިކަންޏާވެސް ހޫރީން ވަނީ އެތައް ކޭހެއް ނިންމުމުގައި ކާމިޔާބު ކޮށްފައެވެ. ހޫރީންއަކީ މިހާރު ރާއްޖޭގެތެރޭގައި ހުރި އެންމެ ވިދާ އެކަކެވެ. އުމުރުން އެހާ ކުޑައިރުވެސް އެހެން އެއްވެސް މީހަކަށް ނުނިންމުނު ކޭސްތަކެއް ހޫރީން ނިންމާލީމައެވެ. އައިހަމްވެސް ދެގޮތެއްނުވެ ހޫރީން އާއި އެކުގައިވިއެވެ.

ނުބައި މީހަކާއި ޖެހި ރަނގަޅު މީހާވެސް މަގުން ކައްސާލާ ނުބައިވާ ގޮތަށް، ރަނގަޅު މީހަކާއި ޖެހި ނުބައި މީހާވެސް އިސްލާހުވެ ރަނގަޅު ވާނެއެވެ. ފައިލަމްއަށްވެސް ވީ އެހެންނެވެ. ހިޔާން އާއި އާހިލް އާއި ޖެހި ފައިލަމްވެސް ސާލިހްވެ ރަނގަޅު ވެއްޖެއެވެ. ކުރިން ދުވަހެއްގައިވެސް ހުކުރު ނަމާދަށްތޯ ފަރުޟު ފަސް ނަމާދު ކުރަންވެސް ގިބުލައަށް ކުރިމަތިނުލި ކުއްޖާ މުޅިން ހެޔޮވެއްޖެއެވެ. ޕާޓޭއެއްހެން އުޅުނު ދުވަސް ވަރުގައި އޭނާ އެވަރުން ދިގު ކޮށްގެން ގެންގުޅުނު އެންމެ ލޯބިވާ އިސްތަށިގަނޑު ފައިލަމް ކޮށައިފިއެވެ. މިހާރު ‘ސަތޭކައެއްހާ އަންހެންދިން’ ފަހަތު ލައިގެން އުޅުނު ފައިލަމް ‘އެންމެ އަންހެން ކުއްޖެއް’ ފަހަތަށް ލައިގެން އުޅޭ ފައިލަމްއަކަށް ވެއްޖެއެވެ. ފަހު ސެމެސްޓަރގައި ފައިލަމްގެ ނަތީޖާތައް ކުރިއާއި ބަލާ ރަނގަޅުވީ ނަމަވެސް ފައިލަމަށް ޖެހުނީ އެ ސެމެސްޓަރ ރިޕީޓް ކުރާށެވެ. މިފަހަރު ނަތީޖާތައް ރަނގަޅުކުރަން ފައިލަމް ހުރީ ހިތްވަރު ކޮއްލައިގެންނެވެ. ޗުއްޓީ ދުވަސްވަރަކަށް ވާތީ ފައިލަމް ވީ ފަހުން އޭނާ އާއި ދިމާވި ރަނގަޅު އެކުވެރި ކުދިންތަކަކާއެކު ރިސޯޓެއްގައެވެ.

ޒީޝް އާއި މާޔަން ވެސް ނުހަނު ލޯބިން އުޅުނެވެ. ދެމީހުންވެސް ވަނީ އެންމެ އަވަހަށް އަންނަން އޮތް އަހަރު ރަނގަޅު ތާރީޚެއްގައި ކައިވެނި ކުރަން ނިންމާފައެވެ. ރައިހާންގެ ހަނދާންތައް ޒީޝްގެ ހިތުގައި އަދިވެސް ވެއެވެ. ރައިހާންގެ ފަރާތުން ލިބުނު ހިތާމައިން އަރައިގަންނަން ޒީޝްއަށް އެހީވީ ވެސް މާޔަންއެވެ. ޒީޝްވެސް މާޔަންދެކެ ވަނީ ފުން ލޯތްބެކެވެ.

އިޒްކާންގެ ހާލު އެހެންއެންމެންގެ ހާލަށްވުރެ ދެރައެވެ. ހިޔާންއަށް މައާފްދީ ރަނގަޅުވާން ހިތްވަރު ދިން ނަމަވެސް އިޒްކާންގެ އުޅުމަށް ބަދަލެއް ނާދެއެވެ. ކުރިން ދެވަނަ ސެމެސްޓަރ އިން ފަހު ސެމެސްޓަރއަށް ދިޔުމަށް ފުރުސަތު ލިބުނީވެސް ކިރިޔާއެވެ. ފަހު ސެމެސްޓަރ ޓެސްޓް ތަކުން ކިރިޔަ ކިރިޔާ ފާސްވިކަމެވެ. ހިޔާން އާއި ފައިލަމަށް ހެޔޮ މަގު ލިބުނަކަސް އިޒްކާން ވަނީ އަނެއްކާވެސް މަގުން ކައްސާލާފައެވެ. ސިނގިރޭޓާއި ރާ ވެގެން ދިޔައީ އޭނާގެ އެންމެ ގާތް އެކުވެރިންނަށެވެ. ކުރިން ބޭނުން ނުކުރާވަރަށް އިޒްކާންއަށް ރާ ބޮވެން ފެށިއެވެ. އިޒްކާންގެ ހާލު ދިޔައީ ދަށްވަމުންނެވެ. ހިޔާން އާއި ފައިލަމް އެކަން ހުއްޓުވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އިޒްކާން އެކަމަށް ވަނީ ދެވިހިފަން ފަށާފައެވެ. ނީޝަލްއަށް ގުޅަންވެސް ހޫރީން އިޒްކާން ކުރެން އެދުނެވެ. ވާހަކަ ދައްކައި ނީޝަލްދެކެ ލޯބިވާވަރު އަންގައިދޭން އެދުނެވެ. ނަމަވެސް އިޒްކާން ވަނީ އެއަށްވުރެވެސް ބޮޑަށް ހިތްމަރުވެފައެވެ.

ނީޝަލް ފްރާންސަށް ދިޔަފަހުން ޖެހުނީ ކޮލެޖާއި ވަކިވާށެވެ. މާޔާ އަތުވީ ހަބަރު ލިބުނަސް ރޫހާން އަދިވެސް އަތުނުލެވޭތީ އަވްލީން ނީޝަލް ބޭރަށް ދިޔުމުގެ ހުއްދައެއް ނުދިނެވެ. މާޔާ ރިޕޯޓް ކުރީ ރޫހާންކަން ވަނީ އަވްލީންއަށް ނޭނގިއެވެ. އަލުންބަލުން ރޫހާންގެ ފަރާތުން ނީޝަލްއަށް މުސީބާތެއް ކުރިމަތިކުރުވާފާނެތީ މިފަހަރު އަވްލީން އާއި ކައިޔަން ހުރީ ނީޝަލް ރައްކާތެރިކުރަން އަތުކުރި އޮޅާލައިގެންނެވެ. އަހަރުގެ މެދުތެރޭގައި ކައިޔަން ނެޒެލީ ފްރާންސަށް ގެނައުމުން ނީޝަލްއަށް ހިތްހަމަޖެހުމެއް ލިބުނެވެ. އެކަނިވެރިކަންވެސް ފިއްޔެވެ. އަލުން ނެޒެލީ ފެނުން ވެގެން ދިޔައީ ނީޝަލްގެ ހިތަށް ކޮޅުނެތް އުފާވެރިކަމެއް ގެނެސްދިންފަދަ ކަމަކަށެވެ. ދެ އެކުވެރިންގެ ފުރަތަމަ ބައްދަލުވުން ފެނުނު މީހެއްގެ ލޮލުން ކަރުނަ ގެނުވާނެއެވެ. ނެޒެލީ ރޮއިރޮއިފައި ނީޝަލް ކުރެން މާފަށް އެދުނެވެ. ނީޝަލް ރާއްޖެ ފޮނުވާލިފަހުން ނެޒެލީއަށް ވީގޮތް ނެޒެލީ ނީޝަލްއަށް ހާ އިން ޗަވިޔަންޏަށް ކިޔައިދިނެވެ. އެ ވާހަކަތައް އަޑުއަހަން ހުރި ނީޝަލްގެ ލޮލުންވެސް ކަރުނަ އޮހުނެވެ. ނެޒެލީއަށްޓަކައި ހިތާމަކުރިއެވެ. އެއީ އެކުވެރިކަމުގެ ލާމިސާލު މިސާލެކެވެ. ނީޝަލް އާއި ނެޒެލީގެ މެދުގައި އެވާ އެކުވެރިކަން ފަދަ އެކުވެރިކަމެއް ބޭނުން ނުވާނީ ކާކު ހެއްޔެވެ.؟

އިޝްހާ އާއި ނައިލްގެ ގުޅުންވެސް ދިޔައީ ކުރިއަށެވެ. ދެމީހުން ކިތަންމެ ދުރުގައި ހުއްޓަސް އެ ލޯބި އެއީ ބަދަލުވާނެ އެއްޗެއް ނޫނެވެ. ނައިލް ކޮންމެ ދުވަހަކު ބަރާބަރަށް އިޝްހާއަށް ގުޅާ ހަދައެވެ. ދެ މީހުން ގުޅައިގެން ސަކަރާތްޖަހާ ސަމާސާކޮށް އުޅެއެވެ. ފުރަތަމަ ލޯބި ކާމިޔާބެއް ނުވާނެއޭ ބައެއް މީހުން ބުނެއުޅެއެވެ. ނަމަވެސް އިރާދަކުރެއްވިއްޔާ އިޝްހާ އާއި ނައިލްއަށް އެހެންނެއް ނުވާނެއެވެ.

ދެމަހެއްހާ ދުވަސް ކޮށްފައި ކައިޔަން އާއި އަވްލީން ވާހަކަ ދެއްކިއެވެ. ނީޝަލް ބޭރަށް ނުކުތުމަށް ހުއްދަ ދިނުމާއި ބެހޭގޮތުންނެވެ. އެހާ ދުވަސްވީއިރުވެސް ރޫހާންގެ ހިލަމެއް ވެފައި ނުވާތީއެވެ. ވާހަކަ ދައްކާފައި އަވްލީން އާއި ކައިޔަން ބޭރަށް ދާން ނީޝަލްއަށް ހުއްދަ ދިނެވެ. ނެޒެލީ ހުސް ނަމަ ނެޒެލީ ވެސް ގޮވައިގެންނެވެ. ނެޒެލީގެ އެނބުރި އައުމުން އޭނާގެ މުސްކުޅި މައިންބަފައިންނަށް ލިބުނީ ޝޮކެކެވެ. އެމީލްވެސް ހުރީ ގަބޫލު ކުރަން ދަތިވެފައެވެ. ނެޒެލީމެންނަށް އެއީ ނިކަން އުފާވެރި ދުވަހެކެވެ. ބޭރަށް ދާން ހުއްދަ ލިބުމުން ނީޝަލް އުޅެމުން ގެންދިޔައީ އޭނާގެ ހަނދާންތައް ވަކިވުމުގެ ކުރިން އޭނާ ފްރާންސްގައި އުޅުނު އަންހެންކުއްޖާގެ ގޮތުގައެވެ. ރާއްޖެއަށް އައިއިރު ނީޝަލްއަށް ލިބިފައިވާ ބޮޑު ހިތްވެސް ފަނާވެ ދިޔަކަހަލައެވެ. ނީޝަލް އަނގައިން ބުނާނީވެސް ހިތަށް އެރިއްޔާއެވެ. ފެންނަ ކޮންމެ މީހަކަށްވެސް ނީޝަލް ބަލާލަނީ ދަށުދަރަޖައިގެ މީހަކަށް ބަލާ ފަދައިންނެވެ. އެ ކިބުރުވެރި ބޮޑާ ހިނިތުންވުން ތުންފަތް މަތިން ފޮހެވިގެންނެއް ނުދެއެވެ. އެރީތި އިސްތަށިގަނޑު ބުޅިކޮއްލާފައި ދެތިން އިސްތަށިކޮޅުގައި ކުލަ ޖައްސާލައިގެން ނީޝަލް އުޅުންއިރު އެކަކުވެސް އެއީ ކުރީގެ ނީޝަލްއެކޭ ނުބުނާނެއެވެ. ލާނީވެސް ފާޑުފާޑު ގެ ހެދުންތަކެވެ. ގަދަ ކުލަތަކުގެ ލިޕްސްޓިކްތައް ތުންފަތުގައި ހާކާލައިގެން ހުންނައިރު ހުންނާނީވެސް ވަރުނެތް ކޮޅަށް މޭކަޕްކޮއްފައެވެ.

ނީޝަލް ނެޒެލީއަށް ރާއްޖެ އައި ފަހުން ދިމާވި ކަންކަން ހިއްސާކުރިއެވެ. ނެޒެލީގެ ޚިޔާލަކަށް ވީ އިޒްކާން އާއި ވާހަކަ ދެއްކުމަށެވެ.

ނީޝަލްއަށް ފޯނެއް ލިބުމުން ހޫރީންމެން ނީޝަލްއަށް ކޯލްކޮށް ހެދިއެވެ. އެއިން އެއްވެސް ކޯލެއްގައި އިޒްކާން ފެންނަން ނުހުންނާތީ ނީޝަލްގެ ހިތަށް ތަދުވެއެވެ. އިޒްކާން މިހާރު އޭނަ ދެކެން ބޭނުން ނުވަނީހެއްޔެވެ.؟ ނީޝަލް އިޒްކާންގެ ވާހަކަ އަހަން އުޅޭއިރަށް ހޫރީން ވާހަކައިގެ މިސްރާބު ބަދަލު ކޮށްލައެވެ. އިޒްކާން ނީޝަލް އާއި ވާހަކަ ދައްކަން ބޭނުންވިޔަސް ނުދައްކާނެކަން އެނގޭތީއެވެ. އިޒްކާންގެ ހިތުން ނީޝަލް ބޭނުންވަނީ މައާފަށް އެދޭށެވެ. އިޒްކާން ހިތުން ނީޝަލް އޭނަ ދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވެއެވެ. ހޫރީންމެން މި ކުރަމުން ގެންދިޔަ ކަންކަމުން ނީޝަލް ހުންނަން މިޖެހެނީ ވާނުވާގައެވެ. ހޫރީންމެންނަށްވެސް ނީޝަލްއަށް އައިސްފައިވާ ބަދަލު ފެނުނެވެ. ވާހަކަ ދެއްކުމުގައި ހުންނަ ރާގާއި އަޅާލުން ކުޑަކަމާއި ފޮނިކަމުން އެމީހުންނަށް ވެސް އުނދަގޫވިއެވެ.

ކިތަންމެ ދެރަވެ އުންމީދު ކެނޑުނަސް ނީޝަލްގެ މަތިން އިޒްކާން ހަނދާން ނުކުރާ އެންމެ ދުވަހެއް ވެސް ނުދާނެއެވެ. އެހުރިހާ ކަމަކުން އިޒްކާންގެ ލޮލުން ކަރުނަ ނައިސް ދާ ދުވަހެއް މިހާރު ނުދެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބޭރުފުށުން ފޭކު ހިނިތުންވުމެއް ދައްކައިގެން ހުއްޓަކަސް ހަގީގަތުގައި އޭނާގެ ހިތުގައި އަޅާވޭން އެނގޭނީ ޚުދު އޭނާއަށެވެ. ނީޝަލް އެހިތުން ފުހެލަން ބޭނުންވިޔަސް އެކަމަކީ އިޒްކާންއަށް ވާނެ ކަމެއް ނޫނެވެ. އެ ރީތި ސޫރަ ހުވަފެނުން ނުފެންނަ ރެއެއް މަދެވެ. ނީޝަލް ކިތަންމެ ދުރެއްގައި ހުއްޓަސް އިޒްކާން ނީޝަލް ދެކެ އަދިވެސް ވަނީ ފުރިހަމަ ލޯތްބެވެ. އެއަށް އެއްވެސް ބަދަލެއް ނައިސް ތާޒާކަންމަތީ ހުއްޓެވެ.

މިޒާޖަށް ބޮޑު ބަދަލެއް އައިނަމަވެސް ނީޝަލްގެ ހިތުގައިވެސް ވަނީ އިޒްކާންގެ ނަމެވެ. އިޒްކާންއަށް ގުޅާފައި ވާހަކަ ދައްކަން ހިތް ރުޔަސް ހުރެވެނީ އިޒްކާން އިސް ނަގާތޯއެވެ. ވާލޯބި ހާމަކޮށްދޭތޯއެވެ. ފްރާންސް ގައި އުޅޭ ބައެއް ފިރިހެން ކުދިން ކިތަންމެ ގުޅެން އުޅުނަސް ފުރުސަތެއް ނުދީ ނީޝަލް އުޅެނީވެސް އިޒްކާން ދެކެ ވާލޯބިންނެވެ. ގުޅަން ފޯނުގައި އަތްޖައްސާލާފައިވެސް ދުރުކޮށްލެވެނީ ސިކުނޑިއަށް ތޮއްޖެހޭ ޚިޔާލުތަކާއި ހެއްޖެވެ. އިޒްކާން އޭނަ މަތިން ހަނދާންވާނަމަ އޭނާ އާއި ވާހަކަ ދެއްކީހެވެ. އެދުވަހު އޭނާއަށް ނޭދެވުނު މާފަށް އެދެން ފުރުސަތު ދިނީހެވެ. މައްސަލައަކީ އެންމެ މައްސަލައެކެވެ. ދެމީހުންކުރެ އެކަކުވެސް އިސް ނަގަން ބޭނުން ނުވުމެވެ. އެންމެ ލޯބިވަނީ ކާކުތޯ ބަލަން ތޯއްޗެކެވެ.

 

*********

 

ބްރޭކަށް ޒިވީން އާއި އަލާންގެ އިތުރުން ޒާއިން އާއި އައިން ވެސް ފްރާންސަށް އައެވެ. ޒިވީން އާއި އަލާން އައީ ޒުކާން ވެސް ގޮވައިގެންނެވެ. އައިންއަށް ލިބުނީ އަންހެން ކުއްޖެކެވެ. އަހަރެއް ވާން ކައިރިވެފައިވާ ޒޭނާ އަކީ ފެންނަ ކޮންމެ މީހެއްގެ ހިތް ލޯބިން ބަންޑުން ކޮށްލާނެހާ ލޯބި ފުށްގަނޑެކެވެ. ޒުކާންވެސް ޒޭނާއަށް ހުންނަނީ އާދަޔާހިލާފް ވަރެކެވެ. މީހަކު އެ ތުއްތުކުއްޖާގެ ގައިގައި އިނގިލިކުރި ވެސް ޖައްސާލިޔަކަ ނުދޭނެއެވެ.

ފްރާންސަށް ރޭގަނޑުގެ ވަގުތެވެ. ނީޝަލް ނެޒެލީގެ އިތުރުން އެމީހުންގެ އެންމެ ގާތް އެކުވެރިންގެ ބައިގަނޑެއް ކޮޓަރިތެރެ ފަޅުފިލުވާލާފައިވެއެވެ. ނެޒެލީ އާއި ކޯރޓްނީ ފިޔަވާ އެންމެން ގެއަށް ދާން ނުކުތުމުން ނީޝަލް ކޯރޓްނީ އާއި ނެޒެލީ އާއި އެކީ އަނގަތަޅާލަން މަޑުކޮއްލާފައި ކޯރޓްނީ ގެއަށްދާން ނުކުތުމުން ނިދަންލާން ގެންގުޅޭ ޓީޝާޓާއި ސޯޓު ހިފައިގެން ފާޚާނާއަށް ވަނެވެ.

“ހެޕީ އާރލީ ބާރތް ޑޭ..!!!” މޫނު ދޮވެ ދަތް އުނގުޅާ ހަދާލައިގެން ނިދަން އޮށޯންނަން ފާޚާނާ އިން ނުކުތްތަނާހެން އެންމެންއެކީ ހަޅޭއްލަވައިގަތެވެ. “އަދި ގަޑިން އެވީ އެގާރަގަޑި ފަންސާސް ނުވައެއް…” ގަޑިއަށް ބަލާލާފައި ފަރުވާ ކުޑަ ގޮތަކަށް ނީޝަލް ނިޔަފަތިތަކުގައި ނެއިލް ޕޮލިޝް ޖައްސަން ފަށައިފިއެވެ. ފްރާންސް ސަގާފަތާއި ކޮންމެވެސް ވަރަކަށް އެއްގޮތްވާނެ ގޮތަށް އުޅެމުން އުފަންދުވަހުގެ ކުރިން އާރލީ ބާރތްޑޭ ބުނުމަކީ ކައިޔަންމެންނަށް އާދަވެފައިވާ ކަމެކެވެ. އަލާން ފާޑަކަށް އެއްބުމަ ހިއްލާލާފައި ފުއްޕާހަމެއް ހިފައިގެން ހުރި ޒާއިންގެ މޫނަށް ބަލާލިއެވެ. ޒާއިންވެސް ހުރީ ޒާތަކަށް އަނގަ ހަދައިގެންނެވެ. ނީޝަލްގެ މިހުންނަ ފަރުވާ ކުޑަ އަދި ފޫހި ރާގުން އުނދަގޫ ވެފައިވަނީ އާއިލާއަށް އެކަންޏެއް ނޫނެވެ. ނީޝަލް ވަށައިގެން އުޅޭ އެންމެންނަށެވެ.

ގޭތެރޭގައިވާ ގަޑިން ބާރަޖެހި އަޑު އަހާފައި އެންމެން އެކީ އަނެއްކާވެސް ނީޝަލްއަށް އާރލީ ބާރތްޑޭގެ ތަހުނިޔާ ކިއެވެ. “ފައިނަލީ… އޭޕްރިލް ބާރަ.. އޭޕްރިލް ތޭރަ ދެހާސް އެކާވީސް އަންނަން އެންމެ ސައުވީސް ގަޑިއިރު..” ނީޝަލް ކަލަންޑަރުގައި އެދުވަސް ފާހަގަކޮއްލިއެވެ. “ލެޓްސް ހޭވް އެ ޕާރޓީ… ލެޓްސް ސޭ… ޓުނައިޓް..؟ ސޭ ސަމްތިން ނީޝް…” ޒާއިން ބުނެލިއެވެ. ކައިޔަން ހުރީ ޒޭނާ އުރާލައިގެންނެވެ. އެކުއްޖާފުޅުގެ ބޮލުގައި ޕާރޓީ ހެޓެއް އަޅުވާފައި ވާތީ ޖަހަނީ ލޯބި ވައްތަރެކެވެ. “ރާއްޖޭގައި ތިބި މީހުން އާދޭތަ..؟” ފަރުވާ ކުޑަ ރާގަކަށް ނީޝަލް އެހެން އެހި ނަމަވެސް އެއީ ވަރަށް ސީރިއަސްކޮށް ކުރާ ސުވާލެކެވެ.

”އާނ އަންނާނެ.. ރަނާދައްތަ މެންނާއި ހައިނާދައްތަމެން..” އަވްލީން ބުނެލިއެވެ. ބުނެލިއެވެ. “މެން..؟ އޭގެ މާނަ އަކީ..؟ އެއީ ކޮން ބަޔެއް..؟” ނީޝަލް އަހާލީ ގަސްތުގައެވެ. “ހިޔާން.. ހޫރީން.. އައިރީން.. އަދި އިޒްކާން.. އައިރީންމެންގެ އެކުވެރިންކޮޅެއްވެސް އެބައާދޭ ކަންނޭނގޭ.. ކޮންމެވެސް ޓުވިންސްއަކާއި އާހިލް ކިޔާ ކުއްޖެއް..” ކައިޔަން އިޒްކާންގެ ނަން ކިޔާލުމުން ނީޝަލްގެ ބޮލުން ފެށިގެން ފަޔަށް ފިނިވެގެން ދިޔައެވެ. “އޯކޭ.. ނީޝް ތައްޔާރުވާނަން އިނގޭ..” ނީޝަލް ބުނެލިއެވެ. “އެންމެ ރަނގަޅު.. ޒާންބޭ.. ޕާރޓީ ބާއްވާނީ މިރެއެއް ނޫން.. މާދަމާ.. ދެން ނިދާލާ އިނގޭ…” ޒީޝް ނީޝަލްގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. “ތެންކިއު ސޯ މަޗް ގައިޒް..” ހިނިތުންވެފައި ނީޝަލްއަށް އެހެން ބުނެވުނީ ޚިޔާލެއްގައި ހުރެއެވެ. ނީޝަލްއަށް ހީނލާފައި ޒިވީން ބާކީ ތިބި މީހުންނާއެކީގައި ބޭރަށް ނުކުތެވެ.

“ތި އެންމެންނަށް ފާހަގަވީތަ..؟ ކައި..؟ އެލަން..؟ ޒިވީ..؟ އައިން..؟ ޒާއިން..؟ ޒީޝް..؟” އަވްލީން އަހާލިއެވެ. ވަކިވަކިން ކޮންމެ މީހެއްގެ ނަން ކިޔާފައެވެ. ”އާނ.. ފަހު ޖުމްލަ ބުނެ ޝުކުރުއަދާކޮށްލި އިރުގައި ހީވަނީ އެއްއަހަރު ކުރީގެ ނީޝީހެން.. މިބުނީ ރާއްޖޭގައި އުޅުނު ސްވީޓީ ޕައި ނީޝްގެ ވާހަކަ.. ނޮޓް ދަ އަމްމް.. ފޮނިކޮށް ވާހަކަ ދައްކާ އުޅޭ ނީޝް…” ޒީޝް ބުނެލިއެވެ. “ކިހިނެތްބާ އެވީ..؟” ޒިވީން އެއްސެވެ. އެރޭ އެންމެންވެސް ފާއިތުކުރީ ނީޝަލްއަށް މިއައި ބަދަލާއި ދޭތެރޭ ވިސްނަމުންނެވެ.

ހެނދުނު ހޭލައިގެން ޓީވީދޮށުގައި ނީޝަލް އިނީ ކުރާނެ އެހެން ކަމެއް ނެތުމުންނެވެ. ޗިޕްސްތަށިން ޗިޕްސްއަކަށް ފަހު ޗިޕްސްއެއް ކަމުން ނީޝަލްއަށް ބަލަމުން ދިޔަ ފިލްމާއި ދޭތެރޭ ވިސްނާލެވުނެވެ. އޭގައި އުޅޭ ބަތަލާ އާއި ބަތަލުގެ މެދުގައި މައްސަލައެއް ޖެހުމުން އެދެމީހުންވެސް މަޑު ކުރަނީ އިސް ނަގާނެ މީހަކަށެވެ. އެންމެފަހުން އިސްނެގީ ބަތަލާއެވެ. އެކަމާއި ދޭތެރޭ ވިސްނަން އިން ނީޝަލް ސިއްސައިގެން ދިޔައީ ޒީޝް ގޮވާލި އަޑަށެވެ. އާދައިގެ މަތިން ޓެން އުނގަށް ލައިގެން ޒީޝް ހުރީ ވެނީލާ އައިސްކްރީމް އިން ދެކޯ ފުރާލައިގެންނެވެ. ”ކީކޭ އިޒްކާން..؟” ޚިޔާލީ ދުނިޔެއެއް ގައި ހުރެ ނީޝަލްއަށް އެހުނެވެ. ޒީޝް ކާން އިން އައިސްކްރީމްތަށި ވެއްޓުނެވެ. އަނގައިގައި ވާހާ ވެނީލާ އައިސްކްރީމްތަކެއް ޓެންގެ ގަޔަށް ވެރުނެވެ. ނީޝަލް އަވަހަށް އަނގަމަތީގައި އަތް އަޅާފައި ދެ ފަރާތް ބަލާލީ އެ އަޑުއިވޭ ހިސާބުގައި އިތުރު އެހެން މީހަކު ހުރިތޯއެވެ. ޓެން ނަގާ މޭޒުމަތީގައި ބައިންދާފައި ޒީޝް ވަގުތުން ދުވެފައި އައެވެ. އަހަރެން ވީއިރުވެސް ނީޝަލް އިޒްކާންގެ ނަން މީހަކަށް އިވޭވަރަށް ބުނީ ދެންމެ އެކަންޏެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ބަދު ނަސީބުގެ ހިޔަނި އެޅުމުން (37)

Next

ލޯބިވެވުމުން 6

Next
June 29, 2021

ލޯބިވެވުމުން 6

Previews
June 28, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (37)

2 Comments!

  1. Rooya Xek says:
    June 29, 2021 at 12:28 pm

    Wowww .. haada gada ey my friend ehge birthday aa thi dimaa kohly ?? salhi mi baivex ?? dhn neesh aa izkan avahah gulhunyma hama baraabar vaane ?? n waiting curiously for the next ❤️❤️ lv u tc ??????

  2. H gurl says:
    June 29, 2021 at 1:03 pm

    Yooon varah reethi mi part vs…and keep it up…
    When next part…

Comments are closed.

Next Episodeއެކުއްޖާ 2 – 42←


All Right Reserved!