ވަކިވެދިޔަޔަސް…(5)
ކިޔުންތެރިންގެ ސަމާލުކަމަށް: !މިވާހަކައަކީ ތަފާތު ކުށްތަކުގެ ވާހަކަ ދެކެވި، އެކަންކަން ހިމެނިގެންދާނެ ވާހަކައެއްކަމުން، މިވާހަކައިގެ މިހިސާބުން 16އަހަރުން ދަށުގެ ކުދިންނާ ނުގުނޭ ކަންކަން ހުރެދާނެކަން ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ބުނަމެވެ!
————————————————————————
މަފާޒް އަތުވެއްޖެއްޔާ އަވަހަށް ކޮޓަރިއަށް ދެވޭތޯ ރޫޔާ ބަލާނެއެވެ. ނަމަވެސް މިއަދު އަނޫފް އެބައިނެވެ. ފިރިހެން ކުއްޖެއް އޭނާގެ ކޮޓަރިއަށް ވައްދާ އެކަހެރިވެ ގަތުމަކީ އެއްގޮތަކަށްވެސް އޭނާ ބޭނުންވާ ކަމެއްނޫނެވެ. ކިތަންމެ އިތުބާރެއް ކުރިޔަސް ލޯތްބެއް ވިޔަސް އެހެން ވިސްނުމަކަށް ވިސްނުން އަނބުރާލެވޭނެ ކަމަކަށް އޭނާ ފުރުސަތެއް ނުދޭނެއެވެ. އަނޫފް ދުވަހަކުވެސް އެކަހަލަ ކަމަކަށް ނޭދޭތީ އޭނާ އުފާވެއެވެ. އެގެއަށް އަޔަސް ދެމީހުން ވާހަކަ ދައްކަންވެސް އަބަދުވެސް ތިބެނީ ސިޓިންރޫމުގައެވެ. އެއީ ރައުފްވެސް ބޭނުންވާނެ ގޮތްކަން ރޫޔާއަށް އިނގެއެވެ. މިއަދު އޭނާ ބޭނުންވީ އަނޫފް ގޮވައިން ވިޔަސް އެތަނުންދާށެވެ. އެހެންނަމަވެސް އޭނާ ދިޔައީ ޖެހިގެން ފެންނަންހުރި ކާގެއަށެވެ. ޓީވީ ނިވާލާފައި މަފާޒްއާއި ރައުފްއަށް ސިޓިންރޫމް ހުސްކޮށްދީފައެވެ. ރޫޔާ ފިނިއެއްޗެއް ތައްޔާރުކުރަން ދިޔުމުން އަނޫފް އިށީނީ ކާމޭޒުދޮށުގައެވެ. ލޮލުގެ އެއްކަނުން މަފާޒަށް ބަލާލީ ވިސްނުމެއްގައި އިނދެއެވެ.
*************************************
ވަޤުތު ހަމަވާން ކައިރިވާތީ އެހެން އިރަކުން ކުރިޔަށް ގެންދާނީ ކަމަށް ބުނެ އާކާލް އަނޫފްގެ ވާހަކަ މެދުކަނޑާލިއެވެ. އޭނާ ފައިލްތަކާއި ރިޕޯރޓްތައް ބެލި އިރު ފާހަގަވީ ބައެއްކަންކަމާ ބެހޭގޮތުން އަނޫފްއާ ސުވާލުކުރިއެވެ. މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނެ ދުވަސް ގާތްވަނީއެވެ. ކޯޓަށް ހާޒިރުވުމުގެ ސިޓީ ފޮނުވާފައިވާއިރު އާކާލްގެ ހިތް ނުތަނަވަސްވެސް ވެފައިވެއެވެ.
” ރޫޔާގެ އޮޓޮޕްސީގަވަނީ އަދި ޕޮލިސް ރިޕޯރޓުގަވެސް ވަނީ ވަޅިއެއްގެ ވާހަކަ. ހަމަލާ ދީފަވަނީ ވަޅިއަކުންނޭ. އަނޫފް އެވަޅީގަ އަތްލީންތަ؟” އާކާލް ސުވާލުކުރިއެވެ. “އަތްލެވިފަ އޮވެދާނެ..އެކަމު އަހަރެން ރޫޔާ މަރައެއް ނުލަން.” “މާނައަކީ؟؟” އާކާލް ސާފުކޮށް ދިނުމަށް އެދުނެވެ. “އަތްލެވިފައި އޮވެދާނޭ..އަހަ..އަހަރެން ރޫޔާ …ރޫޔާ އަހަރެންގެ އަތުތެރެއަށް ލީއިރު އަހަރެންނަށް ވާނުވާވެސް ނޭނގޭ..އެގަޑީގަ އަތްވެސް ލެވިދާނެ..” ޙަޤީޤަތުގައި ވީކަމެއް ނޭނގޭތީ އާކާލްއަށް އަނޫފް އެބުނި އެއްޗެއް އެއްކޮން ފަހުމެއް ނުވިއެވެ. މާދަން އެކަމާބެހޭ އިތުރު ސުވާލުކުރާނީއޭ ހިތަށް އެރިއެވެ. ވީކަމުގެ ޙަޤީޤަތް އަނޫފްގެ ‘ސައިޑް އޮފް ދަ ސްޓޯރީ’ މާދަން އެއްކޮން ކިޔައިދޭން ބުނާނީއެވެ. “އެވަޅި އޮންނަންޖެހޭނެ އެންނު. ކީއްވެދެން ޕޮލިސް ރިޕޯރޓްގަ ބުނަނީ ސީން އިން ނުފެނެއޭ. ކޮންމެވެސް މީހެއް ނެގީމަ ދޯ ނޯންނާނީ. އަހަރެމެންނަނށް މީތި ޔޫޒް ކުރެވޭނެ އހަރެމެން ކޮޅަށް އިފް އިޓް ކަމްސް އަޕް. އައި ވިލް ފައިންޑް އަ ވޭ. އަހަރެން މިއަދު ސީންއަށްވެސް ދާނަން. އަނޫފް އެހެން މީހަކާ ވާހަކަތައް ހިއްސާނުކުރާތި. އަނޫފްގެ ގެ ބަލާ ފާސްކުރާއިރު ނުފެނުނިއްޔާ އަހަރެމެންނަށް ވަޤުތުކޮޅެއް ލިބޭނެ އިތުރަށް ކަންކަން ހޯދަން. ހަނދާންކުރާތި އެއްވެސް މީހަކާ ހިއްސާނުކުރާތި.” އަނޫފް ބޯޖަހާލިއެވެ. ވަޤުތު ހަމަވުމުން އަނޫފް އެތެރެއަށް ގެންދިޔައެވެ. އާކާލް ފައިލްތައް އެއްކޮށްލަމުން ދަބަސް ކޮނޑުގައި އަޅުވާލައިފައި ބޭރަށް ނިކުންނަން ހިނގައިގަތެވެ.
ދޮރުންވަންނަން އައި މަފާޒްގެ ގައިގައި ޖެހި އާކާލްގެ އަތުގައިހުރި ފައިލްތައް ވެއްޓުނެވެ. މަޢާފަށް އެދެމުން އާކާލް ފައިލްތައް ނަގަން ތިރިވިއެވެ. މަފާޒްވެސް މަޢާފަށް އެދެމުން އެހީވިއެވެ. ތެދުވެ އިސްއުފުލާލި އާކާލްގެ މޫނު ފެނުމާއެކު މަފާޒަށް ސިހުންލިބުނެވެ. ދެލޯ ކުޑަކޮށް ބޮޑުވެގެން ދިޔައެވެ. އާކާލްއަށް އެކަންފާހަގަ ކުރެވުނެވެ.
“ސޮރީ” އާކާލް މަފާޒްގެ ޔުނިފޯރމްގައި އިން ނަމަށް ބަލާލިއެވެ. މިއީ ހަމަ އެމަފާޒްބާއެވެ؟ “މައި ބޭޑް” ހަމަޖެހޭގޮތް މޫނުމަތިން ދައްކަމުން މަފާޒް ގަދަކަމުން ހީލިއެވެ. އާކާލްގެ އަތުގައި އޮތް ފައިލްގައި ރޫޔާގެ ކޭސްގެ މަޢުލޫމާތު ހުރި ބައެއް ތަކެތި ހުރުމުން މަފާޒްގެ ބޮލުގައި ސުވާލު މާކު ޖެހިގެން ދިޔައެވެ. މި އަންހެން ކުއްޖާއަކީ ކާކު ހެއްޔެވެ؟ އޭނާ ރޫޔާއާ އެހާ ވައްތަރީ ކީއްވެ ހެއްޔެވެ؟ މިއީ އޭނާއަށް ދުނިޔެ ދައްކާ ދަޅައެއް ހެއްޔެވެ؟ އޭނާއަށް ހީވާ ހީވުމެއް ހެއްޔެވެ. “މަފާޒް” މަފާޒް އޭނާގެ ނަން ބުނަމުން ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ. އޭނާގެ ބޭނުމަކީ މިއަންހެންކުއްޖާއާ ބެހޭ މަޢުލޫމާތު ހޯދުމެވެ. “އާކާލް” އާކާލް އެ އަތުގައި ހިފާ ސަލާމްކޮށްލިއެވެ. އާކާލްއަކީ ޤާނޫނީ ވަކީލެއްކަން ގައިމޭ މަފާޒްގެ ހިތަށް އެރިއެވެ. އެހެންނޫންނަމަ ކޭސްއާ ބެހޭ އެފަދަ މަޢުލޫމާތުތަކެއް ނުލިބޭނެއެވެ. ” މިތަނުގައި ކޮންކަމެއް؟؟” މަފާޒްއަށް އެނގިފައި އޮތް ގޮތުގައި ރޫޔާގެ ކޭސް ދަޢުލަތުގެ ކޮޅުން ހަވާލުކުރެވުނީ ނޫރާއާއެވެ. އެކަން މަފާޒް ކަށަވަރު ކުރިއެވެ. ވީއިރު އާކާލް މިތާ މިހުރީ ކީއްވެހެއްޔެވެ؟ “ކްލައިންޓްއާ ބައްދަލުކޮށްލަން އައިސް. ސޮރީ ލަސްވެގެން މިއުޅެނީ މިވަގުތު ދަނީ އިނގޭތޯ.” އާކާލް އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ދިޔައެވެ. ކްލައިންޓާ ބައްދަލުކުރަން އައިސްއޭ އާކާލް ބުނުމުން އޭނާގެ ސުވާލު މާކުތައް އިތުރުވިއެވެ. އާކާލްގެ ކްލައިންޓަކީ އަނޫފް ހެއްޔެވެ؟ ރޫޔާއާ އެހާ ވައްތަރީ އާއިލާ ވީމަ ހެއްޔެވެ؟ ނޫނީ މިއީ ތަޤްދީރު ކުޅޭ ކުޅިގަނޑެއް ހެއްޔެވެ؟ އާއިލާ ނަމަ މަފާޒަށް އެކަން އެނގިފަ ނެތީ ކީއްވެހެއްޔެވެ؟ ރައުފްވެސް އެވާހަކަ ނުބުނެ އޮތީ ކީއްވެ ހެއްޔެވެ؟ އާކާލް މީ ކާކު ހެއްޔެވެ؟ ކާކުކަން އޭނާ ހޯދާނެއެވެ.
އާކާލް ގެއަށް އައީ ސީންއަށް ދިޔުމުގެ ކުރިން ވިސްނާލާ ކަންތައްތައް ރާވާލާށެވެ. އަނޫފްއަށް ވަޅި ފެނިފައިވާކަން ކަށަވަރެވެ. އެކަމަކު ސީންގައި އެވަޅި ނެތުމުން ކޮންމެވެސް މީހަކު އެވަޅި ނަގައިފި ކަންވެސް ކަށަވަރެވެ. އޮޓޮޕްސީ ރިޕޯރޓުގައި ވަޅިއަކުން ހަމަލާ ދީފައިވާ ކަމަށް ވާއިރު، ޕޮލިސް ރިޕޯރޓްގައި ވަޅިއެއް އެތަނުގައި އޮތްވާހަކަ ނެތީ ކީއްވެ ހެއްޔެވެ؟ މިކަމުގައި ކޮންމެވެސް ނުބައެއް އެބަ އުޅެއެވެ. އަނެއްކާ އެކަން ކުރީ ހަމަ އަނޫފް ބާއެވެ؟ އާކާލް ބޯ ހޫރުވާލިއެވެ. އަނޫފަށް އޭނާ އިތުބާރު ކުރާކަން އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. ނަމަވެސް ކަންކަން މިހާރު މިހުރި ގޮތުން އެމީހުންނަށް ފައިދާއަކަށްވެސް ވެދާނެއެވެ. އަނެއްކޮޅުން ގެއްލުމަކަށްވެސް ވެދާނެއެވެ. މިއީ އަނޫފް ކުރި ކަމެއް ނޫންނަމަ އަނޫފްގެ އެޕާރޓްމެންޓްބަލާ ފާސްކުރާއިރު ނުވަތަ އޭގެ ފަހުންވެސް އެވަޅި ޕްލާންޓްކޮށް އަނޫފްއާ ދެކޮޅަށް ހުރި ހެކިތައް ވަރުގަދަކުރަން މަސައްކަތް ކޮށްފާނެއެވެ. އޭނާގެ ދައްތަ ރޭޕްކުރެވިފައިވަނީ ކީއްވެހެއްޔެވެ؟ އޭގެން އެކަން ކުރީ ކޮން ފިހިރެނެއްކަން އިނގޭނެ ހެއްކެއް ނެތީ ހެއްޔެވެ؟
މާފަންނު ސަހަރާ ކައިރީގައި އޮތް ރޫޔާގެ މަރުގެ ކްރައިމް ސީންއަށް ދާން ދިޔަ އާކާލް މިސްރާބު ބަދަލުކޮށްލިއެވެ. އޭނާ ބޭނުންވީ ފުރަތަމަ އަނޫފްގެ އެޕާރޓްމެންޓްއަށް ދާށެވެ.
“އައްސަލާމްޢަލައިކުމް…އަނޫފްގެ މަންމަތޯ؟” ބެލްޖަހާލުމުން ދޮރު ހުޅުވާލި ހަސީނާއާ އާކާލް ސުވާލުކޮށްލިއެވެ. ހަސީނާ ހުރީ އާކާލްގެ ފަޔަށް ބަލަހައްޓައިގެން އިސްޖަހައިގެންނެވެ. “އާދެ…ލައްބަ. އަހަރެން ދަރިފުޅާ ބެހޭގޮތުން އެއްވެސް ނޫހަކަށް މަޢުލޫމާތެއް ނުދޭނަން. މިތަނުން ދޭ. ދެން އައިސްފިއްޔާ މައްސަލަ ކަމާބެހޭ ފަރާތްތަކަށް އަންގާނަން.” ހަސީނާ ލައްޕަން އުޅުނު ދޮރުގައި އާކާލް ހިފެހެއްޓިއެވެ. ” މަޢާފްކުރައްވާ އެކަމަކު އަޅުގަނޑުމީ ރިޕޯރޓަރެއް ނޫން. އަޅުގަނޑުމީ އަނޫފްގެ ލޯޔަރ.” ” އެމީހުން ހަމަޖައްސާ މީހަކަށް އަހަރެން އިތުބާރެއް ނުކުރާނަން.” ހަސީނާ ގަދަދައްކާލިއެވެ. “އަޅުގަނޑު އަމިއްލައަށް އަނޫފްގެ ކޭސް ނަގަން އިސްވެގަތީ.” ހަސީނާ އިސް އުފުލާ ބަލާލުމާއެކު ދެލޯ ބޮޑުވެގެން ދިޔައެވެ. “ރޫ…ރޫޔާ….ކިހިނެއް!” އާކާލްއަށް އެއްޗެއް ބުނާނެ ފުރުސަތެއްވެސް ނުދީ ހަސީނާ އޭނާގެ ގައިގާ ބައްދައިގަތެވެ. “ރޫޔާއެއް ނޫން އާކާލް… ރޫޔާއަކީ އަޅުގަނޑުގެ އެއްމާބަނޑު ދައްތަ.” ހަސީނާއަށް ސިހުންލިބުނެވެ.
އާކާލް އޭނާއާއި ރޫޔާއާ ބެހޭ ވާހަކަތައް ކިޔައިދިނެވެ. ހަސީނާ ހަމަޔަކަށް އެޅެން ވަޤުތުކޮޅެއް ނެގިއެވެ. އާކާލް ބޭނުންވީ ހަސީނާގެ ފަރާތުންވެސް ބައެއް މަޢުލޫމާތު ލިބޭތޯ މަސައްކަތް ކުރާށެވެ. “މިގެ ބަލާ ފާސްކުރިއިރު އެމީހުންނަށް އެއްވެސް އެއްޗެއް ފެނުންތަ؟” “ނުފެނޭ. އަހަރެންގެ ދަރިފުޅު ސަލާމަތްކޮށްދީ.” ހަސީނާ އާދޭސްކުރަންފެށިއެވެ. “ދައްތާ. އަޅުގަނޑު މަސައްކަތް މިކުރަނީ އަނޫފް ސަލާމަތްކޮށްދޭން. އަޅުގަނޑެއްވެސް ޤަބޫލެއް ނުކުރަން އަނޫފް އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް. އަނޫފް ސަލާމަތް ކުރުމަށް ދައްތަގެ އެއްބާރުލުންވެސް ވަރަށް ބޭނުން. ކިތަންމެ ކުޑަ ކަމެއް ނަމަވެސް މަޢުލޫމާތެއް ނަމަވެސް މިވަގުތު ވަރަށް ބޭނުންތެރި. ވަރަށް މުހިއްމު ތެދަށް ކިޔައިދިނުންވެސް.” އާކާލް ހަސީނާ ހަމަޖައްސައިދެވޭތޯ މަސައްކަތް ކުރިއެވެ. “ރޫޔާއާ އަނޫފްގެ ގުޅުމާމެދު ދައްތަ ދެކުނީ ކިހިނެއް؟”
“ރޫޔާއަކީ ހިތްހެޔޮ ކުއްޖެއް. މަޖާކުއްޖެއް. އަހަރެންނަށް ވަރަށް ކަމުދޭ ރޫޔާ. އަހަރެން ވަރަށް ޤަބޫލުވީ އެގުޅުމަށް. އަހަންނަށް އިނގޭ އިނގުމުންނާ އަނޫފްގެ ޥާހަކަތައް ހުރިގޮތުންވެސް ހީވޭ އޭރު ރޫޔާގެ ބައްޕަ އެހާ ހިތްހަމަ ނުޖެހޭހެން. އެކަމާ ބެހޭގޮތުން އެހާ ބޮޑަކަށް އަނޫފް ނުކިޔައިދޭ. އެކަމަކު ދެމީހުން އިންނަން ވިއްޔަ އުޅުނީ އަހަރެން ބުނިން އަހަރެން ވަރަށް ޤަބޫލޭ.” “އިންނަންށޭ؟؟” އާކާލް ޔަޤީންކުރަން ބޭނުންވިއެވެ. “އާނ… ކޯޓަށް ފޮނުވަން ހުރި ފޯރމުތައްވެސް ހުރި. އެބަ ގެނެސްދެން ހުރޭ. ފުރަންވެސް ފަށާފައިހުރީ. އަހަރެން އޭއްޗެހި ރައްކާ ކުރިން. ހީވާހީވުމުގަ ރައުފް ވަލީ ނުދީގެން އުޅުނީ.”
އަނޫފްގެ އެޕާރޓްމެންޓްއިން ނުކުމެގެންއައި އާކާލް ވަނީ ހާސްވެފައެވެ. ކައިވެނި ފޯރމްތަކަކީ އަނޫފްއާ އެއްކޮޅަށް އެހީވާނެ ހެކިތަކަކަށް ވެދާނެއެވެ. އަނޫފްއާ ރޫޔާއާ ކައިވެނި ކުރަން ވިސްނިއިރު ރޫޔާ އެވާހަކަ އޭނާއާ ހިއްސާ ނުކުރީ ކީއްވެބާއެވެ؟ ފަހުންފަހުން ދެމީހުން ބުރަވެގެން ބައްދަލުވާން ދަތިވީ ނަމަވެސް ގުޅާފައިވެސް ނުބުނީ ކީއްވެބާއެވެ؟ ދެމީހުން ކައިވެނިކުރަން ނިންމިއިރު ރޫޔާ ރޭޕް ކުރެވިފައިވާ ކަމަކީ ސުވާލު އުފައްދަން ޖެހޭ ކަމެކެވެ. އަނޫފްއަކީ އެހާ ދަށު ދަރަޖައިގެ މީހެއް ނޫނެވެ. ނޫނީ އާކާލްއަށް އެހީވަނީ ގޯސްކޮށް ހެއްޔެވެ؟ އަނޫފްހަމަ އެކަން ކުރީ ހެއްޔެވެ؟
ކްރައިމް ސީނަކުން އޭނާއަށް މާބޮޑުކަމެއް ފާހަގައެއް ނުވިއެވެ. އެތަނުގެ އެތެރޭގައި ސީސީޓީވީއެއް ހިސާބުނުވާއިރު މަގަށް ވާގޮތަށްވެސް ނެތެވެ. އެރޭގެ އެވަގުތު މީހަކު އެހިސާބުގައި އުޅުންވެސް ނާދިރެވެ. ނަމަވެސް އާކާލް މަސައްކަތްކުރިއެވެ. އެންމެ ކައިރީގައިވެސް ފެންނަންހުރީ ސަހަރާ ގާތުގައި ހުރި ސީސީޓީވީއެކެވެ. އޭގެ ފުޓެޖް ބެލުމަށް ހުށައެޅުމުން ދުވަސްތަކެއްވެސް ނަގާފާނެއެވެ. ޕޮލިހުން ބެލި ފުޓޭޖް ބަލަން އެދުނަސް ވަޤުތުނަގާފާނެއެވެ. އެހާ ގިނަ ދުވަހެއް ނެތެވެ. ކޮންމެވެސް ގޮތެއް ހޯދަން އެބަޖެހެއެވެ. އާކާލް މިސްރާބު ޖެހީ އޭނާ މަސައްކަތްކުރާ ލޯފާރމްއަށް ދިޔުމަށެވެ. އޭނާ ހިތްވަރު އެލުވައެއް ނުލައެވެ.
ދޮރުން ވަނުމާއެކު އެންމެންގެ ލޯތައް އާކާލްއާ އަމާޒުވިއެވެ. އާކާލްއަށް އެއީ އާކަމަކަށް ނުވިއެވެ. އޭނާ މި ކޭސްއާ ހަވާލުވީންސުރެ އެންމެންގެ ނުރުހުމުގެ ލޯތައް އޭނާއަށްވެސް އަމާޒުވަމުންދެއެވެ. ބޮސްވެސް އެ ކޭސް ދޫކޮށްލުމަށް އެތައް ފަހަރަކު އެދުން ނަމަވެސް އާކާލް އޭނާގެ އަޒުމުގައި ހިފެހެއްޓިއެވެ. ބޮސްފަހުން އެއްޗެއް ނުބުނަނީ އާކާލްއަކީ އެ ލޯފާރމްގައި ހުރި އެންމެ މޮޅު އެއް ލޯޔަރަށް ވީމައެވެ. ނަމަވެސް އޭނާއާ އެކީ މަސައްކަތް ކުރާ މީހުންގެ ފަރާތުން ނުރުހުމުގެ ލޮލުގެ އިތުރުން ބަސްތައްވެސް އަމާޒުވެއެވެ. ޤާތިލަކު ދިފާޢުކުރަން މަސައްކަތްކުރަނީ އިންސާނިއްޔަތުކަމެއް ނެތީމައޭ ބުނެ ހުތުރު ބަސްތައްވެސް އަމާޒުވެގެން ދެއެވެ. އާކާލް އޭނާގެ އޮފީހަށް ވަދެ ހަމަޖެހިލިއެވެ. މިހާރު ލިބިފައިހުރި މަޢުލޫމާތުތައް އެއްކޮށް ޕްލޭންއެއް ތައްޔާރުކުރަން އޭނާ މަސައްކަތް ފެށިއެވެ. މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނަ ދުވަސް އައިސް ޖެހެނީއެވެ. އޭރަށް ވާއިރަށް އޭނާ ކުރަން ހުރި މަސައްކަތްތައް ބައިވަރެވެ.
“މަފާޒް! އަވަހަށް ވަދޭ” ރައުފް މަފާޒް ވަންނަން ތަންދެއްކިއެވެ. އޭނާ ހުރީވެސް ޕޮލިސް ޔުނިފޯރމްގައެވެ. “ކޮންކަހަލަ ދަތުރެއް. ކުރިއެރުމެއް ލިބިއްޖެތަ؟” މަފާޒް އިށީނުމާއެކު ރައުފް ސުވާލުފަތި އަމުނާލިއެވެ. “އާކާލްއަކީ ކާކު؟” މަފާޒްވެސް ކޮށްލީ ސުވާލެކެވެ. އެއާއެކު ރައުފްގެ ހަރަކާތްތަކަށް ހުއްޓުން އެރިއެވެ. މަފާޒް އެކަން ދެނެގަތެވެ. “ކާކުހޭ އާކާލްއަކީ؟” މަފާޒް އަޑަށް ބާރުކޮށްލިއެވެ. “ކިހިނެއްވީ…ކީ…ކީއްވެ ކާކު ކީކޭ ބުނީ؟” ރައުފްގެ ޖަވާބުން މަފާޒް ގާތަށް ރުޅިއައި ނަމަވެސް އޭނާ ރުޅި ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރިއެވެ. “ކާކުހޭ އާކާލްއަކީ!؟” މަފާޒް ސުވާލު ތަކުރާރުކުރިއެވެ. އޭނާގެ ޝައްކު ޔަޤީންވެއްޖެއެވެ. ރައުފްއަށް ޔަޤީނުންވެސް އާކާލްއަކީ ކާކުކަން އިނގެއެވެ. “ރޫޔާގެ އެއްމާބަނޑުދައްތަ. އެކަމަކު އާކާލްއާ މިކަމާ ކޮން ގުޅުމެއްހުރީ. އަހަންނަކަށް ނުވިސްނުނު އާކާލް މިކަމާ ގުޅެންވީ ސަބަބެއް. އޭނާގެ ފަރާތުން އުނދަގުލެއް ނުޖެހޭނެ ކަންނޭނގެ. ކޮންތާކުން އޭނަ ފެނުނީ؟ ފެނުނީތަ؟ މަފާޒަށް އޭނަ އެނގުނީ ކިހިނެއް؟ ކިހިނެއްވީ؟” ރައުފް މަފާޒަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. މަފާޒް ތެދުވިއެވެ. ދެކޮޅަށް ހިނގަން ފެށުމުން ރައުފް ކިހިނެއްތޯވީ ތަކުރާރުކޮށް އެހިއެވެ. “ކިހިނެއްހޭ ވީ؟ ރޫޔާގެ ޤާތިލު ދިފާޢުކުރަން އަރާ ހުންނާނީ އެ އާކާލް. އެއްދަރި މަރާލި މީހާ ދިފާޢުކުރަން މަސައްކަތް ކުރަނީ އަނެއްދަރި! އިނގިއްޖެތަ!” މަފާޒް ފާރަށް ގޮށްމުށުގެ ހަމަލާއެއް ދިނެވެ. އިރުކޮޅަކަށް ރައުފް ހުރީ ބަސް ހުއްޓިފައެވެ.
ޓަކި ޖަހާއަޑަށް އާކާލްއައިސް ކޮޓަރިން ބޭރަށް ބޯ ދިއްކޮށްލިއެވެ. “ކީކޭ ތާރާ؟” “އާކާލް ހޯދަންށޯ. އެބަހުރި ފިރިހެނެއް އައިސް.” ލިވީ އުރާލައިގެން ހުރެ ތާރާ ބުންޏެވެ. ތާރާ ވަނީ ލިވީ ނިންދަވަން ކޮޓަރިއަށެވެ.
އާކާލް އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލަމުން ދޮރު ހުޅުވާލިއެވެ. އޭނާއަށް ހީވީ ލާން އުޅުނު ނޭވާވެސް ތާށިވީ ހެންނެވެ. ހުރިހާ ކަމަކާ މެދު ވިސްނިއިރުވެސް މިކަން މަތިން އޭނާ ހަނދާން ނެތެވެ. “ބައްޕާ… ދުރުވޭ އެތެރެއަށް.” އާކާލްއަށް އަހަރުތަކަކަށްފަހު ބައްޕަ ހަމަލޮލަށް ފެނުން މީ ފުރަތަމަ ފަހަރެވެ. އުފާވީ ނަމަވެސް ނުތަނަވަސްވެސް ވިޔެވެ. ރޫޔާ އޭނާއަށް ބައްޕަގެ ފޮޓޯ ދައްކާފައި ހުރުމުން ވަކި ކުރަން އިނގެއެވެ.
“ބައްޕާއޭ؟ ބައްޕާއޭ!؟ ކޮބާ ލަދު؟” ރައުފްގެ ދެލޮލުން އަލިފާންކަނި ބުރާކަހަލައެވެ. އޭނާ ހުރީ ރުޅިން ފޯވެފައެވެ. އާކާލްއަށް ފަހަތަށް ޖެހެވުނެވެ. “އަހަރެންގެ ދަރިފުޅު މަރާލި މީހާ ދިފާޢުކުރަން އިސްނަގަން ކަލޭތީ ކާކު؟ ކަލެޔަށް ކެރުނީ ކީއްވެ؟ ކޮބާ ލަދު؟ އޭނާ އެ މަރާލީ ކަލޭގެ ދައްތައޭ! އޭނާ ދިފާޢުކުރަން ކަލޭ ތިހުރީ މޮޔަވެގެންތަ؟ އިންސާނިއްޔަތު ކަމެއްވެސް ނެތީތަ؟ ކޮބާހޭ ކަލޭގެ ލަދު!” އާކާލްގެ ހިތަށް މީހަކު ފައިންއަރަމުންދިޔަ ފަދައެވެ. ރައުފް ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިޔަށް ނަގަމުން ދިޔައެވެ. އާކާލް ފަހަތަށް ޖެހެމުން ޖެހެމުން ދިޔައެވެ. މިއީ އެއްގޮތަކަށްވެސް އޭނާ ވިސްނާލެވުނު ކަމެއް ނޫނެވެ. އަދި ބައްޕައާ ދިމާވާ ފުރަތަމަ ބައްދަލުވުން ސިފަ ކުރެވުނު ގޮތެއްވެސް ނޫނެވެ. އާކާލްގެ ލޮލުން ކަރުނަ ހިލެމުންދިޔައެވެ. “ބައްޕާ…އަހަރެން__” “އަހަރެންނަށް ބައްޕަ ކިޔޭނެ ހުންނާނީ އެންމެ ދަރިއެއް. އެއީ ރޫޔާ. ތީ އަހަރެންގެ ދަރިއެއް ނޫން!” އާކާލްގެ ކަންފަތް ދޮށުގައި ހޮނު ގުގުރިއެއް ޖެހިކަހަލައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.




Assalaam alaikum readers. Kudakoh kuruvedhaane iyyege part4 ehenve part 5 ves mi up kollee. ummeedhukuran kamudhaanekamah.
Stay safe all.