ވަކިވެދިޔަޔަސް…(6)
އާކާލް އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލަމުން ދޮރު ހުޅުވާލިއެވެ. އޭނާއަށް ހީވީ ލާން އުޅުނު ނޭވާވެސް ތާށިވީ ހެންނެވެ. ހުރިހާ ކަމަކާ މެދު ވިސްނިއިރުވެސް މިކަން މަތިން އޭނާ ހަނދާނެއް ނެތެވެ. “ބައްޕާ…ދުރުވޭ އެތެރެއަށް” އާކާލްއަށް އަހަރުތަކަކަށްފަހު ބައްޕަ ހަމަލޮލަށް ފެނުން މީ ފުރަތަމަ ފަހަރެވެ. އުފާވީ ނަމަވެސް ނުތަނަވަސްވެސް ވިޔެވެ. ރޫޔާ އޭނާއަށް ބައްޕަގެ ފޮޓޯ ދައްކާފައި ހުރުމުން ވަކި ކުރަން އިނގެއެވެ.
“ބައްޕާއޭ؟ބައްޕާއޭ؟! ކޮބާ ލަދު؟” ރައުފްގެ ދެލޮލުން އަލިފާންކަނި ބުރާކަހަލައެވެ. އޭނާ ހުރީ ރުޅިން ފޯވެފައެވެ. އާކާލްއަށް ފަހަތަށް ޖެހެވުނެވެ. “އަހަރެނގެ ދަރިފުޅު މަރާލި މީހާ ދިފާޢު ކުރަން އިސްނަގަން ކަލޭތީ ކާކު؟ ކަލެޔަށް ކެރުނީ ކީއްވެ؟ ކޮބާ ލަދު؟ އޭނާ އެ މަރާލީ ކަލޭގެ ދައްތައޭ! އޭނާ ދިފާޢުކުރަން ކަލޭ ތިހުރީ މޮޔަވެގެންތަ؟ އިންސާނިއްޔަތު ކަމެއްވެސް ނެތީތަ؟ ކޮބާހޭ ކަލޭގެ ލަދު!!” އާކާލްގެ ހިތަށް މީހަކު ފައިން އަރަމުން ދިޔަ ފަދައެވެ. ރައުފް ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިޔަށް ނަގަމުން ދިޔައެވެ. އާކާލް ފަހަތަށް ޖެހެމުން ޖެހެމުން ދިޔައވެެ. މިއީ އެއްގޮތަކަށްވެސް އޭނާ ވިސްނާލެވުނު ކަމެއް ނޫނެވެ. އަދި ބައްޕައާ ދިމާވި ފުރަތަމަ ބައްދަލުވުން ސިފަ ކުރެވުނު ގޮތެއްވެސް ނޫނެވެ. އާކާލްގެ ލޮލުން ކަރުނަ ހިލެމުން ދިޔައެވެ. “ބައްޕާ…އަހަރެން__”
” އަހަންނަށް ބައްޕަ ކިޔެނެ ހުންނާނީ އެންމެ ދަރިއެއް. އެއީ ރޫޔާ. ތީ އަހަރެންގެ ދަރިއެއް ނޫން!” އާކާލްގެ ކަންފަތް ދޮށުގައި ހޮނު ގުގުރިއެއް ޖެހިކަހަލައެވެ. އޭނާގެ މޫނުމަތީގައި ރައުފްގެ އަތުން ނުޖެހިޔެއް ކަމަކު އޭނާގެ އެ ޖުމްލައިގެ ބަސްތަކުން އެތައް ފަހަރަކު ކޯމަތީ އެތިފަހަރުތަކެއް އަޅާލި ކަހަލައެވެ. މޫނު މައްޗަށް އެކަށް އަނދިރިވެގެން ދިޔަ ކަހަލައެވެ. ފާރުގައި ބުރަކަށި ޖައްސާލުމާއެކު އޭނާއަށް ތިރިވެވިއްޖެއެވެ. ދޮރުން ނުކުމެގެންދިޔަ ރައުފްއަށް ބަލަހައްޓައިގެން އާކާލްއަށް އިނދެވުނީ ކިހާ އިރަކު ކަމެއް ނޭނގުނެވެ. އާކާލްއަށް ހޭވެރިކަމެއްވީ ތާރާ އައިސް އޭނާގެ ގައިގައި ބައްދާލުމުންނެވެ. ބައްޕަ އޭނާ ދެކެ ރުޅި އަންނާނެކަން އޭނާއަށް އިނގެއެވެ. ކޮންމެ މީހަކު ނަމަވެސް ވާނީ އެހެންނެވެ. އެކަމަކު ބައްޕަ އެހިސާބަށް ކަންކަން ގެންގޮސް ބަސް ބުނެފާނެ ކަމަކަށް އޭނާއަށް ކުޑަކޮށްވެސް ވިސްނާ ނުލެވުނެވެ.
*********************************
( ރޫޔާގެ މަރުގެ ކުރިން)
އަނޫފްއާއި ރޫޔާ ތިބީ ރޫޔާމެން ގޭގެ ސިޓިން ރޫމުގައި ޓީވީ ބަލާށެވެ. އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އޭރު 5 މަސް ވަރު ވެދާނެއެވެ. އެކަމަކު އެ ލޯތްބަކަށް ބަދަލެއް ނާދެއެވެ. ދެމީހުން ކައިވެނީގެ ވާހަކަ ވެސް ދެކެވިއްޖެއެވެ. ދެމީހުންވެސް މަޑުކޮށްލައިގެން ހުރީ ރައުފްގެ ގާތުގައި އެވާހަކަ ބުނަން ރަނގަޅު ވަގުތަކަށެވެ.
ކުއްލިއަކަށް ރައުފް ދޮރުން ވަދެގެން އައެވެ. އައި ގޮތަށް އަނޫފް ގާތުގައި އިހަށް ގެއަށް ދިޔުމަށް ބުންޏެވެ. އެދުމުގެ ބަދަލުގައި ކޮށްލީ ޢަމުރެކެވެ. އަނޫފް ސިހުންވީ ނަމަވެސް ބަހެއް ނުބުނެއެވެ. ރޫޔާވެސް ސޯފާއިން ތެދުވެވުނު ނަމަވެސް ބައްޕައާ ދެކޮޅަށް ބަހެއް ނުބުނެއެވެ. ފަހުން ގުޅާނެކަމަށް ރޫޔާ ގާތުގައި ބުނެފައި އަނޫފް ގެއިން ނުކުތެވެ. އެޔާއެކު ރައުފް ދޮރު ލައްޕާ ތަޅުލިއެވެ. އަނޫފަށް ހުރީ ފައިވާނަށްވެސް އަރަން ނޭނގިފައެވެ. ރައުފް އޭނާދެކެ ހިތްހަމަ ނުޖެހޭކަމުގެ ކުލަތައް މި 5 މަސް ދުވަސް ތެރޭގައި ފެނުން ނަމަވެސް މިގޮތަށް ކަންތައް ކުރި މީ ފުރަތަމަ ފަހަރެވެ.
ރޫޔާއަށް ހަށަން ބަނދެލެވުނެވެ. “ބައްޕާ… އަޅުގަނޑަށް ވަރަށް ރަނގަޅު ބައްޕަވެސް ކޮންމެސް އެފޯރޓެއް ލިއްޔާމުން. ކިހިނެއްތޯ ވީ؟ ބއްޕަ ހިތްހަމަނުޖެހޭ ކަމެއް ވިޔަސް ރީތިކޮށް ބުނެދެއްވާ އޭރުން އަޅުގަނޑުވެސް މަސައްކަތް ކުރާނަން ރަނގަޅުކުރަން.” ރައުފް އެއްޗެއް ބުނުމުގެ ކުރިން ރޫޔާ ވާހަކަ ފެށިއެވެ.
“ދަރިފުޅު މީހަކާ އިންނަންވީނު” ރައުފްގެ އެ ޖުމްލައާއެކު ރޫޔާގެ މޫނު ހީވީ މަލެއްހެން ފޮޅިގެން ދިޔަހެންނެވެ. “އަސްލުތަ؟؟!” އޭނާއަށް ގޮސް ރައުފްގެ ގައިގައި ބައްދާލެވުނެވެ. “އަޅެ ބައްޕާ އަޅުގަނޑު ވަރަށް އުފާ ވެއްޖެ. ތެންކް ޔޫ ތެންކް ޔޫ” ރޫޔާގެ މޫނުމަތީގައި ވަނީ އުޖާލާކަމެވެ. ބައްޕައަށް އޭނާގެ ހިތުގެ އަޑީގައި އޮންނަ އެއްޗެއްވެސް އިނގެނީ ހެއްޔެވެ؟
ރައުފް ދެން ބުނެލި ވާހަކައަކުން ރޫޔާގެ ހަރަކާތްތަކަށް ހުއްޓުން އެރިއެވެ. ރައުފްގެ ގައިން ދޫކޮށްފައި އޭނާ ދުރަށް ޖެހުނެވެ. އަދި އެއްފަހަރު ތިބުނީ ކީކޭތޯ ސުވާލުކުރެވުނީ ރޫޔާއަށް އިވުނީ ރަނގަޅަށްތޯ އޭނާ ކަށަވަރު ކުރަން ބޭނުން ވެގެންނެވެ.
” ދަރިފުޅަށް ތި އިވުނީ ރަނގަޅަށް. އަނޫފްއަކާ ނޫނޭ ބައްޕަ މިބުނީ” ރައުފް ގޮސް ސޯފާގައި އިށީނެވެ. ރޫޔާ އެހުރިގޮތަށް ހުރެފައި ރައުފާއި ދިމާލަށް އެނބުރުނެވެ. ” އަނޫފްއަށް އާ ޖޮބެއްވެސް ހަމަ ޖެހެން އެބަ އުޅެޔޭ ބައްޕާ… އެހެންވެތަ ބައްޕަ ހިތްހަމަ ނުޖެހެނީ؟ އަނޫފް އުޅޭ ޖޮބް ބައްޕައަށް ކަމު ނުދަނީތަ؟ ނޫނީ އަނޫފް އެއްޗެކޭ ބުނީތަ ބައްޕައާ ދިމާލަށް؟ އަޅުގަނޑަށް އިނގޭ ބައްޕަ އެންމެ ބޭނުންވާ ކަހަލަ ޖޮބެއްގައި ނޫންކަން އަނޫފް އެއުޅެނީ. އެކަމު އަޅުގަނޑަށް ފުދެޔޭ. އަނެއްކާ އަނޫފް މަންމަވެސް އެހާ ރަނގަޅު.”
” ފުދެޔޭ؟ ހަމައެކަނި ފުދިގެން ދަރިފުޅަކަށް ނޫޅެވޭނެ. ބައްޕަ ދަރިފުޅު މިހާ ހިސާބަށޤ ބަލާ ބޮޑުކޮށްފައި ތިހުރީ ހުރިހާ އެއްޗެއް ދީގެން. ދަރިފުޅަށް މަދުވާނެ އެއްޗެއް ނޯންނާނެ. ދަތިވާނެ ކަމެއް ނޯންނާނެ. އެފެންވަރަކަށް އަނޫފަކަށް ދަރިފުޅެއް ނުގެންގުޅެވޭނެ.” ރައުފް ގޮތުގައި ހިފެހެއްޓިއެވެ.
” ބައްޕާ… އަޅުގަނޑު ޝަކުވާއެއް ނުކުރާނަމޭ… އެކަން ދަނެގެންނޭ މި އުޅެނީ އުޅެން ވެގެން. ބައްޕަ ތިބުނާގޮތުން ހީވަނީ އަޅުގަނޑުމީ މާ ހިތްމޮޅވެގެން އުޅޭ މީހެއްހެން” ރޫޔާގެ ދެލޮލުގެ ތެރޭގައި ކަރުނައިގެ މުތީތައް ވިދަން ފަށައިފިއެވެ.
” މިހާރަކު ޝަކުވާއެއް ނުކުރާނޭ ރަނގަޅޭ. ނީންނަ އިރުގަ ކިޔާނެ ތިހެން. ބައްޕަމެނަށް އިނގޭނެ ދޯ ދަރިފުޅަށް ވުރެ ބޮޑަށް. ތީ ހަމަ ދުނިޔެ ހިނގާ ގޮތް. ނީންނަ އިރުގައި އެވަރެއް ނޯންނާނެ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. އިނީމަ ފެންނާނެ ހިތްހަމަ ނުޖެހޭ އެތައް ކަމެއް. އިނދެގެން ގެންގޮސް އަނޫފަށް ދަރިފުޅު ގެންގުޅެވޭނެ ފެންވަރުގެ ގެޔެއް އެޅިފައި އެބަހުރިތަ؟ އަނޫފްއާ އިނދެފަ ހަމަޔާ އޭނާއަށް ދަރިފުޅުގެ ބޭނުންތައް ފުރިހަމަ ނުކޮށްދެވިގެން ދަރިފުޅަށް ބޭނުންވާ ކަންކަން ހޯދައިނުދެވިގެން ވަރިވާން ޖެހުނީމަ ބައްޕަގެ އަގު ވެއްޓޭނި. ދެން ތިބުނި އަނޫފްގެ މަންމަ ރަނގަޅު ވާހަކަ. ރާއްޖެ ތެރޭ މީހުން އުޅޭނީ ހަމަ މުދަލުގެ ދަހިވެތި ކަމުގައި. އެހެންވެ މާ ހެޔޮވެގެން ދަޅަދައްކަނީ އެ. އިނދެގެން ދިޔައީމަ ދަމާ ރޮށި ވަށަސް ބުނާނެ ވަށެއް ނޫނޭ. ވަށަމިން އެއްވަރުކޮށްގެން ނޫނީ އަރުތެރެއިން ދިރޭކަމަކަށް ނުވާނެ. އެއީ ހަމަ ރާއްޖެތެރޭ މީހުން އުޅޭނެ ގޮތް.” ރައުފް އަޑަށް ބާރުލިއެވެ.
“ބައްޕާ! ސޮރީ ޓު ބްރިންގް ދިސް އަޕް އެކަމަކު ބައްޕައާ މަންމައާ އަދި ވަކިވާން ޖެހުނެއް ކަމަކު ކޮންމެ މީހަކަށް އެހެން ނުވެދާނެ ދޯ. ބައްޕަވެސް މަންމަދެކެ އެއް އިރެއްގަ ލޯބިވިންދޯ އަދި ފަހުން ރުޅި އަޔަސް. ލޯބިވެގެންދޯ އިނީވެސް. ބައްޕަ އެންމެ ފަހަރަކުވެސް ފުރުސަތެއް ދިނިންތަ އަނޫފް ދަސްކުރަން، ދެނެގަންނަން. ނުދެމެއްނު. އޭނާގެ އުފަން ރަށަކީ މަންމަގެ ރަށްކަން އެނގުނު ހިސާބުން ފެށިގެން ބައްޕަގެ ހިތް އަނޫފަށްޓަކާ ހިލަކޮށްލީ. އަޅުގަނޑަށް އިނގޭ އެހެންވެކަން ބައްޕަ ބޭނުންނުވަނީ. ރާއްޖެ ތެރެޔަކަސް އެހެން ރަށަކު މީހެއް ނަމަ ބައްޕަ ރުހޭނެ. ބައްޕަ މަންމައާ މާމަ ދެކެ އަންނަ ރުޅި އެރަށުގެ ކޮންމެ މީހަކަށް، ދެންމެ އުފަންވާ ތުއްތު ކުއްޖާއަށްވެސް އެ ރުޅި ބާލަން ވެއްޖެއްޔާ ކޮބާ ސަލާމަތެއް. އަޅުގަނޑަށް ފެނޭ ބައްޕަ އަނޫފާމެދު ކަންތައް ކުރާގޮތް. ބަސްމަގު ބަހައްޓާ ގޮތް. ވަރަށް ދުވަސް ވެއްޖެ، އަޅުގަނޑު އެއްޗެއް ނުބުނަމެއްނު. އެއީ ބައްޕަވީމަ. ބައްޕަގެ އެއްވެސް ނިންމުމަކާ މެދު އަޅުގަނޑު ދުވަހަކުވެސް ދެބަސް ވެފައެއް ނޯންނާނެ. އެކަމަކު މިފަހަރު އަޅުގަނޑަށް މޮގޮތަށް ވާހަކަ ދައްކަން ޖެހުނީ ބައްޕަ އަނޫފަށް އެފުރުސަތު ނުދީ ހަމަ ފުރަތަމަ ދުވަހުން ފެށިގެންވެސް ބައްޕަގެ ހިތް ޙަޤީޤީ ސަބަބަކާއި ނުލައި ނުސާފުކޮށްލީމަ. އަނޫފް ރަށަށް އުފަންކަން އެކަނި. އޭނާވެސް އުޅެ ބޮޑުވެ، އަދި މިހާރުވެސް އުޅެމުން އެދަނީ މާލޭގައި ދޯ. ކޮބާ މައްސަލައަކީ ދެން ބައްޕާ؟ ބައްޕައަށް އެނޫނީ އަނޫފްގެ މައްސަލައަކީ ކޮބާ؟ ނޯންނާނެ. ބައްޕައަށް އޭނާ ނުލާހިކު ބޮޑަށް އިޚްތިރާމް ކުރޭ.” ރޫޔާގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.
” އޭނާ ދަރިފުޅާ އިނދެގެން ގޮސް ގެންގުޅެނީ ކޮންތާކުހޭ. ދަރިފުޅަށް ރަނގަޅު ދިރިއުޅުމެއް ނުލިބޭނޭ އޭނަޔާއެކުގައެއް މިބުނީނު ދޯ!” ރައުފްގެ އަޑުގައި މިހާރުވަނީ ރުޅިވެރިކަމެވެ.
” ބައްޕަ ޤަބޫލު ނުކުރިޔަސް އަނޫފްއަކީ ހިތްހެޔޮ ރަނގަޅު މީހެއް. ދެން އެހެން ވީރު ބައްޕަ ހިތްހަމަޖެހޭ ކަހަލަ ފިރިހެނެއް ނުހުންނާނެ މިޒަމާނަކު. ބައްޕައަކަށް އެއްވެސް މީހަކު ނުފުދޭނެ އަޅުގަނޑުގެ ފިރިޔަކަށް ވާކަށް.” ރޫޔާ ދެލޯ ފުހެލިއެވެ. އޭނާ ވެސް ހުރީ ރުޅި އައިސްފައެވެ. ބައްޕަ، އޭނާގެ މަންމައާއި މާމަ ދެކެ އަންނަ ރުޅި ރަށު އެންމެނަށް ބާލަން ޖެހޭ ހެއްޔެވެ؟
” ހުރީމަ ދޯ ބައްޕަ މިވާހަކަ ދައްކަން މި ގަސްތުކުރީ. އެމީހަކު ބައްޕަ ގާތު މިވާހަކަ ކިޔައިފިތާ ކިތަންމެ ދުވަހެއް. ދަރިފުޅު ކޯސް ނިމެންދެން ހުރީ ބައްޕަ މިވާހަކަ ދައްކަން. ހުއްޓާ ދަރިފުޅު ތިޔަ އަނޫފްއެއް ތިޔަ ގެނައީ” ރައުފްއަށް ސޯފާއިން ތެދުވެވުނެވެ. ޙަޤީޤަތުގައި އޭނާ ހުރީ އަނޫފްއާއި ރޫޔާއާ ދެމެދު މައްސަލަ ޖެހި ގުޅުން ނިމިގެންދާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް ދުވަސް ފާއިތުވީ ވަރަކަށް އެދެމީހުންގެ ލޯބިވީ އިތުރެވެ. މިވާހަކަ ސީދާކޮށް ފައްޓަން އޭނާއަށް ޖެހުނު ސަބަބަކީ އެއީ އެވެ.
” ކާކު؟ ” ރޫޔާ ހައިރާންވިއެވެ. އޭނާ އެހެން އެހި އިރުވެސް ދުލު ކުރީގައި ނަމެއް އޮތެވެ. ބައްޕަގެ ދުލުން ނުކުންނަ ނަމަކީ އެނަމަށް ނުވުމަށް އެދި އޭނާއަށް ހުރެވުނީ ދުޢާ ކޮށްލަ ކޮށްލައެވެ.
“މަފާޒް…” ރައުފްގެ ދުލުން ނުކުތް ނަމާއެކު ރޫޔާއަށް ހީވީ ފައިދަށުން ބިންގަނޑު ދަމައިގަތް ހެންނެވެ. އޭނާ ބައްޕަ އެހުރީ ހަމަ ހޭގައި ބާވައެވެ. ބައްޕައަށް ހަމަ ނޭނގެނީ ހެއްޔެވެ؟ މަފާޒް އޭނާއާ ދިމާލަށް ބަލާ ގޮތްތައް ބައްޕައަށް ދެނެ ނުގަނެވެނީ ހެއްޔެވެ؟ ރޫޔާއާއި މަފާޒްއާ ދެމެދުގައިވާ އުމުރުގެ ތަފާތުގެ ބޮޑުކަން ބައްޕައަށް ނުފެނޭ ހެއްޔެވެ؟ އޭނާ ކޯސް ނިމުމުން ވާހަކަ ދައްކަން ހުރި އިރު، މަފާޒް އޭނާއާ މެދު އެގޮތަށް ދެކެން ފެށީ އޭނާ ކިހާ ކުޑައިރަކު ބާވައެވެ؟ ” ނޫން ނޫން ނޫން! ބައްޕަ…ބައްޕާ… ބައްޕައަށް ތިބުނެވުނު ނަމެއް އިނގޭތަ؟” ރޫޔާގެ އަޑުގައި ހުރީ ނުތަނަވަސް ކަމެވެ.
“އިނގޭ. އުމުރުގެ ތަފާތުކަންވެސް އިނގޭ ބައްޕައަށް. އެކަމަކު އެއީ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއެއް. ބައްޕަގެ އިޚުތިރާމް ހޯދާ ލިބިގަތް މީހެއް. އެހެންމީހުންގެ އިޚްތިރާމް ލިބިގަނެގެން ހަރުދަނާ ވަޒީފާއެއް އަދާކުރަމުންދާ މީހެއް. ދަރިފުޅަށް އެންމެ އެކަށޭނެ މީހަކީ އެއީ. ދަރިފުޅަށް ފާގަތި މުސްތަޤްބަލެއް އޮތީ މަފާޒާއެކު. އޭނާ ދަރިފުޅަކަށް ދެރައެއް ނުދޭނެ. ބައްޕަ ގަސްތުކުރަނީ ދަރިފުޅާއި މަފާޒާއި ކައިވެނި ކުރުވަން.” ރައުފް އޭނާގެ ނިންމުން ހާމަ ކުރިއެވެ.
“ބައްޕައަށް ހަމަ އެކަން ނުފެނޭތަ؟ އޭނާ އަޅުގަނޑާ ދިމާލަށް ބަލާގޮތް ނުފެނޭތަ؟” ރޫޔާގެ ހޯސްލައިފައި ކަރުނަ ފައިބަމުން ދިޔައެވެ.
” އެއީ ލޯބިންދޯ. ބައްޕައަށް އިނގޭދެން ދަރިފުޅު ހަމަ ކޮންމެވެސް ބަހަނާއެއް ދައްކާނެކަން. އަނޫފް ގެ ކޮޅަށް އަނބުރާލެވޭތޯ އުޅޭނެކަން. ބައްޕައަށް ދަރިފުޅުގެ ގޮތް އިނގޭނެ ދޯ. ދެން ބުނާނެ ތިމަންނަ ލޯތްބެއް ނުވެޔޭ. ލޯބިވާނެ އުޅެން ފެށީމަ. ބައްޕަގެ ނިންމުމެއް ބަދަލެއް ނުވާނެ. އަނޫފަކާ ތި އޮތްކަމެއް ރީތިގޮތުގައި ނިންމަން ދޭނަން ވަޤުތު.” ރައުފްގެ ވާހަކަ އެހިސާބަށް ދިޔަ ތަނާ ރޫޔާއަށް ބާރަކަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. އޭނާއަށް ދުއްވައި ގަނެވުނީ ކޮޓަރިޔާ ދިމާލަށެވެ. ކޮޓަރިޔަށް ވަދެ ތަޅުލުމަށް ފަހު އެދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. އޭނާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކުން ބާލީސް ފޯކުރަމުން ދިޔައެވެ.
ފޯނު ރިންގުވާން ފެށި އަޑަށް ރޫޔާ މޫނު ހިއްލާލިއެވެ. އަތުގެ ނުފުށުން ދެލޯ ފުހެމުން ފޯނުނަގައި ސްކްރީނަށް ބަލާލިއެވެ. ސްކްރީނަށް އަޜާފައިވާ އަނޫފްގެ ނަން ފެނުމާއެކު އަނެއްކާވެސް އޭނާއަށް ރޮވިއްޖެއެވެ.
ރޫޔާ ފޯނު ނުނެގުމުން އަނޫފް ހާސްވިއެވެ. ސުވާލުތައް އިތުރަށް ފުނިޖެހުނެވެ. ކަމެއް ގޯސްވީތޯ، ރޫޔާ ރަނގަޅުތޯ އެހުމަށްފަހު ފަތިފައްޗަށް މެސެޖު އަމުނާލިއެވެ.
މެސެޖުތައް އައީ ރޫޔާ ފޯނަށް ބަލަން އޮއްވައެވެ. އޭނާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެންމެފަހުން މެސެޖެއް ފޮނުވާލުމަށްފަހު އޭނާ ފޯނު ސައިލެންޓަށް ލިޔެވެ. އޭނާ ބޭނުންވަނީ ހިތް ފުރެންދެން ރޯލާށެވެ. ކިތަންމެ ވަރަކަށް ރުޔަސް ކަރުނަ ހިކޭނެހެން ހިޔެއް ނުވެއެވެ.
“ޑޯންތް ވޮރީ. އިޓް ވޯޒް އަ ފެމިލީ ޕްރޮބްލެމް. ފަހުން ވާހަކަ ދައްކާނަން. ކުޑަކޮށް ނިދިއައިސްގެން މިއައީ ކޮތަރިޔަށް. ގުޑްނައިޓް. ލަވް ޔޫ.” ރޫޔާގެ ރިޕްލައި ލިބުމާއެކު އަނޫފަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ފެމިލީ މައްސަލައެކޭ ބުނުމުން އަނޫފް އިތުރަށް އަހާކަށް ނުހަދައެވެ. އާއިލީ ކަންކަމުގެ ޕްރައިވެސީއަށް އޭނާ އަބަދުވެސް އިޚްތިރާމް ކުރާނެއެވެ. ރޫޔާ ބުނަން ބޭނުންނަމަ ރޫޔާއަށް ފަސޭހަވުމުން ބުނާނެކަން އޭނާއަށް އިނގެއެވެ.
” ހޯޕް ޔޫ އާރ އޯކޭ. ކައިގެން ނިދައްޗޭ އެކަމަކު. ކޮންމެސް އެއްޗެއް ކައިގެން. އޯކޭ ފަހުން ގުޅާނަން އެހެންވީމަ. ޝާއިން ބުނެގެން މިދަނީ. ގުޑްނައިޓް. ލަވް ޔޫ ޓޫ.” ފޯނު ޖީބަށް ކޮށްޕާލަމުން އޭނާ މިސްރާބު ޖެހީ އޭނާގެ މިރޭގެ ވަޒީފާ އަދާކުރުމަށް ދާށެވެ. އޭނާއާއެކު ޕާރޓް ޓައިމްކޮށް މަސައްކަތްކޮށް އުޅޭ ޖުއަރނަލިސްޓް އެއް ކަމަށްވާ، ޝާއިން އެދުމުން އޭނާއާ ބައްދަލުކުރަން ދާށެވެ.
” އެނޯނިމަސް ޓިޕް އަކުން ލިބުނު ޚަބަރެއް މިއީ. އަހަންނަކަށްވެސް ނޭނގެ ކިހާ ކްރެޑިބިލިޓީއެއް ހުރި ޚަބަރެއްކަމެއް. އެކަމު މީތި އިގްނޯރ ކޮށްލާކަށް ނުކެރޭނެ ދޯ. ވަރަށް ބޮޑު ކަމެކޯ ބޮޑު ޚަބަރެކޯ ބުނީ. އޭނަ އަޑުން ހީވަނީ ވަރަށް ބިރުން ހުރިހެން” ޝާއިން ބުނި ވާހަކައާ މެދު ވިސްނަން އަނޫފް އިނެވެ. “މީހަކު ހަމަ މަޖަލަކަށް ވެސް ބުނެފާނެ. އުޅޭނެ ކުރާނެ ކަމެއް ނެތިގެން ޖެއްސުމަށް އުޅޭ މީހުން. އެކަމު އާން ތިބުނާހެން… އަޅާނުލައި ދޫކޮށްލެވޭކަށްވެސް ނެތް. އަހަރެމެން އެކަމު ޙަޤީޤަތެއްނެތް މަޢުލޫމާތަކަށް ވެއްޖެއްޔާ އެކަން ފުލުހުންނަށް ރިޕޯރޓް ކޮށްފިއްޔާ އަހަރުންވެސް ކުށްވެރި ވާނެޔޭ. ” އަނޫފް ވިސްނާލިއެވެ.
” އެހެންވީމައެ. އުޅެ އަހަރުން ދެގޮލާ ފާރައަށް ދާން. އިނިދާނެތާ ވާއެއްޗެއް. ކަލޭ ކެމެރާ ހިފައިން ދާނީ. ޕޮލިހަށް އަންގަން ވެއްޖެއްޔާ ޕްރޫފް އޮންނާނެ އެންނު. އުޅެބަ ދާން މަށަށް ކަމެއް ކޮށްދެއްޏާ. ” ޝާއިން އާދޭސް ކުރަން ފެށީ އޭނާއާއެކުގައި ތަނަކަށް ފާރަލާން ދިޔުމަށް އެދިއެވެ. އަނޫފް އެންމެ ފަހުން އެއްބަސްވީ މި ފުންމާލެވެނީ މިނިކާވަގެއްގެ އަނގަޔަށްކަން ނޭނގިއެވެ.
ގަޑިން މެންދަމުން އަނބުރާ ދޭއް ޖަހަނީއެވެ. އަނޫފްއާއި ޝާއިން ތިބީ ހަދަން ފަށާފައި ހުރި ޢިމާރާތެއްގެ ހަތަރު ވަނަ ފަންގިފިލާގައި މަގަށް ވާގޮތަށް އޮތް ސިމެންތި ބަސްތާތަކެއްގެ ދޮށުގައި ބޮނދައެވެ. ގައިމަތީގައި ސަތަރިގަނޑެއް އަޅައިގެންނެވެ. އެމީހުން ފާރަލަމުން އެދަނީ ކުރިމަތީގައި ހުރި ހަދަންފަށާފައިވާ ހަމަ އެވަރުގެ ޢިމާރާތެއްގެ ހަތަރު ވަނަ ފަންގިފިލާއަށެވެ. ހިނގާކަމެއް ހިނގާނީ ދަންވަރު ދޭއް ޖަހާއިރޭ ގުޅި މީހަކު ބުންޏެވެ. ހިނގާނީ ކޮންކަމެއްކަމެއް ނުބުނެއެވެ. އަނޫފް އިރު އިރު ކޮޅާ ގަޑިޔަށް ބަލާލައެވެ. އޭނާ އޮތީ ކެމެރާވެސް ރެޑީކޮށްގެނެވެ.
ކަށި އެނބުރެމުންގޮސް ދޭއް ޖަހައިފިއެވެ. އިންސާނެއްގެ ހިލަމެއް ނުވާތާ ފަނިފަކުސާއެއް ގޮވާލާ އަޑުވެސް ނީވެއެވެ. އެހިމޭންކަމުގެ ތެރޭގައި ވަޤުތު ކޮޅެއް ފާއިތު ވެގެން ހިނގައްޖެއެވެ. އެއާއެކު ޝާއިން ވައި އަޑުން ވާހަކަ ދައްކަން ފަށައިފިއެވެ. “ދޮގެއް ތޯއްޗެ ދޯ. އެއްވެސް ހިލަމެއް ނެތެއްނު. ގައިމުވެސް ރަނގަޅު ތަން ދޯ މިއީ. ދެން ހިނގާ ދަމާ.” ޝާއިން އެހެން ބުނިތާ ދެ ސިކުންތުވެސް ނުވެ ކުރިމަތީ ހުރި ޢިބާރާތުގެ ހަތަރު ވަނަ ފަންގި ފިލާއިން މީހެއްގެ ހިލަން ވެއްޖެއެވެ. ދެވަނަ މީހެއްވެސް ފެނިއްޖެއެވެ. ތިންވަނަ މީހެއްވެސް އައިސް އިތުރު ދެތިން މީހަކުވެސް އައިސްފިއެވެ. “އޯލްރެޑީ ރިޕޯރޓް ކުރީ ތޯއްޗެ. ކޮޕުންނެއްނު އެއުޅެނީ.” ޝާއިން އެހެން ބުނުމާއެކު އަނޫފްއަށް ޝުޝް އޭ ހަދާލެވުނެވެ. އޭނާގެ ކެމެރާގެ ލެންސުން ޒޫމްކޮށް ވަމުންދާ ކަމެއް ކައިރިން ދެނެގަނެވޭތޯ މަސައްކަތް ކުރަން ފެށުނެވެ. ޝާއިންއަށް މިވާ ކަމެއް ދެނެގަތުމަށް އިރުކޮޅެއް ނެގިއެވެ. އަނޫފްއަށާއި ޝާއިންއަށް ހުރީ ދެން ހިނގަން ފެށި ކަންކަންފެނި ބުނާނެ އެއްޗެއް ނޭނގިފައެވެ. މިއީ ހުވަފެނެއް ހެއްޔެވެ؟ އަސްލެއް ހެއްޔެވެ؟
(ނުނިމޭ)
2 Comments!
Comments are closed.




Assalaam alaikum readers. Long time no see dho.
Inshallah ummeedhu kuran mi episode kamudhaane kamah. mi hafthaa thereygai miaa jehunu bai up kolla dheynan inshallaj. Please look forward to it. Inshallah I will not continue to disappoint you.
Thankyou for your comments, feedbacks, criticism, and support. Really appreciate it.
v reethi?